-

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2014-375)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2022-91 ގެ 21 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ – ނަމާއި އަމަލުކުރަން ފެށުން

(ހ) މި ގަވާއިދު އެކުލަވާލާފައިވަނީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލޭ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)ގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

(ށ) މިގަވާއިދަށް ކިޔަނީ "އިންވެސްޓްކުރުމަށް ލަފާދޭފަރާތްތަކާބެހޭ ގަވާއިދު"އެވެ. މިގަވާއިދަށް އަމަލުކުރާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ – ގަވާއިދު ހިންގުން

މިގަވާއިދު ހިނގާނީ އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާއި އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލްކުރާ ފަރާތްތަކުގެ މައްޗަށެވެ.

 

3 ވަނަ މާއްދާ – މާނަކުރުން

މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި، ބަސްތަކުގެ މާނަ ތަރުޖަމާ ކުރަންވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށޫން ގާއިމްކޮށްފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

"އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ ގާނޫނުގައި "އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް" ކަމަށް ބުނެފައިވާ މާނައިގައެވެ.

"އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް ދީފައިވާ ކުންފުންޏަކަށެވެ.

"އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް ތަމްސީލުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިންވެސްޓްމަންޓާ ގުޅޭ ގޮތުން ލަފާދިނުމަށްޓަކައި އިންވެސްޓްކުރުމަށް ލަފާދޭ ކުންފުންޏަކުން އެކުންފުނި ތަމްސީލްކުރުމަށް އެފަރާތުގެ އެޖެންޓެއްގެ ގޮތުގައި އައްޔަންކޮށް އަދި އޮތޯރިޓީއިން އެކަމަށް ހުއްދަދީފައިވާ ފަރުދަކަށެވެ.

"މާލީ މުރާސިލުން" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި މާލީ މުރާސިލުންކަމުގައި ބުނެފައިވާ މާނައިގައެވެ.

 

ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް

 

4 ވަނަ މާއްދާ - އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސަށް އެދޭ ކުންފުނިތަކުގެ ށަރުތުތައް

ގާނޫނުގެ 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގައި ބުނެފައިވާ ށަރުތު ތަކުގެ އިތުރުން، އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ވައްކަން، ޓެކުން، ފޭރުން، ނުވަތަ މަކަރާއި ހީލަތްހެދުމުގެ ކުށެއް ސާބިތުވެފައި ނުވުން.
  2. އިފްލާސް ކުރެވިފައި ނުވުން.
  3. މިއޮތޯރިޓީއިން ކަނޑައަޅާފައިވާ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކަށް ފެތުން.

 

5 ވަނަ މާއްދާލައިސަންސް ހޯދުމަށް ނުވަތަ ހުއްދަ ހޯދުމަށް އެދޭ އާންމު ފަރުދެއްގައި ހުންނަންވީ ށަރުތުތައް

ގާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތަކުގެ އިތުރުން، ލައިސަންސް ހޯދުމަށް އެދޭ ފަރުދުންގެ ކިބައިގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

  1. މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިންވެސްޓްކުރުމަށް ލަފާދޭ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ކިބައިގާ ހުންނަންޖެހޭ ށަރުތުތައް ހުރުން.
  2. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކަށާއި، އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނިތައް ތަމްސީލުކުރާ ފަރާތްތަކަށް އޮތޯރިޓީން ބާއްވާ އިމްތިހާނެއްގައި ބައިވެރިވެ ފާސްވެފައިވުން ނުވަތަ އޮތޯރިޓީން ގަބޫލުކުރާ އެފަދަ އިމްތިހާނެއްގައި ބައިވެރިވެ ފާސްވެފައިވުން.

 

6 ވަނަ މާއްދާލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންވީ ށަރުތުތަކަށް ބަދަލު ގެނައުން

ލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންވާނެކަމަށް މި ގަވައިދުގައި އިތުރަށް ބަޔާންކޮށްފައިވާ ށަރުތުތަކަށް، މިގަވައިދަށް ގެނެވޭ އިސްލާހަކުން ބަދަލުގެނެވިދާނެއެވެ. އަދި އެފަދަ އިސްލާހުތަކަށް އަމަލުކުރެވޭނީ އެ އިސްލާހެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމަށް ފަހުގައެވެ.

 

ލައިސަންސް ދޫކުރުމާއި އައު ކުރުމާއި، ކެޕިޓަލް އާއި ފީތައް

7 ވަނަ މާއްދާ – ލައިސަންސަށް އެދި ހުށަހެޅުން

(ހ) ލައިސަންސް ހޯދުމަށާއި އައުކުރުމަށް އެދި ހުށަހަޅާނީ މި ގަވައިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.

(ށ) މި ގަވައިދުގައިވާ ކަންކަން ދިރާސާ ކުރުމަށްޓަކައި އިތުރު މައުލޫމާތު ބޭނުންވާނަމަ، އިތުރު މައުލޫމާތު ފޯރުވައިދިނުމަށް ހުށަހަޅާ ފަރާތަށް އޮތޯރިޓީން އެންގިދާނެއެވެ.

(ނ) އޮތޯރިޓީން އެޕްލިކޭށަން ފޯމު ބަލައިގަންނަ ދުވަހުން ފެށިގެން ގިނަވެގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ އެޕްލިކޭށަނާއިބެހޭ ގޮތުން އޮތޯރިޓީން ނިންމިގޮތް ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެޕްލިކޭށަނާ ގުޅިގެން އިތުރު މައުލޫމާތެއް ހުށަހެޅުމަށް އޮތޯރިޓީން އަންގާފައިވާނަމަ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު ގުނަން ފަށާނީ ހުށަހަޅަން އަންގާފައިވާ އިތުރު މައުލޫމާތު އެފަރާތަކުން އޮތޯރިޓީއަށް ހުށަހަޅާ ތާރީހުންފެށިގެންނެވެ.

(ރ) ލައިސަންސްގެ މުއްދަތަކީ އެލައިސަންސެއް ދޫކުރެވޭ ނުވަތަ އައުކުރެވޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރެވެ.

(ބ) ކުންފުންޏަކުން ލައިސަންސް ހޯދުމަށް ހުށަހަޅާއިރު، އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނި ތަމްސީލުކުރާ ފަރާތުގެ ލައިސަންސް ހޯދުމަށްޓަކައި މަދުވެގެން 1 (އެކެއް) ފޯމު ހުށަހަޅަންވާނެއެވެ.

(ޅ) ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގައްޔާއި ލައިސަންސް އައުކުރުމަށް އެދި ހުށަހެޅުމުގައި ގަސްތުގައި ނުވަތަ އެނގިހުރެ، ހަގީގަތާއި ހިލާފު، ނުވަތަ ހަގީގަތް އޮޅޭފަދަ ބަޔާނެއް ދީފިނަމަ ނުވަތަ ބައެއް މައުލޫމާތު އުނިކޮށް ހުށަހަޅައިފިނަމަ އެފަރާތަކާއި މެދު ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

8 ވަނަ މާއްދާލައިސަންސް ބާތިލުވުމާއި ބާތިލުކުރުމާއި ވަގުތީގޮތުން ހިފެހެއްޓުން

(ހ) ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެއްޖެނަމަ، މި ގަވައިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެއްޖެނަމަ، މި ގަވައިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން، ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ – ލައިސަންސްގެ ށަރުތުތައް

މިގަވައިދުގެ ދަށުން ލައިސަންސް ދޫކުރުމުގައި ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނު) ގެ 32 ވަނަ މާއްދާގެ ދަށުން ލައިސަންސްގެ ށަރުތުތައް ކަނޑައެޅުމާއި، 31 ވަނަ މާއްދާގެ ދަށުން ލިޔުމުން އެންގުމަށްފަހު، އެށަރުތުތައް ބަދަލުކޮށް، ނުވަތަ އިތުރު ށަރުތުތައް ކަނޑައެޅުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ – ޕްރޮސެސްކުރުމުގެ ފީ

ލައިސަންސް ހޯދުމަށް ނުވަތަ ހުއްދަ ހޯދުމަށް ހުށަހަޅާއިރު، ޖަދުވަލު 1 ގައިވާ އެޕްލިކޭށަން ޕްރޮސެސް ކުރުމުގެ ފީ އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

11 ވަނަ މާއްދާ – ލައިސަންސްގެ އަހަރީ ފީ

މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޖަދުވަލު 1 ގައިވާ، އަހަރީ ފީ އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

12 ވަނަ މާއްދާ – ކެޕިޓަލް

އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސަށް އެދޭ ކުންފުނީގެ ޕެއިޑްއަޕް ކެޕިޓަލް 250،000.00 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ދައްވެގެން ނުވާނެއެވެ. އަދި ނެޓް ކެޕިޓަލް އެއްވެސް އިރެއްގައި، 100،000.00 (އެއް ލައްކަ) ރުފިޔާ އަށްވުރެ ދައްވެގެން ނުވާނެއެވެ.

 

 

ސެކިއުރިޓީސްގައި ހިމެނޭ މަސްލަހަތުތަކުގެ ދަފްތަރު

 

13 ވަނަ މާއްދާ – މަސްލަހަތުތަކުގެ ދަފްތަރު ބެލެހެއްޓުން

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނުގެ 6 ވަނަ ޗެޕްޓަރުގައި ބަޔާންކޮށްފައިވާ ފަދައިން އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތަކުންނާއި، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުންނާއި، މާލީ މުރާސިލުން، އެފަރާތްތަކުގެ މަސްލަހަތު ހިމެނޭ ސެކިއުރިޓީޒްގެ މައުލޫމާތުތައް އެކުލެވޭ ދަފްތަރެއް ބަލަހައްޓަން ވާނެއެވެ.

 

މާލީ ކަންކަމާގުޅިގެން އަދާކުރަންޖެހޭ ވާޖިބުތައް

 

14 ވަނަ މާއްދާ – އިންވެސްޓް ކުރުމަށް ލަފާދޭފަރާތްތަކުން ބަލަހައްޓަންޖެހޭ ފޮތްތަކާއި ރިކޯޑުތައް

އިންވެސްޓްކުރުމަށް ލަފާދޭ ކޮންމެ ފަރާތަކުންވެސް އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ހިދުމަތްތަކާބެހޭ ތެދު، ސީދާ، އަދި އެންމެފަހުގެ މައުލޫމާތުތައް ހިމެނޭ ތިރީގައިވާ ފޮތްތަކާއި ރިކޯޑުތަކުގެ އެކައުންޓްތައް ބަލަހައްޓަންވާނެއެވެ.

(ހ) ލިބޭ ފައިސާ އަދި ދޫކުރެވޭފައިސާގެ ރިކޯޑުތަކާއި، އަދި އެއްވެސް ލެޖަރއެއްގައި އޮރިޖިނަލް އެންޓްރީއެއް ހެދުމަށް ބޭނުންކުރާ ރިކޯޑުތައް.

(ށ) އެސެޓްތަކާއި ލައިބިލިޓީތަކާއި، ރިޒާވް، ކެޕިޓަލް، އާމްދަނީ އަދި ހަރަދުތަކުގެ އެކައުންޓްތައް ދައްކުވައިދޭ އާންމު އަދި ހާއްސަ ލެޖަރތައް.

(ނ) ސެކިއުރިޓީޒްގަތުމަށް ނުވަތަ ވިއްކުމަށް އިންވެސްޓް ކުރުމަށް ލަފާދޭފަރާތުން ދޭ އޯޑަރުތަކުގެ ލިޔެކިޔުން ނުވަތަ ސެކިއުރިޓީޒް ގަތުމަށް، ވިއްކުމަށް، ލިބިގަތުމަށް، ނުވަތަ ފޯރުވައިދިނުމާއި ބެހޭ ގޮތުން އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ކްލަޔަންޓަކު ދޭ އޯޑަރުތަކާއި އިރުށާދުތަކާއިބެހޭ އެންމެހާ ލިޔެކިޔުން. މިފަދަ ލިޔެކިޔުންތަކުގައި އެ ބަޔާންކުރެވޭ ކަމެއްގެ ށަރުތުތަކާއި މައުލޫމާތުތައް ފުރިހަމައަށް އެކުލެވިފައި ހުންނަންވާނެއެވެ.

(ރ) ހުރިހާ ޗެކްފޮތްތައް، ބޭންކް ސްޓޭޓްމަންޓްތައް، ކެންސަލްކުރެވުނު ޗެކްތައް، އަދި ރިކޮންސިލިއޭށަންތައް.

(ބ) ވިޔަފާރީގެ ބިލްތަކާއި ސްޓޭޓްމަންޓްތައް ނުވަތަ އެތަކެތީގެ ކޮޕީއާއި އަދި އެތަކެތީގެ ތެރެއިން ފައިސާ ދައްކާފައިވާ ތަކެއްޗާއި އަދި ފައިސާ ނުދައްކާހުރި ތަކެތީގެ މައުލޫމާތު.

(ޅ) މާލީ ހިސާބުތަކުގެ ކުރިއަށް ހަދާފައިވާ ޓްރަޔަލް ބެލެންސްތަކާއި އިންޓާނަލް އޮޑިޓް މަސައްކަތްތަކުގެ ލިޔެކިޔުންތައް.

(ކ) އިންވެސްޓްކުރުމަށް ލަފާދޭފަރާތްތަކުން ދީފައިވާ ލަފާތަކާ ގުޅޭގޮތުން، ނުވަތަ ފައިސާ ނުވަތަ ސެކިއުރިޓީޒް ލިބިގަތުން، ދޫކުރުން ނުވަތަ ފޯރުވައިދިނުމާއި ގުޅޭގޮތުން ލިބޭހުރިހާ ލިޔެކިޔުންތަކުގެ ކޮޕީ. މިކަމުން އިސްތިސްނާވާނީ އިންވެސްޓްކުރުމަށް ލަފާދޭފަރާތް ނުވަތަ އޭނާގެ ފަރާތުން ދޭލަފައެއްކަމުގައި ނުބެލެވޭނެ އަދި އެއްވެސްފަރާތަކުން ހުށަހެޅުމަކާނުލާ މާކެޓަށް ނެރޭ ލިޔުންތަކާއި އާންމުކޮށް ބެހުމަށް ނެރޭ ލިޔެކިޔުމެވެ.

(އ) ކްލަޔަންޓްގެ ފައިސާ، ސެކިއުރިޓީޒް ނުވަތަ މުއާމަލާތްތަކާ ގުޅޭގޮތުން އިންވެސްޓް ކުރުމަށް ލަފާދޭފަރާތަށް އަމިއްލަ އިހްތިޔާރާއި ބާރު ދީފައިވާ ހުރިހާ އެކައުންޓްތަކުގެ ލިސްޓެއް ނުވަތަ އެއެކައުންޓްތައް އެނގޭނެ ރިކޯޑްތައް.

(ވ) މުއާމަލާތްކުރުމުގެ އަމިއްލަ އިހްތިޔާރާއި ބާރު އިންވެސްޓްކުރުމަށް ލަފާދޭ ފަރާތަށް ދިނުމަށްޓަކައި ހަދާފައިވާ ޕަވަރ އޮފް އެޓާނީ ނުވަތަ މިފަދަ އިހްތިޔާރެއް ދިންކަން ސާބިތުކޮށްދޭ އެހެނިހެން ލިޔެކިޔުންތައް.

(މ) ހިދުމަތްތަކާގުޅޭގޮތުން އެއްވެސް ކްލައިންޓަކާއި އިންވެސްޓްކުރުމަށް ލަފާދޭ ފަރާތާއިމެދު ލިޔުމުން ހެދިފައިވާ އެއްބަސްވުންތައް.

(ފ) ކްލަޔަންޓުންނަށް ފޯރުވައިދިނުމަށް ނުވަތަ އައު ކްލަޔަންޓުން ހޯދުމުގެ މަގްސަދުގައި ހަދާފައިވާ ނޯޓިސް، ސަރކިއުލަރ،  އިށްތިހާރު، ނޫހުގައި ށާއިއުކުރާ ލިޔުން، ސިޓީ ނުވަތަ މިނޫންވެސް ލިޔެކިޔުންތަކުގެ ކޮޕީ.

(ދ) ސެކިއުރިޓީޒްގެ ކޮންމެ މުއާމަލާތަކާ ގުޅިގެން އެކުރެވުނު މުއާމަލާތަކުން ސީދާ ނުވަތަ ނުސީދާ ފައިދާއެއް އިންވެސްޓްކުރުމަށް ލަފާދޭފަރާތަށް ނުވަތަ އިންވެސްޓްކުރުމަށް ލަފާދޭފަރާތް ތަމްސީލްކުރާ ފަރާތަށް ލިބޭ ކޮންމެ މުއާމަލާތަކާ ގުޅޭ ލިޔުން.

 

15 ވަނަ މާއްދާއޮޑިޓަރު އައްޔަންކުރުން

އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ހިސާބުތައް އޮޑިޓްކުރުމަށްޓަކައި އޮޑިޓަރޖެނެރަލް ގަބޫލުކުރާ ފެންވަރުގެ އޮޑިޓަރެއް އައްޔަންކޮށް، އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ – މާލީ ހިސާބުތައް

އިންވެސްޓްކުރުމަށް ލަފާދޭފަރާތް އޭނާ އިންވެސްޓްކުރުމަށް ލަފާދިނުމުގެ ވިޔަފާރިއާ ބެހޭ އަހަރީ ހިސާބުތައް؛ އިންޓަނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑާރޑްތަކާ އެއްގޮތަށް އަހަރަކު އެއްފަހަރު ތައްޔާރުކޮށް ކޮންމެ އަހަރެއްގެ 31 ޖެނުއަރީގެ ކުރިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހިސާބުތަކުގައި އަންނަނިވި ސްޓޭޓްމަންޓްތައް ހިމަނަންވާނެއެވެ.

(ހ) ބެލެންސް ށީޓް

(ށ) އިންކަމް ސްޓޭޓްމަންޓް

(ނ) ކޭށް ފްލޯ ށްޓޭޓްމަންޓް.

 

 

ކްލަޔަންޓުންނަށް މައުލޫމާތު ފޯރުވައިދިނުމާއި އަދި ކްލަޔަންޓުންގެ ފަންޑުތައް ބެލެހެއްޓުން

 

17 ވަނަ މާއްދާ – ކްލަޔަންޓުންގެ މަސްލަހަތުގައި މަސައްކަތްކުރުން

(ހ) އިންވެސްޓްކުރުމަށް ލަފާދިނުމުގެ މުއާމަލާތެއް ހިންގުމުގެ ތެރޭގައި އިންވެސްޓްކުރުމަށް ލަފާދޭފަރާތް ނުވަތަ އިންވެސްޓްކުރުމަށް ލަފާދޭފަރާތް ތަމްސީލްކުރާ ފަރާތުން ހަގީގަތް އޮޅުވައިލުން، ނުވަތަ އެނގިހުރެ މައުލޫމާތު އުނިކުރުން ނުވަތަ މިނޫންވެސް މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ށ) ފައިޑިއުށަރީއެއްގެ ހައިސިއްޔަތުން އިންވެސްޓްކުރުމަށް ލަފާދޭފަރާތް ނުވަތަ އިންވެސްޓްކުރުމަށް ލަފާދޭފަރާތް ތަމްސީލްކުރާ ފަރާތުން އެފަރާތުގެ ކްލަޔަންޓުންނާމެދު އިހްލާސްތެރިކަމާއިއެކު މުއާމަލާތް ކުރަންވާނެއެވެ. އަދި އެކްލަޔަންޓުންގެ ރުހުން ލިބިގެން މެނުވީ ކްލަޔަންޓެއްގެ މަސްލަހަތު ފުށުއަރާފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ – ކްލަޔަންޓުންނަށް ނުވަތަ ކްލަޔަންޓުންނަށް ވުމަށް އެދޭފަރާތްތަކަށް ލިޔުމުން ހާމަކުރަންޖެހޭ ކަންތައްތައް.

(ހ) އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ކޮންމެ ކްލަޔަންޓަކަށް ނުވަތަ ކްލަޔަންޓަކަށް ވުމަށް އެދޭކޮންމެ ފަރާތަކަށް، މައުލޫމާތުތައް ހާމަކުރުމަށްޓަކައި، އަންނަނިވި ކަންކަމާބެހޭގޮތުން ފުރިހަމަ އަދި ތެދުމައުލޫމާތު ހިމެނޭ، ލިޔެފައިވާ ސްޓޭޓްމަންޓެއް ނުވަތަ ލުއިފޮތެއް ފަދަ ލިޔުމެއް ދޭންވާނެއެވެ.

  1. އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ތައުލީމީފެންވަރާއި ވިޔަފާރީގެ ތަޖުރިބާ.
  2. އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ލަފާދެވޭ ހިދުމަތުގެ ބާވަތް.
  3. ފޯރުވައިދެވޭ ހިދުމަތްތަކަށް އަގުނެގުމުގައި އަމަލުކުރަނީ ކޮން އުސޫލަކުންކަމާއި ރޭޓް.
  4. އިންވެސްޓްކުރުމަށް ލަފާދިނުމުގެ ހިދުމަތް ފޯރުވައިދޭ ކްލަޔަންޓްގެ ބާވަތް.
  5. އިންވެސްޓްކުރުމަށް ލަފާދެވޭ އިންވެސްޓްމަންޓްތަކުގެ ބާވަތް.
  6. އިންވެސްޓްމަންޓްގެ މުއްދަތާއި މުއްދަތާގުޅޭ ކަންކަން.
  7. އިންވެސްޓްކުރުމަށް ލަފާދިނުމުގެ ތެރޭގައި ފައިނޭންށަލް ޕްލޭނިންގ ހިމެނޭނަމަ އެކަން.
  8. އިންވެސްޓްކުރުމަށް ލަފާދިނުން ފިޔަވައި އެހެން ވިޔަފާރިއެއް އިންވެސްޓްކުރުމަށް ލަފާދޭފަރާތުން ކުރާނަމަ، އެވިޔަފާރިއެއްގެ ކުރު ތައާރަފެއް.
  9. ކްލަޔަންޓްގެ އެކައުންޓްތަކާ ގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯޓުތަކުގެ ބާވަތްތަކާއި އަދި އެރިޕޯޓުތައް އެފަރާތްތަކަށް ލިބޭނެ މުއްދަތު.
  10. ޑިސްކްރީށަނަރީ ޕޯޓްފޯލިއޯ  މެނޭޖްކޮށްދޭނަމަ އެކަން. (ޑިސްކްރީށަނަރީ ޕޯޓްފޯލިއޯ  މެނޭޖްކޮށްދޭނަމަ، ފާއިތުވި މާލީ އަހަރުގެ ހިސާބުތައް ކްލަޔަންޓަށް ލިބޭނެގޮތް ހަމަޖައްސަންވާނެއެވެ.)

(ށ) އިންވެސްޓްކުރުމަށް ލަފާދޭ ފަރުދުންގެ ބެލެންސް ށީޓް ތައްޔާރުކުރުމުގައި އިންވެސްޓްކުރުމަށް ލަފާދިނުމުގެ ވިޔަފާރީގެ އެސެޓްތަކާއި ލައިބިލިޓީތައް، އަމިއްލަ ނުވަތަ އެހެނިހެން ވިޔަފާރިތަކުގެ އެސެޓްތަކާއި ލައިބިލިޓީތައް ވަކިން އެނގޭނޭގޮތަށް ތައްޔާރުކުރަންވާނެއެވެ.

 

 

އިށްތިހާރުކުރުން

 

19 ވަނަ މާއްދާ – އާންމު އުސޫލުތައް

(ހ) އިށްތިހާރުކުރުމާއި ބެހޭގޮތުން މިމާއްދާގައި ބުނެފައިވާ ކަންކަން، އެ ހާލަތަކާ ގުޅޭގޮތުން ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާނަމަ، އިންވެސްޓްމަންޓް އެޑްވައިޒަރުން ށާއިއުކުރާ ލިޔުންތަކާއި ރިޕޯޓްތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

(ށ) އިށްތިހާރުތަކުގައި ތިރީގައިވާ ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ކޮންމެ އިށްތިހާރެއް ވާންވާނީ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ހަގީގަތް އޮޅިގެން ނުދާނެފަދައިން ހެޔޮނިޔަތުގައި ކުރެވޭ އިށްތިހާރުތަކަކަށެވެ.
  2. ކޮންމެ އިށްތިހާރެއްވެސް ވާންވާނީ ސީދާ ތެދު މައުލޫމާތު، ވީއެންމެ ފުރިހަމައަކަށް، ހިމެނޭ އިށްތިހާރަކަށެވެ.
  3. ކޮންމެ އިށްތިހާރެއްގައިވެސް ބޭނުންކުރަންވާނީ އާންމުންނަށް ފަސޭހައިން ދޭހަވާފަދަ ބަސްބަހާއި އިބާރާތްތަކެވެ.
  4. ކޮންމެ އިށްތިހާރަކުން އެ އިށްތިހާރުކުރެވޭ އިންވެސްޓްމަންޓް ނުވަތަ ފޯރުވައިދޭނެކަމަށް އިށްތިހާރުގައި ބުނާ ހިދުމަތަކީ ކޮބައިކަން ސާފުސީދާ ބަހުރުވައިން އެއްވެސް އޮޅުމެއްނެތި އެނގެންވާނެއެވެ.
  5. އިށްތިހާރުކުރެވޭ އިންވެސްޓްމަންޓަކީ ނުވަތަ ފޯރުވައިދޭނެކަމަށް އިށްތިހާރުގައި ބުނާ ހިދުމަތަކީ ކޮބައިކަން އެނގޭނެ މިންވަރަށް ކޮންމެ އިށްތިހާރަކުން އެކަށީގެންވާ މައުލޫމާތު ލިބެންވާނެއެވެ.
  6. ފޯކާސްޓެއް ނުވަތަ އެސްޓިމޭޓެއް ހިމަނާފައިވާނަމަ އެބިނާކުރެވިފައިވާ ކަންކަމާއި، އެފޯކާސްޓް ނުވަތަ އެސްޓިމޭޓް އެގޮތަށް ދިމާނުވެދާނެކަމުގެ ރިސްކުތަކާއި އެފޯކާސްޓް ނުވަތަ އެސްޓިމޭޓް ތައްޔާރުކުރި ފަރާތެއްގެ ގާބިލިއްޔަތު އެނގެން އޮންނަންވާނެއެވެ. އަދި އެފަރާތަކީ އެ ފޯކާސްޓް ނުވަތަ އެސްޓިމޭޓަށް ޒިންމާއުފުލާ ފަރާތެއްކަމަށް ވާންވާނެއެވެ.
  7. މާޒީގެ ޕާފޯމަންސް ދައްކުވައިދޭ ހިސާބުތަކެއް ހިމަނާނަމަ ނުވަތަ އެފަދަ ހިސާބުތަކަކަށް ހަވާލާދޭނަމަ ހަވާލާދޭންވާނީ، އޭގެކުރީގެ މުއްދަތުގެ ހިސާބުތަކާއި އަޅައިކިޔޭ ފަދަ ގޮތަކަށެވެ.
  8. އިށްތިހާރުގައި ބޭނުންކުރެވޭ ގްރާފް، ޓޭބަލް އަދި ޑައިގްރަމްތައް ވާންވާނީ ހަގީގީ އަދަދުތަކެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ތަކެއްޗަށެވެ.
  9. އިށްތިހާރުގައި އިންވެސްޓްމަންޓަކާ ގުޅިފައިވާ ރިސްކްތަކުގެ މައްޗަށް އެކަށީގެންވާ އަހަންމިއްޔަތުކަމެއް ދީފައި ހުންނަންވާނެއެވެ.
  10. އާންމުންގެ ތެރެއަށް ނެރޭ އިށްތިހާރުގައި ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ސޮއި އޮންނަންވާނެއެވެ.

(ހ) އެ އިށްތިހާރުކުރަނީ ފަރުދެއްނަމަ އޭނާގެ ސޮއި

(ށ) އެ އިށްތިހާރުކުރަނީ ކުންފުންޏަކުންނަމަ އެކުންފުނީގެ ޑިރެކްޓަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރެއްގެ ސޮއި.

(ނ) ކޮންމެ އިށްތިހާރެއްގައި އެ އިށްތިހާރަކީ ކަމެއް ހާމަކޮށް އަދި ޕްރޮމޯޓް ކުރުމަށްޓަކައި ކުރެވޭ އިށްތިހާރެއްކަން އެނގޭނެ ބަޔާނެއް ފެންނާނެ ނުވަތަ އަޑުއިވޭނެގޮތަށް ހިމަނަންވާނެއެވެ.

(ރ) އިށްތިހާރުކުރާ އިންވެސްޓްމަންޓަކީ އޭގެ މަކެޓް އަގަށް ބަދަލު އަންނާނެފަދަ އިންވެސްޓްމަންޓެއް ކަމުގައިވާނަމަ، ނުވަތަ ބޭރުފައިސާއިން ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައިވާނަމަ، އަދި އެ އިށްތިހާރުގައި އެ އިންވެސްޓްމަންޓުން ލިބޭނެކަމަށް ލަފާކުރެވޭ ފައިދާގެ މިންވަރު ބުނެފައިވާނަމަ، އިށްތިހާރުގައި ބުނެފައިވާ ރިސްކްތަކާ ގުޅޭ ގޮތުން މާކެޓް ވެލިއުއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ނުވަތަ ބޭރުފައިސާގެ އަގަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ލަފާކޮށްފައިވާފަދައިން ފައިދާ ނުލިބިދާނެކަން ސާފުބަހުން އެނގެން އޮންނަންވާނެއެވެ.

 

 

ޖަދުވަލު 1

 ފީ

 

(1) އެޕްލިކޭށަން ޕްރޮސެސްކުރުމުގެ ފީ

(ހ) އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކަށް -                                 500 (ފަސް ސަތޭކަ) ރުފިޔާ

(ށ) އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލްކުރާ ފަރާތްތަކަށް -           100 (ސަތޭކަ) ރުފިޔާ

 

(2) އަހަރީ ލައިސަންސް ފީ

(ހ) އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކަށް -                                10،000 (ދިހަ ހާސް) ރުފިޔާ

(ށ) އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލްކުރާ ފަރާތްތަކަށް -          5،000 (ފަސް ހާސް) ރުފިޔާ

 

 

ޖަދުވަލު 2

އިންވެސްޓްކުރުމަށް ލަފާދޭފަރާތްތަކުން / އިންވެސްޓްކުރުމަށް ލަފާދޭފަރާތްތައް ތަމްސީލްކުރަން އެދޭ ފަރާތްތަކުން ލައިސަންސް ހޯދުމަށް / އައުކުރުމަށް އެދި ހުށަހަޅާ ފޯމު

(މިފޯމު ހިމަނާފައިވަނީ ނަމޫނާއެއްގެ ގޮތުގައެވެ. ފޯމުގައިވާ މައުލޫމާތުތައް ތަރުތީބުން ހުށަހެޅުމުން ފުދޭނެއެވެ.)

 

1. ލައިސަންސްގެ ބާވަތް

1.1 ލައިސަންސް ހޯދުމަށް އެދެނީ:       އަލަށް        ލައިސަންސް އައުކުރުމަށް

1.2 ލައިސަންސް                      އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ލައިސަންސް (ކުންފުނި)

                                       އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ލައިސަންސް (ފަރުދުން)

                                       އިންވެސްޓްކުރުމަށް ލަފާދޭ ފަރާތެއް ތަމްސީލްކުރުމުގެ ލައިސަންސް

         

2. ލައިސަންސް ހޯދުމަށް ނުވަތަ އައުކުރުމަށް އެދޭފަރާތުގެ އާންމު މައުލޫމާތު

2.1 ލައިސަންސް އައުކުރުމަށްނަމަ، މިހާރުގެ ލައިސަންސް ނަމްބަރާއި ތާރީހް:

2.2 ނަމާއި އެޑްރެސް

2.3 އައިޑެންޓިޓީ ކާރޑް ނަމްބަރާއި އުފަންތާރީހް؛ ކުންފުންޏެއްނަމަ ރަޖިސްޓަރީ ނަމްބަރާއި ރަޖިސްޓަރީކުރި ތާރީހް

2.4 ފޯން، ފެކްސް، އީމެއިލް

2.5 ޕްރިންސިޕަލް ބޭންކަރުގެ ނަން، އެޑްރެސް، އަދި އެކައުންޓް ނަމްބަރު (ތައް)

2.6 އޮޑިޓަރުގެ ނަމާއި އެޑްރެސް:

2.7 ފަރުދެއްނަމަ މިހާރު ވަޒީފާ އަދާކުރާ ތަނާއި ވަޒީފާ

 

ނަމްބަރު 3 އިން 6 އަށް ވާބައިތައް ފުރަންޖެހޭނީ ލައިސަންސަށް އެދޭ ނުވަތަ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅަނީ ކުންފުންޏަކުންނަމައެވެ. ނަމަވެސް ހުށަހަޅަނީ ލައިސަންސް އައުކުރުމަށް ކަމަށްވެފައި، މިމައުލޫމާތު ތަކަށް ބަދަލެއް އައިސްފައި ނުވާނަމަ މިމައުލޫމާތުތައް އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

3. ހުއްދަކޮށްފައިވާ، ދޫކޮށްފައިވާ، އަގުއަދާކޮށްފައިވާ ކެޕިޓަލް (ހިއްސާގެ އަދަދާއި ވެލިއު)

4. ޕްރިންސިޕަލް ނުވަތަ މައި ހިއްސާދާރުންގެ ނަމާއި އެޑްރެސް:

5. ޑިރެކްޓަރުންނާއި މެނޭޖްމަންޓްގެ ނަން، އެޑްރެސް، އަދާކުރާ ވަޒީފާތައް، ޑިރެކްޓަރުކަން ކުރާ އެހެން ކުންފުނިތައް، ތައުލީމާއި ތަޖުރިބާ.

6. ހުށަހަޅާ ފަރާތުގެ ޕޭރަންޓް ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތަކާއި އެސޯސިއޭޓް ކުންފުނި ހުރިނަމަ، އެކުންފުނިތަކުގެ ނަމާއި އެޑްރެސް.

7. ލައިސަންސް ހޯދުމަށް އެދި ނުވަތަ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާފަރާތްތައް (ކުންފުންޏެއްނަމަ، އެކުންފުންޏަކާއި ބެހޭގޮތުން އެކުންފުނީގެ ޑިރެކްޓަރުން) ގެ އިގްރާރު.

1 މަތީގައި ބަޔާންކޮށްފައިވާ މައުލޫމާތު ސައްހަކަމުގައި އަހުރެން / އަހުރެމެން (ތިރީގައި ސޮއިކޮށްފައިވާ ފަރާތްތައް) ޔަގީންކޮށްދެމެވެ. އަދި މި މައުލޫމާތަށް ބަދަލެއް އައިސްފިނަމަ ލަސްނުކޮށް އޮތޯރިޓީއަށް އަންގާނެކަމަށް އެއްބަސްވަމެވެ.

2 (އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސަށް އެދޭފަރުދެއްނަމަ) އެފަރާތުގެ މާލީ ހާލަތު ދެނެގަތުމަށްޓަކައި އެހެނިހެން ލިޔެކިޔުން އޮތޯރިޓީއަށް ބޭނުންވެއްޖެނަމަ އެލިޔެކިޔުން ހުށަހެޅުމަށް އެއްބަސްވަމެވެ.

3 އަހުރެން/އަހުރެމެން އަންނަނިވި ކަންތައްތައް ކަށަވަރު ކޮށްދެމެވެ.

3.1 ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ އިފްލާސްކުރުމުގެ މަރުހަލާއެއްގައިވާ ފަރާތެއް ނޫންކަން.

3.2 ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފަރާތުގެ ވިޔަފާރިއާއި އަދި ވިޔަފާރީގެ މުދަލުގެ މައްޗަށް އެއްވެސް ގާނޫނެއްގެ ދަށުން ރިސީވަރެއް ނުވަތަ މެނޭޖަރެއް އައްޔަންކުރެވިފައި ނުވާކަން

3.3 ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ދަރަނިތައް އަދާކުރުމަށްޓަކައި އެފަރާތުގެ އިހްތިޔާރުގެ ބޭރުން، ކްރެޑިޓަރުންނާއި އެކު އެއްވެސްކަހަލަ އެއްބަސްވުމަކަށް އައިސްފައި ނުވާކަން.

3.4 ލައިސަންސަށް އެދޭ ނުވަތަ އައުކުރުމަށް އެދޭފަރާތް (އެއީ ކުންފުންޏެއްނަމަ، ކުންފުނީގެ ޑިރެކްޓަރުންނާއި އިސް އޮފިސަރުން) ތިރީގައި ބުނެފައިވާ ކަމެއް މެދުވެރިވެފައި ނުވާކަން.

(i) އިފްލާސްކުރެވިފައިވުން

(ii) މިފޯމު ހުށަހަޅާދުވަހުގެ ކުރިއަށް ހިނގާފައިވާ 10 (ދިހަ) އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ވައްކަން، ޓެކުން، ފޭރުން، ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެފައިވުން.

 

ލައިސަންސް ހޯދުމަށް އެދޭފަރާތުގެ ނަން؛    ސޮއި؛         ތާރީހް؛            ކުންފުންޏެއްނަމަ ސިއްކަ.

(ކުންފުނީގެ ހުރިހާ ޑިރެކްޓަރުން ސޮއިކުރަންވާނެއެވެ.)

 

* މިފޯމާއިއެކު އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ. (ނަމަވެސް ހުށަހަޅަނީ ލައިސަންސް އައުކުރުމަށް ކަމަށްވެފައި، ކުރިން ހުށަހަޅާފައިވާ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނަމަ އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)

1. ފަރުދެއްނަމަ، އައިޑެންޓިޓީ ކާޑްގެ ކޮޕީ؛ ލިބިފައިވާ ސަނަދުތަކުގެ ކޮޕީ؛ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯއެއް. (ލައިސަންސް އައުކުރުމަށްނަމަ ހުށަހަޅާކަށް ނުޖެހޭނެއެވެ.)

2. ކުންފުންޏެއްނަމަ
i. ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް

ii. ކުންފުންޏެއްނަމަ އެންމެފަހުގެ 2 އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، (2 އަހަރު ނުވާނަމަ އެންމެފަހުގެ)

iii. ޑިރެކްޓަރުންނާއި/އެގްޒެކެޓިވުންގެ އައިޑީކާޑްގެ ކޮޕީ އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

iv. ޑިރެކްޓަރުންނާއި އަދި އެގްޒެކެޓިވް މުވައްޒަފުންގެ ސީ.ވީ

v. ކުންފުނީގެ ހިންގާ ގަވައިދާއި، އަސާސީ ގަވައިދުގެ ކޮޕީ.

vi. ވިޔަފާރީގެ ޕްރޮޕޯސަލް (އޯގަނައިޒޭޝަން ސްޓްރަކްޗަރ އާއި ޒިންމަތައް އެނގެން އޮންނަންވާނެއެވެ.)

3. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުގެ މުވައްޒަފަކު، އިންވެސްޓްކުރުމަށް ލަފާދޭފަރާތް ތަމްސީލްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާނަމަ، އެއީ އެފަރާތުގެ މުވައްޒަފެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

4. އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ލައިސަންސަށް އެދޭފަރާތް، ނުވަތަ އިންވެސްޓްކުރުމަށް ލަފާދޭފަރާތުގެ ލައިސަންސަށް އެދޭފަރާތުގެ ޑިރެކްޓަރުންނާއި، އިންވެސްޓްކުރުމަށް ލަފާދޭފަރާތް ތަމްސީލްކުރާފަރާތުގެ ލައިސަންސަށް އެދޭފަރާތުގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ފޯމު ފުރިހަމަކޮށްފައި. މިފޯމު އޮތޯރިޓީއިން ލިބެން ހުންނާނެއެވެ.

 

އުވި ގަވާއިދު

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-91)

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު