-

އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލު ކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 34/2013)

 

1 ވަނަ މާއްދާ -  ތައާރުފާއި ނަން

(ހ) މިގަވާއިދަކީ، ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާއިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީހު ކުރުމާބެހޭ ގަވާއިދު" މިފަދައިންނެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ މަގުސަދު

މިގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލުތައް ކޮށް، ރާވައި ހިންގައި، ތަރައްގީކޮށް ބެލެހެއްޓުމެވެ. އަދި މި ގަވާއިދުގެ ދަށުން "ޔުނައިޓެޑް ނޭށަންސް ކޮންވެންށަން އޮން ދަ ލޯ އޮފް ދަ ސީ" (ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު) އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރޭގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލުކުރުމަށް މަގުފަހިކޮށްދިނުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިނގާނީ ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލުކުރާ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - މަސްވެރިކަން ބެލެހެއްޓުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ނިންމާ ނިންމުން.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޒިންމާއާއި ހަވާލުވެފައިވާ ސަރުކާރުގެ އިދާރާއަކުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަން ބެލެހެއްޓުމުގައި ނުވަތަ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ނިންމާ ނިންމުމަކާ ގުޅިގެން މިގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ކުރިއަށް ގެންދާ ދިރާސާއަކަށް އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ، މިގަވާއިދާ ތައާރުޒުނުވާގޮތަށް އެމައްސަލައެއް ނިންމައި އެކަމާމެދު ގޮތެއް ނިންމުމުގެ ބާރު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރަށް ލިބިގެންވެއެވެ. ނަމަވެސް، މިގޮތުން ނިންމާ އެއްވެސް ނިންމުމެއް ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި "މަސްވެރިކަމުގެ ގާނޫނު" ނުވަތަ ދިވެހިރާއްޖޭގައި އަމަލުކުރާ އެހެން ގާނޫނަކާ ހިލާފުވެގެނެއް ނުވާނެއެވެ.

 

5 ވަނަ މާއްދާ -  އިސްތިސްނާ ހާލަތު

މަސްވެރިކަން ބެލެހެއްޓުމަށް ނުވަތަ މަސްވެރިކަން ހިނގާނުހިނގާ ގޮތް ބެލުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސްކަމަކާ ގުޅޭ ގޮތުން މިނިސްޓްރީއިން ކުރާ ދިރާސާތައް މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

 

6 ވަނަ މާއްދާ – މާނަކުރުން

މިގަވާއިދުގައި ލަފްޒެއް ނުވަތަ އިބާރާތެއް، އެ އިބާރާތެއް ހިމެނިފައިވާގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މިގަވާއިދުގައި؛

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރއަށް ނުވަތަ މިގަވާއދުގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބާރާއި އިހުތިޔާރު މިނިސްޓްރީއިން ދީފައިވާ ކޮންމެ ފަރާތަކަށެވެ.

"ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރު، ފަޅު، ހާ އަދި ގިރި ފަދަ ތަންތަން ހިމެނޭ ގޮތަށެވެ.

ފިށަރީޒް އެޑުވައިޒަރީ ބޯޑު" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު ކަނޑައެޅުމަށާއި މަސްވެރިކަމާ ގުޅޭގޮތުން ލަފާއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ފަރާތްތައް ހިމެނޭ ކޮމިޓީއަށެވެ.

 

7 ވަނަ މާއްދާ – އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ސާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ބާބު 1

ހުއްދަ ހޯދުން

8 ވަނަ މާއްދާ – ތަހުލީލުކުރުމުގެ ހުއްދަ

ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލު ކުރަންވާނީ މިނިސްޓްރީ އޮފް ފިށަރީޒް، އެންޑް އެގްރިކަލްޗަރުގެ ހުއްދަ ހޯދުމަށް ފަހުގައެވެ. ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލު ކުރުމަށް އެދޭ ފަރާތް ނުވަތަ ރިސާޗް އިންސްޓިޓިއުޓް ނުވަތަ ބައިނަލް އަގްވާމީ ޖަމުއިއްޔާ ޖަމާއަތަކުން ތަހުލީލުކުރުމަށް އެދޭ ފޯމު ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރަށެވެ.

 

9 ވަނަ މާއްދާ - ތަހުލީލުކުރުމުގެ ހުއްދަ ހޯދުން

(ހ) ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލު ކުރުމުގެ ހުއްދައަށް އެދެންވާނީ މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

(ށ) މިގަވާއިދުގެ ދަށުން އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ތަހުލީލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު އަންނަނިވި ތަކެތި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. ގާނޫނު ނަންބަރު؛ 4/1993 "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު"ގެ ދަށުން ނަގަންޖެހޭ ހުއްދައެއް ކަމުގައި ވާނަމަ އެ ހުއްދަ،
  2. މިނިސްޓްރީއަށް ތަހުލީލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު ދައްކަންޖެހޭ ފީ.

(ނ) މިގަވާއިދުގެ ދަށުން ތަހުލީލުކުރުމަށް ބޭނުންވާ ފަރާތްތަކުން، އެކަން ފަށާ ތާރީހުގެ މަދުވެގެން 2 (ދޭއް) މަސް ދުވަސް ކުރިން ތަހުލީލުކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި ހުއްދަހޯދަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ތަހުލީލު ކުރުމުގެ ހުއްދައަށް އެދި  ހުށަހަޅާ ފޯމުގައި އެއްވެސް މައްސަލައެއް އޮތްނަމަ ނުވަތަ މައުލޫމާތު ފުރިހަމަ ނުވާނަމަ ނުވަތަ ހުށަހެޅިފައިވާ ތަހުލީލު ކުރިއަށް ގެންދިއުމަށް މިނިސްޓްރީއިން އުޒުރުވެރިވާފަދަ އެއްވެސް ކަމެއްވާނަމަ އެކަމެއް ހުއްދައަށް އެދި ހުށަހަޅާ ފަރާތަކަށް ފޯމު ހުށަހެޅި ފަރާތަކަށް ފޯމު ހުށަހެޅި ތާރީހުން ފެށިގެން 1 (އެއް) މަސްދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.

(ބ) މިގަވާއިދުގެ ދަށުން ތަހުލީލުކުރުމުގެ ހުއްދަ ދެވޭނީ އެންމެ ދިގުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ޅ) ތަހުލީލުކުރުމުގެ ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ކަމުގައި މިމާއްދާގެ (ބ)ގައި ބަޔާންކޮށްފައިވީ ނަމަވެސް، ތަހުލީލުކުރުމަށް ދީފައިވާ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމަށްފަހު އެތަހުލީލު އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާނަމަ އަންނަނިވި ތަކެއްޗާއެކު އަލުން ހުއްދަ އައުކުރުމަށް ހުށަހެޅިދާނެއެވެ.

  1. ތަހުލީލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު
  2. ތަހުލީލުކުރުމުގެ ހުއްދައަށް ނަގާ ފީ
  3. ފާއިތުވެދިޔަ 12 މަސް ދުވަހު ހިންގުނު ތަހުލީލުތަކުގެ ރިޕޯޓް

 

10 ވަނަ މާއްދާހުއްދަ ދޫކުރުމާއި ހުއްދައަށް ނަގާ ފީ

(ހ) މިގަވާއިދުގެ ދަށުން ދޫކުރާ ހުއްދަ ދޫކުރަންވާނީ، މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފީ ނެގުމަށްފަހުގައެވެ.

(ށ) މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހަޅާ ފީގެ އަދަދުތައް ފިށަރީޒް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން މަދުވެގެން ކޮންމެ ދެއަހަރަކުން އެއްފަހަރު، މުރާޖައާކޮށް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެންއޮތްނަމަވެސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެޒަރީގެ ރުހުމާއެކު، މިގަވާއިދުގެ ދަށުންދޭ ހުއްދައެއް ނުވަތަ ހުއްދަދޭ ކަމަކަށް ނުވަތަ ހުއްދަދޭ ކަމެއްގެ ގިންތިއަކަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި، މިގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ ފީއާ ނުލައި ނުވަތަ އެޖަދުވަލުގައި ކަނޑައަޅާފައިވާ ފީ އަށްވުރެ ކުޑަ ފީ އަކަށް ހުއްދަ ދޫކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާހުއްދަ އެހެން ފަރާތަކަށް ބަދަލުކުރުން

މިގަވާއިދުގެ ދަށުން ދޫކޮށްފައިވާ ތަހުލީލު ކުރުމަށް ދީފައިވާ ހުއްދައެއް ނުވަތަ ހުއްދައިގެ ދަށުން ލިބޭ ހައްގެއް ނުވަތަ އިމްތިޔާޒެއް އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ހުއްދަ ދިނުމުގެ އާންމު ށަރުތުތައް

(ހ) ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ހުއްދައިގެ މުއްދަތުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ހުއްދައިގައި ބަޔާންކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުން.
  2. މި ގަވާއިދާ އެއްގޮތަށް އަމަލުކުރުން
  3. ހުރިހާ ވަގުތެއްގައިވެސް ތަހުލީލުކުރުމަށް ބޭނުންކުރާ އުޅަނދުގައި ނުވަތަ ހުއްދަ ދީފައިވާ ތަނުގައި ހުއްދަ އޮތުން.
  4. މިނިސްޓްރީއިން ކަނޑައަޅާ ފިށަރީޒް އެންފޯސްމެންޓް އޮފިސަރަކު ނުވަތަ އެހެންވެސް ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ ފަރާތުން ހުއްދަ ދެއްކުމަށް އެދެފިނަމަ އެފަރާތަކަށް ހުއްދަ ދައްކައި ތަހުލީލާ ގުޅޭ އެހެނިހެން މައުލޫމާތު ހޯދުމަށް އެދިއްޖެ ހިނދެއްގައި އެމައުލޫމާތު ފޯރުވައިދީ އެފަރާތުގެ މަސައްކަތަށް އެއްބާރުލުން ދިނުން.
  5. މި ގަވާއިދުގެ ދަށުން ތަހުލީލުކުރުމުގެ ހުއްދަ ދީފައިވާ އުޅަނދެއްގައި އެއުޅަނދަކީ ތަހުލީލުކުރާ އުޅަނދެއްކަން އަންގައިދޭ ދިދަ، ދުރަށް ފެންނަ ގޮތަށް ނަގާފައި ހުރުން. ތަހުލީލުކުރާ އުޅަނދެއްކަން އަންގައިދޭ ދިދަ ހުންނަންވާނެ ގޮތް މިގަވާއިދުގެ ޖަދުވަލު 3 ގައި އެވަނީއެވެ.

(ށ) މިގަވާއިދުގެ ދަށުން ދޫކުރާ ތަހުލީލުކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ތަހުލީލުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ތަހުލީލުކުރުމުގެ ފުރަތަމަ މަރުހަލާގެ (އިނީށިއަލް އެނަލެސިސް) ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ހިމަނަންޖެހޭ ތަފްސީލުތައް މިގަވާއިދުގެ ޖަދުވަލު 4 ގައި އެވަނީއެވެ.

 

13 ވަނަ މާއްދާ - ހުއްދައިގެ މައުލޫމާތު ބެލެހެއްޓުން

(ހ) މިގަވާއިދު ދަށުން މިނިސްޓްރީއިން ދޫކުރާ ހުއްދަތަކާބެހޭ މައުލޫމާތު ހިމެނޭ، ގައުމީ ރަޖިސްޓަރީއެއް މިނިސްޓްރީއިން އުފައްދައި ބަލަހައްޓަންވާނެއެވެ. މިރަޖިސްޓަރީގައި ތިރީގައިވާ މައުލޫމާތު ފިށަރީޒް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާ ނުވަތަ ބޭނުންވާ ގޮތަކަށް ހިމަނަންވާނެއެވެ.

  1. މިގަވާއިދުގެ ދަށުން ހުއްދަ ހޯދަން އެދޭ ފަރާތްތައް.
  2. މިގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދައާއި، އައުކޮށްދެވޭ ހުއްދައާއި، ހިފެހެއްޓޭ ހުއްދައާއި، ބާތިލުކުރެވޭ ހުއްދައާބެހޭ މައުލޫމާތު.
  3. ހުއްދަ ދެވޭ ފަރާތާބެހޭ މައުލޫމާތު
  4. ހުއްދަދެވޭ ކަންކަން.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރީގައި ހިމަނާ މައުލޫމާތު ހޯދުމަށް އެއްވެސް ފަރާތަކުން އެދެފިނަމަ، އެދިފައިވާ މައުލޫމާތުގެ މައްޗަށް ބެލުމަށްފަހު އެއީ ދެވިދާނެ މައުލޫމާތެއް ކަމަށްވާނަމަ، އެމައުލޫމާތެއް މިނިސްޓްރީއިން އެފަރާތަކަށް ދޭންވާނެއެވެ. ނަމަވެސް، މިގޮތުގެ މަތީން މައުލޫމާތު ދެވޭނީ، އެމައުލޫމާތަކީ އޭގައި ސިއްރު މައުލޫމާތެއް ހިމެނޭ މައުލޫމާތެއްނަމަ، މައުލޫމާތު ހިފެހެއްޓުމާ ބެހޭގޮތުން ނުވަތަ މިފަދަ މައުލޫމާތު ދިނުމާބެހޭގޮތުން އަމަލުކުރެވޭ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) މިމާއްދާއާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީއިން ބަލަހައްޓާ ހުއްދަތަކުގެ ގައުމީ ރަޖިސްޓަރީގައި ހިމަނާފައިވާ މައުލޫމާތު ބަލަން ބޭނުންވާ ކޮންމެ މީހަކަށް، އެކަމަށް ކަނޑައެޅިފައިވާ ތަނެއްގައި، ކަނޑައެޅިފައިވާ ގަޑީގައި އަދި އެކަމަށް ފީއެއް ދައްކަންޖެހޭނަމަ އެ ފީއެއް ދެއްކުމަށްފަހު ބެލޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ. ނަމަވެސް މިގޮތުގެ މަތިން މައުލޫމާތު ހާމަކުރެވޭނީ، މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާބެހޭގޮތުން ނުވަތަ މިފަދަ މައުލޫމާތު ދިނުމާބެހޭގޮތުން އަމަލުކުރެވޭ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

14 ވަނަ މާއްދާ – ތަފާސް ހިސާބު އެއްކުރުން

(ހ) މިގަވާއިދުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތްތަކުން ހުއްދައިގެ ށަރުތެއްގެ ގޮތުގައި މިނިސްޓްރީއަށް ފޯރުވައިދިނުމަށް ކަނޑައަޅާ މައުލޫމާތު ހުއްދައިގެ ށަރުތުގައި ކަނޑައެޅިފައިވާ ގޮތަށް މިނިސްޓްރީއަށް ދޭންވާނެއެވެ.

(ށ) މައުލޫމާތު ދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ، ތެދު، ފުރިހަމަ މައުލޫމާތު ކަމަށް ވާންވާނެއެވެ. އަދި މިގޮތުންދޭ އެއްވެސް މައުލޫމާތަކީ ދޮގު ނުވަތަ ސައްހަނޫން މައުލޫމާތު ކަމުގައި ވެގެންނެއް ނުވާނެއެވެ.

 

 ބާބު 2

ބެލެހެއްޓުމާއި ތަންފީޒުކުރުން

15 ވަނަ މާއްދާ – އޮބްޒާވަރުން

(ހ) ތަހުލީލުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ކުރާ ތަހުލީލު ހިނގާ ނުހިނގާގޮތް ބެލުމަށްޓަކައި ތަހުލީލުކުރާ އުޅަނދުގައި ނުވަތަ އެސަރަހައްދުގައި މިނިސްޓްރީއިން ކަނޑައަޅާ އޮބްޒާވަރަކު ބެލެހެއްޓުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެފަރާތްތަކަށް ތަހުލީލުގައި ބައިވެރިވެ ތައުލީލުގެ އެންމެހައި ކަންތައްތައް ބެލުމުގެ އިންތިޒާމް ހުއްދަ ލިބިފައިވާ ފަރާތުން، ހަމަޖައްސައިދޭން ވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މިނިސްޓްރީގެ ބޭނުމަށް ތަހުލީލުތަކުގައި ބައިވެރިވާ އޮބްޒާވަރުން ތަހުލީލުގައި ބައިވެރިވާއިރު، ހުއްދަ ލިބިފައިވާ ފަރާތުން އެފަރާތުގެ ހަރަދުގައި އަންނަނިވި ކަންކަން ފުރިހަމަ ކޮށްދޭންވާނެއެވެ.

  1. އޮބްޒާވަރުންގެ ކެއުން ހަމަޖައްސައިދިނުން.
  2. އޮބްޒާވަރުން ނިދުމަށް އެކަށީގެންވާ ތަނެއް ހަމަޖައްސައިދިނުން.
  3. އޮބްޒާވަރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުވައިދިނުން

(ނ) މިމާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގެ އޮބްޒާވަރެއްގެ ގޮތުގައި ތަހުލީލުކުރުމުގައި ބައިވެރިކުރާ މީހާއަށް ތަހުލީލުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ކޮށްދިނުމަށް މިމާއްދާގެ (ށ)ގައި ކަނޑައަޅާފައިވާ ކަމެއް ނުކޮށްދިނުމުގެ ސަބަބުން ނުވަތަ އެފަރާތުގެ އިހުމާލުން މިނިސްޓްރީގެ އޮބްޒާވަރަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ތަހުލީލުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން އުފުލަންވާނެއެވެ.

(ރ) މިގަވާއިދުގެ ދާއިރާގެ ތެރޭގައި ހިނގާ ކަންކަން ހިނގަނީ މިގަވާއިދާއި އެއްގޮތަށްކަން ޔަގީންކުރުމަށްޓަކައި އަދި މިގަވާއިދުގެ ދަށުން ހުއްދަ ލިބިގެންކުރާ ތަހުލީލުތައް މޮނިޓަރކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައިވާ ފިށަރީސް އެންފޯސްމަންޓް އޮފިސަރަކަށް ނުވަތަ އޮބްޒާވަރަކަށް އަންނަނިވި ބާރުތައް ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. މިގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ތަހުލީލެއް ކުރަމުންދާނަމަ ނުވަތަ ތަހުލީލެއް ކުރަމުންދާކަމަށް ބެލެވޭނަމަ ތަހުލީލުކުރުމުގެ ގޮތުން ކުރަމުންދާ ކަންކަން ބަލައި ފާސްކުރުން.
  2. މިގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ތަހުލީލެއް ކުރަމުންދާނަމަ ނުވަތަ ކުރަމުންދާ ކަމަށް ބެލެވޭނަމަ ތަހުލީލުގެ ބޭނުމަށް އެއްކޮށްފައިވާ މައުލޫމާތާއި ލިޔެކިއުން ނުވަތަ ރިކޯޑްތައް ބަލައި އޭގެ ފޮޓޯކޮޕީ ނެގުން.
  3. މިގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކާއި ނުވަތަ ހަރަކާތަކާ ގުޅުންހުރި ފަރާތަކަށް ނުވަތަ ގުޅުންހުރި ކަމަށް ބެލެވޭ ފަރާތަކަށް މިގަވާއިދު ހިންގުމަށްޓަކައި ބޭނުންވާ މައުލޫމާތު ދިނުމަށް އެންގުން.
  4. މިގަވާއިދުގެ ދަށުން ހުއްދައެއް ލިބިގެން ކަމެއް ހިންގަމުންދާ މީހުން ނުވަތަ އެފަދަ ކަމެއް ހިންގަމުންގެންދާކަމަށް ބެލެވޭ މީހުންގެ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ނަންބަރާއި، އުފަންދުވަހާއި ދިރިއުޅޭ ތަނާބެހޭ މައުލޫމާތު ދިނުމަށް އެންގުން.

 

16 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

ތަހުލީލުކުރުމުގެ އެއްވެސް މަރުހަލާއެއްގައި އަންނަނިވި ކަންތައްތައްކޮށްގެން ނުވާނެއެވެ.

  1. ހުއްދައިގެ ދަށުން ކަނޑައަޅާފައިވާ ށަރުތުތަކާ ހިލާފުވުން.
  2. މިގަވާއިދުގެ ދަށުން ނެގުމަށް ހުއްދަ ދޭ ބާވަތްތައް ފިޔަވައި އެހެން އެއްވެސް ބާވަތެއް ނެގުން.
  3. ހުއްދައިގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ސާމްޕަލް ނެގުން.
  4. ތަހުލީލު ކުރުމުގެ ހުއްދައަށްއެދި ހުށަހަޅާ ފޯމުގައި ދިރާސާކުރުމަށް ބަޔާންކުރާ ގޮތް (މެތަޑޮލޮޖީ) ފިޔަވައި އެހެން ގޮތަކަށް ދިރާސާކުރުން.

 

 ބާބު 3

ފިޔަވަޅު އެޅުން

 

17 ވަނަ މާއްދާ – އާންމު މަސްލަހަތަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކުރާ ފަރާތްތަކުގެ ހުއްދަ އަތުލުން

މިގަވާއިދުގެ ދަށުން ތަހުލީލުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުށާދުގެ މަތީން ހަރަކާތްތެރިވާ މުވައްޒަފަކު ނުވަތަ އެހެން މީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސްކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެފަރާތަށް ދީފައިވާ ހުއްދަ އަނބުރާ އަތުލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާހުއްދަ ބާތިލުކުރުން ނުވަތަ ހިފެހެއްޓުން

(ހ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، އިތުރު އެންގުމަކާ ނުލައި ތަހުލީލުކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ، ނުވަތަ ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވުން.
  2. މިގަވާއިދާ ހިލާފުވުން.
  3. ހުއްދައިގެ ށަރުތުތަކާއި ހިލާފުވުން.

(ށ) މިގަވާއިދާއި ނުވަތަ މިގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގައި ކަނޑައަޅާފައިވާ ށަރުތުތަކާއި ހިލާފުވާކަމަށް ބެލެވިއްޖެނަމަ، އެކަމެއް ބެލުމަށް މިނިސްޓްރީއިން ބޭނުންވެއްޖެ ހިނދެއްގައި، ކަނޑައެޅޭ މުއްދަތަކަށް ދީފައިވާ ހުއްދަ ހިފެހެއްޓުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، މިމިނިސްޓްރީގެ ފަރާތުން ތަހުލީލު ކުރުމަށްޓަކައި ދޫކޮށްފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގައި އެހުއްދަ އެންމެ ގިނަވެގެން ހިފެހެއްޓޭނީ 6 (ހައެއް) މަސްދުވަހަށެވެ.

 

19 ވަނަ މާއްދާ – ފިޔަވަޅު އެޅުން

 މިގަވާއިދާ ހިލާފުވެއްޖެ ނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.

  1. މިގަވާއިދާއި ނުވަތަ މިގަވާއިދުގެ ދަށުން ލިބިފައިވާ ހުއްދައިގެ ށަރުތުތަކާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10,000 ރުފިޔާ އިން ޖޫރިމަނާ ކުރުން.
  2. މިގަވާއިދާއި ނުވަތަ މިގަވާއިދުގެ ދަށުން ލިބިފައިވާ ހުއްދައިގެ ށަރުތަކާ ހިލާފުވެއްޖެނަމަ ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި އަދި އެއީ މިގަވާއިދާ ހިލާފުވުމުގެ ސަބަބުން ކުރިން ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައިވާނަމަ 100,000  ރުފިޔާއިން ޖޫރިމަނާ ކުރުން އަދި ވަކި މުއްދަތަކަށް ދިވެހިރާއްޖޭގައި ކުރާ ތަހުލީލުތަކުގައި ބައިވެރިނުވެވޭ ގޮތަށް ހެދުން.
  3.  މިގަވާއިދާއި ނުވަތަ މިގަވާއިދުގެ ދަށުން ލިބިފައިވާ ހުއްދައިގެ ށަރުތަކާ ހިލާފުވެއްޖެނަމަ އަދި އެއީ މިގަވާއިދާ ހިލާފުވުމުގެ ސަބަބުން މިމާއްދާގެ (1) އަދި (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާފައިވާ ފަރާތެއްނަމަ 150,000 ރުފިޔާއިން ޖޫރިމަނާކޮށް މިގަވާއިދުގެ ދަށުން ތަހުލީލުކުރުމަށްޓަކައި ދީފައިވާ ހުއްދައެއް ވާނަމަ އެހުއްދަ ބާތިލުކޮށް ތަހުލީލުކުރުމުގެ ހުއްދަ އެފަރާތަކަށް ނުވަތަ އެފަރާތްތަކަކަށް އިތުރަށް ނުދިނުމަށް ނިންމުން.
  4. މިގަވާއިދާ ހިލާފު ކަމެއް ކޮށްފިނަމަ ނުވަތަ އެކަމެއްކޮށްގެން ހުއްދައިގެ އެއްވެސް ށަރުތަކާ ހިލާފުވާނަމަ، އެހިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު ފައިސާއިން ބެލުމަށްފަހު އެ އަދަދަކަށް ޖޫރިމަނާ ކުރުން.

(ށ) މިމާއްދާގެ ދަށުން ޖޫރިމަނާ ކުރުމުގައި އެކަމެއްކޮށްގެން ލިބުނު ގެއްލުމުގެ ފައިސާގެ މިންވަރު ވަޒަންކޮށް ކަނޑައަޅާނީ މިނިސްޓްރީއިންނެވެ.

 

21 ވަނަ މާއްދާ - ހުއްދަ ލިބިފައިވާ ފަރާތަށް ބަދަލު ދިނުން

މިގަވާއިދުގެ ދަށުން ތަހުލީލު ކުރުމަށް ދީފައިވާ ހުއްދައެއް، މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަނބުރާ އަތުލައިފިނަމަ، ނުވަތަ ހުއްދައެއް ދޫކުރިއިރު، އެކަމެއް އެގޮތަކަށް ބަދަލުވެދާނެ ކަމަށް ބެލެވިފައި ނެތް ގޮތަކަށް ހާލަތު ބަދަލުވުމުގެ ސަބަބުން ނުވަތަ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން، ނުވަތަ ހުއްދައިގެ ށަރުތުތަކަށް އެންމެ ފަހުން ގެނައި ބަދަލަކާ ގުޅިގެން، އެފަރާތަކަށް ދީފައިވާ ހުއްދައެއް އައުކޮށް ނުދެވުނު ނަމަވެސް، ހުއްދަ ކުރިން އޮތް ފަރާތަށް މިނިސްޓްރީއިން ބަދަލުދޭކަށް ނުޖެހޭނެއެވެ.

 

22 ވަނަ މާއްދާ – މިނިސްޓްރީގެ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ކޯޓަށް ހުށަހެޅުން.

މިގަވާއިދުގެ ދަށުން މިނިސްޓްރީއިން ހުއްދަދިނުމާ ގުޅޭގޮތުން މިނިސްޓްރީއިން ނިންމާ ނިންމުމަކާމެދު ނުވަތަ ދީފައިވާ ހުއްދައެއް ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ނިންމާ ނިންމުމަކާމެދު ނުވަތަ މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދު ނުވަތަ ކުރާ ޖޫރިމަނާއަކާމެދު ހިތްހަމަނުޖެހޭ ހާލަތުގައި އަންނަނިވި ގޮތަކަށް ނުވަތަ ގޮތްތަކަކަށް އަމަލުކުރެވިދާނެއެވެ.

  1. މިނިސްޓްރީގެ ނިންމުން ލިބުނުތާ 30 ދުވަހުގެ ތެރޭގައި މައްސަލަ އަލުން ބަލައިދިނުމަށް އެދި ލިޔުމަކުން މިނިސްޓަރީއަށް ހުށަހެޅުން.
  2. މިނިސްޓްރީއަށް ހުށަހަޅާ މައްސަލަ އަލުން ބަލައި ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ކޯޓަށް މައްސަލަ ހުށަހެޅުން.

---------------

 

 

ޖަދުވަލު 1

ތަހުލީލުކުރުމުގެ ހުއްދައަށް އެދޭ ފޯމު

(ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު، އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައިވާނެ އެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެން ދާނެއެވެ.)

ނޯޓް:

  1. އެޕްލިކޭށަން ފޯމުގައި ފުރަންޖެހޭ މައުލޫމާތު ފުރުމަށް އެކަށީގެންވާ ޖާގަ ނެތްކަމުގައިވާނަމަ، އެމައުލޫމާތު އެހެން ގަނޑެއްގައި ފުރިހަމަކުރައްވައި އެގަނޑަކަށް އިށާރާތްކުރައްވާށެވެ.
  2. ތަހުލީލުކުރާ ޓީމުގެ ލީޑަރު އަދި ތަހުލީލުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކުގެ ވަނަވަރު މިފޯމާއެކު ހުށަހަޅަންވާނެއެވެ.
  3. ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލުކުރުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ތަހުލީލުގައި މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުގެ މުވައްޒަފަކު ނުވަތަ އެމިނިސްޓްރީއިން ކަނޑައަޅާ މުވައްޒަފަކު ބައިވެރިކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެފަރާތެއްގެ ހުރުމާއި ކެއުމުގެ އިންތިޒާމު ތަހުލީލުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 ---------------

 

ޖަދުވަލު 2

ތަހުލީލުކުރުމުގެ ހުއްދައިގެ ފީ

މިގަވާއިދުގެ ދަށުން، ތަހުލީލުކުރުމުގެ ހުއްދައަށް އެދޭ ފޯމުގެ ޕްރޮސެސިންގ ފީއަކީ، އެވަގުތަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިއުލާންކޮށްފައިވާ އެކްސްޗޭންޖް ރޭޓުން 100 އެމެރިކާ ޑޮލަރަށް ޖެހޭ ދިވެހި ރުފިޔާއެވެ.

---------------

 

 

ޖަދުވަލު 3

ތަހުލީލުކުރުމަށް ބޭނުންކުރާ އުޅަނދުގައި ނަގަންޖެހޭ ދިދައިގެ ނަމޫނާ

(ނަމޫނާ އެޓޭޗްކުރެވިފައިވާ ގެޒެޓްކުރެވުނުގެ ގޮތުގެ ފައިލުގައި ހިމެނިފައިވާނެއެވެ) 

 

--------------- 

 

 

ޖަދުވަލު 4

ތަހުލީލުކުރުމުގެ ފުރަތަމަ މަރުހަލާގެ (އިނީށިއަލް އެނަލިސިސް) ރިޕޯޓްގައި ހިމަނަންޖެހޭ ބައިތައް

  1. ތަހުލީލުގެ ނަން
  2. ތަހުލީލުގެ ބޭނުން އަދި މުހިއްމުކަން
  3. ތަހުލީލުގެ މައިގަނޑު މަގުސަދުތައް
  4. ތަހުލީލު ކުރިއަށް ގެންދެވުނު ގޮތް
  5. ތަހުލީލު ކުރިއަށް ގެންދެވުނު މުއްދަތު އަދި ދުވަސްތައް
  6. ތަހުލީލުގެ ބޭނުމަށް ނެގުނު މައުލޫމާތު
  7. ތަހުލީލުގެ ހޯދުންތައް
  8. ތަހުލީލުގެ ހޯދުންތަކުން ދޭހަވާ ކަންތައްތައް

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 5/1987) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު