-

ގޭބަންދު ހުކުމާއި، އަރުވާލުން ފަދަ ހުކުމްތަކުގައި ހުކުމް ތަންފީޒުކުރަންޖެހޭ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު - 136/2015)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (21) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގޭބަންދު ހުކުމާއި، އަރުވާލުން ފަދަ ހުކުމްތަކުގައި ހުކުމް ތަންފީޒުކުރަންޖެހޭ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "ގޭބަންދު ހުކުމާއި، އަރުވާލުން ފަދަ ހުކުމްތަކުގައި ހުކުމް ތަންފީޒުކުރަންޖެހޭ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ގޭގައި ބަންދުކުރުމަށް ނުވަތަ އަރުވާލުމަށް ހުކުމް ކުރާ މީހުން ހުކުމް ތަންފީޒު ކުރުމަށްޓަކައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުން އެފަދަ މީހުންނާމެދު އަމަލު ކުރާނެ އުސޫލުތައް އަަންގައިދިނުމެވެ.

 

4 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ – ގޭބަންދަށް ހުކުމްކުރާ މީހުންނާމެދު އަމަލު ކުރަންވީގޮތް

(ހ) މީހެއްގެ މައްޗަށް ގޭބަންދުކުރުމަށް ހުކުމެއް ކޮށްފިނަމަ، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހުކުމްކުރިކަމުގެ ލިޔުމާއެކު އެ ގައިދީއާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަވާލުވާންވާނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ގޭބަންދު ކުރުމަށް ހަވާލުވާ ގައިދީ، ގޭބަންދުކުރުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

  1. ގައިދީގެ އިންޓަވިއު ފޯމު ފުރިހަމަކުރުން؛ އިންޓަވިއު ފޯމު ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.
    (ހ) ގައިދީގެ އާންމު މައުލޫމާތު؛
    (ށ) ގައިދީގެ އާއިލާގެ މައުލޫމާތު؛
    (ނ) ގައިދީގެ ސިއްހީ މައުލޫމާތު؛
    (ރ) ގައިދީގެ ފޮޓޯ؛
    (ބ) ގައިދީގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ މައުލޫމާތު؛
    (ޅ) ގައިދީ ބަންދުކުރާ ގޭގެ މައުލޫމާތު އަދި ގައިދީއާ ހަވާލުވާ ފަރާތުގެ މައުލޫމާތު؛

  2. ގައިދީގެ މެޑިކަލް ސްކުރީންކުރުން؛

(ނ) ގޭބަންދުކުރުމަށް ގައިދީއާ މޯލްޑިވްސް ކަރެކްށަނަލް ސާރވިސްއިން ހަވާލުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައު ގޭބަންދަށް އެމީހަކު ބަދަލުކުރަންވާނެއެވެ.

(ރ) ގޭބަންދުކުރާ ގައިދީ، ގޭބަންދަށް ބަދަލުކުރަންވާނީ ގޭބަންދުކުރާ ގައިދީން އަމަލުކުރަންޖެހޭ، އިގުރާރުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖެހުމަށްފަހުގައެވެ.

(ބ)  ގޭބަންދުކުރާ ގައިދީއާ ހަވާލުވާ ފަރާތުންވެސް، އިގުރާރުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހަންވާނެއެވެ.

(ޅ) ގޭބަންދުކުރުމަށް ހުކުމްކުރާ ގައިދީއާ ހަވާލުވާނެ ފަރާތެއް ނެތްނަމަ ނުވަތަ ހުންނާނެ ގެއެއް ނެތްނަމަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ތަނެއްގައި އެގައިދީ ބަންދު ކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ – ބަންދުގައި ހުންނަ ގައިދީ ގަވާއިދާ ހިލާފުވުން

(ހ) ގޭބަންދުގައި ހުންނަ ގައިދީއެއްގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ބަންދުގައި ހުންނަ ގައިދީގެ އުޅުމާއި އަހުލާގު ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ށަކުވާ ހުށަހަޅައިފި ހާލަތެއްގައި، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ގޭބަންދުގައި ހުންނަ ގައިދީއަކު ފިލައިފިނަމަ، އެމީހެއްގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ، އެކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ވަގުތުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ – އަރުވާލުމަށް ހުކުމްކުރާ މީހުންނާމެދު އަމަލު ކުރަންވީގޮތް

(ހ) މީހެއްގެ މައްޗަށް ހުކުމެއް ކޮށްފިނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުކުމްކުރިކަމުގެ ލިޔުމާއެކު އެ ގައިދީއާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަވާލުވާންވާނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަރުވާލުމަށް ހަވާލުވާ ގައިދީ، އަރުވާލުމުގެ ކުރިން މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ 1 ގައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

(ނ) އަރުވާލެވޭ ގައިދީ އަރުވާލަންވާނީ އަރުވާލެވޭ ގައިދީން އަމަލުކުރަންޖެހޭ، އިގުރާރުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖެހުމަށްފަހުގައެވެ.

(ރ) އަރުވާލެވޭ ގައިދީއާ ހަވާލުވާ ފަރާތުންވެސް، އިގުރާރުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހަންވާނެއެވެ.

(ބ) އިގުރާރުގައި ސޮއިނުކޮށްފިނަމަ ނުވަތަ އިންކާރު ކޮށްފިކަމުގައިވާނަމަ، އިގުރާރުގައި ސޮއިކުރަންދެން އެ ގައިދީއެއް ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ތަނެއްގައި ބަންދުކުރެވިދާނެއެވެ.

 

9 ވަަނަ މާއްދާހުކުމް ތަންފީޒު ކުރުމަށް އަރުވާނުލެވޭނެ ރަށްތަކާއި، ހާލަތްތައް

(ހ) އަރުވާލުމަށް ހުކުމް ކުރާ އެއްވެސް މީހަކު އަރުވާނުލެވޭނެ ރަށްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. މާލެ، އަދި ޖަލުތައް ގާއިމުކުރެވިފައިވާ ރަށްތައް؛
  2. އަރުވާލެވޭމީހާ ރަށްވެހިފައިވާ ރަށް ނުވަތަ އުފަން ރަށް ނުވަތަ އެ މީހެއްގެ ދިރިއުޅުން ހަމަޖައްސާފައިވާ ރަށް؛
  3. ހުކުމްކޮށްފައިވާ މައްސަލާގައި ކުށްކުރިއިރު އެ މީހަކު ހުރި ރަށް؛
  4. ހުކުމްކޮށްފައިވާ މައްސަލާގައި އަނިޔާ ލިބުނު މީހާ ރަށްވެހިވެފައިވާ ރަށް ނުވަތަ އުފަން ރަށް ނުވަތަ އެ މީހެއްގެ ދިރިއުޅުން ހަމަޖައްސާފައިވާ ރަށް؛
  5. ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ރަށްރަށް.

(ށ) އެއްމައްސަލައެއްގައި އެއްގައިޒިއްޔާއަކުން ހުކުމްކޮށްފައިވާ ދެ މީހަކު އެއްރަށަކަށް އަރުވައެއްނުލެވޭނެއެވެ.

 

10 ވަނަ މާއްދާ – އަރުވާލުމަށް ހުކުމްކުރާ މީހުން އަރުވާލެވެންދެން އަމަލުކުރާނެ ގޮތް

(ހ) އަރުވާލުމަށް ހުކުމް ކުރާ މީހަކު އަރުވާލުމަށްޓަކައި ކަނޑައެޅޭ ރަށަކަށް ފުރުވައިލެވެންދެން، ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ވަގުތީގޮތުން އެ މީހަކު ރަށުބަންދު ކުރެވޭނެއެވެ.

(ށ) އަރުވާލުމަށް ހުކުމްކޮށް މޯލްޑިވްސް ކަރެކްށަަނަލް ސަރވިސްއާ ހަވާލުކުރެވޭ މީހާ، ގޭބަންދުކުރާނެ ގެއެއް ނެތްނަމަ، އަރުވާލެވެންދެން ނުވަތަ އެ މީހާގެ އާއިލާއިން ބަންދުމީހާއާ ހަވާލުވަންދެން އޭނާ ބެހެއްޓޭނީ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ތަނެއްގައެވެ. އަދި މިހާލަތުގައި މިކަން ލިޔުމަކުން އެ މީހާއަށް އަންގަންވާނެއެވެ.

(ނ) ރަށު ކޯޓުތަކުން އަރުވާލުމަށް ހުކުމްކުރާ މީހުން މާލެ ފޮނުވުމުގެ ބަދަލުގައި، އެމީހުން އަރުވާލުމަށްޓަކައި ކަނޑައެޅޭ ރަށަކަށް ފުރުވައިލެވެންދެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ވަގުތީގޮތުން އެމީހަކު ރަށްވެހިވެފައިވާ ރަށުގައި ރަށުބަންދު ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ – އަރުވާލާނެ ރަށެއް ކަނޑައެޅުން

(ހ) އަރުވާލުމަށް ހުކުމްކުރާ މީހަކު، އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ދާނެ ރަށެއް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ނުވަތަ އެ މީހެއްގެ އާއިލާއިން ކަނޑައަޅަން ވާނެއެވެެ. މިގޮތުން ރަށެއް ކަނޑަނޭޅިއްޖެނަމަ އެ މީހަކު އަރުވާލާނެ ތަނެއް ކަނޑައަޅާނީ ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މީހަކު ދާން ބޭނުންވާވަރަށް ކަނޑައެޅުމަށްފަހު އެ ރަށަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައި އެކަން ލިއުމަކުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް އަންގަންޖެހޭނެއެވެ.

 

12 ވަނަ މާއްދާ – އަރުވާލެވޭ ރަށަށް ފޮނުވާލުން

(ހ) މާލޭގައި ހުރި ކޯޓަކުން އަރުވާލުމަށް ހުކުމްކުރާ މީހުން، އަރުވާލެވޭ ރަށަށް ފޮނުވައިލެވޭނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

(ށ) މެޖިސްޓްރޭޓް ކޯޓަކުން އަރުވާލުމަށް ހުކުމް ކުރާ މީހުން، އަރުވާލެވޭ ރަށަށް ފޮނުވައިލެވޭނީ އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ ޕޮލިސް ސްޓޭށަން މެދުވެރިކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

 

13 ވަނަ މާއްދާ – އަރުވާލެވޭ މީހުން މޮނީޓަރ ކުރުމާއި އެމީހުން ބެލެހެއްޓުން

(ހ) އަރުވާލެވޭ ކޮންމެ މީހަކުވެސް ބަލަހައްޓާ، އެ މީހުން މޮނީޓަރ ކުރާނީ އެރަށެއްގައި ހުންނަ ފުލުހުންގެ މަރުކަޒުމެދުވެރިކޮށް، ފުލުހުންގެ މަރުކަޒެއް ނެތް ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ މެދުވެރިކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިންނެވެ.

(ށ) އަރުވާލެވެންދެން މާލޭގައި ބަންދުކުރެވޭ މީހުންގެ ކަންތައްތައް މޮނީޓަރ ކުރާނީ މޯލްޑިވްްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

(ނ) ކޮންމެ މަހަކު އެއްފަހަރު އަރުވާލެވޭ މީހުންނާ ގުޅޭގޮތުން އެއްވެސް މައްސަލައެއް އެ މީހަކު އަރުވާލެވިފައި ހުރި ރަށެއްގެ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވޭތޯ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ބަލަންވާނެއެވެ.

 

14 ވަނަ މާއްދާ - އަރުވާލާފައި ހުރި މީހަކު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކޮށްފިނަމަ އަމަލުކުރާނެ ގޮތް

(ހ) އަރުވާލާފައި ހުރި މީހަކު ނުކިޔަމަންތެރިވެ، އުޅުން ގޯސްކަމަށްވަނީނަމަ، ރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގައި ހުރި ޕޮލިސް ސްޓޭށަނަކަށް އެމީހަކު ހާޒިރުކޮށް، އެކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސައަށް އަންގަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން، ފުލުހުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް އަންގައިފިނަމަ، އެ މީހަކު މާލެގެނެސް ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ތަނެއްގައި ބަންދުކޮށް، ނުކިޔަމަންތެރިވި މައްސަލަ ގަވާއިދުން ބަލައި ނިމެންދެން ބެހެއްޓިދާނެއެވެ. އަދި މިފަދަ މައްސަލައެއް ޖެހިގެން މާލެގެނެވޭ މީހުންގެ މައްސަލަ ބަލައި ނިމުމުން އެ މީހަކު އަނބުރައި ކުރިން ހުރި ރަށަށް ފޮނުވައިލެވޭނެއެވެ. ނުވަަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ތަނެއްގައި ބަންދުކުރެވިދާނެއެވެ.

(ނ) އަރުވާލަފައި ހުންނަ ހުރުމުގައި އެއްވެސް ފަރާތަކުން އަރުވާލާފައި ހުންނަ މީހާއަށް އެއްވެސް ކަހަލަ އުނދަގުލެއްކޮށް ނުވަތަ ޖާނާއި މާލަށް ގެއްލުމެއްދީފިނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން މަސައްކަތް ކުރާނަމަ، އެ މައްސލައެއް ގައިދީ ލަސްނުކޮށް ރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހަޅަންވާނެއެވެ.

 

15 ވަނަ މާއްދާ – އަރުވާލާފައި ތިބޭ މީހުން ރަށުން ބޭރަށް ދިއުން

(ހ) އަރުވާލާފައި ހުންނަ މީހަކަށް ތިރީގައި ބަޔާންކޮށްފައިވާ ޒަރޫރީ ހާލަތްތަކުގައި މެނުވީ އެ މީހަކު ރައުވާލާފައިވާ ރަށުން ބޭރަށް ދިއުމަކީ މަނާކަމެކެވެ.

  1. އަނބިމީހާ ވިހެއުން؛
    (ހ) އަރުވާލަފައި ހުންނަ މީހެއްގެ އަނބިމީހާގެ ބަނޑަށް 7 (ހަތެއް) މަސްވުމުން، އެކަމާގުޅޭ ލިޔެކިޔުންތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅުމުން، އަރުވާލި ރަށްނޫން ރަށަކަށް ފޮނުވޭނީ ގިނަވެގެން ދަރިފުޅަށް 1 (އެކެއް) މަސްވަންދެންނެވެ.

  2. ގާތްތިމާގެ މީހަކު ނިޔާވުން؛
    (ހ) ގާތް ތިމާގެ މީހަކު ނިޔާވެއްޖެނަމަ، ނިޔާވި މީހާގެ މަރު ފޯމާއި، ނިޔާވި މީހާގެ ޖަނާޒާގައި ބައިވެރިވުމަށް އެ ރަށަކަށް ދިއުމަށް އެދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހަޅަންވާނެއެވެ.
    (ށ) ޖަނާޒާގައި ބައިވެރިވުމަށް ދިއުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެމީހަކު އަމިއްލައަށެވެ. އަދި ޖަނާޒާގައި ބައިވެރިވުމަށް ރަށުން ބޭރަށް ދެވޭނީ ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ކަނޑައަޅާ ފަރާތަކުން ހުއްދަ ދިނުމުންނެވެ.
    (ނ) ޖަނާޒާ ކަންތައް ނިމުނުހައި އަވަހަކަށް އެނބުރި އަރުވާލެވިފައިވާ ރަށަށް އަންނަން ޖެހޭނެއެވެ. އަދި އައުމަށްފަހު ވަގުތުން އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ޕޮލިސް ސްޓޭށަން މެދުވެރިކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް އަންގަންވާނެއެވެ.

  3. ގާތްތިމާގެ މީހެއްގެ ބަލި ހާލަތު ނުރައްކާތެރި ހާލަތަކަށް ދިއުން؛
    (ހ) ގާތްތިމާގެ މީހެއްގެ ބަލި ހާލަތު ނުރައްކާތެރި ހާލަތަކަށް ދިޔަކަމަށް ބަލާނީ އެ މީހަކު ހޮސްޕިޓަލުގެ އިންޓެންސިވް ކްރޯނަރީކެއަރ ޔުނިޓް (އައި.ސީ.ޔޫ) ގައި އެދުމަތިކުރުން ނުވަތަ ބަންދު މީހާގެ ގާތްތިމާގެ މީހަކު ޖެނެރަލް އެނެސްތީސިއަރ ދީގެން (ހޭނައްތައިގެން) ކުރާ އޮޕަރޭށަނެއް ކުރަންޖެހުން ކަމުގައެވެ.
    (ށ) މި މާއްދާގެ 3 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެއްޖެނަމަ، އެކަމާ ގުޅުން ހުރި ލިޔުންތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހަޅައި، ހުއްދަ ދިނުމުން އެ މީހަކަށް ރަށުން ބޭރަށް ދެވިދާނެއެވެ. މިގޮތުން މި ހާލަތްތަކުގައި އެ ރަށަކަށް ދިއުމަށްފަހު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެނބުރި އަރުވާލާފައިވާ ރަށަށް އަންނަން ޖެހޭނެއެވެ. އަދި އައުމަށްފަހު ވަގުތުން އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ޕޮލިސް ސްޓޭށަން މެދުވެރިކޮށް މޯލްޑިވްސް ކަރެކްށަނަަލް ސަރވިސްއަށް އަންގަންވާނެއެވެ.

  4. އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް؛
    (ހ) އަރުވާލުމުގެ ހުކުމެއްގައި ނުވަތަ ގޭބަންދުގައިހުރި ގައިދީއަކު އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް އަރުވާލާފައިވާ ނުވަތަ ގޭބަންދުކޮށްފައިވާ ރަށް ނޫން އެހެންރަށަކަށް ދާންވާނީ އެކަމާ ގުޅުން ހުރި ލިޔުންތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހަޅައި، ހުއްދަ ހޯދައިގެންނެވެ.
    (ށ) ގާތްތިމާގެ މީހުން ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.
    (1) އަނބިމީހާ ނުވަތަ ފިރިމީހާ؛
    (2) މަންމަ، ބައްޕަ، މާމަ އަދި ކާފަ؛
    (3) މަންމަގެ ފިރިމީހާ، ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
    (4) ދަރިން، ކާފަ ދަރިން ނުވަތަ މާމަ ދަރިން؛
    (5) އެއްބަނޑު އެއްބަފާމީހުން، އެއްބަނޑު ނުވަތަ އެއްބަފާ މީހުން އަދި އެމީހުންގެ ދަރިން؛
    (6) ބޮޑު ބޭބެ، ބޮޑު ދައިތަ؛
    (7) މަތީގައި ބަޔާންކޮށްފައިވާ ފަރާތެއް ނެތްނަމަ އެމީހެއްގެ ބަލަދުވެރިޔާ.

 

16 ވަނަ މާއްދާއާމްދަނީ ހޯދުމަށް ނުވަތަ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުން

(ހ) އަރުވާލާފައި ތިބޭ މީހުންނަށް އިޖުތިމާއީ ގޮތުންނާއި، ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އެ ރަށެއްގެ ރައްޔިތުންނާއެކު ބައިވެރިވެވިދާނެއެވެ. އަދި އާމްދަނީ ހޯދުމަށްވެސް މަސައްކަތް ކުރެވިދާނެއެވެ.

(ށ) އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް އަރުވާލި ރަށް ނޫން އެހެން ރަށެއްގައި ހުރެވޭނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ މުއްދަތަކަށް އަދި ކަނޑައަޅާ ގޮތަކަށެވެ.

 

17 ވަނަ މާއްދާ – އަރުވާލެވޭ މީހާގެ ހަރަދުތައް

އަރުވާލުމަށް ހުކުމްކުރެވޭ ކޮންމެ މީހަކުވެސް، އެ މީހަކު ކުރަންޖެހޭ އެންމެހައި ހަރަދުތައް ކުރާނީ އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހެއްގެ އާއިލާއިންނެވެ.

 

18 ވަނަ މާއްދާ – ކައިވެނި ކުރުން

(ހ) އަރުވާލާފައި ހުންނަ ގައިދީއަކު ނުވަތަ ގޭބަންދުގައި ހުންނަ ގައިދީއަކު ކައިވެނިކުރަން ބޭނުންވެއްޖެނަމަ، ކައިވެނިކުރުމުގެ ހުއްދައަށް އެދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސަސްއަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސަސްއަށް އެކަމާބެހޭ ލިޔެކިޔުންތައް ފޮނުވުމުން އެ ގައިދީއަކަށް ކައިވެނިކުރުމުގެ ހުއްދަ ދެވޭނެއެވެ.

(ށ) އަރުވާލާފައި ހުންނަ ގައިދީއަކު ނުވަތަ ގޭބަންދުގައި ހުންނަ ގައިދީއަކު ކައިވެނިކުރުމަށް ހިނގާ ހަރަދު ހަމަޖައްސާނީ އެ ގައިދީއަކު އަމިއްލައަށެވެ.

 

19 ވަނަ މާއްދާ - ގާތްތިމާގެ މީހުންނާ ބައްދަލު ކުރުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން މަނާ ނުކުރާހައި ހިނދެއްގައި އަރުވާލާފައިވާ މީހާގެ އާއިލާއިން އެ މީހަކު އަރުވާލެވިފައިވާ ރަށަށްގޮސް ބައްދަލުވެ އުޅުމާއި އަދި އެ މީހަކާއެކު އެ ރަށެއްގައި ދިރިއުޅެމުން ގެންދިއުމަކީ ހުއްދަކަމެކެވެ. ނަމަވެސް، އަރުވާލާފައި ހުންނަ މީހަކު އޭނާ އަރުވާލާފައި ހުންނަ ރަށްނޫން ރަށަކަށް ގޮސް ގާތްތިމާގެ މީހުންނާ ބައްދަލު ކުރުމަކީ މަނާކަމެކެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން މަނާ ނުކުރާހައި ހިނދެއްގައި އާއިލާއިން ގައިދީއަކު ގޭބަންދުކޮށްފައިވާ ގެއަކަށްގޮސް ބައްދަލުވެ އުޅުމާއި އަދި އެ ގައިދީއާއެކު އެ ގެއެއްގައި ދިރިއުޅެމުން ގެންދިއުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ގޭބަންދުގައި ހުންނަ ގައިދީ އޭނާ ބަަންދުކޮށްފައި ހުންނަ ގެ ނޫން އެހެން ގެއަކަށް ގޮސް ގާތް ތިމާގެ މީހުންނާ ބައްދަލު ކުރުމަކީ މަނާކަމެކެވެ.

 

20 ވަނަ މާއްދާ – އަރުވާލުމުގެ ހުކުމެއްގައި ނުވަތަ ގޭބަންދުގައިހުރި ގައިދީއަކު ފިލައިފިނަމަ ނުވަތަ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ، އަމަލުކުރާނޭ ގޮތް

(ހ) އަރުވާލުމުގެ ހުކުމެއްގައި ހުރި ނުވަތަ ގޭބަންދުގައިހުރި ގައިދީއަކު ފިލައިފިނަމަ، ނުވަތަ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަން ގައިދީއާ ހަވާލުވެ ހުންނަ ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިޔަކު، އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ ފުލުހުންގެ އިދާރާއަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސަސްއަށް އަންގަންވާނެއެވެ. އަދި ފިލާފައިވާ ގައިދީ ހޯދުމުގެ މަސައްކަތް މޯލްޑިވްސްް ކަރެކްށަނަލް ސަރވިސަސްއިން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރަން ޖެހޭނެއެވެ.

(ށ) އަރުވާލުމުގެ ހުކުމެއްގައި ހުރި ނުވަތަ ގޭބަންދުގައިހުރި ގައިދީއަކު ފިލައފިނަމަ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ ގައިދީއެއްގެ މައުލޫމާތާ، ފޮޓޯއާއެކު އެ ގައިދީއަކު ހޯދުމަށް، މީޑީޔާތަކުގައި އިއުލާނު ކުރަންވާނެއެވެ.

(ނ) އަރުވާލުމުގެ ހުކުމެއްގައި ހުރި ނުވަތަ ގޭބަންދުގައި ހުރި ގައިދީއަކު ފިލަިއފިނަަމަ، އެހުކުމެއް ތަންފީޒުކުރުން ވަގުތީގޮތުން ހުއްޓާލެވޭނެއެވެ. އަދި އަރުވާލުމަށް ނުވަތަ ގޭބަންދުކުރުމަށް ހުކުމްކޮށްފައިވާ ގައިދީއެއްގެ ހުކުމް ހިނގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށަށް އަނބުރާ އައުމުން ނުވަތަ ކަމާބެހޭ އިދާރާއަކުން ހަވާލުކުރުމުންނެވެ.

(ރ) އަރުވާލުމުގެ ހުކުމެއްގައި ނުވަތަ ގޭބަންދުގައި ހުރި ގައިދީއަކު ފިލައިފިނަމަ ނުވަތަ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ، އެ މީހަކު މާލެގެނެސް ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ތަނެއްގައި ބަންދުކޮށް، ނުކިޔަމަންތެރިވި މައްސަލަ ގަވާއިދުން ބަލައިި ނިމެންދެން ބެހެއްޓިދާނެއެވެ. އަދި މިފަދަ މައްސަލައެއްގައި މާލެގެނެވޭ މީހުންގެ މައްސަލަ ބަލައި ނިމުމުން އެ މީހަކު އަނބުރައި ކުރިން ހުރި ރަށަށް ފޮނުވާލެވޭނެއެވެ.

 

21 ވަނަ މާއްދާ – ހުކުމުގެ މުއްދަތު ހަމަވެގެން ދޫކުރުން

(ހ) އަރުވާލާފައިވާ ގައިދީ ބަންދުން ދޫކުރުމަށްޓަކައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ މީހާގެ ހުކުމުގެ މުއްދަތު ހަމަވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެ މީހަކު ދޫކުރުމާބެހޭ އެންމެހައި ލިޔުންތައް އެ ރަށެއްގެ ފުލުހުންގެ މަރުކަޒަށް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ފޮނުވަންވާނެއެވެ. އަދި ފުލުހުންގެ މަރުކަޒު ނުވަތަ ރަށުކައުންސިލްގެ އިދާރާ މެދުވެރިކޮށް އެ މީހެއްގެ މުއްދަތު ހަމަވާ ދުވަހު އެ މީހަކު ލައްވައި އެ ލިޔުންތަކުގައި ސޮއިކުރުވުމަށްފަހު އެ މީހަކު ދޫކޮށްލަންވާނެއެވެ. އަދި އެލިޔުންތައް ވީއެންމެ އަވަހަކަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހޯދަންވާނެއެވެ.

(ށ) ގޭބަންދުގައި ތިބޭ ގައިދީންގެ ހުކުމުގެ މުއްދަތު ހަމަވާ ދުވަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އޭނާ ދޫކޮށްލަންވާނެއެެވެ.

 

22 ވަނަ މާއްދާ – އަރުވާލި ނުވަތަ ގޭބަންދު ކޮށްފައިވާ މީހަކު ނިޔާވުން

(ހ) އަރުވާލާފައިވާ މީހަކު ނިޔާވެއްޖެނަމަ، ފުލުހުންގެ އިދާރާއިން ނިޔާވި މީހާގެ މަރުފޯމާއި މެޑިކަލް ލިޔުންތައް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހޯދަންވާނެއެވެ. އަދި އެމީހާ ނިޔާވެފައިވަނީ އަރުވާލެވުނު ރަށުން ބޭރުގައިނަމަ އެ މީހާއާ ހަވާލުވެ ހުރި ފަރާތުން ނުވަތަ އާއިލާއިން އެކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ގޭބަންދުގައި ހުރި މީހަކު ނިޔާވެއްޖެނަމަ، އެ މީހާއާ ހަވާލުވެ ހުރި ފަރާތުން ނުވަތަ އާއިލާއިން އެކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) އަރުވާލާފައި ނުވަތަ ގޭބަންދުގައި ހުރި މީހަކު ނިޔާވެއްޖެނަމަ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކަން ވަގުތުން އެ މީހެއްގެ އާއިލާއަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) ނިޔާވެފައިވާ ގައިދީގެ ހަށިގަނޑު އެހެން ރަށަކަށް އާއިލާގެ ފަރާތުން ގެންދަން އެދިއްޖެނަމަ، އެ ރަށަކަށް ގެންދިއުމުގެ ހަރަދާއި، ކަށުކަމާކެމީގެ ހަރަދު ހަމަޖައްސަން ވާނީ އައިލާގެ ފަރާތުންނެވެ.

(ބ) ނިޔާވިމީހާ އެ މީހަކު ނިޔާވި ރަށުގައި ވަޅުލާނަމަ، ނިޔާވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް އެ މީހެއްގެ އާއިލާއިން ކުރަންވާނެއެވެ. އާއިލާއިން ހަރަދު ކުރެވެން ނެތް ހާލަތެއްގައި ކަށުކަމާކެމީގެ ކަންތައް ކުރާނީ އެ ރަށެއްގެ ރަސު ކައުންސިލްގެ އިދާރާއިން ނުވަތަ ފުލުހުންގެ އެހީތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

  

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު