-

އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާއި، އެ ތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނެގޮތް ކަނޑައެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 17/2015) 

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، އެ ތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނޭގޮތް ކަނޑައެޅުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، އެ ތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނޭގޮތް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، އެތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނޭގޮތް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ވެރިއަކު ނުވާ އެއްޗެއްކަމަށް ކަނޑައަޅާނެ ގޮތް

ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ އެއްވެސް ވެރިއަކު ނުވާ ތަކެތިކަމުގައި ނިންމިދާނެއެވެ.

(ހ) ޖަލު ސަރަހައްދުން ހޮވާ ތަނެތި، (މިފަދަ ތަކެތީގެ ގޮތުގައި ބަލާނީ އެ އެއްޗެއް ހޮވުމަށްފަހު، އެއެއްޗެއްގެ ވެރިފަރާތެއް ހޯދުމަށް މަސައްކަތްކޮށް ވެރިޔަކު ނުވެ، 3 (ތިނެއް) ދުވަސް ވެފައިވާ ތަކެތި)

(ށ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި ޖަލުގެ ޔުނިޓްތަކާއި ގޮޅިތަކާއި އެނޫންވެސް ޖަލުގެ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ނަގާ ޖަލަށް ވެއްދުން މަނާ ތަކެތި؛

(ނ) ޖަލުން ދޫކޮށްލާ މީހުންގެ އަތުން ޖަލަށް ގެނައިއިރު ނަގާފައިވާ ތަކެތީގެ ތެރެއިން ޖަލުން ދޫކޮށްލިއިރު ނުގެންގޮސް 03 (ތިނެއް) މަސްދުވަސް ވެފައިވާ ތަކެތި؛

(ރ) ޖަލުގެ ޔުނިޓަކުން ނުވަތަ ގޮޅިއަކުން ގައިދީން ނުވަތަ ބަންދުމީހުން ހުސްކުރާއިރު، އެޔުނިޓަކަށް ނުވަތަ ގޮޅިއަކަށް ގައިދީން ނުވަތަ ބަންދުމީހުން ދޫކޮށްފައިދާ ތަކެތި؛

(ބ) ޖަލުގެ ސްޓާފް ކުއާޓާރސްގައި އުޅޭ މުވައްޒަފުންގެ ތެރެއިން ވަކި މުވައްޒަފެއްގެ އެއްޗެއްކަން ނޭނގޭ ތަކެތި؛

 

7 ވަނަ މާއްދާ - ވެރިއަކުނުވާ ތަކެތި ވިއްކާލުމާއި އަދި ނައްތާލުމާބެހޭ ކޮމެޓީ

(ހ) މި ގަވާއިދުގެ ދަށުން ވިއްކާލާ އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލަން ނުވަތަ ވިއްކާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްޓަކައި 05 (ފަހެއް) މެމްބަރުންގެ މައްޗަށްއެކުލެވޭ ކޮމެޓީއެއް ކޮމިށަނަރ އޮފް ޕްރިޒަންސް އުފައްދަންވާނެއެވެ. މިކޮމެޓީއަށް ކިޔާނީ "ވެރިއަކުނުވާ ތަކެތި ވިއްކާލުމާއި އަދި ނައްތާލުމާބެހޭ ކޮމެޓީ" އެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީގައި ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ މީހުން ހިމަނަންވާނެއެވެ.

  1. ކޮމިށަންޑް އޮފިސަރެއް؛
  2. ފައިނޭންސް ސެކްށަނުގައި މަސައްކަތްކުރާ މުވައްޒަފެއް؛
  3. އިދާރީ މުވައްޒަފެއް؛
  4. ޖަލުތަކުގައި މަސައްކަތްކުރާ ނޮން ކޮމިށަންޑް 2 އޮފިސަރުން؛

(ނ) ކޮމެޓީގެ ޗެއަރޕާރސަންއަކީ ކޮމިށަނަރ އޮފް ޕްރިޒަންސް ކޮމެޓީއަށް އައްޔަންކުރާ ކޮމިށަންޑް އޮފިސަރެކެވެ. ކޮމެޓީގެ ބައްދަލުވުން ބާއްވަންވާނީ ޗެއަރޕާރސަން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މިގޮތުން ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމެޓީގެ އަގުލަބިއްޔަތުން ކޮމެޓީގެ މެންބަރުންެ ތެރެއިން ވައިސް ޗެއަރޕާރސަން އައްޔަން ކުރަންވާނެއެވެ.

(ރ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކޮމެޓީގެ ބައްދަލުވުންތަކަށް ކޮމެޓީގެ ހުރިހާ މެންބަރުންވެސް ހާޒިރުވާންވާނެއެވެ.

(ބ) ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމެޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެގެންނެވެ. މިގަވާއިދުގެ ދަށުން ވިއްކާލެވޭ ނުވަތަ ނައްތާލެވޭ ތަކެތި ވިއްކާލަން ނުވަތަ ނައްތާލަންވާނީ މަދުވެގެން ކޮމެޓީގެ 2 (ދޭއް) މެންބަރުންގެ ހާޒިރުގައެވެ.

(ޅ) ކޮމެޓީގެ ބައްދަލުވުމަށް ކޮމެޓީގެ ޗެއަރޕާރަސަންއަށް ހަޒިރުނުވެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ކޮމެޓީގެ ވައިސް ޗެއަރޕާރސަންއެވެ.

 

8 ވަނަ މާއްދާ - އެއްވެސް ވެރިއަކު ނުވާ ތަކެތި ބެލެހެއްޓުން

މިގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނެގޭ އެއްވެސް ވެރިއަކުނުވާ ތަކެތި "ވެރިއަކުނުވާ ތަކެތި ވިއްކާލުމާއި އަދި ނައްތާލުމާބެހޭ ކޮމެޓީ" އާއި ހަވާލު ކުރެވެންދެން އެތަކެތި ބަހައްޓަންވާނީ އެޖަލެއްގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުގައެވެ.

 

9 ވަނަ މާއްދާ - ކޮމެޓީއާ ތަކެތި ހަވާލުކުރުން.

(ހ) ވިއްކާލަން ނުވަތަ ނައްތާލަންޖެހޭ ތަކެތި ކޮމެޓީއާ ހަވާލު ކުރަންވާނީ ގިނަގެނެް 7 (ހަތެއް) ދުވަހުގެ ތެރޭގައި، ތިރީގައި އެވާ މައުލޫމާތު ހިމެނޭ ކަރުދާހަކާ އެކުގައެވެ.

  1. ވިއްކާލަން ނުވަތަ ނައްތާލަންޖެހޭ ތަނެތީގެ ބާވަތާއި މޮޑެލް ނަމްބަރު؛
  2. ވިއްކާލަން ނުވަތަ ނައްތާލަންޖެހޭ ތަކެތީގެ އަދަދު، އަދަދު ނުގެނޭފަދަ އެ އެއްޗެތީގެ ބަރުދަން؛
  3. ވިއްކާލަން ނުވަތަ ނައްތާލަން ހަވާލުކުރެވޭ ތަކެތި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވުނު ގޮތް؛
  4. ވިއްކާލަން ނުވަތަ ނައްތާލަންޖެހޭ ތަކެތި ކޮމެޓީއާ ހަވާލުކުރާ ފަރާތް؛

 

10 ވަނަ މާއްދާ - ހަތިޔާރުގެ ގޮތުގައި ބެލެވޭ ތަކެތި

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ހަތިޔާރަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޓްރޭނިންގތަކުގައި ބޭނުން ހިފިދާނެ ހަތިޔާރެއް ކަމަށް ނުވަތަ ދައްކާލުމެއްގައި ބަހައްޓަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ބޭނުންވާ ފަދަ ހަތިޔާރެއްނަމަ، އެހަތިޔާރެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބޭނުމަށް ބެހެއްޓުމުގެ ހުއްދަ ކޮމެޓީއިން ހޯދުމަށްފަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސައިން ހަތިޔާރު ބަލަހައްޓާ ޑީޕާޓްމަންޓްގެ ވެރިއަކާ ހަތިޔާރު ހަވާލުކޮށް އެމައްސަލައެއްގެ ރިކޯޑުގައި އެކަން ހިމަނަންވާނެއެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަތިޔާރު ބަލަަހައްޓާ ޑިޕާޓްމަންޓުން އެހަތިޔާރެއް ހަވާލުކުރެވުމާއެކު އެޑިޕާޓްމަންޓުން އެ ހަތިޔާރު އެތަނުގެ އިންވެންޓްރީއަށް އަރުވަންވާނެއެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ބޭނުންކުރެވިދާނެ ފަދަ ހަތިޔާރަކަށް ނުވާނަމަ، އެ ހަތިޔާރެއް ނައްތާލަންވާނެއެވެ. ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ދިޔާ ތަކެތި ނައްތާލުން

(ހ) ނައްތާލަން ޖެހޭ ދިޔާއެއްޗަކީ އޭގެ ސަބަބުން ބިމުގެ ވެށްޓަށް ނޭދެވޭ އަސަރު ކުރާނެ އެއްޗަކަށް ނުވާނަމަ އެއެއްޗެއް، ވަޅެއް ކޮނެ، އެވަޅަށް އޮއްސާލައިގެން ނައްތާލެވިދާނެއެވެ. އަދި އެފަދަ އެއްޗެއް އަޅާފައިވާ ފުޅި ދަޅު ބޭނުން ނުކުރެވޭ ވަރަށް ނެތިކޮށްލަން ޖެހޭނެއެވެ.

(ށ) ނައްތާލަން ޖެހޭ އެއްޗަކީ އޭގެ ސަބަބުން ބިމުގެ ފަސްގަނޑަށް ނޭދެވޭ އަސަރެއް ކުރުން އެކަށީގެންވާ އެއްޗެއް ކަމުގައިވާނަމަ އެ އެއްޗެއް ނައްތާލަންވާނީ އެކަމުގެ މާހިރުންގެ ލަފާ ހޯދުމަށްފަހު، އެބޭފުޅުންގެ އިރުށާދާ އެގޮތްވާ ގޮތުގެ މަތިންނެވެ.

 

12 ވަނަ މާއްދާ - ސިއްހަތަށް ގެއްލުމެއް ވެދާނެ ފަދަ ނުރައްކާތެރި ބޭހުގެ މާއްދާތައް ހިމެނޭ ތަކެތި ނައްތާލުން

(ހ) އެކަށީގެންވާ ރައްކާތެރިކަމާއެކު ނުބެލެހެއްޓޭނެކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ގަބޫލުކުރެވޭ ވިހަ މާއްދާތައް އެކުލެވޭ ކެމިކަލާއި، އެއިން ނޭދެވޭ ސިއްހީ މައްސަލައަކަށް ނުވަތަ ހާލަތަަކަށް ރިއާޔަތްކޮށް އެއެއްޗެއް ނައްތާލުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ "ވެރިއަކުނުވާ ތަކެތި ނައްތާލުމާއި ވިއްކާލުމާބެހޭ ކޮމެޓީ" އަށް ފެނިއްޖެ ހާލަތެއްގައި އެފަދަ އެއްޗެއް ނައްތާލަންވަނީ ކަމާބެހޭ މާހިރުންގެ ލަފައާ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތިން އެފަރާތްތަކުގެ ހުއްދަ ހޯދައިގެންނެވެ. މިފަދަ އެއްޗެއް ނައްތާލުމުގެ ހުއްދަ ހޯދުމުގައި ނަގާ ވަގުތަކީވެސް މުޖުތަމައުއަށް އެ އެއްޗެއްގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ބާވަތުގެ އެއްޗެއްކަމަށް ކޮމެޓީއަަށް ފެނިއްޖެ ހާލަތެއްގައި އެ އެއްޗެއް ވީއެންމެ އަވަހަކަށް ރައްކާތެރިކަމާއެކު ނައްތާލަންވާނެއެވެ. އަދި އެފަދަ ތަކެތި ނައްތާލަން ވާނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ރައްކާތެރިކަމާއެކުގައެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ތަކެތި ކޮމިޓީއަށް ހަވާލު ނުކުރެވޭ ހާލަތެއްގައި ޑައިރެކްޓަރ އޮފް ޕްރިޒަން އަންގާގޮތެއްގެ މަތިން އެތަކެތި ނައްތާލުމަށްފަހު ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓް ކޮމިޓީ އަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ތަކެތި ކޮމިޓީއަށް ހަވާލު ނުކުރެވޭ ހާލަތެއްގައި ޑައިރެކްޓަރ އޮފް ޕްރިޒަން އަންގާގޮތެއްގެ މަތިން އެތަކެތި ނައްތާލުމަށްފަހު ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓް ކޮމިޓީ އަށް ފޮނުވަންވާނެއެެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ނައްތާލެވޭ ތަކެތީގެ ރެކޯޑް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ނެގޭ ފައިސާއާމެދު އަމަލުކުރަންވީ ގޮތް

މިގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށޤފައިވާ ގޮތުގެމަތިން ނެގޭ ވަކި މީހެއްގެ މިލްކަކަށްނުވާ ފައިސާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވެލްފެއަރ ފަންޑަށް ޖަމާކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ވަކި ގޮތަކަށް ވިއްކާލަން ނުވަތަ ނައްތާލަން ގަވާއިދުގައި ބަޔާންވެގެން ނުވާ ތަކެތި ވިއްކާލުން ނުވަތަ ނައްތާލުން.

(ހ) މި ގަވާއިދުގައި ވަކިގޮތަކަށް ވިއްކާލުމަށް ނުވަތަ ނައްތާލަންވާނެކަމުގައި ބަޔާންނުވާ އެންމެހައި ތަކެތި ނައްތާލަން ނުވަތަ ވިއްކާލެވޭނީ ކޮމެޓީއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާގޮތާ ހިލާފަށް އެއްޗެއް ނައްތާލަން ވާނީ ކޮމިށަނަރ އޮފް ޕްރިޒަންސް ވަކިގޮތަކަށް ވަކި ބާވަތެއްގެ އެއްެޗެއް ވިއްކާލުމަށް ނުވަތަ ނައްތާލުމަށް ލިޔުމުން އެންގުމުންނެވެ.

 

15 ވަނަ މާއްދާ - ތަކެތި ނައްތާލާއިރު އޮބްޒާވަރުން ގެނައުން

(ހ)  ތަކެތި ނައްތާލާ މަންޒަރު ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި، ކޮމެޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ހަބަރު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީ ކޮށްފައިވާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް ދައުވަތު ދެވިދާނެއެެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ވަކި ބާވަތެއްގެ އެއްޗެއް ނައްތާލާއިރު ދިމާވެދާނެ ނުރައްކަލަކަށް ނުވަތަ އިތުރު ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ރިއާޔަތްކޮށް އެކަމެއް ހައްލުކުރެވޭނެ ކަމަށް ކޮމެޓީއަށް ފެނިގެން ދައުވަތުދީފައިވާ ފަންނީ މީހުންނަށް ތަކެތި ނައްތާލާ ތަނުގައި ތިބެވިދާނެއެވެ.

 

16 ވަނަ މާއްދާ - ތަކެތި ނައްތާލާއިރު ރެކޯޑް ކުރުން.

ތަކެތި ނައްތާލާއިރު އެކަން ހިނގަމުންދާ މަންޒަރު ވީޑިއޯ ނުވަތަ ފޮޓޯގްރަފީގެ ވަސީލަތުން ރިކޯޑްކޮށް، ލޭބަލްކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި މަދުވެގެން 03 (ތިނެއް) އަހަރުވަންދެން ބަހައްޓަންވާނެއެވެ.

 

17 ވަނަ މާއްދާ - ހަރުމުދަލުގެ ގޮތުގައި ވިއްކާލެވޭނެ ތަކެތި

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން ތަކުރާރުކޮށް އަންގައިގެންވެސް ވެރިފަރާތް ނުވަތަ މިލްކުވެރިޔާ ނުހޯދިގެން ވިއްކާލަން ނުވަތަ ނައްތާލަންޖެހޭ ހަރު މުދަލުގެ ގޮތުގައި ނުވަތަ ގަހަނާގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭތާ 3 (ތިނެއް) މަސް ދުވަސްވުމުން ކޮމެޓީން އެއްޗެއް ނީލަމުގައި ވިއްކާލުމަށްފަހު، ލިބޭ ފައިސާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވެލްފެއަރ ފަންޑަށް ޖަމާކުރަންވާނެއެވެ.

(ށ) ހުކުމުގެ މުއްދަތު ހަމަވެގެންދާ މީހުން ދޫކޮށްފައިދާ ތަކެތީގެ ތެރޭގައި ހިމެނޭ ހަރުމުދާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގެންދިއުމަށް އެމީހަކަށް އަންގަންވާނެއެވެ. އެމުއްދަތުގެ ތެރޭގައި އެއެއްޗެއް ނުގެންގޮސްފިނަމަ ކޮމެޓީއަށް ހުށަހަޅައިގެން ކޮމެޓީގެ ބެލުމުގެ ދަށުން އެއެއްޗެއް ނީލަމުގައި ވިއްކާލުމަށްފަހު، ލިބޭ ފައިސާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވެލްފެއަރ ފަންޑަށް ޖަމާކުރަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) އަދި (ށ) ގައި ބަޔާންވެގެންވާ ހަރުމުދަލުގެ ތެރޭގައި، މިގަވާއިދުގެ މަގްސަދަށާއި ފަރުދުންގެ ޒާތީ މަސްލަހަތަށްޓަކައި ކޮމްޕިއުޓަރުގެ އެހީގައި މައުލޫމާތު ރައްކާކުރެވޭ (ޑިޖިޓަލް) ތަކެތި ނުހިމެނޭނެއެވެ. އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރެކޯޑް ކުރެވިދާނެ ނުވަތަ ރައްކާތެރިކުރެވިދާނެ އާލާތެއް ނުވަތަ އެއްޗެއް އެއްވެސް ފަރާތަކަށް އެއިން އެއްވެސް ބޭނުމެއް ކުރެވިދާނެފަދަ ގޮތަކަށް ދޫކޮަށްގެން ނުވާނެއެވެ. މިފަދައިން އަމަލު ކުރުމުގެ މަގްސަދަކީ ޑިޖިޓަލް ތަކެތީގައި ރައްކާކުރެވިފައިވާ މައުލޫމާތާއި ޑިޖިޓަލް އެއްޗަކުން ފޮހެވިފައިވާ (ޑިލީޓް ކޮށްފައިވާ) މައުލޫމާތަކީވެސް ވަރަށް ފަސޭހައިން ހޯދައި (ރިކަވަރ) ކުރެވިދާނެ ފަދަ އެއްޗަކަށްވާތީ ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމުގެ ގޮތުންނެވެ. މިފަދަ ތަކެތި އަލުން ރިކަވަރ ނުކުރެވޭފަދަ ގޮތަކަށް ނައްތާލަންވާނެއެވެ. 

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު