-

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން، ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 187/2014)

 

1 ވަނަ މާއްދާ – ތައާރުފު

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (18) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގުސަދު

މިގަވާއިދުގެ މަގުސަދަކީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި ކަންކުރަންވީ ގޮތުގެ އުސޫލުތައް އަންގައިދިނުމެވެ.

 

4 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަަނަ މާއްދާ – މި ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށަނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަަނަ މާއްދާ – ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ބޭސްފަރުވާ ކުރުމަށް ޖަލުން ބޭރަށް ގެންދިއުން

(ހ) ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން މީހަކު ސިއްހީ ފަރުވާ ދިނުމަށް ޖަލުން ބޭރަށް ގެންދަންވާނީ، އެ މީހަކު ބަންދުކޮށްފައިވާ ޖަލެއްގައި ހުރި މެޑިކަލް ސެންޓަރުން ފަރުވާ ދެެވެން ނެތް ކަންކަމަށް ފަރުވާކުރުމަށް، ޖަލުގައި ހުންނަ މެޑިކަލް އޮފިސަރުގެ އިރުށާދުގެ ދަށުންނެވެ.

(ށ) ޖަލުގައި ހުންނަ މެޑިކަލް އޮފިސަރު ގައިދީއަކު ނުވަތަ ބަންދުމީހަކު ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ނުވަތަ ޖަލުގެ މެޑިކަލް ސެންޓަރުން ދެވެން ނެތް ފަރުވާއެއް ދިނުމަށް ރިފަރ ކޮށްފިނަމަ، އެ މީހަަކަށް އެ ފަރުވާއެއް ލަސްނުކޮށް ލިބޭނެ އިންތިޒާމު ޑައިރެކްޓަރ އޮފް ޕްރިޒަން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ޖަލުގެ މެޑިކަލް ސެންޓަރުން ދެވެން ނެތް ފަރުވާތަކަށް، ފަރުވާކުރުމަށް އެންމެ ފުރަތަމަ އެ މީހަކު ގެންދާނީ  ސަރުކާރުގެ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށެވެ. ނަމަވެސް އެފަދަ ތަނަކުން ދެވެންނެތް ހިދުމަތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި ސިއްހަތާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ކްލިނިކް، ހޮސްޕިޓަލް ނުވަތަ ސެންޓަރަކުން އެ ހިދުމަތެއް ހޯދިދާނެއެވެ.

 

7 ވަނަ މާއްދާ – ދިވެހި ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރުމަށް ފޮނުވުން

(ހ) ޖަލުގައި ހުރި މީހަކު ސިއްހީ ފަރުވާދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވޭނީ ދިވެހިރާއްޖެއިން ފަރުވާދެވެން ނެތް ބަލިބައްޔަށް ފަރުވާ ކުރުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ޖަލުގައި ހުރި މީހަކު ބަލިވެގެން ކަމާބެހޭ ހާއްސަ ޑޮކްޓަރެއް ބަލައި އެ ބައްޔަކީ ދިވެހިރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއްކަމަށް ޑޮކްޓަރ ލަފާދީފިނަމަ، އެކަން ބެލުމަށްޓަކައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ކަމާބެހޭ ހާއްސަ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިޕާޓްމަންޓުގެ މަދުވެގެން 2 (ދޭއް) ޑޮކްޓަރުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުގައި އެ ދެޑޮކްޓަރުންގެ އެންޑޯޒްމަންޓާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މެޑިކަލް ބޯޑަށް އެމައްސަލަ ހުށަހަޅަންވާނެއެވެ. މި ގޮތުން އައި.ޖީ.އެމް.އެޗް.ގެ ކަމާގުޅޭ ހާއްސަ ޑިޕާޓްމަންޓުގައި ދެ ޑޮކްޓަރުން ނެތްނަމަ، އެކަން ބަޔާންކޮށްދޭ އައި.ޖީ.އެމް.އެޗް.ގެ ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) މެޑިކަލް ބޯޑުން ހުއްދަދެއްވާ ގޮތެއްގެމަތިން ކަރެކްށަނަލް ސަރވިސްގެ ކޮމިށަނަރ އޮފް ޕްރިޒަންސް، އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުގައި ރަސްމީ އެންޑޯޒްމަންޓެއް ދިނުމުން އެ މީހަކަށް ބޭސް ފަރުވާއަށް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަދެވޭނެއެވެ.

(ބ) ސިއްހީ ފަރުވާ ހޯދުމަށް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަދެވޭ ފަރާތްތައް ޖަލުން ނެރުމުގައި އަމަލު ކުރާނީ "ވަގުތީގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ޅ) މި ގަވައިދުގެ ދަށުން ޖަލުގައި ހުރި މީހަކަށް، ދިވެހިރާއްޖެއިން ބޭރަށް ސިއްހީ ފަރުވާ ލިބިގަތުމަށް ދަތުރުކުރެވޭނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުއްދަދޭ ގައުމަކަށެވެ.

(ކ) ޖަލުގައި ހުރި ބިދޭސީއަކު ރާއްޖެއިން ލިބެންނެތް ސިއްހީ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެ މީހަކު ރާއްޖެއިން ބޭރަށް ފޮނުވުމާމެދު ގޮތެއް ކަނޑައަޅާނީ މެޑިކަލް ބޯޑުގެ މަޝްވަރާގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ.

 

8 ވަނަ މާއްދާ – ދިވެހިރާއްޖެއިން ބޭރަށް ބޭސްފަރުވާކުރުމަށް ފޮނުވުމަށް ކުރަންޖެހޭ ހަރަދު

(ހ) ޖަލުގައި ހުރި މީހަކު، ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ފޮނުވުމަށާއި ރާއްޖެއިން ބޭރުގައި އެ މީހުންނަށް ބޭސްފަރުވާ ކުރުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެއްވެސް ހަރަދެއް ނުކުރާނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއްކުރާނީ ސަރުކާރުން ގާއިމުކޮށްފައިވާ ހެލްތް އިންށުއަރެންސް ސްކީމްގެ ދަށުން ނުވަތަ އެ މީހެއްެގެ އަމިއްލަ ނުވަތަ އެ މީހެއްގެ އާއިލާގެ ހަރަދުގައެވެ.

(ށ) ޖަލުގައި ހުންނަ މީހަކަށް، އޭނާ ޖަލުގައި ހުންނަ ހުރުމުގައި ލިބޭ ނުރައްކާތެރި އަނިޔާއަކަށް ފަރުވާ ކުރުމަށް، އެ މީހަކު ރާއްޖެއިން ބޭރަށް ފޮނުވަންޖެހިއްޖެނަމަ، ނުވަތަ ޖަލުގައި ހުރި މީހަކު ރާއްޖެއިން ބޭރަށް ދިއުމަށް ހަރަދުކުރާނެ އެއްވެސް ފަރާތެއް ނެތުމާއެކު، އެ މީހަކަށް ޖެހިފައިވާ ބައްޔަކީ އެ މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ، ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ލިބިދާނެ ބަޔަކަށްވާނަމަ، އެ މީހަކު ބޭރަށް ފޮނުވުމަށާއި ބޭސްފަރުވާއަށް ހިނގާ ހަރަދު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސައިދެވިދާނެއެވެ.

 

---------------

ޖަދުވަލު 1

(ޖަދުވަލު 1 ގައި ހިމެނިފައިވާ ހެލްތް އެންޑް މެޑިކަލް ސަރވިސްގެ ފޯމު، މި ގަވާއިދުގެ އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ޑޮކިއުމަންޓް ގައި އަޕްލޯޑް ކުރެވިގެންދާނެއެވެ.) 

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު