-

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް 22 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 19/2014)

 

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 300 ވަނަ މާއްދާގެ (ހ) އަދި (ނ) އިސްލާހުކޮށް އަދި އެ ގަވާއިދުގެ 306 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް (307 ވަނަ މާއްދާ) އިތުރުކުރުން.

 

1 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ގެ 300 ވަނަ މާއްދާގެ (ހ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

300. ސިވިލް ސަރވިސް އަށް ހިދުމަތްކުރުމުގެ މުއްދަތު ކަނޑައެޅުން

(ހ) ރާއްޖެއިން ބޭރުގައި ތަމްރީނުދޭ ކޯސްތަކުގައި އޮފީހުގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުންނާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވައިދޭ މުވައްޒަފުން، ތަމްރީނު ދެވުނު ނުވަތަ ކިޔަވައިދެވުނު މުއްދަތުތަކާ ގުޅޭގޮތުން ހިދުމަތްކުރާނީ ގާނޫނު ނަންބަރު 29/1976 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. އަދި ރާއްޖޭގައި ތަމްރީނުދެވޭ ކޯސްތަކުގައި އޮފީހުގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުން ތަމްރީނު ދެވުނު މުއްދަތުތަކާ ގުޅޭގޮތުން ހިދުމަތްކުރާނީ ގާނޫނު ނަންބަރު 29/1976 ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ނ) ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވާ، ކޯހެއްގައި ބައިވެރިވެގެން ނުވަތަ އެނޫންވެސް ގޮތަކަށް ސަރުކާރަށް ހިދުމަތް ކުރަންޖޭ މުއްދަތަށް ބަދަލެއް އަންނަ ގޮތް ދިމާވެއްޖެނަމަ، ކުރިން ހިދުމަތް ކުރަންޖެހޭ މުއްދަތުން ބާކީ އޮތް ދުވަހަށް ބަލައި، މި ދެބައިގެ ތެރެއިން ބޮޑުބަޔަކަށް ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 2010 ގެ 306 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް (307 ވަނަ މާއްދާ) އިތުރުކުރުން.

307. ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވާ މީހުންނަށް މުސާރައާ އެއްވަރުގެ އެލަވަންސް ހަމަޖެއްސުން

(ހ) ދިވެހި ސިވިލް ސަރވިސްގެ މަގަމެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް އިތުރު ތަމްރީނު ދިނުމަށް ނުވަތަ ދާއިރާއަށް/އޮފީހަށް ބޭނުންވާ ފަންނީ މީހުން ބިނާކޮށް ގާބިލުކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ތަމްރީނު  ޕްރޮގްރާމްތަކާއި ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް އަދި މުވައްޒަފު އަދާކުރާ ވަޒީފާއާ ގުޅޭގޮތުން އަމިއްލަގޮތުން އިތުރު ތަމްރީނު ހޯދުމަށް ނުވަތަ އިލްމީ ގާބިލުކަން މަތިކުރުމަށް، އެ މުވައްޒަފެއް ތަމްރީނު ނުވަތަ ކޯހުގައި ބައިވެރިވުމަށް ވަޒީފާއިން ވަކިކުރެވުނުއިރު، ލިބުނު މުސާރައާ އެއްވަރުގެ އެލަވަންސެއް އެ ކޯހުގެ މުއްދަތަށް މުވައްޒަފު އެކަމަށް އެދިއްޖެނަމަ، އެ އޮފީހަކުން ހަމަޖައްސައި ދޭންވާނެއެވެ. މިގޮތުން މުސާރައާ އެއްވަރުގެ އެލަވަންސް ހަމަޖައްސާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ދިވެހި ސިވިލް ސަރވިސްގެ މަގާމެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް އެ މަގަމެއްގައި ވަޒީފާ އަދާކުރުމުގައި އިތުރަށް ބޭނުންވާ ތަމްރީނާއި ހުނަރު މަތިކުރުމަށް އަދި އެމުވައްޒަފު އަދާކުރާ ވަޒީފާއާ ގުޅޭގޮތުން އިތުރު ތަމްރީނާއި އިލްމީ ގާބިލުކަން މަތިކުރުމަށް މުވައްޒަފު އަމިއްލައަށް ނުވަތަ އެ އިދާރާއަކުން ބައިވެރިކުރުވައިގެން ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ފުރިހަމަކުރާ ކޯހުގެ ނުވަތަ ތަމްރީނުގެ މުއްދަތަށް މުސާރައާ އެއްވަރުގެ އެލަވަންސް ދިނުން.
  2. ފަންނީ މީހުން ބިނާކުރުމަށް އޮފީހުން ޓްރެއިނިންގ ރިކްއަރމެންޓްގައި ހިމެނިފައިވާ ކޯހެއްގައި މުވައްޒަފެއް އަމިއްލަގޮތުން ނުވަތަ އެ އިދާރާއަކުން ބައިވެރިކުރުވައިގެން ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ފުރިހަމަކުރާ ކޯހުގެ ނުވަތަ ތަމްރީނުގެ މުއްދަތަށް މުސާރައާ އެއްވަރުގެ އެލަވަންސް ދިނުމާއި، އަދި އެ މުވައްޒަފު ހަމަޖައްސާނޭ އެފެންވަރުގެ މަގާމެއް، އެލަވަންސް ދޭ އޮފީހުގެ އޮނިގަނޑުގައި ހިމެނިފައިވާ ކޯހެއް ނުވަތަ ތަމްރީނެއް ކަމުގައިވުން.
  3. ތަމްރީނު ނުވަތަ ކޯސް ފުރިހަމަކުރުމަށްފަހު، މި ގަވާއިދުގެ 300 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިދުމަތް ކުރުމަށް އެއްބަސްވެފައިވުން.
  4. ތަމްރީނު ނުވަތަ ކޯސް ފުރިހަމަކުރުމަށްފަހު، މުސާރައާ އެ
  5. އްވަރުގެ އެލަވަންސް ހަމަޖެއްސި އިދާރާގެ ވަޒީފާ، އެއްބަސްވެފައިވާ މުއްދަތުގައި އަދާކުރުމަށާއި، އެއްބަސްވެފައިވަ މުއްދަތުގައި އެހެން އޮފީހަކަށް ނުވަތަ ދާއިރާއެއްގެ ވަޒީފާއަށް ބަދަލުނުވުމަށް އެއްބަސްވެފައިވުން.ތަމްރީނު ނުވަތަ ކޯސް ފުރިހަމަކުރުމަށް މުވައްޒަފުގެ އެދުމުގެ މަތިން ވަޒީފާއިން ވަގުތީގޮތުން ވަކިކުރެވިފައިވުން. 

(ށ) މުސާރައާ އެއްވަރުގެ އެލަވަންސް ހަމަޖެއްސުމުގެ ހުރިހާ ކަމެއް ކުރާނީ އެ ދާއިރާ/ އޮފީހަކުންނެވެ. މުސާރައާ އެއްވަރުގެ އެލަވަންސް ހަމަޖައްސާތާ، 7 (ހަތެއް) ދުވަހުގެ ތެރޭގައި މައުލޫމާތު ޑޭޓާބޭސްއިން އަޕްޑޭޓް ކުރުމަށްޓަކައި، މުވައްޒަފާ ކުރެވޭ އެއްބަސްވުމާއެކު، މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން މުސާރައާ އެއްވަރުގެ އެލަވަންސް ލިބިދެވޭނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން މި ގަވާއިދުގައިވާ ގޮތުގެމަތީން ތަމްރީނު ނުވަތަ ކޯހުގައި ބައިވެރިވެފައިވާ ނުވަތަ ބައިވެރިވާ ފަރާތްތަކަށެވެ.

(ރ) މި މާއްދާގެ ދަށުން ތަމްރީނު ނުވަތަ ކޯސްތަކާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރެވިފައި ނުވާ ކަންކަމުގައި އަމަލުކުރާނީ، އެކަމަކާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތީންނެވެ.

 

3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު