-

ފުވައްމުލަކު ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 36/2012)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 151 ވަނަ މާއްދާއިން ބާރު ލިބިގެން އެ މާއްދާ (ހހ) އަށް ރިއާޔަތްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ މަށްވަރާއާއެކު ފުވައްމުލަކު ބަނދަރު ބެލެހެއްޓުމާބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މިގަވާއިދުގެ ދަށުން ފުވައްމުލަކު އަތޮޅު ކައުންސިލުން ބަލަހައްޓާނީ ފުވައްމުލަކު ބަނދަރާއި، އެ ބަނދަރާއި ގުޅިފައިވާ ސަރަހައްދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ފުވައްމުލަކު ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހް

(ހ) މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މިގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއިން ބަނދަރު ސަރަހައްދު ކަނޑައަޅައި އާންމުކޮށް އިއުލާން ކުރަން ވާނެއެވެ.

 

3 ވަނަ މާއްދާ - ބަނދަރު ބެލެހެއްޓުން

(ހ) ފުވައްމުލަކު ބަނދަރު ބެލެހެއްޓުމަކީ ފުވައްމަލުކު އަތޮޅު ކައުންސިލްގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ.

(ށ) ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މިގަވާއިދުގެ ދަށުން ނަގަންޖެހޭ ފީ ނެގުމަށްޓަކައި އެކަމަށް މީހަކު ނުވަތަ ބަޔަކު ހާއްސަ ކުރެވިދާނެއެވެ.

(ނ) ބަނދަރުގައި މަސްދޯނިފަހަރު އެޅުމަށާއި މުދާ ބޭލުމަށާއި އެހެނިހެން އުޅަނދުތައް އެޅުމަށް ސަރަހައްދުތައް ކަނޑައެޅުމުގެ އިހްތިޔާރު ފުވައްމުލަކު އަތޮޅު ކައުންސިލަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ފުވައްމުލަކު ބަނދަރާއި ބަނދަރު ސަރަހައްދާއި އުޅަނދުފަހަރު އަޅާ ސަރަހައްދު

މި ގަވާއިދު ހިންގޭ ފުވައްމުލަކު ބަނދަރުގެ ތެރޭގައި އުޅާނދުފަހަރު އެޅުމަށް ހާއްސަ ކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭ ގޮތަށް ފުވައްމުލަކު އަތޮޅު ކައުންސިލް އިން ކަނޑައަޅައި އާންމުކޮށް ފެންނޭނެ ފަދައިން ބަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ- ބަނދަރުން މުދާބޭލުމާއި ބަނދަރުން މުދާ ބަރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ބަރުކުރުމަށާއި މުދާ ބޭލުމަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާއި ކައިރިކޮށްފައި ބާއްވަން ވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) މިމާއްދާގެ (ހ)ގެ ދަށުން ފީ ނުދައްކައި މުދާ ބޭލުމަށް 1-69 ފޫޓުގެ އުޅަނދު ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށް ވެސް 48 (ސާޅީސް އަށެއް) ގަޑިއިރުއެވެ.

(ނ) މިމާއްދާގެ (ހ) ގެ ދަށުން ފީ ނުދައްކައި މުދާ ބޭލުމަށް 70-119 ފޫޓުގެ އުޅާނދު ބޭއްވޭނީ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށް ވެސް 72 (ހަތް ދިހަ ދޭއް) ގަޑިއިރެވެ.

(ރ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށް ވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގއި މިވާ އުސޫލުންނެވެ.

- 69 ފޫޓަށް ވުރެ ކުދި އުޅަނދުތަކުން ފީ ނެގޭނީ ކޮންމެ ގަޑި އިރަކަށް 8.50 (އަށް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

- 70 ފޫޓުން ފެށިގެން 99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 12.50 (ބާރަ ރުފިޔާ ބައި) ގެ މަގުންނެވެ.

- 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ފީ ނެގޭނީ ކޮންމެ ގަޑި އިރަކަށް 16.50 (ސޯޅަ ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

(ޅ) މުދާ ބަރުކުރުމަށް ފަހު ނުވަތަ މުދާ ބޭލުމަށް ފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ ބާއްވަން ވާނީ ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތި، ހިލަ، ހިލަވެލި، ދޮންވެލި، އަކިރި، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން އަންނަ އުޅަނދުފަހަރު ބަރުކޮށް ނުވަތަ ބާލަން ވާނީ ބަނދަރުގެ ބޭރު ތޮއްޓަށެވެ. މިފަދަ ތަކެތި ބާލަން ވާނީ ސަތަރި ނުވަތަ ތަރުފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން އެންމެ ލަސްވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި ތަން ފާސްކުރަން ވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި އުޅަނދަށް ބަރުކުރުމަށް ނުވަތަ ބޭލުމަށް ބަނދަރު ސަރަހައްދުގައި ބެހެއްޓާނީ އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

 

6 ވަނަ މާއްދާ - ބަނދަރު ސާފުކުރުން

(ހ) އާންމުކޮށް ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

(ށ) މުދާ ބަރުކުރުމާ ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނިފަދަ ތަކެތި އެ މަސައްކަތް ނިމުމުން އެންމެ ލަސްވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ މަސައްކަތް ކުރި ނުވަތަ ކުރިވި ފަރާތަކުން ސާފުކުރަންވާނެއެވެ.

(ނ) ސިމެންތި، ދޮންވެލި، ހިލަ ، ހިލަވެލި، ކާޑު ފަދަ ބަސްތާތައް ބަނދަރުގެ އެއްގަމު ތޮށިމަތީގައި ޖައްސަންވާނީ ސަތަރި، ނުވަތަ ތަރުފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމުމުން ލަސްވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި ސަތަރި ނުވަތަ ތަރުފާލު ނަގައި ތަނަށް އެޅިފައި ހުރި އެއްޗަކާ އެކުގައި ސާފުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރު ކޮށްފިނަމަ 500 (ފަސްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 1000 (އެއްހާސް ރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސް ހާސް ރުފިޔާ) އާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން. ހަތަރު ވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މި ގަވާއިދުގެ 28 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ކައުންސިލަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

(ހ) އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާ ބާލައި ބަރުކުރުމުގެ ތެރޭގައި ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ، ތޮށިގަނޑަށް ގެއްލުން ވެއްޖެނަމަ، އެވީ ގެއްލުމެއް ބަލައި އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާ ހަވާލުވެފައިވާ ފަރާތަކާއި ފުވައްމުލަކު އަތޮޅު ކައުންސިލާ އެއްބަސްވާ ގޮތުގެ މަތީން އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާ ހަވާލުވެފައިވާ ފަރާތުން ހަރަދުކޮށްގެން ތޮށިގަނޑު މަރާމާތުކުރަން ވާނެއެވެ.

 

8 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ނުކުރުން

މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް އުޅަނދުގެ ވެރި ފަރާތުން ނުވަތަ އުޅަނދާއި ހަވާލުވެފައިވަ ފަރާތުން ތޮށިގަނޑު މަރާމަތު ނުކޮށްފިނަމަ އަމަލު ކުރާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުން ކުރެ ގޮތަކަށެވެ.

(ހ) ށަރުއީ ކޯޓެއް މެދުވެރިކޮށް މައްސަލަ ހައްލުކުރުން.

(ށ) އެ އުޅަނދުގެ ސަބަބުން ބަނދަރުން ހަލާކުވިތަން އެ އުޅަނދުގެ ފަރާތުން މަރާމާތުކުރަން ދެން އެ އުޅަނދަށް ބަނދަރުން ހިދުމަށް ނުލިބޭ ގޮތަށް ކަނޑައަޅައި ތަންފީޒީ އިދާރާ (ފުލުހުން، ކައުންސިލް ނުވަތަ ބަނދަރު ހިންގާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާ) ތައް މެދުވެރިކޮށް އެކަން ތަންފީޒުކުރުން.

 

9 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް ހިނގާ ހަރަދު

(ހ) މިގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތަށް ދެފަރާތުން ވާހަކަދައްކައި މައްސަލަ ހައްލުނުވުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ކޯޓަށް ދާން މެދުވެރިވެއްޖެނަމަ އެކަމަށް ހިނގާ ހަރަދު އެ އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދާ ހަވާލުވެހުރި ފަރާތަކުން ދޭން ވާނެއެވެ.

 

10 ވަނަ މާއްދާ - އެއްގަމަށް ވާއެޅުމާއި ލޮތާރި އެޅުން

(ހ) އުޅަނދުތަކުގެ ވާ އައްސަން ވާނީ ކައުންސިލްގެ ފަރާތުން ބަނދަރުގައި ވާ އެޅުމަށް ނުވަތަ އެއްސުމަށް ކަނޑައަޅާފައިވާ އެއްޗެއް ނުވަތަ ތަނެއްގައެވެ.

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި އަޅައިގެން ނުވާނެއެވެ.

 

11  ވަނަ މާއްދާ - ބަނދަރު ވަކިފަރާތަކުން ހާއްސަވުން

(ހ) ބަނދަރަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވާލެވިގެންދެވޭ ހިދުމަތަކަށްވުމުން އެއްވެސް އުޅަނދަކުން ބަނދަރުގެ މުދާބޭލުމަށް ކައުންސިލުގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުގެ ވަކި ދިމާއެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ނުބޭއްވޭނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް ބަނދަރުގެ ޖާގައޮތް މިންވަރަކަށް ރިއާޔަތްކޮށް ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަހައްދެއްގައި ބޭއްވުމަށް ވަގުތީ ހުއްދަ އާއި ދާއިމީ ހުއްދައާއި ދާއިމީ ހުއްދައާއި ފައްތިޔަ ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ. މިގޮތުން ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިގޮތަށް ވަގުތީ ދާއިމީ ނުވަތަ ފައްތިޔަ އެޅުމަށް ކައުންސިލުން ވަކި އުސޫލެއް ކަނޑައަޅައި އާންމުކުރަން ވާނެއެވެ.

 

12 ވަނަ މާއްދާ - ފަޅުތެރޭގައި ވާއެޅުން

(ހ) ފަޅުތެރޭގައި ވާ އުޅުމާއި ލާތޮރީ އެޅުން ފަދަ ކަންތައްތައް ކުރަންވާނީ ކައުންސިލުން ކަނޑައަޅާ ވާ އެޅުމާއި ލޮތާރި އެޅުމަށް ކައުންސިލުން ކަނޑައަޅާ އާންމު އުސޫލާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ދަށުން ކަނޑައަޅާ އުސޫލާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށް ފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 500 ރ. (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ، 1000 (އެއްހާސް ރުފިޔާ) އާއި 3000  (ތިން ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކައުންސިލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ފުވައްމުލަކު ބަނދަރުގެ އާންމު ޖެޓީ

(ހ) ފުވައްމުލަކު ބަނދަރުގެ "އާންމު ޖެޓީ" ގެ ދެފަރާތުގައި އިންޖަހާފައިވާ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.

(ށ) ފެރީ ފަދަ ޕަސެންޖަރުން އުފުލާ ލޯންޗް ނުވަތަ ދޯނި ފަހަރުގެ ޕެސެންޖަރުންނާއި ފެސެންޖަރުންގެ ފޮށިތަންމަތި އަރުވާ ބޭލުމަށް ނޫން ކަމެއްގައި "އާންމު ޖެޓީ" ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މި ނަންބަރުގެ (ހ) އަދި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 500 (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާއި ދެމެދު އަދަދކުން ޖޫރިމަނާ ކުރުން. ތިން ވަނަ ފަހަރު  1000 (އެއްހާސް ރުފިޔާ) އާއި3000 (ތިން ހާސްރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މި ގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ފުވައްމުލަކު ބަނދަރުގެ ރަސްމީ ޖެޓީ

(ހ) ފުވައްމުލަކު ބަނދަރުގެ "ރަސްމީ ޖެޓީ" ގެ ދެފަރާތުގައި އިން ޖަހާފައިވާ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.

(ށ) ކައުންސިލުން ހުއްދަ ދޭ އުޅަނދު ފަހަރު ނޫން އުޅަނދުތަކުން "ރަސްމީ ޖެޓީ" އިން ޕެސިންޖަރުންނާއ ޕެސެންޖަރުންގެ ފޮށިތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 500 (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން. ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 1000 (އެއްހާސް ރުފިޔާ) އާއި 3000 (ތިން ހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން. ހަތަރު ވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 3000 (ތިން ހާސްރުފިޔާ) އާއި 5000 (ފަސްހާސް) ރުފިޔާ އާ ދެމެދު ޖޫރިމަނާ ކުރުން. ހަތަރުވަނަ ފަހަރު ފިޔަވައި، ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މަސްކިރުމުގެ ތެރޭގައި ވެސް، ބަނދަރުތެރެއަށް ކުންޏާއި، އަދި މަހުގެ ބާވަތްތައް އެޅުމަކީ މަނާކަމެކެވެ.

(ނ) މިނަންބަރު (ހ) އަދި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރު ކޮށްފިނަމަ 500 (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ 1000 (އެއްހާސް ރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މި ގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކައުންސިލަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ފަތުރުވެރިންގެ އުޅަނދުފަހަރު

(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ބަނދަރަށް ވަދެ ނިކުމެ ހަދަންވާނީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު، ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަށް 50 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ 50 (ފަންސާސް) އެމެރިކާ ޑޮލަރަށް ވާ ދިވެހި ފައިސާ އެ އުޅަނދަކުން ކައުންސިލަށް ދައްކަން ވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވާ ވަގުތަށް ވެސް ފައިސާ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ) ފަތުރުވެރިންގެ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށް ފަހު، އުޅަނދު ނެރުން ނިކުންނަން ދެން އޭގައި ތިބި ޕަސިންޖަރުންނާއި ފަޅުވެރިން އާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެން ޖެހޭނީ އެކަށީގެންވާ ހެދުމެއްގައެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާ ހިލާފްވެއްޖެނަމަ އެ އުޅަނދަކާއި ހަވާލުވެ ހުރި ފަރާތް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 500 (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. ތިންވަނަ ފަހަރަށް ތަކުރާރު ކޮށޤފިނަމަ 1000 (އެއްހާސް ރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ،  3000 (ތިން ހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކައުންސިލަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ- ހާއްސަ ހާލަތެއްގައި އުޅަނދު އަޅާފައިވާ ސަރަހައްދުން ނެގުން

(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން ކައުންސިލުން އެ އުޅަނދެއް އޮތްތަނުން ނެގުމަށް ބޭނުން ވެއްޖެނަމަ އެ އެންގުން އަންގަންވާނީ އެ އުޅަނދެއް ނަގަން ޖެހޭ ހާއްސަ ހާލަތު ބަޔާންކޮށް ލިޔުމަކުންނެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި ހާއްސަ ހާލަތުތައް ކަމުގައި އަންނަނިވި ކަންތައްތައް ބެލެވިދާނެއެވެ.

  1. ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަން ޖެހުން.
  2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން.
  3. ބަނދަރުތެރެ ސާފުކުރުމަށް ރޭވިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން
  4. ބަނދަރު މަރާމާތުކުރުމަށް ކުރެވޭ ކަމަކާ ގުޅިގެން ނަގަންޖެހޭ ފަދަ ކަންކަމެވެ. މިގޮތަށް ހާއްސަ ހާލަތުތަކުގެ ގޮތުގައި ބަޔާންކުރެވުނު ހާލަތުތަކުގެ ގޮތުގައި ބަޔާންކުރެވުނު ކަންކަމުގައި އިމަރޖެންސީ ހާލަތެއްގައި ނަގަންޖެހޭ ނެގުން އިސްތިސްނާ ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ހަވާލުވެގެން ހުރި ފަރާތަކާއި ހަވާލުކުރުމުން ނުވަތަ އެ އުޅަނދުގެ ފަޅުވެރިޔަކާއި ހަވާލުކުރުމުން  ނުވަތަ އެ އުޅަނދުގައި އެލިޔުން އާންމުކޮށް ފެންނަ ގޮތަށް ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީ ކަމަށް ބަލަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ)،(ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން އެ އުޅަނދެއް ނަގަން އެންގުމުން އެ އެންގުމާ ހިލާފްވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރުކޮށްފި ނަމަ 500 (ފަސް ސަތޭކަ ރުފިޔާ)  އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ 1000 (އެއްހާސް ރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ)  އާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - އިންޖީނަށް ގެއްލުން ލިބުން ފަދަ ދަތުރު ނުކުރެވޭ ހާލަތު މެދުވެރިވާ އުޅަނދު

(ހ) އިންޖީނަށް ގެއްލުން ލިބުން ފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ވެސް ތޮށިގަނޑުކައިރީގައި ތޮށިގަނޑުގެ ދިގަށް  ބޭއްވޭނީ ކައުންސިލްގެ ހުއްދަ އާއެކު، ގނަވެގެން 5 (ފަސް) ދުވަސް ވަންދެންނެވެ. އެއަށް ވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަ ނުވި ނަމަވެސް 5 ދުވަހަށް ވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށް ނެގޭ ފީ ގެ މިންވަރެވެ. ކައުންސިލުން ހުއްދައަށް އެދި ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ކައުންސިލުން އުޅަނދަށް ޖަވާބެއް ދޭން ވާނެއެވެ.

 

19 ވަނަ މާއްދާ- ބަނދަރާއި ބަނދަރުގެ ސަހަރައްދަށް ކުނިއެޅުން

(ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނިފަދަތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކާލެވޭ ބައިތަކާއި ކަރުގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާ ކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ގަލާހާޖަތް ކުރުމަކީ ވެސް މަނާ ކަމެކެވެ.

(ށ) އުޅަނދުގެ އަޑީގައި އެއްވެސް ކަހަލަ ތެލުގެ އަސަރު ހުންނަ ދިޔަގަނޑު ބަނދަރު ތެރެއަށް ހިއްކުމަކީ މަނާ ކަމެކެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާ ހިލާފްވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 500 (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރަށް  ތަކުރާރުކޮށްފިނަމަ 1000 (އެއްހާސްރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން. ހަތަރުވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ- ބަނދަރު ސަރަހައްދުގައި މަސްކެނޑުން

(ހ) މަސްމާރުކޭޓުގައި ފިޔަވައި ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަސްތަކެއް ކަނޑައި ވިއްކުމަކީ މަނާ ކަމެކެވެ.

(ށ) މަސްމާރުކޭޓަށް މަސްގެންދިޔުމުގައި ބަނދަރު ސަރަހައްދުގައި އަޅާފައިވާ ގާތަށް ހަޑިވާ ގޮތަށް މަސް ގެންދިޔުމަކީ މަނާ ކަމެކެވެ. މިގޮތަށް ހަޑިވެއްޖެނަމަ ހަޑިކުރި ފަރާތަކުން އެތަން ސާފުކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 500ރ (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރަށް  ތަކުރާރުކޮށްފިނަމަ 1000 (އެއްހާސްރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 3000ރ (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން. ހަތަރުވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ – ބަނދަރުގެ ތެރޭގައި އެންކޮށްޓާއި ދިރޭ މަސް ގެންގުޅުން

(ހ) ބަނދަރު ސަރަހައްދާއި ބަނދަރުގެ ތެރޭގައި އެން ކޮށްޓާއި ދިރޭމަސް ކޮށީގައި ބަހައްޓައިގެން ދާއިމީކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އަދި (ށ) ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް އެކުށް ތަކުރާރުކޮށްފިނަމަ 500 (ފައްސަތޭކަ ރުފިޔާ) އާއި 1000 (އެއްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރަށް  ތަކުރާރުކޮށްފިނަމަ 1000 (އެއްހާސްރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން. ހަތަރުވަނަ ފަހަރު ފިޔަވައި ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ- ބަނދަރު ސަރަހައްދަށް ފެތޭ އުޅަނދު

(ހ) ބަނދަރު ސަރަހައްދަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އަޑިއަށް ގޮސްފިނަމަ، އެ އުޅަނދެއް ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދުތައް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ 5 (ފަހެއް) ދުވަހަށް ވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނެގުމަށް ކައުންސިލުގެ ފަރާތުން އެ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދާއި ހަވާލުވެ ހުރި ފަރާތަކަށް އަންގަން ވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެގެން ހުރި ފަރާތެއް ނޭނގޭނަމަ އެފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިއުލާންކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއް އޮތް ސަރަހައްދުން ނުނަގައިފިނަމަ އެ އުޅަނދެއް ބަނދަރު ސަރަހައްދުން ނަގައި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ހުއްދަ ކޯޓު އަމުރެއްގެ ދަށުން  ހޯދައި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދެވިދާނެއެވެ. މިގޮތަށް ގެންދާ ގެންދިއުމުގައި އެ އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ)ގައިވާ އުސޫލުން ނެގޭ އުޅަނދުތައް ނެގުމަށާއި އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިއުލާން ކުރުމާއި އުޅަނދު އެ ސަރަހައްދުން ނެގުމަށް ދިޔަ ހަރަދާއި އެ އުޅަނދެއް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކައިވާނަމަ، އަދި ޖޫރިމަނާއެއް ކުރެވިފައިވާނަމަ، އެ ފައިސާތައް ދައްކައި ހަލާސްކޮށް އެ އުޅަނދާބެހޭ ރަސްމީ ލިޔުންތައް ހުށަހެޅުމުން އެ އުޅަނދެއް އުޅަނދުގެ ވެރިފަރާތާއި ހަވާލުކުރަންވާނެއެވެ.

(ރ) އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން ދެން އުޅަނދު ދޫކުރެވޭނީ މި މާއްދާގެ (ނ) ގައިވާ ފީ އާއި ޖޫރިމަނާގެ އިތުރުން އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75 (ހަތްދިހަ ފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މިގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ވުރެ  އިތުރުވެއްޖެނަމަ އެ އުޅަނދެއް ނައްތާލުމުގެ ބާރު ނުވަތަ ވިއްކާލުމުގެ ބާރު  ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ނައްތާލަން ނުވަތަ ނީލަމުގައި ވިއްކާލާނީ އާންމުކޮށް އިއުލާން ކުރުމަށްފަހު ކޯޓު އަމުރެއް ހޯދައިގެންނެވެ.

(ބ) މި މާއްދާގެ (ރ)ގެ ދަށުން ނައްތާލެވޭ އުޅަނދުތަކަށް އަރާފައިވާ ޖޫރިމަނާއާއި ފީތައް ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާ މެދު ދައުވާކުރުމުގެ ބާރާއި އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ- މި ގަވާއިދުގެ ދަށުން ފަޅުތެރެއިން ނެގޭ އުޅަނދުތައް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) މިގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން ތިރީގައިވާ ގޮތަށް އަމަލުކުރަން ވާނެއެވެ.

  1. އުޅަނދު އޮތްތަނުން ނެގުމުގެ ކުރިން ފޮޓޯ ނުވަތަ ވީޑިއޯ ކުރަން ވާނެއެވެ.
  2. އުޅަނދު ނެގުމުގެ ކުރިން އުޅަނދު އޮތް ހާލަތު ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް ރިޕޯޓް ތައްޔާރުކުރި ފަރާތާއި އެ ރިޕޯޓްގައި ފާހަގަ ކުރެވިފައިވާ ކަންތައްތައް ދެކުނު އިތުރު ދެ މީހަކު ހެކިވެރިންގެ ގޮތުގައި ރިޕޯޓްގައި ސޮއިކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓް ހެދުމުގައި ފުވައްމުލަކު ޕޮލިސް ސްޓޭށަންގެ އެހީތެރިކަން ހޯދަންވާނެއެވެ.

 

24 ވަނަ މާއްދާ- ބަނދަރު ސަރަހައްދަށް މޫދަށް އެރި އުޅުން

(ހ) ބަނދަރު ސަރަހައްދަށް އާންމުކޮށް މޫދަށް އެރި އުޅުމަކީ މަނާކަމެކެވެ. ނަމަވެސް ބަނދަރުގެ އުތުރުކޮޅު ސްލިޕްވޭ ސަރަހައްދުގައި މާކިންގ ބޮއި އަޅާފައިވާ ސަރަހައްދުގައި މޫދަށް އެރިއުޅުމަށް މި މާއްދާ ހުރަހެއް ނާޅާއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރުކޮށްފިނަމަ ތަކުރާރުކުރާ ކޮންމެ ފަހަރަކު 500ރ (ފަސް ސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ- ބަނދަރާއި ނެރުތެރޭގައި ދުއްވަން ޖެހޭ ސްޕީޑް

ބަނދަރު ތެރޭގައި އުޅަނދު ދުއްވަންވާނީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް އެންމެ އެކަށީގެންވާ މިންވަރަށް ރައްކާތެރިވެގެންނެވެ. މިގޮތުން ބަނދަރުގެ ތެރޭގައި އެންމެ ބާރުވެގެން ދުއްވޭނީ 4 ނޯޓިކަލް މޭލަށް ވުރެ ބާރުނޫން ސްޕީޑެއްގައެވެ.

 

27 ވަނަ މާއްދާ- ސަބަބެއް ނެތި ބަނދަރުގައި އަޅާފައި ބަހައްޓާ އުޅަނދުތައް

(ހ) އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރުގައި އަޅާފައި، ބޭނުންނުކޮށް ބެހެއްޓޭނީ އެންމެ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ކައުންސިލަށް ލިޔުމުން ހުށަހަޅައިގެން ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ މަތިން އިތުރު މުއްދަތެއް ދެވިދާނެއެވެ. އަދި ދެވޭ ހުއްދަ އެފަދަ އުޅަނދެއްގައި އާންމުކޮށް ފެންނާނެ ފަދަ ގޮތަކަށް ހުންނަން ވާނެއެވެ.

މި މާއްދާގެ (ހ) އަދި (ށ) އާއި ހިލާފުވާ ފަރާތްތައް ބަނދަރުތެރޭގައި އުޅަނދު އޮންނަ ކޮންމެ 24 (ސައުވީސް) ގަޑި އިރަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ.

(ނ) 24 (ސައުވީސް) ގަޑިއިރު ހަމަނުވާ އޮންނަ ވަގުތަށް ވެސް ފީ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.

 

28 ވަނަ މާއްދާ- ޖޫރިމަނާ

(ހ) މި ގަވާއިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މި ގަވާއިދުގެ ހިމެނިފައިވާކަމެއްގައި އެހެން ގާނޫނަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި މިގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެކުށެއް ކުރި ފަރާތާމެދު އަމަލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މިގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރެވޭނީ ކައުންސިލުން އެފަރާތެއް އެކުރި ކުށް ބަލައި، ކުށުގެ ހާދިސާ ދިރާސާކޮށް  އެކަން ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި  ކައުންސިލުން އެފަރާތެއް ޖޫރިމަނާކުރުމަށް ކަނޑައެޅުމުންނެވެ.

(ނ) މި ގަވާއިދުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ، ކައުންސިލަށެވެ. ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

29 ވަނަ މާއްދާ- މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލްތައް

މިގަވާއިދު ތަންފީޒުކުރުމަށްޓަކައި މިގަވާއިދަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ހަދައި އެ އުސޫލުތައް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ- މާނަކުރުން

(ހ) "ކައުންސިލް": މިގަވާއިދުގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ، "ފުވައްމުލަކު އަތޮޅު ކައުންސިލް" އަށެވެ.

(ށ) "ތަންފީޒީ އިދާރާތައް": މިގަވާއިދުގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ތަންފީޒީ އިދާރާތައް ކަމުގައި ބުނެފައި އެވަނީ، ފުލުހުންނާއި، ކައުންސިލާއި އަދި ބަނދަރު ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތެވެ.

(ނ) "ވަގުތީ ހުއްދަ": މިގަވާއިދުގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ވަގުތީ ހުއްދަ ކަމުގައި ބުނެފައި އެވަނީ، ކައުންސިލްގެ ފަރާތުން ބަނދަރުގެ ވަކި ސަރަހައްދެއްގައި އުޅަނދު ބޭއްވުމަށް 1 (އެކެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށްދެވޭ ހުއްދައެވެ.

(ރ) "ދާއިމީ ހުއްދަ" : މިގަވާއިދުގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ދާއިމީ ހުއްދަކަމުގައި ބުނެފައި އެވަނީ، ކައުންސިލުގެ ފަރާތުން ބަނދަރުގެ ވަކި ސަރަހައްދެއްގައި އުޅަނދު ބޭއްވުމަށް 1 (އެކެއް) މަހާއި 12 (ބާރަ) މަހާއި ދެމެދުގެ މުއްދަތަކަށް ދެވޭ ހުއްދައެވެ.

(ބ) "އާންމު ޖެޓީ": މިގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އާންމު ޖެޓީ ކަމުގައި ބުނެފައި އެވަނީ، ކައުންސިލުން އާންމު ޖެޓީ ކަމުގައި ކަނޑައަޅާއި އާންމުކޮށް އިއުލާން ކޮށްފައިވާ ޖެޓީއެވެ.

(ޅ) "ރަސްމީ ޖެޓީ": މިގަވާއިދުގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ރަސްމީ ޖެޓީ ކަމުގައި ބުނެފައި އެވަނީ، ކައުންސިލުން ރަސްމީ ޖެޓީ ކަމުގައި ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ޖެޓީއެވެ.

(ކ) "އެކަށީގެންވާ ހެދުން": މިގަވާއިދުގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އެކަށީގެންވާ ހެދުން ކަމުގައި ބުނެފައި އެވަނީ އެތަނެއްގެ ބަޔަކު އާންމުކޮށް އަޅައި އުޅޭ ނުވަތަ އެއާ އެއްގޮތް ހެދުމެކެވެ.

(އ) "ދާއިމީކޮށް ގެންގުޅުން" މިގަވާއިދުގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ދާއިމީކޮށް ގެންގުޅުން ކަމަށް ބުނެފައި އެވަނީ ބަނދަރުގެ ސަރަހައްދާއި ބަނދަރުގެ ތެރޭގައި އެންކޮށްޓާއި ދިރޭމަސް  ގެންގުޅުމަށް ބޭނުންކުރާ ވަސީލަތްތައް ހަރުކޮށްގެން 5 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ނުނަގައި ގެންގުޅުމެވެ.

(ވ) މިގަވާއިދުގެ ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރުކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގްރޫޕް، އޮފީސް ފަދަ ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއް ޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަް ރިއާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ  ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު