-

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 34/2012)

 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގައި އެފެދޭ އަދި އުފައްދާ ތަތކެތި އެކްސްޕޯޓް ކުރުމާއި، ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރުމާއި، ދިވެހިރާއްޖެއިން މުދާ ރީއެކްސްޕޯޓް ކުރުމާބެހޭ އުސޫލްތައް ކަނޑައެޅުމާއި މިކަންކަމަށް ހުއްދަ ދިނުމާއި، އިމްޕޯޓްކުރާ މުދަލުންނާއި އެކްސްޕޯޓްކުރާ މުދަލުން ގާނޫނުގައިވާ ގޮތުގެ މަތިން، އިމްޕޯޓް ޑިއުޓީ ނެގުމާއި، އެކްސްޕޯޓް ޑިއުޓީ ނެގުމާއި، އިމްޕޯޓް ޑިއުޓީ މައާފްކުރުމާއިބެހޭ އުސޫލްތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް  ކިޔާނީ، މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހެދުން

މި ގަވާއިދަކީ ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ (1) ވަނަ މާއްދާގެ (ށ)ގެ ދަށުން ބާރު ލިބިގެން، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ހަދާފައިވާ ގަވާއިދެކެވެ.

 

3 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދެވޭނެ ފަރާތްތައް

(ހ) ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނު)ގެ ދަށުން މީރާގައި  ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކީ ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ (1) ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތައް ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)ގައި ބަޔާންވެގެންވާ ފަދައިން، މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް، މީރާއިން ބަލަހައްޓާ ރަޖިސްޓްރީ އިން އުނިކޮށްފިނަމަ، އެ ފަރާތެއް، މި މާއްދާގެ (ހ)ގައި ބަޔާންވެގެންވާ ރަޖިސްޓްރީ އިން އުނިކުރެވޭނެއެވެ. މި ބޭނުމަށްޓަކައި މީރާގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް، މީރާ އިން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)ގެ ދަށުން ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ގާނޫނީ ގޮތުން އުފެދިފައިވާ މިނިވަން މުއައްސަސާތަކާއި، އެމްބަސީތަކާއި ، މި މުއައްސަސާތަކުގެ ދަށުން ހިންގަމުންގެންދާ ތަންތަނަކީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަން ކަމުގައި ބެލޭނެއެވެ.

 

4 ވަނަ މާއްދާ - އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓޤ ކުރެވޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި އެކްސްޕޯޓްކުރެވޭނީ، އަދި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ނެގުމަށްފަހުއެވެ.

(ށ) މި ގަވާއިދުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، މުދާ ރީއެކްސްޕޯޓް ކުރެވޭނީ މި ގަވާއިދުގެ (3) ވަނަ މާއްދާގެ ދަށުން އެ ފަރާތެއް ރަޖިސްޓަރީވުމުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން އެކްސްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުމަށް ހުއްދަކޮށްފައިވާ ފަރާތަކުން، މީރާއަށް ދައްކަންޖެހިފައިވާ ފައިސާއެއް ދައްކަން ކަނޑައަޅާފައިވާ އުސޫލުން ނުދައްކާ އޮންނަ މުއްދަތުގައި އެ ފަރާތުން ރާއްޖެއިން މުދާ އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓް ކުރުމާއި ރާއްޖެއަށް މުދާ އިމްޕޯޓްކުރުން ވަގުތީގޮތުން ހިފެހެއްޓޭނެއެވެ.

 

5 ވަނަ މާއްދާ - އިމްޕޯޓް ލައިސަންސާއި އެކްސްޕޯޓް ލައިސަންސް ނެގުން

(ހ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ އަދި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނުވަތަ އެ މިނިސްޓްރީން ކަނަޑައަޅާ ފަރާތަކުން ދޫކުރާ ލައިސަންސެއް އޮވެގެންނެވެ.

(ށ) މި ގަވާއިދުގެ (3) ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން، ރާއްޖެއިން މުދާ އެކްސްޕޯޓްކުރުމަށް ނުވަތަ ރީއެކްސްޕޯޓޤ ކުރުމާށް ނުވަތަ ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް އެދޭނަމަ، އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، އެ މުދާ އެކްސްޕޯޓްކުރުމުގެ ނުވަތަ ރީ އެކްސްޕޯޓް ކުރުމުގެ ނުވަތަ އިމްޕޯޓް ކުރުމުގެ ލައިސަންސް އެފަރާތަކަށް ދޫކުރެވޭނެއެވެ.

(ނ) ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި، ރާއްޖެއިން ބޭރަށް ގެންދިއުމަށް، އެކްސްޕޯޓް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

(ރ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ނުވަތަ މުދާ އެކްސްޕޯޓް ކުރުމަށް ލައިސަންސް ދޫކުރެވޭނީ، ގާނޫނު ނަންބަރު 4/1970 (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު)ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ލައިސަންސް ދޫކުރެވޭ ކޮންމެ 100 (ސަތޭކަ) ރުފިޔާއަކަށް 10 (ދިހަ ލާރި)ގެ މަގުން ރެވެނިއު ސްޓޭމްޕް ދެއްކުމުންނެވެ.

(ބ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ގާނޫނީ ގޮތުން އުފެދިފައިވާ މިނިވަން މުއައްސަސާތަކާއި، އެމްބަސީތަކާއި، މި މުއައްސަސާތަކުގެ ދަށުން ހިންގަމުން ގެންދާ ތަންތަނުން، ވިޔަފާރީގެ ބޭނުންފިޔަވައި އެ ތަންތަނުގެ ބޭނުމަށް ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށް ދޫކުރާ ލައިސަންސަށް ރެވެނިއު ސްޓޭމްޕް ދައްކާކަށް ނުޖެހޭނެއެވެ.

 

6 ވަނަ މާއްދާ - ވަކި ބާވަތެއްގެ މުދަލެއް އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ހުއްދަ ނަގަންޖެހޭ ހާއްސަ ހާލަތު

ގާނޫނެއްގައި ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގަން ހަދާފައިވާ ގަވާއިދެއްގައި ނުވަތަ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން، ވަކި ބާވަތެއްގެ މުދަލެއް، ރާއްޖެއަށް އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭކަމަށް،  އެ ގާނޫނުގައި ނުވަތަ އެ ގަވާއިދުގައި ނުވަތަ އެ މުއާހަދާގައި ނުވަތަ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، އެ މުދަލެއް އިމްޕޯޓް ކުރެވޭނީ ނުވަތަ އެކްސްޕޯޓް ކުރެވޭނީ ނުވަތަ ރީއެކްސްޕޯޓް ކުރެވޭނީ، މިގަވާއިދުގެ 5 ވަނަ މާޢްދާގައި ބަޔާންކުރާ ލައިސަންސް ނެގުމުގެ އިތުރުން އެ ހުއްދައެއް ނަގަންޖެހޭ ސަރުކާރުގެ މުއައްސަސާއަކުން އެ ހުއްދަ ހޯދުމަށްފަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅުމުންނެވެ.

 

7 ވަނަ މާއްދާ - ލައިސަންސް ނެތި ގެންނަ މުދާ

މި ގަވާއިދުގެ (15)، (16) ވަނަ މާއްދާގައިވާ ފަދައިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ތަކެތި އިމްޕޯޓް ކުރަން އުޅެފިނަމަ ނުވަތަ މި ގަވާއިދުގެ (5) ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ނެތި ، ރާއްޖެއަށް މުދާ އިމްޕޯޓްކުރަން އެޅެފިނަމަ ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރަން އެޅެފިނަމަ، ނުވަތަ ރީއެކްސްޕޯޓްކުރަން އުޅެފިނަމަ، އެ މުދާ އިމްޕޯޓް ކުރެވޭނީ، ނުވަތަ އެކްސްޕޯޓް ކުރެވޭނީ، ނުވަތަ ރީއެކްސްޕޯޓް ކުރެވޭނީ، ކަސްޓަމްސް އިން ކަނޑައަޅާ އަގުގެ ކޮންމެ ރުފިޔާއަކަށް 20 (ވިހި) ލާރި މަގުން ޕްރޮސެސިންގ ފީއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އެ ފަރާތަކުން ދެއްކުމަށް ފަހުގައެވެ. މިގޮތުން ދައްކަން ޖެހޭ ޕްރޮސެސިންގ ފީ ދައްކައިގެން ތަކެތި ގެންދަން ބޭނުން ނުވާނަމަ، އެތަކެއްޗާއި މެދު އަމަލުކުރެވޭނީ "ކަސްޓަމްސް އާންމު ގަވާއިދު" އާ އެއްގޮތަވާ ގޮތުގެ މަތިންނެވެ. މި މާއްދާގެ ދަށުން ޕްރޮސެސިންގ ފީ ނަގާ މުދަލަށް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ކޯޓާ ކަނޑައެޅުން

(ހ) ރާއްޖޭގެ އިގްތިސާދީ ހާލަތަށް ނުވަތަ ތިމާވެށީގެ ހާލަތަށް ނުވަތަ ސިއްހީ ހާލަތަށް ބަލައި، ވަކި ބާވަތެއްގެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރުމަށް ކޯޓާއެއް ކަނޑައަޅަން ޖެހިއްޖެނަމަ، މި މާއްދާގެ (ށ)، (ނ)ގެ ދަށުން ކޯޓާ ކަނޑައަޅާ ތަކެތި ފިޔަވައި އެހެން ތަކެއްޗަށް ކޯޓާ ކަނޑައަޅާނީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ލަފަޔާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

(ށ)  HCFC އާއި  HCFC ހިމެނޭ ބާވަތްތކާށް ކޯޓާ ކަނޑައަޅާނީ HCFC” އާއި HCFC ހިމެނޭ ބާވަތްތައް ބޭނުންކުރުން މެނޭޖްކޮށް ކޮންޓްރޯލްކުރުމާއި ބެހޭ ގަވާއިދު 2010" ގެ ދާސުން އެ ގަވާއިދު ތަންފީޒުކުރާ މުއައްސަސާއަކުންނެވެ.

(ނ) ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ރާއްޖޭގެ ކަނޑުތަކުން ބޭނުމަށް ހުއްދަކުރާ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ކޯޓާ ކަނޑައަޅާނީ އެ ގާނޫނު ތަންފީޒުކުރާ މުއައްސަސާއަކުންނެވެ.

(ރ) މި މާއްދާގެ (ހ)ގައި ބަޔާންވެގެންވާ ކޯޓާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައެޅުމަށްފަހު އެ ކޯޓާއަށް ވުރެ އިތުރަށް ރާއްޖެއަށް މުދާ ގެނެސްފިނަމަ ނުވަތަ ކޯޓާ ނެތް ފަރާތަކުން މުދާ ގެނެސްފިނަމަ، އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. ނަމަވެސް މުދަލުގެ ބާވަތާއި ހާލަތަށް ރިއާޔަތްކޮށް ކޯޓާ އިތުރުކޮށްދިނުމުގެ އިހްތިޔާރު ސަރުކާރުގެ ކަމާބެހޭ މުއައްސަސާގެ ލަފަޔާއެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިގޮތުން ކޯޓާ އިތުރުކޮށް ނުެދެވޭ މުދަލާ މެދު އަމަލު ކުރެވޭނީ، "ކަސްޓަމްސް އާންމު ގަވާއިދު" އާ އެއްގޮތް ވާގޮތުގެ މަތިންނެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކޯޓާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައެޅުމަށްފަހު، އެ ކޯޓާއަށް ވުރެ އިތުރަށް މުދާ ރާއްޖެއިން އެކްސްޕޯޓްކުރަން ނުވަތަ ރީއެކްސްޕޯޓް ކުރަން އުޅެފިނަމަ، ނުވަތަ ކޯޓާ ނެތް ފަރާތަކުން، މުދާ އެކްސްޕޯޓްކުރަން ނުވަތަ ރީއެކްސްޕޯޓްކުރަން އުޅެފިނަމަ އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. މިފަދަ މުދަލާ ދޭތެރޭ އަމަލުކުރެވޭނީ، "ކަސްޓަމްސް އާންމު ގަވާއިދު" އާ އެއްގޮތް ވާގޮތުގެ މަތިންނެވެ.

 

9 ވަނަ މާއްދާ - އިމްޕޯޓް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުން

(ހ) ގާނޫނެއްގައި ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން ސިއްހީ ސަބަބަކާ ހުރެ ނުވަތަ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން ނުވަތަ އެހެންވެސް މުހިންމު ސަބަބަކާހުރެ ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް ގެނައުން، އެ ގާނޫނުގެ ނުވަތަ އެ ގަވާއިދުގެ ދަށުން މަނާކުރަން ސަރުކާރުގެ މުއައްސަސާއަކުން  ނިންމައިފިނަމަ، އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާއި ހަމައަށް، އެފަދަ މުދަލަށް ލައިސަންސް ދުލެއް ނުކުރެވޭނެއެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން ވެސް މިފަދަ މުދަލެއް ނުގެނެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން މުދަލެއް އިމްޕޯޓްކުރުން މަނާކުރުމުގެ އެފަދަ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރަން އުޅެފިނަމަ އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. މިފަދަ މުދަލާ ދޭތެރޭގައި އަމަލުކުރެވޭނީ، "ކަސްޓަމްސް އާންމު ގަވާއިދު" އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ - މުދާ އެކްސޕޯޓް ކުރުމަށާއި ރީއެކްސްޕޯޓް ކުރުމަށް ލައިސަންސް ދިނުން ވަގުތީ ގޮތުން ހުއްޓާލުން

ގާނޫނެއްގައި ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން، ސިއްހީ ސަބަބަކާ ހުރެ ނުވަތަ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން ނުވަތަ އެހެންވެސް މުހިންމު ސަބަބަކާ ހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓް ކުރުން މަނާކުރަން ޖެހިއްޖެނަމަ އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާއި ހަމައަށް އެފަދަ މުދާ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް  ލައިސަންސް ދުލެއް ނުކުރެވޭނެއެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން މިފަދަ މުދަލެއް އެކްސްޕޯޓެއް ނުކުރެވޭނެއެވެ. އަދި އެފަދަ މުދަލެއް ރީއެކްސްޕޯޓެއް ވެސް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން، މުދަލެއް އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓްކުރުން މަނާކުރުމުން އެފަދަ މުދަލެއް ރާއްޖެއިން އެކްސްޕޯޓްކުރަން ނުވަތަ ރީއެކްސްޕޯޓް ކުރަން އުޅެފިނަމަ، އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. މިފަދަ މުދަލާ ދޭތެރޭގައި އަމަލުކުރެވޭނީ "ކަސްޓަމްސް އާންމު ގަވާއިދު"ގެ އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

11 ވަނަ މާއްދާ – ރީއެކްސްޕޯޓްކުރުމަށް ގެންނަ ތަކެތި

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު)ގެ (5) ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ފަދައިން ރީއެކްސްޕޯޓް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން، ރީއެކްސްޕޯޓް ވިޔަފާރި ކުރުމަށްޓަކައި ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރީއެކްސްޕޯޓް އެގްރީމަންޓް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ރީއެކްސްޕޯޓް އެގްރީމަންޓް ކޮށްފައިވާ ފަރާތަކުން ރީއެކްސްޕޯޓްކުރުމަށް ރާއްޖެއަށް ގެންނަ މުދާ ރީއެކްސްޕޯޓް ކުރެވެންދެން، އެ މުދާ ބަހައްޓާފައި ހުންނަންވާނީ މޯލްޑިވްސް ކަސްޓަމްސް ސަރިވސް އިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމސްގެ ބެލުމުގެ ދަށުގައެވެ.

(ރ) ގާނޫނެއްގައި ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން ސިއްހީ ސަބަބަކާ ހުރެ ނުވަތަ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގުޅިގެން ނުވަތަ އެހެންވެސް މުހިންމު ސަބަބަކާ ހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް ރީއެކްސްޕޯޓް ކުރުން މަނާކުރުން ޖެހިއްޖެނަމަ. އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާ ހަމައަށް އެފަދަ މުދާ ރީއެކްސްޕޯޓް ކުރުމަށް ލައިސަންސް ދުލެއް ނުކުރެވޭނެއެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުންވެސް މިފަދަ މުދަލެއް ރީއެކްސްޕޯޓެއް ނުކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ލައިސަންސް

(ހ) ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެނެސްފައިވާ މުދަލެއް، ކަސްޓަމްސް އިން ކްލިއަރކޮށް އެތެރެކުރުމުގެ ކުރިން، އެއްވެސް ސަބަބަކާ ހުރެ، އެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާލަން ޖެހިއްޖެ ހާލަތެއްގައި، އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތް ނޫން އެހެން ފަރާތަކަށް ފޮނުވާލަން ޖެހިއްޖެނަމަ، އެފަދަ މުދަލެއް ރާއްޖެއިން ބޭރަށް ފޮނުވާލެވޭނީ ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ލައިސަންސެއް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނުވަތަ އެމިނިސްޓްރީއަކުން ކަނޑައަޅާ ފަރާތަކުން ނެގުމަށް ފަހުގައެވެ. އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތަށް ފޮނުވާލާނަމަ، ބެލެވޭނީ، އެ މުދަލަކީ ރާއްޖެއިން ބޭރަށް އަނބުރާ ފޮނުވާލާ މުދަލުގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ)ގެ ދަށުން، ވަގުތީގޮތުން ރީއެކްސްޕޯޓް ކުރަންޖެހޭ މުދަލަށް ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ލައިސަންސް ދޫކުރެވޭނީ، އެ މުދަލުގެ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގަބޫލުކުރާ އެފް.އޯ.ބޯ އަގުގެ މައްޗަށް ކަނޑައެޅޭ ރޮޔަލްޓީއެއް މީރާއަށް ދެއްކުމަށް ފަހުގައެވެ. މި ރޮޔަލްޓީގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓުންނެވެ. މިގޮތުން ކަނޑައަޅާ ރޮޔަލްޓީގެ މިންވަރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕަމަންޓުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ރީއެކްސްޕޯޓް ރޮޔަލްޓީ

(ހ) މި ގަވާއިދުގެ (11) ވަނަ މާޢްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރީއެކްސްޕޯޓް ކުރާ ފަރާތާއި މިނިސްޓްރީ އޮފް އިކޮނޮމިކް  ޑިވޮލޮޕްމަންޓާއި އެކު ކުރެވޭ އެގްރީމަންޓުގައި ކަނޑައަޅާފައިވާ ރޮޔަލްޓީ އެ އެގްރީމަންޓުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މީރާއަށް ދައްކަންޖެހޭނެއެވެ. މި ރޮޔަލްޓީގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުންނެވެ. މިގޮތުން ކަނޑައަޅާ ރޮޔަލްޓީގެ މިންވަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން އާއްމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރޮޔަލްޓީ ހިސާބުކުރުމުގައި، ރީއެކްސްޕޯޓް ކުރެވޭ މުދަލުގެ އަގު ކަމުގައި ބަލާނީ، ރީއެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައިވާ އިންވޮއިސްގެ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ގަބޫލުކުރާ އެފްއޯބީގެ އަގެވެ. މި އަގުން ރޮޔަލްޓީ އަށް ދައްކަންޖެހޭ ފައިސާ އެގްރީމަންޓުގައިވާ ގޮތުގެ މަތިން މީރާއަށް  ދައްކަންވާނެއެވެ.

 

14 ވަނަ މާއްދާ - އިމްޕޯޓް ޑިއުޓީ ނެގުމާއި އެކްސްޕޯޓް ޑިއުޓީ ނެގުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ (7) ވަނަ މާއްދާގެ ދަށުން އިމްޕޯޓް ޑިއުޓީ ނެގުމާއި، އިމްޕޯޓް ޑިއުޓީ ނެގުމުގެ ހުރިހާ އުސޫލުތަކެއް ކަނޑައެޅުމާއި އެ މާއްދާގައިވާ ފަދައިން، މުދަލާބެހޭ ތަފްސީލުތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ، ބުނެވިދިޔަ ފަދައިން މުދަލާބެހޭ ގާނޫނުގެ ހުދޫދުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންނެވެ.

(ށ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ (3) ވަނަ މާއްދާގެ ދަށުން އެކްސްޕޯޓް ޑިއުޓީ ނަގާނީ ބުނެވިދިޔަ ގާނޫނުގެ ހުދޫދުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންނެވެ.

 

15 ވަނަ މާއްދާ - ދަތުރުވެރިން ގެންނަ ތަކެތި

31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ (5) ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދަތުރުވެރިން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ ތަކެއްޗަށް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މި ތަކެތި އިމްޕޯޓް ކުރުމަށް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

 

16 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތި

ގާނޫނު ނަންބަރ 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ (5) ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ ތަކެއްޗަށް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މިތަކެތި އިމްޕޯޓް ކުރުމަށް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

 

17 ވަނަ މާއްދާ - ޑިއުޓީ މައާފުކުރުމަށް ހުށަހަޅަންޖެހޭ ލިޔުން

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް ސަރުކާރުގެ މުއައްސަސާއަކުން  ކަނަޑައަޅާ ތަކެތީގެ މައުލޫމާތު ހިމެނޭ ލިޔުން، އެ މުއައްސަސާއަކުން ސީދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވަންވާނެއެވެ. މިގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެތަކެތީގެ ޑިއުޓީ މައާފުކޮށްދޭން ވާނީ އެ މުއައްސަސާއަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވި ލިޔުމުގައިވާ ގޮތުގެ މަތިންނެވެ.

 

18 ވަނަ މާއްދާ - ބަޔޯޑިގްރޭޑަބަލް ތަކެތި ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު  31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ (5) ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ތަކެތީގެ ޑިއުޓީ މައާފްކޮށް އެތެރެކުރުމަށް އެދޭ ފަރާތްތަކުން އެ މުދާ އެތެރެކުރުމުގެ 14 ދުވަސްކުރިން، އެ މުދަލުގެ ސާމްޕަލް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީ އަށް ހުށަހަޅަން ވާނެއެވެ. މި ސާމްޕަލް ހުށަހެޅުމުން، މި ސާމްޕަލްގައިވާ ތަކެއްޗަކީ ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ކޮޕީކޮށް އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އެޖެންސީއިން އެ ފަރާތަކަށް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީ އަށް ހުށަހަޅާ ތަކެޓީގެ ށިޕްމަންޓް އައުމުން އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާނަމަ އެ ށިޕްމަންޓުގެ ސާމްޕަލް މޯލްޑިވސް ކަސްޓަސް ސަރވިސް އިން ނެގުމަށް ފަހު އެ މުދަލުގެ ޑިއުޓީ މައާފުކޮށް ދޫކުރެވިދާނެއެވެ.

(ނ) މި މާއްދާގެ(ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ މުދަލުން ޑިއުޓީ މައާފުކޮށްދެވޭނީ އެ މުދަލަކީ، ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ލިޔުންތަކަކީ، ސައްހަ ލިޔުންތަކެއް ކަމަށާއި، އެ ލިޔުންތަކުގައި އެ މުދަލަކީ، ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީ އިން އިތުރަށް ބެލި ބެލުމުން އެ މުދަލަކީ، ބަޔޯޑިގްރޭޑަބަލް  މުދާ ނޫންކަމަށް އެ އެޖެންސީއަށް އެނގުމާއި ގުޅިގެން އެކަން ކަނޑައަޅައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އެ އެޖެންސީއިން އަންގައިފިނަމަ، އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށް އެއްބަސްވާކަމަށް އެ މުދާ އެތެރެކުރި ފަރާތުން މޯލްޑިވްސް ކަސްޓާމްސް ސަރވިސްގައި އިގްރާރުވެ ސޮއިކުރުމަށްފަހުގައެވެ.

(ރ) މި މާޢްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސާމްޕަލް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނެގުމަށްފަހު އެ ސާމްޕަލް، އެތަކެތި އެތެރެކުރި ފަރާތް އެނގޭނެހެން، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީ އިން ކަނޑައަޅާ ގޮތެއްގެ މަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެ އެޖެންސީއަށް ފޮނުވައިދޭން ވާނެއެވެ.

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސް އިން، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށް ފޮނުވި ސާމްޕަލްގައިވާ ތަކެތި އެ އެޖެންސީއިން ޓެސްޓް ކުރުމަށްފަހު އެތަކެއްޗަކީ ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް ކަނޑައަޅައި، ފުރަަތަމަ ހުއްދަ ދެވުނު ށިޕްމަންޓުގައި ހިމެނޭ މުދަލާ ދިމާވާކަން ނުވަތަ ނޫންކަން އެ އެޖެންސީއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ފަދައިން އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީ އިން އެ ތަކެއްޗަކީ، ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް ކަނޑަައަޅައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގައިފިނަމަ މި މާއްދާގެ (ނ)ގައި އިގްރާރުވެފައިވާ ފަދައިން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދެއްކުމަށްފަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެ މުދާ އެތެރެކުރި ފަރާތައް އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ރިނިއުބަލް އެނަރޖީ އުފައްދާ ތަކެއްޗާއި، ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު)ގެ (5) ވަނަ މާއްދާގެ (ޅ)،(ކ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ޑިއުޓީ މައާފުކުރެވޭނީ، އެތަކެއްޗަކީ ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެތި ކަމަށް ނުވަތަ ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތި ކަމަށް ކަނޑައަޅައި އެކަން ބަޔާންކުރާ ލިޔުން، މޯލްޑިވްސް އެނަރޖީ އޮތޯރިިޓީ އިން ސީދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ  ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފްކޮށްދިނުމަށް އެދޭ ފަރާތްތަކުން މި ގަވާއިދުގެ، ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - މަސް އެކްސްޕޯޓް ކުރުމަށާއި ޕްރޮސެސްކުރުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު)ގެ (5) ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސްކޮށް ވެލިޔު އިތުރުކުރަމށް އިމްޕޯޓްކުރާ ތަކެތި ކަމަށް ބަލައި މިތަކެތިން އިމްޕޯޓް ޑިއުޓީ މައާފްކޮށްދެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  މި އުސޫލު މިގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިއުޓީ މައާފުކުރަން އެދޭ ފަރާތްތަކުން، "ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމް" އާއި މި ފޯމާގުޅޭ ލިސްޓް ފުރިހަމަކޮށް މުދާ ގެނައުމުގެ 14 ދުވަސްކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށް ފޮނުވަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ބޭނުމަށް އިމްޕޯޓްކުރާ ތަކެތިން، ޑިއުޓީ މައާފުކޮށްދެވޭ ފަރާތުގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް އިމްޕޯޓްކުރާ ތަކެތިން، ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

 

21 ވަނަ މާއްދާ - ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު)ގެ (5)ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަދައިން ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި ރޯމެޓީރިއަލުން ޑިއުޓީ މައާފުކޮށްދެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުސޫލު، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިއުޓީ މައާފުކުރަން އެދޭ ފަރާތްތަކުން "ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމް" އާއި މި ފޯމާގުޅޭ ލިސްޓް ފުރިހަމަކޮށް މުދާ ގެނައުމުގެ 14 ދުވަސްކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދެވޭ ފަރާތުގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

 

22 ވަނަ މާއްދާދަނޑުވެރިކަން ފުޅާކުރުމަށްޓަކައި އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ (5) ވަނަ މާއްދާގެ (މ) ގައި  ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ އިގްތިސާދު ފުޅަކުރުމުގެ ގޮތުން، ދަނޑުވެރިކަން ފުޅަކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށްޓަކައި އިމްޕޯޓުކުރާ އެންމެހައި މުދަލުން ޑިއުޓީ މައާފުކޮށްދެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުސޫލު، މި ގަވއދިުގެ ޖަދުވަލު 5 ގައިި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިއުޓީ މައާފުކުރަން އެދޭ ފަރާތްތަކުން، "ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމު" އާއި މި ފޯމާގުޅޭ ލިސްޓު ފުރިހަމަކޮށް، މުދާ ގެނައުމުގެ 14 ދުވަސް ކުރިން، މިނިސްޓްޜީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އިމްޕޯޓްކުރާ ތަކެތިން، ޑިއުޓީ މައާފުކޮށްދެވޭ ފަރާތުގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް، މިނިސްޓްޜީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އިމްޕޯޓްކުރާ ތަކެތިން، ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

 

23 ވަނަ މާއްދާ - ޑިއުޓީ މައާފުކުރެވޭ އުޅަނދުފަހަރު

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ (7) ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ފަދައިން އަންނަނިވި ބޭނުންތަކަށް ވަގުތީ ގޮތުން ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ އުޅަނދުފަހަރު ރާއްޖޭގައި ބޭނުންކުރުމަށް ޑިއުޓީ މައާފުކޮށްދެވޭނެއެވެ.

  1. ފަތުރުވެރިކަމަށް ބޭނުންކުރުމަށް، ވަގުތީ ގޮތުން ގެންނަ އުޅަނދުފަހަރު.
  2. މުދަލާއި ފަސިންޖަރުން އުފުލުމަށް، ވަގުތީ ގޮތުން ގެންނަ އުޅަނދުފަހަރު.
  3. ރާއްޖޭގައި ކުރެވޭ އެކިއެކި އިގްތިސާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ވަގުތީ ގޮތުން ގެންނަ ތަފާތު އުޅަނދުފަހަރު.

 

(ށ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން ވަގުތީ ގޮތުން ރާއްޖެގައި ބޭނުންކުރުމަށް ގެންނަ އުޅަނދުފަހަރު ކަމުގައި ބަލާނީ ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްގެ ބޭނުމަށް 5 (ފަހެއް) އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ގެންނަ އުޅަނދުފަހަރެވެ. ޕްރޮޖެކްޓެއްގެ މުއްދަތު 5 (ފަހެއް) އަހަރަށް ވުރެ ދިގުނަމަ ޑިއުޓީ މައާފުކޮށްދެވޭނީ، 5 (ފަހެއް) އަހަރަށެވެ. ޕްރޮޖެކްޓުގެ މުއްދަތު 5 (ފަހެއް) އަހަރަށް ވުރެ ކުރުނަމަ، އެ ޕްރޮޖެކްޓުގައި ކަނޑައަޅާފައިވާ މުއްދަތަކަށެވެ. އުޅަނދެއް ރާއްޖެއިން ބޭރަށް ގެންދިއުމަށް ކަނޑައަޅާފައިވާ މުއްދަތު، 5 (ފަހެއް) އަހަރަށް ވުރެ ދިގުނަމަ ޑިއުޓީ މައާފުކޮށްދެވޭނީ 5 (ފަހެއް) އަހަރަށެވެ. އުޅަނދު ރާޢްޖެއިން ބޭރަށް ގެންދިއުމަށް ކަނޑައަޅާފައިވާ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ކުރު ނަމަ އެ މުއްދަތަކަށެވެ.

(ނ) މި މާއްދާގެ (ހ)ގައި ބަޔާންކުރެވުނު ބޭނުންތަކަށް ގެންނަ އުޅަނދުފަހަރު ގެންނަންވާނީ، އެ އުޅަނދެއް ގެންނަ ފަރާތުން ކަނޑައަޅާ ޕްރޮޖެކްޓުގެ މަސައްކަތާގުޅޭ، ސަރުކާރުގެ މުއައްސަސާއަކަށް ހުށަހަޅައި، އެ މުއައްސަސާއަކުން އެ ޕްރޮޖެކްޓް ރަޖިސްޓަރ ކޮށްދިނުމާށްފަހު އެ މުއައްސަސާ އިން ދޫކުރާ ލިޔުން އެ ފަރާތަކަށް ލިބުމަށް ފަހުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުންތަކަށް ވަގުތީގޮތުން ގެންނަ އުޅަނދުފަހަރު، ރާއްޖޭގައި އޮންނަ މުއްދަތުގައި ބޭނުންކުރުމަށް ހުއްދަ ހޯދުމަށްޓަކައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުން، ދަތުރުފަތުރާބެހޭ ވުޒާރާއަށް ހުށަހަޅައި، އެ އުޅަނދު ރާއްޖޭގައި އޮންނަ މުއްދަތުގައި ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ހޯދަންވާނެއެވެ.

(ބ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ބޭނުމަށް، ވަގުތީ ގޮތުން ގެންނަ އުޅދަނދުފަހަރުގެ ޑިއުޓީ މައާފުކުރުމަށްޓަކައި ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު)ގެ (7) ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ފަދައިން، ތިރީގައި ބަޔާންކުރާ ލިޔުންތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހަޅަންވާނެއެވެ.

  1. އުޅަނދު އުފެއްދި ތާރީހް
  2. އުޅަނދުން ކުރެވޭ ބޭނުން
  3. އުޅަނދުގެ ބޮޑުމިން
  4. އުޅަނދުގެ އަގު
  5. އުޅަނދުގެ އިންށުއަރެންސް
  6. އުޅަނދު ރާއްޖޭގައި ބޭނުންކުރުމަށް ކުއްޔަށް ހިފި އެގްރީމަންޓުގެ ކޮޕީ
  7. އުޅަނދު ރާއްޖޭގައި އޮންނަ މުއްދަތުގައި ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދޭނެކަމުގެ ލިޔުން. (މި ލިޔުމަކީ މި މާޢްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ދޫކުރާ ލިޔުމެކެވެ.)
  8. އުޅަނދު އެތެރެކުރާ ކުންފުނީގެ ނުވަތަ ޕާޓްނާށިޕްގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރަޖިސްޓަރީގެ ކޮޕީ، (އަމިއްލަ ފަރާތެއް ނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ)
  9. އުޅަނދު އެތެރެކުރި ކުންފުނިން ސަރުކާރަށް ޓެކްސް ދެއްކުމަށްޓަކައި ޓެކްސް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ލިޔުން.
  10. އުޅަނދު ރާއްޖެއިން ބޭރަށް އަނބުރާ ގެންދިއުމަށް ކަނޑައަޅާފައިވާ ތާރީހް.

 

(ޅ) މި މާޢްދާގައި ބަޔާންކުރާ ޕްރޮޖެކްޓަކަށް ގެނެސްފައިވާ އުޅަނދެއް މި މާއްދާގެ (ށ)ގެ ދަށުން ޑިއުޓީ މައާފުކޮށްފައިވާ  މުއްދަތު ހަމަވުމަށްފަހު، އެހެން ޕްރޮޖެކްޓެއްގައި އެ އުޅަނދު ބޭނުންކުރެވޭނީ، އެ އުޅަނދު އެތެރެކުރިއިރު، އެ އުޅަނދުގެ އަގުކަމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކަނޑައަޅާފައިވާ އަގުން، އެ އުޅަނދަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ސަރުކާރަށް ދެއްކުމަށް ފަހުގައެވެ.

 

24 ވަނަ މާއްދާ - ރެވެނިއުގެ ފީ ދައްކަންޖެހޭ އުޅަނދުފަހަރު

(ހ) މި ގަވާއިދުގެ (23) ވަނަ މާއްދާގެ (ހ)ގެ ދަށުން، ޑިއުޓީ މައާފުކޮށްދެވޭ އުޅަނދުފަހަރަށް، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (7) ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ރެވެނިއުގެ ފީ އަށްވާ 10000 (ދިހަހާސް) ރުފިޔާ، އެ އުޅަނދެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކްލިއަރކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންވާނެއެވެ. މީގެ ފަހުން ކޮންމެ އަހަރަކު ދައްކަންޖެހޭ ފީ، އެ އަހަރެއްގެ ޖެނުއަރީ 15 ގެ ކުރިން މީރާއަށް ދައްކަން ޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފީ ކަނޑައަޅާފައިވާ މުއްދަތުގައި ދައްކާފައި ނުވާނަމަ ދައްކަންޖެހޭފީ، ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން އެ ފަރާތެއް ޖޫރިމަނާ ވާނެއެވެ.

(ނ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (7) ވަނަ މާއްދާގެ (ބ)ގެ ދަށުން ފީ ދައްކަމުންދާ އުޅަނދެއް، ބުނެވިދޔަ ގާނޫނުގެ (7) ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިއްކާލުމަށް ނުވަތަ އަމިއްލަކުރުމަށް ޑިއުޓީ ދެއްކުމުން އެ އުޅަނދަކާބެހޭ މައުލޫމާތު މީރާއިން އަންގާގޮތެއްގެ މަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، މީރާއަށް ފޮނުވަން ވާނެއެވެ. އަދި މި މައުލޫމާތު މީރާއަށް ލިބުމުން އަހަރުން އަހަރަށް ރެވެނިއު ފީ ދައްކަންޖެހޭ އުޅަނދުފަހަރުގެ ރަޖިސްޓަރީ އިން އެ އުޅަނދެއް އުނިކުރަންވާނެއެވެ.

(ރ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (7) ވަނަ މާއްދާގެ (ބ)ގެ ދަށުން ފީ ދައްކަމުންދާ އުޅަނދެއް އެ އަހަރަށް ފީ ދައްކަންޖެހޭ މުއްދަތުގެ ކުރިން ވިއްކާލައިފިނަމަ ނުވަތަ އަމިއްލަކޮށްފިނަމަ، އެ އުޅަނދަށް އެ އަހަރު ދައްކަންޖެހޭ ރެވެނިއުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ފީ ދައްކާފައި ވަނިކޮށް އެ އަހަރު އެ އުޅަނދު ވިއްކާލައިފިނަމަ ނުވަތަ އަމިއްލަކޮށްފިނަމަ، އެ އުޅަނދަށް އެ އަހަރަށް ދައްކާފައިވާ ރެވެނިއުގެ ފީ، އަނބުރައެއް ނުލިބޭނެއެވެ.

(ބ) މި ގަވާއިދުގެ (23) ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް އެތެރެކުރާ އުޅަނދުފަހަރުން، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (7) ވަނަ މާއްދާގެ (ނ) ގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޑިއުޓީ މައާފުކޮށްދިނުމަށްފަހު އެ އުޅަނދުގެ މައުލޫމާތު، މީރާއިން އަންގާ ގޮތެއްގެ މަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން،  މީރާއަށް ފޮނުވައިދޭން ވާނެއެވެ.

 

25 ވަނަ މާއްދާ - އިގްތިސާދީ ގޮތުން ބޭނުންތެރި މަސައްކަތްތަކަށް ގެނެޥޭ ތަކެތި

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (8) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިގްތިސާދީގޮތުން ދިވެހިރާއްޖޭއަށް ބޭނުންތެރި މަސައްކަތްތައް ފެށްޓުމަށާއި، މަސައްކަތް ކުރުމަށާއި، އެ މަސައްކަތް ހިންގުމަށް، އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ ނުވަތަ އިމްޕޯޓް ޑިއުޓީން ބައެއް މައާފްކުރުމުގެ އިހްތިޔާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

 

26 ވަނަ މާއްދާ - އާންމު ފައިދާއަށް އިމްޕޯޓްކުރާ ތަކެތި

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (8) ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ނުވަތަ ރަށެއްގެ މުޅި ރައްޔިތުންގެ އާންމު ފައިދާއަށްޓަކައި އިމްޕޯޓްކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ ނުވަތަ އިމްޕޯޓް ޑިއުޓީން ބައެއް، ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި މައާފްކުރުމުގެ އިހްތިޔާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

 

27 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފްކުރުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (8) ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުން ރާއްޖެ ގެންނަ އަދި ގެންދާ ތަކެތީގެ ޑިއުޓީ، ދިވެހިރާއްޖެ ގަބޫލުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިސްތިސްނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)ގެ ދަށުން ޑިއުޓީ މައާފުކޮށްދެވޭނީ، މުދާ އެތެރެކުރި ފަރާތަކީ، މި މާއްދާގެ (ހ)ގައި ބުނެފައިވާ ފަރާތެއްކަން ނުވަތަ ދިވެހިރާއްޖެ ގަބޫލުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑިއުޓީ މައާފުކުރެވޭނެ ފަރާތެއްކަން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އެންގުމުންނެވެ.

 

28 ވަނަ މާއްދާ - މުއާހަދާތަކާއި އެގްރީމަންޓް ތަކުގެ ދަށުން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ 10 ވަނަ މާއްދާގައިވާ ފަދައިން ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ނުވަތަ ދިވެހި ސަރުކާރާ، ބޭރު ގައުމެއްގެ ސަރުކާރަކާ ދެމެދު ކުރެވޭ އެގްރީމަންޓެއްގެ ދަށުން ރާއްޖެއަށް ގެންނަ އަދި ރާއްޖެއިން ގެންދާ ތަކެތީގެ ޑިއުޓީގެ މައްސަލަ އެ މުއާހަދާއެއް ނުވަތަ އެ އެގްރީމަންޓެއްގައިވާ ގޮތުގެ މަތިން ހަމަޖެއްސޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިއުޓީ މައާފުކޮށްދެވޭނީ އެ މުއާހަދާއެއްގެ ދަށުން ނުވަތަ އެ އެގްރީމަންޓެއްގެ ދަށުން، ޑިއުޓީ މައާފްކުރުމަށްޓަކައި އެ މުއާހަދާއެއގައި ނުވަތަ އެ އެގްރީމަންޓުގައި ލިޔުމެއް ހުށަހެޅުމަށް ބަޔާންކޮށްފައިވާނަމަ އެ ،ލިޔުމެއް  އެ މުދަލެއް ގެނައި ފަރާތަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުމުންނެވެ.

 

29 ވަނަ މާއްދާ - ކޮންސައިނީ ބަދަލުކުރުން

(ހ) ރާއްޖެއަށް މުދާ ގެންނައިރު އެ މުދަލުގެ ބިލް އޮފް ލޭޑިންގ ގައި އެ މުދަލުގެ ކޮންސައިނީ ކަމަށް ކަނޑައަޅާފައިވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި އެ މުދާ އިމްޕޯޓް ކުރަން ޖެހިއްޖެނަމަ، އެ މުދާ އިމްޕޯޓްކުރެވޭނީ، އެ މުދަލުގެ ކޮންސައިނީ ބަދަލުކުރުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅައި ހުއްދަ ލިބުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންސައިނީ ބަދަލުކުރަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ، މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކުގައެވެ.

(ނ) ކޮންސައިނީ ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ކޮންސައިނީ ބަދަލުކުރުމަށް ހުއްދަ ދެވޭ ކޮންސައިންމަންޓްތައް ފިޔަވައި އެހެން ކޮންސައިންމަންޓްތައް އިމްޕޯޓްކުރެވޭނީ އެ ކޮންސައިންމަންޓެއް، ބިލް އޮފް ލޭޑިންގ ފައި ކޮންސައިންކޮށްފައިވާ ނަމުގައެވެ.

 

30 ވަނަ މާއްދާ - އުވާލެވޭ ގަވާއިދާއި އިއުލާން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ، ތިރީގައި ބަޔާންކުރާ ގަވާއިދުތަކާޢި އިއުލާންތައް ބާތލުވީއެވެ.

(ށ) މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން 1 ޖޫން 1995 ގައި ނެރެ އަމަލުކުރަންފަށާފައިވާ "މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމުގެ ގަވާޢިދު".

(ނ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) އަށް ގެނެވެނު 9 ވަނަ އިސްލާހަށް، 1 ޑިސެމްބަރ 2011 ގައި އަމަލުކުރަން ފެށުމާއި ގުޅިގެން ބުނެވިދިޔަ ގާނޫނުގެ ދަށުން 1 ޑިސްމެބަރ 2011 ގެ ކުރިން ކޮށްފައިވާ އިއުލާންތައް.

 

31 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011/11) ގެ ދަށުން ޑިއުޓީ މައާފުކޮށްދެވިފައިވާ ކޮށްދިނުން މިގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

 

32 ވަނަ މާއްދާ - މާނަ

"ހުއްދަ" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށް ނުވަތަ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށް ނުވަތަ ދިވެހިރާއްޖެއިން މުދާ ރީއެކްސްޕޯޓްކުރުމަށް  ނުވަތަ ޑިއުޓީ މައާފްކުރުމަށް ހުއްދަކޮށް އެފަރާތަކަށް ދޫކުރާ ލިޔުމަށާއި، މިއިން ކަމެއް ބަލަހައްޓާ ސަރުކާރުގެ މުއައްސަސާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކަމެއް ހުއްދަކޮށް ފޮނުވާ ލިޔުމެއްގައި ނުވަތަ ލިސްޓުގައި އެ ފަރާތެއްގެ ނަން ހިމެނިފައިވާ ހިމެނުމަށެވެ. މި ގަވާއިދުގެ ދަށުން ދޫކުރާ 'ލައިސަންސް' ވެސް ހިމެނޭނީ މި މާނައިގައެވެ.

"މުދަލެއް ރާއްޖެއަށް ގެނައުން" ކަމަށް ބުނެފައި އެވަނީ ރާއްޖެއިން ބޭރުން ރާއްޖެއަށް ގެންނަ މުދަލެއްގެ ގޮތުގައި ކޮންސައިންކޮށްގެން ގެންނަ މުދާ، ރާއްޖޭގެ ބަނދަރަކަސް ބޭލުމާ ހަމަޔަށެވެ.

"މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރުން" ކަމަށް ބުނެފައި އެވަނީ "ކަސްޓަމްސްގެ އާންމު ގަވާއިދު"ގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު  ކަސްޓަމްސްއިން މުދާ ކްލިއަރކޮށް އެ މުދާ ނެރުމަށެވެ.

"އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި މަދުކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރެވޭ ތަކެތި އިތުރުކުރުމަށް ތަކެތި އުފެއްދުމަށެވެ. މީޣެ ތެރޭގައި ހިދުމަތެއް ނުހިމެނޭނެއެވެ.

"ރީއެކްސްޕޯޓް" ކަމަށް  މިގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ގަވާއިދުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވިފައިވާ ތަކެތި، އެ ތަކެތީގެ ޒާތަށް ބަދަލެއް ނުގެނެސް، ދިވެހިރާއްޖެއިން ބޭރަށް ގަވާއިދުން ގެންދިއުމަށެވެ.

"ރާއްޖެއިން ބޭރަށް މުދާ އަނބުރާ ފޮނުވުން" ކަމަށް ދޭހަވާގޮތަށް މިގަވާއިދުގައި ބުނެފައި އެވަނީ މުދަލެއް ރާއްޖެއަށް ދޮނުވި ފަރާތަށް އެ މުދާ އަނބުރާ ފޮނުވާ ފޮނުވުމަށެވެ. އެހެން ފަރާތަކަށް އެ މުދާ ފޮނުވާނަމަ، ބެލެވޭނީ އެކްސްޕޯޓްކުރުން  ނުވަތަ ރީއެކްސްޕޯޓްކުރުން ކަމުގައެވެ.

"މީރާ" ކަމަށް މިގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

"އެނަރޖީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ ހަކަތައިގެ ދާއިރާގެ ގަވާއިދުތަކާއި މިންގަނޑުތައް ހަދައި ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްސަސާ އަށެވެ.

 

 

--------

ޖަދުވަލު 1

ބަޔޯޑިގްރޭޑަބަލް ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

 

  1. ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯންޏާއި ޕޮލިތީން ފިލްމާއި، ޕޮލިތީން ށީޓާއި، ޕޮލިތީން ޓިއުބްރޯލާއި، ޕޮލިޔުރިތީންއާއި، ޕްރީ ފެބްރިކޭޓަޑް ގްރީން  ހައުސް ޔުނިޓާއި، ފެންވަޔަރު ކުރުމަށް ބޭނުންކުރާ ހޮޅިއާއި، ހައިޑްރޯ ޕޯނިކްސް އަދި ޑްރިޕް އިރިގޭށަނަށް ބޭނުންކުރާ ހޮޅިއާއި، މި ތަކެތީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ތަކެތިން، ޑިއުޓީ މައާފުކޮށްދެވޭނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (5) ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދެވޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

    (ހ) ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅު
    (ށ) ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ގޯނި
    (ނ) ބަޔޯޑިގްރޭޑަބަލް ޕޮލިތީން ފިލްމު
    (ރ) ބަޔޯޑިގްރޭޑަބަލް ޕޮލިތީން ށީޓް
    (ބ) ބަޔޯޑިގްރޭޑަބަލް ޕޮލިތީން ޓިއުބް ރޯލް
    (ޅ) ބަޔޯޑިގްރޭޑަބަލް ޕޮލިޔުރިތީން
    (ކ) ބަޔޯޑިގްރޭޑަބަލް ޕްރީ ފެބްރިކޭޓަޑް ގްރީން  ހައުސް ޔުނިޓް
    (އ) ފެންވަޔަރު ކުރުމަށް ބޭނުންކުރާ ހޮޅި
    (ވ) ހައިޑްރޯ ޕޯނިކްސް އަދި ޑްރިޕް އިރިގޭށަނަށް ބޭނުންކުރާ ހޮޅީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ހޮޅި.

  2. މި ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށްޓަކައި އެތަކެއްޗަކީ، ބަޔޯޑިގްރޭޑަބަލް ތަކެތިކަން ދެނެގަތުމަށް، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށް ބޭނުންވާ މައުލޫމާތާއި، ލިޔެކިޔުމާއި، ސާމްޕަލް، އެތަކެތި އެތެރެކުރާފަރާތުން، އެތަކެތި އެތެރެކުރުމުގެ 14 ދުވަސްކުރިން، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށް ހުށަހަޅަންވާނެއެވެ. (މިކަމަށް އެދި ހުށަހަޅާނީ، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.)
  3. މިޖަދުވަލުގެ ނަންބަރު (1) ގައި ބަޔާންކޮށްފައިވާ ތަކެތީ، އިމްޕޯޓްކުރާ ފަރާތްތަކުން ކޮންމެ ށިޕްމަންޓެއް ރާއްޖެއަށް ގެންނަން ވާނީ، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީ އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
  4. ބަޔޯޑިގްރޭޑަބަލް ތަކެތީގެ ގޮތުގައި ޑޮކިއުމެންޓް ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީއިން  ކަނޑައަޅާ މިންގަނޑާއި ހިލާފަށް ހުންނަ ތަކެތީގެ ޑިއުޓީ މައާފުކޮށެއް ނުދެވޭނެއެވެ. މިތަކެތި އިމްޕޯޓް ކުރެވޭނީ ބުނެވިދިޔަ ގާނޫނުގެ (7) ވަނަ މާއްދާގެ ދަށުން އެ ތަކެއްޗަށް ކަނޑައަޅާފައިވާ ޑިއުޓީ ދެއްކުމުންނެވެ.
  5. މި ޖަދުވަލުގެ (4) ވަނަ ނަންބަރުގައިވާ ފަދައިން ޑިއުޓީ ދައްކައިގެން އެ މުދާ އިމްޕޯޓްކުރަން ބޭނުން ނުވާނަމަ، އެ މުދަލާ މެދު އަމަލުކުރެވޭނީ، "ކަސްޓަމްސް އާންމު ގަވާއިދު" އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

 

----------------------

ޖަދުވަލު 2

ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެއްޗާއި، ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

 

  1. ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (5) ވަނަ މާއްދާގެ (ޅ)،(ކ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރުގައި ރިނިއުބަލް އެނަރޖީ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ހިންގާ މެށިނަރީ އާއި، ރިނިއުބަލް އެނަރޖީ ބޭނުންކުރާ އުފެއްދުމާއި، ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތިން، ޑިއުޓީ މައާފުކޮށްދެވޭނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން ގަބޫލުކުރާ، އިންޑިޕެންޑެންޓް ޓެސްޓިންގ އޮތޯރިޓީ އަކުން ޓެސްޓްކޮށް ރިނިއުބަލް އެނަރޖީ ބޭނުންކުރާ، އަދި ތިމާވެއްޓާ ރަހްމަތްތެރި އެއްޗެއްކަން ސަރޓިފައިކޮށްފައި އޮތް ލިޔުމެއް އެ އޮތޯރިޓީއަށް ލިބުމުންނެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދެވޭ ތަކެތި، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

    (ހ) ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރު.
    (ށ) ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ކަނޑުގައި ދުއްވާ އުޅަނދުފަހަރު.
    (ނ) މި މާއްދާގެ (ހ)، (ށ) ގައި ބަޔާންކޮށްފައިވާ ދެ ބާވަތުގެ އުޅަނދުފަހަރުގައި، ރިނިއުބަލް އެނަރޖީ އުފެއްދުމަށް ބޭނުންކުރާ ސާމާނު.
    (ރ) ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ހިންގާ މެށިނަރީ.
    (ބ) ހަމައެކަނި ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ނޫނީ އެ އެއްޗަކުން ކުރާ ބޭނުންކުރާ ބޭނުންކުރެވޭ ތަކެތި.
    (ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދެ ބާވަތުގެ އުޅަނދުފަހަރުގައި ، ރިނިއުބަލް އެނަރޖީ އެފެއްދުމަށް ބޭނުންކުރާ ތަކެތި.

  2. މި ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށްޓަކައި، އެކަމަށް އެދި، އެ މުދާ ރާއްޖެއަށް ގެނައުމުގެ މަދުވެގެން 14 ދުވަސްކުރިން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. (މިކަމަށް އެދި ހުށަހަޅާނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.)
  3. މި ޖަދުވަލުގެ ނަންބަރު (2) ގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހެޅުމުން އެ އޮތޯރިޓީއަށް ބޭނުންވާ އިތުރު މައުލޫމާތާއި، ލިޔެކިޔުމާއި، ސާމްޕަލް އެ ތަކެތި އެތެރެކުރާ ފަރާތުން، ހުށަހެޅުމަށް އަންގައިފިނަމަ، މި މައުލޫމާތު، އެ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ 14 ދުވަސްކުރިން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
  4. މި ޖަދުވަލުގެ ނަންބަރު (1) ގައި ބަޔާންކޮށްފައިވާ ތަކެތި އިމްޕޯޓްކުރާ ފަރާތްތަކުން ކޮންމެ ށިޕްމަންޓެއް ރާއްޖެއަށް ގެންނަންވާނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  5. ރިނިއުބަލް އެނަރޖީ އުފެއްދުމަށް، ބޭނުންކުރާ ތަކެއްޗާއި، ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކުރެވޭ އެއްވެސް އެއްޗަކުން އެނޫން ބޭނުމެއް ކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ބޭނުމެއް ކުރަން ވާނީ، އެ އެއްޗަކަށް ދައްކަންޖެހޭ ޑިއުޓީ މޯލްޑިވްސް ކަސްޓަމްސަ ސަރވިސް އަށް ދެއްކުމަށް ފަހުގައެވެ.

 

 

------------------------

ޖަދުވަލު 3

އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެއްޗާއި މަހުގެ ޑިއުޓީ މައާފުކުރުމަށް އެދި ހުށަހަޅުމުގެ އުސޫލު

 

  1. ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި މަހުން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (5) ވަނަ މާއްދާގެ (އ) ގެ ދަށުންނެވެ. މި ތަކެތިން ޑިއުޓީ މައާފުކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ، ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމާއި އެއާގުޅޭ ލިސްޓު، އެތަކެތި ރާއްޖެއަށް ގެނައުމުގެ މަދުވެގެ 14 ދުވަސްކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅާންވާނެއެވެ. (މިކަމަށް އެދި ހުށަހަޅާނީ، މިކަމަށް ތައްޔާރުކޮށްފައިވާ ފޯމް ފުރުމަށް ފަހުގައެވެ.)
  3. އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރަމަށް، އިމްޕޯޓް ކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން، އެ ތަކެތި ބޭނުންކުރާނީ މަސް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރުމަށް ކަމުގައި ކަނޑައަޅައި، އެ ފަރާތަކުން އިގްރާރުވެ ލިޔުމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ.
  4. މަސް އެކްސްޕޯޓް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
  5. މަސް އެކްސްޕޯޓް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުމަށް ކަނޑައެޅޭ ތަކެތީގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވޭނެއެވެ.  މިގޮތުން ޑިއުޓީ މައާފުކޮށްދީފައިވާ ތަކެތި، އެއް (1) އަހަރުގެ މުއްދަތުގެ ތެރޭގައި ގެނެސް ނިންމަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި މިތަކެތި އެކި ފަހަރު މަތިން ރާއްޖެއަށް ގެނައިނަމަވެސް، ޑިއުޓީ މައާފުކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އިތުރަށް ހުށަނާޅައި، އެތަކެތީގެ ޑިއުޓީ މައާފުކުރުމުގެ ކަންތައްތައް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހަމަޖައްސައި ދެވޭނެއެވެ.
  6. ޑިއުޓީ މައާފުކޮށްދެވޭނީ، ގިނަވެގެން އެއް އަހަރުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ އެކަމަށް އެދި ހުށަހެޅުމުންނެވެ.
  7. މަސް އެކްސްޕޯޓް ކުރުމަށާއި، ވެލިއު އިތުރުކުރުމުގެ މަސައްކަތަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ، މަސް އެކްސްޕޯޓް ކުރުމަށާއި، ވެލިއު އިތުރުކުރުމުގެ މަސައްކަތް، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކާމިޔާބު ކުރެވިފައިވާ ގޮތުގެ ތަފްސީލު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް  ހުށަހެޅުމުން އެކަމުގެ މައްޗަށް  ބަލައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމާ ނިންމުމެއްގެ މަތިންނެވެ.
  8. މަސް އެކްސްޕޯޓް ކުރުމަށާއި، ވެލިއު އިތުރުކުރުމުގެ  މަސައްކަތް ފުޅާކުރުމަށާއި، ވެލިއު އިތުރުކުރުމަށް ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ ތަކެތިން، މިނޫން ބޭނުމެއް ކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ބޭނުމެއް ކުރަންވާނީ އެތަކެއްޗަށޤ ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށް ފަހުގައެވެ. މިގަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި ހުށަހަޅަން ޖެހޭނީ މޯލްޑިވްސް ކަސްޓަމްސަ ސަރވިސް އަށެވެ.

 

 

 

------------

ޖަދުވަލު 4

ޕޯލްޓްރީ މަސައްކަތްތައް ފުޅާ ކުރުމަށާއި ވެރިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތީ ޑިއުޓީ މައާފްކުރުމާށް އެދި ހުށަހެޅުމުގެ އުސޫލު

 

  1. ޕޯލްޓްރީ މަސައްކަތްތައް ފުޅާ ކުރުމަށާއި ވެރިއު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި ރޯމެޓީރިއަލުން، ޑިއުޓީ މައާފްކޮށްދެވޭނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (5) ވަނަ މާއްދާގެ (ވ) ގެ ދަށުންނެވެ. މި ތަކެތިން ޑިއުޓީ މައާފުކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި ޖަދުވަލު (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ، ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމާއި އެއާގުޅޭ ލިސްޓް، އެތަކެތި ރާއްޖެއަށް ގެނައުމުގެ މަދުވެގެން 14 ދުވަސް ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ. (މިކަމަށް އެދި ހުށަހަޅާނީ، މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށް ފަހުގައެވެ.)
  3. ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް، އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި ރޯމެޓީރިއަލުން، ޑިއުޓީ މައާފުކުރުމަށް އެދޭ ފަރާތުން، އެތަކެތި ބޭނުންކުރާނީ، ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށާއި، ވެލިއު އިތުރުކުރުމަށާއި، ވެލިއު އިތުރުކުރުމުގައި ބޭނުންކުރުމަށް ކަމުގައި ކަނޑައަޅައި، އެ ފަރާތަކުން އިގްރާރުވެ، ލިޔުމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ.
  4. ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
  5. ޕޯލްޓްރީގެ މަސައްކަތް އިމްޕޯޓްކުރާ ތަކެތިން، ޑިއުޓީ މައާފުކުރުމަށް ކަނޑައެޅޭ ތަކެޓީގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވޭނެއެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދީފައިވާތީ ތަކެތި، އެއް (1) އަހަރުގެ މުއްދަތުގެ ތެރޭގައި ގެނެސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މި ތަކެތި، އެކި ފަހަރު މަތިން ރާއްޖެއަށް ގެނައި ނަމަވެސް، ޑިއުޓީ މައާފްކުރުމަށް، މި މިނިސްޓްރީ އޮގް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އިތުރަށް ހުށަނާޅައި، އެ ތަކެތީގެ ޑިއުޓީ މައާފުކުރުމުގެ ކަންތައްތައް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހަމަޖައްސައި ދެވޭނެއެވެ.
  6. ޑިއުޓީ މައާފުކޮށްދެވޭނީ ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ އެކަމަށް އެދި އަލުން ހުށަހެޅުމުންނެވެ.
  7. ޕޯލްޓްރީގެ މަސައްކަތަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ، އެންމެ ފަހުން ހުށަހެޅުނު ހުށަހެޅުމުގައި ބަޔާންކޮށްފައިވާ، ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށް ނުވަތަ ވެލިއު އިތުރުކުރުމަށް ކުރާނެ ކަމަށް ބުނެފައިވާ މަސައްކަތް، ކާމިޔާބުކުރެވިފައިވާ ގޮތުގެ ތަފްސީލް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓަށް ހުށަހެޅުމުން، އެކަމުގެ މައްޗަށް ބަލައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ނިންމާ ނިންމުމެއްގެ މަތިންނެވެ.
  8. ޕޯލްޓޤރީގެ މަސައްކަތްތައް ފުޅާކުރުމަށާއި، ވެލިއު އިތުރުކުރުމަށް، ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ ތަކެތިން، މިނޫން ބާނުމެއް ކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ބޭނުމެއް ކުރަންވާނީ، އެ ތަކެއްޗަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށް ފަހުގައެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި، ހުށަހަޅަންޖެހޭނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށެވެ.

 

 

 

---------

ޖަދުވަލު 5

އިގްތިސާދު ފުޅާކުރުމަށްޓަކައި، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

 

  1. ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ ގޮތުން ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ އެންމެހައި މުދަލުން ޑިއުޓީ މައާފުކޮށްދެވޭނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު)ގެ (5) ވަނަ މާއްދާގެ (މ) ގެ ދަށުންނެވެ. މި މުދަލުގެ ޑިއުޓީ މައާފުކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައި މިވާ ގޮތުގެ މަތިންނެވެ.
  2. މި ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމާއި އެއާގުޅޭ ލިސްޓު، އެ މުދާ ރާއްޖެއަށް ގެނައުމުގެ މަދުވެގެން 14 ދުވަސް ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑޭވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ. (މިކަމަށް އެދި ހުށަހަޅާނީ، މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށް ފަހުގައެވެ.)
  3. ދަނޑުވެރިކަމުގެ މަސައްކަތަށް ގެންނަ މުދަލުން ޑިއުޓީ މައާފްކުރުމަށް އެދޭ ފަރާތްތަކުން، އެ މުދާ ބޭނުންކުރާނީ، ދަނޑުވެރިކަން ފުޅާކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާތަކެތީގެ ވެލިއު އިތުރުކުރުމަށް ކަމުގައި ކަނޑައަޅައި، އެ ފަރާތަކުން އިގްރާރުވެ، ލިޔުމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ.
  4. ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ ގޮތުން ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ރާއްޖެއަށް  އެތެރެކުރާ ތަކެއްޗާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށްޓަކައި، އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކޮށްދެވޭ، ފަރާތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑޭވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
  5. ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ފަރާތުން އިމްޕޯޓް ކުރާ މުދަލުން ޑިއުޓީ މައާފްކުރުމަށް ކަނޑައެޅޭ މުދަލުގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމސް ސަރވިސްއަށް ފޮނުވޭނެއެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދީފައިވާ ތަކެތި، އެއް (1) އަހަރުގެ މުއްދަތުގެ ތެރޭގައި ގެނެސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މިތަކެތި އެކި ފަހަރުމަތިން ރާއްޖެއަށް ގެނައި ނަމަވެސް، ޑިއުޓީ މައާފުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް އިތުރަށް ހުށަނާޅައި، އެ ތަކެތީގެ ޑިއުޓީ މައާފުކުރުމުގެ ކަންތައްތައް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހަމަޖައްސައި ދެވޭނެއެވެ.
  6. ޑިއުޓީ މައާފްކޮށްދެވޭނީ، ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުން އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ އެކަމަށް އެދި އަލުން ހުށަހެޅުމުންނެވެ.
  7. ދަނޑުވެރިކަމުގެ މަސައްކަތަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް ކަނޑައާޅާފައިވާ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ، އެންމެ ފަހުން ހުށަހެޅުނު ހުށަހެޅުމުގައި ބަޔާންކޮށްފައިވާ، ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމަށް ނުވަތަ ވެލިއު އިތުރުކުރުމަށް ކުރާނެކަމަށް ބުނެފައިވާ މަސައްކަތް ކާމިޔާބު ކުރެވިފައިވާ ގޮތުގެ ތަފްސީލު،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން، އެކަމުގެ މައްޗަށް ބަލައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމާ ނިންމުމެއްގެ މަތިންނެވެ.
  8. ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށާއި، ވެލިއު އިތުރުކުރުމަށް، ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ މުދަލުން، މި ނޫން ބޭނުމެއް ކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ބޭނުމެއް ކުރަންވާނީ އެ މުދަލެއް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށް ފަހުގައެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި ހުށަހަޅަން ޖެހޭނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މި ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލު

ކޮންސައިނީ ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު – 9 ޖެނުއަރީ 2020)

 

މައި ގާނޫނު

 އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 31/1979)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު