-

މަގުމަތީގައި އިއުލާނާއި އިށްތިހާރު ހަރުކުރުމާބެހޭ ގަވާއިދު (މާލެ ސިޓީކައުންސިލް)

(ގަވާއިދު ނަންބަރު 213/2014)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނު) ގެ 151 ވަނަ މާއްދާގެ (ބ) ދަށުން ބާރުލިބިގެން، މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، މި ގަވާއިދުގައިވާ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމުގެ ގޮތުން ހެދިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ކުރީގައި ހިނގާފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މި ގަވާއިދުގައި ވަކިކަމެއް ލާޒިމުކޮށްފައިވާނަމަ، އެކަމެއް މި ގަވާއިދުގެ ދަށުން ހިނގާނެއެވެ.

 

4 ވަނަ މާއްދާ - އާންމު ތަންތަނުގައި އިއުލާނާއި އިސްތިހާރު ހިއްޕުން

އާންމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިއުލާނެއް ނުވަތަ އިސްތިހާރެއް ބަހައްޓައި، ހަރުކުރަންވާނީ، ކައުންސިލްގެ އިދާރާއަށް ހުށަހަޅައި ފާސްކުރުމަށްފަހުއެވެ.

 

5 ވަނަ މާއްދާ - އިއުލާނާއި އިސްތިހާރު ކައުންސިލުން ފާސްކުރުން

(ހ) ކައުންސިލްގެ އިދާރާއަށް އިއުލާނެއް ނުވަތަ އިސްތިހާރެއް ފާސްކުރަން ހުށަހަޅާއިރު އެ އިއުލާނުގެ ނުވަތަ އިސްތިހާރުގެ 3 (ތިނެއް) ކޮޕީ ހުށަހަޅަންވާނެއެވެ.

(ށ) މިފަދަ އިއުލާނުތައް ނުވަތަ އިސްތިހާރުތައް އާންމުކޮށް ފެންނަގޮތަށް ބެހެއްޓުމުގެ 3 (ތިނެއް) ދުވަސް ކުރިން، އެ އިއުލާނެއް ނުވަތަ އިސްތިހާރެއް ފާސްކުރުމަށްޓަކައި ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ސަރުކާރުގެ އިމާރާތްތަކުގައި އިއުލާނާއި އިސްތިހާރު ހިއްޕުމާއި މަގުމައްޗަށް އިސްތިހާރު އެޅުން

(ހ) ސަރުކާރުގެ އިމާރާތްތަކުގައާއި ސަރުކާރު ތަންތަނާއި މަގުމަތީފާރުގައާއި މަގުހުރަހަށް އިއުލާނު ނުވަތަ އިސްތިހާރު އެ އޮފީހެއްގެ ނުވަތަ އެ އިދާރާއެއްގެ ބޭނުމަށް މެނުވީ، ބެހެއްޓުމަކީ ނުވަތަ ހިއްޕުމަކީ މަނާކަމެކެވެ. އަދި މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިއުލާނާއި އިސްތިހާރު ބަހައްޓައި ހަރުކުރުމަކީ މަނާކަމެކެވެ.

(ށ) އެއްވެސް ބާވަތެއްގެ އިސްތިހާރެއް މަގުމައްޗަށް އެޅުމަކީ މަނާކަމެކެވެ. އަދި މަގުމަތީގައި ހުންނަ ވެހިކަލްތަކަށާއި އެނޫންވެސް ތަންތަނަށް އެޅުމަކީ މަނާކަމެކެވެ.

(ނ) ގައުމީ ކަންކަމާއި ގައުމީ މުނާސަބަތުތައް ފާހަގަކުރުމަށް މަގުހުރަހަށާއި އާންމު ތަންތާނގައި އިސްތިހާރު ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު މާލޭ ސިޓީ ކައުންސިލަށް ލިބިގެން ވެއެވެ. މި ގޮތުން މަގުހުރަހަށް އެއްވެސް އިސްތިހާރެއް ދެމޭނީ ބިމުން ފެށިގެން 18 ފޫޓު މަތީގައެވެ.

 

7 ވަނަ މާއްދާ - ގޭގޭ ފާރުގައި އިއުލާނާއި އިސްތިހާރު ހިއްޕުން

އަމިއްލަ ގޭގައާއި އިމާރާތްތަކުގައި އިސްތިހާރު ބަހައްޓައި ހަރުކުރަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި އިއުލާނުކުރާ ނުވަތަ އިސްތިހާރުކުރާ މުއްދަތު ހަމަވުމުން، އެތަނަކުން އެ އިއުލާނެއް ނުވަތަ އިސްތިހާރެއް ނައްޓައި ނުވަތަ ނަގައި ތަން ސާފުކުރުމަކީ އިއުލާނު ނުވަތަ އިސްތިހާރު ހަރުކުރާ ފަރަތުން ކުރަންޖެހޭނެ ކަމެކެވެ.

 

8 ވަނަ މާއްދާ - އިއުލާނު ނުވަތަ އިސްތިހާރު ފާސްކުރުމަށް އަގު ނެގުން

ވިއްކާ އެއްޗެއް ނުވަތަ އަގުނަގާ ގޮތަށް ދެވޭ ހިދުމަތެއްގެ އިސްތިހާރު ކައުންސިލުން ފާސްކޮށް ދިނުމަށް 100 (އެއް ސަތޭކަ) ރުފިޔާގެ ފީޢެއް ނެގޭނެއެވެ.

 

9 ވަނަ މާއްދާ - ޖޫރިމަނާ ކުރުން

މި ގަވާއިދުގެ ދަށުން އިއުލާނެއް ނުވަތ އިސްތިހާރެއް ހަރުކުރާ ފަރާތުން މި ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަކާ ހިލާފުވެއްޖެނަމަ މި މާއްދާގެ ދަށުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ހ) ގަވާއިދުގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ހިލާފުވި ފަރާތަކީ އާންމު ފަރާތެއްނަމަ، 500 (ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) ގަވާއިދުގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ހިލާފުވި ފަރާތަކީ ކުލަބު، ޖަމްއިއްޔާ، ޕާޓީ ފަދަ ޖަމާއަތެއްނަމަ، 2000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) ގަވާއިދުގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ހިލާފުވި ފަރާތަކީ ކުންފުންޏެއްނަމަ 5000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރުމަށްފަހުވެސް އެކަމެއް އިސްލާހު ނުކޮށްފިނަމަ، ނުވަތަ އެ އިސްތިހާރެއް ނުނަގައިފިނަމަ، ކައުންސިލްގެ އިދާރާޢިން އެ އިސްތިހާރެއް ނެގޭނެއެވެ. އަދި ނެގުމަށް ހިނގި ހަރަދު އެ އިސްތިހާރެއް ބެހެއްޓި ފަރާތަކުން ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

(ބ) ގަވާއިދުގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ހިލާފުވި ފަރާތަކުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއެއް ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންދެން، ކައުންސިލުން އެ ފަރާތަކަށް އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތައް

މި ގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައި، މި ގަވާޢިދަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުސޫލުތައް ހަދައި އެ އުސޫލުތައް އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

(ހ) ކައުންސިލް: މި ގަވާއިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ، މާލޭ ސިޓީ ކައުންސިލެވެ.

(ށ) އާންމު ތަންތަން: މި ގަވާއިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އާންމު ތަންތަން ކަމުގައި އެވަނީ، އެ ތަނެއްގައި މީހުން ހިނގައިބިނގައިވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުކޮށް މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި މި ގަވާޢިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ އާންމު ތަންތަނަށެވެ.

(ނ) އާންމު ފަރާތްތައް: މި ގަވާޢިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އާންމު ފަރާތްތަކުގެ މާނައިގައި ހިމެނޭނީ ވަކިވަކި ފަރުދުންނެވެ.

(ރ) ކުލަބު، ޖަމްއިއްޔާ، ޕާޓީ ފަދަ ޖަމާޢަތް: މި ގަވާއިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކުލަބު، ޖަމްއިއްޔާ، ޕާޓީ ފަދަ ޖަމާއަތްތަކުގެ މާނައިގައި، ގުރޫޕް، އޮފީސް، ކިޔަވައިދޭ ތަންތަން ފަދަ ފަރާތްތައްވެސް ހިމެނޭނެއެވެ.

(ބ) ކުންފުނި: މި ގަވާއިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކުންފުނީގެ މާނައިގައި، ތަފާތު އިގްތިސާދީ މަސައްކަތްތައް ކުރާ ފަރާތްތައްވެސް ހިމެނޭނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު