-

ދިވެހިބަހަށް އިސްކަން ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 43/2016)

 

ފުރަތަމަ ބާބު

އާއްމު މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 11 ވަނަ މާއްދާއިން ދިވެހި ބަހަކީ ގައުމީ ބަސްކަމަށްއެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާތީ، ގައުމީ ބަސް ހިމާޔަތްކޮށް، ރައްކާތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި، މުއްސަނދިކޮށް، އަންނަންއޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށްޓަކައި، ހަދައިފައިވާ ގާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު) ހިންގައި، ތަންފީޒު ކުރުމަށާއި އެ ގާނޫނުގައި ބަޔާންވެގެންވާ އާންމު މާއްދާތައް ތަފުސީލުކޮށް، ގާނޫނުގެ މަގުސަދު ހާސިލު ކުރެވޭނޭ ގަވާއިދެއް އެކަށައެޅުމަށްޓަކައި، އެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިބަހަށް އިސްކަންދިނުމުގެ ގަވާއިދު" އެވެ.

(ނ) މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދުގެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ރ) މި ގަވާއިދު ހިންގާނީ ދިވެހިބަހުގެ އެކެޑަމީންނެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ މަގްސަދަކީ:

(ހ) ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ އެއް އަސްލަކީ ދިވެހި ބަސްކަމުގައި ވާތީއާއި، ދިވެހީންގެ މާދަރީ ބަހަކީ ދިވެހިބަސްކަމުގައިވާތީ، ދިވެހިރާއްޖޭގެ ރަސްމީ ބަސް، ދިވެހިންގެ މެދުގައި ކުރެވޭ އެންމެހައި މުއާމަލާތުތަކުގައި ބޭނުންކުރުން އިސްކުރުން.

(ށ) ދިވެހިބަސް ތަރައްގީކޮށް ކުރިއަރުވައި، ބަސްހީނަރުވުމަށް ދިމާވާ ކަންތައްތަކުން ބަސް ހިމާޔަތްކުރުން.

(ނ) ދިވެހިބަހަކީ، އާންމު މުއާމަލާތްތަކުގައި ބޭނުންކުރާ، ބަހެއްގެ ގޮތުގައި ދެމެހެއްޓުން.

(ރ) ދިވެހިބަހަށް، ދިވެހީން ދޭ ސަމާލުކަން އިތުރުކުރުމަށާއި، ދިވެހިބަސް ތަރައްގީ ކުރުމަށް ބޭނުންވާ ހަރަކާތްތައް ރާވައި، ކުރިއަރުވައި، ތަންފީޒްކުރުން.

 

3 ވަނަ މާއްދާ - މާނަކުރުން

(ހ) "ލިޔުން" ނުވަތަ "ލިޔުންތައް" ކަމަށް ބުނެފައި އެވަނީ، ރަސްމީގޮތުން ނުވަތަ ރަސްމީ ބޭނުމަށްޓަކައި ލިޔާ މެމޯއާއި، ނޯޓުތަކާއި، ނޯޓުސިޓީއާއި، ސިޓީއާއި، މެސެޖާއި، ފެކުހާއި، އާންމު ސިޓީއާއި، އެންގުންތަކާއި، ދެންނެވުންތަކާއި، ސަރކިޔުލަރުތަކާއި، ރިޕޯޓާއި، އިއުލާނާއި، ގަރާރާއި، އެއްބަސްވުންތަކާއި، ބީލަމާބެހޭ ލިޔުންތަކާއި، އޮފީހުގެ ޔައުމިއްޔާތަކާއި، ޖަލްސާތަކުގެ ޔައުމިއްޔާއާއި، ދައުވަތުކާޑާއި، ޕްރޮގްރާމާއި، އެޖެންޑާއާއި، ށިއާރާއި، ބެނާއާއި، ލޯގޯއާއި، އަމާޒާއި، ތަސައްވުރާއި، އިސްތިހާރު ފޮތިގަނޑުތަކާއި، އިސްތިހާރު ބޯޑު ފަދަ އެންމެހައިތަކެތި ހިމެނޭގޮތުންނެވެ.

(ށ) "އެކެޑަމީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 9/2011 "ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ދިވެހިބަހުގެ އެކަޑަމީ" އަށެވެ.

(ނ) "ދިވެހި ދައުލަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ތަންތަން ހިމެނޭގޮތުންނެވެ.

(ރ) "މަދަރުސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ނިޒާމީ އާންމު ތައުލީމުދޭ އިސްކޫލުތަކާއި، މަދަރުސާތަކާއި، މަރުކަޒުތަކަށެވެ.

(ބ) "މީހުން ދިރިއުޅޭ ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ރަށްވެހިވެ، ނުވަތަ ވަޒަންވެރިވެ، ރަޖިސްޓަރީވެގެން މީހުން ދިރިއުޅޭ ރަށްރަށަށެވެ.

 

4 ވަނަ މާއްދާ - އެކެޑަމީގެ ބާރު

ދައުލަތުގެ އެންމެހައި މުއާމަލާތުތަކެއްގައި ދިވެހިބަހާބެހޭ ގޮތުން އެކެޑަމީން ދޭ ލަފަޔާއި މި ގަވާއިދަށް ދައުލަތުގެ ހުރިހައި ފަރާތްތަކުންވެސް އިހްތިރާމް ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - އަމާޒާއި ތަސައްވުރާއި މަގްސަދުތަކާއި ލަނޑުދަނޑިތައް

ދައުލަތުގެ އިދާރާތަކުގެ، އަމާޒާއި ތަސައްވުރާއި މަގުސަދުތަކާއި ލަނޑުދަނޑިތައް އާންމުންނަށް ފެންނާނޭހެން ބަހައްޓައިފައި ހުންނަ ނަމަ ހުންނަން ވާނީ ދިވެހިބަހަށް އިސްކަންދީގެން ތާނަ އަކުރުން ލިޔެފައެވެ. އަދި ބިދޭސީ ބަހަކުން ލިޔާނަމަ ލިޔަންވާނީ ދިވެހިބަހުން ލިޔެފައިވާ ލިޔުމަށްވުރެ އަކުރު ނިސްބަތުން ބޮޑުނުވާނޭހެން ދިވެހިބަހުން ލިޔެފައިވާ ލިޔުމުގެ ތިރީގައި ނުވަތަ ވާތްފަރާތުގައެވެ.

 

6 ވަނަ މާއްދާ - މައުރަޒުތަކާއި، މިއުޒިކު ށޯތަކާއި، ސަގާފީ ކުޅިވަރު ށޯތަކާއި އީދު ފާހަގަކުރުންތައް ހުށަހަޅައިދިނުން

ދައުލަތުގެ މުއައްސަސާއަކުން ދިވެހިންނަށް އަމާޒުކޮށްގެން ބާއްވާ މައުރަޒުތަކާއި ފަންނީ މަސައްކަތްތައް ދައްކައިދޭ މަސައްކަތު ބައްދަލުވުންތަކާއި ކާނިވާތަކާއި މިޔުޒިކުށޯ ތަކާއި އީދުފާހަގަކުރުންފަދަ ކަންކަން ކުރިއަށް ގެންދާއިރު އެކަންކަމާ ގުޅޭ ސަގާފީކުޅިވަރު ށޯ އެންމެހައި މައުލޫމާތު ހުށަހެޅުމުގައި އިސްކަންދޭންވާނީ ދިވެހިބަހަށެވެ.

  

ދެވަނަ ބާބު

ކުށްކަނޑައެޅުމާއި ފިޔަވަޅު އެޅުން

7 ވަނަ މާއްދާ - ކުށް ކަނޑައެޅުން

(ހ) މި ގަވާއިދުގައި މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަކީ އެ ކަމެއް ކޮށްފިނަމަ ކުށެއް ކަމުގައި ބެލެވޭނެ ކަންކަމެވެ.

(ށ) ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާއި، މިގަވާއިދުގެ ދަށުން ބަޔާންވެގެންވާ ކަންކަމާ ހިލާފުވުމުގެ ސަބަބުން ދިވެހިބަހަށް ނޭދެވޭ އަސަރު ކޮށްފާނެކަމަށް ދިވެހިބަހުގެ އެކެޑަމީއަށް ފެނުން.

(ނ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ ދިވެހިބަހުގެ އެކެޑަމީގެ މެންބަރުން ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށް އެކެޑަމީންނެވެ.

 

8 ވަނަ މާއްދާ – މިގަވާއިދާއި ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ހަދައިފައިވާ ގަވާއިދަކަށް ވާތީ، މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، އެ މީހަކު އެ ހިލާފުވި މިންވަރަށް ބަލައި، މި މާއްދާގެ (ނ) ގައިވާ މިންވަރަށް ޖޫރިމަނާކުރުމުގެ ބާރު ދިވެހިބަހުގެ އެކެޑަމީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ކަނޑައަޅައިފައިވާ ފަރާތްތަކުން މި ގަވާއިދާ ހިލާފުވާނަމަ، އެ ހިލާފުވި ކަމެއް އިސްލާހްކުރުމަށް ނޯޓިސްދީ އެންގުންތައް އެންގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި ގަވާއިދުގެ ދަށުން ކުށްވެރިވާ ފަރާތްތަކުގެ އަދަބަކީ، އެކުރި ކުށަށް ބަލައި، 500 (ފަސް ސަތޭކަ) ރުފިޔާއާއި 5000 (ފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

9 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) އެކެޑަމީއަށް ށަކުވާ ހުށަހަޅަންވާނީ، އެ ކަމަށް ހާއްސަކޮށްފައިވާ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމުންނެވެ. މި ލިޔުން ފެކުހާއި އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

(ށ) ށަކުވާ ހުށަޅާއިރު، ށަކުވާއާ ގުޅޭ ލިޔުމެއް، އޯޑިއޯއެއް، ވީޑިއޯއެއް ނުވަތަ ފޮޓޯ ށަކުވާއާ ގުޅޭ ހެތްކެއްގެ ގޮތުގައި ހުށަހަޅަންވާނެއެވެ.

 

ތިންވަނަ ބާބު

ރަސްމީ ލިޔެކިޔުންތަކާއި ، ވާހަކަ ދެއްކުމާއި، ތަގްރީރުކުރުން

10 ވަނަ މާއްދާ - ދައުލަތުގެ ރަސްމީ އޮފީސްތަކުން ފޮނުވާ ލިޔެކިޔުންތައް

(ހ) ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި، ދިވެހިރާއްޖޭގައި ނުވަތަ ބޭރުގެ އެއްވެސް ގައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ފޮނުވާ ރަސްމީ ލިޔެކިއުންތައް ލިޔަން ވާނީ ދިވެހިބަހަށް އިސްކަންދީގެން ދިވެހިބަހުން ތާނަ އަކުރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އިދާރާތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައި އިސްތިސްނާކޮށްފައިވާ ލިޔެކިއުންތައް ފިޔަވައި، އާންމު ރައްޔިތުންނަށް ހިދުމަށް ދޭން ބޭނުންކުރާ ލިޔެކިއުންތަކާއި، އަދި އާންމުން ހިދުމަތް ހޯދުމަށް ބޭނުންކުރާ  ލިޔެކިއުންތައް ލިޔެފައި ހުންނަންވާނީ، ދިވެހިބަހުން ތާނަ އަކުރުންނެވެ.

 

11 ވަނަ މާއްދާ - ލިޔެކިޔުންތަކުގައި ބިދޭސީ ބަސް ބޭނުންކުރެވޭނެ މިންވަރު

(ހ) ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި، އެ އޮފީސްތަކުން އަމިއްލަ ފަރާތްތަކަށް ފޮނުވާ ލިޔެކިއުންތައް އަމާޒުވަނީ ދިވެހި ރައްޔިތަކަށް ނުވަތަ ރައްޔިތުންތަކަށް ކަމުގައި ވާނަމަ، އެ ލިޔުމެއް ލިޔެފައި އޮންނަންވާނީ ދިވެހިބަހަށް އިސްކަންދީގެން ތާނަ އަކުރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ލިޔެކިއުންތަކުގައި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ލިޔުންތައް ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ދައުލަތުގެ އޮފީސްއޮފީހުގައި ބާއްވާ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، ކޮންފަރަންސްތަކާއި، މަސައްކަތު ބައްދަލުވުންތައް

(ހ) އޮފީސްއޮފީހުގައި ބާއްވާ ބައްދަލުވުންތަކުގައި ދިވެހިބަހުން މުއާމަލާތު ކުރެވިދާނެ ކޮންމެ ހާލަތެއްގައި ވާހަކަދައްކަންވާނީ ދިވެހިބަހުންނެވެ.

(ށ) އޮފީސްތަކުން އިންތިޒާމުކޮށްގެން ބާއްވާ ސެމިނާރު، މަސައްކަތު ބައްދަލުވުން، މަހާސިންތާ ފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގައި، އެ ބައްދަލުވުމެއް އަމާޒުވަނީ ދިވެހިންނަށް ކަމަށްވާނަމަ، ނުވަތަ ދިވެހި ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި ނަމަ، އެ ބައްދަލުވުމެއްގެ ބައިވެރިން ވާހަކަދެއްކުމުގައި އިސްކަންދޭންވާނީ ދިވެހި ބަހަށެވެ.

 

13 ވަނަ މާއްދާ - ތަގްރީރްކުރުން

(ހ) ރާއްޖޭގައި ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، އެއްވުންތަކާއި، ޖަލްސާތަކުގައި ތަގުރީރުކުރުމުގައި އިސްކަންދޭންވާނީ ދިވެހިބަހުން ތަގުރީރުކުރުމަށެވެ.

(ށ) ރާއްޖޭން ބޭރުގައި އޮންނަ ބައްދަލުވުންތަކާއި، އެއްވުންތަކާއި، ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން ދައުލަތުގެ އިސްވެރިން ދިވެހިބަސް ނޫން އެހެން ބަހަކުން ދޭ ތަގުރީރުތަކުގެ ތެރެއިން ދިވެހިންގެ އާންމު މަސްލަހަތާ ގުޅޭ ތަގުރީރުތައް، ދިވެހިބަހަށް ތަރުޖަމާކޮށް، ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގައި ރައްކާކުރުމަށްޓަކައި ހަވާލުކުރަންވާނެއެވެ. މިކަން ކުރަންވާނީ އެ ތަގުރީރު ދޭ މީހަކު ނުވަތަ އެ މީހަކު ތަމްސީލުކުރާ މުއައްސަސާއަކުންނެވެ.

 

14 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ބޭރުގެ މުގައްރިރުން ދޭ ތަގުރީރުތައް ދިވެހިބަހަށް ތަރުޖަމާކުރުން

ދިވެހި ދައުލަތުގެ މުއައްސަސާތަކުން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގައި ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ޖަލްސާތަކުގައި، ބިދޭސީ އިލްމުވެރިންނާއި، މާހިރުންނާއި، މުރުށިދުންނާއި، ވާއިލުންނާއި، މުގައްރިރުން، ދިވެހީންނާ މުހާޠަބުކޮށް ދިވެހިބަސް ނޫންބަހަކުން ދޭ ތަގުރީރުތައް، އެ ތަގުރީރުތައް އަޑުއަހަންޖެހޭ މީހުންނަކީ އެ ތަގުރީރެއް ދޭ ބަސް އެނގިފައިތިބުން ލާޒިމުވާ ބަޔަކަށް ނުވާނަމަ، އެ ތަގުރީރު ދޭ ވަގުތު، އެ ތަގުރީރު ދިވެހިބަހަށް ތަރުޖަމާކޮށް އިއްވަންވާނެއެވެ. ނުވަތަ ބޭނުންވާ ފަރާތްތަކަށް ލިޔުމުން ލިބޭނޭ އިންތިޒާމު ނުވަތަ ފެންނާނޭ އިންތިޒާމު، ފަހުން ހަމަޖައްސަން ވާނެއެވެ.

 

ހަތަރުވަނަ ބާބު

ތައުލީމުދޭ މަރުކަޒުތައް 

15 ވަނަ މާއްދާ - ދިވެހިބަސް ކިޔަވައިދިނުން

(ހ) ދިވެހިރާއްޖޭގައި ކިޔަވައިދޭ ކޮންމެ މަދަރުސާއެއްގައިމެ، ދިވެހިބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ކިޔަވައިދޭ އެންމެހައި މަރުކަޒުތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުން ހިންގާ 3 (ތިނެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތުގެ އަމިއްލަ ކޮންމެ ކޯހެއްގައިވެސް "ދިވެހިބަސް" ނުވަތަ ދިވެހި ތާރީހާބެހޭ މަދުވެގެން 1 (އެކެއް) މާއްދާ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދިވެހިބަހުން ކިޔަވައިދޭންވާނެއެވެ. މި ގޮތުން ކިޔަވައިދޭ މާއްދާއަކީ 15 ކްރެޑިޓް ޕޮއިންޓް ހިމެނޭގޮތުން، ކަމާބެހޭ މުވައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ކިޔަވައިދޭ މާއްދާއެއް ކަމުގައި ވާންވާނެއެވެ.

 

16 ވަނަ މާއްދާ - ގޯތިތެރޭގައި ހަރުކުރެވޭ ށިއާރުތަކާއި އެކިއެކި ލިޔުންތައް

(ހ) މަދުރަސާގެ ގޯތިތެރޭގައި  އަދި އިމާރާތު ތެރޭގައި ބަހައްޓާ ތަފާތު ށިއާރުތަކާއި އިލްމީ ލިޔުންތައް ލިޔުމުގައި އިސްކަންދޭންވާނީ ދިވެހިބަހަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޢިލްމީ މަގުސަދަށްޓަކައި، ކަނޑައެޅޭ ވަކި މުއްދަތަކަށް، ނުވަތަ ބަހުގެ އިލްމު ނޫން މާއްދާއެއްގެ ލިޔުންތައް އެ މަދުރަސާއެއްގެ ގޯތިތެރޭގައި އަދި އިމާރާތުގެ ތެރޭގައި ދިވެހިބަސް ނޫން އެހެން ބަހަކުން ލިޔެ ބެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

ހަވަނަ ބާބު

ނަން ކިޔުމާއި، ނަންބޯޑު، ލޯގޯ ހެދުމާއި އިސްތިހާރު

17 ވަނަ މާއްދާ – ނަންކިޔުން

(ހ) ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައި އިސްކަން ދޭންވާނީ ދިވެހިބަހުން ނަންކިޔުމަށެވެ.

(ށ) ދޯނި ފަހަރަށާއި، ގޭގެއަށާއި، އިމާރާތްތަކަށާއި، އެނޫންވެސް އެފަދަ ތަންތަނަށް ނަންކިޔުމުގައި އިސްކަން ދޭންވާނީ ދިވެހިބަހުން ނަންކިއުމަށެވެ.

 

18 ވަނަ މާއްދާ - ނަންބޯޑު ހެދުން

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެއެވެ.

 

 

 ---------------

 

ޖަދުވަލު 1

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި 4 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާ ކުރެވޭ ލިޔުންތައް ތިރީގައި މިވަނީއެވެ. 

  1. އިލްމީ ނުވަތަ ޑޮކްޓަރީ ތަހުލީލުތަކުގެ ރިޕޯޓް
  2. ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީ
  3. ރަސްމީ ލިޔުމަކަށް ނުވާގޮތަށް ކުރެވޭ ނޯޓުކުރުންތައް
  4. ދެލިކޮޕީތައް
  5. ދިވެހިބަހުން ލިޔެފިނަމަ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތައް

 

(މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ށަކުވާ ހުށަހަޅާ ފޯމް" ގަވާއިދުގެ ޕީޑީއެފް ފައިލްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑްކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 9/2011)

 

  

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު