-

އިސްލާހު ކުރުމަށްޓަކައި ކުޑަކުދިން މުޖުތަމައުން އެކަހެރިކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2014-17)

 

1 ވަނަ މާއްދާ – ތައާރަފް

މިއީ، ގާނޫނު ނަންބަރު 1991-09 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު)ގެ 8 ވަނަ މާއްދާ ތަންފީޒުކުރުމަށްޓަކައި، ހެދިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "އިސްލާހު ކުރުމަށްޓަކައި ކުޑަކުދިން މުޖުތަމައުން އެކަހެރިކުރުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މިގަވާއިދުގެ މަގުސަދަކީ ގާނޫނުން ބޭރުވާ ކުޑަކުދިންގެ ތެރެއިން އެކަހެރި ކުރެވޭ ކުދިން އަނބުރާ މުޖުތަމައު އަށް ގެނައުމުގެ ގޮތުން ތައުލީމާއި ތަމްރީނު ދިނުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މިގަވާއިދު ހިންގާނީ ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ.

 

5 ވަނަ މާއްދާ – މިގަވާއިދުގެ މަގުސަދު ހާސިލުކުރުމަށްޓަކައި ބޭނުންވާ ކަންތައްތައް

(ހ) މިގަވާއިދުގެ މަގުސަދު ހާސިލުކުރުމަށްޓަކައި "ކަރެކްށަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަން" ގެ ނަމުގައި ސެންޓަރެއް އުފައްދަންވާނެއެވެ. 

(ށ) މިސެންޓަރު ހިންގާ ފަރާތުން މިސެންޓަރު ހިންގާނެ ގޮތުގެ އިޖްރާއާތެއް (ސްޓޭންޑަ ރޑް އޮޕަރޭޓިން ޕްރޮސީޖަރ) ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ނ) މިސެންޓަރުގެ ކަންތައްތައް ވިލަރެސްކުރުމަށްޓަކައި "ޖުވެނައިލް ޖަސްޓިސް ކޯޑިނޭށަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އޮންނަން ވާނެއެވެ. މިކޮމެޓީއަށް މެންބަރުން އައްޔަން ކުރާނީ މިގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ.

 

6 ވަނަ މާއްދާ – ކޮމިޓީގެ މަސްއޫލިއްޔަތު

(ހ) ސެންޓަރަށް ފޮނުވަންޖެހޭ ކުދިންގެ މައްސަލަތަކުގައި އެކުދިން ފޮނުވުމާމެދު ވަކިގޮތެއް ކަނޑައެޅުން.

(ށ) ސެންޓަރުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމުގައި ގޮތެއް ނިންމުން.

(ނ) ގާނޫނީ އޮނިގަނޑުން ބޭރުވާ ކުޑަކުދިންނާ ބެހޭ ސިޔާސަތު އެކުލަވައިލުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.

(ރ) ގާނޫނީ އޮނިގަނޑުން ބޭރުވާ ކުޑަކުދިންނާ ބެހޭ ގަވާއިދުތައް އެކުލަވައިލުމުގައި އެހީތެރިކަން ދިނުން.

(ބ) ކުޑަކުދިންނާބެހޭ ގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި ކުއްޖާގެ މަސްލަހަތައް ރިއާޔަތްކޮށް، ބޭނުންވާ ފަންނީ ލަފާ ދިނުން.

          

7 ވަނަ މާއްދާ – ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ގޮތުގެ މައްޗަށެވެ.

(ހ) މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ކަނޑައަޅާ މީހެއް

(ށ) ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކަ ނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

(ރ) ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

(ބ) މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ކަނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

(ޅ) މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކަނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

(ކ) މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރއިން ކަނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

(އ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

(ވ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއަކުން ކަނޑައަޅާ ކަމާބެހޭ ފަންނީ މީހެއް

 

8 ވަނަ މާއްދާ – ކޮމިޓީގެ މުއްދަތު

ކޮމިޓީގެ މުއްދަތަކީ، މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ތާރީހުން ފެށިގެން މީލާދީ 2 (ދޭއް) އަހަރެވެ.

 

9 ވަނަ މާއްދާ – އިދާރީގޮތުން ހިންގުން

(ހ) ކޮމެޓީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ކޮމެޓީގެ ޗެއަރޕާރސަންގެ މަށްވަރާގެމަތިން ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ.

(ށ) ކޮމިޓީއަށް ށަކުވާއެއް ހުށަހެޅިއްޖެނަމަ ގޮތެއް ނިންމުމަށް ލަސްވެގެން 72 ގަޑިއިރުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

 

10 ވަނަ މާއްދާ - ޗެއަރޕަރސަނާއި، ވައިސް ޗެއަރޕަރސަން

(ހ) ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީގެ ޗެއަރޕަރސަނަކާއި ވައިސް ޗެއަރޕަސަނެއް އައްޔަން ކުރަންވާނެއެވެ.

(ށ) ކޮމިޓީގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން އައްޔަނުކުރާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިންނެވެ.

 

11 ވަނަ މާއްދާ - ޗެއަރޕަރސަންގެ މަސްއޫލިއްޔަތު

ކޮމިޓީގެ ޗެއަރޕަރސަންގެ މަސްއޫލިއްޔަތު ތަކަކީ:

(ހ)  ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

(ށ) ކޮމިޓީގެ ބައްދަލުވުމަށް ޗެއަރޕަރސަންއަށް ހާޒިރު ނުވެވޭނަމަ، ވައިސް ޗެއަރޕަރސަނަށް އެކަން އަންގައި އެ ބައްދަލުވުމެއް ކުރިއަށް ގެންދެވޭނެ ގޮތަށް މައުލޫމާތު ދިނުން.

 

12 ވަނަ މާއްދާ - ވައިސް ޗެއަރޕަރސަންގެ މަސްއޫލިއްޔަތު

ކޮމިޓީގެ ވައިސް ޗެއަރޕަރސަންގެ މަސްއޫލިއްޔަތަކީ ކޮމިޓީގެ ޗެއަރޕަރސަން ހާޒިރުވެ ނެތް ހާލަތްތަކުގައި ކޮމިޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމެވެ.

 

13 ވަނަ މާއްދާ – މެންބަރުންގެ މަސްއޫލިއްޔަތު

(ހ) ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ދާއިރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(ނ) ކޮމިޓީގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން މިގަވާއިދާ އެއްގޮތަށް ކުރުން.

 

14 ވަނަ މާއްދާ – ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވުން

މެންބަރަކު ބައްދަލުވުމަކަށް ހާޒިރުވެވެން ނެތްނަމަ، އެ ދާއިރާއަކުން ބަދަލުގައި ބައިވެރިވާނެ މީހަކު ފޮނުވަންވާނެއެވެ. އަދި މި މީހަކީ ބަދަލުގައި ހާޒިރުވާނެ މީހަކުކަމުގައި ކުރިން ހަމަޖެހިފައިވާ މީހަކަށް ވާންވާނެއެވެ.

 

15 ވަނަ މާއްދާ – މެންބަރުކަމުން ވަކިވުން

(ހ) އިސްތިއުފާ ދިނުން؛ ނުވަތަ

(ށ) އެ މެންބަރަކު އައްޔަންކުރުމަށް ކަނޑައަޅާ ފަރާތުން އެ މެންބަރަކު ވަކިކުރުން.

 

16 ވަނަ މާއްދާ - ސެންޓަރަށް ފޮނުވާ ކުދިން ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) އެކަހެރި ކުރެވޭ ކުއްޖަކީ މަގުމަތީގަޔާއި އާންމު ތަންތާނގައި ގާނޫނާ ހިލާފު އަމަލުތައް ހިންގަމުންދާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ރަސްމީ އިދާރާއަކަށް ތަކުރާރުކޮށް ހާޒިރުކޮށް، އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވެ، އަދި ރަނގަޅުގޮތުގައި ބެލެހެއްޓުމަށް މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް އަންގައި ޒިންމާކުރުވާފައިވާ ކުއްޖެއް ކަމުގައިވުމާއެކު، މުޖުތަމައަށާއި ކުއްޖާއަށް އެންމެ ފައިދާ ބޮޑީ ކުއްޖާ އެކަހެރި ކުރުންކަން، ކުއްޖާއާބެހޭ ޕޮލިސް ރިޕޯޓުން ހާމަވުން.

(ށ) ސެންޓަރަށް ގެންދިއުމަށް ސިއްހީ، ޖިސްމާނީ އަދި ނަފްސާނީ ހާލަތު ތަންދޭކަމަށް މެޑިކަލް ރިކޯޑުން ދައްކާ ކުއްޖަކަށް ވުން.

(ނ) ޖިންސީ ކުށުގެ (ސެކްށުއަލް އޮފެންސް) ރިކޯޑެއް އޮތް ކުއްޖެއްކަމުގައި ނުވުން.

(ރ) މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއްކަމުގައި ނުވުން

(ބ) ސެންޓަރަށް ގެންދިއުމުގައި ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމަށް އެއްބަސްވުން.

(ޅ) ސެންޓަރުގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ކުއްޖާގެ ބެލެނިވެރިން ކުއްޖާއާ ހަވާލުވެ، ކުއްޖާ ހެޔޮގޮތުގައި ބަލަހައްޓާނެ ކަމަށް އިގުރާރުވުން.

(ކ) ސެންޓަރުގައި، ކުއްޖާއަށް ހިންގާ ޕްރޮގްރާމް ކުރިޔަށްދާ ދުވަސްތަކުގައި ބެލެނިވެރިޔާގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(އ) ކުއްޖަކު އިސްލާހު ކުރުމަށް ސެންޓަރަށް ފޮނުވަންވާނީ އެކުއްޖާއާމެދު އެޅެން އޮތް އެންމެފަހުގެ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި އެކުއްޖެއްގެ ސެންޓަރުގެ މުއްދަތަކީ އެޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށްވުން.

(ވ) ކުއްޖާގެ އުމުރާއި، ޖިންސާއި، ށަހްސިއްޔަތާ ގުޅޭ، އިޖްތިމާއީ ގޮތުން ބިނާކުރަނިވި، އަދި މުޖްތަމައުގައި ހަރުދަނާ، ފައިދާހުރި ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ ޖިސްމާނީ އަޅާލުމާއި ރައްކާތެރިކަން ސެންޓަރުން ފޯރުވައިދިނުން

 

17 ވަނަ މާއްދާ – ސެންޓަރަށް ފޮނުވޭ އުމުރު

(ހ) މިގަވާއިދުގެ ދަށުން ސެންޓަރަށް ފޮނުވޭނީ މީލާދީ ގޮތުން އުމުރުން 13 އަހަރު ފުރިހަމަވެފައިވާ 18 އަހަރު ނުފުރޭ ކުދިންނެވެ.

(ށ) ސެންޓަރުގައި ހުއްޓާ 18 އަހަރު ފުރޭ ކުދިން އެކުއްޖަކު ފުރިހަމަ ކުރަމުންދާ ޕްރޮގްރާމް ފުރިހަމަކޮށް ނިމެންދެން، އެކުއްޖާގެ ރުހުމުގައި ބެހެއްޓުމުގެ އިހްތިޔާރު ސެންޓަރު ހިންގާ ފަރާތަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ސެންޓަރުގައި ތިބޭ ކުދިންނާމެދު އަމަލުކުރާނެގޮތް

(ހ) ސެންޓަރަކީ ކުޑަކުދިން ގެންގުޅުމަށް އެކަށީގެންވާ ތަނަކަށް ވާންވާނެއެވެ. މިތަނުގައި ކުޑަކުދިން އިސްލާހުކުރުމަށް ތަމްރީން ލިބިފައިވާ ގާބިލު މުވައްޒަފުން ހަރަކާތްތެރިވާންވާނެއެވެ.

(ށ) ސެންޓަރުގައި ކުދިންނަށް ހިންގާ ޕްރޮގްރާމްތަކަކީ ނަފްސާނީ/އިޖުތިމާއީ އެހީތެރިކަން ފޯރުވައިދޭ ފަދަ ޕްރޮގްރާމްތަކަކަށް ވާންވާނެއެވެ.

(ނ) ކުއްޖާ ސެންޓަރުގައި ހޭދަކުރާ މުއްދަތުގައި ކުދިންގެ އުމުރާ ނުގުޅޭ މަސައްކަތް ކުރުވައިގެން ނުވާނެއެވެ.

(ރ) ސެންޓަރުގައި އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ހުންނަންވާނެއެވެ. ސެންޓަރުން ފަރުވާ ދެވެންނެތް ކަންކަމުގައި، ފަރުވާ ލިބެންހުރި ތަނަކުން އެކަށީގެންވާ ފަރުވާ ދޭންވާނެއެވެ. މިގޮތުން ސެންޓަރުގައި ތިބޭ މުއްދަތުގައި ކުދިންގެ ބޭސްފަރުވާގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) ތަރުބިއްޔަތު ކުރުމަށް ސެންޓަރަށް ގެނެވޭ ކުދިން 3 މަސް ހަމަވުމުން އެއިން ކޮންމެ ކުއްޖަކާބެހޭ ތަފުސީލު އެނގޭނެ ޕްރޮގްރެސް ރިޕޯޓެއް ކޮމިޓީއަށް ހުށަހަޅަން ވާނެއެވެ. މިރިޕޯޓުގައި ކުއްޖާގެ އަހުލާގީ އަދި ސުލޫކީ މިންގަނޑާއި ކުއްޖާއަށް އައިސްފައިވާ ބަދަލާއި މުޖުތަމައުގެ ތެރެއަށް ކުއްޖާ ފޮނުވުމާމެދު އެސެންޓަރުން ދެކޭގޮތް ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

 

19 ވަނަ މާއްދާ - ސެންޓަރަށް ގެންދެވޭ ކުދިން އަނބުރާ މުޖުތަމައަށް ފޮނުވުން

(ހ) ކުއްޖާގެ ސިއްހީ ހާލަތު ހުރިގޮތުން ސެންޓަރުގައި ބެހެއްޓުން އެކަށީގެންނުވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ސިއްހީ އިދާރާއެއްގައި މަސައްކަތްކުރާ ޑޮކްޓަރަކު ލަފާދީފިނަމަ އެ ކުއްޖަކު ސެންޓަރުން ދޫކޮށް މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ހަވާލުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ށ) ކިޔެވުމުގެ ފުރުސަތެއް ކުއްޖާއަށް ތަނަވަސް ވެފައިވާ ކަމުގެ ލިޔެކިޔުން ހުށަހަޅައިފިނަމަ އެފަދަ ފުރުސަތެއް ކުއްޖާއަށް ދިނުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ނ) ކުއްޖާގެ ޕްރޮގްރެސް ރިޕޯޓަށް ބަލައި، ކޮމިޓީން ކުއްޖާ އަނބުރާ މުޖުތަމައަށް ފޮނުވުމަށް ކަނޑައަޅައިފިނަމަ، އެ ކުއްޖަކު މުޖުތަމައަށް ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ – އިގުރާރު ކުރެވުން

މި ގަވާއިދުގެ ދަށުން އެކަހެރިކުރެވޭ ކުއްޖަކު މުޖުތަމައަށް ފޮނުވާނީ 1 (އެކެއް) އަހަރު ދުވަހުގެ ޕްރޮބޭށަން މުއްދަތުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް ބެލެނިވެރިޔާއާއި ޔުނިޓާ ދެމެދު ކުރެވޭ އިގުރާރެއްގައި ސޮއިކުރުމަށްފަހުގައެވެ. (މިއިގުރާރުގެ ނަކަލު، މިގަވާއިދާއެކު ހިމެނިފަވާނެއެވެ.)

 

21 ވަނަ މާއްދާ - މުޖްތަމައުއަށް ދޫކުރުމަށްފަހު ކުއްޖާގެ އުޅުން މޮނިޓަރ ކުރުން

ކުއްޖަކު އަނބުރާ މުޖުތަމައުއަށް ދޫކުރުމަށްފަހު 1(އެކެއް) އަހަރުވަންދެން ކުއްޖާގެ އުޅުން މޮނިޓަރ ކުރަންވާނެއެވެ. މިކަންތައް ކުރާނީ ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ.

 

22 ވަނަ މާއްދާ – މާނަކުރުން

ސެންޓަރ – "ކަރެކްށަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަން"

 

23 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިރުކުރާ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފަށާއިރު "ކަރެކްށަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަން" އަށް ގެންދެވި އެ ސެންޓަރުގައި ތިބި ކުދިންގެ މައްޗަށްވެސް މިގަވާއިދު ހިނގާނެއެވެ.

 

(ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަން އިން މުޖުތަމަޢަށް އަބުރާ ފޮނުވާ ކުއްޖާގެ ބެލެނިވެރިޔާގެ އިޤުރާރުގެ ކޮޕީ، އެޓޭޗްކުރެވިފައިވާ ގެޒެޓްކުރެވުނުގެ ގޮތުގެ ކޮޕީގައި ހިމެނިފައިވާނެއެވެ. އަދި އެއިގެ ވޯޑްފޮމޭޓް ފަހުން އަޕްލޯޑް ކުރެވޭނެއެވެ) 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިސްލާހު ކުރުމަށްޓަކައި ކުޑަކުދިން މުޖުތަމައުން އެކަހެރިކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-17)

 

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1991-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު