-

ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ބެހެއްޓުން މަނާކުރުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 212/2014)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނު) ގެ 151 ވަނަ މާއްދާގެ (މ) ގެ ދަށުން ބާރުލިބިގެން ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމަށް ހުއްދަނެގުމާއި، އަދި އެފަދަ ތަކެތި ބެހެއްޓޭނެ ގޮތާއި ހުއްދަ ނުނަގައި ތަކެތި ބަހައްޓާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި  ގަވާއިދަށް ކިޔާނީ "ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ބެހެއްޓުން މަނާ ކުރުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ކުރީގައި ހިނގާފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މި ގަވާއިދުގައި ވަކިކަމެއް ލާޒިމުކޮށްފައިވާނަމަ، އެކަމެއް މި ގަވާއިދުގެ ދަށުން ހިނގާނެއެވެ.

 

4 ވަނަ މާއްދާ - ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ނެރެފައި ބެހެއްޓުން

އެއްވެސް ފިހާރައަކުން އެ ފިހަރައިގެ މުދަލާއި ތަކެތި ފިހާރައިން ބޭރުގައި ބެހެއްޓުމަކީ، މަނާ ކަމެކެވެ.

 

5 ވަނަ މާއްދާ - ދުވާރު މަތީ މުދާ ބެހެއްޓުން

މި ގަވާއިދުގެ ދަށުން ފިހާރައިގެ މުދަލާއި ތަކެތި ދުވާރު މަތީ ބެހެއްޓުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ވަގުތީ ގޮތުން ތަކެތި ބެހެއްޓުން

މި ގަވާއިދުގެ 4 އަދި 5 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް، ފިހާރައަކަށް ނުވަތަ ފިހާރައަކުން މުދާ އަރުވާ ބޭލުމަށްޓަކައި މަގުމަތީގައި ބަހައްޓައިލަން ޖެހޭތަކެތި، ފިހާރައަކުން ނުވަތަ ފިހާރައަކަށް އަރުވައި ބާލައި ނިމެންދެން މަގުމަތީގައި ބެހެއްޓި ދާނެއެވެ. މި ގޮތުން ބެހެއްޓޭނީ ގިނަވެގެން 2 ގަޑިއިރުއެވެ.

 

7 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގެ 4، 5، އަދި 6 ވަނަ މާއްދާއާ ހިލާފަށް ފިހާރައިން ބޭރުގައި މުދާ ބަހައްޓާ ފަރާތްތަކަށް އެ މުދަލެއް އެތަނުން ނެގުމަށް ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ނެގުމަށް އެންގުމުންވެސް އެ މުދާތައް ނުނަގައިފިނަމަ އެ ފިހާރައިން މަގުމައްޗަށްވާ ގޮތަށް ހުރި މުދާތައް ނެގުމުގެ ބާރު ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ނުވަތަ ފަރާތްތަކަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ވާ ގޮތުގެ މަތީން ނެގުމަށް އެންގުމުންވެސް މުދާތައް ނުނަގައިފިނަމަ، ފުރަތަމަ ފަހަރު 1000 (އެއް ހާސް) ރުފިޔާއިން ދެވަނަ ފަހަރު 3000 (ތިންހާސް ) ރުފިޔާއިން 3 ވަނަ ފަހަރު 5000 (ފަސް ހާސް) ރުފިޔާއިން އެ ފިހާރައެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) 3 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެ ފިހާރައަކަށް ދޫކޮށްފައިވަ ވިޔަފާރި ހުއްދަ ބާތިލު ކުރެވޭނެއެވެ. އެ ހުއްދަ އަލުން ދެވޭނީ، ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ. އަދި މިފަދަ ކަމެއް ތިން ފަހަރު ތަކުރާރު ކޮށްފިނަމަ، އެ ފިހާރައެއްގެ ވިޔަފާރި ހުއްދަ ބާތިލުކުރުމާއެކު، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެ ފިހާރައަކަށް ވިޔަފާރި ހުއްދަ އަލުން ދޫނުކޮށް ހިފެހެއްޓޭނެއެވެ.

 

8 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތައް

މި ގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައި، މި ގަވާއިދަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހެ އުސޫލުތައް ހަދައި އެ އުސޫލުތައް އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

(ހ) ކައުންސިލް: މި ގަވާއިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ، މާލޭ ސިޓީ ކައުންސިލެވެ.

(ށ) މި ގަވާއިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނައިގައި، ކުންފުނި، ގްރޫޕް، އޮފީސް ފަދަ ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު