-

ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 44/2014) 

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ފަންނުވެރި އުފެއްދުންތައް، އާންމުންނަށް ހުށަހެޅުމުގެ ކުރިން، އެ އުފެއްދުންތައް ދަރަޖަކުރުމުގެ އުސޫލު ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - އުފެއްދުންތަކަށް ގިންތި ކަނޑައެޅުމުގެ ބޭނުން

(ހ) ފަންނުވެރި އުފެއްދުންތަކަށް ގިންތި ކަނޑައެޅުމުގެ ބޭނުމަކީ، އެފަދަ އުފެއްދުމެއް އާންމުންނަށް ހުށަހަޅަން ނެރެވޭއިރު އެއީ، ކޮން އުމުރުފުރައަކަށް އެކަށީގެންވާ އުފެއްދުމެއްކަން ދުރާލައި ކަނޑައަޅައި، އެކަން އެންގުމެވެ. މިކަން އަންގައިދޭނީ، އެ އުފެއްދުމެއް ގައި ހިމަނާ ނުވަތަ އެ އުފެއްދުމެއްގެ ބޭރުގައި ތަތްކުރެވިފައި ނުވަތަ ޗާޕުކުރެވިފައި ހުންނަ އުމުރުފުރާ އަންގައިދޭ ނިށާނަކުންނެވެ.

(ށ) ފަންނުވެރި އުފެއްދުންތައް ގިންތި ކަނޑައެޅުމުގައި ބޭނުންކުރެވޭ އުމުރުފުރާތަކުގެ ނިށާންތައް މި ގަވާއިދުގެ ޖަދުވަލުގައި ހިމަނާފައިވާނެއެވެ.

 

3 ވަނަ މާއްދާ – ދަރަޖަ ކަނޑައެޅުމުގައި ބިޔުރޯގެ ވިސްނުން ގެންގުޅޭނެގޮތް

(ހ) ފަންނުވެރި އުފެއްދުމެއްގެ އުމުރުފުރާ ކަނޑައަޅާނީ އެ އުފެއްދުމެއްގެ މޮޅު ދެރަމިނަށް ބަލައިގެންނެއް ނޫނެވެ.

(ށ) އުމުރުފުރާ ކަނޑައެޅުމުގައި ވަކި އުމުރުފުރައަކަށް ފެއްތުމަށްޓަކައި އެއްވެސް އުފެއްދުމަކަށް ނުވަތަ އުފެއްދުމެއްގެ ބަޔަކަށްވެސް އުނިއިތުރު ގެނައުމުގެ މަސައްކަތެއް ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ނުކުރާނެއެވެ.

(ނ) ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ފަންނުވެރި އުފެއްދުމަަކަށް ދީފައިވާ އުމުރުފުރާއަށް ބަދަލުގެންނަން އުފެއްދުމެއްގެ ވެރިފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، އެފަރާތުން ބޭނުންވާ އުމުރުފުރައަކަށް ފެއްތުމަށްޓަކައި އެ އުފެއްދުމުން ބައެއް އުނިކޮށް، ދަރަޖައަށް ބަދަލުގެނެވިދާނެކަމަށް ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ފެނިއްޖެނަމަ، އެ އުފެއްދުމުގެ ދަރަޖައަށް ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ބަދަލުގެނައުމަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ.

 

4 ވަަނަ މާއްދާ - ކުޑަކުދިންގެ މަސްއޫލިއްޔަތު އުފުލާ ފަރާތް

ކުޑަކުދިންނަށް ފަންނުވެރި އުފެއްދުން ދެއްކުމާއި، އެފަދަ އުފެއްދުންތައް ކުޑަކުދިން ބެލުމާއި، ކިޔުމާއި އެއްވެސް މުއާމަލާތެއް ހިންގުމުގެ ހުއްދަދިނުމާއި ނުދިނުމުގެ އިހްތިޔާރާއި ޒިންމާ އުފުލާނީ އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި، އެކުދިންގެ މަސްއޫލިއްޔަތު އުފުލާ ބޮޑެތި މީހުންނެވެ.

 

5 ވަނަ މާއްދާ – ރާއްޖެއިން ބޭރުން ގެންނަ ފަންނުވެރި އުފެއްދުންތަކާމެދު އަމަލުކުރާނެ އުސޫލު

(ހ) ކަނޑުމަގުން ނުވަތަ ވައިގެމަގުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ ފަންނުވެރި އުފެއްދުންތައް ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމަށް، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަން ފޮނުވާ ފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެވެ.

(ށ) ރާއްޖެ އަންނަ ފަތުރުވެރިން ގެންނަ އެބައިމީހުންގެ ދަތުރާބެހޭ އަމިއްލަ ފަންނުވެރި އުފެއްދުންތަކަކީ، އެ މީހުންނަށް ދޫކުރެވޭނެ ތަކެއްޗެވެ. އެފަދަ އުފެއްދުންތަކަށް ސްޓިކަރ ދޫކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަދަ އުފެއްދުންތަކެއްގެ ތެރޭގައި، ރާއްޖެއަށް އެތެރެކުން މަނާ އުފެއްދުމެއް ހިމެނޭކަމަށް ށައްކުކުރެވޭނަމަ، އެތަކެތި ހިފަހައްޓައި، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ފޮނުވާ ފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެވެ.

(ނ) ތައުލީމީ، ފަންނީ ބޭނުމަށް އެތެރެކުރާ ފަންނުވެރި އުފެއްދުންތަކަކީ، ވަކި ށަރުތުތަކާއެކު، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނާއި ވެރިފަރާތާ ދެމެދުުވެވޭ އެއްބަސްވުމެއްގެ ދަށުން ދޫކުރެވޭނެ ތަކެއްޗެވެ. މިފަދަ އުފެއްދުންތައް އެއްވެސް ގޮތަަކަށް އާންމުކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ އުފެއްދުންތަކަށް އުމުުރުފުރާގެ ސްޓިކަރ ދޫކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް މި އުފެއްދުންތަކުގެ ތެރޭގައި، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުފެއްދުމެއް ހިމެނޭކަމަށްވާނަމަ، އެތަކެތި ހިފެހެއްޓޭނެއެވެ.

(ރ) ރިޒޯޓްތަކަށް އެތަނުގައި ތިބޭ ޓޫރިސްޓުންގެ މުނިފޫހިފިލިވުމުގެ ބޭނުމަށް އެތެރެކުރެވޭ އުފެއްދުންތަކުގެ ތެރެއިން މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުފެއްދުމެއް ނުހިމެނޭނަމަ، އެތަކެއްޗަކީ ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނާއި ރިސޯޓްގެ މެނޭޖްމަންޓާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން ދޫކުރެވޭނެ ތަކެއްޗެވެ.

 

6 ވަނަ މާއްދާ – ދަރަޖަކުރުމަށް ބޭނުންކުރެވޭ މިންގަނޑުތައް

ފަންނުވެރި އުފެއްދުން ދިވެހިރާއްޖޭގައި ދަރަޖަކުރާނީ 7 (ހަތެއް) އުމުރުފުރައަކަށް ބަހާލެވިގެން، އެއިން ކޮންމެ އުމުރުފުރައަކަށް ވަކިކުލައެއް ދީގެންނެވެ.

(ހ) ހުރިހާ އުމުރުފުރައަކަށް ހުއްދަނަމަ، G އަކުރާއެކު މަޑު ފެހިކުލަ.

(ށ) ބެލެނިވެރިންގެ އިރުށާދާއެކު ބޭނުންކުރުމަށް ކަމުދާ އުފެއްދުންތަކަށް – PG  އަކުރާއެކު ގަދަ ފެހިކުލަ

(ނ) ބާރަ އަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް – +12 އާއެކު މަޑުނޫކުލަ

(ރ) ފަނަރައަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް - +15 އާއެކު ރީނދޫކުލަ

(ބ) އަށާރަ އަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް - +18 އާއެކު މަޑު ރަތްކުލަ

(ޅ) އަށާރަ އަހަރުން މަތީގެ މީހުންނަށް އިންޒާރުގެ މެސެޖާއެކު ކަމުދާ އުފެއްދުންތަކަށް 18+R އާއެކު ގަދަ ރަތްކުލަ.

(ކ) ހަމައެކަނި ފަންނީ ބޭނުންތަކަށް ހުއްދަ އުފެއްދުންތަކަށް – PU އާއެކު ކަޅުކުލަ

 

7 ވަނަ މާއްދާގިންތި ކަނޑައަޅަންޖެހޭ އުފެއްދުންތައް

ތިރީގައިއެވަނީ، ރާއްޖޭގައި ބޭނުންކުރާ ނުވަތަ ރާއްޖެއިން އެތެރެކުރާ ފަންނުވެރި އުފެއްދުންތަކުގެ ތެރެއިން، ގިންތި ކަނޑައަޅަންޖެހޭ އުފެއްދުންތަކެވެ.

(ހ) ފިލްމު

(ށ) ޑޮކިއުމެންޓަރީ

(ނ) ޑްރާމާ

(ރ) ސްޓޭޖް ށޯ

(ބ) އިސްތިހާރު ފިލްމް

(ޅ) އަދަބިއްޔާތު

(ކ) ރިކޯޑުކޮށްފައި ހުންނަ ވީޑިއޯ އަދި އަޑު

(އ) ކޮމްޕިއުޓަރ ކޮންސޯލް ގޭމްސް

 

8 ވަނަ މާއްދާ – ފަންނުވެރި އުފެއްދުމަކުން އުނިކުރާނެ ބައިތައް

ތިރީގައި އެވަނީ، ބޭނުންކުރާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ފަންނުވެރި އުފެއްދުންތަކުން އުނިކުރެވޭނެ ތަންތަން ނުވަތަ ކަންކަމެވެ.

(ހ) ރަސޫލުބޭކަލަކުކަމަށް ނުވަތަ ނަބީބޭކަލަކުކަމަށް ނުވަތަ ހުލަފާއުއްރާށިދޫންގެ ބޭކަލަކުކަމަށް ބުނެ ފަންނުވެރި އުފެއްދުމެއްގައި ދައްކާ މީހަކު ހިމެނޭ މަންޒަރާއި ފޮޓޯ

(ށ) ޖިންސީ ގުނަވަންތައް ދައްކައިދޭ މަންޒަރާއި ފޮޓޯ

(ނ) ކަނޑައެޅިގެން ޖިންސީގުޅުން ހިންގާ މަންޒަރާއި ފޮޓޯ އަދި ވާހަކައާއި އަޑު

(ރ) ޖިންސީގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭގޮތަށް ހަދާފައި ހުންނަ ތަކެތީގެ މަންޒަރާއި ފޮޓޯ.

 

9 ވަނަ މާއްދާފަންނުވެރި އުފެއްދުން ދަރަޖަ ކުރުމުގައި ވިސްނަންޖެހޭ ބައިތައް

ފަންނުވެރި އުފެއްދުންތައް ދަރަޖަކުރުމުގައި ތިރީގައިވާ މިންގަނޑުތަކަށް ބަލައި، އެކަންތައްތައް އެ އުފެއްދުމެއްގައި ހިމެނިފައިވާ މިންވަރެއްގެ މައްޗަށް ބިނާކޮށް އެ އުފެއްދުމަކަށް އެކަށީގެންވާ އުމުރުުފުރާ ކަނޑައަޅަންވާނެއެވެ. އަދި ތިރީގައިވާ މިންގަނޑުތަކުގައި ހިމެނިފައިވާ ބައިތަކުގެ މިންވަރު މި ގަވާއިދުގެ އުމުރުފުރާތަކަށް ހިމަނާވަރަށް ވުރެ ބޮޑުވަރުވާނަމަ، އެ އުމުރުފުރައަކަށް އެކަށީގެންވާ މިންވަރަށް ބެހެއްޓުމަށްޓަކައި، ބައެއް ނުވަަތަ ބައިތަކެއް އެ އުފެއްދުމަކުން އުނިކުރުމުގެ އިހްތިޔާރު ނޭށަަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ލިބިގެންވެއެވެ.

(ހ) ހުށަހެޅޭ ފަންނުވެރި އުފެއްދުމެއްގެ މައުލޫއު؛

(ށ) އަނިޔާވެރިކަން ހުރި މިންވަރު؛

(ނ) ޖިންސީ އަމަލު ހުރި މިންވަރު؛

(ރ) ތަޅާފޮޅުން ހުރި މިންވަރު؛

(ބ) ބަހުރުވަ ބޭނުންކޮށްފައި ހުރިގޮތް؛

(ޅ) ލޭ ފެންނަ މިންވަރު؛

(ކ) ހަށިގަނޑު ހާމަކުރެވޭ މިންވަރު؛

(އ) ކުޑަކުދިންގެ ހައްގުތަކާ ހިލާފުވާ މިންވަރު؛

(ވ) ނަސްލު ނުވަތަ ކުލަ ދީން ނުވަތަ މީހަކު ނުވަތަ ބަޔަކު ގަބޫލުކުރާގޮތުގެ ސަބަބުން އެ މީހަކީ ނުވަތަ އެ ބަޔަކީ މާ ދަށް ފެންވަރުގެ، ނުބައި މީހެއްކަން ނުވަތަ ބައެއްކަން ދައްކާ މިންވަރު؛

(މ) ކުށެއްކަމުގައި ދިވެހިރާއްޖޭގެ ގާނޫނަކުން ކަނޑައަޅާކަމެއް، އެއީ ރަނގަޅުކަމެއްގެ ގޮތުގައި ބުނާނަމަ، އެކަން؛

(ފ) ދީން ތަމްސީލުކޮށްދީފައިވާ ގޮތާއި ރާއްޖޭގައި އޮތް އިސްލާމީ އުސޫލުތަކާއި އާދަކާދަތަކާ އަޅައިބެލުން؛

(ދ) ދިވެހި ގައުމިއްޔަތައް ނުވަތަ ށަހުސިއްޔަތަށް އުނިކަމެއް އިހުސާސްވާ މިންވަރު

 

10 ވަނަ މާއްދާ – ހުއްދަނޫން ކަންކަން

(ހ) ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ގިންތިކޮށް ދަރަޖަ ކަނޑަނާޅާ ފަންނުވެރި އުފެއްދުމެއް އާންމުކޮށް ހުށަހެޅުމާއި ވިއްކުމަކީ މަނާކަމެކެވެ.

(ށ) އިސްލާމްދީނަށް ފުރައްސާރަކޮށް އުފެއްދުމެއް އުފެއްދުކަމީ ނުވަތަ ގެންގުޅުމަކީ ނުވަތަ ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

(ނ) ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ގިންތިކަނޑައަޅައި، ދަރަޖަކޮށްފައިވާ އެއްވެސް ފަންނުވެރި އުފެއްދުމަކަށް އުނިއިތުރު ގެނައުމަށްފަހު، އަލުން ކްލެސިފައިނުކޮށް އާންމުކުރުމަކީ މަނާކަމެކެވެ. ނަމަވެސް ގިންތިކަނޑައެޅުމާއި ދަރަޖަކުރުމަށްޓަކައި ހުށަހަޅާ ފަންނުވެރި އުފެއްދުމެއް ރައްކާތެރިކުރުމަށްޓަކައި ވަކިކަމަކަށް ހުށަހަޅާ އުފެއްދުމެއްކަން އަންގައިދޭ ވޯޓަރމާކެއްފަދަ ލިޔުމެއް ބޭނުންކުރެވިދާނެއެވެ.

(ރ) ފަންނުވެރި އުފެއްދުމެއްގައި މުޅިން ޖިންސީ އެދުންވެރިކަމާގުޅޭ އަމަލު ނުވަތަ ވާހަކަ ހިމަނައިގެން އުފެއްދުމަކީ ނުވަތަ ގެންގުޅުމަކީ ނުވަތަ ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާފަންނުވެރި އުފެއްދުން ދަރަޖަކޮށް ގިންތި ކަނޑައެޅުމަށް ހުށަހެޅުން

ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނުވެރި އުފެއްދުންތައް ދަރަޖަކޮށް ގިންތި ކަނޑައެޅުމަށް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) "ފަންނުވެރި އުފެއްދުންތައް ކްލެސިފައިކުރުމަށް ހުށަހަޅާ ފޯމު" (މި ފޯމު އޮންނަންވާނީ ފުރަންޖެހޭ ބައިތައް ފުރިހަމަކޮށްފައެވެ.)

(ށ) އާންމުންނަށް ހުށަހެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ އެ އުފެއްދުމެއްގެ ފުރިހަމަ ކޮޕީ. (މިކޮޕީއަކީ ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަންގެ ރަސްމީ ބޭނުމަށް ބޭއްވޭނެ ކޮޕީއެކެވެ. )

(ނ) 50 (ފަންސާސް) ރުފިޔާގެ ރެވެނިއު ސްޓޭމްޕް

 

12 ވަނަ މާއްދާ – ފަންނުވެރި އުފެއްދުންތައް ދަރަޖަކޮށް ގިންތި ކަނޑައެޅުމުގެ މަސައްކަތަށް ހޭދަވާ މުއްދަތު

ފަންނުވެރި އުފެއްދުންތަކަށް ގިންތި ކަނޑައެޅުމަށާއި، ދަރަޖަކުރުމަށް ހޭދަވާނީ އެކަމަށްއެދި ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހާއި 15 (ފަނަރަ) ދުވަހާ ދޭތެރޭގެ މުއްދަތެކެވެ. ނަމަވެސް ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް އެއްފަހަރާ ހުށަހަޅާ އުފެއްދުންތަކުގެ ނިސްބަތުން މި މުއްދަތު އިތުރުވުމަކީ އެކަށީގެންވާކަމެކެވެ.

 

13 ވަނަ މާއްދާ – ދަރަޖަކުރިގޮތާމެދު ހިތްހަމަނުޖެހުން

ފަންނުވެރި އުފެއްދުމަކަށް ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ކަނޑައެޅި ގިންތިއާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ އުފެއްދުމެއްގެ ވެރިފަރާތުން ދެވަނަ ބެލުމަކުން ބަލައިދިނުމަށް އެދި ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަންގެ ކްލެސިފިކޭށަން ރިވިއު ބޯޑަށް ހުށަހެޅިދާނެއެވެ. މިހެން ދިމާވެއްޖެ ހިނދެއްގައި 12 ވަނަ މާއްދާގައި ބުނެފައިވާގޮތަށް 5 (ފަހެއް) ދުވަހާއި 15 (ފަނަރ) ދުވަހާ ދޭތެރޭގެ މުއްދަތެއްގައި އެ މައްސަލަ ނުނިމޭގޮތް މެދުވެރިވުމުގެ ސަބަބުން އެ އުފެއްދުން ދޫކުރެވޭ ދުވަސް ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

 

14 ވަނަ މާއްދާ – ދަރަޖަކުރުމަށް އަގު ނެގުން

ފަންނުވެރި އުފެއްދުމަކަށް ގިންތި ކަނޑައެޅުމަށް ނުވަތަ ދަރަޖަކުރުމުގެ މަސައްކަތައް ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން އެއްވެސް އަގެއް ނުނަގާނެއެވެ. ނަމަވެސް، އެކަންކުރުމަށް އާންމު އުސޫލުން ކުރަންޖެހޭ ކަމެއް ނޫންކަމެއް ކުރަންޖެހި، އަދި އެކަމުން ހަރަދެއް ހިނގާނަމަ، އެ ހަރަދު އެ އުފެއްދުމެއްގެ ވެރިފަރާތުން، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ދޭންވާނެއެވެ.

 

15 ވަނަ މާއްދާ – އާންމުންނަށް ހުށަހެޅުމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް

އާންމުންނަށް ފަންނުވެރި އުފެއްދުން ހުށަހެޅުމުގައި ޒިންމާ އުފުލަންޖެހޭނީ އަންނަނިވި ފަރާތްތަކެވެ.

(ހ) އާންމުންނަށް ދެއްކުމަށްޓަކައި ފަންނުވެރި އުފެއްދުންތައް އުފައްދާ ފަރާތް

(ށ) އާންމުންނަށް ދެއްކުމަށްޓަކައި ފަންނުވެރި އުފެއްދުންތައް ހުށަހަޅާ ތަންތަން ހިންގާ ފަރާތާއި ވިޔަފާރިކުރާ ތަންތަން ހިންގާ ފަރާތް

 

16 ވަނަ މާއްދާ – ފަންނުވެރި އުފެއްދުމަކާ ގުޅޭގޮތުން ދިމާވާ މައްސަލަތައް

ފަންނުވެރި އުފެއްދުމެއްގައި ހިމެނޭ ވާހަކައެއް، މަންޒަރެއް ނުވަތަ އަޑަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލާނީ އެ އުފެއްދުމެއް އުފެއްދި ފަރާތުންނެވެ. އަދި އެ މައްސަލައެއް ނިންމާނީ ށަރުއީ ކޯޓެއް މެދުވެރިކޮށްގެންނެވެ.

 

17 ވަނަ މާއްދާ – އާންމުންނަށް ހުށަހަޅާއިރު ކުރަންޖެހޭ ކަންތައްތައް

ފަންނުވެރި އުފެއްދުން އާންމުންނަށް ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރަންޖެހޭނެއެވެ.

(ހ) ފަންނުވެރި އުފެއްދުންތައް ދަރަޖަކޮށްފައިވާ އުމުރުފުރާގެ ނިށާން ޖެހުން. މިނިށާން ޖަހަންވާނީ ކަވަރުގެ ފަހަތުގެ ވާއަތު ކަނުގައެވެ. އަދި މި ނިށާން ޓޭޕް/ޑިސްކު ގައިވެސް ޖަހަންވާނެއެވެ. މި ނިށާން ހުންނަންވާނީ ފުޅާމިނުގައި 2 ސެންޓިމީޓަރު ބޮޑުމިނުގައެވެ.

(ށ) ފަންނުވެރި އުފެއްދުމެއް ފެށުމުގެ ކުރިން، 5 (ފަހެއް) ސިކުންތު ވަންދެން އެ އުފެއްދުމެއްގެ ކްލެސިފިކޭށަން ސެޓްފިކެޓް ދެއްކުން.

(ނ) އެ އުފެއްދުމެއް ދަރަޖަކުރެވިފައިވާ އުމުރުފުރާ ފެންނަގޮތަށް އެ އުފެއްދުމެއް ދައްކަން ކަނޑައަޅާ ތަނެއްގައި އާންމުންނަށް ފެންނަގޮތަށް ހުރުން.

(ރ) އެ އުމުރުފުރާއިން ދަށުގެ ފަރާތަކަށް އެ އުފެއްދުމެއް ނުދެއްކުން

(ބ) އެ އުފެއްދުމެއްގެ އިސްތިހާރުތަކުގައި އެ އުފެއްދުމަކަށް ކަނޑައެޅި އުމުރުފުރާ ފެންނަގޮތަށް ހިމެނުން.

 

18 ވަނަ މާއްދާ – މަނާކުރެވޭ ފަންނުވެރި އުފެއްދުން ހުއްދަކުރުން

ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ފަންނުވެރި އުފެއްދުމެއް މަނާކޮށްފި ހިނދެއްގައި، އެ ނިންމުމަށް ބަދަލެއްގެނެވޭނީ ށަރުއީ ހަމަތަކުގެމަތިން ކޯޓެއްގެ ނިންމުމަކުންނެވެ.

 

19 ވަނަ މާއްދާ – ފަންނުވެރި އުފެއްދުމެއްގެ ކްލެސިފިކޭށަނާ މެދު އާންމުންގެ ފަރާތަކުން ނުވަތަ ޖަމާއަތަކުން ހިތްހަމަނުޖެހުން

ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ކްލެސިފައިކޮށް ދޫކޮށްފައިވާ ފަންނުވެރި އުފެއްދުމަކާމެދު އާންމުންެގެ ފަރާތަކުން ނުވަތަ ޖަމާއަތަކުން ކަމުގައި ވިއަސް ހިތްހަމަ ނުޖެހުމެއްވާނަމަ، އެމައްސަލަ ހައްލުކުރާނީ ށަރުއީ ހަމަތަކުގެމަތިން ކޯޓެއްގެ ނިންމުމަކުންނެވެ.

 

20 ވަނަ މާއްދާ – ހުރިހާ އުމުރުފުރައަކަށް ހުއްދަ ދަރަޖަ

(ހ) ނަފްސާނީގޮތުން އެކަށީގެންނުވާ ވާހަކައެއް، މެސެޖެއް ނުވަތަ މައުލޫމާތެއް ނުހިމެނޭނެއެވެ.

(ށ) އަނިޔާވެރި އަމަލެއް ނުހިމެނޭނެއެވެ. 

(ނ) ޖިންސީ އަމަލެއް ނުހިމެނޭނެއެވެ.

(ރ) ދައްކާ ވާހަކައިގައި ހަރުކަށިކަމެއް ނުހިމެނޭނެއެވެ.

(ބ) ޑްެރަގް ބޭނުންކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

(ޅ) ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

 

21 ވަނަ މާއްދާބެލެނިވެރިއެއް އިރުށާދުގެ ދަށުން ހުއްދަ ދަރަޖަ

(ހ) 12 (ބާރަ) އަހަރުން ދަށުގެ ކުދިންނަށް ނަފްސާނީގޮތުން އެކަށީގެންނުވާ ވާހަކައެއް، މެސެޖެއް ނުވަތަ މައުލޫމާތެއް ނުހިމެނޭނެއެެވެ.

(ށ) އަނިޔާވެރި އަމަލެއް ނުހިމެނޭނެއެވެ. އަދި 12 (ބާރަ) އަހަރުން ދަށުގެ ކުދިންބިރުގަނެ ނުވަތަ ޖެހިލުންވާވަުރގެ ބައެއް ނުހިމެނޭނެއެވެ.

(ނ) ޖިންސީ އަމަލެއް ނުހިމެނޭނެއެވެ.

(ރ) ދައްކާ ވާހަކައިގައި ހަރުކަށިކަމެއް ނުހިމެނޭނެއެވެ. އަދި 12 (ބާރަ) އަހަރުންދަށުގެ ކުދިންނަށް އެކަށީގެންނުވާ ފެންވަރުގެ ބަސްބަހެއް ނުހިމެނޭނެއެވެ.

(ބ) ޑްރަގް ބޭނުންކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

(ޅ) ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

(ކ) މި އުމުރުފުރާގެ އުފެއްދުމެއް 12 (ބާރަ) އަހަރުން ދަށުގެ ކުދިން ބަލަންވާނީ ބެލެނިވެރިއެއްގެ އިރުށާދުގެ ދަށުންނެވެ.

 

22 ވަނަ މާއްދާ – ބާރަ އަހަރުން މައްޗަށް ހުއްދަ ދަރަޖަ

(ހ) 12 (ބާރަ) އަހަރާއި 15 (ފަަނަރަ) އަހަރާ ދެމެދުގެ ކުދިންނަށް ނަފްސާނީގޮތުން އެކަށީގެންނުވާ ވާހަކައެއް، މެސެޖެއް ނުވަތަ މައުލޫމާތެއް ނުހިމެނޭނެއެވެ.

(ށ) 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ ކުދިން ބިރުގަނެ ނުވަތަ ޖެހިލުންވާވަރުގެ އަނިޔާވެރި އަމަލެއް ނުހިމެނޭނެއެވެ.

(ނ) ޖިންސީ އަމަލެއް ނުހިމެނޭނެއެވެ.

(ރ) 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ ކުދިންނަށް އެކަށީގެންނުވާ ފެންވަރުގެ ބޭއަދަބީ ބަސްބަހެއް ނުހިމެނޭނެއެވެ.

(ބ) 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހރާ ދެމެދުގެ ކުދިންނަށް ޑްރަގް ބޭނުންކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހޭލުންތެރިކުރުވާ މަންޒަރު ހިމެނިދާނެއެވެ.

(ޅ) ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

 

23 ވަނަ މާއްދާ – ފަނަރަ އަހަރުން މައްޗަށް ހުއްދަ ދަރަޖަ

(ހ) 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިންނަށް ނަފްސާނީގޮތުން އެކަށީގެންނުވާ ވާހަކައެއް، މެސެޖެއް ނުވަތަ މައުލޫމާތެއް ނުހިމެނޭނެއެވެ.

(ށ) 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިން ބިރުގަނެ ނުވަތަ ޖެހިލުންވާވަރުގެ އަނިޔާވެރި އަމަލެއް ނުހިމެނޭނެއެވެ.

(ނ) ޖިންސީ އަމަލެއް ނުހިމެނޭނެއެވެ.

(ރ) 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިންނަށް އެކަށީގެންނުވާ ފެންވަރުގެ ބޭއަދަބީ ބަސްބަހެއް ނުހިމެނޭނެއެވެ.

(ބ) 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިންނަށް ޑްރަގް ބޭނުންކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހޭލުންތެރިކުރުވާ މަންޒަރު ހިމެނިދާނެއެވެ.

(ޅ) ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

 

24 ވަނަ މާއްދާ – އަށާރަ އަހަރުން މައްޗަށް ހުއްދަ ދަރަޖަ

(ހ) 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ނަފްސާނީގޮތުން އެކަށީގެންނުވާ ވާހަކައެއް، މެސެޖެއް ނުވަތަ މައުލޫމާތެއް ނުހިމެނޭނެއެވެ.

(ށ) އަނިޔާވެރި އަމަލު 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް އެކަށީގެންވާ މިންވަރަށް ހިމެނިދާނެއެވެ.

(ނ) ޖިންސީ އަމަލެއް ނުހިމެނޭނެއެވެ.

(ރ) ދައްކާ ވާހަކައިގައި ހަރުކަށިކަން ހިމެނިދާނެއެވެ. އަދި ޖިންސީ އަމަލަކާ ބެހޭގޮތުން ޖިންސީ މާނައެއް ދޭހަވާފަދަ ވާހަކަ ހިމެނިދާނެއެވެ.

(ބ) ޑްރަގް ބޭނުންކުރާ މަންޒަރު ހިމެނިދާނެއެވެ. ނަމަވެސް އެކަމަށް ހިތްވަރުދީ ނުވަތަ އެކަމަކީ ރަނގަޅު ކަމެއްކަމަށް ދައްކާ މައުލޫމާތެއް ނުހިމެނޭނެއެވެ.

(ޅ) ށަވަރ ކަރޓްން ފަދަ ހުރަހަކާއެކު ފޭރާންނެތި ހުންނަކަމަށް ދޭހަވާ މަންޒަރު ހިމެނިދާނެއެވެ. ނަމަވެސް ޖިންސު ވަކިކުރާ ގުނަވަނެއް ސިފަވާ މަންޒަރެއް ނުހިމެނޭނެއެވެ.

 

25 ވަނަ މާއްދާ – އަށާރަ އަހަރުން މަތި އާރް އަށް ހުއްދަ ދަރަޖަ

(ހ) 18 (އަށާރަ) އަހަރުން މަތީގެ ބައެއް މީހުންނަށް ނަފްސާނީގޮތުން އެކަށީގެންނުވާ ވާހަކަ، މެސެޖް ނުވަތަ މައުލޫމާތު ހުންނާނެއެވެ.

(ށ) އަނިޔާވެރި އަމަލު 18 (އަށާރަ) އަހަރުން މަތީގެ ބައެއް މީހުންނަށް އެކަށީގެންނުވާ މިންވަރަށް ހިމެނޭނެއެވެ..

(ނ) ޖިންސީ އަމަލެއް ނުހިމެނޭނެއެވެ.

(ރ) ދައްކާ ވާހަކައިގައި ހަރުކަށިކަން ހިމެނޭނެއެވެ. އަދި ޖިންސީ އަމަލަކާ ބެހޭގޮތުން ޖިންސީ މާނައެއް ދޭހަވާފަދަ ވާހަކަވެސް ހިމެނޭނެއެވެ.

(ބ) ޑްރަގް ބޭނުންކުރާ މަންޒަރު ހިމެނޭނެއެވެ. ނަމަވެސް އެކަމަށް ހިތްވަރުދީ ނުވަތަ އެކަމަކީ ރަނގަޅު ކަމެއްކަމަށް ދައްކާ މައުލޫމާތެއް ނުހިމެނޭނެއެވެ.

(ޅ) ށަވަރ ކަރޓްން ފަދަ ހުރަހަކާއެކު  ފޭރާންނެތި ހުންނަކަމަށް ދޭހަވާ މަންޒަރު ހިމެނޭނެއެވެ. ނަމަވެސް ޖިންސު ވަކިކުރާ ގުނަވަނެއް ސިފަވާ މަންޒަރެއް ނުހިމެނޭނެއެވެ.

(ކ) މި ދަރަޖައިގެ ދަށުން ހުއްދަކުރެވޭ އުފެއްދުންތަކުގައި ހުރެދާނެ މަންޒަރެއް ނުވަތަ އަޑެއްގެ ސަަބަބުން ބައެއް ބެލުންތެރިންނަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމުގެ އިންޒާރު އާންމުންނަށް ފެންނަގޮތަށް މި ދަރަޖައިގެ އުފެއްދުންތަކުގެ އިޝްތިހާރުތަކުގައި ހިމަނަންވާނެއެވެ.

 

 

26 ވަނަ މާއްދާ - ހަމައެކަނި ފަންނީ ބޭނުމަށް ހުއްދަ ދަރަޖަ

(ހ) މި ދަރަޖައިގެ ދަށުން ދޫކުރެވޭ  އުފެއްދުންތައް އާންމުންނަށް ކުއްޔަށް ދިނުމާއި އާންމުކޮށް ހުށަހެޅުމަކީ މަނާ ކަމެކެވެ. 

(ށ) ނަފްސާނީގޮތުން އެކަށީގެންނުވާ ވާޙަކަ، މެސެޖް ނުވަތަ މައުލޫމާތު ހިމެނޭނެއެވެ. 

(ނ) އަނިޔާވެރި އަމަލު ހިމެނޭނެއެވެ. 

(ރ) ފަންނީ، ސިއްހީ، ތައުލީމީ އަދި ތާރީހީ ބޭނުންތަކަށް އެކަށީގެންވާ މިންވަރަށް ޖިންސީ މަންޒަރު ހިމެނޭނެއެވެ. ނަމަވެސް 10 ވަނަ މާއްދާގެ (ރ) ގައި ބުނެފައުވާފަދަ އުފެއްދުމެއް ނުހިމެނޭނެއެވެ. 

(ބ) ދައްކާ ވާހަކައިގައި ހަރުކަށިކަމާއި ބޭއަދަބީ ބަހުރުވަ ހިމެނޭނެއެވެ. 

(ޅ) ޑްރަގް ބޭނުންކުރާ މަންޒަރު ހިމެނޭނެއެވެ. ނަމަވެސް އެކަމަށް ހިތްވަރުދީ ނުވަތަ އެކަމަކީ ރަނގަޅު ކަމެއްކަމަށް ދައްކާ މައުލޫމާތެއް ނުހިމެނޭނެއެވެ. 

(ކ) ފަންނީ، ސިއްހީ، ތައުލީމީ އަދި ތާރީހީ ބޭނުމަށްޓަކައި ނިވާކަމެއްނެތި ފެންނަމީހުންނާއި ޖިންސީ ގުުނަވަން ހިމެނޭނެއެވެ. 

 

27 ވަނަ މާއްދާ – ޖޫރިމަނާއާއި އަދަބުތައް

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ކްލެސިފައިނުކޮށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުފެއްދުމެއް އާންމުކުރުމަކީ މަނާކަމެކެވެ. އަދި އެކަން ކުރި ފަރާތެއް 500 (ފަސް ސަތޭކަ) ރުިފޔާއާއި 5،000 (ފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މމި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ކްލެސިފައިކޮށްފައިވާ އުފެއްދުމަކަށް އެއްވެސް ބަދަލެއް ގެނެސް އެ އުފެއްދުމެއް އާންމުކޮށްފިނަމަ އެކަން ކުރި ފަރާތެއް 500 (ފަސް ސަތޭކަ) ރުފިޔާއާއި 5،000 (ފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މިގަވާއިދުގެ 17 ވަނަ މާއްދާއާ ހިލާފު ވެއްޖެނަމަ އެ އުފެއްދުމެއްގެ ޒިންމާވާ ފަރާތެއް 500 (ފަސް ސަތޭކަ) ރުފިޔާއާއި 5،000 (ފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކަމެއް ތަކުރާރުކޮށްފިނަމަ، މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެކަން ތަކުރާރުކުރި ކޮންމެ ފަހަރަކަށް 1،000 (އެއް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

 

28 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު އަންނަނިވި ލަފްޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ފަންނުވެރި އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އަޑު ހިމަނައިގެން ނުވަތަ އަޑުނުހިމަނައި އުފައްދާ ހުރިހާ ބާވަތެއްގެ ހަރަކާތްކުރާ ނުވަތަ ހަރަކާތްނުކުރާ ފޮޓޯ އުފެއްދުންތަކަށާއި، އިސްތިހާރަށާއި، ޑްރާމާއަށާއި ތަމްސީލަށާއި، ނެށުމަށާއި، ސްޓޭޖްށޯވ އަށެވެ.

(ށ) "ގިންތި ކަނޑައެޅުން" ކަމަށް ބުނެފައި އެވަނީ، ތަފާތު އުމުރުުފުރާގެ ވިސްނުމުގެ ފެންވަރަށް ބަލައި، ފަންނުވެރި އުފެއްދުމެއްގެ މައުލޫއުތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ އުފެއްދުމެއް އެކަށީގެންވާ އުމުރުފުރައަކަށް ކަނޑައެޅުމަށެވެ.

(ނ) "ދަރަޖަކުރުން" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަންގައި ދަރަޖަކުރުމަށް ގެންގުޅޭ 7 (ހަތެއް) އުމުރުފުރައަށެވެ. މި ދަރަޖަތަކަކީ ފަންނުވެރި އުފެއްދުންތަށް އެކަށީގެންވަނީ ކޮން އުމުރުފުރައަކަށްތޯ ބަލައި، ދޫކުރާނެ އުމުރުފުރައެއް ކަނޑައެޅުމަށްޓަކައި ބޭނުންކުރާ ދަރަޖަތަކެކެވެ.

(ރ) "ދިވެހިރާއްޖެއަށް އެތެރެކުރެވޭ ފަންނުވެރި އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ކަނޑުމަގުންނާއި ވައިގެމަގުން އެތެރެކުރެވޭ ތަކެއްޗާއި، އިންޓަރނެޓް މެދުވެރިކޮށް ޑައުންލޯޑްކުރާ ތަކެއްޗަށެވެ.

 

(ޖަދުވަލު)

(ޖަދުވަލު- ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު އަންގައިދޭ ނިށާންތަކުގެ ކުރެހުމާއި އޭގެ ތަސްވީރު، މިގަވާއިދުގެ އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ޑޮކިއުމަންޓުގައި އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު