-

މަސްތުވާ ތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިންގ ބޯޑުގެ ގަވާއިދު

(ގަވާއިދު ނަންބަރު 18/2015)

 

1 ވަނަ މާއްދާ – ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް ރިއާޔަތްކޮށް، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައިވާ ގޮތުގެމަތިން އުފައްދާފައިވާ "މަސްތުވާތަކެތި ކޮންޓްރޯލު ކުރުމުގެ ގައުމީ ފަންޑު" ގެ ގަވަރނިންގ ބޯޑު ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށާއި، މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުން ހަރަދުކުރުމުގައި ގެންގުޅެންވީ އުސޫލުތައް ބަޔާންކުރުމަށް އެކުލަވައިލާފައިވާ ގަވާއިދެވެ.

(ށ) މިގަވާއިދު އެކުލަވާލާފައި މިވަނީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 172 ވަނަ މާއްދާގެ (ށ) ގެ ދަށުން ބޯޑަށް ލިބިދޭ ބާރުގެ ދަށުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓަރެޒަރީގެ ލަފާގެ މަތިންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިންގ ބޯޑުގެ ގަވާއިދު" އެވެ.

 

 

ފުރަތަމަ ބައި

ބޯޑުގެ ހިންގުމާ ގުޅޭ

2 ވަނަ މާއްދާ – އެކުލެވިގެންވާ ގޮތް

ގަވަރނިންގ ބޯޑު އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

 

3 ވަނަ މާއްދާ – ޗެއަރމަނާއި ވައިސް ޗެއަރމަން

(ހ) ބޯޑުގެ ޗެއަރމަނާއި ވައިސް ޗެއަރމަންގެ ގޮތުގައި މެންބަރުން އައްޔަން ކުރަންވާނެއެވެ.

(ށ) ޗެއަރމަނާއި ވައިސް ޗެއަރމަނަކީ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރުން އައްޔަންކުރާ ބަޔެކެވެ.

 

4 ވަނަ މާއްދާ – ބޯޑުގެ މަސްއޫލިއްޔަތުތައް

ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) މަސްތުވާތަކެތި ކޮންޓްރޯލުކުރުމުގެ ގައުމީ ފަންޑް ހިންގައި ބެލެހެއްޓުން؛ އަދި

(ށ) ފަންޑުން ހަރަދުކުރާނެ ކަންކަމާ ބެހޭގޮތުން ނޭށަނަލް ޑްރަގް އެޖެންސީއަށް ލަފާދިނުން.

 

5 ވަނަ މާއްދާ - ރިޔާސަތު ބެލެހެއްޓުން

ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރމަނެވެ. ޗެއަރމަން ނެތް ހާލަތެއްގައި ވައިސް ޗެއަރމަނެވެ. އަދި ވައިސް ޗެއަރމަންވެސް ނެތިއްޖެ ހާލަތެއްގައި ބޯޑުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެކެވެ.

 

6 ވަނަ މާއްދާ – ޗެއަރމަންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ ޗެއަރމަންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ގަވަރނިންގ ބޯޑުގެ އެންމެހައި ކަންކަމާ ގުޅޭގޮތުން ޖަވާބުދާރީވުން ؛

(ށ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ނ) ބޯޑުގެ މެންބަރުންގެ މަށްވަރާއާއެކު ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުން؛

(ރ) ބޯޑުގެ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ބޯޑުގެ މެންބަރުންނާ ހަވާލުކުރުން.

 

7 ވަނަ މާއްދާ – ވައިސް ޗެއަރމަންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ ވައިސް ޗެއަރމަންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ބޯޑުގެ ޗެއަރމަންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރުން؛

(ށ) ބޯޑުގެ ޗެއަރމަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ވައިސް ޗެއަރމަންއާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

8 ވަނަ މާއްދާ – މެންބަރުންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ބޯޑުގެ ބައްދަލުވުންތަކަށް ގަވާއިދުން ހާޒިރުވުން؛

(ށ) ބޯޑުން ކުރަން ނިންމާ ކަންތައްތަކުގެ ތެރެއިން މެންބަރުންނާ ހަވާލުކުރާ މަސައްކަތްތައްކުރުން.

 

9 ވަނަ މާއްދާ – މެންބަރުކަމުގެ މަގާމުން ވަކިވުން

ބޯޑުގެ މެންބަރުން މެންބަރުކަމުގެ މަގާމުން ވަކިވާނީ އަންނަނިވި ހާލަތުތަކުގައެވެ.

(ހ) ބޯޑުގެ މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވާކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން؛ ނުވަތަ

(ށ) ބޯޑުގެ މެންބަރަކު ވަކިކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އެ މެންބަރަކަށް އެންގުމުން.

 

10 ވަނަ މާއްދާ – ބޯޑުގެ ބައްދަލުވުންތައް

(ހ) މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރު ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް މެންބަރަކު ބޭނުންވެއްޖެނަމަ އެކަން ޗެއަރމަނަށް ހުށަހެޅުމުން، ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު ޗެއަރމަން ހަމަޖައްސައިދޭންވާނެއެވެ.

 

11 ވަނަ މާއްދާ – ހާޒިރީ ރެކޯޑުކުރުން

(ހ) ބޯޑުގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުމަށްފަހު އެ ދުވަހެއްގެ ހާޒިރީގައި ސޮއިކުރަންވާނެއެވެ.

(ށ) އެއްވެސް ސަބަބަކާހުރެ ބޯޑުގެ ބައްދަލުވުމަކަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެކަން ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ މަދުވެގެން 1 (އެކެއް) ގަޑިއިރު ކުރިން ޗެއަރމަނަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބޯޑުގެ ބައްދަލުވުމަކަށް މެންބަރަކަށް ހާޒިރުނުވެވިއްޖެނަމަ، އެކަން ސަބަބާއެކު އެދުވަހެއްގެ ހާޒިރީގައި ލިޔަންވާނެއެވެ.

 

12 ވަނަ މާއްދާ – ގާނޫނީ އަދަދު

ބޯޑުގެ ބައްދަލުވުމެއް ބޭއްވޭނީ ބޯޑުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

13 ވަނަ މާއްދާ – ބޯޑުގެ ސެކްރެޓޭރިއޭޓް ކަނޑައެޅުން އަދި ޒިންމާތައް

(ހ) ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ އެޖެންސީންނެވެ. އަދި ސެކްރެޓޭރިއޭޓް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ހަމަޖައްސާނީ އޖެންސީގެ އިދާރީ މުވައްޒަފުންގެ ތެރެއިންނެވެ.

(ށ) ބޯޑުގެ ސެކްރެޓޭރިއޭޓުގެ ޒިންމާތައް ތިރީގައި އެވަނީއެވެ.

  1. ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާޅާހާހިނަދަކު، ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވުން؛
  2. ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާނެ ހުރިހާ އިދާރީ އިންތިޒާމުތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން؛
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ އެޖެންޑާ ތައްޔާރުކުރުން؛
  4. ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  5. ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާ ރިޕޯޓުތައް އެކުލަވައިލުން؛
  6. ބޯޑުގެ މަސްއޫލިއްޔަތުތައް ތަނފީޒުކުރުމަށްޓަކައި ބޯޑުން ނިންމާ ނިންމުންތަކުގެ ތެރެއިން ބޯޑުގެ މެންބަރަކާ ނުވަތަ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް އެ މެންބަރަކު ނުވަތަ މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުން؛
  7. ބޯޑުގެ ބައްދަލުވުންތަކާ ގުޅިގެން ޗެއަރމަނާއި ވައިސް ޗެއަރމަން އަންގާ އެހެނިހެން ކަންކަން ކުރުން.

 

14 ވަނަ މާއްދާ – ޔައުމިއްޔާއާއި ލިޔެކިޔުންތައް ބެލެހެއްޓުން

(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އެހެނިހެން ލިޔެކިޔުންތައް ބަލަހައްތާނީ ބޯޑުގެ ސެކްރެޓޭރިއޭޓުންނެވެ.

(ށ) ކޮންމެ ހަފްތާއެއް ނިމުމުގެ ކުރިން އެ ހަފްތާއެއްގައި ބޭއްވުނު ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމަށްފަހު 5 (ފަހެއް) ދުވަހުގެ ތެރޭގައި މެންބަރުންނަށް އީ-މެއިލްގެ ޒަރީއާއިން ފޮނުވަންވާނެއެވެ. ޔައުމިއްޔާ ފޮނުވާތާ 2 (ދޭއް) ދުވަސް ފާއިތުވާއިރު އެއްވެސް މެންބަރެއްގެ އިސްލާހެއް ނެތްނަމަ ޔައުމިއްޔާއަށް އިސްލާހެއް ނެތީކަމުގައި ބެލެވޭނެއެވެ. އިސްލާހެއް ހުށަހަޅައިފިނަމަ އެ އިސްލާހެއް ހިމެނޭ ގޮތަށް ޔައުމިއްޔާ އިސްލާހުކޮށް އަލުން މެންބަރުންނަށް އީ-މެއިލް ކުރަންވާނެއެވެ.

(ނ) ބޯޑުން ފާސްކުރާ ޔައުމިއްޔާތަކާއި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބޯޑުގެ ސެކްރެޓޭރިއޭޓުގެ ޒިންމާއެކެވެ.

 

15 ވަނަ މާއްދާ – ބޯޑުގެ ނިންމުން

(ހ) ބޯޑުން އެއްވެސް ކަމެއް ނިންމޭނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް ކަމެއް  ނިންމުމުގައި އެ މެންބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ. އަދި މަށްވަރާކުރެވެނީ އެފަދަ މައްސަލައެއްކަން އެނގޭ ހިނދުން ފެށިގެން ޗެއަރމަނަށާއި، ބޯޑުގެ މެންބަރުންނަށް އެންގުމާއެކު، އެ ކަމަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.

(ނ) ބޯޑުގައި ނިންމަންޖެހޭ ކަމެއް ވޯޓަށް އަހައިގެން ނިންމުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ. ވޯޓު ދީގެން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓު ދެވޭނީ މެންބަރުންގެ ތެރެއިން ދެވޭ ވޯޓު ހަމަހަމަވާ ހާލަތުގައި އެކަންޏެވެ. އަދި ވޯޓު ނަގާނެ ގޮތަކާމެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެނަމަ ވޯޓު ނަގާނެ ގޮތެއް ކަނޑައަޅާނީ، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

 

16 ވަނަ މާއްދާ – ސިއްރު ހިފެހެއްޓުން

(ހ) ބޯޑުން ނިންމާ ގޮތެއްގެ މަތިން މެނުވީ ބޯޑުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެންނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރަކު އަދާކުރާ ވަޒީފާގެ ބޭނުން، އަމިއްލައަށް ނާޖާއިޒު މަންފާއެއް  ހާސިލުކުރުމަށް ނުވަތަ އެހެންމީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

(ރ) ބޯޑުގެ ލިޔެކިޔުންތައް އާންމުކުރެވޭނީ ނުވަތަ އެއްވެސް ފަރާތަކަށް ދޫކުރެވޭނީ ބޯޑުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

(ބ) މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ފޯރުކޮށްދެވޭ އެއްވެސް ލިޔުމެއް އެ މެންބަރެއްގެ އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

ދެވަނަ ބައި

ފަންޑާ ގުޅޭ މާއްދާތައް

17 ވަނަ މާއްދާ – ފަންޑު ހިންގުމުގެ ޒިންމާ

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަންޑު ހިންގުމުގެ ޒިންމާ އުފުލާނީ ގަވަރނިންގ ބޯޑުންނެވެ.

 

18 ވަނަ މާއްދާ – ހަރަދުކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަންޑުން ހަރަދުކުރުމުގެ އެންމެހައި ކަންކަން ކުރާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

19 ވަނަ މާއްދާ – ފަންޑަށް ފައިސާ ޖަމާކުރުން

މަސްތުވާތަކެތި ކޮންޓްރޯލުކުރުމުގެ ފަންޑަށް ޖަމާކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފައިސާއެވެ.

(ހ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ؛

(ށ) ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ؛ އަދި

(ނ) މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާ.

 

20 ވަނަ މާއްދާހަރަދު ކުރެވޭނެ ކަންކަން

މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަމާކުރެވޭ ފައިސާ ހަރަދުކުރަންވާނީ އަންނަނިވި ކަންކަމަށެވެ.

(ހ) މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށް؛

(ށ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ހިދުމަތް ރަނގަޅުކުރުމަށް؛ އަދި

(ނ) މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް.

 

21 ވަނަ މާއްދާ

މި ގަވާއިދުގެ 20 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ފަންޑުން ހަރަދުކުރަންޖެހޭ ކަންކަން އިތުރު ހުށައެޅުމަކާ ނުލައި، ބޯޑުގެ އަމިއްލަ އިސްނެގުމުގެ މަތިން ކަނޑައެޅިދާނެއެވެ. އަދި މިގޮތުން ކަނޑައެޅިނަމަވެސް، ހަރަދުކުރުމަށް ހުއްދަ ދެވޭނީ އެ ފައިސާ ހަރަދުކުރުމަށް ގަވަރނިންގ ބޯޑުގެ އަގްލަބިއްޔަތުން ފާސްވުމުންނެވެ. އަދި އެގޮތުން ފާސްވެއްޖެނަމަ، ހަރަދުކުރަން ހުއްދަ ދިންކަން ފަންޑުން ހަރަދުކުރަން ހުއްދަދޭ މުއައްސަސާއަށާއި އެޖެންސީގެ ބަޖެޓު ސެކްށަނަށް ޗެއަރމަން އަންގަންވާނެއެވެ.

 

22 ވަނަ މާއްދާ – ފަންޑުން ހަރަދުކުރުމަށް ހުށަހެޅުން

މި ގަވާއިދުގެ 21 ވަނަ މާއްދާ އެހެން އޮތް ނަމަވެސް، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައިވާ މަގްސަދުތައް ހާސިލުކުރުމުގެ މަސައްކަތްތައް ތަންފީޒުކުރާ ކޮންމެ އިދާރާއަކުންވެސް ފަންޑުން ފައިސާ ހަރަދުކުރަން  ބޭނުންވާ  ކަންތަކުގެ ތަފުސީލު ހިމެނޭ ޕްރޮޕޯސަލެއް ފަންޑުގެ ގަވަރނިންގ ބޯޑަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ހުށަހެޅުމެއްގައި ބޭނުންވާ ފައިސާގެ އަދަދާއި، ހަރަދުކުރަން ގަސްދުކުރާ ކަންތަކުގެ ތަފްސީލާއި، ހާސިލުކުރަން ބޭނުންވާ މަގްސަދާއި ނަތީޖާ އަދި އޭގެ ސަބަބުން ކުރާނެ ފައިދާ އެނގޭފަދަ ތަފްސީލުތައް ހިމަނަންވާނެއެވެ.

 

23 ވަނަ މާއްދާ – ހަރަދުކުރުމުގެ ހުއްދަ ދިނުން

މި ގަވާއިދުގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅުމެއް ލިބުމުން، އެ ހުށަހެޅުން ދިރާސާކޮށް، ފަންޑުން ފައިސާ ހަރަދުކުރުމުގެ ހުއްދަ ދެވޭނީ އެ ފައިސާ ހަރަދުކުރުމަށް ގަވަރނިންގ ބޯޑުގެ އަގްލަބިއްޔަތުން ފާސްވުމުންނެވެ. އަދި އެގޮތުން ފާސްވެއްޖެނަމަ، ހަރަދުކުރަން ހުއްދަ ދިންކަން ފަންޑުން ހަރަދުކުރަން ހުއްދަދޭ މުއައްސަސާއަށާއި އެޖެންސީގެ ބަޖެޓު ސެކްޝަނަށް ޗެއަރމަން އަންގަންވާނެއެވެ.

 

24 ވަނަ މާއްދާ – އިވޭލުއޭޓުކޮށް މޮނިޓަރކުރުން

މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކަންކަމަށާއި، ގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޕްރޮޕޯސަލަކަށް ބިނާކޮށް ހަރަދުކުރުމަށް ދެވޭ ހުއްދައިގެ ދަށުން ކުރެވޭ ހަރަދުތައް ކުރަނީ ގާނޫނުތަކާއި ގަވާއިދާއި ބޯޑުން ހުއްދަ ދީފައިވާ ހުދޫދުގެ ތެރޭގައި ކަން ކަށަވަރުކުރުމުގެ ގޮތުން އިވެލުއޭޓްކޮށް މޮނިޓަރކުރުމުގެ ބާރު ފަންޑުގެ ގަވަރނިންގ ބޯޑަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ – ރިޕޯޓުކުރުން

މި ގަވާއިދުގެ ދަށުން ދެވޭ ހުއްދައިގެ ދަށުން ކުރެވޭ ހަރަދުތަކާ ގުޅޭ ރިޕޯޓެއް ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން، ހަރަދުކުރި ފަރާތުން ބޯޑަށް ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާ – ފަންޑު އޮޑިޓްކުރުން

ފަންޑުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތް އޮޑިޓްކުރާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓަރ ޖެނެރަލެވެ.

 

27 ވަނަ މާއްދާ – ރިޕޯޓު ށާއިއުކުރުން

ފަންޑަށް ކޮންމެ އަހަރަކު ލިބުނު ފައިސާގެ ޖުމުލަ އަދަދާއި، ފަންޑުގެ ފައިސާ ހަރަދުކުރި ގޮތް ބަޔާންކުރާ ރިޕޯޓެއް ވިދިގެން އަންނަ އަހަރުގެ ފެބްރުވަރީ މަސް ނިމުމުގެ ކުރިން ތައްޔާރުކޮށް އެ ރިޕޯޓް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

28 ވަނަ މާއްދާ – ގަވާއިދު ހިންގުން

މިގަވާއިދު ހިންގާނީ ބޯޑުންނެވެ.

 

29 ވަނަ މާއްދާ – އަމަލުކުރަންފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނި، ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

30 ވަނަ މާއްދާ – ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު:

(ހ) "ބޯޑު" ނުވަތަ "ގަވަރނިންގ ބޯޑު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ކޮންޓްރޯލުކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިންގ ބޯޑަށެވެ.

(ށ) "ފަންޑު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ކޮންޓްރޯލުކުރުމުގެ ގައުމީ ފަންޑަށެވެ.

(ނ) "ލިޔެކިޔުން" ކަމަށް ބުނުފައި އެވަނީ، އޯޑިޔޯ، ވީޑިޔޯ، އިލެކްޓްރޯނިކް އަދި ޑިޖިޓަލް މީޑިއާވެސް ހިމެނޭ ގޮތުންނެވެ.

(ރ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ޑްރަގް އެޖެންސީއެވެ.

 

މައި ގާނޫނު

  1. މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011)
  2. މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 3/2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު