-

ޕޮލިސް އިންޓެގްރިޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 39/2014)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 47 ވަނަ މާއްދާގައި މި ކޮމިށަނުން އެކިއެކި މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު އެކުލަވައިލުމަސް ކޮމިށަނުން ދީފައިވާ ބާރުގެ ދަށުން އެކުލަވައިލި ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޕޮލިސް އިންޓެގްރިޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - ކޮމިށަނުން ތަހުގީގުކުރުމަށް ހަމަޖެހިފައިވާ މައްސަލަތައް

ކޮމިށަނުން ތަހުގީގުކުރުމަށް ހަމަޖެހިފައިވާ މައްސަލަތައް ތިރީގައި މިވަނީއެވެ.

(ހ) ފުލުހުންގެ ގާނޫނު ގެ 23 ވަނަ މާއްދާއާގުޅޭގޮތުން ތިރީގައި މިވާކަންކަން ތަހުގީގުކުރުން.

  1. ފުލުހަކު މީހަކަށް އަނިޔާއެއް ކޮށްފިކަމަށް ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް އެ މީހަކާމެދު އަމަލުކޮށްފިކަމަށް ބުނެ އެމީހަކު ހުށަހަޅާ މައްސަލަތައް.
  2. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފުލުހުންގެ ފަރާތުން ހުށަހަޅާ ށަކުވާތަކާ ބެހޭގޮތުން އެސަރވިސްއިން ނިންމާ ނިންމުންތަކާގުޅިގެން ތަހުގީގުކުރުމަށް މިނިސްޓަރ ހުށަހަޅާ މައްސަލަތައް.
  3. މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅޭގޮތުން ތަހުގީގުކުރުމަށް މިނިސްޓަރ ހުށަހަޅާ މައްސަލަތައް.
  4. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ފުލުހުންނާ ބެހޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާ ށަކުވާތައް.
  5. ފުލުހަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެރފައިވާކަމަށްބުނެ އެއްވެސް ފަރާތަކުން ހުށަހަޅާ މައްސަލަތައް.

(ށ) ފުލުހުންގެ ގާނޫނު ގެ 41 ވަނަ މާއްދާގެދަށުން ކޮމިށަނަށް ހުށަހެޅޭ ތިރީގައި މިވާ ކަންކަން ތަހުގީގުކުރުން.

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެދަށުގައިވާ މީހަކު މަރުވުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެދަށުގައިވާ މީހަކަށް ނުރައްކާތެރި ޖިސްމާނީ އަނިޔާއެއް ލިބުން.
  2. ފުލުހަކު، މީހެއްގެ ފުރާނައަށް ނުރައްކާތެރި ވެދާފަދަ ހަތިޔާރެއް ގަވާއިދާ ހިލާފަށް ބޭނުންކުރުން.
  3. ފުލުހަކު، ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެއްވެސް މީހަކު މަރުވުން ނުވަތަ މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުން.
  4. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލުން

(ނ) ފުލުހުންގެ ގަނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޮމިށަނުން ތަހުގީގުކުރާ މައްސަލަތައް.

(ރ) ގާނޫނު ނަންބަރު 1/2013 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ކޮމިށަނުން ތަހުގީގުކުރަންޖެހޭ މައްސަލަތައް.

 

3 ވަނަ މާއްދާ - ކޮމިސަނުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް.

ކޮމިށަނުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ތިރީގައި މިވަނީއެވެ.

(ހ) ފުލުހަކު ޖިނާއީ ކުށެއްކަމަށް ނުބެލެވޭ، ގަވާއިދާ ހިލާފު އަމަލެއް ކުރިކަމަށްބުނެ އެކިއެކި ފަރާތްތަކުން ކޮމިށަނުގެ ސަމާލުކަމަށް ގެންނަ މައްސަލަތައް.

(ށ) ފުލުހުންގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަަކައި ކޮމިށަނުން ބަލައި މައްސަލަތައް.

(ނ) ފުލުހުންގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ފުލުހުންގެ ސުލޫކީ ކަންކަމުގައި ފިޔަވަޅު އެޅުމަށްފަހު ފޮނުވާ ރިޕޯޓުތައް ދިރާސާކޮށް އެއީ ފުލުހުންގެ ގާނޫނާއި އެގާނޫނުގެދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްތޯ ބެލުން.

 

4 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ މުއްދަތު

ފުލުހުންގެ ގާނޫނުގެ 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމިށަނުން ބަލާނީ ތިރީގައި މިވާ މުއްދަތުތަކުގެ ތެރޭގައި ހިނގާފައިވާ މައްސަލަތަކަށެވެ.

(ހ) ފުލުހުންގެ ގާނޫނަށް 5 އޯގަސްޓް 2008 ގައި އަމަލުކުރަން ފެސުމުގެ ފަހުގެ ތާރީހެއްގައި ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން އެކަންތައް ހިނގި ތާރީހާއި އެކަމެއް ކޮމިށަނަށް ހުށަހެޅި ތާރީހާ ދެމެދު މީލާދީ ގޮތުން 2 (ދޭއް) އަހަރު ދުވަސް ފުރިހަމަނުވާ މައްސަލަތައް.

(ށ) ކޮމިށަނުން ބަލައި ތަހުގީގުކުރަންޖެހޭ ބާވަތުގެ މައްސަލަތަކުގެ ތެރެއިން، ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފުލުހުންނާގުޅޭ މައްސަލަތަކާއި ށަކުވާތައް ބެލުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކަށް ހުށަހެޅި ނުނިމިހުރި މައްސަލަތައް.

 

5 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ކޮމިސަނަށް މައްސަަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތާއި ސޮއި އަދި މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތާއި މައްސަލަ ހިނގި ތާރީހާއި މައްސަލަ ހިނގިގޮތް ބަޔާންކުރަން ވާނެއެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް، ލިބިފައިވާ ނުވަތަ ލިބޭނެކަމަށް ލަފާކުރާ ހެކިތަކާއި ގަރީނާތައްވެސް ބަޔާން ކުރަން ވާނެއެވެ.

(ށ) މައްސަލަ ހުށަހަޅާފޯމުން ނުވަތަ ސިޓީއަކުންވެސް މައްސަލަ ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާފޯމު ނުވަތަ ސިޓީ ފެކްސްގެ ޒަރީއާއިން ނުވަތަ އީމެއިލުން ނުވަތަ ކޮމިށަނުގެ ވެބްސައިޓް ނުވަތަ އީ-ކައުންޓަރ މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. މިއިން ކޮންމެގޮތަަކަށް މައްސަލަ ހުށަހެޅިކަމުގައިވިއަސް މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަ ކުރަންވާނެއެވެ. މިމައުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި ފޯމަށް އަމަލެއް ނުކުރެވޭނެއެވެ. ކޮމިށަނަށް ހާޒިރުވެ މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު ކޮމިށަނުން ހަމަޖައްސައި ދޭންވާނެއެވެ.

(ނ) މިގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ 1 ގައި ބުނެފައިވާ ބާވަތުގެ މައްސަލަތައް ހުށަހަޅަންވާނީ އަނިޔާލިބުނުކަމަށް ނުވަތަ ހައްގެއް ގެއްލުނުކަމަށް ބުނަމީހާ އަމިއްލައަށެވެ. ނަމަވެސް އަށާރަ އަހަރު ނުފުރޭ ކުއްޖެއްގެ މައްސަލަ އެކުއްޖެއްގެ ބަލަދުވެރިއަކަށް ހުށަހެޅިދާނެއެވެ. އަދި އަނިޔާ ލިބުނުކަމަށް ނުވަތަ ހައްގެއް ގެއްލުނުކަމަށް ބުނާމީހާ ބަންދުގައި ނުވަތަ ހައްޔަރުގައި ހުރުމުގެ ސަަބަބުން ނުވަތަ މައްސަަލަ އަމިއްލަޔަށް ހުށަހެޅުމަށް އުޒުރުވެރިވާ ހާލަަތުގައި، އެމީހަކަށް މައްސަލަ ހުށަހެޅޭގޮތް ނުވެއްޖެ ހާލަތެއްގައި އެމީހެއްގެ ބަލަދުވެރިއަކަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް މައްސަލަ ހުށަހެޅި ދާނެއެވެ.

(ރ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ބާވަތުގެ މައްސަލަތައް މިމާއްދާގެ (ށ) ގައި ބަޔަންކޮށްފައިވާ ވަސީލަތްތަކުގެ އިތުރުން ފޯނުންވެސް ހުށަހެޅިދާނެއެވެ. މިފަދަ މައްސަލައެއް ހުށަހަޅާއިރު އެމައްސަލަ ހުށަހަޅާފަރާތުގެ ނަން ހާމަކުރުމަކީ ލާޒިމުކަމެއް ނޫނެވެ.

 

6 ވަނަ މާއްދާ - ތަހުގީގު ކުރެވެނެ ނުވަތަ ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) ކޮމިސަނަށް ހުށަހެޅޭ މައްސަލަތަކަކީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގައިވާ ގޮތުގެމަތިން ކޮމިށަނުން ތަހުގީގު ކުރެވޭނެ ނުވަތަ ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ނިންމާނީ ކޮމިށަނުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

(ށ) ކޮމިށަނަށް މައްސަލައެއް ހުށަހަޅާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެއީ ކޮމިށަނުން ތަހުގީގު ކުރެވޭނެ ނުވަތަ ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންވާނެއެވެ. ތަހުގީގު ހިންގޭވަރަށް މައުލޫމާތު ނެތްނަމަ އެމައްސަލަ ނުބެލޭނެކަމަށް ކޮމިށަނަށް ނިންމިދާނެއެވެ. ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ތަހުގީގު ކުރެވޭނެ ނުވަތަ ބެލޭނެ މައްސަލައެއްކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ ލަސްނުކޮށް އެތާރީހުން ފެށިގެން މައްސަލައިގެ ތަހުގީގު ފަށަންވާނެއެވެ.

(ނ) މައްސަލައާމެދު އަމަލުކުރުމަށް ކޮމިށަނުން ކަނޑައެޅިގޮތް މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. މައްސަލަ ހުށަހެޅި ފަރާތުން މިލިޔުން ބަލައި ކޮމިސަނަށް ހާޒިރު ނުވެއްޖެނަމަ މިލިޔުން އެފަރާތަށް ފޮނުވާނީ ރަޖިސްޓްރީ ޕޯސްޓުންނެވެ. ކޮމިށަނުގެ ސަމާލުކަމަށް ގެންނަ މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިލިޔުން ފޮނުވާކަށް ނުޖެހޭނެއެވެ.

 

7 ވަނަ މާއްދާ - މައްސަލަބަލަން ހަވާލުކުރުން

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ކޮމިށަނުގެ މެންބަރުންނާ ބަލަން ހަވާލުކުރަނީ ކޮމިށަނުގެ ރައީސެވެ. ރައީސަށް ކޮމިށަނަށް ހާޒިރުނުވެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނައިބުރައީސެވެ.

(ށ) މައްސަލައިގެ ބޮޑުކުޑަމިނަށް ބަލާފައި އެއް މެންބަރަކަށްވުރެ ގިނަ މެންބަރުންނާވެސް މައްސަލަ ބެލުން ހަވާލުކުރެވިދާނެއެވެ. އަދި މައްސަލަ މުޅި ކޮމިށަނުން ބަލާގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

 

8 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުން.

މައްސަލަތަށް ބަލައި ތަހުގީގުކުރުމުގައި ކޮމިށަނުން އަމަލުކުރާނީ މިގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

9 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުކުރުމާއި ބަޔާން ނެގުން

(ހ) މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މައްސަލަ ހުށަހެޅި ފަރާތަށް، ކޮމިށަނަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވުމުން ހާޒިރު ނުނެވޭފަދަ އުޒުރެއް ދިމާވެއްޖެނަމަ ޗިޓުގައިވާ ގަޑިޖެހުމުގެ 30 މިނެޓް ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ. މިފަދަ އުޒުރެއް ދިމާވިކަން ނާންގައި ހާޒިރު ނުވެއްޖެނަމަ، މައްސަލަ ބާތިލުކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މައްސަލައާގުޅޭ ހެކިންނަށް ކޮމިށަނަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވުމުން ހާޒިރު ނުވެވޭފަދަ އުޒުރެއް ދިމާވެއްޖެނަމަ، ޗިޓުގައިވާ ގަޑި ޖެހުމުގެ 30 މިނެޓް ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ. މިފަދަ އުޒުރެއް ދިމާވިކަން ނާންގައި ހާޒިރު ނުވެއްޖެނަމަ ކޮމިށަނުން ބަލާނީ އެމީހަކު ހެކިބަސް ދޭން ބޭނުން ނުވަނީ ކަމުގައެވެ.

(ނ) މައްސަކަ ރައްދުވާ ފަރާތަށް ކޮމިށަނަށް ހާޒިރުވުމަށް އެންގުމުން ހާޒިރު ނުވެވޭފަދަ އުޒުރެއް ދިމާވެއްޖެނަމަ ހާޒިރުވުމަށް އަންގާފައިވާ ގަޑި ޖެހުމުގެ 30 މިނެޓް ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

(ރ) ކޮމިށަނުން ކުރާ ތަހުގީގެއްގައި އުމުރުން އަށާރަ އަހަރު ނުފުރޭ ކުއްޖެއްގެ ބަޔާން ނެގޭނީ އޭނާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާގެ ހާޒިރުގައެވެ.

(ބ) ތަހުގީގަށް ބަޔާންދޭން ހާޒިރުވާއިރު އެމީހަކީ ކާކުކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އެކާޑު ނެތްނަމަ އެމީހެއްގެ ޕާސްޕޯޓު ނުވަތަ ފޮޓޯޖެހި ޑްރައިވިންގ ލައިސަންސް ގެންނަންވާނެއެވެ. ކާކުކަން އަންގައިދޭ ކާޑު ނުވަތަ އޭގެ ބަދަލުގައި ގެންނަ ލިޔުމުގެ ކޮޕީ ނެގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެން ވެއެވެ.

(ޅ) މައްސަލަ ހިނގިގޮތް ނުވަތަ އެކަމުގައި އެފަރާތަކުން އަމަލުކުރިގޮތް ލިޔުމަކުން ކޮމިށަނަށް ބަޔާންކޮށްދިނުމުގެ ފުރުސަތު ތަހްގީގަށް ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތްތަކަށް ދޭންވާނެއެވެ.

(ކ) ތަހުގީގު ހިންގާ ރަށް ފިޔަވައި އެހެން ރަށެއްގައި ހުރި މީހަކު ހާޒިރުކޮށްގެން ބަޔާންނަގަން ނުވަތަ ހެކި ބަހެއް ހޯދަން ދަތިވެއްޖެ ހިނދެއްގައި ފޯނުގެ ޒަރީއާއިން އެމީހެއްގެ ބަޔާން ނުވަތަ ހެކިބަސް ހޯދިދާނެއެވެ. ބަޔާން ދޭ މީހާއަކީ ނުވަތަ ހެކިބަސް ދޭ މީހާއަކީ ކާކުކަން ޔަގީންކުރުމުގެގޮތުން އެމީހަކާ ސުވާލުކޮށްގެން އެމީހެއްގެ ނަމާއި އެޑްރެހާއި ބައްޕަގެ ނަމާއި މަންމަގެ ނަމާއި އައި.ޑީ ކާދުގެ ނަންބަރު ސާފުކުރަންވާނެއެވެ. އަދި މައުލޫމާތު ޑިޕާޓްމަންޓް އޮފް ނެށަނަލް ރެޖިސްޓްރޭށަނުން ކޮމިށަނަށް ދޫކޮށްފައިވާ ލިންކުން ޗެކްކުރަންވާނެއެވެ. މިގޮތުން ބަޔާން ނަގާއިރު ނުވަތަ ހެކިބަސް ހޯދާއިރު، ތަހުގީގު ކުރާ މީހާގެ އިތުރުން އަޑުއަހާނެ ދެހެކިން ތިބެންވާނެއެވެ. މިގޮތަށް ތަހުގީގު ކުރިއަށް ގެންދާނީ އަޑުއަހަން ތިބޭ ދެހެކިންނަށްވެސް ދެފަރާތުން ދައްކާ ވާހަކަ އަޑު އިވޭގޮތަށެވެ. އަދި މިގޮތަށް ނަގާ ބަޔާން ނުވަތަ ހެކިބަސް ރެކޯޑު ކުރަންވާނެއެވެ. އަދި އެބަޔާން ނުވަތަ ހެކިބަސް ލިޔެ، ތަހުގީގު ކުރި މީހާއާއި އަޑުއެހި ދެހެކިން، އެ ލިޔުމުގައި ސޮއި ކުރަންވާނެއެވެ.

(އ) މައްސަލައެއް ނިންމުމުގައި މިމާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ނަގާ ހެކިބަސް ބޭނުންކުރާނީ ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެއްކާއި ގަރީނާ ނުލިބޭ މައްސަލަތަކުގައެވެ.

(ވ) މިމާއްދާގެ (ހ) ގައި ބުނާފަދަ ހާލަތެއް މެދުވެރިވުމުން މައްސަަލަ ބާތިލުކުރެވުނު ނަމަވެސް އެމައްސަލަ އަލުން ހުށަހެޅުމުގެ އިހްތިޔާރު  އެމައްސަލަ ކުރިން ހުށަހެޅި ފަރާތަށް ލިބިގެންވެއެެވެ.

 

10 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުވާ މީހުންނަށް މަނާކަންތައް

(ހ) ކޮމިސަނުގެ ތަހުގީގަށް ހާޒިރުވާ މީހުން ރެކޯޑު ކުރެވޭފަދަ އެއްވެސް ވަސީލަތެއް ތަހުގީގު ކުރާތަނަށް ވައްދާނަމަ އެއެއްޗެއް ބާއްވަންވާނީ ނިއްވާލާފައެވެ. އަދި ނިއްވާލުމަށްފަހު ތަހުގީގުކުރާ ފަރާތަށް ފެންނަ ހިސާބުގައި އެއެއްޗެއް ބާއްވަން ވާނެއެވެ.

(ށ) ތަހުގީގަށް ހާޒިރުވާ އުމުރުން 18 އަހަރުން މަތީގެ މީހުންނާއެކު ގާނޫނީ ވަކީލު ފިޔަވައި އެހެން މީހަކު ތަހުގީގު ކުރާތަނަށް ވަނުމަކީ މަނާކަމެކެވެ. ގާނޫނީ ވަކީލަކު ގެންނަނަމަ އެމީހަކީ ވަކާލާތުކުރުމުގެ ހުއްދަ ލިިބިފައިވާ މީހަކަށް ވާންވާނެއެވެ.

(ނ) ތަހުގީގަށް ހާޒިރުވާ މީހުން ތަހުގީގުކުރަން ތިބޭ މީހުންނާއި ތަހުގީގު ކުރާ ތަން ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ މަނާކަމެކެވެ.

(ރ) މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާފަދަ އެއްވެސް އެއްޗެއް ތަހުގީގު ކުރާތަނަށް ވެއްދުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން

(ހ) ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރަން ފެށުމުގެކުރިން ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުންތޯ ސުވާޅުކޮށް، ބޭނުންކަމަށް ބުނާނަަމަ، އެމީހަކަށް އެފުރުސަތު ދޭންވާނެއެެވެ. ތަހުގީގު ފެށުމުގައި ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުންނޫންކަމުގައި ބުނެފައި، ތަހުގީގު ފެށުމަށްފަހު ގާނޫނީވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް އެމީހަކަށް އެފުރުސަތު ދޭންވާނެއެެވެ.

(ށ) ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުންވާނަމަ، ގާނޫނީވަކީލަކު އައްޔަންކުރުމަށް ފުރަތަމަފަހަރު 7 ދުވަހުގެ މުއްދަތު ދޭންވާނެއެވެ. 7 ދުވަހުގެ ތެރޭގައި ގާނޫނީވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެނަމަ، 3 ދުވަހުގެ މުއްދަތު ދޭންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ގާނޫނީވަކީލަކި ހުށަނާޅައިފިނަމަ ބެލޭނީ އެމީހަކު ގާނޫނީވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދޫކޮށްލީ ކަމުގައެވެ.

(ނ) ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންނުވާކަމަށް ބުނެފިނަމަ، ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު އެމީހަކަށް ދިންކަމަށާއި، އެމީހަކު ވަކީލަކު އައްޔަންކުރަން ބޭނުންނުވާކަން ބަޔާންކޮށް ލިޔެފައިވާ ލިޔުުމުގައި އެމީހަކު ސޮއިކުރަންވާނެއެވެ.

(ރ) ތަހުގީގުގައި މީހަކާ ސުވާލުކުރަމުން ދަނިކޮށް، އެމީހަކު ނުވަތަ އެމީހެއްގެ ގާނޫނީ ވަކީލަކު އެދެފަރާތުގެ މަޝްވަރާއަކަށް ފުރުސަތު އެދިއްޖެނަމަ، އެފުރުސަތު ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ތަހުގީގުގައި ހަނުހުރުން

ކޮމިށަނުން ކުރާ ތަހުގީގެއްގައި ސުވާލުކުރެވޭ ފަރާތުން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިނަމަ، އެހައްގު ބޭނުންކުރިކަމުގެ ބަޔާނެއް ނެގުމަށްފަހު، އެބަޔާނުގައި ބަޔާން ދިން ފަރާތުން ސޮއި ކުރަންވާނެއެވެ. ހަމައެއާއެކު އެފަރާތުން ހަނުހުރުމުގެ ހައްގު ބޭނުންކުރީ ބަޔާން އަދުއެހުމަށްޓަކައި ކޮމިށަނުގެ ފަރާތުން ހާޒިރުވެތިބި ދެމީހުންގެ ހާޒިރުގައިކަމަށްވެސް އެބަޔާނުގައި ލިޔެ އެދެމީހުން ސޮއިކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ތަހުގީގަށްދޭ ބަޔާންތައް ލިއުމާއި ސޮއިކުރުވުން.

(ހ) ތަހުގީގަށް ބަޔާން ދިން މީހާ އޭނާ ދިން ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ. ބަޔާން ދިނުމަށްފަހު ބަޔާނުގައި ސޮއިނުކޮށްފިނަމަ ތަހުގީގުކުރި މީހާ ނުވަތަ މީހުންނާއި ތަހުގީގު އަޑުއެހި ދެމީހުން، އެއީ އޭނާ ކިޔައިދިންގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ލިޔެ ސޮއިކުރަންވާނެއެވެ.  

(ށ) ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސޮއިކުރުމަށް އުޒުރުވެރުވާފަދަ ހާލަތެއްގައިވާ މީހަކުނަމަ ނުވަތަ ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައިވާނަމަ އެމީހަކު ދިން ބަޔާނުގައި އެމީހެއްގެ އިނގިލީގެ ނިށާން ޖަހާނީއެވެ. ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައިވާނަމަ ނުވަތަ ލިޔަންކިޔަން އުޒުރުވެރިވާފަދަ ހާލަތެއްގައި ހުރި މީހަކު ކަމުގައިވާނަމަ އޭނާގެ ބަޔާނުގައި އިނގިލީގެ ނިށާން ޖެހުމުގެކުރިން އެބަޔާން އޭނާއަށް ކިޔައިދޭން ވާނެއެވެ. އަދި އެބަޔާން ކިޔައިދިންކަމަށާއި އެއީ އޭނާ ކިޔައިދިންގޮތަށް ލިޔެފައިވާ ބަޔާނެއްކަން އޮޅުންފިލައިފިކަމަށް އޭނާގެ ފަރާތުން މީހަކު ސޮއިކުރަންވާނެއެވެ.

(ނ) ތަރުޖަމާނަކު މެދުވެރިކޮށް ނެގޭ ބަޔާންތައް ލިޔާނީ ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. މިލިއުމުގައި ބަޔާންދިން މީހާ ސޮއިކުރުމުގެ ކުރިން، ތަހުގީގުކުރި މީހާއާއި ތަހުގީގު އަޑުއެހި ދެމީހުންގެ ހާޒިރުގައި ތަރުޖަމާނު އެބަޔާން އޭނާއަށް ރަނގަޅަށް ތަރުޖަމާކޮށް ދޭންވާނެއެވެ. އަދި އޭނާއަށް އެބަޔާން ތަރުޖަމާ ކޮށްދިންކަމަށް ތަރުޖަމާނުވެސް އެބަޔާނުގައި ސޮއިކުރަން ވާނެއެވެ.

 

14 ވަނަ މާއްދާ - ބަޔާންތަކުގެ ރެކޯޑިންގއާއި ބަޔާންތަކުގެ ކޮޕީ ދޫކުރުން.

(ހ) ކޮމިށަނުން ކުރާ ތަހުގީގަކަށް ބަޔާނެއްދިން ފަރާތަކުން ކޮމިށަނަށް ދީފައިވާ ބަޔާނުގެ ކޮޕީއެއް ހޯދުމަށް އެދިއްޖެނަމަ، އެބަޔާނުގެ ކޮޕީއެއް އެބަޔާންދިން ފަރާތަކަށް ދޫކުރެވޭނެއެެވެ. 18 އަހަރުން ދަށުގެ ކުއްޖެއްނަމަ އެފަދަ ބަޔާނެއްގެ ކޮޕީއެއް ހޯދުމަށް އެދެންވާނީ އެކުއްޖެއްގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއެވެ.

(ށ) ކޮމިށަނުން ތަހުގީގުކޮށް ނިމިފައިވާ މައްސަލައަކާގުޅިގެން ހޯދިފައިވާ މައުލޫމާތެއް ނުވަތަ ބަޔާނެއް ބޭނުންވާކަމަށް ށަރުއީ ކޯޓަކުން ނުވަތަ ތަހުގީގު ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސަރުކާރުގެ ރަސްމީ އިދާރާއަކުން އަންފައިފިނަމަ އެމައުލޫމާތެއް ނުވަތަ އެބަޔާނެއްގެ ކޮޕީ އެފަރާތަކަށް ދޫކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - ތަހުގީގު ކުރާ ފަރާތާ ބައްދަލުކުރުން.

ކޮމިށަނަށް މައްސަލަ ހުށަހަޅާ މީހާއަށް ނުވަތަ މައްސަލަ ރައްދުވާ މީހާއަށް މައްސަލަ ތަހުގީގުކުރާ ފަރާތާ ތިރީގައި މިވާ ދެ ހާލަތުންކުރެ ހާލަތެއްގައި މެނުވީ ބައްދަލުކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ހ) މައްސަލަ ގޮސްފައިވާ ހިސާބު ސާފުކުރުން.

(ށ) މައްސަލައަކާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ދިނުމަށް

 

16 ވަނަ މާއްދާ - މައްސަލަ ނިންމުން

(ހ) މައްސަލަތައް ނިންމުމުގައި، ކޮމިށަނުގެ އިއްތިފާގުން އެމައްސަލަތައް ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމުގައި ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި މައްސަލަތައް ނިންމާނީ ކޮމިށަނުގެ އަގްލަބިއްޔަތުންނެވެ.

(ށ) މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި މައްސަލަ ނިންމި މެންބަރުންގެ އިއްތިފާގުން ކަމުގައިވާނަމަ އިއްތިފާގުންކަމަށް ނުވަތަ މައްސަލަ ނިންމީ އަގުލަބިއްޔަތުން ކަމުގައިވާނަމަ އަގުލަބިއްޔަތުން ކަމަށްލިޔެ މިނިންމުމަށް ތާއީދުކުރި މެންބަރުން ސޮއިކުރަންވާނެއެވެ. އެމައްސަލަ ނިންމީ އަގުލަބިއްޔަތުން ކަމުގައިވާނަމަ އެ ނިންމުމަށް ތާއީދު ނުކުރާ މެންބަރުން ތާއީދު ނުކުރި ސަބަބު އެނގޭގޮތަށް އެ މެންބަރުންގެ ސޮއިވެސް މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި އޮންނަންވާނެއެވެ.

(ނ) ފުލުހުންގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މައްސަލައެއް ބެލުމުގައި ކޮމިށަނުގެ މެންބަރަކު ތަނާޒިލުވެއްޖެނަމަ މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި އެކަން ފާހަގަކުރަން ވާނެއެވެ.

(ރ) މައްސަލަ ނިންމުމަށްފަހު މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ނިންމިގޮތް ބަޔާންކޮށް ލިޔުމަކުން ޖަވާބުދޭން ވާނެއެވެ. ކޮމިށަނުގެ ސަމާލުކަމަށް ގެންނަ މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިލިޔުން ފޮނުވާކަށް ނުޖެހޭނެއެވެ.

(ބ) މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފޮނުވާއިރު މައްސަލަ ހުށަހެޅި މީހާގެ ނަމާއި މައުލޫމާތާއި ހެކިބަސް ދިން މީހުންގެ ނަންތައް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަންހަނާކުރަން ބޭނުންވެއްޖެ ހިނދެއްގައި ވަންހަނާކުރުމުގެ އިހްތިޔާރު ކޮމިސަނަށް ލިބިގެންވެއެެވެ.

(ޅ) ހަބަރު ފަތުރާ ވަސީލަތްތަކަށްވެސް އަދި (ބ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށްވެސް ދޫކުރެވޭނީ މައްސަލަ ނިންމިގޮތާއި އެނިންމުން ބިނާކުރި މައިގަނޑު ނުކުތާތަކެވެ.

 

17 ވަނަ މާއްދާ - މައްސަލަ ބަލައި ނިންމުމަށްފަހު އަމަލުކުރަންވީ ގޮތް

(ހ) ކޮމިށަނުން މައްސަލަ ބަލައި ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

1. ޖިނާއީ ދައުވާއެއްކުރުމަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

2. މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލެއް ގެންނަން ކޮމިސަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.

3. އެއްވެސް ފުލުހަކާމެދު އިދާރީ ފިޔަވަޅެއްއަޅަން ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.

4. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާ ނިންމުމެއް ރަނގަޅުނޫންކަމަށް ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.

(ށ) ކޮމިށަނުން މައްސަލައެއް ބެލުމަށްފަހު ހުށަހަޅާ ހުށަހެޅުމަކަށް މިނިސްޓަރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބިއްޖެ ހާލަތެއްގައި އެކަމެއް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - މައްސަލަ އަލުން ބެލުން

(ހ) މިކޮމިށަނުން ނިންމާފައިވާ މައްސަލައެއް ނިންމިގޮތާމެދު ހިތްހަމަނުޖެހިގެން އެމައްސަލައެއް އަލުން ބަލައިދިނުމަސް އެދުނު ނަމަވެސް އެމައްސަލައެއް މިކޮމިށަނުން އަލުން ބަލާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

 

19 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވައިދުގައު އެހެން ގޮތަކަށް ބުނެފައި ނުވާހައި ހިނދަކު:

"ކޮމިށަން" ކަމުގައި ބުނެފައި އެވަނީ، ޕޮލިސް އިންޓެގްރިޓީ ކޮމިސަނަށެވެ.

"މިނިސްޓަރ" ކަމުގައި ބުނެފައި އެވަނީ، ޕޮލިސް އިންޓެގްރިޓީ ކޮމިށަނަށެވެ.

"މިނިސްޓަރ" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއް ހިންގުމަށް ހުންނަ މިނިސްޓަރަށެވެ.

"ފުލުހުން" ކަމުގައި ބުނެފައި އެވަނީ، ފުލުހުންގެ ހުވާކޮށްފައިތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށެވެ.

"މައްސަލަ ހުށަހަޅާ ފޯމު" ކަމުގައި ބުނެފައި އެވަނީ، މައްސަލަ ހުށަހެޅުމަށް ކޮމިށަނުން ތައްޔާރުކޮށްފައިވާ ފޯމަށެވެ.

"މައްސަލަ ބެލުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްކަމުގައި ނުބެލެވޭ ކަންކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމުގެ ގޮތުން ބަލާ ބެލުންތަކަށެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެެވެ.

 

 ------------------

 

ޖަދުވަލު 1

މައްސަލަތައްބަލައި ތަހުގީގުކުރުމުގެ އުސޫލު

 

ކޮމިށަނުން މައްސަލައެއް ބެލުމުގައި އަންނަނިވިކަންކަން ކުރަންވާނެއެވެ.

(ހ) މައްސަލާގައި ހިމެނޭ ށަކުވަތަކަކީ ކޮބައިކަން ސާފުކޮށް ކަށަވަރު ކުރުން.

(ށ) މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ މައްސަލަ ހުށަހެޅި ފަރާތުން ލިބެން ހުރިނަމަ ހޯދުން.

(ނ) މައްސަލައާ ގުޅޭ މައުލޫމާތާއި ލިޔެކިޔުމާއި ވީޑިއޯ ފަދަ ތަކެތި މޯލްޑިވްްސް ޕޮލިސް ސަރވިސްއިން ހޯދުން.

(ރ) މައްސަލައާ ގުޅޭ މައުލޫމާތާއި ލިޔެކިޔުމާއި، ވީޑިއޯ، އޯޑިއޯ އަދި ފޮޓޯ ހެކި އެހެން އިދާރާއެއްގައި ހުރިނަމަ އެތަކެތި ހޯދުން.

(ބ) މައްސަލައާ ގުޅޭ އެހެނިހެން ހެކި ހުރިނަމަ އެތަކެތި ހޯދުން.

(ޅ) މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަރައްދުވާ ފަރާތާއި އަދި ހެކިން ތިބިނަމަ ހެކިން ހާޒިރުކޮށް ބަޔާންނެގުން.

(ކ) އަނިޔާގެ މައްސަލަތަކުގައި މެޑިކަލް ރިޕޯޓު ހޯދުން.

(އ) ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ކުރިން ނިމިފައިހުރި މައްސަލަތައް ދިރާސާކުރުން.

(ވ) ރިޕޯޓު އެކުލަވައިލައި ކޮމިށަނަށް ހުށަހެޅުން.

(މ) ރިޕޯޓާމެދު ކޮމިށަނުން ގޮތެއް ނިންމުން.

(ފ) ފިޔަވަޅުއަޅަންޖެހޭ މައްސަލަތަކުގައި ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

(ދ) މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޑޭޓާބޭސްގައި ރައްކާކުރުން.

 

ގުޅުންހުރި ގަވާއިދު

ޕޮލިސް އިންޓަރގްރެޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 46/2011)

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު