-

ގާނޫނީ އޮޑިޓްކުރުމާއި، އެށޫރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 24/2012) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 170/2014)

 

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-23 ގެ 40 ވަނަ މާއްދާގެ (ށ) އިން އުވާލެވިފައި)

 

މިއީ، ގަވާއިދު ނަންބަރު 24/2012 (ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އުނިކޮށް، އެ މާއްދާގެ (ހ) ގެ ފަހަތަށް ހުރި އަކުރުތައް ތަރުތީބުކުރުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަވި ގޮތަށް އިސްލާހުކުރުން.

6. (ހ) އެމީހަކީ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތްތަކުގެ ތެރެއިން، އޮޑިޓްކުރުމުގެ ހުއްދަ ނުވަތަ އޮޑިޓް ޕްރެކްޓިސިން ސެޓްފިކެޓް ދޫކުރާ ފަރާތަކުން ދޫކޮށްފައިވާ ޕްރޮފެށަނަލް އެކައުންޓެންސީގެ ސަނަދެއް ހާސިލުކޮށްފައިވާ، އެތަނުގެ ފުރިހަމަ މެންބަރެއް ކަމުގައިވުން، އަދި

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން

6. (ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ކެޓަގަރީ "ބީ" ޕްރެކްޓިސިންގ ސެޓްފިކެޓް ލިބިފައިވާ ފަރާތެއްގެ ގޮތުގައި ކުރިން އޮޑިޓާއި އެށޫރެންސް ހިދުމަތއް ދީފައިވާ ފަރާތެއްކަމުގައި ނުވާނަމަ، އެމީހަކީ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކޮށްފައިވާ އޮޑިޓް ޕްރެކްޓިސިންގ ސެޓްފިކެޓެއް ހާސިލުކޮށްފައިވާ ފަރާތެއްކަމުގައިވުން.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސައި، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ހ) ކެޓަގަރީ "އޭ" ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭފަރާތަކީ މެދުކެނޑުމެއްނެތި މަދުވެގެން 4 (ހަތަރެއް) އަހަރުގެ މުއްދަތަށް އެކްސްޓާރނަލް އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ އެކަށީގެންވާ ތަޖްރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛ ނުވަތަ

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން

7. (ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ކެޓަގަރީ "ބީ" ޕްރެކްޓިސިންގ ސެޓްފިކެޓް ލިބިފައިވާ ފަރާތެއްގެ ގޮތުގައި މަދުވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް އެކްސްޓަރނަލް އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

 

6 ވަަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

8. (ހ) އެމީހަކީ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކޮށްފައިވާ ސަނަދެއް ހާސިލުކޮށްފައިވާ އެތަނުގެ ފުރިހަމަ މެންބަރެއް ކަމުގައިވުން؛ އަދި

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން

8. (ށ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހިންގާ ނުވަތަ ގަބޫލުކުރާ "އޮޑިޓް ޕްރެކްޓިސަސް އެންޑް ޕްރޮސީޖާރސް" ކޯސް ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައިވުން ނުވަތަ އެމީހަކު ހަދާފައިވާ ޕްރޮފެށަނަލް އިމްތިހާނުތަކުގެ މާއްދާއެެއްގެ ގޮތުން "އެޑްވާންސްޑް އޮޑިޓް އެންޑް އެށޫރެންސް" ނުވަތަ އެއާ އެއްފެންވަރުގެ އޮޑިޓު އެންޑް އެށޫރެންސް މޮޑިއުލަކުން ފާސްވެފައިވުން ނުވަތަ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކުރާ ބައިނަލް އަގްވާމީ ގޮތުން ގަބޫލުކުރާ އެކްސްޓަރނަލް އޮޑިޓިންގ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

 

8 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) އުނިކޮށް އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. އެމީހަކީ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް އެކްސްޓަރނަލް އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން. މިތަޖުރިބާގެ ތެރޭގައި އެމީހަކަށް މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނާ ށަރުތު ފުރިހަމަވުމުގެ ކުރިން ލިބިފައިވާ، އެކްސްޓަރނަލް އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ވެސް ހިމެނެއެވެ.

 

9 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހިންގާ ނުވަތަ ގަބޫލުކުރާ "އޮޑިޓް ޕްރެކްޓިސަސް އެންޑް ޕްރޮސީޖާރސް" ކޯސް ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައިވުން ނުވަތަ އެމީހަކު ހަދާފައިވާ ޕްރޮފެށަނަލް ނުވަތަ އެކަޑެމިކް އިމްތިހާނުތަކުގެ މާއްދާއެއްގެ ގޮތުން "އެޑްވާންސްޑް އޮޑިޓް އެންޑް އެށޫރެންސް" ނުވަތަ އެއާ އެއްފެންވަރުގެ އޮޑިޓު އެންޑް އެށޫރެންސް މޮޑިއުލަކުން ފާސްވެފައިވުން ނުވަތަ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކުރާ ބައިނަލް އަގްވާމީ ގޮތުން ގަބޫލުކުރާ އެކްޓަރނަލް އޮޑިޓިންގ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

 

10 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) އުނިކޮށް އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. ކެޓަގަރީ "ސީ" ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭފަރާތަކީ މެދުކެނޑުމެއްނެތި މަދުވެގެން 2 (ދޭއް) އަހަރުގެ މުއްދަތަށް އެކްސްޓާރނަލް އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ އެކަށީގެންވާ ތަޖްރިބާ ލިބިފައިވާ މީހަކު ކަމުގައިވުން. މި ތަގުރިބާގެ ތެރޭގައި މި ގަވާއިދުގެ 10 ވަނަ މާއްދަގެ (ހ) ނުވަތަ (ށ) ގައި ބުނާ ށަރުތު ފުރިހަމަވުމުގެ ކުރިން ލިބިފައިވާ، އެކްސްޓަރނަލް އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ވެސް ހިމެނެއެވެ.

 

11 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އުނިކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް ހުރި އަކުރުތައް ތަރިތީބުކުރުން

 

12 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. (ޅ) އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކޮށްފައިވާ ޕްރެކްޓިސިންގ ސެޓްފިކެޓެއް ހާސިލުކޮށްފައި ނުވާ ފަރާތެއް ނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހިންގާ ނުވަތަ ގަބޫލުކުރާ "އޮޑިޓް ޕްރެކްޓިސަސް އެންޑް ޕްރޮސީޖާރސް" ކޯސް ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގެ ލިޔުން ނުވަތަ އެމީހަކު ހަދާފައިވާ ޕްރޮފެށަނަލް ނުވަތަ އެކަޑެމިކް އިމްތިހާނުތަކުގެ މާއްދާއެއްގެ ގޮތުން "އެޑްވާންސްޑް އޮޑިޓް އެންޑް އެށޫރެންސް" ނުވަތަ އެއާ އެއްފެންވަރުގެ އޮޑިޓު އެންޑް އެށޫރެންސް މޮޑިއުލަކުން ފާސްވެފައިވާކަމުގެ ލިޔުން ނުވަތަ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކުރާ ބައިނަލް އަގްވާމީ ގޮތުން ގަބޫލުކުރާ އެކްސްޓަރނަލް އޮޑިޓިންގ ސެޓުފިކެޓެއް ހާސިލުކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ސެޓްފިކެޓް ނުވަތަ ލިޔުން:

 

13 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

15. (ކ) މި ގަވާއިދުގެ ދަށުން ފަރުދެއްގެ ގޮތުގައި ގާނޫނީ އޮޑިޓާއި އެށޫރެންސްގެ ހިދުމަތް ދިނުމަށް ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރެވޭ ފަރާތަކަށް، އެކްސްޓާރނަލް އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތާއި އެއާ ގުޅުންހުރި އެހެނިހެން ހިދުމަތް ދިނުމުގެ ބޭނުމުގައި އެކަަމަށް ހާއްސަ ވިޔަފާރި ނަމެއް ރަޖިސްޓަރީކޮށްގެން ހިދުމަތް ދެވިދާނެއެވެ. ނަމަވެސް، މިގޮތުން ވިޔަފާރި ނަމެއް ރަޖިސްޓަރީ ކޮށްގެން ހިދުމަތް ދިންކަމުގައި ވިއަސް އެ ހިދުމަތަކީ އޮޑިޓް ފާރމަކުން ދިން ހިދުމަތެއްގެ ގޮތުގައި މި ގަވާއިދުގެ ބޭނުމަށް ނުބެލެވޭނެއެވެ.

 

14 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

21. (ހ) ފާމުގެ ޕާރޓްނަރުންގެ ތެރެއިން މަދުވެގެން 2 (ދޭއް) ޕާރޓްނަރުންނަކީ ކެޓަގަރީ "އޭ" ޕްރެކްޓިސިންގ ސެޓްފިކެޓު އޮންނަ މީހުން ކަމުގައިވުން؛

 

15 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

22. (ހ) ފާމުގެ ޕާރޓްނަރުންގެ ތެރެއިން މަދުވެގެން 2 (ދޭއް) ޕާރޓްނަރުންނަކީ ދަށްވެގެން ކެޓަގަރީ "ބީ" ޕްރެކްޓިސިންގ ސެޓްފިކެޓު އޮންނަ މީހުން ކަމުގަިއވުން؛

 

16 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

42. (ހ) މިގަވާއިދުގެ ދަށުން ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރުމުގެ އެންމެހައި ކަންކަން ރާވާ ހިންގުމަށް އޮޑިޓަރ ޖެނެރަލަށް އެހީތެރިވެދިނުމުގެ ގޮތުން 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ "ލައިސަންސިންގ އެންޑް ޑިސިޕިލިނަރީ ކޮމެޓީ" އެއް އޮޑިޓަރ ޖެނެރަލް އެކުލަވައިލަންވާނެއެވެ. މި ކޮމެޓީ އެކުލެވިގެންވާގޮތް ތިރީގައި އެވަނީއެވެ.

  1. އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް؛
  2. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން، އޮޑިޓަރ ޖެނެރަލް އައްޔަންކުރާ 3 (ތިނެއް) މުވައްޒަފުން؛
  3. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އައްޔަންކުރާ މުވައްޒަފެއް؛
  4. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އައްޔަންކުރާ މުވައްޒަފެއް؛
  5. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސޯީ.އެމް.ޑީ.އޭ) އިން އައްޔަންކުރާ މުވައްޒަފެއް؛

 

17 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން

43. (ނ) ކޮމެޓީގެ ނިންމުންތަކަކީ ނުވަަތަ ރޫލިންގ ތަކަކީ އެ ނިންމުންތައް އެ ރޫލިންގތަކާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓަރ ޖެނެރަލަށް ދޭ ލަފައެކެވެ. އެ ނިންމުމަކާމެދު ނުވަތަ ރޫލިންގއަކާމެދު އަމަލުކުރުމާ މެދު ގޮތެއް ނިންމާނީ އޮޑިޓަރ ޖެނެރަލެވެ. ކޮމެޓީގެ ނިންމުމަކަށް ނުވަތަ ރޫލިންގއަކަށް އަމަލު ނުުކުރުމަށް ނުވަތަ ކޮމެޓީގެ ނިންމުމަކާ ނުވަތަ ރޫލިންގއަކާ ހިލާފަށް އަމަލުކުރުމަށް އޮޑިޓަރ ޖެނެރަލް ނިންމައިފިނަމަ އެގޮތަށް ނިންމި ސަބަބު ބަޔާންކޮށް ކޮމެޓީގައި ލިޔުމުން ރެކޯޑުކޮށްފައި ބޭއްވުމަށްޓަކައި އެކަން ލިޔުމަކުން އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ފޮނުވަންވާނެއެވެ.

 

18 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދަށް، މިގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން

 

19 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

20 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

 

މައި ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޯރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 24/2012)

 

އުވި ގަވާއިދު

ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-23)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު