-

ރިޔާސީ އިންތިހާބުގެ ގަވާއިދު 2013

(ގަވާއިދު ނަންބަރު 40/2013)

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ޤާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށްޓަކައި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ހަދައި ހިންގާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ ''ރިޔާސީ އިންތިހާބުގެ ގަވާއިދު 2013 ''އެވެ.

 

2 ވަނަ މާއްދާއިންތިހާބު ހިންގައި ބެލެހެއްޓުން

ރިޔާސީ އިންތިހާބާބެހޭ އެންމެހައި ކަންތައްތައް ހިންގައި، ބަލަހައްޓައި، ވިލަރެސް ކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

3 ވަނަ މާއްދާ – އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީ

(ހ) ރިޔާސީ އިންތިހާބާބެހޭ ގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ހޯދުމަށާއި، މަށްވަރާކުރުމަށް ]އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ[އެއް އިލެކްށަންސް ކޮމިށަނުން އުފައްދަންވާނެއެވެ. މި ކޮމިޓީ، ރިޔާސީ އިންތިހާބަށް އިޢުލާނުކުރާ ތާރީހުން ފެށިގެން އުފެއްދިދާނެއެވެ.

(ށ) އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގައި ހިމެނޭނީ ތިރީގައިވާ ފަރާތްތައް ތަމްސީލުކުރާ މަންދޫބުންނެވެ.

  1. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ނެރޭ ސިޔާސީ ޕާޓީތައް.
  2. ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން.
  3. ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް.
  4. މޯލްޑިވްސް ޕޮލިސް ސަރވިސް.
  5. ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ޖަމްޢިއްޔާތައް.
  6. މޯލްޑިވްސް މީޑިއާ ކައުންސިލް.
  7. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން.

 (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އުފައްދާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ކަނޑައެޅިފައި ނުވާނެތީ، މި މާއްދާގެ (ށ) ގެ 1 އާއި 2 ގައި ބަޔާންކުރާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިން މި ކޮމިޓީގައި ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ރ) އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މެންބަރުންގެ ށަރުތުތައް:

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭ ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ މަންދޫބަކީ އެޕާޓީއެއްގެ މެންބަރަކު ކަމުގައިވުން.
  4. ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން ތަމްސީލުކުރާ މަންދޫބަކީ އެ މުއައްސަސާއެއްގެ މެންބަރަކު ކަމުގައިވުން.
  5. ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ތަމްސީލުކުރާ މަންދޫބަކީ އެ ޖަމްޢިއްޔާއެއްގެ އިސް ފަރާތެއް ކަމުގައިވުން.
  6. މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްސީލުކުރާ މަންދޫބަކީ އެސިސްޓެންޓް ކޮމިށަނަރުން ފެށިގެން މަތީ މަޤާމެއް އަދާކުރާ މީހެއް ކަމުގައިވުން.
  7. އިލެކްށަންސް ކޮމިށަނުގެ މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ އާއިލީ މެންބަރަކު ކަމުގައި ނުވުން.

 (ބ) އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީން ތަބާވާންޖެހޭ މިންގަނޑުތަކާއި އުސޫލުތައް މިގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައިވާނެއެވެ.

 (ޅ) އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ބައްދަލުވުންތައް ރާވައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 (ކ) މި މާއްދާގެ (ށ) ގައި ބުނެފައިވާ އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގައި ހިމެނިފައިވާ ފަރާތްތައް ނޫން ފަރާތަކުން މެންބަރަކު އެ ކޮމިޓީގައި ހިމެނުމަށް އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި އެ މެންބަރަކު އެ ކޮމިޓީގައި ހިމެނުން މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދަ – އިލެކްށަންސް ފޯކަލް ޕޮއިންޓުންނާއި ކޮމިޓީތައް

(ހ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިން އިންތިހާބުގެ ކަންތައްތައް ހިންގުމަށް މާލެ ފިޔަވައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފޯކަލް ޕޮއިންޓެއް ޢައްޔަންކުރަން ވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ އަތޮޅެއްގައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އަތޮޅު އިލެކްށަންސް ކޮމިޓީ އަދި މާލެ ފިޔަވައި ކޮންމެ ސިޓީއެއްގައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ސިޓީ އިލެކްށަންސް ކޮމިޓީ ޢައްޔަންކުރަން ވާނެއެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، މީދޫ، މިއިން ކޮންމެ ރަށަކަށް ފޯކަލް ޕޮއިންޓެއް ޢައްޔަންކުރަން ވާނެއެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށްޓެއް ބަހައްޓާ ކޮންމެ ރަށެއްގައި ފޯކަލް ޕޮއިންޓެއް ބަހައްޓަން ވާނެއެވެ. މާލެ ސިޓީގައި އިންތިހާބުގެ ކަންކަން ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުގެ އިދާރާގެ ކަމާބެހޭ ސެކްށަންތަކުންނެވެ.

(ށ) އިލެކްށަންސް ކޮމިށަނަށް ފެންނަ އެހެން ތަނެއްގައި ފޯކަލް ޕޮއިންޓެއް ޢައްޔަންކުރުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 (ނ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފޯކަލް ޕޮއިންޓަކާ ބެހޭގޮތުން ނުވަތަ އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ މެންބަރެއްގެ ނަޒާހަތްތެރިކަމާ ބެހޭ ށަކުވާއެއް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައަކާ ބެހޭގޮތުން ލަފާދޭ ކޮމިޓީގެ މަށްވަރާ ހޯދަންވާނެއެވެ.

(ރ) ރިޔާސީ އިންތިހާބުގެ އެންމެހައި ކަންކަމާ ގުޅޭގޮތުން އަތޮޅު/ސިޓީތަކުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ކުރާނީ އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީންނެވެ. ރަށްރަށުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން، އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީން އަންގާ ގޮތެއްގެ މަތިން ހިންގައި ބަލަހައްޓާނީ ރަށު ފޯކަލް ޕޮއިންޓެވެ.

(ބ) ރާއްޖެއިން ބޭރުގައި ވޯޓު ނަގާއިރު އެ ވޯޓު ނަގާ ޤައުމެއްގައި، ރިޔާސީ އިންތިހާބުގެ އެންމެހައި ކަންކަމާ ގުޅޭގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ހިންގައި ބަލަހައްޓާނީ އެތަނަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އިލެކްށަންސް ފޯކަލް ޕޮއިންޓެވެ.

(ޅ) މި ގަވާއިދުގެ ދަށުން ޢައްޔަންކުރެވޭ އިލެކްށަންސް ފޯކަލް ޕޮއިންޓުން މަސައްކަތާ ހަވާލުވާއިރު މި ގަވާއިދުގެ ޖަދުވަލު 2 (ދޭއް) ގައިވާ އިޤްރާރުގައި ސޮއިކުރަންވާނެއެވެ.

 

5 ވަނަ މާއްދާ – ފޯކަލް ޕޮއިންޓުން އައްޔަންކުރުމާއި ކޮމިޓީތައް އުފެއްދުން

(ހ) އިލެކްށަންސް ކޮމިށަނުން ޢައްޔަންކުރާ ފޯކަލް ޕޮއިންޓުންނަކީ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އަތޮޅު / ސިޓީ ކައުންސިލުގެ އިދާރާގައި ނުވަތަ އިލެކްށަންސް ކޮމިށަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވާންވާނެއެވެ. މި މާއްދާގައި މިހެން ބުނެފައި އޮތް ނަމަވެސް، ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ރިޒޯޓުފަދަ ތަންތަނުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުނެގުމަށް ކަނޑައެޅިފައިވާ ޤައުމަކަށް ކަނޑައަޅާ ފޯކަލް ޕޮއިންޓުން އެ ނޫން ގޮތަކަށް ޢައްޔަންކުރެވިދާނެއެވެ.

(ށ) އިލެކްށަންސް ކޮމިށަނުން އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށް ޢައްޔަންކުރާ މެންބަރުންނަކީ އިލެކްށަންސް ކޮމިށަނުގެ އިދާރާގައި ނުވަތަ އަތޮޅު/ސިޓީ ކައުންސިލުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ – އިލެކްށަންސް ފޯކަލް ޕޮއިންޓުންނާއި ކޮމިޓީތަކުގެ މެންބަރުންގެ ށަރުތުތައް

(ހ) އިލެކްށަންސް ފޯކަލް ޕޮއިންޓުންނާއި ކޮމިޓީތަކަށް ޢައްޔަންކުރާ ކޮންމެ މީހަކީ ތިރީގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ވާންވާނެއެވެ.

  1. އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ އިންތިހާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައިވުން.
  2. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް ފުރަމުން ގެންދާ މީހަކު ކަމުގައި، ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  3. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  4. އިންތިހާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓަކާ އާއިލީ ގޮތުން ގާތް ގުޅުމެއް ނެތް މީހަކު ކަމުގައިވުން.
  5. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  6. ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

 (ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ މީހެއް ނުލިބިއްޖެ ހިނދެއްގައި، މަސައްކަތުގެ ޤާބިލުކަމަށް ބަލައި އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ލަފާގެ މަތިން ފޯކަލް ޕޮއިންޓު ނުވަތަ ކޮމިޓީގެ މެންބަރު ނެގުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ – ރަށު ފޯކަލް ޕޮއިންޓުގެ ދައުރު

ރިޔާސީ އިންތިހާބު ބޭއްވުމުގައި މާލެ ފިޔަވައި ކޮންމެ ރަށެއްގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ ލަފާގެ މަތިން، ރަށު ފޯކަލް ޕޮއިންޓެވެ.

 

8 ވަނަ މާއްދާ - ރަށު ފޯކަލް ޕޮއިންޓުގެ މަސްއޫލިއްޔަތާއި ޒިންމާ

(ހ) ރަށު ފޯކަލް ޕޮއިންޓުގެ މަސްއޫލިއްޔަތާ ހަވާލުވުމަށްފަހު އެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ފޯކަލް ޕޮއިންޓު ދެމިހުންނަން ވާނެއެވެ. ރަށު ފޯކަލް ޕޮއިންޓުގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ރިޔާސީ އިންތިހާބާ ގުޅިގެން ރަށުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، އަތޮޅު/ ސިޓީ އިލެކްށަންސް ކޮމިޓީން އަންގާ ގޮތެއްގެ މަތިން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ވިލަރެސްކޮށް، ހިންގައި ބެލެހެއްޓުން.
  2. ރަށު ރަށްވެހީންގެ ރަޖިސްޓަރީގައި ހިމެނޭ އާބާދީގެ މަޢުލޫމާތު އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވުން.
  3. ރަށުގައި ތިބި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު ރަށު ރަޖިސްޓަރީއާ އަޅައިކިޔައި، ގެންނަންޖެހޭ އިސްލާހުތައް އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ވަގުތުން ވަގުތަށް އިލެކްށަންސް ކޮމިށަނަށް ފޮނުވުން.
  4. ރަޖިސްޓަރީ އަށް ހުށަހެޅޭ އިސްލާހުތައް ބަލައިގަނެ އިލެކްށަންސް ކޮމިށަނަށް އަންގަމުން ގެންދިއުން. އަދި ހުށަހެޅޭ އިސްލާހުތައް އިލެކްށަންސް ކޮމިށަނުން ގެނެސްފައިވޭތޯ ބަލައި ރަޖިސްޓަރީ ސައްހަކުރުމުގެ މަސައްކަތުގައި ކޮމިށަނަށާއި އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުވައިދިނުން.
  5. ރަށުގައި ތިބި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކޮށް ފޮނުވުމުން ރަށުގައި އާންމުކޮށް ފެންނާނޭ ގޮތަކަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  6. ވޯޓު ނަގަމުންދާއިރު ވޯޓުލާ ސަރަހައްދުތަކުގެ ސެކިއުރިޓީ އިންތިޒާމު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހަމަޖެއްސުން.
  7. ވޯޓުލާ މަރުކަޒުގައި ސިއްހީ ހިދުމަތް ފޯރުވައިދިނުމުގެ އިންތިޒާމު، ސިއްހީ ފަރުވާދޭ މަރުކަޒަކާ ގުޅައިގެން ހަމަޖެއްސުން.
  8. އިލެކްށަންސް ކޮމިށަނުން ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފާސް ހަވާލުކުރުން.
  9. އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ވޯޓުނަގައި، ގުނާ މަރުކަޒުތަކަކީ ވޯޓުލާން އަންނަ މީހުންނަށް ފަސޭހަކަމާއެކު ވޯޓުލެވޭނެ އަދި ރައްކާތެރިކަމާއެކު ވޯޓުނަގައި ވޯޓުގުނައި ނަތީޖާ އިޢުލާނުކުރެވޭނެ ތަންތަންކަން ޔަގީންކޮށް އެ މަރުކަޒުތައް ވޯޓުނެގުމާއި ގުނުމަށްޓަކައި ތައްޔާރުކުރުން.
  10. ވޯޓުފޮށި ދޮށުގައި ހަރަކާތްތެރިވާނޭ އޮފިށަލުން ކަނޑައަޅައި ހަމަޖެއްސުމުގައި އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީން އަންގާ ގޮތެއްގެ މަތިން އިންތިހާބުގެ މަސައްކަތަށް ބޭނުންވާ މީހުން ހޯދައި އެމީހުންނާ މަސައްކަތް ހަވާލުކުރުން.
  11. އިންތިހާބާ ގުޅިގެން ރަށުން ހުށަހެޅޭ މައްސަލަ ބަލައިގަނެ ގަވާއިދުން އަތޮޅު/ ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް އަންގަމުން ގެންދިއުން. އަދި އަތޮޅު/ސިޓީ ކޮންޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން އިންތިހާބާ ގުޅިގެން ރަށަށް ހުށަހެޅޭ މައްސަލަތަކާމެދު އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީން އަންގާގޮތެއްގެ މަތިން ޢަމަލުކުރުން.
  12. ރަށު އިލެކްށަންސް އޮފިށަލުން ޓްރެއިނިންގ ލިބިގަތުމަށް ޓްރެއިނިންގ ބާއްވާ ރަށްރަށަށް ފޮނުވުމާއި ގެނައުމުގެ އިންތިޒާމު ހަމަޖެއްސުން.
  13. ވޯޓުފޮށިތަކާއި އިންތިހާބާ ގުޅޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ރަށުގައި ބެލެހެއްޓޭކަން ކަށަވަރުކުރުން.
  14. ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުފޮށިތަކާއި އެނޫންވެސް ތަކެތި ރައްދުކުރަންޖެހޭ ވަގުތަށް އެތަންތަނަށް ރައްދުކުރުން.
  15. ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ އޮފިށަލުން ކަނޑައެޅިފައިވާ ގަޑިއަށް ފޮނުވުމާއި، އޮފިށަލުން ގަޑިއަށް ހާޒިރުވިތޯ ބެލުމާއި، އެމީހުންނާ ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރޭތޯ ބެލުން.
  16. ވޯޓުނަގައި ނިމި ނަތީޖާ އިޢުލާނުކޮށް ވަގުތީ ނަތީޖާ ށީޓު ފޮނުވަންޖެހޭ ތަންތަނަށް ވޯޓުލާ މަރުކަޒުތަކުން ވަގުތުން ވަގުތަށް ފޮނުވިކަން ކަށަވަރުކުރުން.
  17. ވޯޓުނަގައި ނިމި ވަގުތީ ނަތީޖާ އިޢުލާނުކުރުމުން ވޯޓާބެހޭ ތަކެތި އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީން އަންގާ ގޮތެއްގެ މަތިން ފޮނުވަންޖެހޭ ތަނަކަށް ފޮނުވުން.
  18. އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ މަށްވަރާގެ މަތިން ވޯޓުނަގާ ދުވަހު އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިށަލުންނަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
  19. ވޯޓުނަގާ ދުވަހު ވޯޓުލާ މަރުކަޒަށް ފޮނުވަންޖެހޭ އޮފިށަލުންނާއި ތަކެތި މަރުކަޒުތަކަށް ފޮނުވުމާއި އަނބުރާ ގެނައުމުގެ އިންތިޒާމު ހަމަޖެއްސުން.
  20. އިންތިހާބާ ގުޅިގެން ރަށުގައި ހިނގާ ހަރަދުތަކާއި ފައިސާގެ ލިޔެކިއުންތައް ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ]ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު[ އާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓައި، ފައިސާއާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމާބެހޭ މަޢުލޫމާތު އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވަމުން ގެންދިއުން.
  21. އިންތިހާބު ނިމި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިންތިހާބާ ގުޅޭ ގޮތުން ރަށުގައި ކުރެވުނު ހުރިހާ ހަރަދުތަކުގެ ތަފުސީލުތައް  (ބިލުތަކުގެ ނަކަލާއެކު) އިލެކްށަންސް ކޮމިށަނަށް ފޮނުވުމަށްޓަކައި އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށް ފޮނުވުން.
  22. އިންތިހާބުގެ ކަންކަން ރަށުގައި ރާވައި ހިންގުމުގައި އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީން އަންގާ ގޮތެއްގެ މަތިން ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ކުރުމަށް ސަމާލުކަން ދިނުން. އަދި ހަރަދު ކުޑަކޮށް ރަށުގައި އިންތިހާބުގެ ކަންކަން ކުރެވޭނެ ގޮތުގެ ލަފާ އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށް ދިނުން.
  23. މިނޫންވެސް އިންތިހާބާ ގުޅޭގޮތުން ރަށުގައި އިންތިޒާމުކުރަންޖެހޭ ކަމަށް އަތޮޅު/ ސިޓީ އިލެކްށަންސް ކޮމިޓީން އަންގާ ކަންތައްތައް ކުރުން. އަދި އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ ސަމާލުކަމަށް ގެންނަންވާ ކަމެއްވާނަމަ އެކަންކަން ވަގުތުން ވަގުތަށް އަންގަމުން ދިއުމާއި އެ މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކުރުން.

 

9 ވަނަ މާއްދާ –  އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ ދައުރު

(ހ) ރިޔާސީ އިންތިހާބުގައި އަތޮޅު/ސިޓީގައި އިންތިހާބާބެހޭ ހުރިހާކަމެއް އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ރާވައި އިންތިޒާމުކުރާނީ އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީންނެވެ.

(ށ) ރިޔާސީ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްށަންސް ކޮމިށަނާއި، އަތޮޅު/ސިޓީ ކައުންސިލުގެ އިދާރާއާއި، ރަށު ކައުންސިލުގެ އިދާރާއާ ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމާއެކު، އިންތިހާބު ބޭއްވުމަށް ރަށު ފޯކަލް ޕޮއިންޓަށް ބޭނުންވާ ލަފައާއި އިރުށާދު ދިނުމާއެކު، އިންތިހާބާ ގުޅިގެން އަތޮޅު/ސިޓީގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީންނެވެ.

 

10 ވަނަ މާއްދާ – އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ މަސްއޫލިއްޔަތާއި ޒިންމާ

(ހ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ މަސްއޫލިއްޔަތާ ހަވާލުވުމަށްފަހު އެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ކޮމިޓީގެ މެންބަރުން ދެމިތިބެންވާނެއެވެ. އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ރިޔާސީ އިންތިހާބާ ގުޅިގެން، އަތޮޅު/ސިޓީގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް، އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ކުރުމާއި ވިލަރެސްކޮށް ބެލެހެއްޓުން.
  2. އަތޮޅު/ސިޓީގެ، ރަށްރަށުގެ ރަށްވެހީންގެ ރަޖިސްޓަރީގައި ހިމެނޭ އާބާދީގެ މަޢުލޫމާތު އިލެކްށަންސް ކޮމިށަނުން އަންގާފައިވާ ގޮތުގެ މަތިން، ރަށު ފޯކަލް ޕޮއިންޓުން އިލެކްށަންސް ކޮމިށަނަށް ފޮނުވާތޯ ބަލައި ކަށަވަރުކުރުން.
  3. ޤާނޫނީ ގޮތުން އާންމުކޮށް ށާއިޢުކުރަންޖެހޭ ލިޔުންތަކާއި، އާންމުކުރުމަށް ކަނޑައަޅާ ލިޔުންތައް ތައްޔާރުކުރުމާއި، އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ފޮނުވާ ލިޔުންތައް އަތޮޅުގެ ރަށްރަށުގައި ނުވަތަ ސިޓީގައި އާންމުކޮށް ފެންނާނޭ ގޮތަކަށް ބެހެއްޓުމުގެ އިންތިޒާމު ރަށު ފޯކަލް ޕޮއިންޓު މެދުވެރިކޮށް ހަމަޖެއްސުން.
  4. ރަޖިސްޓަރީއަށް ހުށަހެޅޭ އިސްލާހުތައް ރަށު ފޯކަލް ޕޮއިންޓުން ބަލައިގަނެ، އިލެކްށަންސް ކޮމިށަނަށް އަންގަމުން ގެންދޭތޯ ބަލައި، ހުށަހެޅޭ އިސްލާހުތަކަށް އިލެކްށަންސް ކޮމިށަނުން ޢަމަލީ ސިފަ ގެނެސްފައިވޭތޯ ބެލުމާއި، ރަޖިސްޓަރީ ސައްހަކުރުމުގެ މަސައްކަތުގައި، ފޯކަލް ޕޮއިންޓުން ކޮމިށަނަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުވައިދޭތޯ ބަލައި ކަށަވަރުކުރުން.
  5. ވޯޓު ނަގައި، ގުނާ މަރުކަޒުތަކަކީ، ވޯޓުލާން އަންނަ މީހުންނަށް ފަސޭހަކަމާއެކު ވޯޓުލެވޭ އަދި ރައްކާތެރިކަމާއެކު ވޯޓުނަގައި، ވޯޓުގުނައި، ނަތީޖާ އިޢުލާނުކުރެވޭނެ ތަންތަންކަން ޔަގީންކޮށް، އެކަން ކުރެވޭނެ ގޮތަށް މަރުކަޒުތައް ތައްޔާރުކުރުވުން.
  6. އިންތިހާބީ އޮފިށަލުން ކަނޑައަޅައި ހަމަޖެއްސުމުގައި، އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން، އޮފިށަލުން ހޯދައި، އެމީހުންނާ މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  7. އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން އަތޮޅު/ސިޓީ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމާއި އަދި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ޓްރެއިނަރުން ޓްރެއިނިންގ އޮންނަ ރަށްރަށަށް ފޮނުވުމާއި، ޓްރެއިނަރުން ޓްރެއިނިންގ އޮންނަ ރަށްރަށަށް ދިއުމުން އެމީހުންނަށް ބޭނުންވާ އެންމެހައި ކަންތައްތައް (ހުރުމާއި ކެއުން ފަދަ ހުރިހާ އިންތިޒާމު) ހަމަޖެއްސުން.
  8. ޓްރެއިނިންގ ބާއްވާނޭ ތަނެއް ކަނޑައަޅައި، ޕްރޮގްރާމް ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން.
  9. އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީ ގާއިމުކޮށްފައިވާ ރަށްރަށުގައި 3 (ތިނެއް) މީހުންގެ މައްޗަށް އެކުލެވޭ ކޮމްޕްލެއިންޓްސް ބިއުރޯއެއް، އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން އެކުލަވާލައި ގާއިމުކުރުން.
  10. ވޯޓުނެގުމާއި ވޯޓުގުނުމާ ބެހޭގޮތުން، އަތޮޅު/ސިޓީގެ ރަށްރަށުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި، ރަށު ފޯކަލް ޕޮއިންޓަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދީ އެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.
  11. ރަށްރަށުގެ އޮފިށަލުން، ޓްރެއިނިންގ ލިބިގަތުމަށާއި ޓްރެއިނިންގ ދިނުމަށް ކަނޑައަޅާ ރަށްރަށަށް ގެނެސް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން.
  12. އޮފިށަލުން ޓްރެއިނިންގ ލިބިގަތުމަށާއި ޓްރެއިނިންގ ބޭއްވުމަށް ކަނޑައަޅާ ރަށްރަށުގައި ހޭދަކުރާ ދުވަހުގެ ކެއިންބުއިމާއި، ތިބުމުގެ އިންތިޒާމު ހަމަޖެއްސުން.
  13. ވޯޓުފޮށިތަކާއި، ވޯޓު ނެގުމުގައި ބޭނުންކުރާ ސެކިއުރިޓީ ސާމާނު ރައްކާތެރިކަމާއެކު ރަށްރަށުގައި ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރުކުރުން.
  14. ވޯޓު ނެގުމުގައި ބޭނުންކުރާ ސާމާނު ރައްދުކުރަންޖެހޭ ރަށްރަށަށް ރައްކާތެރިކަމާއެކު، ކަނޑައެޅިފައިވާ މުއްދަތުގައި ރައްދުކުރުން.
  15. ވޯޓު ނަގަމުންދާއިރު ވޯޓުލާ ސަރަހައްދުތަކުގެ ސެކިއުރިޓީ އިންތިޒާމު، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހަމަޖައްސާފައިވާކަން ކަށަވަރުކުރުން.
  16. ވޯޓުލާ މަރުކަޒުތަކުގައި ސިއްހީ ހިދުމަތާއި އަވަސް ފަރުވާގެ ހިދުމަތް ފޯރުވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  17. އިލެކްށަންސް ކޮމިށަނުން، ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ރަށު ފޯކަލް ޕޮއިންޓުން ފާސް ދޫކޮށްފައިވާކަން ކަށަވަރުކުރުން.
  18. އިލެކްށަންސް ކޮމިށަނުގެ ބެލުމުގެ ދަށުން، އަތޮޅަށް ދާ ބޭރުގެ އޮބްޒާވަރުންގެ ހުރުމާއި، ކެއިންބުއިމާއި ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  19. ވޯޓުނަގާ ދުވަހު ވޯޓުގެ ކަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން.
  20. ވޯޓުނަގައި ނިމި ނަތީޖާ އިޢުލާނުކުރުމުން، ވޯޓާބެހޭ ތަކެތި ރައްކާތެރިކަމާއެކު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތަނަކަށް ފޮނުވުން.
  21. އިންތިހާބާ ގުޅިގެން އަތޮޅު/ސިޓީގައި ހިނގާ ހަރަދުތަކާއި ފައިސާގެ ލިޔެކިއުންތައް ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، ]ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު[ އާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓައި، ފައިސާއާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމާބެހޭ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތަށް އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދިއުން.
  22. އިންތިހާބުގެ މަސައްކަތް ނިމި، އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި އިންތިހާބާ ގުޅިގެން އަތޮޅު/ސިޓީގައި ކުރެވުނު ހުރިހާ ހަރަދުތަކުގެ ތަފުސީލު އިލެކްށަންސް ކޮމިށަނަށް ފޮނުވުން، އަދި އިންތިހާބު ނިމުމުން އިންތިހާބާ ގުޅިގެން އިލެކްށަންސް ކޮމިށަނަށް ފޮނުވަންޖެހޭ އެންމެހައި ތަކެތި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރާތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވުން.
  23. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އިންތިހާބުގެ ފުރަތަމަ ބުރުގެ ހަރަދުތަކުގެ ތަފުސީލު ލަސްވެގެން 15 ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވުން.
  24. އިންތިހާބުގެ ކަންކަން އަތޮޅު/ސިޓީ ތެރޭގައި އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ރާވައި އިންތިޒާމުކުރުމުގައި، ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ކުރުމަށް ސަމާލުކަންދިނުމާއި އަދި ހަރަދު ކުޑަކޮށް ކަންކަން ކުރެވޭނެ ގޮތުގެ ލަފާ އިލެކްށަންސް ކޮމިށަނަށް ދިނުން.
  25. ށަކުވާއާބެހޭ ނިޒާމު އުފެއްދުމާ ހަމައަށް، އަތޮޅު/ސިޓީގައި އިންތިހާބާ ގުޅިގެން ހުށަހަޅާ ށަކުވާތައް ބަލައިގަނެ، ފިޔަވަޅު އެޅެން ހުރި ކަންކަމާމެދު ފިޔަވަޅު އަޅައި، އަމިއްލައަށް ހައްލު ނުކުރެވޭ މައްސަލަތައް އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ހައްލުކޮށް، ށަކުވާގެ ރިޕޯޓު އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތިން ފޮނުވަމުން ގެންދިއުން.
  26. އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީ މެދުވެރިކޮށް ރަށު ފޯކަލް ޕޮއިންޓުން އިލެކްށަންސް ކޮމިށަނަށް ފޮނުވަންޖެހޭ ތަކެތި ވީ އެންމެ އަވަހަކަށް ފޮނުވަމުން ގެންދިއުން.
  27. އިންތިހާބުގެ ވަގުތީ ނަތީޖާ އިންތިހާބާބެހޭ މައިމަރުކަޒަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވޭތޯ ބަލައި އެކަން ކަށަވަރުކުރުން.
  28. އިންތިހާބުގެ ވަގުތީ ނަތީޖާ އިންތިހާބާބެހޭ މައިމަރުކަޒަށް ފޮނުވިކަން ކަށަވަރުކުރުން .
  29. މި ނޫންވެސް އިންތިހާބާ ގުޅޭގޮތުން އަތޮޅު/ސިޓީގައި އިންތިޒާމު ކުރަންޖެހޭކަމަށް އިލެކްށަންސް ކޮމިށަނުން އަންގާ ކަންތައްތައް ކުރުމާއި، އިލެކްށަންސް ކޮމިށަނުގެ ސަމާލުކަމަށް ގެންނަންވާ ކަމެއްވާނަމަ އެކަންކަން ވަގުތުން ވަގުތަށް އިލެކްށަންސް ކޮމިށަނަށް އަންގަމުން ގެންދިއުން.

 

11 ވަނަ މާއްދާ –  އިލެކްށަންސް ފޯކަލް ޕޮއިންޓުންގެ މުއްދަތު

މި ގަވާއިދުގެ ދަށުން ޢައްޔަންކުރާ ފޯކަލް ޕޮއިންޓުންގެ ތެރެއިން އިލެކްށަންސް ކޮމިށަނުގެ ދާއިމީ މުވައްޒަފުން ފިޔަވައި އެހެން މީހުން މަޤާމުގައި ދެމި ތިބޭނީ، މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައި ނުވާނަމަ، އިލެކްށަންސް ކޮމިށަނުން އެ ފޯކަލް ޕޮއިންޓުން ޢައްޔަންކުރާ ދުވަހުން ފެށިގެން އެ ފޯކަލް ޕޮއިންޓެއްގެ މަސައްކަތް ނިމުނުކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހަކާ ހަމައަށެވެ.

 

12 ވަނަ މާއްދާ – ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ

ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމަށްޓަކައި ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު) ގައި ބުނެފައިވާ ގޮތުގެމަތިން، ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއެއް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ރަޖިސްޓަރީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކޮށް އާންމު ކުރަންވާނެއެވެ.

 

13 ވަނަ މާއްދާ – ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ގޮތުން ށަކުވާ ހުށަހެޅުން

ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމުޤާނޫނު) ގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މަޢުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން، ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އިލެކްށަންސް ފޯކަލް ޕޮއިންޓުތަކަށް ނުވަތަ އިލެކްށަންސް ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ. ށަކުވާ ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 3 (ތިނެއް) ގައިވާ ފޯމުންނެވެ. މިފޯމު އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުންނާއި ރަށްރަށުގެ ފޯކަލް ޕޮއިންޓުންނާއި އަތޮޅު/ ސިޓީ އިލެކްށަންސް ކޮމިޓީތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

14 ވަނަ މާއްދާ – ރަޖިސްޓަރީއާބެހޭ މައްސަލަތައް އިލެކްށަންސް ކޮމިށަނަށް ފޮނުވުން

ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އިލެކްށަންސް ފޯކަލް ޕޮއިންޓުންނަށް ހުށަހަޅާ މައްސަލަތައް އެ މައްސަލައެއް ބަލައިގަތް ފަރާތަކުން ދުވަހުން ދުވަހަށް އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.

 

15 ވަނަ މާއްދާ – ގެޒެޓުކުރެވޭ ރަޖިސްޓަރީއަށް ބަދަލުގެނައުން

(ހ) މި ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްށަން ކޮމިށަނަށް ހުށަހެޅިފައިވާ ށަކުވާއާ ގުޅިގެން ގެނެވޭ ބަދަލުތައް ނޫން އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

މިގޮތަށް ލިޔުމުން ހުށަހެޅޭ ބަދަލުތައް ރަޖިސްޓަރީއަށް ގެނެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ލިސްޓަށް މީހަކު އިތުރުކުރެވޭނީ، ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓުލާ ދުވަހަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިޔުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުންނެވެ. (މި ލިޔުމުގައި ލިސްޓަށް އިތުރުކުރަން އެދިފައިވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނިފައި އޮންނަން ވާނެއެވެ.)
  2. ލިސްޓުން މީހަކު އުނިކުރެވޭނީ، ލިސްޓުގައި ހިމެނިފައިވާ ފަރާތެއް އުނިކުރުމަށް ހުށަހަޅާފައިވާ ށަކުވާއާއެކު އެމީހަކީ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރަންޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުންނެވެ.
  3. ލިސްޓުގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނެވޭނީ، ލިސްޓުގައި ހިމެނިފައިވާ މަޢުލޫމާތެއް ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ ށަކުވާއާއެކު ލިސްޓަށް ގެންނަން އެދިފައިވާ ބަދަލަކީ ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުންނެވެ.

    މި ނޫން ގޮތަކަށް ރިޔާސީ އިންތިހާބަށް ގެޒެޓުކުރެވޭ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ބަދަލު ގެނައުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

    ނިޔާވެފައިވާ މީހެއްގެ ނަން ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީން އުނިކުރުމުގައި، ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ މަރުފޯމު، ރަށްވެހިންގެ ރަޖިސްޓަރީ، އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ސަރުކާރުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުން ފަދަ ލިޔުންތަކެވެ.

(ށ) ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހަޅާ ށަކުވާތަކާ ބެހޭ މަޢުލޫމާތު އެ ށަކުވާގެ ބާވަތާއި އެ ށަކުވާއަކާމެދު ޢަމަލުކުރެވުނު ގޮތް އެނގޭގޮތަށް އިލެކްށަންސް ކޮމިށަނުން ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު، ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިޢުކުރަންވާނެއެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިޢުކުރާ ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނިފައިވާ މީހުންނަށެވެ. ނަމަވެސް މި ލިސްޓުގައި އޮވެމެ، އިލެކްށަންސް ކޮމިށަނުގެ އިދާރީ ސަބަބަކާހުރެ މީހެއްގެ ނަން ވޯޓުލާ މަރުކަޒުގައިވާ ލިސްޓުގައި ނެތްނަމަ އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭން ވާނެއެވެ.

 

16 ވަނަ މާއްދާ – ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް ދޫކުރުމާއި ބޭނުންކުރުން

(ހ) ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސި ޕާޓީތަކުން އެދިއްޖެނަމަ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކޮށްފައިވާ ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ކޮޕީއެއް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރާ ރަޖިސްޓަރީގައި ހިމަނަންވާނީ ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ނަމާއި ޖިންސާއި ދާއިމީ އެޑްރެހެވެ.

(ށ) ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ނުވަތަ ރަޖިސްޓަރީގައިވާ މަޢުލޫމާތު ބޭނުނ  ްކުރަންވާނީ އިންތިހާބުގެ ބޭނުންތަކަށް އެކަންޏެވެ. އެގޮތުން އެއްވެސް ފަރާތަކުން މި މަޢުލޫމާތު ވިޔަފާރީގެ ބޭނުމަށްޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށްޓަކައި ބޭނުންކުރުމަކީ މަނާ ކަމެކެވެ.

 

17 ވަނަ މާއްދާ – ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ވޯޓު ދިނުމަށްޓަކައި ރަޖިސްޓަރީކުރުން

(ހ) ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހެއް، ވޯޓުލުން އޮންނަ ދުވަހު ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެ މީހަކު ނޫޅޭ ކަމުގައި ވަނީނަމަ އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓު ނެގުމަށް ކަނޑައެޅިފައިވާ ޤައުމެއްގައި ހުރެ، ރިޔާސީ އިންތިހާބުގައި އެ މީހަކު ވޯޓު ދިނުމަށް ބޭނުން ނަމަ ވޯޓު ނަގާ ދުވަހު އެ މީހަކު ހުންނާނެ ތަނެއް މި މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ރަޖިސްޓަރީކުރަން ވާނެއެވެ.

(ށ) ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓޭނީ ރާއްޖޭގެ ޑިޕްލޮމެޓިކް އޮފީހެއް ހުރި ތަންތަނުގެ ތެރެއިން އެ ތަނެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައެވެ. ރާއްޖޭގެ ރިޒޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން ވޯޓު ފޮށްޓެއް ބެހެއްޓޭނީ އެ ތަނެއްގައި ވޯޓުލުމަށް މަދުވެގެން 50 (ފަންސާސް) މީހުން ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައެވެ.

(ނ) ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ތިބޭ މީހުން ވޯޓު ދިނުމަށްޓަކައި ރަޖިސްޓަރީވާން ބޭނުންނަމަ، އެކަމަށް ކޮމިށަނުން އާންމުކޮށް އިޢުލާނުކޮށް އަންގާ ގޮތެއްގެ މަތިން އެ މީހެއްގެ މަޢުލޫމާތު ކޮމިށަނަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް ކަނޑައަޅައިފައިވާ މުއްދަތުގައި މި ގަވާއިދުގެ ޖަދުވަލު 4 (ހަތަރެއް) ގައިވާ ފޯމުން ހުށަހަޅަން ވާނެއެވެ. ރަޖިސްޓަރީވުމަށް އެދޭ ފަރާތުގެ ވޯޓުލުމަށް ބޭނުންކުރެވޭ، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއްވެސް މި ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ފޯމު ހިފައިގެން އަންނަ މީހާ، އެމީހާއަކީ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެ ފޯމު ހިފައިގެން އަންނަ މީހާ އެ ފޯމަށް ޒިންމާވާ ގޮތަށެވެ. އެހެން ފަރާތެއް މެދުވެރި ނުކޮށް އީމެއިލުން ނުވަތަ ފެކުހުން ސީދާ އިލެކްށަންސް ކޮމިށަނުގެ އިދާރާއަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

(ރ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ވޯޓުލުން އޮންނަ ދުވަހު އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ހުންނާނޭކަމަށް ކަނޑައަޅައި، އެތަނަކީ އިލެކްށަންސް ކޮމިށަނުން ވޯޓުފޮށްޓެއް ބަހައްޓަން ކަނޑައަޅައިފައިވާ ތަނެއްނަމަ އެ ތަނެއްގައި ރަޖިސްޓަރީ ކުރުމަށް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އެ މީހެއްގެ ނަން ރަޖިސްޓަރީކުރަން ވާނެއެވެ. އަދި ވޯޓުލުން އޮންނަ ދުވަހު އެ ތަނެއްގައި އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަން ވާނެއެވެ. މި މާއްދާގައި މިގޮތަށް އޮތްކަމުގައި ވީނަމަވެސް މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އަދަދަށްވުރެ މަދުން ވޯޓުލުމަށް ރަޖިސްޓަރީކުރާ ތަންތަނުގައި ވޯޓު ފޮށްޓެއް ނުބެހެއްޓުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ މީހުން ޢަމަލުކުރަންވީ ގޮތް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިޢުލާނުކުރަން ވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ހުންނާނެ ކަމަށް އިލެކްށަންސް ކޮމިށަނަށް އަންގައި ރަޖިސްޓަރީކުރުމަށްފަހު، އެ އަންގާފައިވާ ރަށް ނުވަތަ ތަން ފިޔަވައި އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި އެ މީހަކަށް ވޯޓެއް ނުލެވޭނެއެވެ.

(ޅ) ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ ކޯޓު އަމުރަކަށް ފިޔަވައި އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ – ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރަޖިސްޓަރީވުން

(ހ) ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭނީ ފުރަތަމަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ފޮށި ނޫން އެހެން ފޮށްޓަކަށް ވޯޓުލާން ބޭނުން ފަރާތްތަކާއި، 18 (އަށާރަ) އަހަރު ފުރިގެން އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތަކެވެ.

(ށ) މިގޮތުން މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ރަޖިސްޓަރީކުރާނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިޢުލާނުކުރާ ގޮތެއްގެ މަތިންނެވެ.

 

19 ވަނަ މާއްދާ – ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުން

(ހ) ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަމަށް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިޢުލާނުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިޢުލާނުގައި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު) ގައި ބުނެފައިވާ މަޢުލޫމާތާއި ތަކެތި ހިމަނަން ވާނެއެވެ.

 

20 ވަނަ މާއްދާ – ރިޔާސީ އިންތިހާބަށް ކުރިމަތިލުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިޢުލާނުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ޖަދުވަލު 5 (ފަހެއް) ގައިވާ ފޯމުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް މަދުވެގެން 10 (ދިހައެއް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

(ށ) ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަމަށް ކުރާ އިޢުލާނުގައި އެޕްލިކޭށަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހިމަނަންވާނެއެވެ. މީގެ ތެރޭގައި ހިމެނޭ، އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ލޯގޯ ނުވަތަ ނިށާން ފާސްކުރާއިރު ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން އެއް ލޯގޯއެއް ހުށަހަޅާފައިވާނަމަ، އެ ލޯގޯ ފާސްކުރުމުގައި އިސްކަން ދޭނީ ކުރިން ހުށަހެޅި ފަރާތަށެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް، ޕާޓީގެ ލޯގޯ، ޕާޓީގެ ހުއްދައާއިއެކު ބޭނުންކުރެވިދާނެއެވެ. ސިޔާސީ ޕާޓީއެއްގެ ލޯގޯ ނުވަތަ އެ ލޯގޯއާ އެއް ވައްތަރު ލޯގޯއެއް އެ ޕާޓީ ފިޔަވައި އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

21 ވަނަ މާއްދާ – ރިޔާސީ ކެންޑިޑޭޓުންގެ ނަން އިއުލާނުކުރުން

ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރިޔާސީ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ނައިބުންގެ ފުރިހަމަ ނަމާއި އެޑްރެސް އާންމުކޮށް އިޢުލާނުކޮށް އަދި އިލެކްށަންސް ކޮމިށަނުގެ އޮފީހުގައްޔާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް ބަހައްޓަންވާނެއެވެ.

 

22 ވަނަ މާއްދާ – ނަން އަނބުރާ ގެންދިއުން

ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ، ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިޢުލާނުކުރުމުގެ ކުރިން އެ ކެންޑިޑޭޓަކަށް ނަން އަނބުރާ ގެންދިޔުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ – ޑިޕޮޒިޓް ފައިސާ ހުށަހެޅުމާއި ފައިސާ އަނބުރާ ދިނުން

(ހ) ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ދައްކަންޖެހޭ ޑިޕޮޒިޓް ފައިސާއަށްވާ 40،000 (ސާޅީސްހާސް) ރުފިޔާ ދައްކާނީ ނަގުދު ފައިސާއިންނެވެ.

(ށ) ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އިޢުލާނުކުރުމުގެ ކުރިން، އިންތިހާބަށް ކުރިމަތިލީ މީހާގެ ނަން އަނބުރާ ގެންގޮސްފިނަމަ، ނަން އަނބުރާ ގެންދިއުމަށް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ފައިސާ، އެ ކެންޑިޑޭޓަކަށް އަނބުރާ ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) އިންތިހާބުގައި ވޯޓުދިން މީހުންގެ %10 (ދިހައެއް އިންސައްތަ) އިން ފެށިގެން ދަށް އަދަދަކަށް ވޯޓު ލިބިފައިވާ މީހުންނަށް، އިންތިހާބުގައި ބައިވެރިވުމަށް ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާކަމަށްވާ 40،000 (ސާޅީސްހާސް) ރުފިޔާ އަނބުރައި ނުލިބޭނެއެވެ.

 

24 ވަނަ މާއްދާ – ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން

(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން އޮންނަ ތަނާއި ތާރީހާއި ގަޑި، ކެންޑިޑޭޓުންނަށް އަންގައި، އިލެކްށަންސް ކޮމިށަނުން އިޢުލާނުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގުރުއަތުލުން ބާއްވަންވާނީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނުވަތަ އެ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ކެންޑިޑޭޓަކު، މަންދޫބަކު ޢައްޔަންކުރާނަމަ، އެ މީހަކު މަންދޫބަކަށް ޢައްޔަންކުރިކަމުގެ ލިޔުމަކާއެކު ގުރުއަތު ނަގާ ތަނަކަށް އެ މަންދޫބުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއެކު އެ މީހަކު ފޮނުވަންވާނެއެވެ. އަދި އެ ލިޔުމުގައި މަންދޫބުގެ ފުރިހަމަ ނަމާއި އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

(ރ) ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުމަށް ކެންޑިޑޭޓަކު ނުވަތަ އޭނާ ޢައްޔަންކުރާ މަންދޫބަކު ހާޒިރު ނުވެއްޖެނަމަ، އެ ކެންޑިޑޭޓެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މީހެކެވެ.

 

25 ވަނަ މާއްދާ – ކެންޑިޑޭޓުންގެ ސަލާމަތާއި ރައްކާތެރިކަން

ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރިޔާސީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނައިބުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ހަމަހަމަ ގޮތެއްގައި ފޯރުވައިދޭތޯ އިލެކްށަންސް ކޮމިށަނުގެ ފަރާތުން ބަލައި އެކަން ކަށަވަރު ކުރަންވާނެއެވެ.

 

26 ވަނަ މާއްދާ – ރިޔާސީ އިންތިހާބަށް ކެންޕޭންކުރުމުގެ މުއްދަތު

ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރިޔާސީ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ކެންޕޭންކުރުމަށްޓަކައި މަދުވެގެން 30 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

27 ވަނަ މާއްދާ – ތާއީދު ހޯދުމަށް މަސައްކަތްކުރުން

(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް، އެމީހުންނަށް ތާއީދު ހޯދުމަށް ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސައްކަތްކުރުމުގެ ހައްޤު ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) އިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްޤުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.

  1. ތާއީދު ހޯދުމުގެގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން.
  2. ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން.
  3. ހަބަރުފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން.
  4. ތާއީދު ހޯދުމުގެ ގޮތުން މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި ސްޓިކާ އާއި ލިޔުންފަދަ ތަކެތި ބެހުމާއި އެ ތަކެތި އާންމުކޮށް ފެންނާނެހެން ބެހެއްޓުން.
  5. ނިށާނާއި ނިށާންޖަހާފައިވާ ތަކެތި ގެންގުޅުމާއި ބޭނުންކުރުން.
  6. އިށްތިހާރުކުރުން، ބިލްބޯޑު، ޕޯސްޓަރުފަދަ ތަކެތި ބޭނުންކުރުން.
  7. ށޯ ބޭއްވުން.
  8. ރެލީތަކާއި ވެހިކަލް ބުރުތައް ބޭއްވުން.
  9. އިންޓަނެޓާއި ސޯށަލް މީޑިއާގެ ބޭނުންހިފުން.

 

28 ވަނަ މާއްދާ – ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

(ހ) ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ތިރީގައި ބަޔާކޮށްފައިވާ ސުލޫކީ މިންގަނޑަށް ޢަމަލުކުރަންވާނެއެވެ.

  1. ވަކި ޖިންސެއްގެ މީހަކަށް ވާތީ، ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށްޓަކައި، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށްޓަކައި، އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އޮތް ސަބަބެއްކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެއެވެ.
  2. ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް މިސްކިތެއްގައި ނުވަތަ މިސްކިތެއްގެ ގޯތި ތެރޭގައި ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ނުވަތަ އެފަދަ ތަނެއްގެ ގޯތި ތެރޭގައި ބާއްވައިގެން ނުވާނެއެވެ.
  3. ދީނީ އެކި އެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.
  4. ކިޔަވައިދޭ ތަންތަނާއި މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީތަކުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.
  5. ކިޔަވައިދޭ ތަންތަނާއި އިޖުތިމާޢީ މަރުކަޒު ފަދަ ތަންތަން ފިޔަވައި ދައުލަތުގެ އޮފީސްތަކުގެ އިމާރާތްތަކާއި އެ އިމާރާތްތަކުގެ ގޯތި، އިންތިހާބަށް ކެންޕޭންކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކިޔަވައިދޭ ތަންތަނުގެ ގޯއްޗާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ އެ ތަންތަނުގެ ހުއްދަ ލިބިގެންނެވެ. މިފަދަ ތަންތަން އިންތިހާބަށް ކެންޕޭންކުރުމުގެ ބޭނުމުގައި ހުއްދަދޭންވާނީ އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަވާ ގޮތެއްގެ މަތިން ތަނުން ދެމުން ގެންދާ ހިދުމަތަށް ބުރޫނާރާ ގޮތުގެ މަތިންނެވެ.
  6. އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު، އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުން ގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ ޢަމަލެއް ކޮށްގެން ނުވާނެއެވެ.
  7. ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު، ނުވަތަ ނިށާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް، އެހެން ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް، ގެއްލުންދީގެން ނުވާނެއެވެ.
  8. ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން ކެންޕޭން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރާ ބަޔަކު އެތަނުގައި ބައްދަލުވުމެއް އިންތިޒާމު ކޮށްގެން ނުވާނެއެވެ. އެހެން ނަމަވެސް އެއް ޕާޓީއަކުން ނުވަތަ ގިނަ ޕާޓީތައް ގުޅިގެން ނުވަތަ ގިނަ ކެންޑިޑޭޓުން ގުޅިގެން ބާއްވާ ބައްދަލުވުންތައް އެއް ފަހަރާ އެއް ތަނެއްގައި ބޭއްވިދާނެއެވެ.
  9. އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް، މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ބިމެއްގައި ބަހައްޓަންވާނީ އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ. (މިގޮތުން ދައުލަތުގެ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ތަނެއްގައި އެފަދަ އެއްޗެއް ބަހައްޓަން ހުއްދަ ދޭންވާނީ އެކަމަށް އެދޭ ހުރިހާ ފަރާތަކަށް ހަމަހަމަވާ ގޮތުގެ މަތިން އެއް އުސޫލަކުންނެވެ).
  10. އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިށްތިހާރު، ބިލްބޯޑު އަދި ބެނަރ ފަދަ ތަކެތި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށްފަހު 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ބެހެއްޓި ފަރާތަކުން ނަގައި ސާފުކުރަން ވާނެއެވެ.
  11. ތާއީދު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، ކެންޕޭނަށް އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގާލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތްކުރަންވާނީ ފުލުހުން ނުވަތަ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެންނެވެ.
  12. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
  13. ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެންނުވާނެއެވެ.
  14. ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިށްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެންނުވާނެއެވެ. އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެއެވެ.
  15. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި އެއްވެސް ކެންޑިޑޭޓަކީ، ނުވަތަ އެ ކެންޑިޑޭޓަށް ތާއީދުކުރާ ބަޔަކީ ލާދީނީ ބައެއް ކަމަށް ނުވަތަ ހިޔާނާތްތެރިން ކަމަށް ބުނެ ސާބިތުކުރެވެން ނެތް ވާހަކަ ދައްކައިގެން ނުވާނެއެވެ.
  16. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ނުކުރުމުގެ ގޮތުން ވިޔަސް، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަން ދިނީކަމަށް ބެލެވޭނެއެވެ.

  1. ކެންޑިޑޭޓަކު ތާއީދު ހޯދުމުގެ ގޮތުން ދައްކާ ވާހަކައެއްގައި ނުވަތަ އެނޫން ގޮތަކުންވެސް އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުން.
  2. ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަޤީޤަތް އޮޅިގެންދާ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭ ގޮތުން ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުން.
  3. މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުން.
  4. ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބާއްވާ ށޯތަކާއި، ރެލީތަކާއި، ވެހިކަލް ބުރުތަކަށް އެހެން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ހުރަސްއެޅުން.

 

29 ވަނަ މާއްދާ – ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުން

(ހ) ކޮންމެ ކެންޑިޑޭޓަކަށްވެސް ވޯޓުނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނަގާ ގުނާ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަންކުރެވިދާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަންދޫބު ޢައްޔަންކުރުމުގެ ފުރުސަތު ލިބޭނީ، އިލެކްށަންސް ކޮމިށަނުން އެކަމަށްޓަކައި އިޢުލާނުކުރުމުން ދެވޭ މުއްދަތުގައި އެކަމަށް އެދޭ ކެންޑިޑޭޓުންނަށެވެ. މިކަމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 6 (ހައެއް (ގައިވާ ފޯމުންނެވެ.

(ނ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ރިޔާސީ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  4. ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ ވެރިއެއް ކަމުގައި ނުވުން.
  5. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައި ނުވުން.
  6. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

(ރ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 7 (ހަތެއް) ގައިވާ އިޤްރާރުގައި ސޮއިކުރަން ވާނެއެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަން ވާނެއެވެ.

 

30 ވަނަ މާއްދާ – ރާއްޖޭގެ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން

(ހ) ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގެ ފަރާތްތަކަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޫކުރެވޭނީ، އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، އިލެކްށަންސް ކޮމިށަނުން އެކަމަށް އެދި ހުށަހެޅުމަށް އިޢުލާނުކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 8 (އަށެއް) ގައިވާ ފޯމުންނެވެ.

(ށ) ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ރާއްޖޭގެ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއް ނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައިނުވުން.
  4. ރިޔާސީ އިންތިހާބާބެހޭ މަސައްކަތެއް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

(ނ) އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 7 (ހަތެއް) ގައިވާ އިޤްރާރުގައި ސޮއިކުރަން ވާނެއެވެ. އަދި އޮބްޒާވަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.

(ރ) ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާތަކަށް ދޫކުރެވޭ އޮބްޒާވަރު ފާސް އެފަރާތްތަކުން ބޭނުންކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ބ) ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާތަކަށް އޮބްޒާވްކުރުމަށް ފާސް ދޫކުރެވޭނީ، ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ.

(ޅ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމްޢިއްޔާއެއް ތަމްސީލުކުރާ އޮބްޒާވަރަކު ވޯޓުލާ ސަރަހައްދުގައި ހުއްޓައި، ހަމަ އެ ސަރަހައްދަށް އެ ސިޔާސީ ޕާޓީ ނުވަތަ އެ ޖަމްޢިއްޔާ ތަމްސީލުކުރާ ދެވަނަ އޮބްޒާވަރަކަށް ނުވަދެވޭނެއެވެ.

 

31 ވަނަ މާއްދާ – ބައިނަލްއަގުވާމީ ފަރާތްތަކުން ރިޔާސީ އިންތިހާބު އޮބްޒާވްކުރުން

(ހ) ބައިނަލްއަޤުވާމީ ފަރާތްތަކަށް ރިޔާސީ އިންތިހާބު އޮބްޒާވްކުރެވޭނީ، އިލެކްށަންސް ކޮމިށަނުން ދޭ ދައުވަތަކަށް ނުވަތަ، އިޢުލާނުކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި އެފަރާތްތަކުން ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 9 (ނުވައެއް) ގައިވާ ފޯމުންނެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  2. އެ މީހަކު ތަމްސީލުކުރާ ބައިނަލްއަޤުވާމީ ފަރާތުން އެކްރެޑިޓް ކޮށްފައިވާ މަންދޫބަކަށްވުން.
  3. އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހަކަށް ނުވުން.

 

32 ވަނަ މާއްދާ – މޮނިޓަރުކުރުން

(ހ) ރިޔާސީ އިންތިހާބުގައި ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް މޮނިޓަރުކުރުމަށް ހަރަކާތްތެރިވެވޭނީ އިލެކްށަންސް ކޮމިށަނުން އިޢުލާނުކުރުމުން، އެކަމަށް ދެވޭ މުއްދަތުގައި މޮނިޓަރުކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހުންނަށެވެ. މިކަމަށް އެދި ރާއްޖޭގެ ފަރާތްތަކުން ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 10 (ދިހައެއް) ގައިވާ ފޯމުންނެވެ. ބައިނަލްއަޤުވާމީ ފަރާތްތަކުން ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 9 (ނުވައެއް) ގައިވާ ފޯމުންނެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން.

  3. (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަންގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭށަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން،ނުވަތަ

    (ށ) ޤާނޫނު ނަންބަރު 47/1978 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު (ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން، ނުވަތަ

    (ނ) ބައިނަލްއަޤުވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން.

  4. ރިޔާސީ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.

(ށ) އިންތިހާބުގެ ކަންތައްތައް މޮނިޓަރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހަރަކާތްތެރި ވާންވާނީ، ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު)  ގެ 41  ވަނަ މާއްދާގައިވާ ގޮތުގެ މަތިންނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ނ) މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 7 (ހަތެއް) ގައިވާ އިޤްރާރުގައި ސޮއި ކުރަންވާނެއެވެ. އަދި މޮނިޓަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.

(ރ) ނޫސް މަޖައްލާގެ އިދާރާތަކަށް ދޫކުރެވޭ މޮނިޓަރު ފާސް އެ ފަރާތްތަކުން މޮނިޓަރުންނަށް ދޫކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ބ) ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ހަބަރުފަތުރާ އިދާރާތަކަށް މޮނިޓަރުކުރުމަށް ފާސް ދޫކުރެވޭނީ އެއިން ކޮންމެ ފަރާތަކަށް އިންތިހާބުގައި ވޯޓުނެގުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ.

 

33 ވަނަ މާއްދާ – ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުން އަމަލުކުރަންވީ ގޮތް

(ހ) ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިއަށްދާއިރު އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ޖަދުވަލު 11 (އެގާރަ) ގައިވާ ސުލޫކީ މިންގަނޑަށް ޢަމަލު ކުރަންވާނެއެވެ.

(ށ) ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް ހިނގަމުންދާއިރު، އެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް، އެމީހުންނަށް ބޭނުންވާ މަޢުލޫމާތު ނޯޓުކުރެވިދާނެއެވެ.

(ނ) ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ފަރާތުން އޮބްޒާވަރުންނާއި މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެދިއްޖެނަމަ، އެ ވަގުތަކާ ހަމައަށް އެވޯޓުލާ މަރުކަޒަށް ވޯޓުލީ މީހުންގެ އަދަދާއި ބާކީ ހުރި ވޯޓުކަރުދާހުގެ އަދަދު ހާމަކޮށްދޭން ވާނެއެވެ.

(ރ) އޮބްޒާވަރުން ނުވަތަ މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބާބެހޭ ކަންކަމުގައި އިލެކްށަންސް ކޮމިށަނުން ޢައްޔަންކޮށްފައިވާ އޮފިށަލުންނަށް ފުރިހަމަ އެއްބާރުލުންދީ އެހީތެރިކަން ދޭންވާނެއެވެ. އަދި އެމީހުންގެ މައްޗަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.

(ބ) ވޯޓުލާ މަރުކަޒުގައި ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ ތެރެއިން މީހަކު ނުވަތަ ކެންޑިޑޭޓަކު ނުވަތަ މަންދޫބަކު ނުވަތަ އޮބްޒާވަރަކު ނުވަތަ މޮނިޓަރަކު، ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކަށް ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިވެދީގެން ނުވާނެއެވެ.

 

34 ވަނަ މާއްދާ – އޮބްޒާވަރުންނާ މޮނިޓަރުންނާ ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން

އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން، ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) އާއި، މިގަވާއިދާ ހިލާފަށް އެއްވެސް ޢަމަލެއް ކޮށްފިނަމަ ނުވަތަ ކުރަން އުޅޭކަން އެނގޭނަމަ އެ އޮބްޒާވަރެއްގެ ނުވަތަ މޮނިޓަރެއްގެ ނުވަތަ މަންދޫބެއްގެ ފާސް ހިފަހައްޓައި އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހުތިޔާރު އެ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން އެ ކަމަށް ޢަމަލު ނުކޮށްފިނަމަ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އެ މީހެއްގެ ފާސް އަތުލައި އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.

 

35 ވަނަ މާއްދާ – ވޯޓުނެގުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

(ހ) ވޯޓުނެގުމަށް ބޭނުންވާ ހުރިހާ ތަކެތި، ވޯޓުނަގަން ފަށާ ވަގުތު ޖެހުމުގެ ކުރިން ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަން ވާނެއެވެ.

(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަންވާނެއެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަން ވާނެއެވެ.

 

36 ވަނަ މާއްދާ – ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުން

ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައި ތިބި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ވޯޓުފޮށި ބަހައްޓާނެ ސަރަހައްދު ކަނޑައަޅައި، އަދި އެ ސަރަހައްދަށް ވޯޓުދޭނީ ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި، އެކަން އާންމުކޮށް އިޢުލާނުކުރަން ވާނެއެވެ.

 

37 ވަނަ މާއްދާ – ވޯޓިންގ ބޫތު

(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް މަދުވެގެން 1 (އެކެއް) ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މީހާ ވޯޓުކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ.

(ށ) ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް (ވޯޓުކަރުދާސް ފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު ޢަމަލުތައް) އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.

 

38 ވަނަ މާއްދާ – ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު

(ހ) ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު، އިލެކްށަންސް ކޮމިށަނުން ފާސްކޮށްފައިވާ، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދާކުރަންވާނެއެވެ.

(ށ) ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތާ ހަވާލުވުމުގެ ގޮތުން މި ގަވާއިދުގެ ޖަދުވަލު 2 (ދޭއް) ގައިވާ އިޤްރާރުގައި ސޮއިކުރަންވާނެއެވެ.

 

39 ވަނަ މާއްދާ – ވޯޓުލާ މަރުކަޒަށް އައްޔަން ކުރެވޭ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ

(ހ) ވޯޓުލާ މަރުކަޒަށް ޢައްޔަންކުރެވޭ ވެރިޔާއާ އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަވާލުކުރާ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކުރަން ވާނެއެވެ. ތިރީގައި ބަޔާންކޮށްފައި އެ ވަނީ ވޯޓުނަގާ މަރުކަޒަށް ޢައްޔަންކުރެވޭ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާއެވެ.

  1. ރިޔާސީ އިންތިހާބުގެ ވޯޓުލާ މަރުކަޒެއްގެ ވޯޓުފޮށްޓާއި ވޯޓުލުމަށް ބޭނުންވާ ސާމާނާއި މުހިންމު ލިޔެކިޔުންތަކާ ހަވާލުވުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެއްޗަށް ޒިންމާވުން.
  2. ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި އެ ކަންތައްތައް ކުރުވުމާއި، އެ ކަމާގުޅޭ އިންތިޒާމު ހަމަޖެއްސުން.
  3. ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ މީހުންނާ ބައްދަލުކޮށް ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް އޮޅުންފިލުވައިދީ، ވަކިވަކި މީހުންގެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުން.
  4. ވޯޓުކަރުދާސް އަޅާފައި ހުންނަ ސެކިއުރިޓީ އުރަ ވޯޓުލުމުގެ 15 (ފަނަރަ) މިނެޓު ކުރިން ކަނޑައި، ވޯޓުކަރުދާސް ގުނައި، ހުރި އަދަދު ކަށަވަރުކުރުން.
  5. ވޯޓު ނަގަން ފެށުމުގެ ކުރިން ވޯޓުލާން އެންމެ ފުރަތަމަ އަންނަ 2 (ދޭއް) މީހުންނަށާއި، ވޯޓުލާ މަރުކަޒުގައި ތިބިނަމަ، ކެންޑިޑޭޓުންގެ މަންދޫބުންނާއި، ހުއްދަދެވިފައިވާ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް، ވޯޓުފޮށި ހުޅުވައި ވޯޓުފޮށި ހުރީ ހުސްކޮށްކަން ކަށަވަރުކޮށްދިނުމަށްފަހު ވޯޓުފޮށީގެ މަތި ރަނގަޅަށް ޖަހައި، 4 (ހަތަރެއް) ފަރާތުގައި ޕުލްޓައިޓް ސީލް އެޅުވުން.
  6. ވޯޓުލާ މަރުކަޒަށް ވަނުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަކުރާ މީހުންނަށް ޤާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުން އެ ފުރުސަތު ތަނަވަސް ކޮށްދިނުން.
  7. ވޯޓުލާ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން މީހަކު ފޮނުވަން ވެއްޖެ ހާލަތެއްގައި ކޮމިށަނުން ފޮނުވާ މީހަކަށް ވޯޓުލާ މަރުކަޒަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން. (އެފަދަ މީހަކަށް އެ މަރުކަޒަށް ވަނުމުގެ ހުއްދަ ދޭންވާނީ އެއީ އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށްފަހުއެވެ).
  8. ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ މަސައްކަތް ކުރިއަށްދަނީ ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
  9. ވޯޓުލާންދާ މީހުންގެ ތެރެއިން ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަމަށް ބުނާ މީހުންގެ ކިބައިގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަން ކަށަވަރުކޮށް، އޭނާއަށް އެހީތެރިއަކު ބޭނުންކުރުމުގެ ހުއްދަ ދިނުން.
  10. ވޯޓުނަގާ ދުވަހު، ވޯޓުނަގާ މަރުކަޒުގައި ވޯޓުލުމާ ގުޅޭގޮތުން ވޯޓުލާން އަންނަ މީހުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފަރާތުން ހުށަހެޅޭ ށަކުވާ ބަލައިގަނެ ވަގުތުން އެޅެން ހުރި ފިޔަވަޅެއް އެޅުން. ވަގުތުން ހައްލުނުކުރެވޭ މައްސަލަތައް ރަށު ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ރިޕޯޓުކުރުން.
  11. ވޯޓުލާން އަންނަ މީހެއްގެ ނަން މިގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ލިސްޓުގައި އޮވެމެ، އިދާރީ ސަބަބަކާހުރެ އެ މީހަކު ވޯޓުލާންޖެހޭ މަރުކަޒުގައިވާ ފައިނަލް ލިސްޓުގައި އެމީހާގެ ނަން ހިމެނިފައި ނުވާނަމަ، އެކަން އިލެކްށަންސް ކޮމިށަނަށް އަންގައި، ކޮމިށަނުން އިރުށާދުދޭ ގޮތެއްގެ މަތިން އެމީހާގެ ނަން ލިސްޓަށް އިތުރުކޮށް އޭނާއަށް ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދިނުން. (މިކަން ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ. (
  12. އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ވޯޓުގުނުމުގައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުން.
  13. ވޯޓުގެ ވަގުތީ ނަތީޖާ ކަނޑައަޅައި އިޢުލާނުކުރުން.
  14. ވޯޓުލާ މަރުކަޒުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
  15. ވޯޓުލުމާއި، ވޯޓުގުނުމުގެ މަސައްކަތް ނިމުމުން ވޯޓުކަރުދާސްތަކާއި ވޯޓުލުމުގައި ބޭނުންކުރި އިންތިހާބާބެހޭ ހުރިހާ ލިޔެކިޔުމެއް ބަންދުކޮށް ކޮމިށަނުން ކަނޑައަޅައިފައިވާ ފަރާތަކާ ހަވާލުކުރުން.
  16. ވަގުތީ ނަތީޖާ ވޯޓުނެގި މަރުކަޒުގައި އާންމުކޮށް ފެންނާނޭހެން ބެހެއްޓުމަށްފަހު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސާފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނަށް އެ ނަތީޖާ ފޮނުވުން.
  17. ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން އަމާންކަމާ އޮމާންކަމާއެކީ ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  18. ވޯޓުލާ ވަގުތުގައްޔާއި ވޯޓު ގުނުމުގެ ކަންތައްތައް ކުރިއަށްދާ ވަގުތުގައި، ވޯޓުލާ މަރުކަޒާއި އެ މަރުކަޒު ހިމެނޭ ސަރަހައްދުގައި މަސްލަހަތު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  19. ވޯޓުލާ މަރުކަޒުގެ ސަރަހައްދުގައި ގަވާއިދާ ހިލާފުކަމެއް ހިނގާނަމަ، އެކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، ފުލުހުންގެ އެހީތެރިކަން ހޯދުން.
  20. ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން، އެ މީހުންނަށް ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް، އެދިއްޖެ ހިނދެއްގައި ދިނުން.
  21. ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާދެމެދު ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ލިޔެ އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސްމީހާ (ވޯޓުފޮށީގެ ވެރިޔާ) ސޮއިކޮށް އެ ރިޕޯޓު ލިޔުނު މީހަކާއި އެ ރިޕޯޓު ޗެކުކުރި މީހަކު ލައްވާ ސޮއިކުރުވުމަށްފަހު މާލޭގައި ހުންނަ ވޯޓާބެހޭ މައިމަރުކަޒަށް އެ ރިޕޯޓު ފޮނުވުން.
  22. ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ނެގުމާއި ވޯޓު ގުނުމާއި ވަގުތީ ނަތީޖާ އިޢުލާނުކުރުމަށްޓަކައި، މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން ކަމެއް ކުރަން ޖެހިއްޖެނަމަ، އެކަމެއް އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ލަފާގެ މަތިން ކުރުން.

 

40 ވަނަ މާއްދާ – ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންނަށް ފާހަގަޖެހުމުގައި އެހީތެރިވެދިނުން

(ހ) ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކަށް ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް އެހީތެރިވެދޭ މީހާ އެހީތެރިވެދެނީ އެކަކަށް ކަން ކަށަވަރުކުރުމަށްޓަކައި އޭނާގެ ނަމާއި އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ވޯޓު ނެގުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަން ވާނެއެވެ.

(ށ) ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ބަލައިގެން އެހީތެރިކަން ފޯރުވައިދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ލޯ ފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓުކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.
  2. ދެއަތް ބޭނުންނުކުރެވޭ މީހުން.
  3. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެ މީހެއްގެ އަތުން ވޯޓުކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.
  4. ބަލިހާލު ހުރި ގޮތުގެ ސަބަބުން ވޯޓުކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.

(ނ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭވަރުގެ މީހަކަށް، ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއް ކަމަށް ބަލައިގެން ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ފުރުސަތު ވޯޓުލާ މަރުކަޒުގެ ވެރިޔާ ދީގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކަށް ފާހަގަޖެހުމުގައި އެހީތެރިވެވޭނީ އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާ މީހަކަށެވެ.

(ބ) ވޯޓުލާ މަރުކަޒުގައި ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ ތެރެއިން މީހަކު، ކެންޑިޑޭޓަކު، ކެންޑިޑޭޓުންގެ މަންދޫބަކު، އޮބްޒާވަރަކު ނުވަތަ މޮނިޓަރަކު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކަށް ފާހަގަޖެހުމުގައި އެހީތެރިވެދީގެން ނުވާނެއެވެ.

 

41 ވަނަ މާއްދާކާކުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުން

ވޯޓުލާން އަންނަ މީހާ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް (އައިޑެންޓިޓީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ފޮޓޯއާއި އައިޑެންޓިޓީ ކާޑު ނަންބަރު ޖަހާފައިވާ ޑްރައިވިންގ ލައިސަންސް) ހުށަހަޅަން ވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުސަތު ދެވޭނީ އޭނާ ގެންނަ، ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނާ އަޅައިބެލުމަށްފަހު އެއީ އެމީހާކަން ކަށަވަރުކުރުމަށްފަހުގައެވެ.

 

42 ވަނަ މާއްދާ - ބާތިލު ވޯޓާއި ސައްހަ ވޯޓު

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.

  1. އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް.
  2. އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހާފައިނުވާ ވޯޓު.
  3. އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.
  4. ވޯޓު ދީފައިވަނީ ކާކަށްކަން ކަށަވަރު ނުވާ ވޯޓު.
  5. ޤާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
  6. ރަނގަޅު ފާހަގަ ޖަހާފައިނުވާ ވޯޓު.

(ށ) ސައްހަ ވޯޓު ކަމުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފާހަގަޖަހާފައިވާ ވޯޓުތަކަށެވެ.

  1. އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.
  2. އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއް ކަމުގައި ދެނެގަނެވޭނެ ވޯޓު.
  3. ވޯޓުކަރުދާހުގައި ލިޔެފައި ނުވަތަ ކުރެހުން ކުރަހާފައި ހުރި ނަމަވެސް، އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.
  4. ފާހަގަ ޖެހުމުގެ ތަފާތު މިސްރާބަށް ޖަހާފައިވާ ނުވަތަ ފާހަގަ ޖެހުމުގައި ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރި ނަމަވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައިގެ ވައްތަރެއް ކަމުގައި ދެނެގަނެވޭ ވޯޓު.
  5. ފާހަގަޖެހުމަށް ހާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެއް ކެންޑިޑޭޓުގެ ނަމާ ދިމާގައި ނުވަތަ އެއް ކެންޑިޑޭޓުގެ ނިށާނުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.

(ނ) ބާތިލު ވޯޓެއްކަމަށް، ކަނޑައެޅުމުގައި ވޯޓުގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ.

 

43 ވަނަ މާއްދާ – ވަގުތީ ނަތީޖާ އިއުލާނުކުރުން

(ހ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިޢުލާނުކުރުމަށްފަހު އެ ނަތީޖާ މާލޭގައި ހުންނަ ވޯޓާބެހޭ މައިމަރުކަޒަށް ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ވަގުތީ ނަތީޖާ އިޢުލާނުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަތީޖާ އިޢުލާނުކުރާނީ، ވޯޓުލާ މަރުކަޒުތަކުން ފޮނުވާ ނަތީޖާތަކަކީ އެ މަރުކަޒެއްގައި އިޢުލާނުކުރެވުނު ނަތީޖާތޯ ކަށަވަރު ކުރުމަށް ފަހުގައެވެ.

 

44 ވަނަ މާއްދާ – ރަސްމީ ނަތީޖާ އިއުލާނުކުރުން

ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިޢުލާނުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަން ފޮނުވަންވާނެއެވެ.

 

45 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޮޑިޓަރުގެ ރިޕޯޓު

(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ 2 ގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓު އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިޢުކުރުމާއެކު، އެ ރިޕޯޓުތައް އާންމުކޮށް ބެލޭނޭ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަން ވާނެއެވެ.

(ށ) ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން ކަނޑައަޅާ އޮޑިޓަރު ވާންޖެހޭނީ އޮޑިޓަރ ޖެނެރަލް ހުއްދަދީފައިވާ ފަރާތަކަށެވެ.

 

46 ވަނަ މާއްދާ – ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު

ރިޔާސީ އިންތިހާބަށް ކުރިމަތިލީ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ އެ އިންތިހާބު ބޭއްވުނުތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ޤާނޫނު ނަންބަރު 12/2008 ރިޔާސީ އިންތިހާބުގެ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމުގެ ހުރިހާ ކަމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަން ވާނެއެވެ.

 

47 ވަނަ މާއްދާސެކިއުރިޓީ އުރަތައް ކެނޑުން

(ހ) ވޯޓުލީ މީހުންގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް އަންނަނިވި ހާލަތްތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައި އަލުން ގުނިދާނެއެވެ.

  1. ވޯޓުލާ މަރުކަޒަކުން ފޮނުވާފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ ހެދުމުގައި އެއްވެސް މައްސަލައެއް ހުރިކަން އިލެކްށަންސް ކޮމިށަނަށް ފާހަގަވުން.
  2. އެއްވެސް ފަރާތަކުން ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާ ބެހޭގޮތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން އެ ކަމަކީ ތަހުޤީޤުކުރަން ޖެހޭވަރުގެ ހެކި ހުރި ށަކުވާއެއް ކަމުގައި އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ ތަހުޤީޤެއްގެ ބޭނުމަށް.
  3. ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމަށް ށަރުޢީ ކޯޓަކުން އިލެކްށަންސް ކޮމިށަނުގެ މައްޗަށް އަމުރެއް ނެރުން.
  4. ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެންނަ މިނޫންވެސް އެހެނިހެން ހާލަތެއް މެދުވެރިވުން.

 

48 ވަނަ މާއްދާ – ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކެނޑުމުގައި އަމަލުކުރާނެ ގޮތް

(ހ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑަންވާނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި އިލެކްށަންސް ކޮމިށަނުން ޢައްޔަންކުރާ ބައެކެވެ. މި ގޮތުން ޢައްޔަންކުރެވޭ މީހުން، އެއްވެސް ކެންޑިޑޭޓެއްގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތުގައި، އިންތިހާބާބެހޭ ގޮތުން ލިބޭ އެއްވެސް މަޢުލޫމާތެއް އިލެކްށަންސް ކޮމިށަން ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް ށަރުޢީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން މިއިން އިސްތިސްނާ ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް އެ އުރަ ކެނޑުމުގެ 3 (ތިނެއް) ގަޑިއިރު ކުރިން އީމެއިލް ނުވަތަ އެސްއެމްއެސް ނުވަތަ ސިޓީއަކުން ނުވަތަ ފެކްސް މެސެޖަކުން، ސެކިއުރިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވާ ވަގުތާއި ތަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ އެކަމަށް ހާއްސަކުރެވިފައިވާ ތަނަކަށް، ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނުމުގެ ހުއްދަ ދޭންވާނެއެވެ.

(ރ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި ވޯޓުކަރުދާސް އަލުން ގުނުމުގެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ލިޔެ އަންނަނިވި ހުރިހާ މަޢުލޫމާތެއް ހިމަނައި، އެ މަސައްކަތާ ހަވާލުވެހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ސޮއިކުރުމަށްފަހު އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

  1. ވޯޓުލާ މަރުކަޒުގެ ނަންބަރު.
  2. ސެކިއުރިޓީ އުރަ ކެނޑި ތާރީހާއި ވަގުތު.
  3. ސެކިއުރިޓީ އުރައިގައި ހުރި ވޯޓުކަރުދާސްތައް ގުނަން ފެށި ގަޑިއާއި ނިންމި ގަޑި.
  4. ސެކިއުރިޓީ އުރަ އަލުން ބަންދުކުރެވުނު ގަޑި.
  5. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތްކުރުމަށް ޢައްޔަންކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، އެމީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
  6. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތް ބެލުމަށް އެއްވެސް ކެންޑިޑޭޓެއް، ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު ހާޒިރުވިނަމަ، އެ މީހެއްގެ ނަމާއި، އެޑްރެހާއި، އެ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
  7. ސެކިއުރިޓީ އުރައިގައި ހުރި ސައްހަ ވޯޓުކަރުދާހުގެ އަދަދު.
  8. ބާތިލު ވޯޓުކަރުދާހުގެ އަދަދު.
  9. ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުގެ އަދަދު.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓު ހޯދުމަށް، އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު، ނުވަތަ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީއަކުން އެދިއްޖެނަމަ އެ ރިޕޯޓުގެ ކޮޕީއެއް އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް ދޫކުރަންވާނެއެވެ.

(ޅ) ސެކިއުރިޓީ އުރަ ކަނޑައި އަލުން ގުނުމުގެ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ ކަހަލަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ އެއްވެސް ލިޔުމެއް ނުވަތަ އެއްޗެއްގައި އެ މަސައްކަތާ ހަވާލުވެގެން ތިބި މީހުން ފިޔަވައި އެހެން ފަރާތަކުން އަތްލައިގެން ނުވާނެއެވެ.

 

49 ވަނަ މާއްދާސެކިއުރިޓީ އުރަ އަލުން ބަންދުކުރުން

ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމުގެ ބޭނުން ފުރިހަމަކުރުމަށްފަހު، ވޯޓުކަރުދާސް ބަންދުކުރުމަށް ހާއްސަކުރެވިފައިވާ ސެކިއުރިޓީ އުރައިގައި އަލުން ބަންދުކުރަންވާނެއެވެ.

 

50 ވަނަ މާއްދާ – ރިޔާސީ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

(ހ) އިލެކްށަންސް ކޮމިށަނުގެ އިދާރާގެ ވަގުތީ އަދި ދާއިމީ މުވައްޒަފުންނާއި ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ޢައްޔަންކޮށްފައިވާ ކޮމިޓީތަކާއި އަދި ބިއުރޯތަކުގެ މެންބަރުންނާއި، ފޯކަލް ޕޮއިންޓުންނާއި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ކޮމިށަނުން ކަނޑައަޅާ އޮފިށަލުންނާއި، އަދި ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތް ހަވާލުކުރެވޭ އެހެނިހެން ފަރާތްތައް، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިރީގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވާން ވާނެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި، ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު)  އާއި، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި، އިންތިހާބު ހިންގުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.
  2. ވޯޓުދޭ މީހުންނާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ސިޔާސީ ޕާޓީތަކަށް، ޤާނޫނުގެ ދަށުން ލިބިފައިވާ ހައްޤަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުން.
  3. ރިޔާސީ އިންތިހާބުގައި އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރުން.
  4. އިންތިހާބުގެ މަސައްކަތުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ތަބާނުވުން.
  5. ރިޔާސީ އިންތިހާބުގެ މަސައްކަތުގައި ވަކި ކެންޑިޑޭޓަކަށް، ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކަށް، ނުވަތަ ތާއީދުނުކުރާ ފަރާތަކަށް ބުރަނުވުން.
  6. މަސައްކަތް ހަވާލުވާ ވަގުތުން ފެށިގެން އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވަކިފަރާތަކަށް ނުޖެހި ތިބޭ ބައެއްކަމުގައި ވުން.
  7. އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށް އެކަމަށް ބާރު އެޅުން.

 

51 ވަނަ މާއްދާ – އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެއްދުން

(ހ) ރިޔާސީ އިންތިހާބާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް އިންތިހާބަށް ކުރިމަތިލުމަށް އިޢުލާނުކުރުމާއެކު 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޤައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެއެވެ. އަދި މާލެ ފިޔަވައި ކޮންމެ ސިޓީއެއްގަ އާއި ކޮންމެ އަތޮޅެއްގައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އިންތިހާބު ބޭއްވުމުގެ 10 (ދިހައެއް) ދުވަސް ކުރިން އުފައްދަންވާނެއެވެ. ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމާ އެކުގައި ބިއުރޯތައް ގާއިމުވެފައިވާ ތަންތަނާއި، ގުޅޭނެ ފޯނު، ފެކްސް ނަންބަރާއި އީމެއިލް އެޑްރެސް އަދި ހުޅުވިފައި ހުންނާނެ ގަޑިތައް އާންމުކޮށް އިޢުލާނުކުރަން ވާނެއެވެ.

(ށ) ޤައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ހިމެނޭ 5 (ފަހެއް) މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުންނަކީ ށަރުޢީ/ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ނުވަތަ އެދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންކަމުގައި ވާންވާނެއެވެ. ށަރުޢީ/ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުން ބޭނުންވާ އަދަދަށް ނުލިބިއްޖެ ނަމަ އެނޫން މީހުން ހިމަނައިގެން ބިއުރޯ އެކުލަވާލުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ހިމެނޭ ތިން މެންބަރުން ޢައްޔަންކުރާނީ އިލެކްށަންސް ކޮމިށަނުގެ ލަފާގެ މަތިން އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީންނެވެ. އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ހިމެނޭ ތިން މެންބަރުންގެ ތެރެއިން އެއް މެންބަރަކީ ށަރުޢީ/ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންވާނެއެވެ. ށަރުޢީ/ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުން ބޭނުންވާ އަދަދަށް ނުލިބިއްޖެ ނަމަ އެނޫން މީހުން ހިމަނައިގެން ބިއުރޯ އެކުލަވާލުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން އިންތިހާބާބެހޭ ގޮތުން އަތޮޅުތަކުން ނުވަތަ ސިޓީތަކުން ހުށަހަޅާ މައްސަލަތައް ބަލައިގަނެ ފިޔަވަޅު އެޅެންހުރި ކަންކަމުގައި ފިޔަވަޅު އަޅާނީ އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީންނެވެ. އަދި އިލެކްށަންސް ކޮމިށަނަށް ފޮނުވަންޖެހޭ ފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް އިލެކްށަންސް ކޮމިށަނަށް ފޮނުވާނީވެސް އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީންނެވެ.

 

52 ވަނަ މާއްދާ – ރަށު ފޯކަލް ޕޮއިންޓުން ށަކުވާ ބަލައިގަތުން

(ހ) ރަށު ފޯކަލް ޕޮއިންޓަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ ދުވަހުން ދުވަހަށް އެ މައްސަލައަކާ މެދު ފިޔަވަޅު އަޅަންވާނެއެވެ. އަދި ފޯކަލް ޕޮއިންޓަށް އެ މައްސަލަ ހައްލު ނުކުރެވިއްޖެ ހިނދެއްގައި އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެދިފައިވާނަމަ އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ ލަފާ ހޯދިދާނެއެވެ. އޭގެ ކުރިން ނަމަ އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީގެ ލަފާ ހޯދިދާނެއެވެ.

(ށ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން އަތޮޅު/ ސީޓީ އިލެކްށަންސް ކޮމިޓީއަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ އެމައްސަލައަކާމެދު ޢަމަލުކުރާނީ ޤައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އަންގާ ގޮތެއްގެމަތިންނެވެ. އަދި އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެދުމަށްފަހު އެ ބިއުރޯއިން އަންގާ ގޮތެއްގެ މަތިންނެވެ.

(ނ) މާލެ ސިޓީގައި ނަމަ އިންތިހާބާބެހޭ މައްސަލަ ހުށަހަޅާނީ ސީދާ ޤައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ އިލެކްށަންސް ކޮމިށަނުގެ އިދާރާއަށެވެ.

 

53 ވަނަ މާއްދާ – ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މުއްދަތު

(ހ) ޤައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ އެ ބިއުރޯ އުފައްދާ ދުވަހުން ފެށިގެން އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ޤައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ ދެވަނަ ބުރު ނިމި ރަސްމީ ނަތީޖާ އިޢުލާނުކުރުމަށްފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.

(ށ) އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މަސައްކަތް ހިނގާނީ ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނަ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން ފެށިގެން އިންތިހާބު ނިމި އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް ދެމިއޮންނާނީ ދެވަނަ ބުރު ނިމި ރަސްމީ ނަތީޖާ އިޢުލާނުކުރުމަށްފަހު 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ނ) އިންތިހާބު ބޭއްވުމަށްފަހު ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ނުނިމި އޮތްނަމަ އެ ނުނިމި އޮތް މަސައްކަތެއް ނިންމުމަށްޓަކައި އެ ބިއުރޯއެއްގެ މުއްދަތު އިލެކްށަންސް ކޮމިށަނަށް އިތުރުކުރެވިދާނެއެވެ.

 

54 ވަނަ މާއްދާ – ވޯޓުފޮށީގެ ވެރިޔާ އަދި ކޮމްޕްލެއިންޓްސް އޮފިސަރު

(ހ) ރިޔާސީ އިންތިހާބުގައި ވޯޓުނަގާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ބަލައި ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ ވޯޓުނަގާ ކޮންމެ މަރުކަޒެއްގައި ހުންނަ ވޯޓުފޮށީގެ ވެރިޔާއެވެ.

(ށ) ވޯޓުނަގާ މަރުކަޒަށް ހުށަހެޅޭ މައްސަލަތައް ބަލައި ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނީ ކޮމްޕްލެއިންޓްސް އޮފިސަރެވެ. އޭނާއަށް ނުނިންމޭ ނުވަތަ ހައްލުނުކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދާނީ ރަށު ފޯކަލް ޕޮއިންޓު ނުވަތަ އިލެކްށަންސް ކޮމިށަނުގެ އިދާރާއިންނެވެ.

(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ ވެރިޔާ ނުވަތަ ކޮމްޕްލެއިންޓްސް އޮފިސަރު ނިންމާ ނިންމުންތަކާ ހިތްހަމަނުޖެހޭނަމަ ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ. މާލޭގައި ނަމަ ށަކުވާ ހުށަހަޅާނީ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.

 

55 ވަނަ މާއްދާ – ށަކުވާ ހުށަހެޅުން

(ހ) ރިޔާސީ އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ ރަށު ފޯކަލް ޕޮއިންޓުންނަށާއި އަތޮޅު/ ސިޓީ އިލެކްށަންސް ކޮމިޓީތަކަށާއި އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި ޤައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި އިލެކްށަންސް ކޮމިށަނަށެވެ. މިގޮތުން އާންމު ގޮތެއްގައި ރަށުން ހުށަހަޅާ ށަކުވާތައް ހުށަހަޅާނީ އެ ރަށެއްގައި ގާއިމުކޮށްފައިވާ ރަށު ފޯކަލް ޕޮއިންޓަށެވެ. އަތޮޅެއްގައި ހިމެނޭ ރިޒޯޓުތަކާ ސިނާއީ މަސައްކަތްކުރާ ރަށްރަށުން އެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މާލެއާއި ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާފައި ހުންނަ ޤައުމުތަކުން ށަކުވާ ހުށަހަޅާނީ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.

(ށ) ކޮމްޕްލެއިންޓްސް ބިއުރޯތައް ގާއިމުކުރުމުގެ ކުރިން މައްސަލަތައް ހުށަހަޅާނީ ރަށު ފޯކަލް ޕޮއިންޓަށާއި އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށެވެ. މާލޭގައި ނަމަ އިލެކްށަންސް ކޮމިށަނުގެ އިދާރާއަށެވެ.

(ނ) ރަށު ފޯކަލް ޕޮއިންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ހުށަހަޅާނީ އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ އުފެދިފައިވާނަމަ އެ ބިއުރޯއަށެވެ. ބިއުރޯ އުފެއްދުމުގެ ކުރިން ނަމަ އިލެކްށަންސް ކޮމިށަނަށެވެ. އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކާއި އަތޮޅު/ ސިޓީ އިލެކްށަންސް ކޮމިޓީތަކާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާ ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ.

(ރ) ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) އާއި މި ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާނަމަ، އެ ށަކުވާއެއްގެ ތަފުސީލު، ހެއްކާ ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ރަށު ފޯކަލް ޕޮއިންޓަށާއި، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތައް ވެސް ބެލެވޭނީ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާގެ ގޮތުގައެވެ. ށަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 12 (ބާރަ) ގައިވާ ފޯމުންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމްޢިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާނަމަ، އެފަރާތެއްގެ ތައްގަ ނޑާއި މަސްއޫލުވެރި ފަރާތެއްގެ ސޮއި ށަކުވާ ހުށަހަޅާ ފޯމުގައި އޮންނަންވާނެއެވެ.

(ބ) މިމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހުށަހަޅާ މައްސަލައަކާމެދު ޢަމަލުކުރެވުނު ގޮތް މައްސަލަ ހުށަހެޅި ފަރާތަށް ހުށަހެޅި ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސަންވާނެއެވެ.

 

56 ވަނަ މާއްދާ – ށަކުވާތަކާއި މައްސަލަތައް ބެލުން

ރިޔާސީ އިންތިހާބާ ގުޅިގެން ރަށު ފޯކަލް ޕޮއިންޓަށާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުން/ވޯޓުފޮށީގެ ވެރިންނާއި އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކާއި، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތައް ބަލައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ށަކުވާތަކަށް ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.

 

57 ވަނަ މާއްދާ – ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން

(ހ) ރިޔާސީ އިންތިހާބާ ގުޅިގެން ރަށު ފޯކަލް ޕޮއިންޓަށާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުންނާއި އަތޮޅު/ ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކާއި، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ށަކުވާތައް ދަފުތަރުކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި މިހާރުގެ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
  2. ށަކުވާ ރައްދުވާފަރާތުގެ މަޢުލޫމާތު. (ނަން، އެޑްރެސް، އެނގޭނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު)
  3. ހުށަހެޅުނު ށަކުވާގެ ބާވަތް. (ށަކުވާގެ ކުރު ހުލާސާއަކާއެކު)
  4. ހުށަހެޅުނު ށަކުވާއާ ގުޅިގެން ޢަމަލުކުރެވުނުގޮތް ނުވަތަ ނިންމިގޮތް.

(ށ) ރަށު ފޯކަލް ޕޮއިންޓަށާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީއަށާއި، ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެޅެން ހުރި ފިޔަވަޅެއް އަޅައި ކޮންމެ ދުވަހަކު ވެސް، އެ ދުވަހެއްގެ ކޮމްޕްލެއިންޓްސް ރިޕޯޓު، އަންގާފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.

(ނ) ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތަކާބެހޭ ގޮތުން މި މާއްދާގެ (ހ) ގައި ބުނެފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

58 ވަނަ މާއްދާ – އިންތިހާބާބެހޭ ރިޕޯޓު ތައްޔާރުކުރުން

ރިޔާސީ އިންތިހާބާބެހޭ ރިޕޯޓެއް، އިންތިހާބު ބާއްވާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.

 

59 ވަނަ މާއްދާ – ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން

އިންތިހާބުތަކާބެހޭ އާންމު ޤާނޫނާއި، ރިޔާސީ އިންތިހާބުގެ ޤާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

60 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ގެޒެޓުކުރާ ތާރީހުން ފެށިގެންނެވެ. އަދި މިގަވާއިދު ގެޒެޓުކުރާ ތާރީހުން ފެށިގެން ]ރިޔާސީ އިންތިހާބުގެ ގަވާއިދު 2008 ]މިނަމުގައި 13  ސެޕްޓެމްބަރު 2008 ގައި އިލެކްށަންސް ކޮމިށަނުން ށާއިޢުކޮށް ނެރެފައިވާ ގަވާއިދު ބާތިލުވީއެވެ.

 

61 ވަނަ މާއްދާ – މާނަކުރުން

"އިންތިހާބު" ކަމުގައި ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބަށެވެ.

"ލަފާދޭ ކޮމިޓީ" ކަމުގައި ބުނެފައިއެވަނީ، ރިޔާސީ އިންތިހާބާބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ދިނުމަށާއި މަށްވަރާކުރުމަށް މިގަވާއިދުގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އުފައްދާފައިވާ ކޮމިޓީއަށެވެ.

"ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައިއެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓުގުނުމުގެ ކަންތައްތައް ހިންގާނީ ވެސް މި މަޒުކަޒުގައެވެ.

"ވޯޓިންގ ބޫތު" ކަމުގައި ބުނެފައިއެވަނީ ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ހުންނަން ކަނޑައަޅައިފައިވާ ކޮށިގަޑަށެވެ.

"އޮބްޒާވަރުން" ކަމުގައި ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު)  އާއި މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

"މޮނިޓަރުން" ކަމުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު)  އާއި މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ރިޔާސީ އިންތިހާބުގެ ވޯޓުނަގާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓުގުނާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ.

"ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމުގައި ބުނެފައިއެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.

"ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައިއެވަނީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާއި، ވޯޓުގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް ކޮމިށަނުން ޢައްޔަންކޮށްފައި ތިބޭ މީހުންނަށެވެ.

"އާއިލީ މެންބަރު" ކަމުގައި ބުނެފައިއެވަނީ، މަންމައެއް، ބައްޕައެއް، ދަރިއެއް، އަނތްބެއް، ފިރިއެއް، އެއްބަ ނޑު ނުވަތަ އެއްބަފާ ކޮންމެ މީހަކަށެވެ.

"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައިއެވަނީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، އަދި ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ފޮޓޯޖެހި ލިޔުންތަކަށެވެ.

"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައިއެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.

"ފޯކަލް ޕޮއިންޓު" ކަމުގައި ބުނެފައިއެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާއި މިނޫންވެސް އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައް އެ ރަށެއްގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަށެވެ.

"އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީ" ކަމުގައި ބުނެފައިއެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާ، މިނޫންވެސް އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައް އެ އަތޮޅު/ ސިޓީގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަށެވެ.

"ކޮމްޕްލެއިންޓްސް ބިއުރޯ" ކަމުގައި ބުނެފައިއެވަނީ، އިންތިހާބާބެހޭގޮތުން ށަކުވާ ބަލައިގަތުމަށް ގާއިމުކޮށްފައިވާ ޔުނިޓްތަކަށެވެ.

މި ގަވާއިދުގައި ބުނެފައިވާ އިންތިހާބާބެހޭ ކަންކަމުގައި ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތައް ނުވަތަ އިބާރާތްތަކުގެ ޖަމްޢު މާނައިގައި އަދި ޖަމްޢުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

62 ވަނަ މާއްދާ – މާއްދާތަކާއި ޖަދުވަލުތަކުގެ އަދަދު

މިގަވާއިދުގައި ހިމެނެނީ 62 މާއްދާއާއި 12 ޖަދުވަލެވެ.


 

 

ޖަދުވަލު 1

ރިޔާސީ އިންތިހާބު 2013 އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީން ތަބާވާންޖެހޭ މިންގަނޑުތަކާއި އުސޫލުތައް

 

  1. އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މެންބަރުން މަސައްކަތްކުރަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިންތިހާބުތަކާ ބެހޭ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ރިޔާސީ އިންތިހާބު ހިންގުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  2. ކޮމިޓީގެ މެންބަރުން ޢަމަލުކުރަންވާނީ ވޯޓުދޭ މީހުންނަށާއި، ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށާއި، އޮބްޒާވަރުންނަށާއި، މޮނިޓަރުން އަދި ސިޔާސީ ޕާޓީތަކަށް، ޤާނޫނުގެ ދަށުން ލިބިފައިވާ ހައްޤަކަށް އުނިކަމެއް ނާންނާނެ ގޮތަށެވެ.
  3. އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މެންބަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ލިބޭނެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
  4. އިލެކްށަންސް ކޮމިށަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުމާއެކު، ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ރިޔާސަތަށް ފުރިހަމައަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުވައިދޭން ވާނެއެވެ.
  5. އެއްވެސް ފަރާތެއްގެ އަސާސީ ހައްޤަކަށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތިން އިންސާފުވެރިކަމާއެކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ގެންދިއުމަށް ބާރުއަޅަން ވާނެއެވެ.
  6. އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމިއްލަ ފައިދާއަށް މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.
  7. އިންތިހާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ޤައުމީ މަސްލަހަތު ހިފެހެއްޓުމަށް އިލެކްށަންސް ކޮމިށަނަށް އެއްބާރުލުންދޭން ވާނެއެވެ.


  ---------------------

 

ޖަދުވަލު 2

ރިޔާސީ އިންތިހާބު 2013 ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މެންބަރުންނާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީތަކުގެ މެންބަރުންނާއި، ރަށު ފޯކަލް ޕޮއިންޓުންނާއި، ވޯޓުނަގާ މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިށަލުންނާއި، މުވައްޒަފުންގެ އިޤްރާރު

 

(ނަން، މަޤާމާ އެކު)
 
 


 އަޅުގަނޑު،......................................................................................... ގޮތުން، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތް ޤާނޫނާއި ގަވާއިދާ އެއްގޮތަށް، ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ކަމަށްކަމޭހިތުމާއެކު، އިލެކްށަންސް ކޮމިށަނުގެ އެންގުންތަކަށް ފުރިހަމައަށް ކިޔަމަންތެރިވުމަށާއި، ދައުލަތުގެ މުދަލާއި ތަކެއްޗަށް ރައްކާތެރިވުމަށާއި، ހަވާލުކުރެވޭ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށާއި، އިލެކްށަންސް ކޮމިށަނުގެ ސިއްރު ހިފެހެއްޓުމަށާއި، ރިޔާސީ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވަމެވެ. އަދި އަޅުގަ ނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ނުކުރުމުގެ ގޮތުން ވިޔަސް ޢަމަލީގޮތުން މަސައްކަތްކުރާ މީހެއް ނޫން ކަމަށާއި އަޅުގަ ނޑާ އެއްވެސް ކެންޑިޑޭޓަކާ ޢާއިލީ )މަންމައެއް، ބައްޕައެއް، ދަރިއެއް، އަނތްބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް (ގުޅުމެއް އޮތް މީހެއް ނޫންކަމަށް އެއްބަސްވެ މި އިޤްރާރުގައި އަޅުގަ ނޑު ސޮއި މި ކުރަނީ އަޅުގަ ނޑާ ހަވާލުކުރެވޭ ޒިންމާއާއި މަސްއޫލިއްޔަތު ރަނގަޅަށް އެނގިހުރެއެވެ.

 

އައިޑީ ކާޑު ނަންބަރު:
ނަން:
އެޑްރެސް:
މަޤާމު/ހައިސިއްޔަތު:
ތާރީހު:
ސޮއި:
 


  ---------------------

 

 


 

ޖަދުވަލު 3

ރިޔާސީ އިންތިހާބު 2013 ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ށަކުވާ ހުށަހަޅާ ފޯމު 

ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.


  
  ---------------------

 

 

 

ޖަދުވަލު 4

ރިޔާސީ އިންތިހާބު 2013 ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.

  
  ---------------------

 

 

 

 

ޖަދުވަލު 5

ރިޔާސީ އިންތިހާބު 2013 ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.


  ---------------------
 

 

 

 

ޖަދުވަލު 6

ރިޔާސީ އިންތިހާބު 2013 ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފޯމު ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.

 
  ---------------------
 

 


 

ޖަދުވަލު 7

ރިޔާސީ އިންތިހާބު 2013 އޮބްޒާވަރު / މޮނިޓަރު / ކެންޑިޑޭޓުންގެ މަންދޫބު / ކެންޑިޑޭޓުގެ އިޤްރާރު

 

އަޅުގަނޑު،  ........................................................................................ ރިޔާސީ އިންތިހާބުގެ އޮބްޒާވަރެއް / މޮނިޓަރެއް / ކެންޑިޑޭޓުގެ މަންދޫބެއް / ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެ އުޅުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 11/2008 (އިންތިހާބާބެހޭ އާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު 12/2008 )ރިޔާސީ އިންތިހާބުގެ ޤާނޫނު) އާއި ރިޔާސީ އިންތިހާބުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށާއި، އިލެކްށަންސް ކޮމިށަނުން މިކަމަށްޓަކައި ކަނޑައަޅައިފައިވާ ސުލޫކީ މިންގަޑަށް ހުރުމަތްތެރިކޮށް ހިތުމަށް އެއްބަސްވެ އިޤްރާރުވަމެވެ.

ސޮއި:
އައިޑީ ކާޑު ނަންބަރު:
ތާރީހު:
 

* މި އިގްރާރުގެ އިގިރޭސި ބަހުން ވެވޭ އިގްރާރު ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.

 

 
  ---------------------

 


 

ޖަދުވަލު 8

ރިޔާސީ އިންތިހާބު 2013 އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމު ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.

  
 
  ---------------------

 

 

 

ޖަދުވަލު 9

 މި ފޯމުގެ އިގިރޭސި ބަހުން ވާ ބައި، ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.

 
  ---------------------

 

 

 

ޖަދުވަލު 11

ރިޔާސީ އިންތިހާބު 2013 ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ސުލޫކީ މިންގަނޑު

 

  1. ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ޤާނޫނު)  ގެ 44 ވަނަ މާއްދާގައި، ވޯޓުނަގާ ދުވަހު ކުރުން މަނާ ކަމަށް ބުނެފައިވާ އެއްވެސް ކަމެއް ނުކުރުން.
  2. ވޯޓުލާ މަރުކަޒުގެ ތެރޭގައި ހަރަކާތްތެރިވާއިރު އިލެކްށަންސް ކޮމިށަނުން ދޫކޮށްފައިވާ ފާސް ފެންނަ ގޮތަށް ބެހެއްޓުން.
  3. ވޯޓުނެގުމުގެ އިންތިޒާމާ ބެހޭގޮތުން ކަމެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް ނުވަތަ އެ ތަނަކަށް އިލެކްށަންސް ކޮމިށަނުން އައްޔަން ކޮށްފައިވާ އެންމެ އިސްވެރިޔަކާ ވާހަކަ ދައްކައިގެން އެ ކަމެއް ސާފުކުރުން.
  4. ވޯޓުލާ ސަރަހައްދެއްގައި ވޯޓުދޭން އަންނަ މީހުންނަށް ދަތިވާނޭ ފަދަ އެއްވެސް ކަމެއްނުކުރުން.
  5. އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ވޯޓުނެގުމުގެ ކަންތައްތައް ބަލަހައްޓަން ފޮނުވާފައިވާ މީހުންގެ މަސައްކަތަށް، ނުވަތަ ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ ކަހަލަ އެއްވެސް ކަމެއްނުކުރުން.
  6. އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، ވޯޓިންގ ބޫތުގެ ތެރެއަށް ވަނުމަށާއި، ވޯޓުކަރުދާހުގައި ފާހަގަޖަހާތަން ބެލުމަށް މަސައްކަތްނުކުރުން.
  7. އިންތިހާބު މޮނިޓަރުކުރުމަށް ހުއްދަދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަހައްދުގައި އޮފިށަލުންގެ މަސައްކަތަށް ދަތިނުވާގޮތަށް ޢަމަލުތައް ބެހެއްޓުން.
  8. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ނުވަތަ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރުން.
  9. ވޯޓުލާ ސަރަހައްދުގައި، ވޯޓުލާން އަންނަ މީހުންނާއި ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ މީހުންނާ އިންޓަވިޔު ނުކުރުން.
  10. ވޯޓުނެގުމުގެ މަސައްކަތުގައި ބޭނުންކުރާ ލިޔެކިޔުމުގައި އަދި ވޯޓުކަރުދާހުގައި އަތްލާނުހެދުން.
  11. ކެންޑިޑޭޓަކަށް ތާއީދު އޮތްކަން ނުވަތަ ތާއީދު ނުކުރާކަން ހާމަވާފަދަ އެއްޗެއް ލައިގެން ނުވަތަ ހިފައިގެން ނޫޅުން.
  12. އިންތިހާބުގައި ހަރަކާތްތެރިވާ އޮފިށަލުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތްނުކުރުން.
  13. އިންތިހާބުގެ ވަކި ކަމެއް ވަކި ގޮތަކަށް ގެންދިޔުމަށް އެއްވެސް ފަރާތަކަށް އިރުށާދު ނުދިނުން.
  14. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ދެއްކުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައާޅާފައިވާ އޮފިށަލަކު އެދިއްޖެނަމަ އެފަދަ ލިޔުމެއް ދެއްކުން.
  15. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިށަލުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅޭފަދަ އަމަލެއް ނުކުރުން.
  16. މުވާސަލާތީ ގޮތުން ބޭނުންކުރެވޭ އެއްވެސް އެއްޗެއް ވޯޓުލާ ސަރަހައްދުގައި ބޭނުން ނުކުރުން.
  17. އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އެއްވެސް ހާލެއްގައި ފޮޓޯ ނަގައި، މަންޒަރާއި އަޑު ރެކޯޑް ނުކުރުން. (މޮނިޓަރުކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށް މިކަން ހުއްދަ ވާނެއެވެ).
  18. އިންތިހާބު މޮނިޓަރުކުރުމަށް ހުއްދަދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަހައްދުގައި ފޮޓޯނަގާއިރު ނުވަތަ މަންޒަރާއި އަޑު ރެކޯޑުކޮށް ބްރޯޑްކާސްޓްކުރާއިރު، ވޯޓުލާ ބޫތާ ދިހަ ފޫޓަށްވުރެ ކައިރި ނުވުން.

 

ބަޔާންވެދިޔަ ސުލޫކީ މިންގަނޑާ ހިލާފުވާ ފަރާތެއްގެ ފާސް ބާތިލުކޮށް އެ ފަރާތަކަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހުތިޔާރު ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ.

 

 
  ---------------------

 

 

ޖަދުވަލު 12

ރިޔާސީ އިންތިހާބު 2013 ރިޔާސީ އިންތިހާބާބެހޭ ށަކުވާ ހުށަހަޅާ ފޯމު  ގެޒެޓް ކުރެވިފައި ވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ވާނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 12/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު