-

އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 211/2014)

 

1 ވަނަ މާއްދާ – ތައާރަފު

(ހ) މި ގަވާއިދަކީ، 1 ޖަނަވަރީ 2013 ގައި އަމަލުކުރަން ފެށި އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ "އޮފިސަރުން" ގެ އައު އޮނިގަނޑާ ގުޅިގެން އެ މުވައްޒަފުން އަދި ހިންގުމުގެ އިސްމުވައްޒަފުން އަމަލުކުރުމަށް ހަދާފައިވާ ހާއްސަ ގަވާއިދެކެވެ. މި ގަވާއިދުގައި ހިމެނިގެންވަނީ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ދުވަހާއި މަސައްކަތު ގަޑިއާއި ބަންދު ދުވަސްތައް އަދި ޗުއްޓީތައް ހަމަޖައްސާނެ އުސޫލެވެ. މި ގަވާއިދުގައި ނުހިމެނޭ އެންމެހައި ކަންތައްތަކުގައި ޢަމަލުކުރާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ށ) މި ގަވާއިދަކީ، މި ތަފާތު ހިދުމަތް ދިނުމުގައި ގަވާއިދުގައި ހާއްސަ ކުރަންޖެހޭ ކަންކަން ހާއްސަކޮށް، އެގޮތުން ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ ގޮތުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) އިން ބާރުލިބިގެން އެކަށައެޅި، ސިވިލް ސަރވިސްގެ ގަވާއިދުގެ ބައެކެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ތާރީހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ – މާނަ ކުރުން

(ހ) މި ގަވާއިދުގައި "އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް" ކަމުގައި ބުނެފައި އެވަނީ، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް އަށެވެ.

(ށ) މި ގަވާއިދުގައި "އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް އޮފިސަރ" ކަމުގައި ބުނެފައި އެވަނީ، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް ގައި މަސައްކަތްކުރާ ޔުނިފޯމް އޮފިސަރުންނަށެވެ.

 

3 ވަނަ މާއްދާ - އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި

(ހ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ދުވާލަކު 8 (އަށެއް) ގަޑިއިރެވެ.

(ށ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ މަސައްކަތް އޮންނާނީ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަ ނޑައަޅާ ދަންފަޅީގެ އުސޫލުންނެވެ.

(ނ) މަސައްކަތު ހަފުތާ ހަމަޖެހިފައިވާ ގޮތުން ހަފުތާއަކު 6 (ހަޔެއް) ދުވަހު މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ދަންފަޅި ހަމަޖައްސާނީ، މި ގަވާއިދާއި ވަޒީފާއާއި ބެހޭ ގާނޫނުގައިވާ އުސޫލުތަކާއި އެއްގޮތަށެވެ.

(ރ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ހިދުމަތުގެ ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ ދަންފަޅީގެ އުސޫލުން ދުވާލަކު 8 (އަށެއް) ގަޑިއިރެވެ. ނަމަވެސް ރަމަޒާން މަހުގައި މުވައްޒަފުންނަށް ލުއިވާނޭހެން ދަންފަޅި ހަމަޖެއްސިދާނެއެވެ.

(ބ) ދަންފަޅި އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީގެ ތެރެއިން ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، މަސައްކަތުގެ ވަގުތުގެ ތެރެއިން ކެއުމަށާއި ނަމާދުކުރުމަށް 1 (އެކެއް) ގަޑިއިރު ހުސްވަގުތުކޮޅެއް ދެވޭނެއެވެ. ރަމަޒާން މަހުގައި ރަސްމީ މަސައްކަތު ގަޑީގެ ތެރެއިން 15 (ފަނަރަ) މިނެޓްގެ ހުސްވަގުތުކޮޅެއް ނަމާދުކުރުމަށް ދެވޭނެއެވެ. މި ވަގުތުކޮޅު ހަމަޖައްސާނީ ހިދުމަތަށް ބުރޫ ނާރާނެ ފަދައިން މުވައްޒަފުންގެ މެދުގައި މަސައްކަތް ބަހާލައިގެންނެވެ.

(ޅ) އޭވިއޭށަން ސެކިއުރިޓީ އޮފިސަރުންގެ ވަޒީފާއަދާކުރާ މުވައްޒަފުންނަކީ، އެއަރޕޯޓުތަކުގައި ޑިއުޓީ އުސޫލުން 24 ގަޑިއިރު މެދުނުކެނޑި ހިދުމަތްދިނުމަށާއި، އެއަރޕޯޓުތަކުގައި އާދަޔާ ހިލާފު ހާލަތެއް ނުވަތަ ކުއްލި ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެ ކަންތައް ހައްލުކޮށް ވީ އެންމެ އަވަހަކަށް އެއަރޕޯޓުގެ މަސައްކަތް އާންމު ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތަށް ތައްޔާރުވެ ތިބެންޖެހޭ ބައެއްގެ ގޮތުގައި އައްޔަންކުރެވޭ މުވައްޒަފުންނެވެ. މީގެ އިތުރުން އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުން ހަމަޖައްސާފައިވާ އުސޫލުން ކޮންމެ މަގާމެއްގެ މުވައްޒަފަކީވެސް ކޮމާންޑަރ އޭވިއޭށަން ސެކިއުރިޓީއަކަށް ހުންނަ މީހަކު ނުވަތަ ޕްލެޓޫން ލީޑަރުން އަންގައިފި ހިނދެއްގައި އާންމު ސެކިއުރިޓީ މަސައްކަތުގެ އިތުރުން ވެސް އާދަޔާ ހިލާފު ހާލަތެއް ނުވަތަ ކުއްލި ނުރައްކަލެއް ކުރިމަތިވާ ވަގުތުން ފެށިގެން އެކަމެއް ނިމެންދެން ޑިއުޓީއަށް ނުކުންނަން ތައްޔާރަށް ތިބެންޖެހޭ ބައެކެވެ. މިފަދަ ކަންކަމަށް ހާޒިރުވުމުގައި ޑިއުޓީ ނޫން ގަޑިއެއް އިސްތިސްނާއެއް ނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތީން އާދަޔާ ހިލާފު ހާލަތެއް ނުވަތަ ކުއްލި ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެ ކަންތައް ހައްލުކޮށް ވީ އެންމެ އަވަހަކަށް އެއަރޕޯޓުގެ މަސައްކަތް އާންމު ހާލަތަށް ރުޖޫއަކުރުމުގެ ގޮތުން އެ މަސައްކަތެއްގައި ހޭދަކުރާ މުއްދަތާ ގުޅިގެން ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - އިތުރު ގަޑީގައި މަސައްކަތް ކުރުވުން

1 ޖަނަވަރީ 2013 ގައި އަމަލުކުރަން ފެށި އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މުސާރައިގެ އޮނިގަނޑުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހިސާބުކޮށްފައި ވަނީ، ދުވާލަކު 8 (އަށެއް) ގަޑިއިރުގެ މަސައްކަތަށެވެ. ވާއެކު، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ އިތުރުގަޑި ހިސާބުކުރާނީ ދުވާލަކު 8 (އަށެއް) ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހި، ހުއްދަ ލިބިގެން މަސައްކަތްކުރި ވަގުތަށެވެ.

 

5 ވަނަ މާއްދާ – ގަޑިއަށް ހާޒިރުވުން

(ހ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް އާ ގުޅޭ އެންމެހައި މަސައްކަތަކީ، ގައުމުގެ ސަލާމަތާއި ސިޔާދަތު ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު މަސްއޫލިޔަތުތަކެއް އަދާކުރާ ހިދުމަތެއް ކަމުން، ކޮންމެ މުވައްޒަފަކުވެސް، އެ މުވައްޒަފު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު، މަސައްކަތަށް ބުރޫ ނާރާނެހެން ގަޑިއަށް ފަރުވާ ބަހައްޓައިގެން ހާޒިރުވާން ވާނެއެވެ. ގަޑިއަށް ހާޒިރު ނުވެވޭ ފަދަ އުޒުރެއް މެދުވެރިވެގެން، ހާޒިރުވާންޖެހޭ ގަޑިއަށްވުރު 30 (ތިރީސް) މިނެޓު ލަސްވެއްޖެނަމަ، ލަސްވި ސަބަބު އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަން ވާނެއެވެ. އަދި މިފަދައިން ރިޕޯޓުކުރާ މުވައްޒަފުން ލަސްވި ސަބަބު ރިކޯޑުކުރަން ހަމަޖައްސާފައި އޮންނަ އުސޫލުން އެ ސަބަބެއް ރިކޯޑުކުރަން ވާނެއެވެ.

(ށ) މުވައްޒަފު މަސައްކަތު ގަޑިއަށް ހާޒިރުވެފައިވަނީ މަސައްކަތު ގަޑީގެ ބޮޑުބައި (4 ގަޑިއިރަށް ވުރެ ގިނައިރު) ފާއިތުވި ފަހުން ކަމުގައި ވަނީނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތް ކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެއެވެ. މިފަދަ މުވައްޒަފުންނާމެދު ގަވާއިދުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބަންދު ދުވަސްތަކާއި މުވައްޒަފަށް ދެވޭ ޗުއްޓީ

(ހ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށް އަންނަނިވި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެވެ.

  1. ގައުމީ ދުވަސް.
  2. މިނިވަން ދުވަސް.
  3. ޖުމްހޫރީ ދުވަސް.
  4. ހިޖުރީ އަހަރުގެ ފުރަތަމަ ދުވަސް.
  5. މީލާދީ އަހަރުގެ ފުރަތަމަ ދުވަސް.
  6. ފިތުރު އީދު ދުވަސް.
  7. ހައްޖު ދުވަސް.
  8. އަލްހާއީދު ދުވަސް.
  9. ނަސްރުގެ ދުވަސް.
  10. ކީރިތި ރަސޫލާގެ އީދުމީލާދު ދުވަސް.
  11. ރާއްޖެ އިސްލާމްވި ދުވަސް.
  12. ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް.
  13. ސަރުކާރު އެދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާ ދުވަސް.

(ށ) ބަންދު ދުވަސް ކަމަށް ކަ ނޑައަޅާފައިވާ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއަށް ނިކުންނަން ޖެހިއްޖެނަމަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތީން، ބަންދު ދުވަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރުގަޑިއާއި ބަންދު ދުވަހެއްގައި މަސައްކަތް ކުރާތީ ދޭ އިނާޔަތް ދެވޭނެއެވެ.

(ނ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ޗުއްޓީތައް ހަމަޖައްސާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ރ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށް ޗުއްޓީތައް ދިނުމުގައި ބަންދު ދުވަސް ހިމަނަންޖެހޭ ޗުއްޓީތަކުގައި ބަންދު ދުވަހުގެ ގޮތުގައި ހިމަނާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކެވެ.

(ބ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ސަލާމް ބުނުމާއި ސަލާމް ހަމަޖެއްސުމާ ގުޅޭ ގޮތުން އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ސަލާމް ބުނެވޭނީ ތިމާ ބަލިވެގެން އޮފީހަށް ހާޒިރު ނުވެވޭފަދަ ހާލަތެއް މެދުވެރިވެގެންނެވެ. އަދި ހިދުމަތްކުރާ ކޮންމެ ސަލާމުގެ ޗުއްޓީ ގޮތުގައި މުސާރަލިބޭގޮތަށް ގެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ.
  2. ސަލާމުގެ ޗުއްޓީ ނަގާނަމަ، އޮފީހުން ހަމަޖައްސާފައި އޮންނަ އުސޫލެއްގެ މަތިން ޑިއުޓީއަށް ނިކުންނަންޖެހޭ ވަގުތުގެ 1 (އެކެއް) ގަޑިއިރު ކުރިން ޕްލެޓޫން ލީޑަރަށް އަންގަންވާނެއެވެ. މި ގަވާއިދާ އެއްގޮތަށް ހާޒިރު ނުވާ ސަބަބު އަންގާފައި ނުވާނަމަ އަދި އެދުވަހު އޮފީހަށް ނުނުކުމެ ހުރުމަށް އޮފީހުން ހުއްދަ ދީފައި ނުވާނަމަ އެދުވަހެއް ބެލެވޭނީ ގައިރު ހާޒިރީއެއް ކަމުގައެވެ.
  3. ސަލާމް ހުށަހެޅުމުން، އެދުވަހަކީ އެ މުވައްޒަފަކު ސަލާމުގައި ހުރި ދުވަހެއްކަން އެނގޭނޭހެން ހާޒިރީގައި ރިކޯޑުކޮށްފައި އޮންނަންވާނެއެވެ.
  4. ވިދިވިދިގެން 1 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނެފައިވާނަމަ، ނުކުންނަ ދުވަހު އޮފީހަށް ނުނުކުންނަ ދުވަސްތަކަށް ސަލާމުގެ ސެޓުފިކެޓު ހުށަހަޅަން ޖެހޭނެއެވެ. ސަލާމުގެ ސެޓުފިކެޓު ހުށައަޅާފައި ނުވާނަމަ، އެ ދުވަސްތަކަކީ މުވައްޒަފު މަސައްކަތަށް ވެފައިވާ އިހުމާލެއްކަމަށް ބަލައި، އެ މުވައްޒަފަކާ މެދު އިސްލާހީ ފިޔަވަޅު، ލަސްނުކޮށް އަޅަންވާނެއެވެ.

 

7 ވަނަ މާއްދާ – ހިންގުމުގެ އިސް މަގާމުތަކުގެ މުވައްޒަފުން

(ހ) 1 ޖަނަވަރީ 2013 ން ފެށިގެން އަމަލުކުރަން ފެށި އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ މަގާމުތަކުގެ އޮނިގަ ނޑުގައި ހިންގުމުގެ އެންމެ އިސް މަގާމުތަކުގެ ފަންތި ކަމުގައި ކަނޑައަޅާފައިވާ މަގާމުތަކަކީ، ގާނޫނު ނަންބަރު 2/2008 ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަމްބަރުގެ ދަށުން އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވޭ މުވައްޒަފުންނެވެ. އެއީ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ އޮނިގަނޑުގެ ސީއެސް 11 އިން ސީއެސް 17 އާ ދެމެދުގައިވާ މަގާމުތަކެވެ.

(ށ) ވަޒީފާއާ ބެހޭ ގާނޫނުގެ 4 ވަނަ ބާބުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުން އިސްތިސްނާ ކުރެވުނު ކަމުގައި ވީ ނަމަވެސް، މި ގަވާއިދުގައި ނުހިމެނޭ އެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންތައްތައް ހަމަޖައްސާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.

(ނ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ އެމީހުންގެ ލަޔާގަތާއި ގާބިލިއްޔަތާއި، ލިބިފައިވާ ހުނަރާއި ތައުލީމުގެ އެހީގައި އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް ފުރިހަމަ ގޮތުގައި ހިންގުމަށް ކެނޑިނޭޅި މަސައްކަތްކުރަން ޖެހޭ ބައެކެވެ. އެހެންކަމުން ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ، ގިނަ ވަގުތު އެމީހުންގެ ވިސްނުމާއި ފިކުރާއި އަދި އަމަލީ ހުނަރުތައް ޑިޕާޓްމަންޓުގެ ބޭނުމަށް ހޭދަކުރަންޖެހޭ ބައެކެވެ. ވުމާއެކު، ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ އިތުރުގަޑިއާއި، ގަޑިޖެހުމުން އިސްތިސްނާވާ މުވައްޒަފުންނެވެ. ނަމަވެސް، އެ މުވައްޒަފުންނަކީ އެބަޔަކާ ނުލައި އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ މަސައްކަތް ފުރިހަމަ ގޮތުގައި ހިންގުމަށް ބުރޫއަރާނެ ބަޔަކަށްވާތީއާއި، އެހެނިހެން ފަންތިތަކުގެ މުވައްޒަފުންނަށް ނަމޫނާއެއްގެ ގޮތުގައި ހުރިހާ ވަގުތެއްގައިވެސް މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނެވެ. ވުމާއެކު، ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުން ވަޒީފާއަށް ކަ ނޑައަޅާފައިވާ ވަގުތުތަކުގައި ހާޒިރުވުމާއި، ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި މުވައްޒަފުންނާ އެކީ ށާމިލްވުމަށް އިސްކަން ދޭންވާނެއެވެ.

(ރ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުން، ރަމަޒާންމަސް ނޫން އެހެން މަސްމަހު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ގެ ކުރިން އަދި ރަމަޒާންމަހު ހެނދުނު 9:30 ގެ ކުރިން ހާޒިރުވެ ރިކޯޑުކުރަން އޮންނަ އުސޫލަކުން އެކަން ރިކޯޑުކުރަން ވާނެއެވެ.

(ބ) އެއްވެސް ސަބަބަކާ ހުރެ، ޑިޕާޓްމަންޓަށް ހާޒިރުވާން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވެވޭގޮތް ދިމާވެއްޖެނަމަ، އެކަން ޒިންމާދާރުވެރިޔާއަށާއި ހާޒިރީ ބަލަހައްޓާ ފަރާތަށް، އެ ދުވަހުގެ 9:30 ގެ ކުރިން އަންގައި ރިކޯޑު ކުރަން އޮންނަ އުސޫލުން ރިކޯޑު ކުރަންވާނެއެވެ. ހާޒިރު ނުވެވުނީ ޒިންމާދާރުވެރިޔާއަށް ނަމަ، އެކަން އޮފީހުގެ އިސްވެރިޔާއަށް އެދުވަހުގެ 9:30 ގެ ކުރިން އަންގައި ރިކޯޑު ކުރަން އޮންނަ އުސޫލުން ރިކޯޑުކުރަން ވާނެއެވެ. ވަކިގޮތެއް ނާންގައި މަސައްކަތުގަޑި ފެށޭތާ 2 (ދޭއް) ގަޑިއިރަށްވުރެ ގިނައިރު ވެއްޖެނަމަ، އެ ދުވަހަކީ އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި އެމުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

(ޅ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންގެ ސަލާމުގެ ޗުއްޓީ ނެގުމުގަ އާއި ރިކޯޑު ކުރުމުގައި އަމަލުކުރާނީ، އެހެން މުވައްޒަފުންނާ އެއް އުސޫލަކުންނެވެ. ނަމަވެސް ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުން ކޮންމެ މީލާދީ މަހެއްގެ ތެރޭގައި ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ އިތުރަށް ސަލާމް ބުނާނަމަ، އިތުރަށް ސަލާމުގެ ޗުއްޓީ ނަގާ ދުވަސްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ސިއްހީ އެހީތެރިއަކު ދޫކުރާ ސަލާމުގެ ސެޓުފިކެޓު ހުށަހަޅަން ޖެހޭނެއެވެ. ސަލާމުގެ ސެޓުފިކެޓު ހުށަހަޅާފައި ނުވާނަމަ، އެ ދުވަސްތަކަކީ ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެއް ކަމަށް ބަލައި، އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

(ކ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަށް ކޮންމެ މީލާދީ އަހަރެއްގައ 30 (ތިރީސް) ދުވަހުގެ ސަލާމްގެ ޗުއްޓީ ދެވޭނެއެވެ.

(އ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަށް ލިބޭ، ބަންދު ދުވަސްތަކާއި އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތައް ހަމަޖައްސާނީ އެހެން މުވައްޒަފުންނާ އެއް އުސޫލަކުންނެވެ.

(ވ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ، ހަވާލުކުރެވޭ މަސައްކަތް ޒިންމާދާރު ކަމާއެކު ނިންމައި ތަންފީޒުކޮށް، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ހިންގުން ހަރުދަނާ ކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ތަން ކުރިއަރުވަން މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ބަޔަކަށް ވުމާއެކު، އެ މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ކުރާ މިންވަރު ސިވިލް ސަރވިސް ކޮމިށަނުން ކަ ނޑައަޅާފައިވާ ނިޒާމެއްގެ ދަށުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދެވޭނެއެވެ.

(ވ) މަސައްކަތް ކަ ނޑައަޅާފައިވާ ފެންވަރަށް ނުކުރެވޭ ކަމަށް، މަސައްކަތު ފެންވަރު ބެލުމުން ތަކުރާރުކޮށް ސާބިތުވާނަމަ، އެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމާއި، މަގާމުގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު