-

ކޯޕަރޭޓް ރެސިޑެންޓް ވިޒާ ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 139/2015)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް، ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށް، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމަށް، އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) އިން ބާރު ލިބިގެން ހަދާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖެއަށް އިންވެސްޓަރުން ށައުގުވެރިކުވުމާއި، އިންވެސްޓްކުރުމަށް ބާރުއެޅުމާއެކު، އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް، ސަރުކާރުގެ އިދާރާތަކުންނާއި މުއައްސަސާތަކުން، ދިވެހިރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާ ގުޅޭ އުސޫލުތައް ތައާރަފު ކުރުމެވެ.

 

3 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި ހުށަހެޅުމާއި، ކޮލިފައިވާނެ ގޮތްތައް

ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި ހުށަހެޅޭނީ، ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށެވެ.

(ހ) 50 މިލިއަން ޔޫ.އެސް ޑޮލަރ ދިވެހިރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ފަރާތްތައް.

(ށ) 1 މިލިއަން ޔޫ.އެސް ޑޮލަރ، ދިވެހިރާއްޖޭގެ ބޭންކެއްގައި 2 އަހަރު ދުވަހުގެ މުއްދަތަށް ޑިޕޮސިޓްކޮށްފައިވާ ފަރާތްތައް، ނުވަތަ މާލީ މުގާބިލެއް (މާލީ ސެކިއުރިޓީއެއް) ގައި، 1 މިލިއަން ޔޫ.އެސް ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތްތައް.

(ނ) ސަރުކާރުގެ ވުޒާރާއަކުން ހުއްދަކުރާ ރިއަލްއެސްޓޭޓްގައި، މަދުވެގެން 1 މިލިއަން ޔޫ.އެސް ޑޮލަރަށް ބުރެ މަދުނުވާ އަދަދަކަށް އިންވެސްޓޤކޮށްފައިވާ ފަރާތްތައް.

 

4 ވަނަ މާއްދާ - ވީޒާ ދޫކުރެވޭ ފަރާތްތައް

މި ގަވާއިދުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭ، ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

(ހ) އިންވެސްޓްކުރާ ފަރާތް.

(ށ) އިންވެސްޓްކުރާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، އަދި 18 އަހަރު ނުފުރޭ ދަރިންނަށް.

(ނ) ލިސްޓުކޮށްފައިވާ ކުންފުންޏެއްނަމަ، އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނާއި، އެ ކުންފުންޏެއްގެ ބޯޑުން ކަނޑައަޅާ އެގްޒެކެޓިވް ލެވެލްގައި ހިމެނޭ 5 ފަރާތް.

(ރ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ލިސްޓު ނުކުރާ ކުންފުންޏެއްނަމަ، އެ ކުންފުނީގެ ހިއްސާދާރެއް ނުވަތަ ބޯޑު ޑިރެކްޓަރެއް.

(ބ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާރޓްނަރށިޕެއްނަމަ، އެ ޕާރޓްނަރށިޕެއްގައި އިންވެސްޓް ކޮށްފައިވާ ޕާރޓްނަރުން.

 

5 ވަނަ މާއްދާ - ވިޒާ ދޫކުރެވޭ މުއްދަތު އަދި ވިޒާ ޕްރޮސެސިންގ ފީ

(ހ) ކޯޕަރޭޓް ރެސިޑެންޓް ވީޒާގެ މުއްދަތު ކަނޑައަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. 50 މިލިއަން ޔޫ.އެސް ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތެއްނަމަ، އެ އިންވެސްޓްމަންޓުގެ މުއްދަތު
  2. 1 މިލިއަން ޔޫ.އެސް ޑޮލަރު، ދިވެހިރާއްޖޭގެ ބޭންކެއްގައި، 2 އަހަރުދުވަހުގެ މުއްދަތަށް ޑިޕޮސިޓްކޮށްފައިވާ ފަރާތެއްނަމަ، 5 އަހަރު ދުވަހުގެ މުއްދަތަށް.
  3. މާލީ މުގާބިލެއް (މާލީ ސެކިއުރިޓީއެއް) ގައި 1 މިލިއަން ޔޫ.އެސް ޑޮލަރު އިންވެސްޓް ކޮށްފައިވާ ފަރާތެއްނަމަ، އިންވެސްޓް ކޮށްފައިވާ މުއްދަތަށް.
  4. ސަރުކާރުގެ ވުޒާރާއަކުން ހުއްދަކުރާ ރިއަލް އެސްޓޭޓެއްގެ ކޮމްޕޯނެންޓެއްގައި މަދުވެގެން 1 މިލިއަން ޔޫ.އެސް ޑޮލަރަށްވުރެ މަދުނުވާ އަދަދަކަށް އިންވެސްޓް ކޮށްފައިވާ ފަރާތެއްނަމަ، ޓައިޓަލް ލީސްގެ މުއްދަތަށް.

 

(ށ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވޭ މުއްދަތުގައި، ވީޒާ، ކޮންމެ 5 އަހަރަކުން އާކުރުމަށް ހުށަހަޅަންވާނެއެވެ.

(ނ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވޭނީ، އިދާރީ ގޮތުން ޕްރޮސެސިންގ ފީއެއްގެ ގޮތުގައި USD2000  (ދެހާސް ޔޫ.އެސް ޑޮލަރު) ނެގުމަށްފަހުގައެވެ.

 

6 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި ހުށަހެޅުމާއި، އެކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި

(ހ) ފުތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައިވާ ފަރާތެއްނަމަ، ކޯޕަރޭޓް ރެސިޑެންޓް ވިޒާއަށް އެދި ހުށަހަޅާނީ، މިނިސްޓްރީ އޮފް ޓޫރިޒަމަށެވެ. ފަތުރުވެރިކަން ފިޔަވައި އެހެން ސިނާއަތެއްގައި އިންވެސްޓްކޮށްފައިވާ ފަރާތެއްނަމަ، ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ.

(ށ) ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި ހުށަހަޅާނީ، ތިރީގައި ބަޔާންކުރާ ތަކެއްޗާއެކު އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކޮށް، އެ ފޯމު މެދުވެރިކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގުޅުންހުރި ކަމާބެހޭ އިދާރާއަށެވެ.

  1. އިންވެސްޓްކޮށްފައިވާ ބިދޭސީ ފަރާތުގެ ޕާސްޕޯޓުގެ (މަދުވެގެން 6 މަސްދުވަހުގެ މުއްދަތު އޮތް) ބަޔޯޑޭޓާ ހިމެނޭ ސަފުހާގެ ކޮޕީ.
  2. ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ޕާސްޕޯޓް މިންގަނޑާ އެއްގޮތަށް ނަގާފައިވާ، ޕާސްޕޯޓް ސައިޒުގެ އެއްގަނޑު ކުލަ ފޮޓޯ (ފޮޓޯ ނަގާތާ ނުވަދިހަ ދުވަސް ހަމަނުވާ).

 

7 ވަނަ މާއްދާ - އިންވެސްޓްކުރާ ފަރާތްތަކުގެ ށަރުތު ކަނޑައެޅުން

(ހ) ކޯޕރޭޓް ރެސިޑެންޓް ވީޒާއަށް އެދި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުއައްސަސާއަކަށް ހުށަހެޅުމުން، ވީޒާގެ ށަރުތު ހަމަވާ އަދި ވީޒާއަށް ކޮލިފައިވާ ފަރާތެއްކަން ކަށަވަރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ށަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމަށްފަހު، ށަރުތު ހަމަވާ ފަރާތްތަކަށް ދޫކުރަންޖެހޭ ވީޒާ ދޫކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް، ކަމާބެހޭ ލިޔެކިޔުންތައް އެ މުއައްސަސާއަކުން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ވިޒާ ދޫކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ހުށަހެޅުމުން، މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ފަދައިން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ޖަހައިދޭނީ އެ ޑިޕާޓްމަންޓުންނެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ފަދައިން، ޕާސްޕޯޓުގައި ވީޒާ ޖެހުމަށްޓަކައި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ހެއްދުމަށް ބޭނުންވާ ބަޔޯމެޓްރިކްސް ނެގުމަށް، އަތުގެ ބޮޑުވައިއިނގިލީގެ ނިށާން، އިލެކްޓްރޯނިކްކޮށް ނެގޭނެއެވެ. ބޮޑުވައިއިނގިލީގެ ނިށާނެއް ނުނެގިއްޖެ ހާލަތެއްގައި، އަތުގެ ށަހާދަތް އިނގިލީގެ ނިށާން، އިލެކްޓްރޯނިކްކޮށް ނެގޭނެއެވެ.

 

9 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ކާޑު ހަދައިދިނުމާއި ދޫކުރުން

(ހ) ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް ށަރުތު ހަމަވާ ފަރާތްތަކަށް، އެ ވީޒާގެ ދަށުން ލިބިދޭ އިނާޔަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރުމަށް، އައިޑެންޓިޓީ ޑޮކިއުމެންޓެއްގެ ގޮތުގައި، ކޯޕަރޭޓް ރެސިޑެންޓް ކާޑެއް ދޫކުރެވޭނެއެވެ.

(ށ) ކޯޕަރޭޓް ރސިޑެންޓް ވީޒާއަށް ށަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއަށް، ކަމާބަހޭ މުއައްސަސާއިން އެންގުމުން، އެ ފަރާތްތަކަށް ވީޒާ ދޫކުރުމާ ގުޅޭގޮތުން ގޮތެއް ކަނޑައޅާނީ، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއެވެ. އަދި އެ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ކާޑު ހަދައިދެވޭނީ، ވިޒާ ދޫކުރުމަށް ނިންމުމަށް ފަހުގައެވެ.

(ނ) ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް ށަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ކޯޕަރޭޓް ރެސިޑެންޓް ކާޑު ހެދުމަށްފަހު، ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް ށަރުތު ހަމަވާ ފަރާތްތަކަށް ކާޑު ރައްދުކުރުމަށްޓަކައި، މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ސަރުކާރުގެ މުއައްސަސާއަށް، އެ ކާޑު ހަވާލުކުރަންވާނެއެވެ.

(ރ) ތަރުތުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް، ކޯޕަރޭޓް ރެސިޑެންޓް ކާޑު ދޫކުރާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ.

(ބ) ފަތުރުވެރިކަން ފިޔަވައި އެހެން ސިނާއަތެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް، ކޯޕަރޭޓް ރެސިޑެންޓް ކާޑު ދޫކުރާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

 

10 ވަނަ މާއްދާ - ވީޒާ ޖަހައިދެވޭނެ ގޮތް އަދި މުއްދަތު ހަމަވާފަހުން ވިޒާގެ މުއްދަތު އިތުރުކުރުން.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވޭނެ މުއްދަތު ކަނޑައަޅާފައިވީ ނަމަވެސް، ޕާސްޕޯޓެއްގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ސްޓިކާ ޖަހައިދެވޭނީ، ވީޒާއަށް އެދި ހުށަހަޅާ ފަރާތުގެ ޕާސްޕޯޓްގެ މުއްދަތަށެވެ.

(ށ) ޕާސްޕޯޓްގެ މުއްދަތު ހަމަވުމުން، އެ ފަރާތެއްގެ ޕާސްޕޯޓް އައުކުރުމަށްފަހު، ވީޒާގެ މުއްދަތު ޖެހުމަށް އަލުން ހުށަހަޅަންވާނެއެވެ. މިގޮތަށް ވީޒާ އައުކުރަން ހުށަހަޅާއިރު، އަލުން އެޕްލިކޭށަން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެ ފަރާތަކީ ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް ށަރުތު ހަމަވާ ފަރާތެއްކަން، ވީޒާ ސްޓިކަރ ޕާސްޕޯޓުގައި ޖެހުމުގެ ކުރިން، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެނިގްރޭށަނުން، ކަމާގުޅޭ މުއައްސަސާއަށް ހުށަހަޅައި ކަށާވަރު ކުރަންވާނެއެވެ.

(ނ) ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ޕާސްޕޯޓުގައި ވީޒާ ސްޓިކަރ ޖަހައިދޭއިރު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ވީޒާ ޕްރޮސެސިންގ ފީ، އަލުން ދައްކަންޖެހޭނެއެވެ.

 

11 ވަނަ މާއްދާ - ވީޒާ ބާތިލުކުރުން

އަންނަނިވި ހާލަތްތަކުގައި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކޮށްފައިވާ ފަރާތުގެ ވީޒާ ބާތިލު ކުރެވޭނެއެވެ.

(ހ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކޮށްފައިވާ ފަރާތެއް، ރާއްޖޭގެ ގާނޫނުތަކާއި ހިލާފު ކަމެއް ކުރުން.

(ށ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވިފައިވާ މުއްދަތުގެ ތެރޭގައި، އިންވެސްޓްމަންޓް، އެހެން ފަރާތަކަށް ވިއްކައިލުން ނުވަތަ ބަދަލުކުރުން.

 

12 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގާ ފަރާތް

މި ގަވާއިދު ހަދައި ހިންގާނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުންނެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 1/2007)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު