-

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-15) 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ޖަނަވަރީ 2014 ގައި)

 

1 ވަނަ މާއްދާ- ތައާރުފާއި ނަން

(ހ) މިއީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި ގާނޫނު ނަންބަރު 2008-10 (ޖުޑީށިއަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހާސިލުކުރުން ހިމެނެއެވެ.

(ހ) ށަރުއީ ދާއިރާ ހަރުދަނާކުރުމާއި، ށަރުއީ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން.

(ށ) ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް އިންސާފުވެރިކަމާއެކު ހޯދައިދިނުން.

(ނ) ފަނޑިޔާރުންގެ ގާބިލުކަމާއި ކުޅަދާނަކަން ދެނެގަނެ، އެކަންތައްތައް ހަރުދަނާ ކުރުމަށް މަސައްކަތްކުރުން.

(ރ) ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ތަމްރީނުތަކާއި ދާއިރާތައް ދެނެގަތުން.

(ބ)  ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

މިގަވާއިދު ހިންގާނީ، ދިވެހިރާއްޖޭގެ ޖުޑީށަލް ސާރވިސް ކޮމިށަނުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ފަރާތް

މިގަވާއިދު ހިންގޭނީ ދިވެހިރާއްޖޭގެ އެންމެހައި ފަނޑިޔާރުންގެ މައްޗަށެވެ.

 

5 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރާނެ މުއްދަތު

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ބެލުމުގެ ގޮތުން މަދުވެގެން، ކޮންމެ ދެ އަހަރުން އެއް އަހަރު ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަން ކުރުމަށްޓަކައި، ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެއަހަރުގެ ތެރޭގައި ފަނޑިޔާރުން މަސައްކަތްކޮށްފައިވާ ގޮތް، ޖެހިގެން އަންނަ އަހަރުގެ ނޮވެންބަރު މަސް ނިމުމުގެ ކުރީން ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލައި ނިންމަންވާނެވެ.

 

6 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމުގައި ބަލާނޭކަންކަން

  1. ފަނޑިޔާރުން މަގާމުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރާ މިންވަރު.
  2. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހައްޓާ މިންވަރު.
  3. ފަނޑިޔާރުން ހާޒިރީއާއި ސަލާމާއި ޗުއްޓީއާގުޅޭ ގަވާއިދުތަކަށް އިޙްތިރާމް ކުރާ މިންވަރު.
  4. ފަނޑިޔާރުން ނިންމާ ނިންމުންތައް އިސްތިއުނާފުގެ މަރުހަލާތަކުގައި ބަދަލުވާ މިންވަރު

 

7 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރާ ކޮމިޓީ

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަން ކުރުމަށްޓަކައި ކޮމިށަނުގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަ ނޑައަޅަން ވާނެވެ. މި ކޮމިޓީއަށް ކިޔާނީ "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރާ ކޮމިޓީ" އެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރާ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ކޮމިޓީގެ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.

(ނ) ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ކޮމިޓީގެ ބައްދަލުވުންތައް ބާއްވަން ވާނެއެވެ.

(ރ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން ކޮމިޓީގެ ތިން މެންބަރުން ހަމަވާ ނަމައެވެ.

(ބ) ކޮމިޓީން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ޅ) ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ ކޮމިޓީގެ މެންބަރުންގެ މަށްވަރާގެ މަތިން ކޮމިޓީގެ ރައީސެވެ.

(ކ) ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓައި ކުރިއަށް ގެންދާނީ ކޮމިށަނުގެ ކަމާގުޅޭ ސެކްށަނުން ނެވެ.

 

8 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން

(ހ)  ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގަބިލުކަން ވަޒަން ކުރުމަށްޓަކައި، ކޮންމެ މީލާދީ އަހަރެއް ނިމުމުން އެއަހަރުގެ ތެރޭގައި ފަނޑިޔާރުން މަސައްކަތްކޮށްފައިވާ ގޮތުގެ އަންނަނިވި މައުލޫމާތު ޖެހިގެން އަންނަ އަހަރުގެ ފެބުރުއަރީ މަސް ނިމުމުގެ ކުރީން ކޮމިޓީން ހޯދަން ވާނެއެވެ.

  1. ޖުޑީށަލް ސަރވިސް ކޮމިށަނުން ތައުދީބީ ފިޔަވަޅު އަޅާފައިވާ ފަނޑިޔާރުންގެ ނަމާއި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފުސީލު.
  2. ފަނޑިޔާރުންނާ ބަލަން ހަވާލު ކުރެވުނު މައްސަލަ ތަކުގެ އަދަދާއި ބާވަތާއި އަދި ބަލައި ނިމިފައިވާ މައްސަލަތަކުގެ ބާވަތާއި އަދަދު.
  3. ފަނޑިޔާރުން ނިންމަވާފައިވާ ނިންމުންތަކުގެ ތެރެއިން ގާނޫނުއަސާސީއާއި ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާ މައްސަލަތަކުގެ ތެރެއިން މަތީ މަރުހަލާތަކުން ބަދަލުވެފައިވާ ނިންމުންތަކުގެ އަދަދު
  4. ފަނޑިޔާރުންގެ ހާޒިރީ ރިޕޯޓް

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މައުލޫމާތުތަކުގެ ތެރެއިން ކޯޓުތަކުން ހޯދަންޖެހޭ މައުލޫމާތުތައް ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރާ ކޮމިޓީން ކަނޑައަޅާ ފޯމެޓަކާ އެއްގޮތަށް ކޮންމެ މީލާދީ އަހަރެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ ފެބުރުއަރީ މަސް ނިމުމުގެ ކުރީން ޖުޑީށަލް ސަރވިސް ކޮމިށަނަށް ފޮނުވަން ވާނެއެވެ.

 

9 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ރިޕޯޓު ތައްޔާރުކުރުން

(ހ) ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ އަހަރުގެ ތެރޭގައި ފަނޑިޔާރުން މަސައްކަތްކޮށްފައިވާ ގޮތް، ޖެހިގެން އަންނަ އަހަރު ބެލުމުގެ ގޮތުން ކޮމިޓީން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަން ކުރުމަށްޓަކައި މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ކްރައިޓީރިއާ އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ ފަނޑިޔާރަކަށް މާކްސް ލިބިފައިވާ ގޮތުގެ ވަކި ށީޓެއް ތައްޔާރު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރެވިފައިވާ ގޮތަށް ތައްޔާރު ކުރެވިފައިވާ މާކްސް ށީޓަށް ބަލައި އަންނަނިވި ގޮތްތަކުގެ މަތީން ފަނޑިޔާރުންނަށް ލިބެންޖެހޭ ދަރަޖަ ކަނޑައަޅަން ވާނެއެވެ.

  1. މާކްސްގެ އަދަދު 100 އާއި 85 އާ ދެމެދުނަމަ، ވަރަށް ގާބިލް
  2. މާކްސްގެ އަދަދު 84 އާއި 75 އާ ދެމެދުނަމަ، ގާބިލުކަން މެދުމިނަށްވުރެ މަތި.
  3. މާކްސްގެ އަދަދު 74 އާއި 50 އާ ދެމެދުނަމަ، ގާބިލުކަން މެދުމިން.
  4. މާކްސްގެ އަދަދު 49 އާއި 00 އާ ދެމެދުނަމަ، ގާބިލުކަން މެދުމިނަށްވުރެ ދަށް.

 

(ނ) ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނަތީޖާއަށް ބަލައި އަންނަނިވި ގޮތްތަކުގެ މަތީން ފަނޑިޔާރުންނާމެދު ކޮމިށަނުން އަމަލުކުރުމަށް ލަފާދޭންވާނެއެވެ.

  1. ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނަތީޖާއަށް ބަލައި އަންނަނިވި ގޮތްތަކުގެ މަތީން ފަނޑިޔާރުންނާމެދު ކޮމިށަނުން އަމަލުކުރުމަށް ލަފާދޭންވާނެއެވެ.
  2. ގާބިލުކަން މެދުމިނަށްވުރެ މަތިނަމަ، އެފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓުން، އެފަނޑިޔާރު ހުރި މަގާމަށްވުރެ މަތީ މަގާމެއް ހުސްވެގެން، ފަނޑިޔާރުން ހޯދުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކުރެވޭ އިއުލާނާ ގުޅިގެން ކުރިމަތި ލުމުން، ފަނޑިޔާރުން ނެގުމުގައި އެފަރާތަކަށް އިސްކަން ދިނުން.
  3. ގާބިލުކަން މެދުމިންނަމަ، ހުރި މަގާމުގައި ބެހެއްޓުން.
  4. ގާބިލުކަން ފުރަތަމަ ފަހަރު މެދުމިނަށްވުރެ ދަށްނަމަ، ގާބިލުކަން މެދު މިނަށްވުރެ ދަށްވުމަށް މެދުވެރި ސަބަބުތަކަށް ބަލައި، އެކަންކަން ރަނގަޅުކުރުމަށް އެންގުން.
  5. ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން ފަނޑިޔާރަކަށް ޖެހިޖެހިގެން ދެފަހަރު ގާބިލުކަން މެދުމިނަށްވުރެ ދަށްކަމަށް ނަތީޖާ ލިބިއްޖެނަމަ ފަނޑިޔާރުގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ކުރި ކޮމިޓީން ދޭ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރަކު ވަޒީފާއިން މުސްކުޅި ކުރުމަށް ނުވަތަ ފަނޑިޔާރު ކަމުގެ ވަޒީފާ ފިޔަވައި، ށަރުއީ ދާއިރާގެ އެހެން ވަޒީފާއަކަށް ބަދަލުކުރުމަށްޓަކައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވުން.

(ރ) މި މާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައިވާ ކަންތައްތަކަށް ބަލައި، މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމެޓާ އެއްގޮތްވާ ގޮތުގެ މަތީން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަން ކުރުމަށްޓަކައި، ކޮންމެ މީލާދީ އަހަރެއް ނިމުމުން އެއަހަރުގެ ތެރޭގައި ފަނޑިޔާރުން މަސައްކަތްކޮށްފައިވާ ގޮތް، ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރީން ކޮމިޓީން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ކޮންމެ ފަނޑިޔާރަކާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވައިލައި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

 

10 ވަނަ މާއްދާ - ފަނޑިޔާރެއްގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރާމެދު ގޮތެއް ނިންމުން

(ހ) މިގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ރިޕޯޓުތަކާމެދު، އެ ރިޕޯޓުތައް ހުށަހަޅާ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރީން ޖުޑީށަލް ސަރވިސް ކޮމިށަންގެ ރަސްމީ ޖަލްސާއަކުން އެ ރިޕޯޓުތަކާމެދު ގޮތެއް ނިންމަން ވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ޖުލައި މަސް ނިމުމުގެ ކުރިން ކޮމިށަނުން ގޮތެއް ނުނިމިއްޖެނަމަ، އެ ރިޕޯޓުތަކާމެދު ކޮމިޓީން ނިންމާފައިވާ ގޮތް ރަނގަޅުކަމުގައި ބަލަންވާނެއެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމި ގޮތުގެ ރިޕޯޓުގެ ކޮޕީއެއް އެ ނިންމުން ނިންމިތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެނިންމުން ރައްދުވާ ފަނޑިޔާރަކަށް ފޮނުވަންވާނެއެވެ.

(ނ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމާމެދު ށަކުވާއެއް އޮވެއްޖެނަމަ އެނިންމުން ފަނޑިޔާރަށް ލިބޭ ތާރީހުން ފެށިގެން 20 (ތިރީސް) ދުވަހުގެ ތެރޭގައި، އެކަން ބަލައިދިނުމަށް އެދި އެ ނިންމުން ރައްދުވާ ފަނޑިޔާރު ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމަކުން ހުށަހަޅަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތުގައި ށަކުވާއެއް ހުށަނާޅައިފިނަމަ ބެލެވޭނީ ށަކުވާއެއް ނެތް ކަމަށެވެ. އަދި އެ ރިޕޯޓުތަކާމެދު ކޮމިށަނުން ނިންމާފައިވާ ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ކަނޑައެޅުމުގައި އެންމެ ފަހުގެ ނިންމުމެވެ.

 (ބ) މި މާއްދާގެ (ނ)  ގައި ބުނެވިފައިވާ ގޮތުގެ މަތީން ހުށަހަޅާ ށަކުވާތައް، ކޮމިޓީން ބެލުމަށްފަހު ނިންމަން ފެންނަގޮތް ގިނަ ވެގެން 40 ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ. އަދި މިގޮތަށް ހުށަހަޅާ ހުށަހެޅުންތަކާމެދު އެ ހުށަހެޅުމެއް ހުށަހެޅުނުތާ ގިނަވެގެން 25 ދުވަހުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަންގެ ރަސްމީ ޖަލްސާއަކުން ގޮތެއް ނިންމަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ އެމުއްދަތުގެ ތެރޭގައި ކޮމިށަނުން ގޮތެއް ނުނިމިއްޖެނަމަ، އެ ރިޕޯޓުތަކާމެދު ކޮމިޓީން ނިންމާފައިވާގޮތް ރަނގަޅުކަމުގައި ބަލަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުގެ މަތީން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ކަނޑައެޅުމުގައި ނިންމާ އެންމެފަހުގެ ނިންމުމެވެ.

(ކ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެ މަތީން ނިންމާ ނިންމުންތައް ތަންފީޒު ކުރަންވާނީ މި މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެ މަތީން ށަކުވާއެއް ހުށަހަޅާފައިވާނަމަ އެ ށަކުވާއެއް މި މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތަށް ނިމުމުންނެވެ. އަދި މި މާއްދާގެ (ރ) ގައި ބުނެފައިވާ ގޮތުގެ މަތީން ށަކުވާއެއް ހުށަހަޅާފައިނުވާ ނިންމުންތައް ށަކުވާއެއް ނެތްކަމަށް ބަލައި ތަންފީޒު ކުރަންވާނެވެ.

 

11 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގަވާއިދުގައި އިބާރާތް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރަންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

"ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރާ ކޮމިޓީ" އަށެވެ.

"މުސްކުޅިކުރުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 57 ވަނަ މާއްދާގެ (ނ) ގައި ވާގޮތަށް، ފަނޑިޔާރެއްގެ މަސައްކަތު ފެންވަރު ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަކަށް ޖެހިޖެހިގެން ދެ ފަހަރު ގާބިލުކަން މެދުމިނަށްވުރެ ދަށްކަމަށް ނަތީޖާ ލިބިއްޖެނަމަ، އެ ފަނޑިޔާރަކު ގާބިލުކަން ނެތްކަމަށް ބަލައި، އެ ފަނޑިޔާރަކު، ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ފޮނުވުމުން އެމަޖިލިހުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައެޅޭ ޢިނާޔަތަކާ އެކު ނުވަތަ އިނާޔަތަކާ ނުލައި، އެފަނޑިޔާރަކު ފަނޑިޔާރު ކަމުގެ ވަޒީފާއިން ވަކިކުރާ ކުރުމަށެވެ.

"ދަރަޖަ" ކަމުގައި ބުނެފައި އެވަނީ، ވަޒީފާގެ ކުރިއެރުމެއް ދިނުމުގެ ގޮތުން މަގާމުގެ ނަމުގެ ފަހަތަށް އިތުރު ކުރެވޭ ދަރަޖައިގެ މިންވަރަކަށެވެ.

"ކުރިއެރުން ދިނުން" ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރުން ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ބަދަލުކުރުމަށެވެ.

އިސްތިއުނާފުގެ މަރުހަލާއިން ބަދަލުވެފައިވާ ނިންމުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީއާއި ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާ މައްސަލަތަކުގައި، މިގަވާއިދުގެ ދަށުން، ކޯޓުތަކުން މައުލޫމާތު ހޯދާ ތާރީހުގެ ނިޔަލަށް އެމައްސަލައެއް ނިންމި މަރުޙަލާގެ ކޯޓަށްވުރެ މަތީ މަރުޙަލާގެ ކޯޓަކުން، އެ މައްސަލައެއް ފުރަތަމަ ނިންމި ކޯޓުގެ ހުކުމަށް ބަދަލު ގެނެސް، ނިންމާފައިވާ ނިންމުން، އެއަށްވުރެ މަތީ މަރުހަލާއެއްގެ ކޯޓެއްގައި، ގާނޫނީ ގޮތުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ހަމަވެފައިވާ މައްސަލަތަކާއި އެމައްސަލައެއް ނިންމި އެއްވެސް މަރުޙަލާއެއްގެ ކޯޓެއްގެ ހުކުމަށް ބަދަލު ގެނެސް އެންމެ ފަހު މަރުހަލާގެ ކޯޓުން ނިންމާ މައްސަލަތަކެވެ.

ބަލާ ނިންމާފައިވާ މައްސަލަތައް” ކަމުގައި ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން ވަކިކޯޓަކަށް ވަކި ނިޒާމެއްގެ ތެރެއިން މައްސަލަތައް ބަލައި ނިންމުން ހަމަޖެހިފައި އޮންނަ ހާލަތުގައި ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެފަދަ ކޯޓަކުން ފުރަތަމަ ކުރާ ހުކުމްތައް ހިމެނޭގޮތަށެވެ.

(ށ) މިގަވާއިދުގެ ބޭނުމަށްޓަކައި ދުވަސް ގުނުމުގައި ބަންދު ދުވަސްތައް ހިމެނޭނެއެވެ.

 

12 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީހް

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2014 އިން ފެށިގެންނެވެ.

 

 ------------------

 

ޖަދުވަލު 1

(މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަން ކުރުމަށްޓަކައި މާކްސް ދިނުމުގައި ބަލާނެ ކްރައިޓީރިއާ" މި ގަވާއިދުގެ ޕީޑީއެފް ފައިލް ހިމެނިފައިވާނެއެވެ.)

 

 -----------------

 

ޖަދުވަލު 1

(މިގަވާއިދުގެ ޖަދުވަލު 2 ގައިވާ "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރާ ކޮމިޓީގެ ރިޕޯޓު " މި ގަވާއިދުގެ ޕީޑީއެފް ފައިލް ހިމެނިފައިވާނެއެވެ.)

 

 

މައި ގާނޫނު

1. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 10/2008)

2. ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު