-

ބޭހާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 49/2016)

 

1 ވަނަ މާއްދާ - ބޭހާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ 4.4 އަންނަނިވި ގޮތަށް އިސްލާހުކޮށް 4.4.1 އިން 4.4.7 އަށްހުރިހާ މާއްދާތަކެއް އުނިކުރުން.

4.      4.4 ސިއްހީ ހިދުމަތްދޭ ތަނެއްގެ ތެރޭގައި ހިންގާ ބޭސްފިހާރަ ހުންނަންވާނީ މިގަވާއިދުގެ ޖަދުވަލު 2 ގައިވާ މިންގަނޑާ އެއްގޮތަށެވެ.

 

2 ވަނަ މާއްދާ - ބޭހާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ 6.10 އަންނަނިވި ގޮތަށް އިސްލާހުކުރުން.

6.    6.10 ޑޮކްޓަރީބޭސް ރާއްޖެއަށް އެތެރެކުރެވޭނީ ތިރީގައިވާ އެންމެހައި ކަންކަން ފުރިހަމަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ. މިއާ ހިލާފަށް ހޯލްސޭލްކުރުމަށް ބޭސް އެތެރެކޮށް ރައްކާކުރުމަކީ މަނާކަމެކެވެ.

6.10.1 ބޭސްގުދަން ކުރުމަށް މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފެންވަރުގެ ތަނެއް  ހުރުން.

6.10.2 ބޭސް ގުދަންކުރާ ތަނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ގުދަންކުރުމަށް ރަޖިސްޓަރީކޮށްފައިވާ ތަނަކަށްވުން.

6.10.3 ބޭސް ގުދަންކުރާ ތަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ބޭސް ގުދަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

 

3 ވަނަ މާއްދާ - ބޭހާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ 6.12 ގެ ފަހަތަށް މާއްދާއެއް އިތުރުކުރުން.

6.13  އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ސައްހަ ބޭސް ސިޓީއެއް އޮވެގެންނެވެ. ވިޔަފާރީގެ ގޮތުގައި އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ.

 

4. ވަނަ މާއްދާ -  ބޭހާބެހޭ ގަވާއިދުގެ ޖަދުވަލު 1، ޖަދުވަލު 2 އަދި ޖަދުވަލު 3 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

------------- 

 

 

 

ޖަދުވަލު 1

ގުރޭޑް 1 ގެ ބޭސް ފިހާރަ ހުންނަންވާނެ މިންގަނޑު

 

ބޭސް ވިއްކުމަށްޓަކައި ބޭސްފިހާރައެއްގެ ގޮތުގައި ތަނެއް ރަޖިސްޓަރީކުރެވޭނީ ތިރީގައިވާ ގޮތަށް އެ ތަނެއް ތައްޔާރު ކުރެވިފައިވާނަމައެވެ.

  1. ފާރުތަކާއި ތަޅުން އަދި ސީލިންގް ހުންނަންވާނީ ކުލަ ނުފޮޅޭ އަދި ފެން ނުފާއްދާ އެއްޗަކުން ހަދާފައެވެ.
  2. ފިހާރައިގެ ތަޅުމުގައި ހުންނަންވާނީ މަދުވެގެން 100 (ސަތޭކަ) އަކަފޫޓެވެ.
  3. މަގުމަތިން ވަދެވޭ ގޮތަށް ފިހާރައަށް ވަންނަން ބޮޑުދޮރެއް ހުންނަންވާނެއެވެ. (މީގެ ތެރޭގައި ހޮސްޕިޓަލް، ސިއްހީމަރުކަޒު،މެޑިކަލް ސެންޓަރުތަކުގެ އިމާރާތުގައި ހިގަމުންދާ ބޭސްފިހާރަ ނުހިމެނެއެވެ.)
  4. ބޭސް ދޫކުރުމަށްޓަކައި ފަސޭހައިން ސާފުކުރެވޭ ފަދަ ތަނާ އެކަށީގެންވާ ކައުންޓަރެއް ހުންނަންވާނެއެވެ.( ކައުންޓަރު ހުންނަންވާނީ ހަރުގައި ބަހައްޓާފައި ހުންނަ ބޭސްތައް ފިހާރައަށް ވަންނަ މީހުންނަށް ފަސޭހައިން ނުނެގޭފަދަ ގޮތަކަށެވެ.)
  5. ފިހާރަ ހުންނަންވާނީ އެއަރ ކަންޑިށަންކޮށް ފިނިހޫނުމިން 25 (ފަންސަވީސް) ޑިގްރީއަށްވުރެ މަތިނުވާ ގޮތަށެވެ. އަދި ތަނުގައި ފިނިހޫނުމިން އެނގޭނެ މީޓަރެއް ހުންނަންވާނެއެވެ.
  6. ކޮންޓްރޯލްޑް ޑްރަގްސް ބެހެއްޓުމަށްޓަކައި އެތެރެ ނުފެންނަ ރަނގަޅަށް ތަޅުލެވޭ ކަބަޑެއް ހުންނަންވާނެއެވެ.
  7. ކޮންޓްރޯލްޑް ޑްރަގްސް ފިޔަވައި އެހެން ބޭސްތައް ބެހެއްޓުމަށް އެކަށީގެންވާ ހަރުގަނޑުތައް ހުންނަންވާނެއެވެ. ( ބޭސް ބަހައްޓާ ހަރުގަނޑުތައް ހުންނަންވާނީ ފަސޭހައިން ސާފުކުރެވޭ ގޮތަށެވެ.)
  8. ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭހާއި، އިންޖެކްށަން ބެހެއްޓުމަށްޓަކައި އެކަށީގެންވާ އައިސްއަލަމާރިއެއް ހުންނަންވާނެއެވެ.
  9. ކުނި އަޅާނެ ވަށިގަނޑެއް ހުންނަންވާނެއެވެ. އަދި ކުނި ބަހައްޓަންވާނީ ބޭހާ ވަކިންނެވެ.
  10. ބޭސްފިހާރައިގެ ނަންބޯޑުގައި އެ ބޭސްފިހާރައިގެ ނަން ދުރުން ކިޔަން އެނގޭ ވަރަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެ، ބޭރުން ފެންނާނެހެން ހަރުކޮށްފައި ބަހައްޓަންވާނެއެވެ.
  11. ބޭސް ފިހާރައިގެ ނަމުގެ ބައެއްގެ ގޮތުގައި "ބޭސް ފިހާރަ" އަދި "ފާމަސީ" މި ދެ ލަފުޒުގެ ތެރެއިން ލަފުޒެއް ނުހިމެނޭނަމަ، އެ ނަމުގެ ބަޔަކަށް ނުވާގޮތަށް، ބޭސް ފިހާރައިގެ ނަންބޯޑުގައި، ތާނަ އަކުރުން "ބޭސްފިހާރަ" އަދި އިނގިރޭސި އަކުރުން "ފާމަސީ" މި ދެ ލަފުޒު ލިޔެފައި އޮންނަންވާނެއެވެ.
  12. ބޭސް ފިހާރައިގެ ނަމުގެ ބައެއްގެ ގޮތުގައި ހިމެނެނީ "ބޭސް ފިހާރަ" ނުވަތަ "ފާމަސީ" މި ދެ ލަފުޒުގެ ތެރެއިން ކޮންމެވެސް އެއް ލަފުޒެއް ނަމަ، އެ ނަމުގެ ބައެއްގެ ގޮތުގައި ހިމެނިފައިނުވާ ލަފުޒު، އެބަހަކުން، ބޭސްފިހާރައިގެ ނަންބޯޑުގައި، އެ ނަމުގެ ބަޔަކަށްނުވާގޮތަށް، ލިޔެފައި އޮންނަންވާނެއެވެ.
  13. ބޭސްފިހާރައިގައި އަތްދޮވެވޭނެ އިންތިޒާމް ނުވަތަ އަތް ސާފުކޮށް ސެނެޓައިޒްކުރެވެން ހުންނަންވާނެއެވެ. އަދި ބޭސްފިހާރަ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފެނާއި ވަސީލަތްތައް ފަސޭހައިން ލިބެން ހުންނަންވާނެއެވެ.
  14. ގާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނު) ގައިވާ ގޮތުގެމަތިން، އިމާރާތުގެ އެތެރޭގައި "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ" ކަމަށް ބަޔާންކުރާ ސްޓިކާއެއް ނުވަތަ ނޯޓިސްއެއް ބަހައްޓަންވާނެއެވެ.
  15. ބޭސްފިހާރައިގެ ވެރިންނާއި މުވައްޒަފުން ފިޔަވައި އެހެން މީހުން ބޭސްފިހާރައިގެ ވެރިފަރާތުގެ ހުއްދަނެތި ބޭސްފިހާރައިގެ ކައުންޓަރަށްވުރެއް އެތެރެއަށް ވައްދައިގެން ނުވާނެއެވެ.
  16. ބޭސްފިހާރައިގެ އިމާރާތާއި ވަސީލަތްތައް ރަނގަޅަށް މަރާމާތުކޮށް ގަވާއިދުން އާބާތުރަ ފިލުވަމުން ގެންދަންވާނެއެވެ.
  17. ބޭސްފިހާރަ އިމާރާތްކޮށްފައި ހުންނަންވާނީ ބުޅާ، ދޫނި، މީދާ، ހިކަނދި،ހޯނު، ކުރަފި އަދި މިފަދަ ދިރޭއެއްޗެއްސަށް ނުވަދެވޭގޮތަށެވެ. އަދި މިއެއްޗެއްސާއި މިނޫންވެސް ސޫފާސޫފި އަށަނުގަންނަގޮތަށް ބޭސްފިހާރަ ބަލަހައްޓަން ވާނެއެވެ.
  18. ބޭސްފިހާރައިގައި އެކަށީގެންވާ އަލިކަން ލިބޭވަރަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  19. ހަލާކުވެފައި ހުންނަ ބޭހާއި، މުއްދަތު ހަމަވެފައިވާ ބޭސް ބޭސްފިހާރައިގެ ހަރުގަނޑުގައި ބަހައްޓައިގެން ނުވާނެއެވެ. ހަލާކުވާ ބޭހާއި މުއްދަތުހަމަވާ ބޭސްފަދަ ތަކެތި ނައްތާލެވެންދެން ބަހައްޓަންވާނީ އެނޫން ބޭހާ ވަކިންނެވެ.
  20. ހަރުގަނޑުގައި ބޭސް ބަހައްޓާފައި ހުންނައިރު ބޭސްފޮށިތަކާއި ބޭސްތައް ސީލިންގ އާއި ފާރުގައި ޖެހިފައި ހުރެގެން ނުވާނެއެވެ.

 

--------

 

 

 

ޖަދުވަލު 2

ސިއްހީ ހިދުމަތްދޭ ތަނެއްގައި ބޭސް ވިއްކާ ތަން ހުންނަންވާނެ މިންގަނޑުތައް

 

  1. ބޭސް ފިހާރައިގެ ތަޅުމުގައި މަދުވެގެން 75 (ހަތްދިހަ ފަހެއް) އަކަފޫޓު ހުންނަންވާނެއެވެ.
  2. ފާރުތަކާއި ތަޅުން އަދި ސީލިންގް ހުންނަންވާނީ ކުލަ ނުފޮޅޭ އަދި ފެން ނުފާއްދާ އެއްޗަކުން ހަދާފައެވެ.
  3. ބޭސް ދޫކުރުމަށްޓަކައި ފަސޭހައިން ސާފުކުރެވޭ ފަދަ ތަނާ އެކަށީގެންވާ ކައުންޓަރެއް ހުންނަންވާނެއެވެ.( ކައުންޓަރު ހުންނަންވާނީ ހަރުގައި ބަހައްޓާފައި ހުންނަ ބޭސްތައް ފިހާރައަށް ވަންނަ މީހުންނަށް ފަސޭހައިން ނުނެގޭ ފަދަ ގޮތަކަށެވެ.)
  4. ބޭސްފިހާރަ ހުންނަންވާނީ އެއަރ ކަންޑިށަންކޮށް ފިނިހޫނުމިން 25 (ފަންސަވީސް) ޑިގްރީއަށްވުރެ މަތިނުވާ ގޮތަށެވެ. އަދި ތަނުގައި ފިނިހޫނުމިން އެނގޭނެ މީޓަރެއް ހުންނަންވާނެއެވެ.
  5. ކޮންޓްރޯލްޑް ޑްރަގްސް ބެހެއްޓުމަށްޓަކައި އެތެރެނުފެންނަ ރަނގަޅަށް ތަޅުލެވޭ ކަބަޑެއް ހުންނަންވާނެއެވެ.
  6. ކޮންޓްރޯލްޑް ޑްރަގްސް ފިޔަވައި އެހެން ބޭސްތައް ބެހެއްޓުމަށް އެކަށީގެންވާ ހަރުގަނޑުތައް ހުންނަންވާނެއެވެ. ( ބޭސް ބަހައްޓާ ހަރުގަނޑުތައް ހުންނަންވާނީ ފަސޭހައިން ސާފުކުރެވޭ ގޮތަށެވެ.)
  7. ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭހާއި، އިންޖެކްށަން ބެހެއްޓުމަށްޓަކައި އެކަށީގެންވާ އައިސްއަލަމާރިއެއް ހުންނަންވާނެއެވެ.
  8. ކުނި އަޅާނެ ވަށިގަނޑެއް ހުންނަންވާނެއެވެ. އަދި ކުނި ބަހައްޓަންވާނީ ބޭހާ ވަކިންނެވެ.
  9. ބޭސްފިހާރައިގެ ނަމުގެ ބައެއްގެ ގޮތުގައި "ބޭސް ފިހާރަ" އަދި "ފާމަސީ" މި ދެ ލަފުޒުގެ ތެރެއިން ލަފުޒެއް ނުހިމެނޭނަމަ، އެ ނަމުގެ ބަޔަކަށް ނުވާގޮތަށް، ބޭސް ފިހާރައިގެ ނަންބޯޑުގައި، ތާނަ އަކުރުން "ބޭސްފިހާރަ" އަދި އިގިރޭސި އަކުރުން "ފާމަސީ" މި ދެ ލަފުޒު ލިޔެފައި އޮންނަންވާނެއެވެ.
  10. ބޭސް ފިހާރައިގެ ނަމުގެ ބައެއްގެ ގޮތުގައި ހިމެނެނީ "ބޭސް ފިހާރަ" ނުވަތަ "ފާމަސީ" މި ދެ ލަފުޒުގެ ތެރެއިން ކޮންމެވެސް އެއް ލަފުޒެއް ނަމަ، އެ ނަމުގެ ބައެއްގެ ގޮތުގައި ހިމެނިފައިނުވާ ލަފުޒު، އެބަހަކުން، ބޭސްފިހާރައިގެ ނަންބޯޑުގައި، އެ ނަމުގެ ބަޔަކަށްނުވާގޮތަށް، ލިޔެފައި އޮންނަންވާނެއެވެ.
  11. ބޭސްފިހާރައިގައި އަތްދޮވެވޭނެ އިންތިޒާމް ނުވަތަ އަތް ސާފުކޮށް ސެނެޓައިޒްކުރެވެން ހުންނަންވާނެއެވެ. އަދި ބޭސްފިހާރަ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފެނާއި ވަސީލަތްތައް ފަސޭހައިން ލިބެން ހުންނަންވާނެއެވެ.
  12. ގާނޫނު ނަންބަރ 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނު) ގައިވާ ގޮތުގެމަތިން، އިމާރާތުގެ އެތެރޭގައި "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ" ކަމަށް ބަޔާންކުރާ ސްޓިކާއެއް ނުވަތަ ނޯޓިސްއެއް ބަހައްޓަންވާނެއެވެ.
  13. ބޭސްފިހާރައިގެ ވެރިންނާއި މުވައްޒަފުން ފިޔަވައި އެހެން މީހުން ބޭސްފިހާރައިގެ ވެރިފަރާތުގެ ހުއްދަނެތި ބޭސްފިހާރައިގެ ކައުންޓަރަށްވުރެއް އެތެރެއަށް ވައްދައިގެން ނުވާނެއެވެ.
  14. ބޭސްފިހާރައިގެ އިމާރާތާއި ވަސީލަތްތައް ރަނގަޅަށް މަރާމާތުކޮށް ގަވާއިދުން އާބާތުރަ ފިލުވަމުން ގެންދަންވާނެއެވެ.
  15. ބޭސްފިހާރަ އިމާރާތްކޮށްފައި ހުންނަންވާނީ ބުޅާ، ދޫނި، މީދާ، ހިކަނދި،ހޯނު، ކުރަފި އަދި މިފަދަ ދިރޭއެއްޗެއްސަށް ނުވަދެވޭގޮތަށެވެ. އަދި މިއެއްޗެއްސާއި މިނޫންވެސް ސޫފާސޫފި އަށަނުގަންނަގޮތަށް ބޭސްފިހާރަ ބަލަހައްޓަންވާނެއެވެ.
  16. ބޭސްފިހާރައިގައި އެކަށީގެންވާ އަލިކަން ލިބޭވަރަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  17. ހަލާކުވެފައި ހުންނަ ބޭހާއި، މުއްދަތު ހަމަވެފައިވާ ބޭސް ބޭސްފިހާރައިގެ ހަރުގަނޑުގައި ބަހައްޓައިގެން ނުވާނެއެވެ. ހަލާކުވާ ބޭހާއި މުއްދަތުހަމަވާ ބޭސްފަދަ ތަކެތި ނައްތާލެވެންދެން ބަހައްޓަންވާނީ އެނޫން ބޭހާ ވަކިންނެވެ.
  18. ހަރުގަނޑުގައި ބޭސް ބަހައްޓާފައި ހުންނައިރު ބޭސްފޮށިތަކާއި ބޭސްތައް ސީލިންގ އާއި ފާރުގައި ޖެހިފައި ހުރެގެން ނުވާނެއެވެ.

 

---------------  

 

 

 

ޖަދުވަލު 3

ބޭސްގުދަން ހުންނަންވާ ގޮތް

1- ބޭސް ގުދަނުގެ އިމާރާތް

(ހ) ބޭސް ގުދަނުގެ ތަޅުމުގައި ހުންނަންވާނީ މަދުވެގެން 200 (ދުއި ސައްތަ) އަކަފޫޓެވެ.

(ށ) ބޭސްގުދަން ހުންނަންވާނީ އެކްސެސް ކޮންޓްރޯލް ކޮށްފައެވެ. މިގޮތުން ގުދަނުގެ ވެރިންނާއި މުވައްޒަފުން ފިޔަވައި އެހެން މީހުން ބޭސްފަދަ ތަކެތި ގުދަނަށް ވައްދައި ބޭރުކުރުން ފަދަ ކަމަކަށް ނޫނީ ގުދަނަށް ވައްދައިގެން ނުވާނެއެވެ.

(ނ) ބޭސް ގުދަނުގެ ފާރުތަކާއި ތަޅުން އަދި ސީލިންގ ހުންނަންވާނީ ކުލަނުފޮޅޭ އަދި ފެން ނުފާއްދާ އެއްޗަކުން ހަދާފައެވެ.

(ރ) ބޭސްގުދަން އިމާރާތްކޮށްފައި ހުންނަންވާނީ ބުޅާ، ދޫނި، މީދާ، ހިކަނދި،ހޯނު، ކުރަފި އަދި މިފަދަ ދިރޭއެއްޗެއްސަށް ނުވަދެވޭގޮތަށެވެ. އަދި މިއެއްޗެއްސާއި މިނޫންވެސް ސޫފާސޫފި އަށަނުގަންނަގޮތަށް ބޭސްގުދަން ބަލަހައްޓަންވާނެއެވެ.

(ބ) ބޭސް ގުދަނުގެ އިމާރާތާއި ވަސީލަތްތައް ރަނގަޅަށް މަރާމާތުކުރެވި ގަވާއިދުން އާބާތުރަ ފިލުވަމުން ގެންދަންވާނެއެވެ.

 

2- ބޭސް ގުދަނުގެ ވަސީލަތްތައް

(ހ) ބޭސް ގުދަން ހުންނަންވާނީ ޓެމްޕަރޭޗަރ ޗެކްކުރެވޭގޮތަށް އެއަރ ކަންޑިށަންކޮށް ފިނިހޫނުމިން 25 (ފަންސަވީސް) ޑިގްރީއަށްވުރެ މަތިނުވާ ގޮތަށެވެ.

(ށ) ބޭސް ގުދަނުގައި ބޭހުގެ ސްޓޮކް ރެކޯޑްސް (ގުދަންކުރާ އަދި މުއްދަތު ހަމަވެގެންނާއި ހަލާކުވެގެން ނައްތާލާ ތަކެތި ހިމެނޭގޮތަށް) ބެލެހެއްޓޭނޭ އިންތިޒާމް ހަމަޖައްސާފައި ހުންނަންވާނެއެވެ.

(ނ) އަލިފާން ކޮންޓްރޯލްކުރުމުގެ ނިޒާމު ގާއިމުވެފައި ހުންނަން ވާނެއެވެ.

(ރ) ކޮންޓްރޯލްޑް ޑްރަގްސް ބެހެއްޓުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ކޮންޓްރޯލްޑް ޑްރަގްސް ބަހައްޓަން ޖެހޭނީ ރަނގަޅަށް ތަޅުލެވޭ ވަކި ކަނބަޑެއްގައި ނުވަތަ ވަކިން ތަޅުލެވޭގޮތަށް ހުންނަ ހާއްސަ ތަނެއްގައެވެ.

(ބ) ގާނޫނު ނަންބަރ 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނު) ގައިވާ ގޮތުގެމަތިން، އިމާރާތުގެ އެތެރޭގައި "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ" ކަމަށް ބަޔާންކުރާ ސްޓިކާއެއް ނުވަތަ ނޯޓިސްއެއް ބަހައްޓަންވާނެއެވެ.

(ޅ) ހަލާކުވެފައިވާ ބޭހާއި މުއްދަތުހަމަވެފައިވާ ބޭސްފަދަ ތަކެތި ނައްތާލެވެންދެން ބެހެއްޓުމަށް ގުދަނުގައި ވަކިތަނެއް ހުންނަންވާނެއެވެ.

(ކ) ބޭސްގުދަނުގައި އެކަށީގެންވާވަރަށް އަލިކަން ލިބޭވަރަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންވާނެއެވެ.

(އ) ބޭސްގުދަނުގައި ބޭސް އަޅާފައިވާ ފޮށިތަކާއި ބޭސްތައް ބިންމަތީގައި ބަހައްޓާފައި ހުރެގެންނުވާނެއެވެ.

(ވ) ބޭސްގުދަނުގައި ބޭސްބަހައްޓާ ހަރުގަނޑުތައް ހުންނަންވާނީ ދެ ހަރުގަނޑު ދޭތެރެއިން ފަސޭހައިން ބޭސް އުފުލާ ގެންގުޅެވޭނެ ޖާގަ އޮންނާނެ ގޮތަކަށެވެ. އަދި ހަރުގަނޑުތައް ހުންނަންވާނީ ފަސޭހައިން ސާފުކުރެވޭގޮތަށެވެ.

(މ) ހަރުގަނޑުގައި ބޭސް ބަހައްޓާފައި ހުންނައިރު ބޭސްފޮށިތަކާއި ބޭސްތައް ސީލިންގއާއި ފާރުގައި ޖެހިފައި ހުރެގެން ނުވާނެއެވެ.

(ފ) ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭހާއި ވެކުސިނާއި އިންޖެކުށަން ބަހައްޓާނަމަ އެތަކެތި ބެހެއްޓުމަށްޓަކައި އެކަށީގެންވާ އައިސްއަލަމާރިއެއް ހުންނަންވާނެއެވެ. އަދި އައިސްއަލަމާރިއަށް މަދުވެގެން 1 (އެކެއް) ގަޑިއިރުގެ ބެކަޕް ކަރަންޓް ލިބޭނެ އިންތިޒާމް ހުންނަންވާނެއެވެ.

 

3- ބޭސް ގުދަނުގައި ބަހައްޓަން ޖެހޭނެ ލިޔެކިޔުންތައް

(ހ) ގުދަނުގައި ބޭސްވިއްކާނަމަ އިންވޮއިސް އާއި ބޭސް ވިއްކާފައި ހަދާ ރަށީދު ފަދަ ތަކެތި މަދުވެގެން 2 (ދޭއް) އަހަރުދުވަސް ވަންދެން، ބަހައްޓަންވާނެއެވެ. ހަމައެކަނި ބޭސް ރައްކާކޮށް ބަހައްޓާނަމަ ޑެލިވަރީ ނޯޓްގެ ކޮޕީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަން ވާނެއެވެ.

(ށ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފޮނުވާ، ބޭސް ގުދަންތަކާއި ގުޅުންހުރި މައުލޫމާތާއި އެންގުންތަކާއި ގަވާއިދުފަދަ ތަކެތި ބަލަންވެއްޖެ ހިނދެއްގައި ފެންނާނެ ގޮތަކަށް ބޭސް ގުދަނުގައި ހުންނަންޖެހެއެވެ.

(ނ) ގުދަނުގެ ފިނިހޫނުމިން މެއިންޓެއިންކޮށް ދުވާލަކު މަދުވެގެން 1 (އެކެއް) ފަހަރު ރިކޯޑުކޮށް ރިކޯޑު ބަލަހައްޓަން ވާނެއެވެ.

 

މައި ގަވާއިދު

ބޭހާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 46/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު