-

ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 386/2014)

  

ފުރަތަމަ ބައި

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ އުސޫލުތައް ބަޔާންކުރާ 1 ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލާފައި މިވަނީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) ގެ 50  ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔަނީ "ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

(ހ) ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އެޖެންސީން ހިންގާ މަރުކަޒުތަކުގެ އިތުރުން، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތައް އުފައްދައި ހިންގުމަށް ށައުގުުވެރިވާ އަމިއްލަ ފަރާތްތަކުންވެސް މަރުކަޒުތައް އުފައްދަައި ހިންގަންވާނީ މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އަމިއްލަ ފަރާތްތަކުން އުފައްދައި ހިންގޭނެ މަރުކަޒުތަކުގެ ތެރޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް ނުހިމެނެއެވެ.

 

ދެވަނަ ބައި

ލައިސަންސާ ގުޅޭ

3 ވަނަ މާއްދާ - ލައިސަންސަށް އެދެވޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހެޅޭނީ އަންނަނިވި ފަރާތަކުންކުރެ ފަރާތަކަށެވެ.

  1. ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް؛ ނުވަތަ
  2. ގާާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފާޓްނަރށިޕަކަށް؛ ނުވަތަ
  3. ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީއަކަށް؛ ނުވަތަ
  4. ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ގާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކަށް؛ ނުވަތަ
  5. ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާ ބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާއަކަށް.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ގާާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) އާއި (ށ)ގެ ދަށުން އެޖެންސީން އުފައްދައި ހިންގާ މަރުކަޒުތައް އެ މާއްދާގައިވާ އުސޫލުން އިސްތިސްނާވެއެވެ.

 

4 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން

(ހ) ފަރުވާދޭ މަރުކަޒެއް އުފައްދައި ހިންގަން ބޭނުންވާ ކޮންމެ ފަރާތަކުން މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކޮށް ހުށަހަޅާނީ އެޖެންސީއަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު ހުށަހަޅަންޖެހޭ ކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އިތުރުން އަންނަނިވި މައުުލޫމާތުތައް ހިމެނޭ ލިޔުމެއް ނުވަތަ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރާ ހަމައަށް ބަޔާންކޮށްފައިވާ ފަރާތަކުން ނަމަ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ނުވަތަ ރަޖިސްޓްރާރ އޮފް ބިޒްނަސަސް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރަޖިސްޓްރާރ ދޫކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ؛
  2. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުންނަމަ، ޖަމްއިއްޔާތަކާ ބެހޭ ރަޖިސްޓްރާ ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ؛
  3. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުންފުންޏަކުންނަމަ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދި ކުންފުނީގެ ހިއްސާދާރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  4. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުންފުންޏަކުންނަމަ އެކުންފުނިން މަރުކަޒެއް އުފައްދައި ހިންގަން ފާސްކުރިކަމުގެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރުގެ ކޮޕީ؛
  5. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޕާޓްނަރށިޕަކުންނަމަ، އެ ޕާޓްނަރށިޕުގައި ހިމެނޭ ޕާޓްނަރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  6. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީއަކުންނަމަ، އެ ސޮސައިޓީގެ މެންބަރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  7. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުންނަމަ، އެފަރުދެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  8. ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާއަކުންނަމަ، އެ ޖަމްޢިއްޔާގެ މުއައްސިސުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  9. މަރުކަޒު ހިންގާ ފަރާތުގެ މާލީ ހާލަތު ބަޔާންކުރާ ލިޔުމެއް ނުވަތަ ވޭތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ މާލީ ބަޔާނުގެ ކޮޕީއެއް؛
  10. މަރުކަޒުގެ ސްޕްރިންޓެންޑެންޓުގެ ގޮތުގައި އައްޔަންކުރަން ގަސްދުކުރާ ފަރާތުގެ ވަނަވަރު
  11. މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުން ބެހިގެންވާ ފަންނީ ދާއިރާތަކުގެ ލިސްޓު
  12. މަރުކަޒުގައި އެސެސްމަންޓް ހަދާ ފަރާތްތަކަކީ ކަމާގުޅޭ ގޮތުން އެޖެންސީން  ހަދާފައިވާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކެއްކަން އެނގޭނެ ލިޔުންތައް؛
  13. އުފައްދަން ގަސްދުކުރާ މަރުކަޒަކީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިހުރި އަދި އެކަމަށްޓަކައި ކަމާބެހޭ ފަރާތުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ އިމާރާތެއްކަން އެނގޭނެ ލިޔުން؛
  14. މަރުޒަކަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ އަތުން ނެގުމަށް ހަމަޖެހިފައިވާ  ފީތަކުގެ ތަފުސީލު؛
  15. މަރުކަޒުގައި މީހުން ބައިތިއްބައިގެން ފަރުވާ ދޭގޮތަށް ހަމަޖެހިފައިވާނަމަ، މަރުކަޒުގައި ހިމެނޭ އެނދުގެ އަދަދު؛
  16. މަރުކަޒުގައި މީހުން ބައިތިއްބައިގެން ފަރުވާ ދޭގޮތަށް ހަމަޖެހިފައިވާނަމަ، އެ މީހުންގެ ކެއިން ބުއިން ހަމަޖެހިފައިވާ ގޮތް؛
  17. މަރުކަޒުގައި ހިންގާ ފަރުވާ ޕްރޮގްރާމްގެ ތަފުސީލު އަދި މަރުކަޒުގައި ފަރުވާ ހޯދާ ފަރާތްތަކުގެ ފަރުވާ ޕްލޭން އޮންނާނެ ގޮތުގެ ކޮޕީއެއް.

 

5 ވަނަ މާއްދާ - ލައިސަންސްގެ ބާވަތްތައް

މި ގަވާއިދުގެ ދަށުން މަރުކަޒު އުފައްދައި ހިންގުމަށް ދޫކުރެވޭނީ އަންނަނިވި 2 ބާވަތުގެ ލައިސަންސެވެ.

(ހ) ވަގުތީ ލައިސަންސް

(ށ) ދާއިމީ ލައިސަންސް

 

6 ވަނަ މާއްދާ - ވަގުތީ ލައިސަންސް

(ހ) މި ގަވާއިދުގެ ދަށުން ފަރުވާދޭ މަރުކަޒެއް އުފައްދައި ހިންގުމަށް އެންމެ ފުރަތަމަ ދެވޭނީ ވަގުތީ ލައިސަންސެކެވެ

(ށ) ވަގުތީ ލައިސަންސްގެ މުއްދަތަކީ 1 (އެކެއް) އަހަރެވެ.

(ނ) ވަގުތީ ލައިސަންސްގެ މުއްދަތުގައި މަރުކަޒު ހިންގުމާ ގުޅޭގޮތުން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑަކާ ޚިލާފުވެއްޖެނަމަ އެކަމެއް ރަނގަޅުކުރަން 30 (ތރީސް) ދުވަހަށްވުރެ އިތުރުނުވާނެ މުއްދަތެއް މަރުކަޒު ހިންގާ ފަރާތަށް އެޖެންސީން ދޭންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ ކަނޑައެޅޭ ވަކި މުއްދަތަކަށް ވަގުތީ ލައިސަންސް ސަސްޕެންޑް ކުރުމުގެ ބާރު އެޖެންސީއަށް ލިބިގެންވެއެވެ. އަދި މިގޮތުން ލައިސަންސް ސަސްޕެންޑްކުރާނަމަ ސަސްޕެންޑްކުރި މުއްދަތާއި ސަބަބު ލިޔުމުން ބަޔާންކޮށް މަރުކަޒު ހިންގާ ފަރާތަށް އެޖެންސީން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ލައިސަންސް ސަސްޕެންޑް ކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުނުކޮށްފިނަމަ ލައިސަންސް ބާތިލުކުރުމުގެ ބާރު އެޖެންސީއަށް ލިބިގެންވެއެވެ. އަދި މިގޮތުން ލައިސަންސް ބާތިލުކުރާނަމަ، އެކަން މަރުކަޒު ހިންގާ ފަރާތަށް އެޖެންސީން ލިޔުމުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ދޫކޮށްފައިވާ ވަގުތީ ލައިސަންސް އެޖެންސީން ބާތިލުކޮށްފިނަމަ އެފަރާތަކަށް ފަރުވާދޭ މަރުކަޒު ހިންގޭނީ އެޖެންސީއަށް އަލުން ހުށަހަޅައި ލައިސަންސެއް ހޯދުމަށްފަހުގައެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމެއް ބެލެވޭނީ އައު ހުށަހެޅުމެއްގެ ގޮތުގައެވެ.

 

7 ވަނަ މާއްދާ - ދާއިމީ ލައިސަންސް

(ހ) މިގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ފަރުވާދޭ މަރުކަޒެއް ހިންގުމަށް ދޫކުރެވޭ ވަގުތީ ލައިސަންސަށް  ކަނޑައެޅިފައިވާ 1 (އެކެއް)  އަހަރު ދުވަހުގެ ތެރޭގައި އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހިންގާ މަރުކަޒުތަކަށް ދާއިމީ ލައިސަންސެއް ދޫކުރެވޭނެއެވެ.

(ށ) ދާއިމީ ލައިސަންސްގެ މުއްދަތަކީ 15 (ފަނަރަ) އަހަރެވެ.

(ނ) ދާއިމީ ލައިސަންސްގެ މުއްދަތުގައި މަރުކަޒު ހިންގުމާ ގުޅޭގޮތުން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑަކާ ހިލާފުވެއްޖެނަމަ އެ ހިލާފުވީ ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި އެކަމެއް ރަނގަޅުކުރުމަށް ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ހިންގާ ފަރާތަށް ދިނުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ ކަނޑައެޅޭ ވަކި މުއްދަތަކަށް ދާއިމީ ލައިސަންސް ސަސްޕެންޑް ކުރުމުގެ ބާރު އެޖެންސީއަށް ލިބިގެންވެއެވެ. އަދި މިގޮތުން ލައިސަންސް ސަސްޕެންޑްކުރާނަމަ ސަސްޕެންޑްކުރި މުއްދަތާއި ސަބަބު ލިޔުމުން ބަޔާންކޮށް މަރުކަޒު ހިންގާ ފަރާތަށް އެޖެންސީން ފޮނުވަންވާނެއެވެ

(ރ)  މި މާއްދާގެ (ނ)ގެ ދަށުން ލައިސަންސް ސަސްޕެންޑް ކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުނުކޮށްފިނަމަ ލައިސަންސް ބާތިލުކުރުމުގެ ބާރު އެޖެންސީއަށް ލިބިގެންވެއެވެ. އަދި މިގޮތުން ލައިސަންސް ބާތިލުކުރާނަމަ، އެކަން މަރުކަޒު ހިންގާ ފަރާތަށް އެޖެންސީން ލިޔުމުން އަންގަންވާނެއެވެ

(ބ) މި މާއްދާގެ ދަށުން ދޫކޮށްފައިވާ ދާއިމީ ލައިސަންސް އެޖެންސީން ބާތިލުކޮށްފިނަމަ އެފަރާތަކަށް ފަރުވާދޭ މަރުކަޒު ހިންގޭނީ އެޖެންސީއަށް އަލުން ހުށަހަޅައި ލައިސަންސެއް ހޯދުމަށްފަހުގައެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމެއް ބެލެވޭނީ އައު ހުށަހެޅުމެއްގެ ގޮތުގައެވެ.

 

8 ވަނަ މާއްދާ – އިންސްޕެކްޓް ކުރުން

(ހ) މި ގަވާއިދުގެ 4  ވަނަ މާއްދާގެ ދަށުން ލައިސަންސަށް އެދި އެޖެންސީއަށް ފޯމެއް ހުށަހަޅައިފިނަމަ، މަރުކަޒު ހިންގުމުގެ ވަގުތީ ލައިސަންސެއް ދޫކުރުމުގެ ކުރިން މަރުކަޒު ހިންގަން ގަސްދުކުރާ ޢިމާރާތް އިންސްޕެކްޓްކުރުމަށް އެޖެންސީގެ ޓީމެއް ފޮނުވަންވާނެއެވެ. އެޖެންސީގެ އިންސްޕެކްށަން ޓީމު މަރުކަޒު ހިންގަން ގަސްދުކުރާ އެޑްރެހަށް ދާނެ ދުވަހަކާއި ޓީމުގައި ހިމެނޭ މެންބަރުންގެ ތަފުސީލު އެޖެންސީއަށް ފޯމު ލިބޭ ތާރީހުން ފެށިގެން (ހަތެއް) ދުވަހުގެ ތެރޭގައި ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި މަރުކަޒު ހިންގަން ގަސްދުކުރާ އެޑްރެހަށް އިންސްޕެކްށަން ޓީމު ދާނެ މުއްދަތަކީ ފޯމު   ލިބޭ ތާރީހުން ފެށިގެން (ސާދަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ވެގެންނުވާނެއެވެ

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެޖެންސީން ކުރާ އިންސްޕެކްށަނަށް ފަހު އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް ތަން އިންސްޕެކްޓްކުރާތާ ގިނަވެގެން މަސައްކަތު 5 (ފަހެއް)  ދުވަހުގެ ތެރޭގައި އިންސްޕެކްށަން ޓީމުން ތައްޔާރުކުރަންވާނެއެވެ.

  1. އުފައްދަން ހުށަހަޅާ މަރުކަޒުގެ ނަމާއި އެޑްރެސް؛
  2. އިންޓަވިއު ކުރެވުނު މީހުންގެ ތަފުސީލު
  3. މަރުކަޒުގައި ފުރިހަމަވެފައި ހުންނަންޖެހޭ އިމާރާތުގެ މިންގަނޑުތައް ފުރިހަމަވެފައިވާކަން އަދި ފުރިހަމަނުވާނަމަ ސަބަބު؛
  4. އެޖެންސީން ކަނޑައަޅާ އެހެން އެއްވެސް މިންގަނޑަކަށް ނުފެތޭ ކަމެއް ފާހަގަކުރެވޭނަމަ އެކަމެއްގެ ތަފުސީލު އަދި މިންގަނޑަށް ނުފެތޭ ކަމަށް ނިންމާ ސަބަބު؛ އަދި
  5. އިންސްޕެކްށަނުން ފާހަގަކުރެވުނު އިތުރު ކަމެއްވާނަމަ، އެކަމެއްގެ ތަފުސީލު.

 

9 ވަނަ މާއްދާ - ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި އެޖެންސީއަށް ހުށަހެޅޭ ފޯމާއި ލިޔުންތައް  ދިރާސާކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުމެއް ނުވަތަ ލިޔުންތަކެއް ފުރިހަމަނުވާނަމަ އެ ލިޔުމެއް ނުވަތަ ލިޔުންތައް ހުށަހެޅުމަށް  5 (ފަހެއް)  މަސައްކަތު ދުވަސް ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ލިޔުންތައް ހުށަހަޅާފައިނުވާނަމަ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ މުއްދަތުގައި އެޖެންސީއަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ފުރިހަމަވެގެން ނޫނީ އެޖެންސީން ފޯމު ޕްރޮސެސްކޮށް އިންސްޕެކްޓްކުރުމަށް ޓީމު ފޮނުވައިގެންނުވާނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާ ފަރާތަކީ އެޖެންސީއެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން އެޖެންސީން ކުރާ އިންސްޕެކްށަނަށް ފަހު  ލައިސަންސަށް އެދި ހުށަހެޅި މަރުކަޒަކީ އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކަށް ފެތޭ މަރުކަޒެއްނަމަ، ވަގުތީ ލައިސަންސެއް އެ މަރުކަޒަށް ދޫކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން އެޖެންސީން ކުރާ އިންސްޕެކްށަނަށް ފަހު  ލައިސަންސަށް އެދި ހުށަހެޅި މަރުކަޒަކީ އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކަށް ނުފެތޭ މަރުކަޒެއްނަމަ، އެކަމުގެ ތަފުސީލުތައް ބަޔާންކޮށް ލައިސަންސް ދިނުމާމެދު ނިންމި ނިންމުން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން ފޮނުވަންވާނެއެވެ

 

11 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުން ހިދުމަތް ފެށުން

 މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ލައިސަންސް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މަރުކަޒުން ޚިދުމަތްދޭން ފަށަންޖެހޭނެއެވެ.

 

12 ވަނަ މާއްދާ - ލައިސަންސް ދޫކުރުމަށް ލާޒިމްވެގެން ނުވުން

.މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކުން މަރުކަޒު ހިންގުމަށް ބިމެއް ނުވަތަ  އިމާރާތެއް ކުއްޔަށް ހިފާފައިވުމަކީ ނުވަތަ ބިމެއް ނުވަތަ އިމާރާތެއް ގަނެފައިވުމަކީ އެޖެންސީން އެފަރާތަކަށް ލައިސަންސް ދިނުން ލާޒިމުވާނެ ނުވަތަ ރިއާޔަތްކުރަންޖެހޭ ސަބަބެއް ނޫނެވެ.

 

13 ވަނަ މާއްދާ - ލައިސަންސް އައުކުރުން

މިގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ދާއިމީ ލައިސަންސްގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ، ލިޔުމަކުން އެޖެންސީއަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާ ހުށަހެޅުން  ދާއިމީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ކުރިން ހުށަހަޅަންވާނެއެވެ.

 

ތިންވަނަ ބައި

މިންގަނޑުތައް

14 ވަނަ މާއްދާ - ފުރިހަމަ ވާންޖެހޭ މިންގަނޑުތައް

(ހ)  މިގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން  ހިންގަން ގަސްދުކުރާ މަރުކަޒު ގާއިމުކުރާ ތަނުގައި އަންނަނިވި ކަންކަން ފުރިހަމަވެފައި ހުންނަންވާނެއެވެ

  1. މަރުކަޒު ގާއިމުކުރާ ތަނަކީ މީހުން ދިރިއުޅޭ ތަނަކަށް ވެގެންނުވާނެ؛
  2. ރެސިޑެންށަލް ފަރުވާ ހޯދަމުންދާ ކޮންމެ މީހަކަށް ނިދާނެ އެނދެއް އަދި  އަންނައުނު ބެހެއްޓޭނެ އިންތިޒާމު؛
  3. 2 އެނދުގެ ދެމެދުގައި 2 ފޫޓުގެ ހުސް ޖާގަ އޮންނަންވާނެ އަދި ޑޯމެޓްރީއެއް ހަދާނަމަ އެ ޑޯމެޓްރީ ހިމެނޭ ޖުމްލަ ޖާގައިގެ 10 (ދިހައެއް) އިންސައްތަ ހުސްކޮށް އޮންނަންވާނެ؛
  4. ނިދުމަށް ހަމަޖެހިފައިވާ ތަންތަނުގައި އަދި ކެއިންބުއިމަށް ހަމަޖެހިފައިވާ  ތަންތަނުގައި އެކަށިގެންވާ ވެންޓިލޭށަން ހުންނަންވާނެ
  5. ރެސިޑެންށަލް ފަރުވާދޭ މަރުކަޒެއްގައި ގައިން ގަޔަށް އަރާ ބައްޔެއް ހުރި މީހަކަށް ފަރުވާދޭން ޖެހިއްޖެނަމަ، އެމީހަކު ވަކި ކޮޓަރިއެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން
  6. ދޮރުތައް ހުންނަންވާނީ އެތެރެ ފެންނަ ގޮތަށް ބިއްލޫރި ޖަހާފައ
  7. ރެސިޑެންށަލް ފަރުވާ ހޯދަމުންދާ ކޮންމެ 10 މީހަކަށް ފެންވަރާ ބައި ހިމެނޭގޮތުން 1  ފާހާނާ ހުންނަންވާނެ؛ އަދި ފާހާނާގެ ބޮޑުމިނުގައި 7x5 ފޫޓު ހުންނަންވާނެ.
  8. ނަމާދުކުރަން ހާއްސަކޮށްފައިވާ އެކަށީގެންވާ ޖާގައެއް އޮންނަން ވާނެ
  9. މަރުކަޒަށް ބޭނުންވާ ބޭސް ރައްކާކުރުމަށް ވަކި ކޮޓަރިއެއް ހުންނަންވާނެ އަދި މިތަނަކީ ހަމައެކަނި ހުއްދަ އޮންނަ ފަރާތްތަކަށް ވަދެވޭ ތަނަކަށް ވާންވާނެ؛
  10. މަރުކަޒުން ދޭ ފަރުވާގެ ޕްރޮގްރާމާ އެކަށީގެންވާ ޖާގައެއް ކުޅިވަރުކުޅުމަށް ހާއްސަކޮށްފައި އޮންނަންވާނެ؛
  11. އިންޑިވިޖުއަލް ކައުންސެލިންގ ސެށަން ނެގުމަށް ހާއްސަ ކޮޓަރި ހުންނަންވާނެ
  12. ފަރުވާގައި ތިބޭ މީހުންގެ ކުޑަކަމުދާތަކެތި ނެގުމަށް ހާއްސަ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ؛
  13. ފަރުވާގައި ތިބޭ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމަށް ލެބޯޓްރީއެއް  ހަދާނަމަ، އެ ލެބޯޓްރީއަކީ ކަމާބެހޭ ގޮތުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ލެބޯޓްރީއަކަށް ވާންވާނެ
  14. މަރުކަޒުގައި ލެބޯޓްރީއެއް ނެތް ނަމަ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމުގައާއި  ޓެސްޓް ކުރުމުގައި އަމަލުކުރާނެ ގޮތްތައް ސްޓޭންޑަރޓް އޮޕޮރޭޓިންގ ޕްރޮސީޖަރގައި ލިޔަންވާނެ؛
  15. ރެސިޑެންށަން ފަރުވާ ދޭ އަދި ޑިޓޮކްސިފިކޭށަން ފަރުވާދޭ މަރުކަޒެއްނަމަ، އެނދުމަތި ކޮށްގެން ހާއްސަ މެޑިކަލް ފަރުވާ ދިނުމަށް ވަކި ކޮޓަރިއެއް ހުންނަންވާނެ އަދި އެތަނަކީ ކަމާބެހޭ ފަރާތުން އެކަށައަޅާފައިވާ ގަވާއިދަށް ފެތޭ ތަނަކަށް ވާންވާނެ
  16. ޑޮކްޓަރަށް ދެއްކުމަށް ވަކި ކޮޓަރިއެއް ހުންނަންވާނެ. އަދި މި ކޮޓަރީގައި ބަލި  މީހުން ބެލުމަށް އެނދެއް އަދި ބަލި މީހުން އުފުލުމަށް ސްޓްރެޗަރ އަދި ވީލް ޗެއަރ ހުންނަންވާނެ
  17. މަރުކަޒުގައި އެއްޗެހި ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ
  18. ކްލިނިކަލް ވޭސްޓް ނައްތައިލާނެ އިންތިޒާމު ހުންނަންވާނީ ކަމާގުޅޭ ސަރުކާރުގެ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭގޮތަށް

(ށ) މި މާއްދާގެ (ހ) ގައި މިންގަނޑުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ވަކި ކަމަކާ ގުޅޭގޮތުން ނުވަތަ ވަކި ހިދުމަތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަރުކަޒު ހިނގަމުންދާކަމާއި، ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ނަގައިގެން މަރުކަޒު ހިނގަމުންދާކަން ކަށަވަރުކުރުމަކީ މަރުކަޒު ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

ހަތަރުވަނަ ބައި

އިވެލުއޭޓްކުރުމައި މޮނިޓަރކުރުން

15 ވަނަ މާއްދާ - މަރުކަޒުތައް އިވެލުއޭޓްކުރުމާއި މޮނިޓަރކުރުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭ ކޮންމެ މަރުކަޒަކީ އަހަރަކު 2 ފަހަރު އިވެލުއޭޓްކޮށް މޮނިޓަރކުރެވޭނެ މަރުކަޒުތަކެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިވެލުއޭށަނާއި މޮނިޓަރކުރުން ކުރިއަށް ގެންދާނީ އެޖެންސީން އެކަމަށް ހާއްސަކޮށްފައި ތިބޭ އިންސްޕެކްޓަރުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރިއަށް ގެންދެވޭ އިވެލުއޭށަން އަދި މޮނިޓަރިންގގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވޭނެއެވެ.

  1. މަރުކަޒުގައި ހިންގުމަށް ކަނޑައަޅާފައިވާ ފަރުވާ ޕްރޮގްރާމް ހިނގާ މިންވަރު
  2. މަރުކަޒުގެ އިދާރީ ހިންގުން ކުރިއަށްދާ ގޮތް
  3. ލައިސަންސަށް އެދި ހުށަހަޅާއިރު ފުރިހަމަވާންޖެހޭ މިންގަނޑުތައް  ދަމަހައްޓާފައިވޭތޯ؛

 

ފަސްވަނަ ބައި

އެހެނިހެން ކަންކަން

16 ވަނަ މާއްދާ - ރިޕޯޓް ފޮނުވުން

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 15 އަދި ޑިސެމްބަރ މަހުގެ 15 ގައި ކޮންމެ މަރުކަޒަކުން ވެސް އަންނަނިވި މައުލޫމާތުތަކުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް އެޖެންސީއަށް ފޮނުވަންވާނެއެވެ.

(ހ) އެ މުއްދަތުގެ ތެރޭގައި މަރުކަޒުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދާއި، ފަރުވާއިން ވަކިކުރެވުނު މީހުންގެ އަދަދާއި ފަރުވާ ފުރިހަމަކުރި މީހުންގެ އަދަދު؛

(ށ) މަރުކަޒުގައި މަސައްކަތްކުރާ ކްލިނިކަލް މުވައްޒަފުންގެ ތަފުސީލު.

 

17 ވަނަ މާއްދާ - އެޖެންސީން ރިކޯޑް ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ކޮންމެ މަރުކަޒަކާ ގުޅޭ ވަކި ފައިލެއް ހަދައި އެ މަރުކަޒަކާ ގުޅޭ ރެކޯޑުތައް އެޖެންސީން ބަލަހައްޓަންވާނެއެވެ.

 

18 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުން

މަރުކަޒު ހިންގާ ފަރާތުގެ ލިޔެކިޔުމަށް އަންނަ މުހިންމު ބަދަލުތައް ގަވާއިދުން އެޖެންސީއާ ހިއްސާކުރަމުން ގެންދަންވާނެއެވެ. އަދި މި ބަދަލުތަކުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން، ކުންފުނީގެ ހިއްސާދާރުން، މުއައްސިސުން، ޕާޓްނަރުންނަށް އަންނަ ބަދަލުތައް ހިމެނެއެވެ.

 

19 ވަނަ މާއްދާ - ހިންގަން އެހެން ފަރާތަކާ ހަވާލުކުރުން

މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭ މަރުކަޒެއްގެ ހިންގުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ އިހުތިޔާރު މަރުކަޒު ހިންގާ ފަރާތަށް ލިބިގެނެއް ނުވެއެވެ.

 

20 ވަނަ މާއްދާ - މަރުކަޒުގެ ދަފްތަރު ބެލެހެއްޓުން

ކޮންމެ މަރުކަޒެއްގައިވެސް ފަރުވާ ހޯދަމުންދާ މީހުންގެ ދަފްތަރެއް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ މަރުކަޒަކުން ފަރުވާ ހޯދާ މީހުންގެ ހުރިހާ މައުލޫމާތެއް 5 (ފަހެއް) އަހަރުގެ މުއްދަތަކަށް ރައްކާކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ށަކުވާ ބެލޭނެ ނިޒާމެއް ގާއިމްކުރުން

މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރުވާދޭ މަރުކަޒުތަކާގުޅޭ ގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ށަކުވާ ބެލޭނެ ނިޒާމެއް އެޖެންސީގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ. އަދި މިފަދަ ށަކުވާތައް އެޖެންސީއަށް ހުށަހަޅަންވާނީ ލިޔުމަކުންނެވެ.

 

22 ވަނަ މާއްދާ - ހިނގަމުންދާ މަރުކަޒުތައް

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ މަރުކަޒުތަކުން މި ގަވާއިދަށް އަމަލުކުރަން  ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ. އަދި އެ ފަރާތްތަކަށް ލައިސަންސް ދިނުމުގައިވެސް އަމަލުކުރާނީ މި ގަވާއިދުގައިވާ އުސޫލުންނެވެ.

 

23 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ އެޖެންސީންނެވެ.

 

24 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ގަވާއިދު ނަންބަރު 31/2012 "މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް ހިންގުމަށް ލައިސަންސް ދިނުމުގެ ގަވާއިދު" އުވުނީއެވެ.

 

25 ވަނަ މާއްދާ -  އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައިށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް)  މަސްދުވަސް ހަމަވާ ތާރީހުގައެވެ

 

26 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު:

"ފަރުވާދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެޖެންސީން އުފެއްދުމަށް ލާޒިމުކުރާ، ނުވަތަ އެ އެޖެންސީން އުފެއްދުމަށް ހުއްދަކުރާ ޑިޓޮކްސިފިކޭށަން ސެންޓަރުތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ކުޑަކުދިންނަށް އަދި އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ހާފްވޭ ހައުސްތަކާއި، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކާއި މިނޫންވެސް ފަރުވާގެ މަރުކަޒުތައް ހިމެނޭ ގޮތުންނެވެ.

"އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޑްރަގް އެޖެންސީއަށެވެ.

 

( ފަރުވާދޭ މަރުކަޒު ހިންގުމުގެ ލައިސަންސް އެދޭ ފޯމު، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު