-

ފެމިލީކޯޓުން ދޫކުރާ މެރިޖް ކާޑުގެ ގަވާއިދު

(ގަވާއިދު ނަންބަރު: 38/2013) 

1 ވަނަ މާއްދާ - ތައާރަފު 

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 156 ވަނަ މާއްދާއިންނާއި ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން ފެމިލީ ކޯޓަށް ލިބިދޭ ބާރުގެ ދަށުން، ކައިވެނި ކޮށްގެން އުޅޭކަން އަންގައިދިނުމުގެގޮތުން، ފެމިލީ ކޯޓުން :މެރިޖް ކާޑު" ތައްޔާރުކުމާއި، އެ ކާޑު ދޫކުރުމާބެހޭ ގަވާއިދެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ކާޑަކީ އެ ކާޑު ދޫކުރެވިފައިވާ ފަރާތްތަކުގެ ބޭނުމަށް ދޫކުރެވިފައިވާ ފެމިލީ ކޯޓުގެ މިލްކެކެވެ.

 

2 ވަނަ މާއްދާ - ކާޑު ދޫކުރެވޭ މީހުން

ދިވެހިރާއްޖޭގެ ކޯޓެއްގައި އެމީހެއްގެ ކައިވެނި ރަޖިސްޓަރީ ކުރެވި، އެ ކައިވެނި މަތީގައި ދެމިތިބި ކޮންމެފަރާތަކަށް، އެ ފަރާތަކުން ކާޑުހެއްދުމަށްއެދި ފެމިލީ ކޯޓަށް ހުށަހަޅައިފިނަމަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެރިޖް ކާޑު ދޫކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ކާޑުގެ އަގު

(ހ) މެރިޖް ކާޑެއްގެ އަގަކީ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ. ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން ކާޑު ހައްދާނަމަ، ކާޑަކަށް 500 (ފަސްސަތޭކަ) ރުފިޔާ ނެގޭނެއެވެ.

(ށ) ކާޑު ގެއްލިފައިވަނީ ނުވަތަ ހަލާކުވެފައިވަނީ ގުދުރަތީ ހާދިސާއެއްގައިނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ކަށަވަރުކުރުމަށްފަހު، އިތުރު ޖޫރިމަނާއަކާ ނުލައި ކާޑު ހައްދައިދެވޭނެއެވެ.

 

4 ވަނަ މާއްދާ - ކާޑު ހެއްދުމަށް ހުށަހެޅުން

(ހ) ކާޑު ހެއްދުމަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކުގައެވެ. ނުވަތަ ކައިވެނިކުރުމަށްއެދި ހުށަހަޅާ ފޯމުގައި މެރިޖް ކާޑު ބޭނުންވާކަން ބަޔާންކޮށްފައިވާނަމަ، ކާޑު ދޫކުރެވޭނެއެވެ.

(ށ) ކާޑު ހެއްދުމަށް ކޯޓަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކާޑުހަދައިދެވޭނެއެވެ.

 

5 ވަނަ މާއްދާ - ހަވާލުވުން

ކާޑު ހެއްދުމަށްއެދި ކޯޓަށް ހުށަހަޅާތާ 37 (ތިރީސް ހަތެއް) ދުވަހުގެ ތެރޭގައި ކާޑާއި ހަވާލުނުވެއްޖެނަމަ، ކާޑު ބާތިލުކޮށް، ކާޑު ނައްތައިލެވޭނެއެވެ.

 

6 ވަނަ މާއްދާ - ކާޑާއި ހަވާލުކޮށްފައިވާ މީހާ މަރުވުން

ކާޑުދޫކޮށްފައިވާ މީހާ މަރުވެއްޖެނަމަ، އޭނާ މަރުވިތާ ލަސްވެގެން 30 (ތިރީސް) ދުވަހގެ ތެރޭގައި ވާރުތަވެރިންގެ ފަރާތުން އެ ކާޑު ކެންސަލްކުރުމަށް އެދި ފެމިލީކޯޓަށް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ކާޑުގެ މުއްދަތު

(ހ) މެރިޖް ކާޑުގެ މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ ދެމިރިންނަކީ ދެމަފިރިންނޫންކަމަށް ކޯޓުން ކަނޑައަޅާ ހިސާބުން އެ ކާޑު ބާތިލްވާނެއެވެ.

 

8 ވަނަ މާއްދާ - ކާޑު ޕްރިންޓުކުރުން

 ކާޑު ޕްރިންޓްކުރަން ވާނީ ކާވެނީގެ ރަޖިސްޓްރާރ ހުއްދަ ދިނުމަށް ނުވަތަ ކާވެނި ރަޖިސްޓަރާރގެ މަސްއޫލިއްޔަތު އުފުލުމާއި ހަވާލުވެހުރި މީހެއްގެ ހުއްދަ ލިބިގެންނެވެ.

 

9 ވަނަ މާއްދާ - ކާޑު ކޯޓަށް ހުށަހެޅުން

(ހ)  ވަރިއާގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅާނަމަ، މެރިޖް ކާޑު ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ކާޑު ދޫކޮށްފައިވާނަމަ، ވަރީގެ ސެޓްފިކެޓް ދޫކުރެވޭނީ ކާޑު އަނބުރާ ކޯޓަށް ހަވާލުކުރުމުންނެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކެވި، 2013 މެއި 15 (ފަނަރަ) ވާ ބުދަ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު:

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރ 22/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު