-

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 558/2013) 

 

1 ވަނަ މައްދާ – ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރ 5/2008 (ފުލުހުންގެ ގާނޫނު) 66 ވަނަ މާއްދާގެ މަގްސަދައްޓަކައި، ފުލުހުންގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ)ގެ 3 އާއި، 17 ވަނަ މާއްދާގެ (ށ) އިން ބާރު ލިބިގެން؛ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގައި އަމަލު ކުރާނެ މައިގަނޑު އުސޫލުތަށް ބަޔާންވެގެންވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުން؛ އަބުރުވެރިކަމާއެކު ދިރިއުޅެވޭނެގޮތް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފުރުސަތު ލިބޭ މިންވަރަކުން ހަމަޖައްސައި ދިނުމުގައި ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު އަމަލުކުރާނެ މައިގަނޑު އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް

މިގަވާއިދު ހިންގާ ތަންފީޒު ކުރާނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ. މި މާއްދާ މިހެން އޮތް ކަމުގައި ވީނަމަވެސް، ބޯހިޔާވަހިކަން ލިބޭ ފަރާތުން އަމަލު ކުރުމަށް، ބޯހިޔާވަހިކަން ފޯރުވައިދިނުމުގައި މެދުވެރިވާ ފަރާތްތައް ކަނޑައަޅާފައިވާ ކަންކަން ހިންގާ ވިލަރެސް ކުރުމުގައި އެ ފަރާތުން އަދާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެއްބަސްވެފައިވާ ކަންކަން އެ ފަރާތަށް ހިންގޭނެއެވެ.

 

4 ވަނަ މާއްދާ – މާނަ

މި ގަވާއިދު ގެ މަގްސަދަށްޓަކައި އަންނަނިވި ލަފުޒު ނުވަތަ އިބާރާތްތަކުގެ މަނާ ތިރީގައި އެވަނީއެވެ.

(ހ) "ބޯހިޔާވަހިކަން" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފުން އައިލާއާއެކު ދިރިއުޅުމަށްޓަކައި މޯލްޑިވަސް ޕޮލިސް ސަރވިސް މެދުވެރިވެގެން ހޯދައިދޭ އެއްމެދު އިމާރާތެއްގެ ފްލެޓް ނުވަތަ ރޯހައުސް އަށެވެ.

(ށ) "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ސްޕެށަލް ކޮންޓެބިއުލަރީގެ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދީފައިވާ ފަރާތްތައް ފިޔަވައި، މޯލްޑިވަސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ފުލުހުންނާއި ދާއިމީ ސިވިލް މުވައްޒަފުންނަށެވެ.

(ނ) "ޒަވާޖީ ހަޔާތެއް ފަށާފައިވުން" ކަމުގައި ބުނެފައި އެވަނީ ކައިވެނި ކޮށްފައިވުމަށެވެ. އަދި ކައިވެންޏެއްކޮށް، އެކައިވެނި ރޫޅިފައިވީ ނަމަވެސް ބެލެވޭނީ ޒަވާޖީ ހަޔާތެއް ފަށާފައިވާ ކަމުގައެވެ.

(ރ) "އެއްމެދު އިމާރާތް" ކަމުގައި ބުނެފައި އެވަނީ، އެއްބިސީއަށްވުރެ ގިނަ ބިސީއަށް ވަކިން ދިރިއުޅެވޭގޮތަށް ވަކި ފުލެޓްތަކަކަށް ހަދައި، އެކަކަށްވުރެ ގިނަ މީހުންނަށް މިލްކުކުރެވޭ އިމާރާތަށެވެ.

 

5 ވަނަ މާއްދާބޯހިޔާވަހިކަން ލިބޭނެ މުވައްޒަފުން ހޮވުން

(ހ) މިލްކުވާގޮތަށް ބޯހިޔާވަހިކަން ލިބޭނެ މުވައްޒަފުން ހޮވަންވާނީ، ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އޮތްކަން މުވައްޒަފުންނަށް އެންގުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތެރޭގައި އާންމުކޮށް އިއުލާން ކުރުމުން، ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންނަށެވެ.

(ށ) ޕޮއިންޓް ގޮތުން އެއްވަރުވާ މުވައްޒަފުންގެ މެދުގައި ބޯހިޔާވަހިކަން ލިބޭ މުވައްޒަފުން ކަނޑައަޅާނީ ޕޮއިންޓްގެގޮތުން އެއްވަރުވާ މުވައްޒަފުންގެ މެދުގައި ގުރުއަތުލައިގެންނެވެ.

 

6 ވަނަ މާއްދާ – ބޯހިޔާވެހިކަމަށް ހުށަހަޅުން

(ހ) ބޯހިޔާވަހިކަމަށް އެދި ހުށަހަޅަންވާނީ އެ ފުރުސަތު އޮތްކަން ބަޔާންކޮށް މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑިޕާރޓްމަންޓުން އިއުލާން ކުރުމުންނެވެ. ބޯހިޔާވަހިކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ހުށަހަޅަންވާނީ އަކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑިޕާރޓްމަންޓަށެވެ. ފޯމާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުން ކޮޕީ ހުށަހަޅަން ވާނެއެވެ.

  1. ބޯހިޔާވަހިކަމަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު؛
  2. ޒަވާޖީ ހަޔާތެއް ފަށައި ކައިވެންޔެއްގެމަތީ ދެމިހުރިނަމަ؛ ކައިވެނީގެ ސެޓްފިކެޓް؛ ކައިވެނި ރޫޅިފައިވާނަމަ ވަރީގެ ސެޓްފިކެޓް؛
  3. ދަރިން ތިބިނަމަ ދަރިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކަޑޫ ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ އުފަން ތަރީހު އެނގޭނެ ރަސްމީ ލިޔުމެއް؛
  4. ށަރީއަތުން ކުއްޖެއްގެ ހަސާނަތު ނުވަތަ ބެލެނިވެރިކަން ހަވާލުކޮށްފައިވާ ފަރާތެއްނަމަ ށަރީެަތް ނިމުނުގޮތުގެ ލިޔުން
  5. ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފަރާތް ރަޖިސްޓަރީ ވެފައިވާ ގޭގެ ރަޖިސްޓަރީ؛
  6. ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފަރާތުގެ މަންމަ؛ ބައްޕަ، އަންބި އަދި ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ވެފައިވާ ގޮވައްޗެއް ނުވަތަ ގެއެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފްލެޓެއް ވާނަމަ އެތަނެއްގެ ރަޖިސްޓްރީ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ލިޔުންތަކުގެ އަސްލު، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑިޕަރޓްމަންޓުން ބަލަން ބޭނުންވެއްޖެ ހާލަތެއްގައި އެ ލިޔުންތަކުގެ އަސްލު ހުށަހަޅަން ވާނެއެވެ.

 

7 ވަނަ މާއްދާ – ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ވަކި މުއްދަތެއްގެ ތެރޭގައި މިލްކުވާ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިދިނުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް ތިރީގައި ބަޔަންވެގެން މިވަނީއެވެ.

  1. ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވުން ނުވަތަ ދާއިމީ ސިވިލް މުވައްޒަފެއްކަމުގައި ވުން؛
  2. ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮތްކަން އިއުލާނު ކުރާދުވަހާ ހަމައައް ޕޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި މަދުވެގެން 7 (ހަތެއ) އަހަރު ހިދުމަތް ކޮށްފައިވުން
  3. ބޯހިޔާވަހިކަމަށް އެދޭ ފަރާތަށް މާލޭއިން ނުވަތަ ހުޅުމާލެއިން ނުވަތަ ވިލިނގިލީ އަވަށުން ނުވަތަ ގުޅީފަޅުން؛ 600 އަކަފޫޓު ނުވަތަ އެއްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނެތުން

(ށ) މި މާއްދާގެ (ހ) ގެ 3 ގައި ވާފަދަ ތަނެއް ލިބިފައި ވާނަމަ، މިގަވާއިދުގެ ދަށުން ބޯހިޔާވަހިކަމަށް ދޫކުރާތަން ލިބިދެވޭނީ، ކުރިން ލިބިފައިވާތަން ދޫކޮށްލުމުންނެވެ.

 

8 ވަނަ މާއްދާ – ދިރިއުޅުމަށް ކުރިން ދޫކޮށްފައިވާ ތަން އަނބުރާނެގުން

މުވައްޒަފުންގެ އައިލާއާއެކު ދިރިއުޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަނެއް ދޫކޮށްފައިވާނަމަ؛ މިލްކުވާގޮތަށް ބޯހިޔާވަހިކަމަށް ދޫކުރާ ތަން ލިބުމުން މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑިޕަރޓަމަންޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކުރިން ދޫކޮށްފައިވާތަން ދޫކޮށްލަންވާނެ އެވެ.

 

9 ވަނަ މާއްދާ – މިލްކުކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މިލްކުވާގޮތަށް ބޯހިޔާވަހިކަމަށް ދޫކުރެވޭ ތަނަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރި ކަމުގައިވި ނަމަވެސް، އެތަނެއް ރަޖިސްޓްރީކޮށްދެވޭނީ އެމުވައްޒަފަކު ޕޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކު ޖުމްލަ 20 އަހަރު ހިދުމަތް ކޮށްދިނުމުންނެވެ.

(ށ) ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ތަނަށް އަގުގެގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ ވަޒީފާއިން ރިޓަޔަރކޮށްފިނަމަ، އެފަރާތަކަށް ތަން މިލްކުކޮށްދެވޭނީ ތަނަށް ދައްކަންޖެހޭ ފައިސާ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކައި ހަލާސް ކުރުމުންނެވެ.

(ނ) މިގަވާއިދުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެކު ޖުމުލަ 20 އަހަރު ގުނުމުގައި ސަރުކާރުގެ އެހެން ވަޒީފާތަކުގައި ހޭދަކޮށްފައިވާމުއްދަތު ހިމަނަންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި 10 އަހަރުވުމުންނެވެ.

 

10 ވަނަ މާއްދާ – ޕޮއިންޓް ދެވޭނެ އުސޫލު

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބޯހިޔާވަހިކަން ދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި ބަޔާން ކުރެވިފައި ވާގޮތަށެވެ.

(ހ) ޒަވާޖީ ހަޔާތެއް ފަށާފައިވާ ކޮންމެ މުވައްޒަފަކަށް 10 ޕޮއިންޓްލިބޭނެއެވެ.

(ށ) ބޯހިޔާވަހިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ދަރިޔަކު ހުރިނަމަ ނުވަތަ ށަރުއީ ކޯޓަކުން ބެލެނިވެރިކަން ހަވާލުކޮށްފައިވާ ކުއްޖަކު ހުރިނަމަ 10 ޕޮއިންޓް ލިބޭނެއެވެ. އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1 ޕޮއިންޓް ލިބެނެއެވެ.

(ނ) ފާއިތުވި 5 އަހަރު ތެރޭގައި އެމުވައްޒަފުގެ މައްޗައް ހުށަހެޅިފައިވާ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށުގެ މައްސަލައަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މުވައްޒަފެއްގެ މައްޗައް އަދަބެއް ކަނޑައަޅާފައިވާ ނެތްނަމަ 10 ޕޮއިންޓް ލިބޭނެއެވެ.

(ރ) ފާއިތުވި 5 އަހަރުގެ ތެރޭގައި އެމުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހެއް އޮތް ނަމަ 5 ޕޮއިންޓް އިނިކުރެވޭނެއެވެ. އަދި ހާޒިރުނުވާ ދުވަސް އެއްދުވަހަށްވުރެ އިތުރުނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް އިތުރު 1 ޕޮއިންޓް އުނިކުރެވޭނެއެވެ.

(ބ) ހިދުމަތުގައި ދެމި ހުރި ކޮންމެ އަހަރަކަށް 1 ޕޮއިންޓްގެ މަގުން ޕޮއިންޓް ލިބޭނެއެވެ. ހިދުމަތުގައި ދެމިހުރި މުއްދަތުކަމުގައި ބަލާނީ، އެ މުވައްޒަފަކު މެދުނުކެނޑި ސަރުކާރުގެ ވަޒީފާގައި ދެމިހުރި މުއްދަތަށެވެ.

(ޅ) ބޯހިޔާވަހިކަމަށް އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ މާލެއިން ނުވަތަ ވިލިނގިލީ އަވަށުން ނުވަތަ ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ބަހާލުމުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފަރާތަށް 60 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ނުލިބޭނަމަ 10 ޕޮއިންޓް ދޭންވާނެއެވެ. ނަމަވެސް، ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތަށް 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ލިބޭނަމަ މިބަޔަށް އެއްވެސް ޕޮއިންޓެއް ނުލިބެނެއެވެ.

(ކ) ބޯހިޔާވަހިކަމަށް އެދޭ ފަރާތުން އަނބި މީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލޭގައި ނުވަތަ ހުޅުމާލޭގައި ނުވަތަ ވިލިނގިލީ އަވަށުގައި ނުވަތަ ގުޅިފަޅުގައި ފްލެޓެއް ނުވަތަ ރޯހައުސް އެއް ނުވަތަ 600 އަކަފޫޓޫ ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ލިބިފައި ނެތް ނަމަ 10 ޕޮއިންޓް ލިބޭނެއެވެ.

 

11 ވަނަ މާއްދާ – އެއްބަސްވުން

(ހ) ބޯހިޔާވަހިކަން ދިނުމުގައި ބަލަން ކަނޑައަޅާފައިވާ މިންގަނޑުން އެންމެ ގިނަ ޕޮއިންޓް ލިބުމުގެ ސަބަބަން، ފޮލެޓް ދޫކުރާ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ ފަރާތްތަކަށް، ބޯހިޔާވަހި ކަމަށް ދޫކުރެވޭ ތަން ހަވާލުކުރަންވާނީ އެކަމަށްޓަކައި ވެވޭ އެއްބަސްވުމެއްގައި ފްލެޓް ލިބޭފަރާތާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއިއެކު ސޮއިކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ އެއްބަސް ވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެ އެވެ.

  1. އެއްބަސްވުމުގެ ބައިވެރިން
  2. ވިއްކުމަށް ކަނށައަޅާ ފްލެޓްގެ ތަފުސީލު
  3. ފްލެޓްގެ އަގު އަދާކުރާނެ ގޮތް އަދި އަގު އަދާ ނުކުރެވިއްޖެނަމަ އަމަލުކުރާނެ ގޮތް
  4. ގަންނަ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިވުމުން އަމަލުކުރާނެ ގޮތް
  5. އެއްބަސްވުމާ ހިލާފުވުމުން އަމަލުކުރާނެގޮތް
  6. އެއްބަސްވުމާ ހިލާފުވުމުން އަމަލުކުރާނެގޮތް
  7. އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ފްލެޓް ވަކިވުމުން އަމަލުކުރަންވީ ގޮތް

 

12 ވަނަ މާއްދާ – އަނބި އަދި ފިރިމީހާއަށް ބޯހިޔާވަހިކަން ލިބިދިނުން

މި ގަވާއިދުގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ކަނޑައެޅިފައިވާ ށަރުތުތައް އަނބިމީހާ އާއި ފިރިމީހާއާ ދެމީހުނަށް ހަމަވެގެން ބޯހިޔާވަހިކަން ހަވާލުކުރަންޖެހިއްޖެ ހަލަތުގައި ބޯހިޔާވަހިކަން ދެވޭނީ އެތަނުން ކޮންމެވެސް އެކަކަށެވެ. އަދި އެފަދަ ހާލަތުގައި ބޯހިޔާވަހިކަމަށް ދޫކުރެވޭ ތަން ރަޖިސްޓަރީ ކޮށްދެވޭނީ ދެމީހުންގެ އެއްމެދު މުދަލެއްގެ ގޮތުގައެވެ. ނުވަތަ އެދެމީހުންކުރެ އެދެމީހުން އެއްބަސްވާ މީހަކަށެވެ.

 

13 ވަނަ މާއްދާ – އެއްބަސްވުމަށް އިހްތިރާމް ކުރުން

(ހ) ބޯހިޔާވަހިކަން ލިބޭ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމަށް އިހުތިރާމްކޮށް އެއްބަސްވެވިފައިވާ އެންމެހައި ކަންކަމަށް ފުރިހަމައަށް ތަބާވެ އަމަލުކުރަން ވާނެއެވެ.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތަށް ހިދުމަތް ނުކޮށް، ވަޒީފާ ދޫކުރާ ނުވަތަ ވަކިކުރާ ފަރާތްތަކުގެ އަތުން އަނބުރާ ފްލެޓް ނެގޭނެއެވެ. އަދި އެ މުއްދަތުގައި ބޯހިޔާވަހިކަމަށް ދޫކުރެވިފައިވާ ތަނަށް ދައްކާފައިވާ ފައިސާ ބެލެވޭނީ އެއީ ފްލެޓްގެ ކުލި ކަމުގައިއެވެ.

(ނ) ފުލެޓަށް އދި ހުށަހަޅާ ފަރާތުން ހުށަހަޅާ މުއުލީމާތަކީ ސައްހަ ނޫން މައުލޫމާތުކަން ކަށަވަރުވެއްޖެނަމަ؛ ފްލެޓް އަނބުރާ އަތުލެވޭނެއެވެ. އަދި އެހާތަނަށް ފްލެޓަށް ދައްކާފައިވާ ފައިސާއަކީ ފްލެޓްގެ ކުލި ކަމަށް ބެލެވޭނެއެވެ.

 

14 ވަނަ މާއްދާ – ފްލެޓް ލިބޭފަރާތް ހިދުމަތްކުރަންޖެހޭ މުއްދަތުގެ ތެރޭގައި ނިޔާވެއްޖެނަމަ އަމަލުކުރެވޭނެ ގޮތް

ބޯހިޔާވަހިކަމަށް ދޫކުރާތަނެއް ލިބިފައިވާ މުވައްޒަފަކު ށަހީދުވެއްޖެނަމަ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިހުއްޓާ އެއްވެސް ސަބަބަކާހުރެ ނިޔާވެއްޖެނަމަ، ގަވާއިދުން ދައްކަނޖެހޭ ފައިސާ ދައްކައި އަދި އެތަން މިލްކު ކުރެވޭނީ އޭނާގެ ދަރިންނަށެވެ. ނުވަތަ އޭނާގެ ދަރިޔަކު ދުނިޔޭގައި ނެތްނަމަ، އެތަން މިލްކު ކުރެވޭނޭ ފަރާތެއް ކަނޑައަޅާނީ ށަރީއަތުންނެވެ.

 

15 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރުން

(ހ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށްގެން ހޯދައިދީފައިވާ ބޯހިޔަވަހިކަން ހަވާލިކޮށްފައިވާ ފަރާތްތަކަށް މި ގަވާއިދު ފާސްވާ ފަހުން ދިމާވާ ކަންކަމުގައި އަމަލުކުރާނީ މިގަވާއިދުގައިވާ ގޮތުގެ މަތިން ނެވެ.

(ށ) މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު