-

ދިވެހި ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 16 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 6/2013)

 

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 73، 74 އަދި 75 ވަނަ މާއްދާ އިސްލާހު ކުރުން.

 

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 73 ވަނަ މާއްދާއަށް (ރ)، (ބ)، (ޅ)، (ކ) އަދި (އ) ގެ ގޮތުގައި އަކުރުތަކެއް އިތުރުކުރުން:

73 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީން އައްޔަނު ކުރުން

(ރ) ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަނު ކުރެވިފައިވާ ދައުރު ހަމަވުމުގެ ކުރިން އެ މަގާމުން ކުރިމަތިލިމުގެ ފުރުސަތު ކޮމިށަނުން އާންމުކޮށް ހުޅުވާލަން ވާނެއެވެ.

(ބ) ހިދުމަތުގައި ދެމިތިއްބެވި ޕަރމަނަންޓް ސެކްރެޓަރީން، އަލުން 5 އަހަރު ދުވަހުގެ ދައުރަކަށް ކޮމިށަނުން އައްޔަނު ކުރުމުގައި ތިރީގައިވާ ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. އަލުން 5 އަހަރުގެ މުއްދަތަށް އައްޔަންނުކުރެވޭ ތާރީހާ ހަމައަށް އުމުރުން 60 (ފަސްދޮޅަސް) އަހަރު ފުރިފައި ނުވުން.
  2. ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާގެ މަސައްކަތުގެ ގާބިލުކަން ދެނެގަތުމަށް ކުރެވޭ އިންޓަރވިއު، ޕްރެޒެންޓޭށަން، އިމްތިހާން ފަދަ ވަޒީފާއަށް އެންމެ ގާބިލު ފަރާތް ކަނޑައެޅުމަށްޓަކައި ބެލޭ މިންގަނޑުން އެންމެ ގާބިލު ފަރާތް ކަމުގައި ހޮވުން.

(ޅ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި މިނިސްޓްރީއެއް އުފައްދަވައިފިނަމަ، އެ މިނިސްޓްރީއަކަށް ޕަރމަނަންޓް ސެކްރެޓަރީއަކު މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 5 އަހަރު ދުވަހުގެ ދައުރަކަށް އަލުން އައްޔަން ކުރެވޭނެއެވެ.

(ކ) ޕަރމަނަންޓް ސެކްރެޓަރީން އައްޔަނު ކުރުމަކީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) އަދި (ނ) ގައިވާ ގޮތުގެ މަތިން ކޮމިށަނަށް ލިބިދީފައިވާ ބާރަކަށްވާތީ، ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި މީހަކު އައްޔަން ކުރުމުގެ އެންމެފަހު ނިންމުން ނިންމާނީ ކޮމިށަނުންނެވެ.

(އ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން އަލަށް އައްޔަނު ކުރެވޭ މީހުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 109 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮބޭށަންގެ މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.

 

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 74 ވަނަ މާއްދާއަށް (ޅ)، (ކ)، (އ)، (ވ) އަދި (މ) ގެ ގޮތުގައި އަކުރުތަކެއް އިތުރުކުރުން:

74 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީން ވަކިކުރުން

(ޅ) ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަން ކުރެވިފައިވާ ދައުރު ހަމަވެ، މި ގަވާއިދުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަލުން 5 އަހަރު ދުވަހުގެ ދައުރަކަށް އައްޔަން ކުރުމަށް ކޮމިށަނުން ނިންމާފައި ނުވާނަމަ، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެ ޕަރމަނަންޓް ސެކްރެޓަރީއެއް ވަޒީފާއިން ވަކިކުރެވޭނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ ދަށުން ވަކިކުރެވޭ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަނު ކުރެވިފައިވާ ދައުރު ހަމަވާ ތާރީހާ ހަމައަށް އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ފުރިފައިވާނަމަ، އަދި އަލުން 5 އަހަރު ދުވަހުގެ ދައުރަކަށް އައްޔަނު ނުކުރެވޭނަމަ، މި ގަވާއިދުގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން އެ ޕަރމަނަންޓް ސެކްރެޓަރީއެއް ވަޒީފާއިން މުސްކުޅިކޮށް އިނާޔަތް ހަމަޖައްސައި ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

(އ) މި މާއްދާގެ (ނ) ގެ ދަށުން ވަކިކުރެވޭ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، ޕަރމަނަންޓް ސެކްރަޓަރީޢެއް އައްޔަނު ކުރެވިފައިވާ ދައުރު ހަމަވާ ތާރީހާ ހަމައަށް އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ނުވާނަމަ އަދި އަލުން 5 އަހަރު ދުވަހުގެ ދައުރަކަށް އައްޔަނު ނުކުރެވޭނަމަ، އެ ޕަރމަނަންޓް ސެކްރެޓަރީއާއެކު ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މި ގަވާއިދުގެ 118 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އިނާޔަތް ހަމަޖައްސައި ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

(ވ) ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކާ ގުޅިގެން، އުވާލެވޭ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއިން ވަކިކުރެވޭނެއެވެ. މިގޮތުން ވަޒީފާއިން ވަކިކުރެވޭނީ މި ގަވާއިދުގެ 123 ވަނަ މާއްދާ ނުވަތަ 118 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އިނާޔަތް ދިނުމަށްފަހުގައެވެ.

(މ) ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކާ ގުޅިގެން، ދެ މިނިސްޓްރީއެއް ނުވަތަ މިނިސްޓްރީތަކެއް މަސައްކަތް އެއްކޮށްލައި، އަލަށް މިނިސްޓްރީއެއް އުފައްދަވައިފިނަމަ، އެއްކޮށްލެވުނު މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންގެ މެދުގައި މެރިޓް އުސޫލުން އަލަށް އުފެއްދި މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން ވާދަކުރުމަށް ފުރުސަތު ލިބިދެވޭނެއެވެ. އަދި މިގޮތުން މި ޕަރމަނަންޓް ސެކްރެޓަރީންގެ ތެރެއިން އަލަށް އުފެދުނު މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓާރީގެ މަގާމަށް އައްޔަނު ނުކުރެވޭ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީން، ވަޒީފާއިން ވަކިކުރެވޭނީ މި ގަވާއިދުގެ 123 ވަނަ މާއްދާ ނުވަތަ 118 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އިނާޔަތް ދިނުމަށްފަހުގައެވެ.

 

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 75 ވަނަ މާއްދާ އިސްލާހުކުރުން:

75 ވަނަ މާއްދާ - ވަގުތީ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސުން

(ހ) ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިވުމުގެ ސަބަބުން ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހިނދެއްގައި ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މި ގަވާއިދުގައިވާ ގޮތުގެ މަތިން ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއަކު ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ށ) ވަގުތީ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސުމުގައި ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ކޮމިށަނުން އަމަލުކުރަންވާނެއެވެ.

  1. އެހެން ޕަރމަނަންޓް ސެކްރެޓަރީއަކު އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތީގޮތުން ހަވާލުކުރުން.
  2. އެ މިނިސްޓްރީއެއްގައި އެވަގުތަކު އިދާރީ ހިންގުމުގައި އިސްކޮށް މަސައްކަތް ކުރާ ސިވިލް ސަރވިސްގެ މުވައްޒަފާ، އެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރުން.
  3. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން އެ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމަށް ކޮމިށަނަށް ފެންނަ ފަރާތަކާ ވަގުތީގޮތުން އެ މަސްއޫލިއްޔަތު ހަވާލުކުރުން.

(ނ) ވަގުތީގޮތުން ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތްތަކުން އެ މަސްއޫލިއްޔަތު އަދާކުރާ ދުވަސްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގުމުގެ އެލަވަންސް ދޭންވާނެއެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު