-

އޯފް ޕޯޓް ލިމިޓާއި އޯފްށޯގައި ށިޕިންގ ހިދުމަށް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 33/2013)

 

1 ވަނަ މާއްދާ – ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 69/1978 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ " ދިވެހިރާއްޖޭގެ އޯފް ޕޯޓް ލިމިޓާއި އޯޕްށޯރގައި ށިޕިންގގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ -  ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީ އިންނެވެ.

 

4 ވަނަ މާއްދާ – ގަވާއިދަށް  އަމަލުކުރަންފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ -  އޯފް ޕޯޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް

(ހ) އޯފް ޕޯޓް ލިމިޓުގެ ސަރަހައްދަކީ، ރަސްމީ ވިޔަފާރި ބަނދަރަކާ ގުޅިގެން ކަނޑައަޅާފައި އޮންނަ ވަކި ސަރަހައްދެކެވެ.

(ށ) ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާގުޅިގެން ކަނޑައަޅާފައިވާ އޯފް ޕޯޓް ލިމިޓަކީ:

      ހ. 73º 03.0E - 6º 36.0N

      ށ. 73º 02.0E - 6º 38.0N

      ނ. 73º 00.5E - 6º 38.0N

      ރ. 73º 01.5E - 6º 36.0N

 

6 ވަނަ މާއްދާ – އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ހިދުމަތް ދިނުމަށް ހުއްދައަށް އެދި ހުށަހެޅުން

އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ހިދުމަތް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަން ވާނީ އެނެކްސް 1 ގައިވާ އެޕްލިކޭށަން ފޯމުންނެވެ.

 

7 ވަނަ މާއްދާ – އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ތެރޭގައި އޮންނަ އުޅަނދުފަހަރަށް ހުއްދަ ހޯދުން

އޯފް ޕޯޓް ލިމިޓާއި އޯފްށޯރ ސަރަހައްދުގައި އުޅަނދުފަހަރު ބަނދަރުކޮށް މަޑުކުރުމަށް އިތުރު ކްލިއަރެންސެއް ނަގާކަށް ނުޖެހޭނެއެވެ. އުޅަނދު އޯފް ޕޯޓް ލިމިޓަށް ނުވަތަ އޯފްށޯރއަށް އަންނަކަން ލަސްވެގެން އުޅަނދު އައުމުގެ 48 ގަޑި އިރުގެ ކުރިން ތިރީގައިވާ މައުލޫމާތުތަކާއެކު ކަމާބެހޭ މުއައްސަސާތަކަށް އެ އުޅަނދެއްގެ ލޯކަލް އޭޖެންޓް އަންގަވާނެއެވެ.

(ހ) އެ އުޅަނދު އޯފް ޕޯޓަށް ނުވަތަ އޯފް ށޯރއަށް އަންނަ ބޭނުން

(ށ) އުޅަނދުގައި ހުރި މުދަލަކާއި ހުރި އަދަދު އަދި "ޑޭންޖަރަސް ކާގޯ" އެއް ހުރިނަމަ، އެ މުދަލުގެ ތަފްސީލު

(ނ) އެއްވެސް ހަތިޔާރެއް ހުރިނަމަ، އެ ހަތިޔާރުތަކުގެ ތަފްސީލު

(ރ) އުޅަނދުގައި ގާބޭޖް ހުރި ވަރަކާއި ގާބޭޖް ސްޓޯރޭޖުގެ ކެޕޭސިޓީ

(ބ) ސްލަޖް/ސްލޮޕް ހުރި މިންވަރު

(ޅ) އެންމެފަހުން މި މާއްދާގެ (ށ)، (ނ)، (ރ) ގައިވާ ތަކެތި ބޭލި ބަނދަރުގެ ނަން

(ކ) މުއްދަތު ހަމަނުވާ "ފައިނޭންށަލް ލައިބިލިޓީ އޮން އޮއިލް ޕޮލިއުށަން ޑެމޭޖް އިންށުއަރެންސް ޕޮލިސީ" އޮތުން

(އ) އުޅަނދު އޮފް ޕޯޓް ލިމިޓާއި އޯފްށޯރއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ލަފާކުރާ ތާރީހާއި ގަޑި (އީ.ޓީ.އޭ).

(ވ) އުޅަނދު އޯފް ޕޯޓް ލިމިޓާއި އޯފްށޯރއިން ފުރުމަށް ހަމަޖެހިފައިވާކަމަށް ލަފާކުރާ ތާރީހާއި ގަޑި (އީ.ޓީ.ޑީ).

 

8 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި އުޅަނދުފަހަރު ބަނދަރުކުރުން

(ހ) ދިވެހި ރާއްޖޭގައި އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި ބަނދަރުކުރާ ކޮންމެ އުޅަނދެއްގައިވެސް ލޯކަލް އެޖެންޓެއް ކަނޑައަޅާފައި ހުރުން.

(ށ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ބަނދަރުކޮށްފައި ހުންނަ އުޅަނދުފަހަރުގައި ހުންނަ ލައިފްބޯޓް، ރެސްކިއުބޯޓް، ޑިންގީ ފަދަ އެއްޗެހި މޫދަށް ބާލައި ދުއްވާ ހެދުމަކީ މަނާ ކަމެކެވެ. (އިމަޖެންސީ ހާލަތުގައި މީހުން ސަލާމަތް ކުރުމަށް މިތަކެތި ބޭނުން ކުރުން މިގަވާއިދުން އިސްތިސްނާކުރެވެއެވެ.)

(ނ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އޮންނަ އުޅަނދުފަހަރަށް ގޮސް އައިސް ވާންވާނީ އެސަރަހައްދަކާ ގުޅިފައިވާ ރަސްމީ ވިޔަފާރި ބަނދަރަކުން އެބަނދަރެއްގައި ގާއިމުވެފައިވާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ހުއްދައާ އެކުގައެވެ.

(ރ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ހުންނަ އުޅަނދުފަހަރަށް ސަޕްލައި ހިފައިގެންދާ އުޅަނދުފަހަރަކީ އެކަމަށް ހުއްދަ ކޮށްފައިވާ އުޅަނދުފަހަރަށް ވާންވާނެއެވެ. މި ގޮތުން އެފަދަ އުޅަނދުފަހަރަށް ދޫކުރާ ހުއްދައަށް އެދޭނީ އެނެކްސް 2 ގައި ވާ ފޯމުންނެވެ.

(ބ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އޮންނަ އުޚަނދުފަހަރަށް ސަޕްލައި ހިފައިގެންދާ އުޅަނދުފަހަރުގެ ކެޕްޓަނާއި ފަޅުވެރިންނަކީ ތިރީގައި މިވާ ށަތުރުތައް ފުރިހަމަވެފައި ހުންނަ ބައެއްކަމުގައިވާން ވާނެއެވެ.

  1. ކެޕްޓަން: ދަށްވެގެން ނިޔަމިކަމުގެ ސަނަދު އޮތުން (ޓަނޭޖް އެންޑޯޒްކޮށްފައިވާ)
  2. އިންޓަނޭށަނަލް މެރިންގ ވޮކެބިއުލަރީ ބޭނުންކޮށްގެން ވީ.އެޗް.އެފް އިން މުއާސަލާތު ކުރެވޭ ފެންވަރުގެ މީހެއްކަމުގައިވުން.
  3. ފަޅުވެރިން: ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ތަމްރީން (ބޭސިކް ކޯހުގެ ގޮތުގައި ކަނޑައަޅާފައިވާ 4 ކޯސް) ފުރިހަމަކޮށްފައިވުން.

 

9 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އުޅަނދު އޮތުމުގެ މުއްދަތު

އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އެންކަރޭޖް ފީ ނުނަގައި އުޅަނދަކަށް އޮވެވޭނީ ގިނަވެގެން 21 ދުވަސް ވަންދެނެވެ. 21 ދުވަހަށްވުރެ އިތުރުވާނަމަ ތިރީގައި ވާ ގޮތުގެ މަތިން އެންކަރޭޖް ފީ ދައްކަންވާނެއެވެ.

(ށ) ކޮންމެ 24 ގަޑި އިރަށް ގްރޮސް ޓަނަކަށް 1.50 (އެއްޑޮލަރު ފަންސާސް ސެންޓް) ޑޮލަރު

(ނ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ހިދުމަތްދެވޭ އެޖެންޓުގެ ލައިސަންސް ފީއަކީ އަހަރަކަށް 2000 (ދެހާސް) ރުފިޔާއެވެ.

 

10 ވަނަ މާއްދާ -  އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން

ސަލާމަތްތެރިކަމުގެ ގޮތުން އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އުޅަނދު އޮންނަ މުއްދަތުގައި އޮޓަމެޓިކް އައިޑެންޓިފިކޭށަން ސިސްޓަމް (އޭ.އައި.އެސް) ހުންނަންވާނީ މެދުނުކެނޑި ޖައްސާފައެވެ.

 

11 ވަނަ މާއްދާ - އޯފްށޯރ ސަރަހައްދު

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ އިތުރުން އޯޕްށޯރ ސަރަހައްދުގެ ގޮތުގައި ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތިރީގައި މިވަނީއެވެ.

(ހ) ހއ. އުލިގަމުގެ އުތުރުން އިރުމަތީ ތޫލުން 72º 55’E ން 3 (ތިނެއް) މޭލުން ފެށިގެން 12 (ބާރަ) މޭލާ ދެމެދުއެވެ.

(ށ) ހދ. ކުޅުދުއްފުށީގެ ދެކުނުން އުތުރު އަރުޒުން 6º 35’N ން 3 (ތިނެއް) މޭލުން ފެށިގެން 12 (ބާރަ) މޭލާ ދެމެދުއެވެ.

(ނ) ކ.މާލޭގެ އިރުމަތިން އުތުރު އަރުޒުން 4º 10’N 3 މޭލުން ފެށިގެން 12 މޭލާ ދެމެދުއެވެ.

(ރ) ސ.ގަމުގެ ދެކުނުން އިރުމަތީ ތޫލުން 73º10’E މެރިޑިއަން 3 (ތިނެއް) މޭލުން ފެށިގެން 12 (ބާރަ) މޭލާ ދެމެދުގައި އޯފްށޯރ ހިދުމަތް ދެވިދާނެއެވެ.

 

12 ވަނަ މާއްދާ – އޮފްސޯރ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހިދުމަތް ދޭ ސަޕްލައި އުޅަނދު

(ހ) އޯފްށޯރ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރަކީ އެކަމަށް ހުއްދަ ކޮށްފައިވާ އުޅަނދުފަހަރަށް ވާންވާނެއެވެ. މިގޮތުން ދޫކުރާ ހުއްދައަށް އެދޭނީ އެނެކްސް 2 ގައިވާ ފޯމުންނެވެ.

(ށ) އޯފްށޯރ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހިދުމަތް ދިނުމުގައި ބޭނުންކުރާ އުޅަންދުފަހަހަރަކީ ދަގަނޑު ނުވަތަ އެލްމިނިއަމުން ބަނދެފައިވާ މިފަދަ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އުޅަނދުފަހަރަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ "ހ" ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުގައި ފަޅުވެރިން ބަދަލުކުރުމަށް ބޭނުންކުރާ ނަމަ އެ އުޅަނދުފަހަރުގައި ފަސިންޖަރުންނަށް އުޅަނދުން އެއްގަމާ ހަމައަށް އައުމުގައި ދަތިކަމެއްނެތި އަތްވާއި ވާރެއިން ސަލާމަތް ވެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ވާނެއެވެ.

 

13 ވަނަ މާއްދާ -  އޯފް ޕޯޓް ލިމިޓުގައި އަދި އޯފްށޯރއިން ދެވޭނެ ހިދުމަތްތައް

އޯފް ޕޯޓް ލިމިޓުގައި އަދި އޯފްށޯރ އިން ތިރީގައި މިދަންނަވާ ހިދުމަތްތައް ދެވިދާނެއެވެ.

(ހ) އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ބަލި ހާލަތު ހުރިގޮތުން ކުއްލި ހާލަތުގައި އުޅަނދުން ބާލަންޖެހޭ ކްރޫން ބޭލުން.

(ށ) އިންސްޕެކްޓަރުން، ސަރވެޔަރުން، ޕޯޓްކެޕްޓަނުން، ސްޕްރިންޓެންޑެންޓުން އުޅަނދަށް އެރުވުމާއި އުޅަނދުން ގެނައުން.

(ނ) އުޅަނދު މަރާމާތުކުރުމަށް ދާ ފަރާތްތައް އުޅަނދަށް އެރުވުމާއި އުޅަނދުން ބޭލުން.

(ރ) އުޅަނދަށް ބޭނުންވާ ސްޕެއަރޕާޓްސް ގެންދިއުން.

(ބ) އުޅަނދުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ މީހުން (ސީ މާށަލްސް) އުޅަނދަށް އެރުވުމާއި އުޅަނދުން ބޭލުން.

(ޅ) ތެޔޮ އުފުލާ އުޅަނދުފަހަރުގެ ސްލޮޕް ޓޭންކްތަކުގައި ހުންނަ ރެސިޑިއު އުޅަނދުން ބޭލުމާއި އުޅަނދުފަހަރުގެ ޓޭންކްތައް ސާފުކުރުން.

(ކ) އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރުން

(އ) ށިޕް ސްޓޯރގެ ގޮތުގައި އުޅަނދަށް ބޭނުންވާ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު، ބަންކަރު، ލުބްއޮއިލް އަދި ސާފު ބޯފެން ސަޕްލައިކޮށްދިނުން.

(ވ) އުޅަނދުފަހަރު އަޅާފައި ބޭއްވުން (ލެއިޑްއަޕްކުރުން) ނުވަތަ މަރާމާތު އަދި އެހެން ގޮތަކުންވެސް އުޅަނދު މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި އުޅަނދު މަޑުކުރުން.

(އ) އުޅަނދުފަހަރު ފިއުމިގޭޓްކުރުން.

 

14 ވަނަ މާއްދާ – އަދަބު

މިގަވާއިދާ ހިލާފުވާ ފަރާތެއްގެ އަދަބަކީ ފުރަތަމަ ފަހަރު 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، އަދި ދެވަނަފަހަރަށް، ނުވަތަ ދެވަނަ ފަހަރަށްވުރެ އިތުރަށް މިގަވާއިދާ ހިލާފުވެއްޖެނަމަ ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކަށް 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

15 ވަނަ މާއްދާ – މާނަކުރުން

(ހ) "ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ދަތުރުފަތުރާބެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިދާރާއަށެވެ.

(ށ) "އޯފް ޕޯޓް ލިމިޓް (އޯ.ޕީ.އެލް)" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި 5 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ ޕޮޒިށަންތައް ގުޅުވާލުމުން އެ ޕޮޒިށަންތަކުގެ އެތެރޭގައި ހިމެނޭ ސަރަހައްދެވެ.

(ނ) "އޯފްށޯރ" ކަމަށް ބުނެފައި އެވަނީ، މިގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި ދީފައިވާ ކޯޑިނޭޓްތަކުން ބޭރުގައިވާ ސަރަހައްދަށެވެ.

(ރ) "ރަސްމީ ވިޔަފާރި ބަނދަރު" ކަމަށް ބުނެފައި އެވަނީ، މާލޭގެ ކޮމާށަލް ހާބަރު، ހދ.ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އަދި ސ.ހިތަދޫ ސަރަހައްދީ ބަނދަރުގެ އިތުރުން ހއ.އުލިގަމު ހިމެނޭ ގޮތަށެވެ.

(ބ) "ރޭޑިއޯ ކޯލް ސައިން" ކަމަށް ބުނެފައި އެވަނީ، އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގައުމުގެ މުވާސަލާތާބެހޭ އިދާރާއަކުން އެ އުޅަނދަށް ދިމާވާ ހާދިސާތަކުގައި މުވާސަލާތުކުރުމަށް ހާއްސަކޮށްގެން ދީފައިވާ އަކުރުތަކެކެވެ.

(ޅ) "ބޭސިކް ކޯހުގެ ގޮތުގައި ކަނޑައަޅާފައިވާ 4 ކޯސް" ކަމަށް ބުނެފައި އެވަނީ، (STCW 95) މުއާހަދާގެ ދަށުން ހަދާ އެންމެ އަސާސީ ހަތަރު ކޯހަށެވެ.

(ކ) "ޑޭންޖަރަސް ކާގޯ" ކަމަށް ބުނެފައި އެވަނީ، މީހުންނާއި މުދަލާއި ދިރޭ ތަކެއްޗާއި ތިމާވެއްޓަށް ގެއްލުންދޭ ހަރު އެއްޗިއްސާއި (ސޮލިޑް)، ދިޔާ ތަކެއްޗާއި (ލިކުއިޑް) އަދި ގޭހުގެ ބާވަތްތައްކަށެވެ.

(އ) "ގާބޭޖް" ކަމަށް ބުނެފައި އެވަނީ، ކުނިބުނީގެ ގޮތުގައި އުކާލެވޭ ތަކެއްޗަށެވެ.

(ވ) "ސްލަޖް" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރުގެ އިންޖީނުގައި ބޭނުންކުރުމަށްފަހު އުކާލުމަށް ނެގޭ ތެލެވެ.

(މ) "ސްލޮޕް" ކަމަށް ބުނެފައި އެވަނީ، ކާގޯގެ ގޮތުގައި ތެޔޮ އުފުލާ އުޅަނދުފަހަރުގެ ތެޔޮ ތާނގީތައް ސާފުކުރުމަށްފަހު ނެގޭ ތެލެވެ.

 

(ޓްރާންސްޕޯޓް އޮތޯރިޓީއިން ހުށަހަޅާ ފޯމްތައް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ، އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 69/1978)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު