-

ޓެކްސް އޭޖެންޓުންގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-36)

(މި ގަވާއިދުގެ 22 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 65 ވަަނަ މާއްދާ އަދި 66 ވަނަ މާއްދާ އުވާލެވިފައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދިނުމުގައްޔާއި އެ ހުއްދަ ބާތިލުކުރުމުގައި މީރާއިން އަމަލުކުރާނެ ގޮތް ބަޔާންކުރުމާއި، ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިހްސާސް ކަނޑައެޅުމާއި، ޓެކްސް އޭޖެންޓުން އަމަލުކުރާނެ ސުލޫކީ މިންގަނޑުތައް ކަނޑައެޅުމެވެ.

 

ދެވަނަ ބާބު

ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިހްސާސް

 

3 ވަނަ މާއްދާ - ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިހްސާސް

މި ގަވާއިދުގެ ދަށުން ހުއްދަ ޓެކްސް އޭޖެންޓުންނަށް ކުރެވޭނީ އަންނަނިވި މަސައްކަތްތަކެވެ.

(ހ) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ބީ،ޕީ.ޓީ ޖީ.އެސް.ޓީ އަދި ވިތުހޯލްޑިންގ ޓެކުހުގެ އަދަދު ހިސާބުކުރުން؛

(ށ) ޓެކްސް ދައްކާ ފަރާތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ތައްޔާރުކުރުން؛

(ނ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން އެންގުންތަކާއި ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި، އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދާ ގުޅިގެން ނުވަތަ އެ ފަރާތުގެ ގާނޫނީ ޒިންމާތަކާ ނުވަތަ ހައްގުތަކާ ގުޅިގެން މީރާއަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން؛

(ރ) މީރާއިން ނިންމި ނިންމުންތަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރަން ބޭނުންވާނަމަ، އެ ކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން؛

(ބ) ޓެކްސް ގާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އަދި ޓެކުހާ ގުޅޭ ކަންކަމުގައި ޓެކްސް ދައްކާ ފަރާތަށް ލަފާދިނުން؛

(ޅ) ޓެކުހުގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތުގެ މާލީ ހިސާބުތައް ތައްޔާރުކޮށްދިނުން؛

(ކ) ޓެކްސް ދައްކާ ފަރާތާ ގުޅޭ ކަންކަމުގައި އެ ފަރާތުގެ ބަދަލުގައި މީރާއާ މުއާމަލާތްކުރުން.

 

4 ވަނަ މާއްދާ - ޓެކްސް އޭޖެންޓުންނަށް ނުކުރެވޭނެ ކަންތައްތައް

މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ އެއްވެސް ޓެކްސް އޭޖެންޓަކީ، އެ ފަރާތުން ތަމްސީލުކުރާ ޓެކްސް ދައްކާ ފަރާތެއްގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

 

ތިންވަނަ ބާބު

ޓެކްސް އޭޖެންޓުންގެ ށަރުތު އަދި ކެޓަގަރީތައް

 

5 ވަނަ މާއްދާ - ޓެކްސް އޭޖެންޓުންގެ ށަރުތު

ގާނުނުގެ 25 ވަނަ މާއްދާގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެވޭ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛

(ށ)  ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން، ނުވަތަ މާލީ ކަންތައްތަކާ ނުވަތަ ވިޔަފާރިއާބެހޭ އެއްވެސް ގާނޫނެއްގެ ދަށުން ކުށެއް ކުރިކަން ސާބިތުވެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހެއް ކަމުގައި ވުން؛

(ނ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއްގެ ތުހުމަތުގައި، ނުވަތަ މާލީ ކަންތައްތަކާ ނުވަތަ ވިޔަފާރިއާބެހޭ އެއްވެސް ގާނޫނެއްގެ ދަށުން ކުށެއް ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެ މީހެއްގެ މައްޗަށް ށަރީއަތްކުރެވުމުން ދާ މީހެއް ކަމުގައި ނުވުން؛

(ރ) ޓެކްސް އޭޖެންޓެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ތައުލީމީ ފެންވަރު އަދި މި ގަވާޢިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ށާރުތުތައް ފުރިހަމަވާ މީހެއް ކަމުގައި ވުން؛

(ބ) ޓެކްސް ދައްކާ ފަރާތުގެ މުވައްޒަފެއް ކަމުގައި ނުވުން.

 

6 ވަނަ މާއްދާ - ޓެކްސް އޭޖެންޓުކަމުގައި ކެޓަގަރީތައް.

ޓެކްސް އޭޖެންޓުންނަށް ދޭ ހުއްދަ ބެހިގެން ވަނީ އަންނަނިވި 2 ކެޓަގަރީއަށެވެ.

(ހ) ކެޓަގަރީ 1.

(ށ) ކެޓަގަރީ 2.

 

7 ވަނަ މާއްދާ - ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުން

(ހ) ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުންނަށް، ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ޓެކްސް އޭޖެންޓުކަމުގެ ހިދުމަތް ދެވިދާނެއެވެ.

(ށ) ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެވޭ ފަރާތްތަކުގެ ކިބައިގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އެކައުންޓަންސީ ދާއިރާއިން ނުވަތަ އޮޑިޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ލެވެލްއަކަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަޔަ މީރާއިން ގަބޫލުކުރާ ޕްރޮފެށަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް މެންބަރަކަށް ވުން؛ އަދި
  2. ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިހާނަކުން ފާސްވުން؛ އަދި
  3. އެ މީހަކީ ދިވެހިރައްޔިތެއް ނޫންނަމަ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ ސައްހަ ވާރކް ވީޒާއެއް އޮތް މީހަކަށް ވުން.

 

8 ވަނަ މާއްދާ - ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުން

(ހ) ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުންނަށް، ޓެކްސް އޭޖެންޓުކަމުގެ ހިދުމަތް ދެވޭނީ އެ ފަރާތަކަށް އަހަރެއްގެ ތެރޭގައި ލިބޭ ޖުމުލަ އާމްދަނީ 10،000،000 (ދިހަ މިލިއަން ރުފިޔާ) އަށްވުރެ އިތުރުނުވާ ޓެކްސް ދައްކާ ފަރާތްތަކަށެވެ.

(ށ) ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެވޭ ފަރާތްތަކުގެ ކިބައިގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އެކައުންޓަންސީ، އޮޑިޓިންގ، ފައިނޭންސް، އިކޮނޮމިކްސް، ބިޒްނަސް ނުވަތަ ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލްއަކަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މީރާއިން ގަބޫލުކުރާ ޕްރޮފެށަނަލް އެކައުންޓަންސީ ބޮޑީއެއްގެ އެފިލިއޭޓް ނުވަތަ ފުލީ ކޮލިފައިޑް މެންބަރަކަށް ވުން؛ އަދި
  2. ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމަށް ކުރިމަތިލާ ފަރާތްތަކަށް މީރާއިން ހިންގާ ކޯސް ފުރިހަމަކޮށްފައިވުން؛ އަދި
  3. މި އަކުރުގެ (2) ގައި ބަޔާންކޮށްފައިވާ ކޯސް ފުރިހަމަކުރުމުން، ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިހާނަކުން ފާސްވުން؛ އަދި
  4. އެ މީހަކީ ދިވެހިރައްޔިތެއް ނޫންނަމަ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ ސައްހަ ވަރކް ވީޒާއެއް އޮތް މީހަކަށް ވުން.

 

9 ވަނަ މާއްދާ - މީރާއިން ގަބޫލުކުރާ ޕްރޮފެށަނަލް އެކައުންޓަންސީ ބޮޑީތައް

(ހ) މި ގަވާއިދުގެ ބޭނުމަށް މީރާއިން ގަބޫލުކުރާ ޕްރޮފެށަނަލް އެކައުންޓަންސީ ބޮޑީއެއް ކަމަށް ބުނެފައި އެ ވަނީ އަންނަނިވި ޕްރޮފެށަނަލް އެކައުންޓަންސީ ބޮޑީތަކަށެވެ.

  1. ދަ އެސީސިއޭށާން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (ACCA) ؛
  2. ދަ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އޮފް ދަ ޔުނައިޓެޑް ކިންގްޑަމް (CIMA)؛
  3. ސީ.ޕީ.އޭ އޮސްޓްރޭލިއާ (CPA Australia)؛
  4. ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ސްރީލަންކާ (ICAS)؛ އަދި
  5. ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް އިންޑިއާ (ICAI)

(ށ) މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކޮށްގެން، މި މާއްދާގެ (ހ) ގައި ވާ، މީރާއިން ގަބޫލުކުރާ ޕްރޮފެށަނަލް އެކައުންޓަންސީ ބޮޑީތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދިނުމާއި ހުއްދަ ބާތިލުކުރުން

 

10 ވަނަ މާއްދާ - ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދުން

(ހ) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން 113  MIRA (ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދުން) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅާއިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަމަށް ކުރިމަތިލާ މީހަކީ ދިވެހި ދައުލަތުގެ މުއައްސަސާއެއްގެ މުވައްޒަފެއްނަމަ، މީރާއިން ހުއްދަދީފައިވާ ޓެކްސް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ވަޒީފާ އަދާކުރާ މުއައްސަސާއިން އިއުތިރާޒުނުކުރާކަން ސާފުކޮށް ބަޔާންކޮށް އެ މުއައްސަސާއިން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަމަށް ކުރިމަތިލާ މީހަކީ ދިވެހިރައްޔިތެއް ނޫންނަމަ، މީރާއިން ހުއްދަދީފައިވާ ޓެކްސް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ވަޒީފާ އަދާކުރާ ތަނުން އިއުތިރާޒުނުކުރާކަން ސާފުކޮށް ބަޔާންކޮށް އެ ތަނުން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ ތެރެއިން ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ފަރާތްތަކަށް، އެ މީހެއްގެ "ޓެކްސް އޭޖެންޓް ރަޖިސްޓްރޭށަން ނަންބަރު" ހިމެނޭ ރަޖިސްޓްރޭށާން ސެޓްފިކެޓެއް ދޫކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ބާތިލުކުރުން

(ހ) އަންނަނިވި ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ ޓެކްސް އޭޖެންޓަކަށް މި ގަވާއިދުގެ ދަށުން ދޫކޮށޤފައިވާ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. ޓެކްސް އޭޖެންޓުކަމުގެ ށަރުތެއް އެ މީހެއްގެ ކިބައިގައި ފުރިހަމަ ނުވުން؛
  2. ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދިނުމުގައި މީރާއިން ކަނޑައަޅައިފައިވާ ށަރުތަކާ އެ މީހަކު ހިލާފުވުން ނުވަތަ ޓެކްސް އޭޖެންޓުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ކަމަށް މީރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެ މީހަކު ހިލާފުވުން؛
  3. އޮޅުވައިލުމެއް އެކުލެވޭ ލިޔެކިޔުމެއް މީރާއަށް ހުށަހެޅުން؛
  4. ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ކަނޑައަޅައިފައިވާ ކުށެއް ކުރުން؛
  5. އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ށަރުއީ ކޯޓަކަށް ސާބިތުވުން؛
  6. ސާބިތު ދަރަންޏަކާ ގުޅިގެން އެ މީހެއްގެ މައްޗަށް ކުރެވިފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުން، ނުވަތަ އެ މީހަކު އިފްލާސްކުރުން؛
  7. ޕްރޮފެށަނަލް ބޮޑީއަކުން އެ މީހަކާމެދު ތައުދީބީ ފިޔަވަޅެއް އެޅުން؛
  8. މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފެންވަރު ދެމެހެއްޓުމުގެ ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވުން؛

(ށ) ޓެކްސް އޭޖެންޓަކަށް ދޫކޮށްފައިވާ ހުއްދަ މި މާއްދާގެ ދަށުން މީރާއިން ބާތިލުކޮށްފިނަމަ، 10 (ދިހައެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އަލުން އެ ފަރާތަކަށް ހުއްދަ ނުދިނުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) ޓެކްސް އޭޖެންޓަަކަށް ދޫކޮށްފައިވާ ހުއްދަ މި މާއްދާގެ ދަށުން މީރާއިން ބާތިލުކޮށްފައި ވަނީ މި ގަވާއިދާ އެއްގޮތަށް ނޫން ކަމަށް އެ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ފަދައިން ގަބޫލުކުރެވޭ ސަބަބުތަކާއި ކަމާ ގުޅޭ ލިޔެކިޔުންތަކާއެކު، ހުއްދަ ބާތިލުކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކަން ކޮމިށަނަރ ޖެނެރަލްގެ ލިޔުމުން އިލްތިމާސްކުރަންވާނެއެވެ.

(ރ) ޓެކްސް އޭޖެންޓަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމަށް އޭ އޭޖެންޓަކު އެދޭނަމަ އެ ކަމަށް އެދި ކޮމިށަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެެވެ.

 

ފަސްވަނަ ބާބު

ޓެކްސް އޭޖެންޓުން އައްޔަންކުރުމާއި ވަކިކުރުން

 

12 ވަނަ މާއްދާ - ޓެކްސް އޭޖެންޓުން އައްޔަންކުރުން

(ހ) ޓެކްސް ދައްކާ ފަރާތަކުން މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ޓެކްސް އޭޖެންޓަކު އައްޔަންކުރާނަމަ 114 MIRA (ޓެކްސް އޭޖެންޓު އައްޔަންކުރުން) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މީރާއިން ހުށަހެޅުމުގެ ކުރިން ޓެކްސް އޭޖެންޓަަކު އެއްވެސް ޓެކްސް ދައްކާ ފަރާތެއް ތަމްސީލުކޮށްގެން ނުވާނެއެވެ.

(ނ) ޓެކްސް ދައްކާ ފަރާތަކަށް، އެ ފަރާތުގެ ޓެކްސް އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދޫކޮށްފައިވާ 1 (އެކެއް) ޓެކްސް އޭޖެންޓެވެ.

 

13 ވަނަ މާއްދާ - ޓެކްސް އޭޖެންޓުން ވަކިކުރުން ނުވަތަ ޓެކްސް އޭޖެންޓުކަމުން ވަކިވުން

(ހ) ޓެކްސް ދައްކާ ފަރާތަކުން އައްޔަންކޮށްފައިވާ ޓެކްސް އޭޖެންޓަކު އެ ކަމުން ވަކިކުރުމަށް އެދޭނަމަ އެ ކަން ކޮމިށަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) ޓެކްސް އޭޖެންޓަކު ޓެކްސް ދައްކާ ފަރާތެއް ތަމްސީލުކުރުން ހުއްޓާލަން އެދޭނަމަ އެ ކަން ކޮމިށަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޓެކްސް އޭޖެންޓަކު ވަކިކުރުމަށް ނުވަތަ ވަކިވުމަށް އެދި ހުށަހެޅުމެއް ލިބިއްޖެނަމަ، ޓެކްސް ދައްކާ ފަރާތުން އެ ޓެކްސް އޭޖެންޓު އައްޔަންކޮށްފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާ ކަން، ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މީރާއިން އެ ދެ ފަރާތަށް އަންގަންވާނެއެވެ.

(ރ) މި މާއްދަގެ (ހ) ނުވަތަ (ށ) ގެ ދަށުން އެންގުމެއް ނާންގާހާ ހިނދަކު، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް ދައްކާ ފަރާތުން ޓެކްސް އޭޖެންޓުން އައްޔަންކޮށްފައި އޮތް އޮތުން ދެމިއޮތްކަމުގައި ބެލެވޭނެއެވެ.

 

14 ވަނަ މާއްދާ - ޓެކްސް ދައްކާ ފަރާތާބެހޭ މައުލޫމާތު ޓެކްސް އޭޖެންޓުންނަށް ހާމަކުރުން

ޓެކްސް ދައްކާ ފަރާތަކުން ޓެކްސް އޭޖެންޓަކު އައްޔަންކޮށްފިނަމަ، އެއީ އެ ފަރާތާބެހޭ މައުލޫމާތު އެ ޓެކްސް އޭޖެންޓަކަށް ހާމަކުރުމަށް ދީފައިވާ، ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދައެއް ކަމަށް ބެލެވޭނެއެވެ.

 

ހަވަނަ ބާބު

ޓެކްސް އޭޖެންޓުންގެ ސުލޫކީ މިންގަނޑު

 

15 ވަނަ މާއްދާ - ޓެކްސް އޭޖެންޓުންގެ ސުލޫކީ މިންގަނޑު

މި ގަވާއިދުގެ ދަށުން ހުއްދަ ކޮންމެ ޓެކްސް އޭޖެންޓަކު ވެސް ތިރީގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

(ހ) ކޮންމެ ޓެކްސް އޭޖެންޓަކީ ވެސް މަސައްކަތުގެ އަހުލާގު ހިފަހައްޓާ، ތެދުވެރި އަދި އިހްލާސްތެރި މީހަކަށްވާންވާނެއެވެ. އަދި އޭނާއަކީ މީރާއާއެކު މުއާމަލާތްކުރުމުގައި މީރާއަށް ފުރިހަމައަށް އެއްބާރުލުން ދޭ މީހަކަށްވާންވާނެއެވެ. ޓެކްސް އޭޖެންޓަކު ޓެކްސް ދައްކާ ފަރާތްތަކަށް ދޭ މައުލޫމާތު ވާންވާނީ، އޭނާއަށް އެނގިހުރި މިންވަރަކުން އަދި އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި، ސައްހަ މައުލޫމާތަށެވެ.

(ށ) ޓެކްސް އޭޖެންޓުކަމުގެ ހިދުމަތްދިނުމުގައި ޓެކްސް އޭޖެންޓަކަށް ލިބޭ އެއްވެސް މައުލޫމާތެއް އޭނާގެ އަމިއްލަ ފައިދާއަކަށް ނުވަތަ އެ މައުލޫމާތު ރައްދުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ފައިދާއަކަށް ބޭނުންކޮށްގެންނުވާނެއެވެ.

(ނ) ޓެކްސް ދެއްކުމަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް، ޓެކްސް ދައްކާ ފަރާތުން ޓެކްސް އޭޖެންޓާ ހަވާލުކުރާ ފައިސާ އެ ޓެކްސް އޭޖެންޓު ބޭނުންކޮށްގެންނުވާނެއެެވެ. އަދި އެ ފައިސާ މީރާއަށް ނުވަތަ އެ ފައިސާ ދައްކަންޖެހޭ ތަނަކަށް ދެއްކި ކަމުގެ ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތާ ހަވާލުކުރަންވާނެއެވެ.

(ރ) ޓެކްސް އޭޖެންޓު އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ ޕްރޮފެށަަނަލްކަމާ އެކުގައެވެ. އަދި ޓެކްސް އޭޖެންޓެއްގެ ގައިގައި ހުންނަންޖެހޭ ފެންވަރު ދެމެހެއްޓުމަށް، ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކާ ޓެކްސް ރޫލިންގތަކަށް އަހުލުވެރިވާންވާނެއެވެ.

(ބ) ޓެކްސް އޭޖެންޓުކަމުގެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓެކްސް އޭޖެންޓުންގެ މުވައްޒަފުންނަކީ ވެސް ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކާއި ޓެކްސް ރޫލިންގތަކަށް އަހުލުވެރި ބަޔަކަށްވާންވާނެއެވެ.

(ޅ) ޓެކްސް ބަޔާންތަކާއި މާލީ ހިސާބުތަކާއި މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން  ލިޔެކިޔުންތައް ތައްޔާރުކޮށްފައި ވަނީ އެ ކަމުގައި އަމަލުކުރުމަށް މީރާއިން ކަނޑައަޅައިފައިވާ ގޮތަށް ކަން ޓެކްސް އޭޖެންޓު ކަށަވަރުކުރަންވާނެއެވެ.

(ކ) މީރާއިން ނިންމާ ނިންމުމަކަށް ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ، އެ އިއުތިރާޒުކުރާ ސަބަބުތަކަކީ އެ ކަމާމެދު އިއުތިރާޒުކުރެވޭނެ އަދި އެ ކަމަށް އެކަށޭނަ ސަބަބުތަކެއްތޯ ޓެކްސް އޭޖެންޓު ބަލަންވާނެއެވެ.

(އ) މީރާއިން މައުލޫމާތެއް ހޯދަން އެދިއްޖެނަމަ އެ މައުލޫމާތު ފުރިހަމައަށް ޓެކްސް އޭޖެންޓު ފޯރުވައިދޭންވާނެއެެވެ.

(ވ) ޓެކްސް ދައްކާ ފަރާތްތަކަށް ލަފާދިނުމުގައި ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކާއި ޓެކްސް ރޫލިންގތަކަށް ފުރިހަމައަށް ރިއާޔަތްކުރަންވާނެއެވެ.

(މ) ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ޓެކްސް އޭޖެންޓު، ޓެކްސް ދައްކާ ފަރާތްތަކަށް އޮޅުންފިލުވައިދޭންވާނެއެވެ.

(ފ) ޓެކްސް ދެއްކުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ބެހެއްޓުމަށް ޓެކްސް ދައްކާ ފަރާތަށް ލަފާދިނުމާއެކު، ޓެކްސް ދައްކާ ފަރާތްތަކުން އަދާކުރަންޖެހޭ އެކިއެކި އިލްތިޒާމުތައް އަދާނުކޮށްގެން ދައްކަންޖެހިދާނެ ޖޫރިމަނާ ނުވަތަ ކުރިމަތިލާންޖެހިދާނެ އަދަބުތައް ޓެކްސް ދައްކާ ފަރާތަށް ޓެކްސް އޭޖެންޓު އޮޅުންފިލުވައިދޭންވާނެެއެވެ.

 

ހަތްވަނަ ބާބު

އާންމު މާއްދާތައް

 

16 ވަނަ މާއްދާ - ގާނޫނުގެ ދަށުން ޓެކްސް އޭޖެންޓުން ރަޖިސްޓަރީކުރުން

ޓެކްސް ރޫލިންގ 2013-TR/A1 ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް، ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މި ގަވާއިދުގެ ދަށުން ދޫކުރެވޭ ހުރިހާ ފަރާތަކުންވެސް ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އަހަރީ ރިޕޯޓު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ހުއްދަ ދޭ ކޮންމެ ޓެކްސް އޭޖެންޓަކު ވެސް، ފާއިތުވި އަހަރު އެ އޭޖެންޓު ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު އަންގައިދޭ އަހަރީ ރިޕޯޓެއް މީރާއިން ކަނޑައަޅާ ނަމޫމާ އަކާ އެއްގޮތަށް، ކޮންމެ އަހަރެއްގެ 31 މާރިޗުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ފެންވަރު ދެމެހެއްޓުމުގެ ޕްރޮގްރާމް

މި ގަވާއިދުގެ ދަށުން ހުއްދަ ދޭ ކޮންމެ ޓެކްސް އޭޖެންޓަކު ވެސް، ޓެކްސް އޭޖެންޓުންގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން މީރާއިން ހިންގާ ޕްރޮގްރާމް ފުރިހަމަކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ޓެކްސް އޭޖެންޓުންހެ ލިސްޓު އާންމުކުރުން

މި ގަވާއިދުގެ ދަށުން މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓުންގެ ދަފުތަރު މީރާގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ޓެކްސް އޭޖެންޓުންގެ ގޮތުގައި އިސްތިހާރުކުރުން.

ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މީރާއިން ދީފައިވާ މީހަކު މެނުވީ، ޓެކްސް އޭޖެންޓުކަމުގެ ހިދުމަތް ފޯރުވައިދޭ ކަމަށް ނުވަތަ އެ މީހަކީ ޓެކްސް އޭޖެންޓެއް ކަމަށް އެއްވެސް ސިފައެއްގައި އިސްތިހާރުކޮށްގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ - އުވާލެވޭ ގަވާއިދު

ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 65 ވަަނަ މާއްދާ އަދި 66 ވަނަ މާއްދާ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އުވުނީއެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު:

"ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްށޭށަނަށެވެ.

"މީރާ" ކަމަށް ބުނެފައި އެ ވަނީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

"ގާނޫނު" ކަމަށް ބުނެފައި އެ ވަނީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށް، އިބާރާތްކުރުމުގައި، ގިނަނަމުގެ ތެރޭގައި އެކަހެރި ނަން އަދި އެކަހެރި ނަމުގެ ތެރޭގައި ގިނަނަން ހިމެނެއެވެ.  

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

އުވުނު ގަވާއިދު

ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 65 ވަަނަ މާއްދާ އަދި 66 ވަނަ މާއްދާ

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ނޫނު ނަންބަރު 2010-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު