-

ކަސްޓަމްސްގެ އާންމު ގަވާއިދު 2011 އަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 33/2012) 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން

22. ފަރުދުންގެ އަމިއްލަ ބޭނުންތަކަށް ގެންނަ ންތަކެތި

ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން، ޑިއުޓީ މައާފު ދާއިރާތަކަށް ގެންނަ ތަކެއްޗާއި އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ކޮރެސްޕޮންޑެންސް އަދި ޑޮކިއުމެންޓްސް ފަދަ ތަކެއްޗާއި، ޑިއުޓީ ދައްކަން ނުޖެހޭ އަގުހެޔޮ ކޮންސައިމަންޓްތަކާމެދު އަމަލުކުރެވޭނީ، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. އިމްޕޯޓް ޑިއުޓީ ނެގުން.

(ހ)   ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ދަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗާއި، އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންނަ ތަކެއްޗާމެދު އަމަލުކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 82 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

82. ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ފީ.

(ށ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިއުމާއި، ގެންއުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓްގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.

 

4 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 82 ވަނަ މާއްދާއަށް (ނ) އިތުރުކުރުން.

82. ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ފީ.

(ނ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަނެއްގައި މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ އޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓްގެ ހަރަދުގައި ހަމަޖައްސައި ދިނުމަށްފަހު، ދަތުރު ނިމޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ރޭޓަށްވުރެ އިތުރު ނުވާގޮތަށް ކަސްޓަމްސްއަށް ބިލްކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 117 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރެވޭ މުދާ ދޫކުރެވޭނީ، އެތަކެއްޗަށް ޒިންމާވާނެ ރާއްޖޭގެ ފަރާތެއް ހުރެގެންނެވެ.

(ށ) އަނބުރާ ގެންދާގޮތަށް މުދާ އިމްޕޯޓްކުރުމަށްޓަކައި، މި ގަވާއިދުގެ ޖަދުވަލު 20 ގައި ބަޔާންކޮށްފައިވާ " އަނބުރާ ގެންދާގޮތަށް މުދާ ދޫކުރުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

174. ޗެކުން ފައިސާ ދެއްކުން

(ށ) ކަސްޓަމްސްއަށް ޗެކުން ފައިސާ ދައްކާނަމަ، މި ގަވާއިދުގެ ޖަދުވަލު 37 ގައިވާ ފޯމުފުރިހަމަ ކުރުމަށްފަހު، ފައިސާ ދައްކާނެ އެކައުންޓުތައް ކަސްޓަމްސްގައި ރަޖިސްޓަރީކުރަންވާނެއެވެ. މިގޮތުން ކަސްޓަމްސްއިން ބަލައި ގަންނަންވާނީ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އެކައުންޓުތަކުގެ ޗެކެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

174. (ރ) ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ކަސްޓަމްސްގެ މެދުވެރިން ނިންމާ ޑިކްލަރޭށަނަށް ކަސްޓަމްސްގެ މެދުވެރިއެއްގެ ޗެކު ބަލައިގަނެވިދާނެއެވެ. މި ގޮތުން ބަލައިގަނެވޭ ޗެކަކާ ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ކަސްޓަމްސްގެ މެދުވެރިން ނަގަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 225 ވަނަ މާއްދާގެ (ޅ) އަދި (ކ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

225- އުޅަނދުފަހަރުގެ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ

(ޅ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދާ އުޅަނދުފަހަރަށް އިންވާރޑު ކުލިއަރެންސް ދިނުމާއި، އައުޓުވާރޑު ކުލިއަރެންސް ދިނުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިއުމާއި، ގެނައުމުގެ ކަންތައް އެއުޅަނދެއްގެ އޭޖެންޓުގެ ހަރަދުގައި ހަމަޖެއްސުމާއި، އެ އޮފިސަރުން އެތަނެއްގައި މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ އޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓްގެ ހަރަދުގައި ހަމަޖައްސައި ދިނުމަށްފަހު، ދަތުރު ނިމޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ރޭޓަށްވުރެ އިތުރު ނުވާގޮތަށް ކަސްޓަމްސްއަށް ބިލްކުރުން؛

އުޅަނދުފަހަރުގެ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ

(ކ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިއުމާއި، ގެނައުމުގެ ކަންތައް އެއުޅަނދެއްގެ އޭޖެންޓުގެ ހަރަދުގައި ހަމަޖެއްސުމާއި، އެ އޮފިސަރުން އެތަނެއްގައި މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ އޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓްގެ ހަރަދުގައި ހަމަޖައްސައި ދިނުމަށްފަހު، ދަތުރު ނިމޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ރޭޓަށްވުރެ އިތުރު ނުވާގޮތަށް ކަސްޓަމްސްއަށް ބިލްކުރުން؛

 

10 ވަނަ މައްދާ - ބުނެވިދިޔަ ގަވާއިދުގެ 225 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

225- ބޮންޑެޑް ވެއަރ ހައުސްގެ ފީ ދެއްކުން.

(ހ) ބޮންޑެޑް ވެއަރ ހައުސް ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 36 ގައިބަޔާން ކޮށްފައިވާ ގޮތުގެމަތިން ކޮންމެ މަހަކު ބޮންޑެޑް ވެއަރ ހައުސްއަށް ފީ ދައްކަންވާނެއެވެ.

(ށ) ބޮންޑެޑް ވެއަރ ހައުސްގެ ފީ، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހު ގެ ކުރިން ކަސްޓްމްސްއަށް ދައްކާ ނިންމަންވާނެއެވެ. މިމުއްދަތުގެ ފަހުން، އެމަހުގައި އެމަހުގެ ފީ ދައްކާނަމަ، ފީ ބަލައިގަނެވޭނީ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް  50  (ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. މަސްނިމޭއިރު، ބޮންޑެޑް ވެއަރ ހައުސްގެ ފީ، ދައްކާފައިނުވާ ފަރާތްތަކަށް ބޮންޑެޑް ވެއަރ ހައުސްއާއި ގުޅިގެންދެވޭ އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތުގައި ފީ ދައްކާފައި ނުވާނަމަ، ޖެހިގެން އަންނަ މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ ބުނެވިދިޔަ މަހުގެ އިތުރަށް ހިނގާ ކޮންމެ ދުވަހެއް ހިމެނޭގޮތުން 100 ( ސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. މިމުއްދަތުގައިވެސް ފީ ދައްކާފައި ނުވާނަމަ، ތިން ވަނަ މަހުގައި ފީ ބަލައިގަނެވޭނީ، އިސްވެދެންނެވި މުއްދަތުގައި ހިނގާ ކޮންމެ ދުވަހެއް ހިމެނޭގޮތުން، ފީ ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް 150  ( ސަތޭކަ ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

(ރ) ބޮންޑެޑް ވެއަރހައުސްގެ ފީ ނުދައްކާތާ މީލާދީ ގޮތުން 3 (ތިނެއް) މަސްދުވަސް ވެއްޖެނަމަ، އެފަރާތަކަށް ދޫކުރެވިފައިވާ ބޮންޑެޑް ވެއަރ ހައުސް ހިންގުމުގެ ރަޖިސްޓަރީ ބާތިލް ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 285 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އުނިކުރުން.

 

12 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 453 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

453- ބައްދަލުވުމުގެ ކޯރަމް

(ނ) ކޮމެޓީގެ ޗެއަރޕާސަން އާއި ވައިސް ޗެއަރޕާސަން ކަނޑައަޅާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 457 ވަނަ މާއްދާގެ (ކ) އުނިކުރުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 458 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

458- ޕްރޮސެކިއުށަން ކޮމިޓީ ކޮމެޓީ އެކުލަވައިލުން

(ހ) މައްސަލަތަކުގައި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށްޓަކައި "ޕްރޮސެކިއުށަންކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީ އެކުލަވިގެން ވާނީ 7 (ހަތެއް) ކަސްޓަމްސް އޮފިސަރުންގެ މައްޗަށެވެ.

(ނ) ކޮމެޓީގެ ޗެއަރޕާސަން އާއި ވައިސް ޗެއަރޕާސަން ކަނޑައަޅާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 459 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

459- ޗެއަރ ޕާސަންގެ މަސްއޫލިއްޔަތު.

(ހ) ޗެއަރ ޕާސަންގެ މަސްއޫލިއްޔަތުތައް ތިރީގައިމިވަނީއެވެ.

  1. ކޮމިޓީގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ކޮމިޓީގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުން.
  3. ކޮމިޓީން ނިންމާ ނިންމުންތަކުގެ ތެރެއިން މެންބަރުންގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި، އެމައްސަލައަކާ ގުޅޭގޮތުން ބާއްވާ ކޮމެޓީގެ ބައްދަލުވުންތަކުގައިއެފަދަ މެންބަރުން ބައިވެރި ނުކުރުން އަދި އެފަދަ މެންބަރުންގެ ނުފޫޒު އެމައްސަލައަކަށް ނުފޯރާނެގޮތަށް ކަންކަން ހަމަޖެއްސުން.

(ށ) ކޮމިޓީގެ ޗެއަރ ޕާސަންގެ މަސްއޫލިއްޔަތު އޭނާއަށް އަދާނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޗެއަރ ޕާސަންގެ މަސްއޫލިއްޔަތު އަދާކުރައްވާނީ  ކޮމިޓީގެ ވައިސް ޗެއަރޕާސަންއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 460 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

460- ކޮމެޓީގެ އިދާރީ މަސައްކަތް.

ކޮމިޓީގެ އިދާރީ މަސައްކަތްތައް ކުރައްވާނީ ކޮމެޓީގެ ޗެއަރޕާސަން ކަނޑައަޅާ ފަރާތަކުންނެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 461 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

461- ކޮމެޓީގެ ބައްދަލުވުންތަކާއި ނިންމުންތައް.

(ހ) އަންނަނިވި މައްސަލަތަކަށް ޕްރޮސެކިއުށަން ކޮމެޓީއިން ގޮތެއް ނިންމަންވާނީ، ކޮމެޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) މެންބަރުންގެ ބައްދަލުވުމަކުންނެވެ.

  1. ކޮމެޓީގެ 3 (ތިނެއް) މެންބަރުންގެ ބައްދަލުވުމަކުން ނިންމާ މައްސަލަތަކާއި ކަސްޓަމްސްގެ އެކިއެކި ސެކްށަންތަކުންކުރާ ޖޫރިމަނާއާގުޅިގެން ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ދިރާސާކުރުމަށްފަހު، ގޮތެއް ކަނޑައެޅުމުގެ މައްސަލަތައް.
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާގެ އިނާމު ލިބެންޖެހޭ ފަރާތް ކަނޑައަޅަން ދަތިވާ މައްސަލަތަކުގައި ފައިސާގެ އިނާމު ލިބެންޖެހޭ ފަރާތް ކަނޑައެޅުމުގެ މައްސަލަތައް.

ށ. އެޕީލް ކޮމިޓީ އިން ބަލާ މައްސަލަތަކުގެ ތެރެއިން އެއްވެސްފަރާތަކާމެދު ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކުގައި، ޕްރޮސެކިއުށަން ކޮމިޓީއިން މަށުވަރާ ދޭނެ ގޮތެއް ނިންމަންވާނީ ކޮމެޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) މެންބަރުންގެ ބައްދަލުވުމަކުންނެވެ.

ނ. ކަސްޓަމްސްއިން ތަހުގީގުކުރާ މައްސަލަތަކުގައި ގަނޫނާއި ގަވާއިދާ އެއްގޮތަށް އަޅާނެ ފިޔަވަޅު ކަނޑައެޅުމުގެ މައްސަލަތައް ނިންމަންވަނީ، ކޮމެޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހިމެނޭ ބައްދަލުވުމަކުންނެވެ.

ރ. މި މާއްދާގެ (ހ) އާއި (ށ)  އަދި (ނ) ގައިވާ ގޮތަށް ކޮމިޓީގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ނިންމަންވާނީ ކޮމިޓީއަށް ހާޒިރުވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިގޮތުން ނިންމާ މައްސަލަތައް ފައިލުކޮށް ރިކޯޑު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 462 ވަނަ މާއްދާގެ (ރ) އާއި (ބ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

462- ކޮމެޓީގެ މަސްއޫލިއްޔަތު.

(ރ) ޕްރޮސެކިއުށަން ކޮމިޓީއިން ނިންމާ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ އެކިއެކި ސެކްށަންތަކުންކުރާ ޖޫރިމަނާއާގުޅިގެން ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު ގޮތެއް ކަނޑައެޅުން.

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާގެ އިނާމު ލިބެންޖެހޭ ފަރާތް ކަނޑައަޅަން ދަތިވާ މައްސަލަތަކުގައި ފައިސާގެ އިނާމު ލިބެންޖެހޭ ފަރާތް ކަނޑައެޅުން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 462 ވަނަ މާއްދާގެ (ޅ) އުނިކުރުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 534 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

534- މުދާ އިތުރުވުން.

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ހުރީ ކަސްޓަމްސްއަށް ޑިކްލެއަރ ކުރިވަރަށްވުރެ އިތުރަށް ކަމަށް ބެލެވޭނީ، ރާއްޖެއިށް މުދާ އިމްޕޯޓް ކުރުމަށްޓަކައި ހުށަހަޅާ ޑިކްލަރޭށަނުގައި ހިމެނޭ މުދަލުގެ ޔުނިޓް އޮފް ކުއަންޓިޓީއަށްވުރެ، ށިޕްމަންޓްގައި ހިމެނޭ މުދަލުގެ ޔުނިޓް އޮފް ކުއަންޓިޓީ އިތުރުވާނަމައެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 539 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

539- ޑިއުޓީ ދައްކަންނުޖެހޭ މުދާ ޖޫރިމަނާތަކުން އިސްތިސްނާވުން.

ރައީސުލްޖުމްހޫރިއްޔާ ޑިއުޓީ މާފުކޮށްދީފައިވާ މުދަލާއި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ ދަށުން ޑިއުޓީ ދައްކަންނުޖެހޭ މުދަލާއި، ށިޕްސްޓޯރގެ ގޮތުގައި ރާއްޖެއަށް ގެންނަ މުދަލުގެ މައްސަލަތައް މިގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާތަކުން އިސްތިސްނާ ވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 540 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 3 ވަނަ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

540- ޑިކްލެއަރ ކުރިވަރަށްވުރެ މުދާ އިތުރުވުމުން ޖޫރިމަނާކުރުން.

(ހ) މިގަވާއިދުގެ 534 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖެއަށް އިމްޕޯޓްކުރާމުދާ ހުރީ ކަސްޓަމްސްއަށް ޑިކްލެއަރކުރި ވަރަށްވުރެ އިތުރަށްނަމަ، އެކަންކުރި ފަރާތް ޖޫރިމަނާ ކުރެވޭނީ، މުދާ އިތުރުވި މައްސަލައިގައި ހިމެނޭ އައިޓަމްތަކަށް ޑިކުލެއަރކުރި ޖުމުލަ އެފް.އޯ.ބީ. އަގަށްވުރެ، އިތުރުވި އައިޓަމްތަކުގެ ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ. އަގުގެ ނިސްބަތް %10  ނުވަތަ އެއަށްވުރެ ބޮޑު ނަމައެވެ.

(ށ) 3. ޑިކްލެއަރކުރި ވަރަށްވުރެ މުދާ އިތުރުވާ ތިންވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު، އިތުރުވާ މުދަލުގެ ޖުމުލަ އެފް.އޯ.ބީ. އަގުގެ ގޮތުގައި ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ %50 ން އެކަންކުރި ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 540 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރު އުނިކުރުން.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 546 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

546- ސައްހަ ނޫން މައުލޫމާތު ހުށަހެޅުމުން ޖޫރިމަނާކުރެވޭ އުސޫލު.

(ހ) ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަކާ ގުޅޭގޮތުން ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއަށް ސައްހަނޫން މައުލޫމާތު ހުށަހެޅުން ކަމުގައި ބެލެވޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަކާ ގުޅޭގޮތުން ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭށަނުގައި ހިމެނޭ މުދަލުގެ ބާވަތް، ބުރޭންޑް، މޮޑެލް ނުވަތަ ސީރިއަލް ނަންބަރު ފަދަ ހާއްސަ މައުލޫމާތާއި ށިޕްމަންޓުގައި ހިމެނޭ މުދަލާ ދިމާނުވުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުން؛
  2. ރީއެކްސްޕޯޓުކުރާ މުދަލަކާ ގުޅޭގޮތުން ހުށަހަޅާ ޑިކްލަރޭށަނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ށިޕްމަންޓުގައި ހިމެނޭ މުދަލުގެ މައުލޫމާތު ދިމާނުވުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުން؛
  3. ޑިކްލަރޭށަނުގައި މުދަލުގެ އަދަދު ސެޓުގެ ގޮތުގައި ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ބަޔާންކޮށް، އޭގެ ތަފްސީލު ވަކިން ހިމަނާފައިވާ މުދާ ޗެކުކުރާއިރު، ޑިކްލަރޭށަނުގައި ތަފްސީލު ބަޔާންކޮށްފައިވާ މުދަލާއި ށިޕްމަންޓުގައި ހިމެނޭ މުދަލުގެ ތަފްސީލު ދިމާނުވުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުން؛
  4. މުދަލުގެ ސާމްޕަލް ބަލަންޖެހޭ ހާލަތުތަކުގައި، ސާމްޕަލް ބެލުމުގެ ކުރިން މުދަލުގެ ވެރިފަރާތުން ކަސްޓްމަސްއަށް ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް މުދާ ޗެކުކުރާއިރު، ވެރިފަރާތުން ކަސްޓަމްސްއަށް ދީފައިވާ މައުލޫމާތާއި ށިޕްމަންޓުގައި ހުންނަ މުދަލުގެ މައުލޫމާތު ދިމާނުވުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި، ޑިކުލެއަރކުރި މުދަލުގެ ތެރެއިން ސައްހަނޫން މައުލޫމާތު ހުށަހެޅުމުގެ މައްސަލާގައި ހިމެނޭ މުދަލުގެ ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ. އަގަށްވުރެ، ށިޕްމަންޓުގައި އައިސްފައިހުރި ސައްހަނޫން މައުލޫމާތު ހުށަހެޅުމުގެ މައްސަލާގައި ހިމެނޭ މުދަލުގެ ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ. އަގުގެ ނިސްބަތް 10%  ނުވަތަ އެއަށްވުރެ ބޮޑު ނަމަ، އެކަން ކުރި ފަރާތް ތިރީގައި  ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ.

  1. ކަސްޓަމްސްއަށް ސައްހަނޫން މައުލޫމާތު ހުށަހެޅި ފުރަތަމަ ފަހަރު، އެކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ އެފް.އޯ.ބީ. އަގުގެ %15  އިން އެކަންކުރި ފަރާތް ޖޫރިމަނާކުރެވޭނެއެވެ.
  2. ކަސްޓަމްސްއަށް ސައްހަނޫން މައުލޫމާތު ހުށަހެޅި ދެވަނަ ފަހަރު، އެކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ އެފް.އޯ.ބީ. އަގުގެ %25  އިން އެކަންކުރި ފަރާތް ޖޫރިމަނާކުރެވޭނެއެވެ.
  3. ކަސްޓަމްސްއަށް ސައްހަނޫން މައުލޫމާތު ހުށަހެޅި ތިންވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ސައްހަނޫން މައުލޫމާތު ހުށަހަޅާ ކޮންމެ ފަހަރަކު، އެކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ އެފް.އޯ.ބީ. އަގުގެ  %50 އިން އެކަންކުރި ފަރާތް ޖޫރިމަނާކުރެވޭނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 547 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

547- ކުލެސިފިކޭށަން ދިމާނުވުމާއި މުދާ އެއްވެސް މިންވަރަކަށް ދިމާނުވުން.

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަކާ ގުޅޭގޮތުން ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭށަނުގައި ހިމެނޭ މުދަލާއި ށިޕްމަންޓުގައި ހިމެނޭ މުދަލުގެ ކްލެސިފިކޭށަނަށް ނުވަތަ ޓެރިފް ރޭޓަށް އަންނަ ބަދަލުތަކާއި ގުޅިގެން އެމުދަލުގެ ޑިއުޓީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވާ ހާލަތުތަކުގައި، އެކަންކުރި ފަރާތާމެދު މި ގަވާއިދުގެ 548 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. މިގޮތުން ފިޔަވަޅު އެޅުމުގައި އަންނަނިވި ހާލަތުތަކުގައިވާ މުދާ އިސްތިސްނާ ކުރެވޭނެއެވެ.

  1. މުދާ ބަލައިގެން އެމުދަލުގެ މެޓީރިއަލް ބަލައިގަނެވޭ ފަދަ އެއްޗަކަށް ނުވުން.
  2. މުދަލަކީ އާއްމުގޮތެއްގައި ދެގޮތަކަށް ކްލެސިފައި ކުރެވިދާނެ އެއްޗަކަށްވުން. މިގޮތަށް ކްލެސިފައި ކުރެވޭ ތަކެތި ބެލުމުގައި ބަލާނެ މިންގަނޑު ތިރީގައި  ދަންނަވާފައި އެވަނީއެވެ.

(ހ) ކްލެސިފައި ކުރެވޭ މުދަލުގެ އެސެންށަލް ކެރެކްޓަރ ދެނެގަތުމުގައި ދަތިތަކެއް ހުންނަ ތަކެތި.

(ށ) މުދާ ކްލެސިފައި ކުރުމަށްޓަކައި ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފުރިހަމައަށް ލިބެން ނެތުމުގެ ސަބަބުން މުދަލުގެ ކްލެސިފިކޭށަން ދެގޮތަކަށް ނިންމެން ހުންނަ ތަކެތި.

(ށ) މުދާ އުފައްދާފައިވާ މެޓީރިއަލް ދެނެގަތުމަށްޓަކައި ހުށަހަޅާ ލިއުމުގައި ސައްހަނޫން މައުލޫމާތު ހިމަނައިގެން މުދަލުގެ މެޓީރިއަލް އޮޅުވާލާފައިވާނަމަ، ނުވަތަ އޮޅުވާލަން އުޅެފައިވާނަމަ، އެކަންކުރި ފަރާތާމެދު މި ގަވާއިދުގެ 548 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ނ) ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަކާ ގުޅޭގޮތުން ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭށަނުގައި ހިމެނޭ މުދަލާއި ށިޕްމަންޓުގައި ހިމެނޭ މުދާ އެއްވެސް މިންވަރަކަށް ދިމާނުވާނަމަ، ނުވަތަ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަކާ ގުޅޭގޮތުން ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭށަނުގައި ނުހިމެނޭ މުދާ އެއްވެސް މިންވަރަކަށް ށިޕްމަންޓުގައި ހިމެނޭ ހާލަތުތަކުގައި، އެކަންކުރި ފަރާތާމެދު މި ގަވާއިދުގެ 548 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

26  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 548 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

548- ކުލެސިފިކޭށަން ދިމާނުވުމާއި މުދާ އެއްވެސް މިންވަރަކަށް ދިމާނުވުމުން ޖޫރިމަނާ ކުރެވޭ އުސޫލު.

މި ގަވާއިދުގެ 547 ވަނަ މާއްދާގައިވާ ކުށެއް ކޮށްފިނަމަ، އެ މައްސަލައެއްގައި ކަންހިނގައިދިޔަގޮތުގެ މައްޗަށް ރިއާޔަތްކޮށް، ކަމުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، އެކަންކުރި ފަރާތާމެދު ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ހ) ލިޔުމުން ނަސޭހަތްދިނުން.

(ށ) އެކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ. އަގުގެ   %15  އިން ފެށިގެން  %50 އާ ދެމެދުގެ މިންވަރަކުން އެކަންކުރި ފަރާތް ޖޫރިމަނާކުރުން.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ޖަދުވަލުގެ 36 ގެ 11 އަންނަނިވި ގޮތަށް އިސްލާހު ކުރުން.

11. ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް ފީނަގާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) ކ. ތިލަފުށި (ދަތުރަކަށް)                                                                25,000.00   ރުފިޔާ

(ހ) ކ. ތިލަފުށި (ދަތުރަކަށް)                                                                25,000.00   ރުފިޔާ

(ށ) ކ. ފުނަދޫ (ދަތުރަކަށް)                                                                50,000.00   ރުފިޔާ

(ނ) ކ. ހުޅުލެ (ދަތުރަކަށް)                                                                 50,000.00   ރުފިޔާ

(ރ) ކ. ހުޅުމާލެ (ދަތުރަކަށް)                                                               50,000.00   ރުފިޔާ

(ބ) ކ. ތިލަފުށި ފިޔަވައި، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ތަންތަނަށް ( ދަތުރަކަށް)                                                                                                                  100,000.00 ރުފިޔާ

(ޅ) އެހެނިހެން ރަށްރަށަށް (ދަތުރަކަށް)                                                      50,000.00 ރުފިޔާ

(ކ) މިނަންބަރުގެ (ހ)، (ށ)، (ނ)، އަދި (ރ) ގައި ބަޔާނޮކޮށްފައިވާ ރަށްރަށަށް ފިޔަވައި އެހެން ރަށްރަށާއި ތަންތަނަށް މުދާ އަރުވާ ބޭލުމުގައި، އޮފިސަރުން އެތަނުގައި ތިބެންޖެހޭ ކޮންމެދުވަހަކަށް                             3،500.00 ރުފިޔާ      

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 20 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން.

20. ބޮންޑެޑް ވެއަރހައުސްގެ ފީ ނަގާނީ ތިރީގައިބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ 20 ފޫޓްގެ ކޮންޓައިނާ އަކަށް މަހަކު          1000.00 ރުފިޔާ

(ށ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ 40 ފޫޓްގެ ކޮންޓައިނާ އަކަށް މަހަކު         2000.00 ރުފިޔާ

(ނ) 400 އަކަ ފޫޓަށްވުރެ ކުޑައޭރިއާއެއް ހިމެނޭ ބޮންޑެޑް ވެއަރހައުސްއަކަށް މަހަކު                     1000.00 ރުފިޔާ

(ރ) މިނަންބަރުގެ (ހ) އާއި (ށ) އަދި (ނ) ގައިވާ ބޮންޑެޑް ވެއަރހައުސްތައް ފިޔަވައި އެހެނިހެން ބޮންޑެޑް ވެއަރހައުސްތަކުގެ އަކަފޫޓަކަށް މަހަކު                                                                                    2.50 ރުފިޔާ

 

29 ވަނަ މާއްދާ- މިގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މިގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

31 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

---------------

 

ޖަދުވަލު 37

 

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މާލެ ދިވެހިރާއްޖެ.                                                       ނަންބަރު:

ބޭންކް އެކައުންޓް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު

މުދަލުގެ ވެރިފަރާތުގެ ނަން:

އައި.ޑީ.ކާޑު / ކުންފުނީގެ ރަޖިސްޓަރީ ނަންބަރު:                           އިމްޕޯޓަރ / އެކުސްޕޯޓަރ ނަންބަރު:

މުދަލުގެ ވެރިފަރާތް:                          ބޭންކު އެކައުންޓުގެ ވެރިފަރާތް (މުދަލުގެ ވެރިފަރާތާއި ތަފާތު ނަމަ):   

އެޑްރެސް:                                އެޑްރެސް:

ގެ / އިމާރާތުގެ ނަން:                        ގެ / އިމާރާތުގެ ނަން:   

މަގުގެ ނަން:                              މަގުގެ ނަން:

އަތޮޅާއި ރަށް:                             އަތޮޅާއި ރަށް:

ޕޯސްޓް ކޯޑް:                              ޕޯސްޓް ކޯޑް:

ފޯން ނަންބަރު:                             ފޯން ނަންބަރު:

ފެކުސް ނަންބަރު:                           ފެކުސް ނަންބަރު:

މޮބައިލް ނަންބަރު:                           މޮބައިލް ނަންބަރު:

ޗެކުން ފައިސާ ދައްކަން ބޭނުންވާ އެކައުންޓްތަކުގެ ތަފްސީލް:


 

#

ބޭންކުގެ ނަން

އެކައުންޓްގެ ވެރިފަރާތުގެ ނަން

އެކައުންޓް ނަންބަރު

1

 

 

 

2

 

 

 


 

މަތީގައި މައުލޫމާތުދީފައިވާ އެކައުންޓްތަކުގެ ޗެކުން އަޅުގަނޑު / އަޅުގަނޑުގެ ކުންފުނި .............................................................................

............ އިން ކަސްޓަމްސަށް ދައްކާ ފައިސާގެ ޗެކުގެ އެއްވެސް މައްސަލައެއް ދިމާވެގެން އަނބުރާ ކަސްޓަމްސަށް އަތުވެއްޖެނަމަ އެޗެކުގައިވާ ފައިސާ 24 ގަޑިއިރުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކާ ނިންމުމަށް އަޅުގަނޑު އެއްބަސްވެ އިގުރާރުވަމެވެ. މިފައިސާ 24 ގަޑިއިރުތެރޭ ނުދައްކައިފިނަމަ ކަސްޓަމްސުގެ އާއްމު ގަވާއިދުގައިވާ ގޮތުގެމަތިން އަޅުގަނޑު / އަޅުގަނޑުމެންނަށް ދެމުން އަންނަ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާނެކަން އަޅުގަނޑަށް އެނގެއެވެ. އަދި މިފޯމުގައި އަޅުގަނޑު ދީފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއްކަމަށާއި، އަދި މިފޯމުގައިވާ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން 3 ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ލިޔުމަކުން އެންގުމަށް އަޅުގަނޑު އެއްބަސްވަމެވެ.

ބޭންކް އެކައުންޓުގެ ވެރިފަރާތް ( މުދަލުގެ ވެރިފަރާތާއި ތަފާތުނަމަ):            މުދަލުގެ ވެރި ފަރާތުގެ:

ސޮއި: -----------------------------------------------------

ނަން: ------------------------------------------------------

ތައްގަނޑު ނުވަތަ އިނގިލީގެ ނިށާން
މަގާމު: -----------------------------------------------------

ތާރީހް: -----------------------------------------------------
ސޮއި: -----------------------------------------------------

ނަން: ------------------------------------------------------

ތައްގަނޑު ނުވަތަ އިނގިލީގެ ނިށާން
މަގާމު: -----------------------------------------------------

ތާރީހް: -----------------------------------------------------
 

ކަސްޓަމްސްގެ ބޭނުމަށް:

ހުއްދަދެއްވި:

ސޮއި: -----------------------------------------------------

ނަން: ---------------------------- ކާޑު ނަންބަރު:-------------

މަގާމު: --------------------------- ތާރީހް: --------------------
ހަވާލުވި:

ސޮއި: -------------------------------------------------------

ނަން: ----------------------------- ކާޑު ނަންބަރު:-------------

މަގާމު: ---------------------------- ތާރީހް: ------------------
މިފޯމާއެކު ބޭންކް އެކައުންޓް ވެރިފައި ކުރުމަށްޓަކައި ބޭންކުގެ ސިޓީ / ބޭންކްގެ ޑިޕޮސިޓް ސްލިޕުގެ ކޮޕީ / ބޭންކް ސްޓޭޓްމަންޓުގެ ކޮޕީ / ޗެކުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 41/2011) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު