-

އިސްލާމިކް ސެކިއުރިޓީޒް ސްކްރީންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 55/2013)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ދިވެހިރާއްޖޭގައި ލިސްޓުކޮށްފައިވާ ކުންފުނިތަކާއި، އަލަށް ލިސްޓުކުރަން އެދޭ (ޕްރި-އައި-ޕީއޯ) ކުންފުނިތަކުގެ ސެކިއުރިޓީޒް އިސްލާމިކް ސެކިއުރިޓީޒްކަމަށް ފެތޭތޯ ބެލުމަށްޓަކައި ސްކްރީންކުރާނެ ގޮތުގެ ހަމަތައް ބަޔާންކޮށް، ކެޕިޓަލް މާރކެޓް ށަރީއާ އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން އެކުލަވާލައިފައިވާ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ނެރޭ ގަވާއިދެކެވެ. މި ގަވާއިދަށް ކިޔާނީ "އިސްލާމިކް ސެކިއުރިޓީޒް ސްކްރީންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދަކީ އިސްލާމިކް ސެކިއުރިޓީޒް ސްކްރީންކުރުމުގައި އޮތޯރިޓީއިން ބަލާނެ މިންގަނޑުތަކެއް ކަޑައަޅައި، އެމިންގަނޑުތައް ހާމަކުރުމެވެ.

 

3 ވަނަ މާއްދާ – ލަފުޒުތަކާއި އިބާރާތްތަކުގެ މާނަތައް

މި ގަވާއިދުގައި އެހެން ގޮތަކަށް މާނަކުރެވިފައި ނުވާހައި ހިނދަކު މިގަވާއިދުގެ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިމިވާ ގޮތަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެއުރިޓީޒްއާބެހޭ ގާނޫނު) ގެދަށުން ގާއިމުކޮށްފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

"ސްކްރީންކުރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ހިއްސާ، މި ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށެވެ.

"ޑިސްކޮލިފައި ކުރެވިފައިވާ ކުންފުނި" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ މިންގަނޑުތަކަށްފެތޭ ކުންފުންޏެއްގެ ގޮތުގައި ގިންތިކުރުމަށްފަހު، ކުންފުނީގެ ވިޔަފާރިއާއި ހިސާބުތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، އެއީ މި ގަވާއިދުގެ މިންގަނޑުތަކަށް ނުފެތޭ ކުންފުންޏެއްކަމުގައި އޮތޯރިޓީ އިން ކަނޑައަޅާފައިވާ ކުންފުންޏަކަށެވެ.

 

4 ވަނަ މާއްދާ – ސްކްރީންކުރުމުގެ މިންގަނޑުތައް

(ހ) އިސްލާމިކް ސެކިއުރިޓީޒް ކަޑައެޅުމަށް ސްކްރީންކުރުމުގެ އޮތޯރިޓީން ބަލާނީ ތިރީގައިވާ މިންގަނޑުތަކަށެވެ. މި މިންގަނޑުތައް އެކުލަވާލާފައިވަނީ ކެޕިޓަލް މާރކެޓް ށަރީއާ އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން، އިންޓަނޭށަނަލް ބެސްޓްޕެރެކްޓިސް އަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. ކުންފުނިން ކުރާ ވިޔަފާރީގެ މައިގަނޑު ނުވަތަ ބޮޑު ބައެއް ކަމުގައި ތިރީގައިވާ އެއްވެސް ކަމެއް ނުވުން؛
    (ހ) ރިބާ (އިންޓަރެސްޓް) އެކުލެވޭ މާލީ ހިދުމަތްތައް؛
    (ށ) ޖުވާ؛
    (ނ) ހަލާލު ނޫން ތަކެއްޗާއި އެއާ ގުޅުންހުރި ތަކެތި އުފެއްދުމާއި ވިއްކުން؛ އަދި
    (ރ) މީގެ އިތުރުން އިސްލާމީ އުސޫލުތަކާ ހިލާފު ކަންތައް ކަމުގައި ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ކަންތައްތައް.
    (ށ) ކުންފުނިން ކުރާ ވިޔަފާރީގެ މައިގަނޑު ނުވަތަ ބޮޑު ބަޔަކީ މިމާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއްކަމުގައި ނުވިނަމަވެސްކުންފުނީން ކުރާ މުއާމަލާތްތަކުގެ ތެރޭގައި އެބާވަތުގެ ކަމެއް އެއްވެސް މިންވަރަކަށް ހިމެނޭކަމަށްވާނަމަ، އެ ކުންފުންޏެއް އިތުރަށް ސްކްރީންކުރާނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

5  ވަނަ މާއްދާ

(ހ) ކުންފުނިން ކުރާ ވިޔަފާރީގެ މައިގަނޑު ނުވަތަ ބޮޑު ބައެއްގެ ތެރޭގައި ހިމެނިގެންނުވާނެ ކަމަށް 4 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާކަމެއް، ކުންފުނީގެ މުއާމަލާތްތަކުގައި އެއްވެސް މިންވަރަކަށް ހިމެނޭނަމަ އެކުންފުންޏެއް ތިރީގައިމިވާ މިންގަނޑުތަކަށް ފެތެންވާނެއެވެ.

  1. އެކަމަކުން ލިބޭ އާމްދަނީ (ސޭލްސް) ކުންފުނީގެ ޖުމުލަ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވުން.
  2. ކުންފުނީގެ އިންޓަރެސްޓް ދައްކަންޖެހޭ ދަރަނި ކުންފުނީގެ އެސެޓްސްގެ (ޓެންޖިބަލް އެސެޓްސްގެ) %33 (ތެއްތިރީސް އިންސައްތަ) އަށްވުރެ އިތުރުނުވުން.

    ދަރަނީގެ ނިސްބަތް ހިސާބުކުރާނީ ތިރީގައިވާ ފޯމިއުލާ އިންނެވެ.

    އިންޓަރެސްޓް ދައްކަންޖެހޭ ޖުމުލަ ދަރަނި
    ______________      *100
    ޖުމުލަ ޓެންޖިބަލް އެސެޓްސް              

  3. ކުންފުނީގެ އިންޓަރެސްޓް ލިބޭ ރިސީވަބަލް ރޭށިއޯ 33% (ތެއްތިރީސް އިންސައްތަ) އަށްވުރެން އިތުރު ނުވުން.

    ރިސީވަބަލް ރޭށިއޯ ހިސާބުކުރާނީ ތިރީގައިވާ ފޯމިއިލާ އިންނެވެ.
    އިންޓަރެސްޓް ލިބޭ އެކައުންޓް ރިސީވަބަލް+ އިންޓަރެސްޓް

    ލިބެ ސެކިއުރިޓީ
    ________________ *100
    ޖުމުލަ އެސެޓްސް 

 

(ށ) މި މާއްދާގެ (ހ) ގައިވާ ހަމަތަކަށް ކުންފުންނެއް ފެތުނު ނަމަވެސް އެ ކުންފުންޏަކީ މި ގަވާއިދުގެ މިންގަނޑުތަކަށް ފެތޭ ކުންފުންޏެއްކަމުގައި ކަނޑައެޅޭނީ، މި ގަވާއިދަށް ނުފެތޭ މުއާމަލާތްތަކުން ލިބޭ އާމްދަނީ އާންމު މަސްލަހަތު ހުރި ކަންކަމަށްޓަކައި ހޭދަކުރުމަށް އެކުންފުނިން އިގުރާރުވާނަމައެވެ. މިގޮތުން މިކުންފުނިން އާންމު މަސްލަހަތަށްޓަކައި ހޭދަކުރާނެ ގޮތުގެ އެކަށީގެންވާ ޕްލޭނެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މިޕްލޭނަކީ އޮތޯރިޓީއަށް ގަބޫލުކުރެވޭފަދަ ޕްލޭނަކަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ – ހުށަހަޅަންޖެހޭ ލިޔެކިޔުން

މިގަވާއިދުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްޓަކައި އަލަށް ކުންފުންޏަކުން ހުށަހަޅާނަމަ، ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.

  1. އަހަރީ ރިޕޯޓް ( އެންމެ ފަހުގެ އޯޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހިމެނޭގޮތަށް)
  2. ށަރީއާއޮޑިޓް ރިޕޯޓެއް ހަދަފައިވާނަމަ އެރިޕޯޓެއް ( މިގަވާއިދުގެ އުސޫލުތަކާ ކޮމްޕްލައިކުރާ މިންވަރު ގެ ތަފްސީލް ހާމަކޮށްދޭ ރިޕޯޓެއް)
  3. ހާލަތަށް ރިއާޔަތްކޮށް މައުލޫމާތު އިތުރަށް ހޯދުމަށް ނުވަތަ ކްރޮސް ވެރިފައި ކުރުމުގެ ބޭނުމަށްޓަކައި އޮތޯރިޓީން ހުށަހެޅުމަށް އަންގާ އެހެނިހެން ލިޔެކިޔުންތައް

 

7 ވަނަ މާއްދާ – މޮނިޓަރ ކުރުން

(ހ) މި ގަވާއިދުގެ މިންގަނޑުތަކަށް ފެތޭކަމަށް ކަނޑައަޅާފައިވާ ކުންފުނިތައް އިތުރަށް ސްކްރީންކުރުން، ކޮންމެ އަހަރަކު ދެފަހަރު ކުރިއަށް ގެންދެވޭނެއެވެ. އަދި ސްކްރީންކުރުމުގެ ނަތީޖާއަށް ބަލާއިރު މި ގަވާއިދުގެ މިންގަނޑުތަކަށް ނުފެތޭނަމަ އެ ކުންފުންޏެއް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި މިގޮތަށް ޑިސްކޮލިފައި ކުރެވޭ ސަބަބުތައް ލިޔުމަކުން   އެކުންފުންޏަށް އެންގޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ކަންކަމަށްޓަކައި އަންނަނިވި ލިޔެކިޔުންތައް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. މިއޮތޯރިޓީގެ ސެކިއުރިޓީޒް އާ ބެހޭ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އާ ބެހޭ ގަވާއިދުގެ ދަށުން ލިސްޓުކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް ކޮންމެ ތިން މަހުން އެއް މަހު ނެރެންޖެހޭ ކުއާރޓަލީ ރިޕޯޓް
  2. ހާލަތަށް ރިއާޔަތްކޮށް މައުލޫމާތު އިތުރަށް ހޯދުމަށް ނުވަތަ ކްރޮސް ވެރިފައި ކުރުމުގެ ބޭނުމަށްޓަކައި އޮތޯރިޓީން ހުށަހެޅުމަށް އަންގާ އެހެނިހެން ލިޔެކިޔުންތައް

 

8 ވަނަ މާއްދާ -  މިންގަނޑުތަކަށް ނުފެތޭ ކަންކަމުން ލިބޭ އާމްދަނީގެ އެކައުންޓް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނުފެތޭ އާމްދަނީގެ އެކައުނޓްތައް ކުންފުނިން ބަލަހައްޓަންވާނެއެވެ. މި އާމްދަނީ ބޭނުންކުރެވެންޖެހޭނީ ކުންފުނިތަކުގެ ވިޔަފާރީގެ އިޖުތިމާއީ ޒިންމާ ފުރިހަމަކުރުމަށެވެ. ކުންފުނީގެ އޮޕަރޭށަނަލް ހަރަދު ހިނގާ އެއްވެސް ކަމަކަށް މި އާމްދަނީ ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެކައުންޓުގެ ފުރިހަމަ ރިޕޯޓެއް އަހަރަކު އެއްފަހަރު އޮތީރިޓީއަށް ހުށަހަޅަން ވާނެއެވެ.

 

9 ވަނަ މާއްދާ – ފީ

މި ގާވއިދުގެ ދަށުން ސްކްރީންކުރުމަށް އެދި ހުށަހަޅާ ކުންފުނިތަކުން، އެކަމަށް އެދި ހުށަހަޅާއިރު، ޖަދުވަލުގައި އޮތޯރިޓީއިން ކަނޑައަޅާ ފީ އެއް ދައްކަންވާނެއެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

މި ގަވާއިދުގައިވާ ގޮތުގެ މަތިން ސްކްރީންކުރުމަށް ހުށަހަޅާ ކުންފުނިތައް އޮތޯރިޓީން ސްކްރީންކުރުމަށްފަހު، ނިންމާގޮތް އާންމުކޮށް ހާމަކުރަންވާނެއެވެ.

 

11 ވަނަ މާއްދާ -  ގަވާއިދުގެ ނަތީޖާ

މި ގަވާއިދު ވުޖޫދަށް އަންނަ ތާރީހުންފެށިގެން، މި އޮތޯރިޓީއިން ނެރެފައިވާ " ށަރީއާ ހުއްދަކުރާ ސެކިއުރިޓީޒް ދޫކުރަން އެދޭ ކުންފުނިތައް ޕްރީ-އައި.ޕީ.އޯ ސްޓޭޖްގައި ސްކްރީންކުރުމަށް ބަލާ މިންގަނޑުތައް" ބާތިލުވާނެއެވެ.

 

12 ވަނަ މާއްދާ -  އަމަލުކުރުން

މިގަވާއިދަށް އަމަލުކުރަންފަށާނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

        

---------------      

          

ޖަދުވަލު

(9 ވަނަ މާއްދާއާއި ހަވާލާދީ)

ފީ

 

އަލަށް ލިސްޓު ކުރަން އެދޭ ކުންފުނިތައް

35,000 (ތިރީސްފަސް ހާސް) ރުފިޔާ އަދި، ދޫކުރާ ސެކިއުރިޓީޒްގެ ޖުމްލަ އަގުގެ 0.05 އިންސައްތަރުފިޔާ. މިގޮތުން ފީ ނެގޭނެ އެންމެ މަތީ ޖުމްލަ އަދަދަކީ 50,000 (ފަންސާސް ހާސް) ރުފިޔާ އެވެ.

  

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު