-

މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އެތަކެތި ޓެސްޓު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 26/2012)

 

1  ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 161 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އެތަކެތި ޓެސްޓްކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2  ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މިގަވާއިދު ތަންފީޒުކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.

 

3  ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ ބޭނުމަކީ އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ޙ) މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި ދޭން އެދެވޭނެ ހާލަތްތައް ކަނޑައެޅުމާއި؛ އަދި

(ށ) ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރީކަމަށް ބެލެވޭނެ ހާލަތްތައް ކަނޑައެޅުމާއި؛ އަދި

(ނ) މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދުމަށްފަހު، ޓެސްޓްކުރުމަށްޓަކައި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުމާއި؛ އަދި

(ރ) ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުން.

 

4  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދުން

މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި، އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލެއް ދިނުމަށް މިގަވާއިދުގެ ދަށުން އެދެވޭނީ ފުލުހުމްގެ އޮފިސަރަކަށެވެ.

 

5  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދެވޭނެ ހާލަތުތައް

މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައިވާ މީހެއްގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދެވޭނީ އަންނަނިވި ހާލަތުތަކުގައެވެ.

(ހ) މަސްތުވާއެއްޗެހި ބޭނުންކުރިކަމަށް އިއުތިރާފުވުން، ނުވަތަ

(ށ) މަސްތުވާއެއްޗެހި ބޭނުންކުރިކަމުގެ ތުހުމަތުގައި ނުވަތަ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުން، ނުވަތަ

(ރ) މަސްތުވާތަކެތި ބޭނުންކުރުން ފިޔަވައި އެހެން ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކުހުރީ މަސްތުގެ ހާލަތުގައިކަމަށް ފުކުހުންނަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން.

 

6  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުން

ކުޑަކަމުދާ އެއްޗެހި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެންގުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރިކަމަށް ބެލެވޭނީ އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

(ހ) ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން ނުދޭނެކަމަށް ކަނޑައެޅިގެން ބުނުން، ނުވަތަ

(ށ) ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން 18 ގަޑިއިރުގެ ތެރޭގައި، ކުޑަކަމުދާ އެއްޗެހި ނުދިނުން، ނުވަތަ

(ނ) ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން ކުޑަމަކުދާ އެއްޗެހި ނުދީ ހުރެ އަމިއްލަ ހަށިގަނޑަށް ކުޑަކަމުދިއުން، ނުވަތަ

(ރ) ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން ކުޑަކަމުދާ އެއްޗެހި ނުދީ ހުރެ ކުޑަކަމުދިއުން، ނުވަތަ

(ބ) ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން ކުޑަކަމުދާ އެއްޗެހި ދިނުމުގެ ތެރޭގައި ގަޑުބަޑުކުރުން ނުވަތަ ގަޑުބަޑުކުރުމަށް މަސައްކަތްކުރުން، ނުވަތަ

(ޅ) ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގެމުން ކުޑަކަމުދާ އެއްޗެހި ދިނުމުގެ ތެރޭގައި ނުވަތަ ދިނުމަށްފަހު، ކުޑަކަމުދާ އެއްޗެހި ނައްތާލުން ނުވަތަ ނައްތާލަން މަސައްކަތްކުރުން.

 

7  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ނެގުން

(ހ) މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އަންގާނީ، ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އަންގާ ފޯމުންނެވެ.

(ށ) މީހެއްގެ ކުޑަކަމުދާ އެއްޗެހި ނަގަންވާނީ ދެމީހުންގެ ހާޒިރުގައެވެ.

(ނ) މީހެއްގެ ކުޑަކަމުދާ އެއްޗެހި ނަގަންވާނީ ފުލުހުން ފޯރުވައިދޭ ކުޑަކަމުދާ އެއްޗެހި ނަގަން ހާއްސަ ކުރެވިފައިވާ ދަޅަކަށެވެ.

(ރ) މީހެއްގެ ކުޑަކަމުދާ އެއްޗެހި ނެގުމަށްފަހު، ސްކްރީން ޓެސްޓެއް ހަދަންވާނެއެވެ. އަދި ސްކްރީން ކުރެވިފައިވާ ނަތީޖާ ރިކޯޑު ކުރަންވާނެއެވެ.

(ބ) ނެގުނު ކުޑަކަމުދާ އެއްޗެހި ސީލްކޮށް ލޭބަލްކުރަން ވާނީ ސްކްރީން ކުރުމަށްފަހު ނަތީޖާ ޕޮޒިޓިވް ވެއްޖެނަމައެވެ. އަދި ސީލްކޮށް ލޭބަލްކޮށް ބަންދުކުރަން ވާނީ ކުޑަކަމުދާ އެއްޗެހިނެގުނު ފަރާތުގެ ހާޒިރުގައެވެ.

(ޅ) ކުޑަކަމުދާ އެއްޗެހި ނަގާއިރު މަދުވެގެން 10 މިލިލީޓަރ ހުރިކަން ކަށަވަރު ކުރަންވާނެއެވެ.

 

8  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ސީލްކުރުމާއި ލޭބަލްކުރުން

(ހ) މީހެއްގެ ކުޑަކަމުދާއެއްޗެހި ނެގޭ ދަޅު ހުންނަންވާނީ، ޓެމްޕަރ ޕްރޫފްކޮށް ބަންދުކުރެވިފައެވެ.

(ށ) މީހެއްގެ ކުޑަކަމުދާއެއްޗެހި ނެގޭ ދަޅުގައި އިންސިޑެންޓް ފޯމަށް ދީފައިވާ ރިފަރެންސް ނަންބަރު ޖަހައި ލޭބަލްކުރަންވާނެއެވެ.

 

9  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި އެއްތަނުން އަނެއްތަނަށް ގެންދިއުން

(ހ)  ކުޑަކަމުދާއެއްޗެހި އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަން ވާނީ ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދަން ވާނީ، ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ ވަނަވަރު އަދި ހަވާލުކުރެވޭ ތާރީހާއި، ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަ ކުރުމަށްފަހުގައެވެ.

(ށ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ފުލުހުންގެ އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.

(ނ) ކުޑަކަމުދާ އެއްޗެހި ނަގާ ވަގުތުން ފެށިގެން އެއްޗެހި ހުންނަންވާނީ ފިނިކޮށްފައެވެ. އަދި ޓެސްޓްކުރުމަށްޓަކައި ލެބޯޓްރީއާ ހަވާލުކުރުމަށް 3 ދުވަހަށްވުރެ ދިގު މުއްދަތެއް ނަގާނަމަ، އެއެއްޗެހި ބަހައްޓަންވާނީ ރަނގަޅަށް ގަނޑުކޮށްފައެވެ.

(ރ) އަތޮޅުތެރޭގެ ރަށްރަށުން ނަގާ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލް މާލެއަށް ގެންނަން ވާނީ، ކޫލް ބޮކްސްއަކަށް ސާމްޕަލް ލުމަށްފަހު އައިސް އަޅައިގެންނެވެ.

 

10  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރުމަށްޓަކައި ލެބޯޓްރީއަށް ބަލައިގަތުން.

(ހ) ކުޑަކަމުދާ އެއްޗެހީގެ ތެރެއިން ލެބޯޓްރީއަށް ޓެސްޓްކުރުމަށް ފޮނުވަން ވާނީ ސްކްރީން ޓެސްޓެއް ހެދުމަށްފަހު މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވާ ކުޑަކަމުދާ އެއްޗެއްސެވެ. ސްކްރީން ޓެސްޓް ކުރެވޭ މާއްދާ ނޫން އެހެން މާއްދާއަކަށް ޕިޒިޓިވް ވެދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތުތަކުގައި ސްކްރީން ޓެސްޓުން ނެގެޓިވްކަމަށް ދައްކާ ކުޑަކަމުދާ އެއްޗެހި ލެބޯޓްރީއަށް ޓެސްޓްކުރަން ފޮނުވިދާނެއެވެ.

(ށ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ޓެސްޓްކުރުމަށްޓަކައި ލެބޯޓްރީއަށް ބަލައިގަންނަން ވާނީ، ފޮރެންސިކް ތަހުލީލަށް އެދޭ ފޯމު އަދި ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހުގައެވެ.

(ނ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ލެބޯރިޓީއަށް ބަލައިގަންނައިރު، ސާމްޕަލް ބަންދުކޮށްފައިވާ ދަޅު ރަނގަޅަށް ސީލްކުރެވިފައިވޭތޯ ބަލަންވާނެއެވެ.

(ރ) ކުޑަކަމުދާއެއްޗެހީގެ ސާމްޕަލް ބަންދުކޮށްފައިވާ ދަޅު ކަނޑާ ފައިވާކަމަށް ށައްކުކުރެވޭނަމަ، ނުވަތަ ސީލް ކެނޑިފައިވާނަމަ، ނުވަތަ ސާމްޕަލްގެ ލޭބަލް ރަނގަޅު ނޫންކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ ކުޑަކަމުދާ އެއްޗެހި ނެގިފަހުން 3 މަސް ދުވަސް ވެފައިވާނަމަ، ލެބޯޓްރީއަށް އެ ސާމްޕަލް ބަލައިގަނެގެނެއް ނުވާނެއެވެ.

(ބ) ޓެސްޓްކުރުމަށްޓަކައި ލެބޯޓްރީއަށް ބަލައިގަނެވޭ ކުޑަކަމުދާއެއްޗެހި އަދި، މިމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްވެސް ސަބަބަކާހުރެ، ލެބޯޓްރީއަށް ބަލައިނުގަންނަ ކުޑަކަމުދާއެއްޗެހީގެ މައުލޫމާތު ލެބޯޓްރީގައި ރިކޯޑްކޮށް ބަހައްޓަންވާނެއެވެ.

 

11  ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރުން

(ހ) މިގަވާއިދުގެ ދަށުން ނެގޭ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލްތައް މަސްތުވާތަކެއްޗަށް ޓެސްޓްކުރަންވާނީ ނޭށަނަލް ޑްރަގް އެޖެންސީއިން ދޫކުރާ ޓެސްޓްކުރުމުގެ ހުއްދަ އޮންނަ ފަރާތަކުންނެވެ.

(ށ) ކޮންމެ ސާމްޕަލެއް ޓެސްޓްކުރާއިރު، ޓެސްޓްކުރާ މީހާގެ އިތުރުން އެހެން މީހަކު ހާޒިރުވެ ހުންނަންވާނެއެވެ.

(ނ) މިގަވާއިދުގެ ދަށުން ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރަން ވާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ފެންވަރުގެ ލެބޯޓްރީއެއްގައެވެ.

(ރ) ކުޑަކަމުދާއެއްޗެހި ޓެސްޓްކުރުމަށްފަހު، މެށިން ރިޕޯޓާއި، އެރިޕޯޓުގެ މައްޗަށް ބިނާކޮށް ޓެސްޓްކުރި ފަރާތުން ތައްޔާރުކުރާ ޓެސްޓް ރިޕޯޓް ތަހުގީގުކުރާ ފަރާތާ ހަވާލުކުރަންވާނެއެވެ.

 

12  ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

13  ވަނަ މާއްދާ - މާނަކުރުން

މިގަވާއިދުގައި އެއިބާރާތެއް ބޭނުންކޮށްފައި އޮތްގޮތުން އެހެން ގޮތަކަށް ދޭހަ ނުވާހާ ހިނދަކު:

(ހ) "ޗެއިން އޮފް ކަސްޓަޑީ ފޯމު" ކަމަށް ބުނެފައިއެވަނީ، ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކުޑަކަމުދާއެއްޗެހީގެ ސާމްޕަލް ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި. ގަޑި ލިޔެ، ރިކޯޑުކުރާ ފޯމަށެވެ.

(ށ) "އިންސިޑެންޓް ފޯމު" ކަމަށް ބުނެފައިއެވަނީ، ކުށުގެ ވެއްޓަށް ނުވަތަ ހާދިސާ ހިނގިތަނަށްދާ ފުލުހުން އެއްކުރާ އެންމެހައި މައުލޫމާތު ލިޔެ، ރިކޯޑުކުރާ ފޯމަށެވެ.

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު