-

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 169/2014) 

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ގުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބަކަށް ވީހިނދު، ގާނޫނު ނަންބަރު 4/1993 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މިގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ މަގްސަދަކީ، އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދްރަތީ މާހައުލުގައި ވަރަށް މުހިންމު ތަކެތިކަމަށް ވުމާއެކު، އެތަކެތީގެ އާބާދީއަށް ގެއްލުން ލިބިދާނެފަދަ އެންމެހައި ކަންތައްތައް ހުއްޓުވުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް ޢަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

(ހ) މި ގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީގެ ފަރާތުން އެޖެންސީންނެވެ.

(ށ) މި ގަވާއިދުގެ ކަންކަން ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް ޒިންމާ ހަވާލުކުރުމުގެ އިހްތިޔާރު އެޖެންސީތަކަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިމާޔަތްކުރުން

އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމާއި، ގެންގުޅުމާއި، އެފަދަ ދޫންޏާއި އޭގެ ބައިތަކުން ވިޔަފާރި ކުރުމާއި، އެތަކެތީގެ ބިސް ނެގުމާއި، އެފަދަ ދޫންޏާއި ދޫނީގެ ބިސް ކެއުމަށް ބޭނުންކުރުމާއި އަދި އެތަކެއްޗަށް ނުވަތަ އެތަކެތީގެ ހާއްޔަށް އެއްވެސް ގޯނާއެއް ކުރުމަކީ މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

 

7 ވަނަ މާއްދާ - ރާއްޖެއަށް ހިޖުރަކުރި ދޫންޏެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނެ އުސޫލު

މި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި، ތިރީގައި ލިސްޓްކޮށްފައިވާ ދޫނިތައް ފިޔަވައި ދިވެހިރާއްޖޭގެ މާހައުލުން ފެންނަ އެހެން ހުރިހާ ދޫންޏަކީ ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ގޮތުގައި ބެލެވޭނެއެވެ.

(1)   ދިވެހި ކަނބިލި (ގާނޫނު ނަންބަރު 4/1993 ގެ ދަށުން 5 ޖޫން 1996 ގައި ހިމާޔަތްކޮށްފައި)

(2)   ހުވަދޫ ރާބޮނދި (ގާނޫނު ނަންބަރު 4/1993 ގެ ދަށުން 5 ޖޫން 1996 ގައި ހިމާޔަތްކޮށްފައި)

(3)    ދިވެހި ރާބޮނދި (ގާނޫނު ނަންބަރު 4/1993 ގެ ދަށުން 5 ޖޫން 1996 ގައި ހިމާޔަތްކޮށްފައި)

(4)    މެދު ރާއްޖެތެރޭ ރާބޮނދި (ގާނޫނު ނަންބަރު 4/1993 ގެ ދަށުން 5 ޖޫން 1996 ގައި ހިމާޔަތްކޮށްފައި)

(5)    ދިވެހި ކޮވެލި (ގާނޫނު ނަންބަރު 4/1993 ގެ ދަށުން 5 ޖޫން 1996 ގައި ހިމާޔަތްކޮށްފައި)

(6)    ކާޅު

 

8 ވަނަ މާއްދާ – އިސްތިސްނާ

(ހ) އެޖެންސީން ހުއްދަ ލިބިގެން، ދިރާސާއެއް ކުރުމަށް ނުވަތަ އެފަދަ ބޭނުމަކަށް، ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތެއް ހިފުމާއި، ގެންގުޅުން އަދި އެތަކެތީގެ ބިސް ނެގުން މި ގަވާއިދުގެ ދަށުން އިސްތިސްނާ ވާނެއެވެ.

(ށ) ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތަކުން ނުރައްކާތެރި ބަލިފަތުރާ ޖަރާސީމެއް ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ ހިޖުރަކުރާ ދޫނީގެ ސަބަބުން ރާއްޖޭގެ މާޙައުލުގައި އުޅޭ ދިރުމަކަށް އެއްވެސް ބާވަތެއްގެ ނުރައްކަލެއް ނުވަތަ ގެއްލުމެއް ވާކަމަށް އެޖެންސީއަށް ފާހަގަކުރެވިއްޖެނަމަ، އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން އެފަދަ ދޫނި ނައްތައިލުން ނުވަތަ އެފަދަ ހާލަތެއްގައި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުން މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

 

9 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫންޏާބެހޭ ގޮތުން ދިރާސާ ކުރުން.

(ހ) ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫންޏާބެހޭގޮތުން ދިރާސާކުރުމަށް ނުވަތަ އެފަދަ ބޭނުމަކަށް، ދޫނި ހިފުމާއި، ގެންގުޅުން އަދި އެތަކެތީގެ ބިސް ނެގުން ފަދަ ކަމެއް ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް އެޖެންސީއަށް ލިޔުމަކުން ހުށަހަޅައި، އޭޖެންސީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.

  1. ދިރާސާ ކުރަން ހުށަހަޅާ ފަރާތުގެ ފުރިހަމަ މައުލޫމާތު
  2. ދިރާސާކުރަން ބޭނުންވާ ދޫނީގެ ނަން
  3. ދިރާސާކުރަން ބޭނުންވާ މުއްދަތު
  4. ދިރާސާ ކުރާ ސަރަހައްދު
  5. ދިރާސާ ކުރާނެ ގޮތުގެ ތަފްސީލް ނުވަތަ މެތެޑޮލޮޖީ
  6. ދިރާސާގެ މަގްސަދު ނުވަތަ ބޭނުން އަދި
  7. މި ނޫންވެސް އެޖެންސީން ބޭނުންވާ ބައެއް މައުލޫމާތު

(ށ) ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫންޏާބެހޭގޮތުން ކުރާ ދިރާސާތަކުން ހޯދި ހޯދުންތަކުގެ ރިޕޯޓު، އެ ދިރާސާއެއްގެ ފައިނަލް ރިޕޯޓު އެކުލަވާލާތާ 30 (ތިރީސް) ދުވަސް ތެރޭގައި އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

(ނ) ދިރާސާކުރުމަށް ބޭނުންކުރާ ދޫނި، ދިރާސާގެ މަސައްކަތް ނިމުމުން އެތަކެތި ހިފި މާހައުލަށް ރައްކާތެރިކަމާއެކު ދޫކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫންޏާބެހޭގޮތުން ދިރާސާކުރުމަށް ނުވަތަ އެފަދަ ބޭނުމަކަށް، ދޫނި ހިފުމާއި، ގެންގުޅުން އަދި އެތަކެތީގެ ބިސް ނެގުން ފަދަ ކަމެއް ކުރުމަށް އެޖެންސީން ހުއްދަ ދޫކުރާއިރު، ދިރާސާ ކުރުމުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ށަރުޠުކޮށް ހުއްދަ ދޫކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގައި މަނާކަމެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

(ށ) ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫންޏާބެހޭގޮތުން ދިރާސާކުރުމަށް ނުވަތަ އެފަދަ ބޭނުމަކަށް، ދޫނި ހިފުމާއި، ގެންގުޅުން އަދި އެތަކެތީގެ ބިސް ނެގުން ފަދަ ކަމެއް ކުރުމަށް އެޖެންސީން ދީފައިވާ ހުއްދައާ ހިލާފަށް ދިރާސާ ކުރިޔަށް ގެންދާކަމަށް އެޖެންސީއަށް ފާހަގަކުރެވިއްޖެނަމަ، އެފަރާތަކަށް އެޖެންސީން ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށް ދިރާސާ ހުއްޓުވުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ – މާނަކުރުން

(ހ) މިނިސްޓްރީ ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަ ނޑައެޅުމާއި އެސިޔާސަތުތައް ތަންފީޛުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) އެޖެންސީ ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ނ) ރާއްޖެއަށް ހިޖުރަކުރާ ދޫނި ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ލިސްޓްކޮށްފައިވާ ދޫނިތައް ފިޔަވައި ދިވެހިރާއްޖޭގެ މާހައުލުން ފެންނަ އެހެން ހުރިހާ ދޫންޏަށެވެ.

----------------- 

 

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ޖަދުވަލުތައް

 

ޖަދުވަލު 1

މި ގަވާއިދުގެ ދަށުން ކަނޑައެޅޭ ޖުރިމާނާތައް

ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ޤާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގިންތީގެ ކަންތައްތަކެވެ. މި ކަންކަމަށް އަދަބު ކަނޑައަޅާނީ ގަވާއިދާ ހިލާފުވި ކުޑަބޮޑު މިނަށް ބަލައި ތިރީގައިވާ ގޮތުގެ މަތިންނެވެ.

 

  1. ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމަކީ މަނާކަމެކެވެ. މިބައިގައި ބަޔާންކުރާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، 501 (ފަސް ސަތޭކަ އެކެއް) ރުފިޔާއާއި، 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

  2. ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ގެންގުޅުމަކީ މަނާކަމެކެވެ. މިބައިގައި ބަޔާންކުރާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، 501 (ފަސް ސަތޭކަ އެކެއް) ރުފިޔާއާއި، 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

  3. ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އަދި އޭގެ ބައިތައް ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. މިބައިގައި ބަޔާންކުރާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، 501 (ފަސް ސަތޭކަ އެކެއް) ރުފިޔާއާއި، 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

  4. ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބިސް ނެގުމަކީ މަނާ ކަމެކެވެ. މިބައިގައި ބަޔާންކުރާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، 501 (ފަސް ސަތޭކަ އެކެއް) ރުފިޔާއާއި، 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

  5. ރާއްޖެއަށް ހިޖުރަކުރ ދޫންޏަށް ނުވަތަ އެތަކެތީގެ ހާއްޔަށް އެއްވެސް ގޯނާއެއް ކުރުމަކީ މަނާކަމެކެވެ. މިބައިގައި ބަޔާންކުރާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، 501 (ފަސް ސަތޭކަ އެކެއް) ރުފިޔާއާއި، 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

  6. މަތީގައި ބަޔާންކޮށްފައިވާ މަނާކަންތައްތައް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެންމެ ފަހުން ޖޫރިމަނާ ކުރި އަދަދަށް1000 (އެއް ހާސް) ރުފިޔާ ޖުރިމަނާގެ ގޮތުގައި އިތުރުކުރެވޭނެއެވެ.
     

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1993)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު