-

ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 33/2014)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ މައްސަލަތައް ތަހުގީގުކުރުމުގައާއި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުން ކުރާ މަރުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީ އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދަކީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) އާއި ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެެކެވެ.

 

2 ވަނަ މާއްދާ - މަގްސަދު

(ހ) ގަސްދުގައި މީހަކު މެރުމުގެ ކުށުގެ މައްސަލަތައް ތަހުގީގުކުރާ ފަރާތުންނާއި، މަރުގެ އަދަބު ތަންފީޒުކުރާ ފަރާތުން އަމަލުކުރަންޖެހޭ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރުން؛

(ށ) ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާ މަރުގެ އަދަބު ތަންފީޒުކުރުމުގައި ގެންގުޅޭ ވަކި އިޖުރާއަތުތަކެއް ގާއިމުކުރުން.

 

ތަހުގީގު ހިންގުމާބެހޭ އިޖުރާއަތުތައް

3 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުން

(ހ) ގަސްދުގައި މީހަކު މެރުމުގެ ކުށުގެ މައްސަލަތައް ތަހުގީގުކުރެވޭ މަރުހަލާގައި ތުހުމަތު ކުރެވޭ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދޭންވާނެއެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ ނުލައި އެފަދަ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްގެންނުވާނެއެވެ.

(ށ) ގަސްދުގައި މީހަކު މެރުމުގެ ކުށުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާ ބޭނުންވާނަމަ، ގާނޫނީ ވަކީލެއް އައްޔަންކުރުމަށް އެކަށީގެންވާ ފުރުސަތެއް އޭނާއަށް ދޭންވާނެއެވެ.

(ނ) ތުހުމަތުކުރެވޭ މީހާއަށް، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދިފައިނުވާނަމަ، ދައުލަތުން އޭނާއަށް ގާނޫނީ ވަކީލަކު އައްޔަންކޮށްދޭން ވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ގާނޫނީ ވަކީލެއް އައްޔަންކުރަން ތުހުމަތުކުރެވޭ މީހާ ބޭނުންނުވާނަމަ، އޭނާ ތަމްސީލުކުރާނީ ދައުލަތުން ކަނޑައަޅާ ވަކީލެކެވެ.

 

4 ވަނަ މާއްދާ – ތުހުމަތުގައިވާ މީހާއަށް ފުލުހުން އަންގަންޖެހޭ ކަންކަން

(ހ) ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތަހުމަތުގައި ހައްޔަރުކުރެވޭ މީހާގެ މައްސަލަ ތަހުގީގުކުރަން ފެށުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައިކަމާއި، އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިގެނ ްހިނގައިދާނެކަން އެމައްސަލަ ތަހުގީގުކުރާ ފަރާތުން އޭނާއަށް އަންގައިދޭންވާނެއެވެ.

(ށ) ކުށެއްގެ ތުހުމުތުގައި ހައްޔަރުކުރެވެނީ، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތަހުމަތު ނޫން އެހެން ކުށެއްގެ ތުހުމަތުގައިކަމަށްވެފައި، ނަމަވެސް ދައުވާ އުފުލޭ މަރުހަލާގައި އޭނާގެ މައްޗަށް ދައުވާކުރާނީ ގަސްދުގައިކަމަށްވެފައި، ނަމަވެސް ދައުވާ އުފުލޭ މަރުހަލާގައި އޭނާގެ މައްޗަށް ދައުވާކުރާނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފިނަމަ، އެ މައްސަލައެއް ތަހުގީގުކުރެވުނުއިރު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހައްގުތައް ފުރިހަމައަށް ލިބިދީފައިނުވާނަމަ، އެ މައްސަލައިގެ ތަހުގީގު އަލުން ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ފުލުހުންނަށް އަންގަންވާނެއެވެ.

(ނ) ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތަހުމަތުގައި ހައްޔަރުކުރެވޭ މީހާއަކީ، ބިދޭސީއެއްނަމަ، އޭނާއާ ކުރެވޭ ސުވާލުތައް ކިޔަިދީ، އޭނާ ދައްކަން ބޭނުންވާ ވާހަކަތައް ކިޔައިދިނުމަށް ތަރުޖަމާނަކު، ތަހުގީގުކުރާ ފަރާތުން އޭނާއަށް ހަމަޖައްސައިދޭންވާނެއެވެ.

 

5 ވަނަ މާއްދާ – ތުހުމަތުކުރެވޭ މީހާއަށް ލިބިދޭ އެހެނިހެން ހައްގުތައް

މި ގަވާއިދުގެ އެހެން މާއްދަތަކުގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ އިތުރުން، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހައަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދޭ އެންމެހައި ހައްގުތައް ލިބިގެންވާކަމަށް އޭނާއަށް ފުލުހުން އަންގައިދޭންވާނެއެވެ.

 

6 ވަނަ މާއްދާ – ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން

ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ، އެ ތަހުގީގެއް ހިންގުމުގައި އަމަލުކުރަންވާނީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ނުވަތަ އެ މަގްސަދު ހާސިލުކުރުމަށްޓަކައި އެހެން ގާނޫނެއްގައިވާ މާއްދާއާ ތައާރުޒުނުވާ ގޮތުގެމަތިންނެެވެ.

 

7 ވަނަ މާއްދާ – ދައުވާއުފުލާއިރު ޔަގީންކުރަންޖެހޭ ކަންކަން

ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޕްރިސިކިއުޓަރ ޖެނެރަލް އުފުލާއިރު، މި ގަވާއިދުގައިވާ ގޮތުގެމަތިން އެ ކުށުގެ ތުހުމަތުގައިވާ މީހާގެ ތަހުގީގު ހިންގާފައިވާކަން ޔަގީންކުރަންވާނެއެވެ.

 

މަރުގެ އަދަބު ތަންފީޒުކުރުމާބެހޭ އިޖުރާއަތުތައް

8 ވަނަ މާއްދާ - މަރުގެ އަދަބު ތަންފީޒުކުރުމުގެ ށަރުތު

މި ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު، މަރުގެ ހުކުމް އިއްވައިފިނަމައެވެ.

 

9 ވަނަ މާއްދާ – މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން މީޑިއޭޓްކުރުން

މި ގަވާއިދުގެ ދަށުން އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މީޑިއޭޓްކުރަންވާނެއެވެ. އަދި މީޑިއޭޓްކުރުމުގެ ދައުރު އަދާކުރާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައަޅާ ފަރާތަކުންނެވެ.

 

10 ވަނަ މާއްދާ – ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެފައިވާކަމުގެ ލިޔުން

(ހ) ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތަކާ އެއްގޮތަށްކަން އަދި ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެގެންކަން އެނގޭނެ ލިޔުމެއް އަންނަނިވި ފަރާތްތަކުގެ މައްޗަށް ެކުލެވޭ ކޮމިޓީއަކުން ސޮއިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލް؛
  2. އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެއް؛ އަދި
  3. ކޮމިށަނަރ އޮފް ޕްރިޒަންސް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުމުގެ ފޯމެޓް ކަނޑައަޅާނީ، މިމާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުން ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ރައީސުލްޖުމްހޫރިއްޔާ ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ފޮނުވަންވާނެއެވެ.

 

11 ވަނަ މާއްދާ -  މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުން

(ހ) އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެފައިވާނަމަ، މަރުގެ އަދަބު ތަންފީޒުކުރުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފަސްކުރެވޭނެއެވެ.

  1. ކުށް ސާބިތުވެފައިވާ ކުއްޖާއަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްނަމަ، އެ ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން؛
  2. ކުށް ސާބިތުވެފައިވާ މީހާއަކީ މާބަނޑު މީހެއްކަމުގަިއވާނަމަ، އެމީހެއްގެ ބަނޑުގައި އޮންނަ ދަރިފުޅު ވިހައި، އެ ދަރިފުޅަށް 2 އަހަރު ފުރެންދެން؛
  3. ކުށް ސާބިތުވެފައިވާ މީހާއަކީ މާބޮޑަށް ބަލި ހާލު ދެރަވެފައިވާ މީހަކުކަމުގައިވާނަމަ، އެމީހަކު ގަދަވަންދެން.

(ށ) ކުށް ސާބިތުވެފައިވާ މީހާއަކީ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތު މެދުވެރިވެފައިވާ މީހެއްކަން ކަނޑައަޅާނީ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ މެޑިކަލް އޮފިސަރުންގެ މައްޗަށް އެކުލެވޭ 3 މެންބަރުންގެ ބޯޑުގެ ލަފާގެ މަތިންނެވެ.

 

12 ވަނަ މާއްދާ – ފަސްކުރެވޭ ހާލަތުގައި ޖަލުގައި ބެހެއްޓުން

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރެވޭ ހާލަތުގައި، ކުށް ސާބިތުވެފައިވާ މީހާ ބަހައްޓަންވާނީ ޖަލުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުމަތިން ކުށް ސާބިތުވެފައިވާ މީހާ ޖަލުގައި ބަހައްޓަންވާނީ އެހެން ކުށްވެރިންނާ ވަކިންނެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކުށް ސާބިތުވެފައިވާ މީހާއަކީ މާބަނޑު މީހެއް ނުވަތަ މާބޮޑަށް ބަލިހާލަތު ދެރަ މީހެއް ކަމުގައިވާނަމަ، އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވެންދެން ބަހައްޓާނީ، އޭނާގެ ހާލަތަށް ރިއާޔަތްކޮށް، އެފަދަ މީހަކު ބެހެއްޓުން އެކަށީގެންވާކަމަށް މޯލްޑިވްސް ކަަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ތަނެއްގައެވެ.

 

13 ވަނަ މާއްދާ – މަރުގެ އަދަބު ތަންފީޒުކުރާ ދުވަހާ ވާރިސުންގެ ބަހެއް ހޯދުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާތަކެއް ފުރިހަަމަވުމަށްފަހު، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން މަރާލެވިފައިވާ މީހަގެ ވާރިޒުންގެ ބަހެއް ހޯދުމަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކަށީގެންވާ މަސައްކަތެއް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ވާރިސުންގެ ބަހެއް ހޯދަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށްވެރިޔާ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭ ދުވަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވާރިސުން ކުށް ސާބިތުވެފައިވާ މީހާގެ އަތުން މަރުގެ ދިޔަ އަތުލުމަށްފަހު މައާފް ދީފިނަމަ ނުވަަތަ މަރުގެ ދިޔައަކާ ނުލައި މައާފުދީފިނަމަ، މަރުގެ އަދަބު ތަންފީޒުނުކޮށް، އެކަން ސުޕްރީމް ކޯޓަށް އަންގަންވާނެއެވެ. އަދި ސުޕްރީމް ކޯޓުން އެހެންގޮތަކަށް ނާންގާހައިހިނދަކު، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކުށް ސާބިތުވެފައިވާ މީހާއަށް ވާރިސުން މައާފުކުރުމުގައި އެންމެ ވާރިސަކުވެސް މައާފުކޮށްފިނަމަ މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓަށް އެންގުމުން، އެ ކޯޓުން، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް ގާނޫނުގައި ކަނޑައަޅާފައިވާ އެހެން އަދަބެއް ކަނޑައެޅުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ޅ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއޭށަނާއި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަަތިން ވާރިސުންގެ ބަހެއް ހޯދުމާމެދު މަދުވެގެން 10 (ދިހައެއް) ދުވަސް ހޭދަވާންވާނެއެވެ.

 

14 ވަނަ މާއްދާކުށް ސާބިތުވެފައިވާ މީހާގެ އެންމެ ފަހުގެ ހައްގުތައް

މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، އަންނަނިވި ހައްގުތައް ކުށް ސާބިތުވެފައިވާ މީހާއަށް ލިބިގެންވެއެވެ. އަދި މި ހައްގުތައް ބޭނުންކުރުމުގެ ފުރުސަތު ދެވޭނީ އެ ފަރާތް ބަންދުކުރެވިފައިވާ ޖަލުގައި އެކަމަށް ކަނޑައަޅާފައިވާ ނިޒާމެއް ތެރެއިންނެވެ.

(ހ) ކުށް ސާބިތުވެފައިވާ މީހާ މެރުމަށް ކަނޑައެޅިފައިވާ ދުވަހު އޭނާގެ އާއިލާއާ ބައްދަލުކުރުން؛ އަދި

(ށ) ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ފަހުގެ ވަސިއްޔަތް ކުރުން.

 

15 ވަނަ މާއްދާ – މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތު

(ހ) މަރުގެ އަދަބު ތަންފީޒުކުރަންވާނީ މި ގަވާއިދުގެ 10 ވަނަ މާއްދަގެ (ނ) ގައިވާ އަމުރު ރައީސުލްޖުމްހޫރިއްޔާ ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ފޮނުވުމުން، އެ ލިޔުން ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަންނަނިވި ފަރާތްތަކުގެ ހާޒިރުގައެވެ.

  1. ކޮމިށަނަރ އޮފް ޕްރިޒަންސް؛
  2. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ޑޮކްޓަރަކު؛
  3. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ ވަކީލަކު؛ އަދި
  4. ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ، އާންމުންގެ ތެރެއިން މަދުވެގެން 3 މީހުން.

(ށ) މި މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ މަރުގެ އަދަބު ތަންފީޒުކުރާނީ ޖަލުގައި އެކަމަށް ހާއްސަކޮށްފައިވާ ވަކި ތަނެއްގައެވެ.

(ނ) މަރުގެ އަދަބު ތަންފީޒުކޮށް ނިމުމުން، މަރު ސާބިތުކުރާ ފޯމުގައި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޑޮކްޓަރު ސޮއިކުރަންވާނެއެވެ.

(ރ) މަރުގެ އަދަބު ތަންފީޒުކޮށް ނިމުމުން، އެކަމަށް ހެކިވެ، މި މާއްދަގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ފޯމެއްގައި ސޮއިކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތް

(ހ) މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި، ކުށް ސާބިތުވެފައިވާ މީހާ މަރާލާނީ، ލީތަކް އިންޖެކްށަން ބޭނުންކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަރުގެ އަދަބު ތަންފީޒުކުރުމަށްފަހު، އެކަން، އެ އަދަބު ތަންފީޒުކުރެވުނު ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނަރ އޮފް ޕްރިޒަންސް ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ – މަރުގެ އަދަބު ތަންފީޒުކޮށްފައިވާ މީހާގެ ހަށިގަނޑު ވަޅުލުން

މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ އިޖުރާއަތުތަކާ އެއްގޮތަށް، މި ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަރުގެ އަދަބު ތަންފީޒުކުރުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އޭނާގެ އާއިލާއިން ބޭނުންވާނަމަ، އާއިލާއާ ހަށިގަނޑު ހަވާލުކުރަންވާނެއެވެ. އަދި އާއިލާއިން ހަށިގަނޑު ބޭނުންނޫން ނަމަ، ހަށިގަނޑު ވަޅުލުމުގެ ޒިންމާ އުފުލާނީ ދައުލަތުންނެވެ.

 

އާންމު މާއްދާތައް

18 ވަނަ މާއްދާ - މަރުވި މީހާގެ ވާރިސުންގެ ބަހެއް ހޯދުން

މަރުގެ މައްސަލަތަކުގައި ކުށްވެރިޔާގެ ކިބައިން ބަދަލު ހޯދުމާމެދު މަރުވި މީހާގެ ވާރިސުންގެ ފަރާތުން ށަރީއަތުގައި ބަހެއް ހޯދުމުގެ ކުރިން، އިސްލާމްދީނުގައި އެކަން އޮންނަ ގޮތް، ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މަރުވި މީހާގެ ވާރިސުންނަށް އޮޅުން ފިލުވައިދޭންވާނެއެވެ.

 

19 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށްޓަކައި، ކުށް ސާބިތުވެފައިވާ މީހާކަމަށް ބަލާނީ، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެރފައިވާ މީހާއަށެވެ.

(ށ) މި ގަވައިދުގައި ކަނޑައަޅާފައިވާ މުއްދަތުތައް ގުނާނީ، ބަންދުދުވަސްތައް ހިމަނައިގެންނެވެ.

(ނ) މި ގަވާއިދުގެ ބޭނުމަށް މެޑިކަލް އޮފިސަރުން ކަމަށް ބަލާނީ، ރާއްޖޭގެ މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތައުލީމާއި ތަރުޖިބާ ލިބިފައިވާ އެ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު