-

ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 12/2013)

 

1  ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 151 ވަނަ މާއްދާއިން ފެލިދެ އަތޮޅު ފެލިދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ޅ) ގެ ދަށުން ކައުންސިލުން ކަނޑައަޅާފައިވާ ރަށްރަށުގެ ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާ މެދު ކައުންސިލަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވާއިދު" އެވެ.

 

2  ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3  ވަނަ މާއްދާ - ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަމާލުކަން ދިނުން

ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަނާއި، ކަނޑުތަކާއި ޖައްވާއި އެ ތަންތަނުގައިވާ އެއްޗާއި، އެ ތަންތަނުގައި އެޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމާއި، އެ ތަންތަނާއި ތަކެތީގެ ސަބަބުން ލިބޭ ފައިދާތައް ދަމަހައްޓައި އިތުރު ކުރުމަކީ ރާއްޖޭގެ ދެމިއޮތުމަށާއި ރާއްޖޭގެ ކުރިއެރުމަށް ހިއްސާކޮށްދޭނެ ކަންތައްތަކެއް ކަމަށްވާތީ، މިކަންކަމުގެ މައްޗަށް ކައުންސިލުންނާއި، ކައުންސިލުގެ ދާއިރާތަކަށް ނިސްބަތްވާ ހުރިހާ ރައްޔިތުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

4  ވަނަ މާއްދާ - ތިމާވެށި ރައްކާތެރި ކުރުމާއި ދެމެހެއްޓުމާބެހޭ ސިޔާސަތު ތަންފީޒުކުރުން

ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ތިމާވެއްޓާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓޭ ތަންތަނާއި ތަކެތީގެ ތެރެއިން ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނާއި ތަކެތި ކައުންސިލުން ހިމާޔަތްކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނާއި ތަކެތީގެ އިތުރަށް ކައުންސިލުގެ އިދާރާގެ ތެރެއިން ގުދުރަތީ ނުވަތަ ތބީއީ ގޮތުގައި ދެމެހެއްޓޭނެކަމަށް ކައުންސިލަށް ފެންނަ ތަންތަނާއި ތަކެތި، ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ސަމާލުކަމަށް ކައުންސިލުން ގެންނަންވާނެއެވެ.

 

6  ވަނަ މާއްދާ - ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު

(ހ) ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ކައުންސިލުގެ ދާއިރާގެ ތެރޭގައި ހިންގުމުގެ ކުރިން، އެކަމަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި ކައުންސިލަށް ކޮޕީކޮށް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި  މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމާއި އުސޫލު ކަނޑައަޅާނީ ތިމާވެއްޓާބެހޭ ވުޒާރާގެ މަސްވަރާގެ މަތިން ކައުންސިލުންނެވެ.

 

7  ވަނަ މާއްދާ - ޕްރޮޖެކްޓް ހުއްޓުވުން

ހިންގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ކައުންސިލަށް ފާހަގަކުރެވިއްޖެ ހިނދެއްގައި، އެ ޕްރޮޖެކްޓެއް ހުއްޓުވުމަށްއެދި ކަމާބެހޭ ވުޒާރާގެ ސަމާލުކަމަށް އެކަމެއް ގެންނަންވާނެއެވެ.

 

8  ވަނަ މާއްދާ - ކުންޏާއި ތެލާއި ވިހަ ތަކެތި

(ހ) ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ތަނަކަށް، ނުރައްކާތެރި ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައި ނުވަތަ އަޅައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތި އުކާލަން ނުވަތަ އަޅާނެ ތަނެއް ކައުންސިލުން ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ކުންޏެއް އެންދުމުގެ ބާރު ލިބިގެންވަނީ ކައުންސިލަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ކައުންސިލުން އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ މީހުންގެ ސިއްހަތަށް ގެއްލުން ނުވާގޮތަށް، އެކަށީގެންވާ ރައްކާތެރި ކަމާއެކުގައެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ނައްތާލުމަށް ފީއެއް ނެގުމަކަށް މި ގަވާއިދެއް ހުރަހެއް ނާޅައެވެ.

 

9  ވަނަ މާއްދާ - ގަލާއި ވެއްޔާއި އަކިރި ނެގުން

(ހ) ކައުންސިލުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ތަންތަނާއި އަދި ގުދުރަތީ ގޮތުން ގަލާއި، ވެއްޔާއި، އަކިރި އުފެދޭ ތަންތަނުން، ގަލާއި، ވެއްޔާއި އަކިރި ނަގަންވާނީ ތިމާވެއްޓާބެހޭ  ވުޒާރާގެ މަސްވަރާގެ މަތިން ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުން، މި ގަވާއިދުގެ ދަށުން ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.

(ށ) ކައުންސިލުން ހުއްދަ ލިބިގެން، ކައުންސިލުގެ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ފަޅުފުންކުރާ ކުރުމާއި ސިނާއީ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ގޮނޑުދޮށާއި ފަޅު ސާފުކުރުމުގެ ގޮތުން އަކިރި ނަގާ ނެގުން މި މާއްދާގެ (ހ) ގައި ބުނެފައިވާ އަކިރި ތެރެއަކު ނުހިމެނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެސުމުގެ ކުރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންނާއި މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ކައުންސިލުން ހުއްދަ ލިބިގެން އެ ކައުންސިލެއްގެ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ފަޅުފުންކުރާ ކުރުމަށް ވެލި ނަގާ ނެގުން މި މާއްދާގެ (ހ) ގައި ބުނެފައިވާ ވެލި ނެގުމުގެ ތެރެއަކު ނުހިމެނެއެވެ.

 

10  ވަނަ މާއްދާ - ހުއްދަ ހޯދުން

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ވެއްޔާއި އަކިރި ނެގުމަށް ކަމާބެހޭ ވުޒާރާގެ މަސްވަރާގެ މަތިން ކައުންސިލުން ކަނޑައަޅާއި އާންމުކުރާ ތަންތަނުން، ވެއްޔާއި އަކިރި ނަގަންވާނީ ވެއްޔާއި އަކިރި ނެގުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅައި، އެކަމަށް ކައުންސިލުން ކަނޑައަޅާ ފީއެއް ދައްކައި، ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ.

 

11  ވަނަ މާއްދާ - ހުއްދަދެވޭ މުއްދަތު

މި ގަވާއިދުގެ ދަށުން ވެލި ނުވަތަ އަކިރި ނެގުމުގެ ހުއްދަ ދެވޭނީ ހުއްދަ ދޫކުރާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސްދުވަހަށެވެ. ނަމަވެސް، ވެލި ނުވަތަ އަކިރި ނަގަން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތި އިތުރުކުރަން ކައުންސިލަށް ހުށަހަޅައިފިނަމަ، އިތުރު 1 (އެކެއް) މަސްދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ.

 

12  ވަނަ މާއްދާ - ރިޕޯޓު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ހުއްދަލިބިގެން ވެއްޔާއި އަކިރި ނެގިގޮތުގެ ރިޕޯޓެއް ފުރިހަމަ ކުރުމަށްފަހު، ހުއްދަ ލިބުނު ފަރާތުން، ހުއްދައިގައިވާ މުއްދަތަށް، އެ ރިޕޯޓު، ކޮންމެ މަހަކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

13  ވަނަ މާއްދާ - ކައުންސިލުގެ ސަރަހައްދުގެ ތެރެއިން ވެއްޔާއި އަކިރި ނަގާ ތަންތަނުގެ މައުލޫމާތު ބެލެހެއްޓުން

ކައުންސިލުގެ ސަރަހައްދުގެ ތެރެއިން ވެއްޔާއި އަކިރި ނަގާ ތަންތަނާއި އެތަކެތި ނަގާ ބޭނުމާއި، އަދަދާއި ތާރީހު އެނގޭގޮތަށް އެ މައުލޫމާތުތައް ކައުންސިލުން ބަލަހައްޓަންވާނެއެވެ.

 

14  ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުން

މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދައިގެ އިމުގެ ބޭރުން ކުރާކަމަކުން، ނުވަތަ ގާނޫނާ ހިލާފަށް ކުރާކަމަކުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ށަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

15  ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާ މެދު، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮސްފި ނަމަ 500ރ (ފަސްސަތޭކަ ރުފިޔާ ) އާއި 1000 (އެއްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިން ވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000 (އެއްހާސް ރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މިހެން މި ގަވައިދުގައި ބަޔާން ކުރެވިފައި ވީނަމަވެސް ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ޖޫރިމަނާނެގުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

16  ވަނަ މާއްދާ - މިގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތައް

މިގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭ ގޮތުން މިގަވާއިދުގެ ދަށުން ހަދަން ޖެހޭ އުސޫލުތައް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި އެއުސޫލުތައް އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

17  ވަނަ މާއްދާ - މާނަކުރުން

(ހ) "ކައުންސިލް": މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރ 7/2010) ގެ ދަށުން އިންތިހާބުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަށެވެ.

(ށ) "ތިމާވެއްޓާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، މިގަވައިދުގެ ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ތިމާވެއްޓާބެހޭ ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.  

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު