-

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-40)

 

1 ވަނަ މާއްދާ- ތައާރުފު

މިއީ ގާނޫނު ނަންބަރު 2008-05 "ފުލުހުންގެ ގާާނޫނު" ގެ 8 ވަނަ މާއްދާއާއި ހަވާލާދީ އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.

 

4 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމާއި؛

(ށ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަޅާފައި ހުންނަ ފުޅިއާއި ހަމާއި އެނޫންވެސް އެފަދަ ތަކެއްޗާމެދު އަމަލުކުރާނެ ގޮތާއި އެފަދަ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި؛

(ނ) ބަނގުރާ ކެއްކުމާއި އުފެއްދުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކާޢި މެދު އަމަލުކުރާނެ މައިގަނޑު އުސޫލުތަކާއި އެފަދަ އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

5 ވަނަ މާއްދާ- ކޯޓު އަމުރު ހޯދުން

(ހ) މިގަވާއިދުގެ ދަށުން ނައްތައިލަން ޖެހޭ ތަކެތި ނައްތައިލުމުގެ ކުރިން ނުވަތަ ހުއްދަގޮތުގައި ބޭނުންކުރެވިދާނެ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ނީލަމުގައި ވިއްކާލުމަށް ނިންމާ ތަކެތި ވިއްކާލުމުގެ ކުރިން އެއްޗެއް ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ އަމުރެއް ކޯޓުން ހޯދަން ވާނެއެވެ.

(ށ) މިގަވާއިދުގެ ދަށުން ނައްތައިލަން ޖެހޭ އެއްޗެތި ނައްތައިލުމަށްޓަކައި، ނުވަތަ ވިއްކާލުމުގެ ކޯޓު އަމުރަށް އެދި ހުށަހަޅާނީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުންނެވެ.

(ނ) މިގަވާއިދުގެ ދަށުން ކޯޓު އަމުރަށް އެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

 

6 ވަނަ މާއްދާ - ނައްތައިލުމަށް ކަނޑައެޅުން

(ހ) މިގަވާއިދުގެ ދަށުން ނައްތައިލަން ޖެހޭ ތަކެތީގެ ތެރެއިން ބަނގުރާ ނައްތައިލުމަށް އެދި ހުށަހަޅަންވާނީ އެތަކެއްޗާ ގުޅޭ ގޮތުން ފޮރެންސިކް ލެބޯޓަރީއިން ބަލަން ޖެހޭ ބެލުންތައް ނިންމުމަށްފަހު ތަހްލީލު ރިޕޯޓު ތހުގީގް ކުރާ ފަރާތަށް ލިބުމުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ނައްތައިލަން ޖެހޭ ތަކެތީގެ ތެރެއިން ބަނގުރާ ފިޔަވައި އެހެނިހެން ތަކެތި ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމަށް ކަނޑައަޅަންވާނީ، އެތަކެއްޗާ ގުޅޭގޮތުން ތހުގީގަށް ބޭނުންވާ މައުުލޫމާތު ރިކޯޑުކުރުމަށްފަހު އެ ތަކެއްޗަކީ ނައްތައިލަން ޖެހޭ ނުވަތަ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ނީލަމުގައި ވިއްކާލެވޭނެ އެއްޗެއް ކަމަށް، ތހުގީގްކުރާ ފަރާތުން ކަނޑައެޅުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު އެ މައްސަލައެއް ބަލާ ޑިޕާޓްމަންޓް ނުވަތަ ޑިވިޒަނަށް ލިބޭތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނިންމުން ނިންމާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ތަހުގީގްކުރާ ޑިޕާޓްމަންޓުން އެ ތަކެތި ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅަން ވާނެއެވެ

(ރ) މި ގަވާއިދުގެ ދަށުން ނައްތައިލަން ޖެހޭ އެއްވެސް އެއްޗެއް ނައްތައިލުމުގެ އަމުރު ކޯޓުން ނެރޭތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އެއްޗެތި ނައްތައިލަން ވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ނައްތައިލަންޖެހޭ ތަކެތި ނައްތައިލުމުގެ އަމުރަކަށް ކޯޓުގައި އެދެން ވާނީ އިތުރު ތަހުލީލެއް ކުރަންޖެހިއްޖެ ހާާލަތެއްގައި އެ ތަހުުލީލެއް ކުރެވޭނެ މިންވަރެއް ރައްކާކުރުމަށްފަހުގައެވެ.

 

7 ވަނަ މާއްދާ - ތަކެތި ނައްތައިލުމުގެ މަސައްކަތްކުރާނެ ފަރާތްތައް

(ހ) ުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ އެއްޗެތި މާލޭސިޓީގައި ނަމަ ނައްތައިލާނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ.

(ށ) އަތޮޅުތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ، ޑިވިޒަނަލް އޮޕަރޭށަންސް ކޮމާންޑުގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ހާލަތްތަކުގައި އެ މައްސަލައަކާ ގުޅޭ ބަގުރަލާއި، އެހެނިހެން އެއްޗެތި ނައްތައިލުމުގެ މަސައްކަތްކުރާނީ އެރީޖަނެއްގެ ކޮމާންޑަރާއެކު ކަމާގުޅޭ ތަމްރީނު ނުވަތަ މައުުލޫމާތު ލިބިފައިވާ އިތުރު 2 ފުލުހުން ހިމެނޭ ޓީމަކުންނެވެ.

(ނ) ަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ ތަކެތި ނައްތައިލަންވާނީ މާލޭގައި ނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންގެ އިންސްޕެކްޓަރ ރޭންކުން މަތީގެ އޮފިސަރަކާއެކު ކަމާ ގުޅޭ ތަމްރީނު ނުވަތަ މައުލޫމާތު ލިބިފައިވާ އިތުރު 2 ފުލުހުން ހިމެނޭ ޓީމަކުންނެވެ.

(ރ) މި ގަވާއިދުގެ ދަށުން ނައްތައިލެވޭ އެއްޗެތި ނައްތައިލާއިރު އެތަނަށް ހާޒިރުވާ މީހުންގެ ތެރެއިން މަދުވެގެން ދެ މީހަކު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައި ސޮއި ކުރަން ވާނެއެވެ.

 

8 ވަނަ މާއްދާ - ބަނގުރާލާއި ބަނގުރަލާ ގުޅޭ މައްސަލަތަކާ ގުޅޭ އެއްޗެތި ނައްތައިލާނެ ގޮތް

(ހ) މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ ނައްތައިލަން ވާނީ ވަޅެއް ކޮނެ އެ ވަޅަކަށް އޮއްސާލައިގެންނެވެ. ވަޅަށް އޮއްސާލެވޭ ބަނގުރާ ބިންގަނޑުގެ ތެރެއަށް ފޭދިގެން ދިއުމުން އެ ވަޅަށް ފަސް އަޅާ ފޮރުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ނައްތައިލުމަށް ކަ ނޑައެޅޭ ތަކެތީގެ ތެރެއިން ބިއްލޫރި ފުޅި ނައްތައިލާނީ އެ ފުޅި ތަޅާލައި އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިގެންނެވެ. ބިއްލޫރި ފުޅި ތަޅައިލުމުން އުފެދޭ ފުޅިތޮށި ކުނީގެ ގޮތުގައި އުކާލެވޭ އެއްޗެތި އުކާލާ ތަނަކަށް އުކާލުމުގެ އިތުރުން ރިސައިކަލް ކުރުމަށް އެދޭ ފަރާތަކަށް ދޫކުރެވިދާނެއެވެ.

(ނ) ދަޅު ނުވަތަ އެނޫންވެސް އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ މައުދަނަކުން އުފައްދާފައި ހުންނަ ބަނގުރާ އަޅަން ބޭނުންކުރާ ތަކެތި އެ ތަކެތީގެ އަސްލު ފަސޭހައިން އިއާދަނުކުރެވޭ މިންވަރަށް ފިއްތާލައިގެން ނުވަތަ ހަލާކުކޮށްލައިގެން ނުވަތަ އަންދާލައިގެން ނައްތައިލުން ނުވަތަ ރިސައިކަލް ކުރުމަށް އެދޭ ފަރާތްތަކަށް ދޫކުރެވިދާނެއެވެ.

(ރ) ަނގުރާ ކެއްކުމާއި ރައްކާކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ނައްތައިލަން ވާނީ އެ އެއްޗެތި އަލުން އެފަދަ ކަމަކަށް ބޭނުން ނުހިފޭނެ މިންވަރަށް ހަލާކުކޮށްލައިގެންނެވެ.

(ބ) މި ގަވާއިދުގެ ދަށުން ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭގޮތުން ނައްތައިލެވޭ ތަކެތި ނައްތައިލުމުގައި މަސައްކަތްކުރާ ފަރާތުން މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންވާނެއެވެ

 

9 ވަނަ މާއްދާ - މަންޒަރު ރިކޯޑުކުރުން

މި ގަވާއިދުގެ ދަށުން، ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ ތަކެތި ނައްތައިލާއިރު އެކަން ހިނގަމުންދާ މަންޒަރުގެ ވީޑިއޯ ނުވަތަ ފޮޓޯގްރަފީގެ ވަސީލަތުން ރިކޯޑުކޮށް، ލޭބަލްކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން 5 (ފަހެއް) އަހަރު ވަންދެން ބަލަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - ބަނގުރާ ނައްތާލާއިރު އޮބްޒާވަރުން ގެނައުން

މިގަވާއިދުގެ ދަށުން ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ އެއްޗެތި ނައްތައިލާ މަންޒަރު ބެލުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އޮބްޒަރވަރުންގެ ގޮތުގައި ހަަބަރު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓަރީކޮށްފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކަށް  ދައުވަތު ދެވިދާނެއެވެ.

 

11 ވަނަ މާއްދާ - އާންމު ބޭނުންތަކަށް ބޭނުންކުރެވޭ

(ހ) ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްޗަކީ އާންމު ބޭނުންތަކަށް ހުއްދަ އެއްޗެއްގެ ގޮތުގައި ބޭނުން ކުރެވޭ އަގެއް ހުރި އެއްޗެއް ކަމުގައިވާނަމަ އެ އެއްޗަކުން ބަނގުރާގެ އަސަރު ފިލުވުމަށްފަހު އެފަދަ ތަކެތި ނީލަމުގައި ވިއްކާލެވިދާނެއެވެ.

(ށ) މިގޮތުން ނީލަމުގައި ވިއްކާ އެއްޗަކުން ލިބޭ ފައިސާ ޖަމާކުރާނީ ޤާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައި މިފަދަ ފައިސާ ޖަމާކުރުމަށް ކަނޑައަޅާފައިވާ އެކައުންޓަށެވެ.

(ނ) ބަނގުރާ އަޅާފައި ހުންނަ ފުޅި، ހަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ނީލަމުގައި ވިއްކާލުމުގެ ކުރިން އެއެއްޗެއްގައި ހުރި ބަނގުރާ ހުސްކޮށް އެއެއްޗަކުން ބަނގުރަލުގެ އަސަރު ފިލުވިފައިވާކަން ކަށަވަރު ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ފަދަ އެއްޗެއް ނީލާމުގައި ވިއްކާއިރު، އެ އެއްޗެއް ނީލަމުން ގަންނަ ފަރާތަށް އެ އެއްޗަކީ ބަނގުރާ އެޅުމަށް ބޭނުން ކޮށްފައިވާ އެއްޗެއްކަން އެނގޭނެ ގޮތަށް ލޭބަލް ކުރަން ވާނެއެވެ.

(ބ) ބަނގުރާ އެޅުމަށް ހާއްސަކޮށްފައި ހުންނަ ބްރޭންޑްތަކުގެ ފުޅި ވިއްކުން މި މާއްދާއިން އިސްތިސްނާވާނެއެވެ.

 

12 ވަނަ މާއްދާތަކެތި ނައްތައިލުމަށްފަހު ކަމާ ގުޅޭ ލިޔުންތައް އެ ތަކެތީގެ ގޮތުގައި އިފްތިރާލުކުރުން.

މި ގަވާއިދުގެ ދަށުން ނައްތައިލެވޭ އެއްޗެއް ނައްތައިލުމަށްފަހު ނުވަތަ ނީލަމުގައި ވިއްކާލެވޭ އެއްޗެއް ވިއްކާލުމަށްފަހު، އެ މައްސަލައަކާ ގުޅޭ އެހެން ހުރިހާ މަރުހަަލާއެއްގައި، ހުރިހާ ބޭނުމަކަށް، ހުރިހާ ފަރާތަކުންވެސް، އެ ނައްތައިލެވުނު ތަކެތި ކަމުގައި ބަލަންވާނީ، އެ އެއްޗަކާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ތަހުލީލު ރިޕޯޓާއި، އެ އެއްޗަކާ މެދު ވަކި ގޮތަކަށް އަަމަލުކުރުމަށް ނިންމި ކޯޓު އަމުރާއި އެއާ ގުޅުން ހުރި އެހެނިހެން ލިޔުންތަކެވެ.

 

13 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

މި ގަވާއިދުގެ ދަށުން ނައްތައިލެވޭ ބަނގުރަލާއި ތަކެތި ނައްތައިލެވޭ ތާރީހުން ފެށިގެން  15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ތަކެއްޗާބެހޭ މައުުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުގައި ށާއިއުކުރަން ވާނެއެވެ.

(ހ) ނައްތައިލެވުނު ބަނގުރާ އަދި ތަކެއްޗަކީ ކޮން ތާރހެެއްގައި ކޮން ތަނަކުން އަތުލައިގަނެވުނު ތަކެތި ކަން.

(ށ) ނައްތައިލެވުނު ބަނގުރަލުގެ ވޮލިއުމް (ލީޓަރުން)

(ނ) ނައްތައިލެވުނު ބަނގުރަލުގެ ބަރުދަން

(ރ) ނައްތައިލެވުނު ތަކެތީގެ ތަފުސީލް

 

14 ވަނަ މާއްދާ - ރިކޯޑް ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން ނައްތައިލެވޭ ތަކެތި ނައްތައިލުމަށް ބޭނުން ކުރެވޭ އެންމެހައި ލިޔެކިޔުން ތައްޔާރުކުރަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮމޭށަން މެނެޖްމަންޓް ސިސްޓަމުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމުތަކުންނެވެ.

 

15 ވަނަ މާއްދާ -  ތަކެތީގެ މައުލޫމާތު ރިކޯޑްކުރުން

.މި ގަވާއިދުގެ ދަށުން ނައްތައިލެވޭ ތަކެތި (ޕޮލިސް އިންފޮމޭށަން މެނޭޖްމަންޓް ސިސްޓަމް (PIMS) ގައި ގާއިމުކުރެވިފައިވާ މޮޑިއުލްގައި ލޮގްކޮށް ހުރިހާ ތަކެއްޗެއްގެ ތަފުސީލު ރިކޯޑު ކުރަންވާނެއެވެ. . މި ތަފުސީލުތަކުގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމަނަން ޖެހޭނެއެވެ.

(ހ) ކޭސް/އިންސިޑެންޓް/މެސެޖް ނަމްބަރު

(ށ) ތަކެތި ނެގި/ހޯދި/އަތުލި އިންސިޑެންޓުގެ ތަފުސީލު (ކޭހުގައި ލިޔާ ތަފުސީލު) ތަކެތި ނެގި ތާރީހާއި ގަޑި

(ނ) ސީނަށް ދިޔަ މީހުންގެ ރޭންކާއި ނަން އަދި ސަރވިސް ނަމްބަރ

(ރ) ތަކެތި ނެގި މީހުންގެ ރޭންކާއި ނަން އަދި ސަރވިސް ނަމްބަރ

(ބ) ތަކެތީގެ ތަފުސީލު (ބަރުދަން ބެލެންހުރިނަމަ ހިމަނަން)

(ޅ) ނައްތައިލުމަށް ކޯޓު އަމުރު ހޯދަން ހުއްދަ ދިން އޮފިސަރުގެ ރޭންކާއި ނަމާއި ސަރވިސް ނަންބަރ

(ކ) ނައްތައިލުމަށް ހުއްދަދޭ ކޯޓު އަމުރުގެ ނަމްބަރ

 

16 ވަނަ މާއްދާ - ތަކެތި ނައްތައިލުމުގެ ޕްރޮސެސް ސިސްޓަމްގައި ޑޮކިއުމެންޓްކުރުން

(ހ) ތަކެތި ނައްތައިލުމުގެ ކޯޓު އަމުރަކަށް އެދި ކޯޓަށް ހުށަހަޅާ ލިޔުމަކީ މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ މައުުލޫމާތުގެ މައްޗަށް ބިނާކޮށް ސިސްޓަމުން ޖެނެރޭޓް ކުރެވޭނެ ލިޔުމެކެވެ. އަދި އެ ލިޔުމުގެ ނަމްބަރު ނަކަލުކުރާނީ އޮޓޮމޭޓެޑް ޕްރޮސެސްއަކުންނެވެ.

(ށ) ތަކެތި ނައްތައިލާ ތަނުގައި ހާޒިރުވެ ތިބުމަށް ކަނޑައަޅާ މީހުންގެ މަޢުލޫމާތު ސިސްޓަމުގައި ރިކޯޑު ކުރެވެން ހުންނަންވާނެއެވެ. އަދި ތަކެތި ނައްތައިލުމުގެ ޕްރޮސެސްގައި ބައިވެރިވެ ހެކިވެރިންގެ ގޮތުގައި ތިބިކަމަށް އިގުރާރުވެފައިވާ ފޯމެއް ސިސްޓަމުން ޖެނެރޭޓް ކުރުމަށްފަހު ބައިވެރިވި ފަރާތްތައް އެ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

(ނ) ތަކެތި ނައްތައިލާ ތަނުގައި ހާޒިރުވެ ތިބުމަށް ކަ ނޑައަޅާ މީހުންގެ މައުުލޫމާތު ސިސްޓަމުގައި ރިކޯޑު ކުރެވެން ހުންނަންވާނެއެވެ. އަދި ތަކެތި ނައްތައިލުމުގެ ޕްރޮސެސްގައި ބައިވެރިވެ ހެކިވެރިންގެ ގޮތުގައި ތިބިކަމަށް އިގްރާރުވެފައިވާ ފޯމެއް ސިސްޓަމުން ޖެނެރޭޓް ކުރުމަށްފަހު ބައިވެރިވި ފަރާތްތައް އެ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

  1. ތަކެތި ނައްތައިލުމުގެ ހުއްދަ ދިން ލިޔުން
  2. ލެބޯޓްރީން ލިބިފައިވާ ތަހުލީލު ރިޕޯޓުތައް
  3. ތަކެތި ނައްތައިލުމަށް ހުއްދަ ދީފައިވާ ކޯޓު އަމުރު
  4. ތަކެތި ނައްތައިލި ތަނުގައި ހާޒިރުވެ ތިބި މީހުންގެ އިގުރާރު ފޯމު
  5. އަދި މިގަވާއިދުގައި ވާ ގޮތުގެ މަތިން ނައްތައިލުމުގެ ޕްރޮސެސްތަކުގައި ނެގޭ ފޮޓޯ އަދި ވީޑިއޯވެސް މި މުއްދަތުގެ ތެރޭގައި އެޓޭޗްކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ނައްތައިލުމަށް ހުށަހެޅުން

(ހ) މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލާ ގުޅޭ މައްސަލަތަކާ ގުޅޭ އެއްޗެތި ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމަށް ކޯޓު އަމުރު ހޯދުމާއި އެ ތަކެތި ނައްތައިލުމުގައި ޑިޕާޓްމަންޓް/ޑިވިޒަންތަކުން އަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ)

  1. މައްސަލައަކާ ގުޅިގެން ރާއްޖޭގެ ރަށަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ ތަކެތި ނައްތައިލުމަށް އެ މައްސަލައެއް ތހުގީގުކުރާ ޑިވިޒަނަކުން ނިންމައިފިނަމަ އެ މައްސަލައަކާ ގުޅޭ މައުުލޫމާތު ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓަށް ފޮނުވައި އެ ޑިޕާޓްމަންޓުގެ ފަރާތުން ބަނގުރާ ނައްތައިލުމުގެ އަމުރު ކޯޓުން ހޯދުމަށްފަހު އެ މައްސަލައަކާ ގުޅޭ ބަނގުރަލާއި އެހެނިހެން ތަކެތި ހުރި ރަށެއްގެ ޑިވިޒަން ކޮމާންޑަރަށް އަމުރު ފޮނުވައިގެން އެ މައްސަލައަކާ ގުޅޭ ބަނގުރަލާއި އެނޫން އެއްޗެތި ނައްތައިލާނީއެވެ.
  2. މައްސަލައަކާ ގުޅިގެން ރާއްޖޭގެ ރަށަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅޭ ތަކެތި ނައްތައިލުމަށް އެ މައްސަލައެއް ތހުގީގްކުރާ ޑިވިޒަނަކުން ނިންމައިފިނަމަ އެ މައްސަލައަކާ ގުޅޭ މަޢުލޫމާތު ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓަށް ފޮނުވައި އެ ޑިޕާޓްމަންޓުގެ ފަރާތުން ބަނގުރާ ނައްތައިލުމުގެ އަމުރު ކޯޓުން ހޯދުމަށްފަހު އެ މައްސަލައަކާ ގުޅޭ ބަނގުރަލާއި އެހެނިހެން ތަކެތި ހުރި ރަށެއްގެ ޑިވިޒަން ކޮމާންޑަރަށް އަމުރު ފޮނުވައިގެން އެ މައްސަލައަކާ ގުޅޭ ބަނގުރަލާއި އެނޫން އެއްޗެތި ނައްތައިލާނީއެވެ.
  3. މި މާއްދާގެ ބޭނުމަށް ޑިޕާޓްމަންޓްތަކުން ނިންމަންޖެހޭ ނިންމުންތައް ނިންމާނީ އެ ޑިޕާޓްމަންޓެއްގެ ހެޑް ނުވަތަ ހެޑްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުންނެވެ. އަދި ޑިވިޒަނަލް ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމާނީ އެ ޑިވިޒަނެއްގެ ކޮމާންޑަރު ނުވަތަ ކޮމާންޑަރުގެ މަސްއޫލިއްޔަތު އުފުލާ ފަރާތުންނެވެ.

 

18 ވަނަ މާއްދާ - އިސްތިސްނާކުރެވޭ އެއްޗެތި

ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ބަނގުރާ ނުވަތަ އެމައްސަލައަކާ ގުޅޭ އެހެނިހެން ތަކެތި ނައްތައިލުމުގައި އެއިން އެއްޗެއްގައި ހިމެނޭ ލޭބަލް ނުވަތަ އެނޫންވެސް ކިތާބީ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކީ އެ މައްސަލައެއްގެ ހެތްކެއްގެ ގޮތުގައި ކޮންމެހެން ފަހަށް ރައްކާކުރަން ޖެހޭ އެއްޗެއްކަމަށް ބެލެވޭ ނަމަ އެ އެއްޗެއް އެ މައްސަލައަކާ ގުޅޭ އެއްޗެތި ނައްތައިލުމުގައި އިސްތިސްނާކުރުމަށް ކަނޑައެޅުމަށްފަހު އެއްޗެއް ނައްތައިނުލައި ބެހެއްޓިދާނެއެވެ.

 

19 ވަނަ މާއްދާ - ތިމާވެށްޓަށް ގެއްލުން ވެދާނެ ތަކެއްޗާ މެދު ޢަމަލުކުރާނެ ގޮތް

މި ގަވާއިދުގެ ދަށުން ނައްތައިލެވޭ އެއްޗެއްގެ ސަބަބުން ތިމާވެށްޓަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފާހަގަކުރެވޭނަމަ އެފަދަ ތަކެތި ނައްތައިލަން ވާނީ އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީގެ ލަފަޔާއި މަށްވަރާ ހޯދުމަށްފަހު އެ ފަރާތުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.     

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން "މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމާބެހޭ ގަވާއިދު" ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިޔާ ތަކެތީގެ ތެރެއިން ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރަމުންދާނީ މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

               

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ އިބާރާތެއް ބޭނުން ކޮށްފައި އޮތްގޮތުން އެހެން ގޮތަކަށް ދޭހަ ނުވާހައި ހިނދަކު "ކޯޓް" ކަމަށް ބުނެފައި އެވަނީ، އެ ކޯޓެއްގެ އހުތިސާސްގެ ތެރޭގައި ޖިނާއީ މައްސަލަ ހިމެނޭ ސުޕީރިއަރ ކޯޓަށެވެ.

 

---------------

  

ޖަދުވަލު 1

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-40) 

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 2008-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު