-

ޖަލުގައި ކުއްލި ހާލަތެއް މެދުވެރިވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 128/2015)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، ޖަލުގައި ކުއްލި ހާލަތެއް ދިމާވެގެން ފުލުހުންގެ ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދޭނެ ހާލަތްތަކާއި ގޮތްތަކާއި އަދި މިފަދަ އެހީތެރިކަން ލިބިގަތުމުގައި ކަންކުރާނެ ގޮތުގެ ތަފުސީލުތައް ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ)ގެ ދަސުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ 'ޖަލުގައި ކުއްލި ހާލަތެއް މެދުވެރިވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު' އެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދަކީ، ޖަލުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ސިފައިން ނުވަތަ ފުލުހުންގެ އެހީހޯދުމުގައި އަމަލުކުރާނެ އުސޫލުތަކާ އަދި މިފަދަ ހާލަތްތަކުގައި ފުލުހުންނާއި ސިފައިން ޖަލުގައި ހަރަކާތްތެރިވާނެ ގޮތްތައް ބަޔާންކުރުމުވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހަދައި، ހިންގާ ފަރާތް

 މިގަވާއިދު ހަދާފައި މިވަނީ، މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރެވެ. އަދި މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ. 

 

 

5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

 

6 ވަނަ މާއްދާ - ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަމަށް އެދެވޭނެ ހާލަތްތައް

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ހުރިހާ ޖަލުތަކެއްގެވެސް ސަލާމަތީ އެންމެހައި ކަންތައްތައް ބަލަހައްޓާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނެވެ. 

(ށ) މި ގަވާއިދުގެ ދަށުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެހީތެރިވުމުގެ ގޮތުން ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފުލުހުންގެ ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދިދާނެއެވެ.

  1. ޖަލުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ނުރައްކާވެ، އެކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ނުވަތަ ކޮންޓްރޯލްނުކުރެވޭނެ ކަމަށް ގަބޫލުކުރެވިއްޖެނަމަ ފުލުހުންގެ އެހީތެރިކަން ހޯދަންވާނެއެވެ. އަދި ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ސިފައންގެ އެހީތެރިކަން ހޯދަންވާނެއެވެ.
  2. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނަށް ކޮންޓްރޯލް ނުކުރެވޭ ފަދަ އަލިފާނުގެ ހާދިސާއެއް ޖަލުގައި ހިނގައިފިނަމަ ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވެއްޖެނަމަ ސިފައިންގެ އެހީތެރިކަން ހޯދަންވާނެއެވެ.
  3. ޖަލުން ބޭރުން ކުރިމަތިވާ ނުރައްކާތެރި ހާލަތްތަކުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ނުވަތަ ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ގަބޫލުކުރެވިއްޖެނަމަ ފުލުހުންގެ އެހީތެރިކަން ހޯދަންވާނެއެވެ. އަދި ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ސިފައިންގެ އެހީތެރިކަން ހޯދަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްވެސް ހާލަތެއްގައި ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދަންވާނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެންނެވެ. 

  

7 ވަނަ މާއްދާ - ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދުމަށް އެދޭނެގޮތް  

(ހ) އާންމު އުސޫލެއްގެ ގޮތުން ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަމަށް އެދި ހުށަހަޅާންވާނީ ލިޔުމުންނެވެ. ނަމަވެސް، ދިމާވެފައިވާ ހާލަތަކަށް ރިއާޔަތްކޮށް އަނގަބަހުންވެސް ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަމަށް އެދެވިދާނެއެވެ. 

(ށ) އަނގަބަހުން ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަމަށް އެދޭ ހާލަތްތަކުގައި ލަސްނުކޮށް އެކަން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަމަށް އެދި ހުށަހަޅާނީ، ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ މިނިސްޓަރެވެ. 

  

8 ވަނަ މާއްދާ - ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަން މާނަކުރުން  

މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަން މާނަކުރަންވާނީ، މި ގަވާއިދުގައިވާ ގޮތުގެމަތިން އެކަމަށް އެދިއްޖެ ހާލަތެއްގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކޮށްދިނުމަށެވެ. 

(ހ) ޖަލު އޮފިސަރުންގެ ވާޖިބުތައް

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ގައިދީންނާއި ބަންދުމީހުންނާއި ތަނުގެ މުދަލާއި އިމާރާތް އަދި އެނޫން ފަރާތްތަކާއި، މުވައްޒަފުން، ނުރައްކަލުން ސަލާމަތްކޮށްދިނުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި އެކު މަސައްކަތްކުރުން؛ 

(ނ) ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ޑިރެކްޓަރ އޮފް ޕްރިޒަން އަންގާ ގޮތެއްގެމަތިން، ފުލުހުން ނުވަތަ ސިފައިންގެ ބާރާއެކު ދިމާވެފައިވާ ހާލަތް ކޮންޓްރޯލް ކުރުން؛ 

 

9 ވަނަ މާއްދާ - ފުލުހުންނާއި ސިފައިންނަށް ލިބިދޭ ބާރު 

މި ގަވާއިދުގެ ދަށުން ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދައިފިނަމަ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޖަލު އޮފިސަރުންނަށް ލިބިދޭ އެންމެހައި ބާރުތައް ފުލުހުންނާއި ސިފައިންނަށް ލިބިގެންވެއެވެ. އަދި މިފަދަ ހާލަތްތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވުމުގައި، އެކަމަށްޓަކައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކުރުމުގެ އިތުރުން، ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނާއި އެ ގާނޫނުތަކުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލުތަކެއްވާނަމަ އެ އުސޫލުތަކަށް އަމަލުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. 

 

10 ވަނަ މާއްދާ - ކުއްލި ހާލަތު ނިމުމަކަށް ގެނައުން 

މި ގަވާޢިދުގައި ބަޔާން ކޮށްފައިވާ ހާލަތު ފިލައިދިއުމުން ސިފައިންނާއި ފުލުހުންގެ ކިބައިން މިނިސްޓަރު ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ޑިރެކްޓަރ އޮފް ޕްރިޒަންސް އެދުނު އެހީތެރިކަން ނިމުމަކަށް ގެންނަންވާނެއެވެ. އަދި އެކަން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ. 

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު