-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 14 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 37/2012)

  

ޗެޕްޓަރ 34

އިމިގްރޭށަން އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ޔުނިފޯމު އެޅުމުގެ މިންގަނޑު

 

284 ވަނަ މާއްދާ - ތައާރުފް

މި މިންގަނޑަކީ ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް)ގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ މުވައްޒަފުންގެ މަސައްކަތުގެ ދާއިރާގެ ޕްރޮފެށަނަލް މިންގަނޑުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގޮތުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނު 18 ވަނަ މާއްދާގެ (ޅ) ގެ ދަށުން އެކަލަވާލާފައިވާ ގަވާއިދެކެވެ. މި މިންގަނޑުގެ މަގްސަދަކީ ޑިޕާޓްމަންޓް އޮފް އެމިގްރޭށަން އެންޑް އިމިގްރޭށަންގެ ހުރިހާ މުވައްޒަފުން، ދިވެހި ރައްޔިތުންނަށާއި ހިދުމަތް ލިބިގަތުމަށް އަންނަ ކޮންމެ ފަރާތަކަށް ހިތްހަމަޖެހޭ ރަނގަޅު ފެންވަރުގެ ހިދުމަތެއްދޭ ބަޔަކަށް ހެދުމަށްޓަކައި، ވަޒީފާގައި ދެމިހުރިހާ ހިނދަކު، މަސައްކަތުގެ އަހުލާގާއި ހަރުދަނާ ސުލޫކާއި ޔުނިފޯމުގެ މިންގަނޑު ހިފަހައްޓާ ނަމޫނާ ބަޔަކަށް ހެދުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އިމިގްރޭށަނުގެ ހިދުމަތަށް ހެޔޮބަދަލު އައުމާއި، އެ ހިދުމަތަކީ މަގުބޫލު ފެންވަރު މަތި، ހިދުމަތަކަށް ވެގެން ދިއުމެވެ.

 

285 ވަނަ މާއްދާ - އަޒުމް

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭށަންގެ ކޮންމެ މުވައްޒަފަކުމެ މަސައްކަތް ކުރަންވާނީ އެ މީހަކު މަސައްކަތް ކުރާ ޑިވިޒަން، ސެކްށަން ނުވަތަ ޔުނިޓެއްގެ މަގުސަދާއި ލަނޑުދަނޑިތައް ހާސިލުކުރުމުގެ ބައިވެރިވާ ބައިވެރިއެއްގެ ގޮތުންނާއި، ތިމާގެ ގާބިލުކަން މަތިކުރުމަށާއި މަސައްކަތުގެ ކުރިއެރުމަށާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަކީ ހަރުދަނާ އަދި ރައްޔިތުން ގަބޫލުކުރާ ފެންވަރާއި މިންވަރަށް ހިދުމަތް ފޯރުކށްދޭ އިދާރާއަކަށް ހެދުމާއި ގައުމުގެ މުސްތަގްބަލް އުޖާލާ ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

 

286 ވަނަ މާއްދާ - ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރުން

(ހ) ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގައި ވަގުތީ، ދާއިމީ އަދި ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކުމެ މި މިންގަނޑާއި އެއްގޮތް ވާގޮތުގެ މަތިން އަމަލުކުރަން ޖެހޭނެއެވެ. އަދި މިގަވާއިދަށް އަމލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިގުރާރުގައި މިހާރު ހިދުމަތުގައި ތިބި މުވައްޒަފުންނާއި އަލަސް ހިދުމަތާއި ގުޅޭ މުވައްޒަފުން ސޮއި ކުރަން ވާނެއެވެ. އަދި ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސަސް ބައިން އެކަން ކަށަވަރު ކުރުމުގެ ގޮތުން އިގުރާރުގެ ލިޔުން އެ މުވައްޒަފެއްގެ މައުލޫމާތު ފައިލަށް ލާން ވާނެއެވެ. އިގުރާރުގެ ލިޔުން މި ގަވާއިދުގެ ޖަދުވަލު 29 ގައި އެވަނީއެވެ.

(ށ) މި މިންގަނޑާ ހިލާފަށް އަމަލުކުރުމަކީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފު އަމަލެކެވެ. މި މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓާ މުވައްޒަފުންނާ މެދު ސިވިލް ސަރވިސްގެ ގަވާއިދުގައި ވާގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.

 

287 ވަނަ މާއްދާ - ގާނޫނުހަދާފަރާތާއި ދައުލަތް ހިންގާ ފަރާތާ ދެމެދު އޮންނަ ގުޅުން

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ކޮންމެ މުވައްޒަފަކުމެ؛

(ހ) އެ މުވައްޒަފަކު ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ށ) އެ މުވައްޒަފަކު ދުވަހުން ދުވަހަށް އަދާ ކުރަންޖެހޭ ވާޖިބުތައް އަދާކުރަންވާނީ، ގާނޫނީ އިމުގެ ތެރެއިން ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެންނެވެ.

(ނ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެވަގުތަކު ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން އެކުލަވައިލާ ސަރުކާރުގެ ސިޔާސަތުތައް ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ތަންފީޒު ކުރުމަށް އެހީތެރިވެދޭން ވާނެއެވެ.

(ރ) އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ދާއިރާ އާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމަށް ގަދައަޅައި މަސައްކަތް ކުރަން ވާނެއެވެ.

(ބ) އެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކުން އުފައްދާފައިވާ އެންމެހައި މުއައްސަސާތަކަށް އެއްބާރުލުން ދޭން ވާނެއެވެ.

 

288 ވަަނަ މާއްދާ - އާންމު ރައްޔިތުންނާއި މެދު އޮންނަ ގުޅުން

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުގެ ކޮންމެ މުވައްޒަފަކުމެ؛

(ހ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަންވާނެއެވެ.

(ށ) ވަކި ފަރާތަކަށް ޖެހުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދޭނެ ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ދޭން ވާނެއެވެ.

(ނ) ހިދުމަތަށް އެދި އަންނަ ފަރާތްތަކަށް ފަސޭހައިން ބައްދަލުކުރެވޭނެ އުސޫލެއް ގެންގުޅެން ވާނެއެވެ. އަދި ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތް ކުރަންވާނީ، ހިނިތުންވުމާއި ހިތްހެޔޮކަމާއެކުގައެވެ.

(ރ) ހިދުމަތަށް އެދި އަންނަ ފަރާތްތަކާ މުއާމަލާތު ކުރުމުގައި އަބަދުމެ ދެކެން ވާނީ އެފަރާތްތަކަކީ، ހިދުމަތް ލިބުމުގައި މަތީ ފެންވަރެއްގެ ހިދުމަތެއް ލިބިގަތުމުގެ ހައްގު ލިބިގެންވާ ބަޔަކުކަމުގައެވެ.

(ބ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހިދުމަތަށް އެދި އަންނަ ފަރާތްތަކަށް އެކަމުން އަސަރުކުރާނޭ ނިންމުންތައް ނިންމުމުގައި އެފަރާތްތަކުގެ އެކިއެކި ހާލަތުތަކަށާއި، ކަންބޮޑުވާނޭ ކަންކަމަށް ވިސްނުން ބަހައްޓައި އެކަންތައްތަކުގެ މައްޗަށް ރިޢާޔަތް ކުރަންޖެހޭ ހާލަތްތަކުގައި ރިޢާޔަތް ކުރަންވާނެއެވެ.

(ޅ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްގީއަށް މަސައްކަތް ކުރުމުގެ އަޒުމުގައި މަސައްކަތް ކުރާ މީހަކަށް ވާން ވާނެއެވެ.

(ކ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހިދުމަތަށް އެދި އަންނަ ފަރާތްތަކުގެ ކުލަ އަށާއި، ޖިންސަށާއި، ނަސްލަށާއި، ވާހަކަދައްކާ ބަހުރުވައަށާއި އިޖުތިމާއީ ދަރަޖަ ނުވަތަ މަގާމަށާއި، ނުކުޅެދުންތެރިކަމަށާއި، ސިޔާސީ ގޮތުން ތާއީދުކުރާ ފަރާތަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތެއް ކޮށްގެން ނުވާނެއެވެ.

(އ) އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މަންފާއާއި ލާބައަށްޓަކައި، ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުން ހިފައިގެން ނުވާނެއެވެ.

(ވ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހިދުމަތަށް އެދި އަންނަ ފަރާތްތަކުގެ އިއްޒަތަށާއި ކަރާމަތަށާއި އެމީހަކަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(މ) ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް އެ ހިދުމަތް ހޯދުމަށް ފަސޭހަވާނެ ކޮންމެ މައުލޫމާތެއް ގާނޫނުންނާއި ގަވާއިދުން އެ މައުލޫމާތެއް ހިމާޔަތް ކޮށްފައި ނުވާހާ ހިނދަކު، އެ ފަރާތަކަށް ތެދު މައުލޫމާތު ދޭން ވާނެއެވެ. އަދި ހިދުމަތް ހޯދުން ފަސޭހަކޮށްދިނުމުގެ ގޮތުން އެފަދަ މައުލޫމާތު އަންގައި އޮޅުން ފިލުވައި ދޭން ވާނެއެވެ. މިގޮތަށް މައުލޫމާތު ދިނުމުގައި އަނެކުންގެ ހައްގުތަކަށް ރައްކާތެރިވާން ވާނެއެވެ. އަދި އެއްވެސް މުވައްޒަފަކު ގަސްތުގައި އެއްވެސް މައުލޫމާތެއް ހަގީގަތާ ހިލާފަށް ފޯރުވައިދީގެން ނުވާނެއެވެ. އަދި ތިމާއަށް ނުވަތަ އެހެން މީހަކަށް ފައިދާއެއް ހޯދުމުގެ ބޭނުމުގައި މައުލޫމާތެއް ފޯރުވައިދޭންޖެހޭ މަގާމުގައި އެ މައުލޫމާތެއް ހިފަހައްޓައިގެން ނުވާނެއެވެ.

 

289 ވަނަ މާއްދާ - މުވައްޒަފުންގެ މެދުގައި އޮންނަންވާނޭ ގުޅުން

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ކޮންމެ މުވައްޒަކުމެ؛

(ހ) އާންމު މަސްލަހަތާއި ރައްޔިތުންގެ ފައިދާއަށް އެއްމުވައްޒަފެއް އަނެއް މުވައްޒަފަށް ގާނޫނީ އިމުގެ ތެރެއިން ބޭރު ނުވާނެ ގޮތުގެ މަތީން އެއްބާރުލުން ދޭން ވާނެއެވެ.

(ށ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެ މުވައްޒަފަކަށް އެކިއެކި އެންގުން އަންގައި އިރުށާދު ދިނުމަށް އައްޔަން ކުރެވިފައިތިބޭ ފަރާތްތަކުން އަންގާ ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާ ހިލާފުކަމަކަށް ނުވާނަމަ، އެ ކަންކަމަކީ އަމަލުކުރަންޖެހޭ ކަންކަމެވެ.

(ނ) އެ މުވައްޒަފަކު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރާ ކަންކަމާއި، ހިންގާ ހަރަކާތްތަކުގައި ތިމާގެ މީހުންނާއި ރައްޓެހިންނަށް އިސްކަންދީ ފަހިވާގޮތަށް މަގާމުގެ ނާޖައިޒު ފައިދާއެއްވާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހާސިލުކުރުމަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ރ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ނަހަމަ ގޮތުގައި އެ މުވައްޒަފެއްގެ މަގާމު ބޭނުންކޮށްގެން އެހެން މުވައްޒަފުންގެ ބޭނުން ނާޖައިޒު ގޮތުގައި ހިފައި ހަދައިގެން ނުވާނެއެވެ. އަދި އެ މުވައްޒަފުގެ ބޭނުން ނާޖައިޒު ގޮތުގައި އެހެން މުވައްޒަފެއް ހިފިޔަ ދީގެންވެސް ނުވާނެއެވެ.

(ބ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަދި އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން އެއްވެސް ހިތްހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމައެކަމެއް ހައްލު ކުރަން ވާނީ، އެކަންކުރުމަށް ގަވާއިދުގައި ހަމަޖެހިފައިވާ ގޮތަށެވެ. އަދި ހިތްހަމަ ނުޖެހުމެއް ފާޅުކުރަން ވާނީ ވެސް އެކަމަށް ކަނޑައެޅިފައިވާ އުސޫލުންނެވެ.

(ޅ) އެ މުވައްޒަފެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ ރޫހު ހިފެހެއްޓުމަށާއި މުވައްޒަފުންގެ މެދުގައި ހަރުދަނާ އަދި އެކުވެރި މާހައުލެއް ގާއިމްކުރުމަށް އަޒުމް ކަނޑައަޅައި މަސައްކަތް ކުރަންވާނެއެވެ.

(ކ) އެހެން މުވައްޒަފުންނާއެކު މުއާމަލާތު ކުރަންވާނީ އެ މުވައްޒަފެއްގެ ކުލައަށް، ޖިންސަށް، ނަސްލަށް، އިޖުތިމާއީ ދަރަޖައަށް ނުވަތަ މަގާމަށް، ވާހަކަ ދައްކާ ބަހަށް، ނުކުޅެދުންތެރިކަމަށް ނުވަތަ ސިޔާސީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުމަކަށް، ނިސްބަތްކޮށް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަ ކަމާއި، އިންސާފުވެރިކަމާއި އެކު ފަންނީ ގޮތުގައެވެ.

(އ) ވަޒީފާ އަދާކުރުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ.

(ވ) މި ޑިޕާޓްމަންޓް ތަމްސީލް ކޮށްދޭ ހަރަކާތެއް ހިނގަމުންދާއިރު އެ ހަރަކާތެއްގައި ބައިވެރިވުމީ އެދެވިގެންވާ ކަމެކެވެ. އަދި ބައިވެރި ނުވިކަމުގައި ވިޔަސް އެ ހަރަކާތެއް ބެލުމަށް ގޮސް ހުރުމުގައި މި ޑިޕާޓްމަންޓް ނިސްބަތްވާ ފަރާތަކަށް އެއްވެސް ގޮތަކުން ނިކަމެތިކަމެއް ލިބޭފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(މ) މި ޑިޕާޓްމަންޓުން ބައިވެރިވެގެން ކުޅެމުންދާ ކުޅިވަރެއްގައި، ކުޅެމުންދާއިރު ސަޕޯޓްކުރުމުގެ ނަމުގައި އެ ސަރަހައްދަށް ގޮސް ސަޕޯޓްކުރަންވާނީ މި ޑިޕާޓްމަންޓުގެ ޓީމު ކުޅޭނަމަ އެ ޓީމަށެވެ. އަދި ހާލަތު ނިޔާކުރާ ގޮތުން ސަޕޯޓް ކުރެވެން ނެތް ހިނދެއްގައި ވެސް މި ޑިޕާޓްމަންޓުގެ ޓީމަށް ނިކަމެތިކަމެއްކޮށް، ޓީމު ކުޅުންތެރިންގެ ހިތްވަރު ދެރަވާފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

(ފ) މި ޑިޕާޓްމަންޓުގައި ވަޒީފާ އަދާކުރާއިރު މި ޑިޕާޓްމަންޓް ބައިވެރިވާ ކުޅިވަރުތަކުގައި މި ޑިޕާޓްމަންޓުގެ ކުޅުންތެރިންނަށް ހިތްވަރުދީ ޓީމަށް ސަޕޯޓްކުރުމަކީ އޮފީހަށް ހުރުމަތްތެރިކޮށް ހިތައި، އޮފީހާ ދޭތެރޭ އޮންނަ ލޯބި ތަމްސީލުކޮށްދޭ އެންމެ ރިވެތި އަހުލާގެވެ. ވީމާ ހުރިހާ މުވައްޒަފުން ވެސް މިކަންތަކަށް ސަމާލުވެ ސަޕޯޓްކުރުމުގައާއި ހިތްވަރުދިނުމުގައި އަމަލުކުރަން ވާނީ މިދެންނެވި ރޫހާއި ހިލާފު ނުވާ ގޮތަށެވެ.

(ދ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް މުވައްޒަފެއްގެ އިއްޒަތާއި ކަރާމަތާއި އިހްތިރާމު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ތ) އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފެއްގެ ޒާތަށް ނުވަތަ ޒާތީ ކަންކަމަށް ފާޑުކިޔައި އެ މުވައްޒަފެއްގެ އަބުރާއި އިއްޒަތާއި ކަރާމަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ބާވަތެއްގެ އަމަލެއް ކޮށްގެން ނުވާނެއެވެ.

(ލ) ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ލިބިފައިވާ މައުލޫމާތާއި ހުނަރު ވަޒީފާ އަދާކުރާ ތަނުގެ މަސްލަހަތަށްޓަކައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އުނގަންނައި ދޭން ވާނެއެވެ.

(ގ) ޑިވިޒަން ސެކްށަން އަދި ޔުނިޓުގެ އިސް މުވައްޒަފުން މަސައްކަތް ކުރަންވާނީ، އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ މުވައްޒަފުންނަކީ، އެކުވެރިބަޔަކަށް ހެދުމަށް އިސްކަންދީގެންނެވެ.

(ޏ) ޑިވިޒަން ސެކްޝަން އަދި ޔުނިޓުގެ އިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތައް އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ މުވައްޒަފަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ އަމަލެއް ކުރުން ނުވަތަ ކުރުވުން ފަދަ ކަންކަމުން އެއްކިބާވާން ވާނެއެވެ. އަދި މުވައްޒަފުން ވެސް އެ މީހެއްގެ އިސްމުވައްޒަފަށް ނުވަތަ ސުޕަވައިޒަރަށް އުނިކަމެއް އަތުވެދާނެފަދަ ވާހަކައެއް ދެއްކުން ނުވަތަ އަމަލެއް ކުރުން ނުވަތަ ކުރުވުން ފަދަ ކަންކަމުން އެއްކިބާވާން ވާނެއެވެ.

 

290 ވަނަ މާއްދާ – ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމާގުޅޭ

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުގެ ކޮންމެ މުވައްޒަފެއްމެ؛

(ހ) އެ މުވައްޒަފަކު ވަޒީފާ އަދާކުރުމުގައި އޮފީހުގެ މަގްސަދުތަކާއި ވަޒީފާ އަދާކުރުމަށް ހަމަޖެހިފައިވާ ޑިވިޒަން، ސެކްށަން ނުވަތަ ޔުނިޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ހަރަދު ކުޑަ ފެންވަރު ރަނގަޅު، ރައްޔިތުންނަށް ފައިދާވާނޭ އުސޫލުން، އެ މުވައްޒަފަކު އޮފީހުގެ މަގުސަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. އަދި އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތުގެ އިތުރުން އެހެނ މަސައްކަތެއް ހަވާލުކުރި ކަމުގައި ވިޔަސް އިސްވެ ދެންނެވުނު ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅެ މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ހައްލުކުރުމުގައި އާގޮތްތައް ހޯދައި ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަން ވާނެއެވެ.

(ނ) އެ މުވައްޒަފަކާ ހަވާލުކުރެވޭ ކަންކަން އެކަމެއް ނިންމަން ޖެހޭ ވަގުތަށް ނިންމަން ވާނެއެވެ.

(ރ) އެ މުވައްޒަފަކާ ހަވާލުކުރެވޭ ކަންކަން ކުރަންވާނީ ބނާކުރުވަނިވި އަދި އުފެއްދުންތެރި ގޮތްތައް ހިޔާރުކޮށް އެ މަސައްކަތަކަށް ކަނޑައެޅިފައިވާ ވަގުތުގައެވެ.

(ބ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ތިމާގެ ނުވަތަ އެހެން ފަރާތެއްގެ މަސްލަހަތަށް ބުރަވެގެން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ޅ) ނާޖައިޒު ފާއިދާއެއް ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ވިއަސް ލިބޭނެ ފަދަ ގޮތަކަށް ރަސްމީ އެއްވެސް މަސައްކަތެއް ކުރުމުންނާއި ނިންމުންތައް ނިންމުމުގެ މަރުހަލާތަކުން ތިމާއަމިއްލައަށގ ތަނާޒުލުވެހުރެ އެފަދަ އަމިއްލަ ފައިދާއެއް ހިމެނޭކަމެއް ނުވަތަ ތިމާގެ މަސްލަހަތާއި ފުށުއަރާ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމެއް ވަންހަނާނުކޮށް އެކަމެއް ކަމާބެހޭ ފަރާތްތަކަށް ފާޅުކޮށް އަންގަން ވާނެއެވެ.

(ކ) ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ތިމާގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި ވަޒީފާ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާނޭ އިތުރު މައުލޫމާތާއި ހުނަރުތައް އުނގެނުމަށްޓަކައި މަސައްކަތްކޮށް އެކަމަށް ފުރުސަތު ހޯދަން ވާނެއެވެ.

(އ) ދައުލަތުގެ ފައިސާއާ ގުޅޭ ކަންކަމުގައި ސަރުކާރުގެ މުދަލާބެހޭ ގޮތުން އެކި އެކި މުއާމަލާތު ކުރުމުގައާއި، ދައުލަތުގެ މުދަލާ ހަވާލުވެ ގެންގުޅުމުގައާއި ދައުލަތުގެ އެހެނިހެން ވަސީލަތްތައް ބޭނުން ކުރުމުގައި އަމާނާތްތެރިވެ ޒިންމާދާރު ވާން ވާނެއެވެ.

(ވ) ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރަންވާނީ ހަމައެކަނި، އެކަމަށް ކަނޑައެޅިފައިވާ އަދި އެކަމަށް ހުއްދަކުރެވިފައިވާ މަސައްކަތަކަށެވެ.

(މ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހަރުދަނާ، ނަތީޖާ ހާސިލުކުރެވެ ހާމަކަމާއި ޖަވާބުދާރީވުމުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އުސޫލަކުން ކަންހިންގުމަށް ބާރުއަޅަން ވާނެއެވެ.

(ފ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފެންނަ ކޮރަޕްށަނުގެ އަމަލުތަކާއި މަކަރާއި ހީލަތް ހެދުމުގެ އަމަލުތަކާއި، ހިޔާނާތުގެ އަމަލުތަކާއި، ތިމާގެ މީހުންނާ ރައްޓެހިންނަށް އިސްކަންދިނުމުގެ އަމަލުތަކާއި، އިދާރީ ހިންގުމަށް ބުރޫއަރާނެ އަމަލުތަކާއި މި ނޫންވެސް ގާނޫނާ ހިލާފު އަމަލުތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަން ވާނެއެވެ.

(ދ) އޮފީހުގެ އިސްވެރިން ނުވަތަ އެހެން އިދާރާއަކުން ތިމާކުރެން ލަފައަކަށް ނުވަތަ މަށްވަރާއަކަށް އެދިއްޖެނަމަ ވަކި ފަރާތަކަށް ނުހައްގުން ބުރަނުވެ ތެދުވެރިކަމާއެކު ލަފައާއި މަށްވަރާދީ، ގާނޫނާއި ގަވާއިދާ ހިލާފުނުވާ ހިނދެއްގައި ވަންހަނާ ނުކޮށް ލިބިހުރި އެންމެހައި މައުލޫމާތުދީ، ފުރިހަމައަށް އެހީތެރިކަން ފޯރުވައިދޭން ވާނެއެވެ.

(ތ) ދައުލަތުގެ ސިއްރު ކަމުގައި ހިމެނޭ ނުވަތަ ދައުލަތުގެ ސިއްރުކަމުގައި ބެލެވިދާނޭ އެންމެހައި ކަންކަމާއި، ލިޔެކިޔުމާއި، ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފަހައްޓަން ވާނެއެވެ.

(ލ) އޮފީހުގެ މަސައްކަތާބެހޭ މައުލޫމާތު އެކަމަށް އޮފީހުން ކަނޑައަޅާފައިވާ އުސޫލުން މެނުވީހާމަކޮށްގެން ނުވާނެއެވެ.

(ގ) އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ގެންގުޅެންޖެހޭ ޕްރޮފެށެނަލް މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެއެވެ.

(ޏ)  ވަޒީފާ އަދާކުރުމުގައި އެއްވެސް މުވައްޒަފަކު، އެ މުވައްޒަފަކާއި ހަވާލުކޮށްފައިވާ ރަސްމީ މަސައްކަތް ނުކޮށް ނުވަތަ ވަގުތީ ގޮތުން ހަވާލުކުރެވޭ ރަސްމީ މަސައްކަތެއް ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކުރުމަށް ވަގުތު ހޭދަކޮށްގެން ނުވާނެއެވެ. އަދި އެއްވެސް މުވައްޒަފަކު މަގާމުގެ ނުފޫޒު ބޭނުންކޮށް ނުވަތަ ނުކޮށް ވިޔަސް ރަސްމީ ގަޑީގައި އެނެއް މުވައްޒަފު ލައްވައި، އޮފީހުގެ ރަސްމީ މަސައްކަތް ފިޔަވައި އެހެން މަސައްކަތްތައް ކުރުވައިގެން ނުވާނެއެވެ. ބްރޭކްގަޑީގައި އޮފީހުގެ މާހައުލުން ބޭރުގައި ކުރާ އަމިއްލަ ކަންކަން މީގެ ތެރެއަކު ނުހިމެނެއެވެ.

(ސ) މިނިވަން ދުވަސް، ގައުމީ ދުވަސް ފަދަ ނުވަތަ ސަރުކާރުގެ ބަންދު ދުވަސްތަކާއި، ގައުމީ ކަންކަމާއި މި ނޫންވެސް އެފަދަ ކަންކަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ބައިވެރިވާނަަމަ، އެ ހަރަކާތެއްގައި ބައިވެރިވުމަށް ނުވަތަ ހާޒިރުވުމަށް އޮފީހުން އަންގައިފިނަމަ، ކޮންމެ މުވައްޒަފެއްމެ އިޖާބަ ދޭންވާނެއެވެ.

(ޑ) އެކިއެކި ތަމްރީނު ޕްރޮގްރާމް، ވާރކްށޮޕް ފަދަ ކަންކަމުގައި ބައިވެރިވުމަށް އޮފީހުން އަންގައިފިނަމަ އެކަމެއްގައި ށައުގުވެރިވެކަމާ އެކު ބައިވެރިވެ، ނަތީޖާ ހާސިލުކުރެވޭނެ ފަދަ ގޮތެއްގައި، އެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ވާނެއެވެ.

(ޒ) ތިމާއަށް އަލަށް މަސައްކަތެއް ހަވާލުކުރާނަމަ، އެ މަސައްކަތެއް ހަވާލުކުރާ މުވައްޒަފެއްގެ ފަރާތުން އެ މަސައްކަތެއް ކުރާނެ ގޮތުގެ މައުލޫމާތު އޮޅުންފިލުވައި، އެ މަސައްކަތެއް ރަނގަޅުގޮތުގައި ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ވާނެއެވެ. މިގޮތުން ކަނޑައަޅާ ފެންވަރަށް އަދި ކަނޑައަޅާ ވަގުތުގައި މުވައްޒަފު ހަވާލުވާ މަސައްކަތް ނިންމަން ވާނެއެވެ.

 

291 ވަނަ މާއްދާ - އަމިއްލަ ކަންތައްތަކާއި އުޅުން ބަހައްޓަންވީ ގޮތް

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ކޮންމެ މުވައްޒަފަކުމެ؛

(ހ) ވަޒީފާގެ ރަސްމީ މަސައްކަތުގައި އުޅޭއިރު އޭނާގެ ހެދުން ހުންނަން ވާނީ، އަދި އުޅުމާއި ގުޅުން ހުންނަންވާނީ ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނާއި ދިވެހި ސިވިލް ސަރވިސްގެ އަބުރާއި އިއްޒަތާއި ށަރަފާއި ގަދަރު ހިފެހެއްޓޭނެ ގޮތަކަށެވެ.

(ށ) އަމިއްލަ ފައިދާ ހޯދުމަށާއި އެކި ފަރާތްފަރާތުން ހަދިޔާ ބަދިޔާ ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ހޯދުމަށް މަގާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ. އަދި ތިމާގެ ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމާއި ގުޅިގެން އެއްވެސް މީހެއްގެ އަތުން ހަދިޔާއެއް ނުވަތަ އެނޫންވެސް މަންފާއެއް ހޯދައި ނުވަތަ ލިބިގަނެގެނެއް ނުވާނެއެވެ.

(ނ) އަމިއްލަ ލާބައާއި މަންފާއެއް ހޯދުމަށްޓަކައި، ނުވަތަ ނާޖައިޒު ގޮތެއްގައި އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުމަށްޓަކައި ރަސްމީ ހޯދައިދިނުމަށްޓަކައި ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.

(ރ) އޮފީހުގެ ވަސީލަތްތައް އެ މުވައްޒަފެއްގެ އަމިއްލަ ކަންކަމަށާއި އަމިއްލަ މަސައްކަތް ކުރުމަށް ބޭނުން ކޮށްގެން ނުވާނެއެވެ.

(ބ) އުޖޫރައެއް ލިބުނު ކަމުގައި ވިޔަސް އަދި އުޖޫރައެއް ނުލިބުނު ކަމުގައިވިއަސް، އޮފީހުގެ މަސައްކަތަށް ބުރޫއަރާ ފަދަ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

(ޅ) ރަސްމީ ގަޑި ނޫން ކަމުގައި ވިޔަސް މުވައްޒަފުންގެ އަމަލުތައް ހުންނަން ވާނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނާއި ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިންނެވެ.

 

292 ވަނަ މާއްދާ - ސަރުކާރަށާއި ރައްޔިތުންނަށް ޒިންމާދާރުވުން

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ކޮންމެ މުވައްޒަފެއްމެ؛

(ހ) ދިވެހި ސިވިލް ސަރވިސްގައި އޭނާ އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ސަރުކާރަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވާންވާނެއެވެ.

(ށ) ހިދުމަތެއް ފޯރުވައިދިނުމުގައި ހިދުމަތް ލިބިގަންނަ ފަރާތަށް އޮޅުން ނުފިލާ ކަމެއް ވާނަމަ، ގާނޫނާއި ގަވާއިދު ތަންދޭނަމަ، އެއްވެސް ފޮރުވުމެއް ނެތި ހާމަކަމާއެކު ޖަވާބުދާރީވާންވާނެއެވެ.

(ނ) ވަޒީފާ އަދާކުރުމުގައި، ތިމާގެ ބެލުމުގެ ދަށުގައިވާ ކަންކަމުގައި ޒިންމާވާންޖެހޭނެ ފަރާތަކީ، ތިމާ ކަމުގައިވާ ހިނދު މަސައްކަތްތައް ކުރަންވާނީ، ކަމުގެ މައުލޫމާތު ރަނގަޅަށް އޮޅުންފިލުވައިލެގެންނެވެ. އަދި މުވައްޒަފަށް ނޭނގިނަމަވެސް ކަން އޮންނަންވީގޮތް ނޫން އެހެންގޮތަކަށް އަމަލުކުރެވިފައިވާނަމަ، އެކަމަށް ޒިންމާވެ ފުރިހަމައަށް ޖަވާބުދާރީ ވާންވާނެއެވެ.

 

293 ވަނަ މާއްދާ - ޔުނިފޯމް އެޅުމާއި ޔުނިފޯމް އަޅަންޖެހޭ ހާލަތްތައް

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ޔުނިފޯމް އަޅާ  ކޮންމެ މުވައްޒަފެއްމެ؛

(ހ) ޑިއުޓީ އަދާކުރާ ހުރިހާ ވަގުތެއްގައި ހުންނަން ވާނީ ޔުނިފޯމް އަޅައިގެންނެވެ.

(ށ) އޮފީހުގެ އެންމެ އިސްވެރިޔާއާ ބައްދަލުކުރާނަމަ، ހުންނަންޖެހޭނީ ޔުނިފޯމް އަޅައިގެންނެވެ.

(ނ) އޮފީހުގެ ފަރާތުން ބާއްވާ ޖަލްސާއެއް ނުވަތަ ރަސްމީ ކަމަކަށް ހާޒިރުވާން ޖެހިއްޖެނަމަ ހާޒިރުވާން ޖެހޭނީ ޔުނިފޯމް އަޅައިގެންނެެވެ.

 

294 ވަނަ މާއްދާ - މަސައްކަތުގައާއި އޮފީހުގެ ޑިއުޓީގަޑީގައި ހެދުން އެޅުމުގައާއި އަދަބު އިހްތިރާބް އަދާކުރުމާއި ސާފުތާހިރުކަން ބަހައްޓަންވީގޮތް

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ކޮންމެ މުވައްޒަފެއްމެ؛

(ހ) އޮފީހުގެ މަސައްކަތުގައި އުޅޭ ވަގުތު ހަށިގަނޑާއި ފޭރާން ހުންނަން ޖެހޭނީ ސާފުތާހިރުކޮށެވެ. އަދި މަސައްކަތް ކުރަން އިންނަ ތަނާއި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ސާފުތާހިރުކަންމަތީ ބަލަހައްޓައި ގެންގުޅެން ވާނެއެވެ.

(ށ) ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުގެ ކޮންމެ މުވައްޒަފަކުމެ ޔުނިފޯމްގެ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތައި އެމިންގަނޑުތަކަށް އަމަލު ކުރަން ވާނެއެވެ.

(ނ) ސާފުތާހިރުކަމަށް އިސްކަންދިނުމުގެ ގޮތުން އިނގިލީގެ ނިޔަފަތި ކަނޑައި ސާފުކުރުމާއި ގައިން ނުބައިވަސް، ދުވިޔަ ނުދިނުމަށްޓަކައި ޑިއޯޑަރަންޓް ބޭނުންކުރުމާއި ދަތްއުނގުޅައި ސާފުކޮށް ބެހެއްޓުމަކީ، ހުރިހާ މުވައްޒަފުން ގެންގުޅެންޖެހޭ ރީތި އާދައެކެވެ.

(ރ) ސާފުތާހިރުކަމަށް އިސްކަންދިނުމުގެ ގޮތުން އިނގިލީގެ ނިޔަފަތި ކަނޑައި ސާފުކުރުމާއި، ގައިން ނުބައިވަސް ދުވިޔަ ނުދިނުމަށްޓަކައި، ޑިއޯޑަރަންޓް ބޭނުންކުރުމާއި ދަތްއުނގުޅައި ސާފުކޮށް ބެހެއްޓުމަކީ، ހުރިހާ މުވައްޒަފުން ގެންގުޅެންޖެހޭ ރީތި އާދައެކެވެ.

(ބ) ފިރިހެން މުވައްޒަފުންގެ މަތިމަހާއި ތުނބުޅި އަދި ކަންހުޅި ޔުނިފޯމެ އެޅުމުގެ މިންގަނޑުގައިވާ ގޮތަށް ބެހެއްޓުމާއި ބޫޓު ފަދަ ތަކެތި ހުންނަން ޖެހޭނީ ރީތިކޮށް ޕޮލިށް ކުރެވިފައެވެ.

(ޅ) ރީތި އާދަތަކަށް ސަމާލުކަން ދިނުމުގެ ގޮތުން އާފުރޭއިރު އަނގަމަތީގައި އަތްއަޅައި ފޮރުވުމާއި އަނގައިން ވަސްދުވާ ކަހަލަ ނުވަތަ ވައިލެވުމުން ވެސް ވަސް ހުންނަ ކަހަލަ ތަކެތި އޮފީހަށް އަންނައިރު ނުކައިވޭތޯ ބަލަން ވާނެއެވެ.

(ކ) ރީތި އާދަތައް ހިފެހެއްޓުމުގެ ގޮތުން ކޮއްޅަށް ހުންނައިރު ދެފައިމައްޗަށް ހަމައަށް ތެދުވެހުރުމާއި އިށީނދެ އިންނައިރު އަދަބުވެރިކަމާއެކު (ގޮނޑިއަށް ފައިލައި އޮށޯވެ އޮތުން ފަދަ ކަންކަމުން އެއްކިބާވުން) އިށީނދެއިނުމާއި، މީހުންގެ ތެރޭގައި އަޑުވީއްލައި ހީ ހަދައިގެން ނުވާނެއެވެ.

(އ) އޮފީހުން ދީފައިވާ އައިޑެންޓިފިކޭށަން ކާޑު ޔުނިފޯމްު އަޅައިގެން ހުންނަ ހުރިހާ ވަގުތެއްގައި ފެންނަ ގޮތަށް ޔުނިފޯމުގައި ހަރުކުރަން ވާނެއެވެ.

 

295 ވަނަ މާއްދާ - ޑިއުޓީއަށް ދިއުމަށް ތައްޔާރުވުމާއި ޑިއުޓީގައި މުވައްޒަފުން އަމަލުކުރާނެ ގޮތާއި އަމަލުތައް ބަހައްޓާނެ ގޮތް

ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ކޮންމެ މުވައްޒަފެއްމެ؛

(ހ) ޑިއުޓީއަށް ގަޑިއަށް ހާޒިރުވުމަށް ފަރުވާތެރިވާން ޖެހޭނެއެވެ.

(ށ) ޑިއުޓީއަށް ނިކުތުމަށްޓަކައި ޔުނިފޯމް އެޅުމަށްފަހު ޔުނިފޯމު ހުރީ ޔުނިފޯމުގެ މިންގަނޑާއި އެއްގޮތަށްކަން ޔަގީން ކުރަން ވާނެއެވެ. އަދި ޑިއުޓީއަށް ދިއުމަށްޓަކައި ގެއިން ނިކުތީއްސުރެ ޑިއުޓީ ނިމިގެން ގެއަށް ގޮސް ޔުނިފޯމް ބޭލުމާ ދޭތެރޭގައި އޮފީހަށް އަޅައިގެން ހުރި ޔުނިފޯމަށް ހުތުރުނަމެއް ލިބިދާނެ ފަދަ އެންމެހައި އަމަލުތަކުން އެއްކިބާވާން ޖެހޭނެއެވެ.

(ނ) ޑިއުޓީ އަދާކުރުމަށް ނިކުމެ ހުންނަ ސަރަހައްދުގައި މުވައްޒަފުންނާއި އަދި އާންމުންނާ މުހާތަބުކުރާއިރު މަޑުމައިތިރިކަމާއެކު މުހާތަބުކުރުމާއި އަދަބު އިހްތިރާމް އަދާކުރަން ޖެހޭނެއެވެ.

(ރ) ޑިއުޓީ އަދާކުރުމުގައި އެހެން މީހުންގެ މަސައްކަތަށް ދަތިވެ އުނދަގޫވާނެ ފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ފޯރާފާނެ ފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ބ) ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައް ފަދަ ތަންތަނުގައި ޑިއުޓީ އަދާކުރަމުން ގެންދާއިރު އެތަނެއްގައި މަސައްކަތް ކުރުމަށް ތިބޭ އެހެން ދާއިރާތަކުގެ މުވައްޒަފުން ހިނގާ ބިނގާ އުޅޭއިރު އެދާއިރާތަކުގެ ސަރަހައްދު ވަކިވެފައި އޮންނަ ފަރާތަށް ވަދެ ނިކުތުމަށް ހަމަޖެހިފައި އޮންނަ މަގު ނޫން އެހެން މަގެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެ ސަރަަހައްދުގައި އުޅޭއިރު މަޑުމައިތިރިކަމާއި އެ ދާއިރާތަކުގެ ހިދުމަތް ހޯދުމަށް އައިސް ތިބޭ މީހުންނާ މުއާމަލާތުކޮށް ތިމާގެ ޑިއުޓީއާ ނުގުޅޭ ކަންތަކުގެ އެހީތެރިކަން ފޯރުވައިދީ ހަދައިގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ސަރަހައްދަކަށް ވަދެ ނިކުމެ އުޅެންވާނީ އެސަރަހައްދެއް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިންނެވެ.

(ކ) އޮފީހުގެ މާހައުލުގައާއި މާހައުލުން ބޭރުގައިވިއަސް، ވަޒީފާގެ ޒިންމާ އަދާކުރުމުގައި ދެމިހުންނަ ވަގުތުތަކުގައި، ސަމާސާ ކުރުމުގެ ނިޔަތުގައި ކަމުގައި ވިޔަސް، ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ނުވާނެއެވެ.

(އ) އޮފީހުގެ މާހައުލުގައާއި މާހައުލުން ބޭރުގައިވިއަސް ވަޒީފާގެ ޒިންމާއަދާކުރުމުގައި ދެމިހުންނަ ވަގުތުގައި އެއްވެސް ބާވަތެއްގެ ވީޑިއޯ ފިލްމު ނުވަތަ ކްލިޕްސް ބެލުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ.

(ވ) ވަޒީފާ އަދާކުރުމުގައި ބޭނުންކުރުމަށް ދީފައިވާ ކޮމްޕިއުޓަރ ސިސްޓަމް، މޭޒު ގޮނޑި ފަދަ މުދަލާއި ތަކެއްޗަށް ގަސްދުގައި ގެއްލުމެއް ދީގެން ނުވާނެއެވެ.

 

296 ވަނަ މާއްދާ - ޔުނިފޯމުގެ މިންގަނޑު

ޔުނިފޯމުގެ މިންގަނޑު (ފިރިހެން)

(ހ) ބޮލުގެ އިސްތަށިގަނޑު

  1. ބޮލުގެ އިސްތަށިގަނޑު ގިރުވާނުގައި ނުޖެހޭ ވަރަށް ރީއްޗަށް ކޮށައި ފުނާ އާޅާފައި ހުރުން (ސްޕައިކް ނުޖެއްސުން)
  2. ބޮކުގެ އިސްަށިގަނދުގައި ކަޅު ކުލަ ފިޔަވައި އެހެން ކުލައެއް ނުޖެއްސުން (ހައިލައިޓް ނުކުރުން)
  3. ކަންހުޅި ކަންފަތު ފޫޅަށް ވުރެ ދިގުވެފައި ނުހުރުން.
  4. އިސްތަށިގަނޑު ވަކި ދިމާލަކުން ދިގުކުރުމާއި ތުނި ނުކުރުން
  5. ތުނބުޅި މަތިމަސް ބޭލުން ނުވަަތަ ތުނބުޅި ބަހައްޓާނަމަ، ހުރިހާ ފަރާތަކުން އެއްވަރަކަށް ޓްރިމްކޮށްފައި ނުވަތަ ކޮށާފައި ހުރުން، އެއްވަރަކަށް ކައިރި ޖަހާފައި ހުރުން.

(ށ) އިމްގްރޭށަންގެ ބެޖް

ޔުނިފޯމްގެ ދެއަތުގައި އިމްގްރޭށަނުގެ ބެޖު، ކޮނޑުން ފެށިގެން 2 އިންޗި ތިރީގައި ހަރުކޮށްފައި ހުރުން.

(ނ) މުވައްޒަފުގެ ނޭމް ޓެގް

ނޭމް ޓެގް ހަރުކޮށްފައި ހުންނަންވާނީ ޔުނިފޯމުގެ ކަނާތު ޖީބުގެ މަތީ ކައިރިއަށް ނޭމް ޓެގްގެ ތިރީކައިރި ޖެހޭގޮތަށް އަދި ޖީބުގެ މެދަށް ވާ ގޮތަށް .

(ރ) ރޭންކް ފޮތިކޮޅު

ދެކޮނޑުމަތީގައި މަގާމު ރަމްޒުކޮށްދޭ ރޭންކްފޮތިކޮޅު ހަރުކޮށްފައި ހުރުން.

(ބ) ކަޅުކުލައިގެ ބެލްޓް

ޔުނިފޯމާއެކު ދޭ ކަޅުކުލައިގެ ބެލްޓް އަޅާފައި ރަނގަޅަށް ބެގީކޮށްފައި ހުރުން (ލޫސް ބެގީ ނުޖެހުން)

(ޅ) ފަޓްލޫނުގެ ފައިކުރި

ފަޓްލޫނުގެ ފައިކުރި ތަނބިކަށީގެ ތިރީކައިރިއަށްވުރެ ކުރުނުވުން އަދި ފައިކުރީ އޯޅައިފައި ނުހުރުން.

(ކ) ބޫޓު

ޔުނިފޯމާއެކު ކަޅުކުލައިގެ ފްލެޓް ހީލް ނާޑުވާލީ ރަސްމީ ބޫޓަކަށް އެރުން.

(އ) އިސްޓާކީން

ކަޅުކުލައިގެ (ހުސް ކަޅު) އިސްޓާކީނެއް ބޭނުންކުރުން (އިތުރު ކުލައެއްގެ ރޮނގެއް ނުވަތަ ލޯގޯއެއް ނުހުންނަ)

(ވ) ޔުނިފޯމް- ގޮށް/ ޓައީ

  1. ޔުނިފޯމުގެ ހުރިހާ ގޮށެއް އަޅުވައި، ޓައީ ބާރުކޮށް އަޅާފައި ހުރުން.
  2. ޔުނިފޯމު ދެވެ އިސްތިރިކޮށް ސާފުތާހިރުކޮށް ބެލުން.

 

ޔުނިފޯމުގެ މިންގަނޑު (އަންހެން)

(މ)

  1. ބުރުގާ އަޅާ މުވައްޒަފުން ޔުނިފޯމާއި އެކު ބޭނުން ކުރެވޭނީ މި ޑިޕާޓްމަންޓުން ޑިޒައިންކޮށްފައިވާ ފެހިކުލައިގެ ބުރުގާ.
  2. ޔުނިފޯމާއެކު ބޭނުން ކުރެވޭނީ ހަމައެކަނި ކަޅުކުލައިގެ ޕިން.
  3. ބުރުގާ އަޅާ މުވައްޒަފުންގެ ޔުނިފޯމުގައި މަގާމު ރަމްޒުކޮށްދޭ ފޮތިކޮޅު ފެންނަން ހުރުން

 

(ފ) ޔުނިފޯމު ގަމީހުގެ ފަސްބައި

  1. ޔުނިފޯމު ގަމީހުގެ ފަސްބައި، ބުޑުގެ ތިރީކައިރިއާ ހަމައަށް ހުރުން އަދި ހަށިގަނޑުގެ ބައްޓަން ފާޅުކަން ކުޑަމިންވަރަކަށް ހެޔޮވަރަށް ހުރުން
  2. ބުރުގާ އަޅާ މުވައްޒަފުންގެ ޔުނިފޯމުގެ ތިރިއަށް އަތްކުރި އަތުގެ ކުޑަހުޅު ފޮރުވޭވަރަށް ހުރުން
  3. ޔުނިފޯމުގެ އަތްކުރި އުޅަނބޮށިން ފެށިގެން މައްޗަށް 02 އިންޗިއަށް ވުރެ ކުރު ނުކުރުން

 

(ދ) ފަޓްލޫނުގެ ފައިކުރި

ފަޓްލޫނުގެ ފައިކުރި ތަނބިކަށީގެ ތިރީކައިރިއަށް ވުރެ ކުރުނުވުން އަދި ދައިކުރި އޮޅައިފައި ނުހުރުން

(ތ) އިމްގްރޭށަނުގެ ބެޖް

ޔުނިފޯމުގެ ދެއަތުގައި އިމްގްރޭށަނުގެ ބެޖު ކޮނޑުން ފެށިގެން 2 އިންޗި ތިރީގައި ހަރުކޮށްފައި ހުރުން

(ލ) ރޭންކު ފޮތިކޮޅު

ދެކޮނޑުމަތީގައި މަގާމް ރަމްޒުކޮށްދޭ ރޭންކް ފޮތިކޮޅު ހަރުކޮށްފައި ހުރުން

(ގ) މުވައްޒަފުންގެ ނޭމް ޓެގް

ނޭމްޓެގް ޔުނިފޯމްގެ ކަނާތްފަރާތުގައި ހަރުކޮށްފައި ހުރުން

(ޏ) ބޫޓު

ޔުނިފޯމާއި ގުޅޭ ކަޅު ކުލައިގެ ފްލެޓް ހީލް ރަސްމީ ބޫޓަކަށް އެރުން، އުސްވެގެން 2 އިންޗި ކުރުވެގެން ދޮޅު އިންޗި ހީލްގައި ހުރުން.

(ސ) ޔުނިފޯމް – ގޮސް / ޓައީ

  1. ޔުނިފޯމުގެ ހުރިހާ ގޮށެއް އަޅުވައ، ޓައީ ބާރުކޮށް އަޅާފައި ހުރުން
  2. ޔުނިފޯމް ސާފުކޮށް ދޮވެ އިސްތިރިކޮށގފައި ހުރުން

(ޑ) މާބަނޑު އަންހެނުންގެ ޔުނިފޯމް

  1. މާބަނޑު އަންހެން މުވައްޒަފުންގެ ޔުނިފޯމް ހެދުމުގެ ފަސްބައި ހުުންނަންވާނީ، ކަކުލުން ފެށިގެން މައްޗަށް 4 އިންޗިއަށް ވުރެ ކުރުނުވާ ގޮތަށް އަދި ކަކުލުގެ މަތީކައިރިއަށް ވުރެ ދިގުނުވާ ގޮތަށެވެ.
  2. މާބަނޑު އަންހެން މުވައްޒަފުންގެ ފުންނާބު ނުހުންނަ ފްލެޓް ބޫޓު ބޭނުންކުރެވިދާނެއެވެ.
  3. ޔުނިފޯމުގެ ކުރިމަތީގައި ކަނާތް ފަރާތުގައި ތިނެއް (3) ރޫ އަދި ވާތްފަރާތުގައި ތިނެއް (3) ރޫ ނަގާފައި ހުރުން. ރޫ ހުންނަން ވާނީ، އުނަގަނޑުން ފެށިގެން ފަސްބަޔާ ހަމައަށް ނަގާފައެވެ.
  4. ޔުނިފޯމުގައިވާ ބަންދު ފަހަތަށް އައްސާފައި ހުރުން
  5. ޔުނިފޯމުގެ ބަންދުގެ ފުޅާ މިނުގައި "2/1 1 ހުރުން
  6. މާބަނޑު މުވައްޒަފުންގެ ޔުނިފޯމުގައި މުވައްޒަފު ބޭނުންނަމަ ކަނާތްފަރާތާއި ވާތްފަރާތުން ކުރެ ކޮންމެވެސް އެއްފަރާތެއްގައި، ނުވަތަ ޔުނިފޯމުގެ ދެފަރާތުގައި، ޖީބު ހަރުކުރެވިދާނެއެވެ. ޖީބު ހުންނަން ވާނީ، އަރިމަތީގައި އެތެރެއަށް ވާގޮތަށެވެ.

 

297 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާޜުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. އަދި މިގަވާއިދުގެ 29 ވަނަ ޖަދުވަލުގައި ބަޔާންކޮށްފައިވާ އިގުރާރުގައި ލިޔުމަކީ މި ގަވާއިދުގެ މުހިންމު ބައެކެވެ.

 

(ގަވާއިދުގެ ޖަދުވަލު 29 ގައި ހިމެނޭ އިގްރާރު މި ގަވާއިދުގެ ޕީޑީއެފް ފައިލްގައި ހިމެނޭނެއެވެ)

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު