-

ޓޯޗަރކުރެވޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 37/2014)

 

1 ވަނަ މާއްދާ – ތައާރަފު

މިއީ، ޓޯޗަރ ކުރެވެމުންދާ ނުވަތަ ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. މި ގަވާއިދު އެކުލަވައިލާފައިވަނީ ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ގާނޫނު)ގެ 46 ވަނަ މާއްދާގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ "ޓޯޗަރ ކުރެވޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޓޯޗަރގެ އަމަލެއް ނުވަތަ އަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގު ފަހިކުރަން.

(ށ) ޓޯޗަރ ކުރެވޭ ފަރާރްތަކުގެ ހައްގުތައް ފުރިހަމައަށް ލިބިދީ ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފުރިހަމައަށް ލިބިދިނުން.

(ނ) ބަންދުގައި ތިބޭ ފަރާތްތަކާއި ރާއްޖެއިން ބޭރަށް ފުރުވާލަން ޖެހޭ ފަރާތްތަކަށް އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން ލިއްބައިދިނުން.

(ރ) ޓޯޗަރ އިން ސަލާމަތްވެފައިވާ ވެށްޓެއް ގާއިމުކުރުން.

 

4 ވަނަ މާއްދާ – ކޮމިށަނުން ކަށަވަރުކުރަންޖެހޭ ކަންކަން

މި ގަވާއިދުގެ ދަށުން ކޮމިށަނުން ބަލައި ކަށވަރުކުރަންޖެހޭ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

(ހ) ޓޯޗަރ ކުރެވޭ ނުވަތަ ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ސިއްހީ ފަރުވާގެ ކަންކަން އެންޓިތޯޗަރގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ކުރިޔަށް ދާ މިންވަރު.

(ށ) ޓޯޗަރ ކުރެވޭ ނުވަތަ ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ރާއްޖެއިން ބޭރަށް ފުރުވާލަން ޖެހޭ ހާލަތެއްގައި ގާނޫނީ ގުތުން ކަށަވަރުކުރަން ޖެހޭ ކަންކަން ކަށަވަރުކުރެވިފައިވާ މިންވަރު.

(ނ) ބަންދުގައި ބޭއްތިއްބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުމާއި ބަންދުގައި ބެހެއްޓިފައިވާ ތަނުގެ ހާލަތު ވަޒަންކުރުން.

 

5 ވަނަ މާއްދާ – ބަންދުގައި ބެހެއްޓިފައިވާ ފަރާތްތަކުގެ ސިއްހީ ފަރުވާގެ އިންތިޒާމް ހަމަޖައްސައި ދިނުން

(ހ) ބަންދުގެ މުއްދަތު 24 ގަޑިއިރަށް ވުރެން ދިގުވެއްޖެ ހިނދެއްގައި، އެ 24 ގަޑިއިރު ހަމަވުމަށްފަހު، ބަންދުގައި ބެހެއްޓިފައިވާ ފަރާތަކުން އޭނާ ބަންދުކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަށް ދެއްކުމަށް އެދިއްޖެ ނަމަ، އަންނަނިވި ގޮތުގެ މަތިން އޭނާއަށް އެ ފުރުސަތު ހަމަޖައްސައި ދޭންވާނެއެވެ.

  1. ބަންދުކޮށްފައި ހުރި ތަން ފިޔަވައި އެންމެ އަވަހަށް ސިއްހީ ހިދުމަތް ލިބެންހުރި މަރުކަޒެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
  2. ބަންދުކޮށްފައި ހުރި ތަން ފިޔަވައި އެންމެ ކައިރީގައިވާ ސިއްހީ ހިދުމަތްދޭ މަރުކަޒުގައި އޭނާގެ ބައްޔާގުޅޭ ފަރުވާ ލިބެން ނެތްނަމަ ނުވަތަ އެ ފަދަ ބައްޔަކަށް ފަރުވާ ކުރުމަށް އެކަށީގެން ނުވާނަަމަ، ދެން އެންމެ ކައިރިން އެ ހިދުމަތް ލިބިގަނެވޭނެ ތަނެއް ދެނެގަތުމަށްފަހު އެތަނަކުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން.


(ށ) މި މާއްދާގެ (ހ)ގެ ދަށުން ބަންދުގައިވާ މީހާ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ދެއްކުމުން އޭނާގެ ބަލީގެ ބާވަތަށާއި ސިއްހީ ހާލަތު ހުރިގޮތަށް ބަލައި އެ އަށްވުރެ މަތީ ފަންތީގެ ސިއްހީ ހިދުމަތްދޭ އެހެން ތަނަކަށް ދައްކަން ޖެހޭ ކަމަށް ލަފާ ދީފި ނަމަ އެ އިންތިޒާމު އޭނާ ބަންދުގައި ބެހެއްޓި ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ.

(ނ) މި މާއްދާގެ ދަށުންނާއި މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ޑޮކްޓަރަށް ދައްކާ ކޮންމެ ފަރާތަކާ ގުޅޭ ގޮތުން މެޑި ކޯ ލީގަލް ޑޮކިއުމަންޓެއް އެ މީހަކު ޑޮކްޓަރަށް ދައްކާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ފރިހަމަ ކުރަންވާނެއެވެ. އަދި އެ ރިޕޯޓް ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބެން ހުރިކަން ސިއްހީ ވުޒާރާ މެދުވެރިކޮށް ކޮމިށަނުން ކަށަވަރުކުރަން ވާނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ނ) ގައި ބުނެފައިވާ ރިޕޯޓުގައި ހުންނަންޖެހޭނެ މައުލޫމާތުތަކާއި ބައިތައް، ސިއްހީ ވުޒާރާގެ މަށްވަރާއާއެކު ކޮމިށަނުން ކަނޑައަޅަންވާނެއެވެ. އަދި މި ގޮތުން ކަނޑައަޅާ ބައިތައް އިސްލާހު ކުރަން ޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި ސިއްހީ ވުޒާރާގެ މަށްވަރާގެ މަތިން އިސްލާހުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ – ބަންދުން ދޫކޮށްލެވޭ ފަރާތްތަކުގެ ސިއްހީ ފަރުވާގެ އިންތިޒާމު ހަމަޖައްސައި ދިނުން

(ހ) ބަންދުގައި ބެހެއްޓިފައިވާ ފަރާތެއް ބަންދުން ދޫކޮށްލާތާ 24 ގަޑިއިރު ހަމަ ވުމުގެ ކުރިން އޭނާގެ ސިއްހީ ހާލަތު ހުރިނެތް ގޮތް ބެލުމަށް އޭނާ ބަންދުގައި ބަހައްޓައިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ދެއްކުމަށް އެދެފި ނަމަ އޭނާ އެކަމަކަށް އެދޭތާ 24 ގަޑި އިރުވުމުގެ ކުރިން އަންނަނިވި ހަމަތަކުގެ މަތިން އޭނާ ބަންދުގައި ބެހެއްޓި ފަރާތުން އެެ ކަމުގެ އިންތިޒާމް ހަމަޖައްސައި ދޭންވާނެއެވެ.

  1. ބަަންދުކޮށްފައި ހުރި ތަން ފިޔަވައި އެންމެ އަވަހަށް ސިއްހީ ހިދުމަތް ލިބެންހުރި މަރުކަޒެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
  2. ބަންދުކޮށްފައި ބެހެއްޓުނު ތަނާ އެންމެ ކައިރީގައިވާ ސިއްހީ ހިދުމަތްދޭ މަރުކަޒު ނުވަތަ ބަންދުން ދޫކޮށްލުމަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަނާ އެންމެ ކައިރީގައިވާ ސިއްހީ ހިދުމަތްދޭ މަރުކަޒަކީ އޭނާގެ ބައްޔާގުޅޭ ފަރުވާ ލިބެން ނެތް ތަނެއްނަމަ ނުވަތަ އެ ފަދަ ބައްޔަކަށް ފަރުވާ ކުރުމަށް އެކަށީގެން ނުވާ ފަދަ ތަނެއްނަމަ، ދެން އެންމެ ކައިރިން އެންމެ އަވަހަށް، އެއަށްވުރެ މަތީ ފަންތީގެ ނުވަތަ ފެންވަރެއްގައި ސިއްހީ ހިދުމަތް ދެވެންހުރި އެހެން ތަނަކުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
  3. މިމާއްދާގައިވާ ގޮތުގެ މަތިން ޑޮކްޓަރަށް ދެއްކުމަށް އެދޭ ފަރާތްތައް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދީ އެފަދައިން ޑޮކްޓަރަށް ދައްކާ އެންމެހައި ފަރާތްތަކުގެ ރިކޯޑު ތަފްސީލުކޮށް ލިޔެކިޔުމުން ފެންނަން ހުންނާނެ ގޮތަށް ބަލަހައްޓަންވާނެއެވެ،

 

7 ވަނަ މާއްދާ – ސިއްހީ ފަރުވާއަށް ހިނގާ ހަރަދު

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބުނެފައިވާ އެންމެހައި ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމާއި ދަތުރުތައް ހަމަޖައްސައި ދޭންވާނީ ބަންދުގައި ބެހެއްޓި ފަރާތުގެ ހަރަދުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެެން އޮތް ނަމަވެސް ޑޮކްޓަރަށް ދެއްކުމާއި ސިއްހީ ހާލަތާ ގުޅިގެން ހަދަން ޖެހޭ އެކި އެކި ޓެސްޓްތައް ހެދުން ފަދަ ކަންކަމަށް ހޭދަވާ ފައިސާ ދައްކާނީ އެ ކަމަށް އެދުނު ފަރާތުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް ޑޮކްޓަރަށް ދައްކަން އެދޭ ފަރާތަށް އަމިއްލައަށް ހަރަދު ނުކުރެވޭނަމަ، ނުވަތަ އެފަރާތަކީ ހެލްތު އިންށުއަރެންސެއް ނެތް ފަރާތެއްކަމަށް ބުނާ ނަމަ އޭނާގެ ކެރި ފޯރުން ތެރިކަން ހުރި މިންވަރު ކަނޑައެޅުމަށްޓަކައި ލަސްނުކޮށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

 

8 ވަނަ މާއްދާ – ޑޮކްޓަރަށް ދެއްކުމުގެ ހަރަދަށް ދައުލަތުން ޒިންމާވުން

(ހ) ބަންދުގައިވާ މީހަކު ނުވަތަ ބަންދުން ވީއްލާތާ 24 ގަޑި އިރު ހަމަވުމުގެ ކުރިން ޑޮކްޓަރަށް ދެއްކުމަށް އެދޭ މީހާއަކީ އެކަމަށް ހޭދަވާ ހަރަދު ދެއްކޭނެ ވަރުގެ ތަނަވަސްކަން ނެތް މީހެއްކަން ކޮމިށަނުން ކަނޑައަޅައިފިނަމަ ދައުލަތުގެ ހަރަދުގައި އެފަދަ އެންމެހައި ހަރަދުތައް ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް ހިނގާ ހަރަދުތައް ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭނީ އޭނާ ބަންދުގައި ބެހެއްޓި ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ)ގެ ދަށުން ޑޮކްޓަރަށް ދެއްކުމަށް ހިނގާ ހަރަދު ކުރެވޭނެ މީހެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކޮމިށަނުން އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އޭނާގެ ފަރުވާއަށް ނުވަތަ ޑޮކްޓަރަށް ދެއްކުމަށް ހިނގާ ހަަރަދު އާސަންދައިން ނުވަަތަ ދައުލަތުގެ ފަރާތުން ނުވަތަ އެނޫންވެސް ގަޮތަކުން އޭނާއަށް ލިބިދޭ އިންށުއަރެންސަކުން ކަވަރު ކުރޭތޯއާއި އެފަދަ އިންށުއަރެންސަކުން އަދާ ކުރެވޭ ވަރަށްވުރެ ބޮޑުވޭތޯ ނުވަތަ ނޫންތޯ ބެލުން.
  2. އޭނާއަށް އާމްދަނީ ލިބޭ މިންވަރާއި ވަސީލަތްތަކާއި އާންމު ދިރިއުޅުމުގެ ފެންވަރާއި ހާލަތު ދެނެގަތުން.
  3. ށަރުއީ ގޮތުން އޭނާ ބަލަންޖެހޭ މީހުންގެ އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރަށް ބެލުން.

 

9 ވަނަ މާއްދާ – ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބުމަށް ތަންތަން ކަނޑައެޅުން

(ހ) ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް އާ ތަނެއް ކަނޑައަޅާނަމަ، އެތަނެއްގެ މައުލޫމާތު އެތަން ބޭނުންކުރަން ފެށުމުގެ ކުރިން ކޮމިށަނަށް އަންގަންވާނެއެވެ. އަދި އެފަދަ ތަނަކީ ނުވަތަ ތަންތަނަކީ އެކަމަށް އެކަށީގެންވާ ތަނެއް ނުވަތަ ތަންތަންކަން ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް އަލަށް އެއްވެސް ތަނެއް ކަނޑައަޅައި ކޮމިށަނަށް ހުށަހަޅާ ތަނަކީ ނުވަތަ ތަންތަނަކީ އެކަމަށް އެކަށީގެންވާ ތަނެއް ނުވަތަ ތަންތަން ކަން ކޮމިށަނަށް ފެންނަ ނަމަ ބަންދުގެ މަރުކަޒެއްގެ ގޮތުގައި އެތަނެއް ނުވަތަ ތަންތަން ހަމަޖެހިފައިވާ ކަމުގެ ރަސްމީ ލިޔުމެއް ކޮމިށަނުން އެކަމަށް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ. އަދި އެ ފަދަ ތަނެއް ނުވަތަ ތަންތަނަކީ އެކަމަށް އެކަށީގެންނުވާ ތަނެއް ނުވަތަ ތަންތަން ކަމަށް ވާނަމަ އެކަމަށް ހުށަހެޅި ފަރާތަށް ސަބަބު ބަޔާންކޮށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މީހުން ބަންދުކުރުމަށް ކަނޑައަޅައިފައިވާ ތަނެއް އުވާލާނަމަ ނުވަތަ އެހެން ހާލަތަކަށް ބަދަލުކުރާނަމަ އެކަމުގެ މައުލޫމާތު ލަސްނުކޮށް ކޮމިށަނަށް އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ – ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް ކަނޑައަޅައިފައިވާ ތަނަކީ އެކަށިގެންނުވާ ތަނެއްގެ ގޮތުގައި ކަނޑައެޅުން

(ހ) ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް ކަނޑައަޅައިފައިވާ ތަނަކީ އެކަމަށް އެކަށީގެންނުވާ ތަނެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ އެފަދަ ތަނަކީ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމުގައި ކަނޑައެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)ގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް އެކަށީގެންނުވާ ތަނެއް ކަމުގައި ކޮމިށަނުން ކަނޑައަޅާ ތަނަކީ މީހުން ބޭތިއްބުމަށް އެކަށޭނަ ތަންތަން ކަމުގައި އަލުން ހަމަޖެއްސޭނީ ކޮމިށަނުން ފުރިހަމަ ކުރުމަށް އަންގާ ކަންކަން ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމުން ކޮމިށަނުން އެތަނެއް އަލުން ބެލުމަށްފަހު އެ ތަނަކީ މީހުން ބޭތިއްބުމަށް އެކަށޭނަ ތަނެއްގއ ގޮތުގައި ކަނޑައެޅުމުންނެވެ.

(ނ) ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ކުރިން އެންގުމަކާ ނުލައި ޒިޔާރަތްކޮތް ބަލައި އެތަންތަނުގެ ހާލަތު ދެނެގަތުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާލެވޭ ހާލަތުގައި ބަލަންޖެހޭ ކަންކަން

(ހ) ބިދޭސީއަކު ރާއްޖެއިން ބޭރަށް ނުވަތަ އޭނާ ނިސްބަތްވާ ގައުމަކަށް ފޮނުވާލަން ޖެހިއްޖެ ހާލަތެއްގައި އެގައުމަކަށް އޭނާ ގޮސްފިނަމަ ޓޯޗަރގެ ށިކާރައަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ގާނޫނު ނަންބަރު 13/2013 (އެންޓި ތޯޗަރ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތަކުން ބުނެފިނަމަ ނަވަތަ އެފަރާތްތަކުން ކުރެ ފަރާތަކުން ދޭ މައުލޫމާތެއްގެ އަލީގައި އެފަދަ ފުރުސަތެއް އޮތް ކަމަށް ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި އެމީހަކު އެގައުމަކަށް ނުފޮނުވުމަށް ނިންމުމާއި ކަމާބެހޭ ފަރާތްތަކަށް އެކަން އެނގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)ގައި ބުނާ ފަދަަ ފުރުސަތެއް އޮތް މިންވަރަށް ބަލައި، ބިދޭސީއަކު އޭނާ ނިސްބަތްވާ ގައުމަކަށް ނުފޮނުވުމަށް ކޮމިށަނުން ނިންމަންވާނީ އެމީހަކު އެކަމަށް އިންކާރު ނުކުރާނަމައެވެ.

 

12 ވަނަ މާއްދާ – ޓޯޗަރގެ ބިރު އޮތްކަމަށް ނިންމުން

ބިދޭސީއަކު ރާއްޖެއިން ބޭރަށް ފޮނުވާލަން ޖެހޭ ހާލަތުގައި އޭނާ ނިސްބަތްވާ ގައުމަކީ ނުވަތަ ފޮނުވާލުމަށް ހަމަޖެހިފައިވާ ގައުމަކީ ޓޯޗަރގެ އަމަލެއް އޭނާއަށް ކުރިމަތިވުމުގެ ފުރުސަތު އޮތް ގައުމެއްކަން ނަވަތަ ނޫންކަން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

(ހ) އެ ގައުމުގައި ދާހިލީ ހަނގުރާމައެއް ހިނގައި ގާނޫނީ ސަރުކާރުގެ ބާރު ކުޑަވެފައިވާ ނުވަތަ ކެނޑިފައިވާ ހާލަތަށް ގޮސްފައިވުން.

(ށ) ދީނީ ނުވަތަ ނަސްލީ ބައިބައިވުންތަކުގެ ސަބަބުން ބޮޑު ހަމަނުޖެހުމެއް ނުވަތަ ލޭ އޮހޮރުވުމެއް ހިނގަމުންދިއުން.

(ނ) ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާ ފަރާތްތަކަށް ނުވަތަ ގައުމުން ބޭރުން ނަންނަ ފަރާތްތަކަށް އިހާނެތިކޮށް ހިތާކަމަށް ފާހަގަ ކުރެވޭ ގައުމެއްކަމުގައިވުން ނުވަތަ އެފަދަ ހާލަތަކަށް ކޮންމެވެސް ސަބަބަކާ ހުރެ ވަގުތީ ގޮތުން ނަމަވެސް ގޮސްފައިވާ ގައުމަކަށްވުން.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބުނެފައިވާ ކަންތައްތަކުގެ އިތުރުން ފާހަގަ ކުރަން ޖެހޭ އެހެން ކަންތައްތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި އެންޓި ޓޯޗަރ ގާނޫނުގެ 42 މާއްދާގެ (ށ)ގައި ބުނާ މުއައްސަސާތައް ހިމެނޭގޮތަށް އެމް.އޯ.ޔޫއެއް ނުވަތަ އެއްބަސްވުމެއް ކޮމިށަނުން އެކުލަވާލަންވާނެއެވެ.

 

13 ވަނަ މާއްދާ – ޓޯޗަރގެ އަމަލަކަށް ފުރުސަތު އޮތުމުގެ ސަބަބުން ރާއްޖޭގައި ބައިތިއްބާ ބިދޭސީންގެ ހައްގުތައް

ޓޯޗަރގެ ށިކާރައަކަށްވުމުގެފުރުސަތު އޮތުމުގެ ސަބަބުން އެ މީހަކު ނިސްބަތްވާ ނުވަތަ ފޮނުވާލުމަށް ހަމަޖެހިފައިވާ ގައުމަކަށް ފޮނުވާނުލައި ރާއްޖޭގައި ބައިތިއްބާ ބިދޭސީންގެ އަންނަނިވި ހައްގުތައް ކޮމިށަނުން ކަށވަރު ކުރަންވާނެއެވެ.

(ހ) ބޯހިޔާވެހިކަމާއި ކެއިން ބުއިމުގެ ކަންކަން އޭނާގެ އަމިއްލަ ފުދުންތެރިކަމާއެކު ހަމަޖެއްސޭނެ ގޮތް ފަހިކޮށްދިނުން.

(ށ) ސިއްހީ ފަރުވާ ދަތިކަމެއް ނެތި އޭނާގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހަމަޖެއްސެމުންދާކަން.

(ނ) އެ މީހަކު ކުރަން ބޭނުން މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން ކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިފައިވާ މިންވަރު.

(ރ) އޭނާގެ ޖާނަށާއި މާލަށް ރައްކާތެރިކަން ލިބިފައިވާ މިންވަރު.

(ބ) އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް އޭނާއާމެދު އެންމެހައި ކަންކަން ހަމަޖެހިފައިވާ މިންވަރު.

 

14 ވަނަ މާއްދާ – ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން

(ހ) ޓޯޗަރގެ ށިކާރައަކަށްވުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އެ މީހަކު ނިސްބަތްވާ ނުވަތަ ފޮނުވާލުމަށް ހަމަޖެހިފައިވާ ގައުމަކަށް ފޮނުވައިނުލައި ރާއްޖޭގައި ބައިތިއްބާ ބިދޭސީންނަށް ލިބިދޭން ޖެހޭކަމަށް މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ހައްގަކުންކުރެ ހައްގެއް އުނިވެފައިވާނަމަަ ނުވަތަ އުނިވެދާނެކަމުގެ ބިރު އޮތްނަމަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަމެއް ގެނައުމުން އެކަމަށް އަވަސް ހައްލެއް ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތްކުރަންވާނެއެވެ.

(ށ) ޓޯޗަރގެ ށިކާރައަކަށްވުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އެއ މީހަކު ނިސްބަތްވާ ނުވަތަ ފޮނުވާލުމަށް ހަމަޖެހިފައިވާ ގައުމަކަށް ފޮނުވައިނުލައި ރާއްޖޭގައި ބަހައްޓައިފައިވާ ބިދޭސީއަކު ދިރިއުޅެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި އޭނާ ހުރެއްޖެނަމަ އޭނާގެ ނަފްސަށް ނުވަތަ މުދަލަށް އެެއްވެސް ނުރައްކަލެއް އޮތް ކަމަށް ކޮމިށަނަށް ފެނިއްޖެނަމަ ކަމާ ބެހޭ ފަރާތްތަކަށް އެ މީހަކު އެހެން ރަށަކަށް ނުަވަތ ތަނަކަށް ބަދަލުކުރުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ – ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާހައި ހިނދަކު:

· "ކޮމިށަން" ކަމުގައި ބުނެފައި އެވަނީ، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.

· "ޓޯޗަރ" ކަމަށް ބުނެފައި އެވަނީ، މާއްދީ އަނިޔާއާއި ޖިސްމާނީ އަނިޔާއާއި ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުތަކަށެވެ.

· "ސިއްހީ ހިދުމަތްދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ހޮސްޕިޓަލް، ސިއްހީ މަރުކަޒު، އަދު ހެލްތު ޕޯސްޓު ފަދަ އެންމެހައި ތަންތަނަށެވެ.

· "ބަންދުގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކުރު ނުވަތަ ދިގު މުއްދަތަކަށް ނުވަތަ ވަގުތީ ގޮތުން ވިޔަސް މީހުން ގައިދުކޮށްފައި ނުވަތަ ހިފައި ހައްޔަރުކޮށްފައި ބައިތިއްބާ ކޮންމެ ތަނަކަށެވެ.

· "ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ތެރޭގައި ހިމެނޭ އެންމެހައި މިނިވަން މުއައްސަސާތަކާއި، ވުޒާރާތަކާއި، އިދާރާތަކާއި، ޑިޕާޓްމަންޓްތަކަށެވެ.

 

16 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ކޮމިށަނުން މި ގަވާއިދު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ – ގަވާއިދު ހަދާ ހިންގާ ފަރާތް

މި ގަވާއިދު ހަދައި ހިންގާނީ، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިންނެވެ.

 

މައި ގާނޫނު

އެންޓި ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 13/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު