-

ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު 2015

(ގަވާއިދު ނަންބަރު 143/2015)

 

1 ވަނަ ބާބު

ތައާރުފް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 4/1996 (އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ، ދިވެހިރާއްޖޭގައި އިލެކްޓްރިކް ކަރަންޓް އުފައްދާ ފަރާތްތަކާއި، ޓްރާންސްމިޓްކުރާ ފަރާތްތައް، ޑިސްޓްރިބިއުޓްކުރާ ފަރާތްތައް އަދި ސަޕްލައިކުރާ ފަރާތްތައް ރަޖިސްޓަރީކޮށް އެފަރާތްތަކަށް އޮޕަރޭޓިންގ ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމާ ބެހޭ އާންމު އުސޫލުތަކާއި ށރުޠުތައް ކަ ނޑައަޅާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު 2015" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 1(އެކެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތް

(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކަރަންޓު އުފެއްދުމާއި، ޓްރާންސްމިޓްކުރުން، ޑިސްޓްރިބިއުޓްކުރުން އަދި ސަޕްލައިކުރުމުގެ ހިދުމަތްތައް ދޭ ފަރާތްތަކާއި މި ހިދުމަތްތައް ދޭން ގަސްތުކުރާ ފަރާތްތައް.

(ށ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ލިބިގަންނަ ނުވަތަ ލިބެންޖެހޭ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ކަރަންޓު އުފައްދާ ނުވަތަ އުފައްދަން ގަސްދުކުރާ ފަރާތްތައް.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސެއްގެ ދަށުން އާންމު ބޭނުންތަކުގެ ހިދުމަތެއްގެ 4  ގޮތުގައި އެއްވެސް ފަރާތަކުން ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދޭ ރަށްރަށުގައި ނުވަތަ ސަރަހައްދުތަކުގައި، ސަރުކާރުން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ވިޔަފާރި ގާއިމުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެ ވިޔަފާރި ހިންގުމަށް ބޭނުންވާ ކަރަންޓު އަމިއްލައަށް އުފައްދާ ނުވަތަ އުފައްދަން ގަސްދުކުރާ ފަރާތްތަކާއި، އެ ވިޔަފާރިތައް ގާއިމުކޮށްފައިވާ ފަރާތްތަކުން މިކަންކުރުމަށް ހަވާލުކުރާ އެހެން ފަރާތްތައް.

 

5 ވަނަ މާއްދާ - ލައިސަންސް ދޫކުރެވޭ ފަރާތްތައް

(ހ) އާންމު ބޭނުންތަކުގެ ހދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި އިލެކްޓްރިކް ކަރަންޓް އުފެއްދުމަށާއި، ޓްރާންސްމިޓްކުރުމަށާއި، ޑިސްޓްރިބިއުޓް ކުރުމަށާއި، ސަޕްލައިކުރުމަށް ލައިސަންސް ދޫކުރެވޭ ފަރާތަކީ، މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ގާނޫނީ ބާރު ލިބިފައިވާ، ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް، ނުވަތަ އަމިއްލަ ފަރާތެއްގެ ކުންފުންޏެއް، ނުވަތަ ރަށު ކައުންސިލުގެ އިދާރާއެއް، ނުވަތަ ރައްޔިތުން ހިއްސާވާ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވާންޖެހޭނެއެވ

(ށ)

  1. މި މާއްދާގެ (ހ) ގައި ބުނާ ހދުމަތްތައް ދިނުމަށް، ސަރުކާރުގެ އެއްވެސް ހިއްސާއެއްނެތް މުޅިން އަމިއްލަ ފަރާތެއްގެ ކުންފުންޏަކަށް ލައިސަންސް ދޫކުރެވޭނީ، އެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަދި އެ ކުންފުނި އުފެއްދި މަގުސަދުތަކުގެ ތެރޭގައި ކަރަންޓް އުފެއްދުން، ޓްރާންސްމިޓްކުރުން، ޑިސްޓްރިބިއުޓުކުރުން، ސަޕްލައިކުރުން ހިމެނިފައިވާ ކުންފުންޏަކަށް ވާނަމައެވެ.
  2. މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދޭ ފަރާތަކީ މި މާއްދާގެ (ށ) ގެ 1 ގައި ބުނާ ފަރާތެއް ނަމަ، އެފަރާތަކީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހދުމަތް ދެވޭ ފަދަ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުޏެއްކަން އެފަރާތުން ސާބިތުކޮށްދިނުމަށްޓަކައި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކުންފުނީގެ ފަރާތުން ހިންގި މަށްރޫއުތަކާއި މާލީ ހާލަތު ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ލައިސަންސް ގިންތި ކުރެވޭގޮތް

މި ގަވާއިދުގެ ދަށުން ކަރަންޓުގެ ހދުމަތް ދިނުމުގެ ލައިސަންސް ދޫކުރެވޭ ގިންތިތަކަކީ:-

(ހ) އާންމު ބޭނުންތަކުގެ ހދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހދުމަތް ދިނުމަށްޓަކައި، ކަރަންޓު އުފައްދައި، އާންމުކޮށް ކަރަންޓު ސަޕްލައިކޮށް ޑިސްޓްރިބިއުޓްކުރުމަށާއި، އާންމުކޮށް ކަރަންޓު ވިއްކުމަށް ދެވޭ ލައިސަންސް ނުވަތަ "ސާރވިސް ޕްރޮވައިޑަރ ލައިސަންސް"

(ށ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކަރަންޓު އުފައްދައި، ހަމައެކަނި އަންނަނިވި ފަރާތްތަކަށް ކަރަންޓު ސަޕްލައިކޮށް ވިއްކުމަށް ދެވޭ ލައިސަންސް ނުވަތަ "އިންޑިޕެންޑެންޓް ޕަވަރ ޕްރޮޑިއުސަރ ލައިސަންސް"

  1. މި މާއްދާގެ (ހ) ގައި ބުނާ "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ގެ ދަށުން އާންމުކޮށް ކަރަންޓުގެ ހިދުމަތްދޭ ފަރާތްތައް.
  2. މި މާއްދާގެ (ހ) ގައި ބުނާ "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ގެ ދަށުން އާންމުކޮށް ކަރަންޓުގެ ހދުމަތް ލިބިގަންނަ ނުވަތަ ލިބެންޖެހޭ ފަރާތްތަކުގެ ތެރެއިން އޮތޯރިޓީން ހުއްދަދޭ ހާއްސަ ފަރާތްތައް.

(ނ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދެރަށް ދޭތެރޭގައި ނުވަތަ ދެ ސަރަހައްދެއް ދޭތެރޭގައި އެޅޭ ކޭބަލަކުން ކަރަންޓް ޓްރާންސްމިޓްކޮށް ވިއްކުމުގެ ލައިސަންސް ނުވަތަ "ޓްރާސްމިށަން ލައިސަންސް"

 

7 ވަނަ މާއްދާ - ލައިސަންސްގެ ދާއިރާ

(ހ)

  1. "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ލިބިގެން ހިދުމަތްދޭ ފަރާތެއް ރަށެއްގައި ހުރިނަމަ، އެރަށެއްގައި އާންމު ބޭނުންތަކުގެ ހދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހދުމަތް ދޭން ބޭނުންވާ އެހެން ފަރާތްތަކަށް ދޫކުރެވޭނީ ހަމައެކަނި "އިންޑިޕެންޑެންޓް ޕަވަރަ ޕްރޮޑިއުސަރ ލައިސަންސް" އެވެ. ނަމަވެސް، ގިނަ ރަށްތައް ގުޅާލެވިފައިވާ ސަރަހައްދުތަކުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހިދުމަތް ފޯރުކޮށްދެވިދާނެކަމަށް އޮތޯރިޓީއަށް ފެންނަ ނަމަ އެ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަކަށް ސަރވިސް ޕްރޮވައިޑަރ ލައިންސް ދޫކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ
  2. "އިންޑިޕެންޑެންޓް ޕަވަރަ ޕްރޮޑިއުސަރ ލައިސަންސް" ގެ ދަށުން އުފައްދާ ކަރަންޓު އާންމުކޮށް ޑިސްޓްރިބިއުޓްކުރުމުގެ ހުއްދައެއް އެ ލައިސަންސް ދޫކުރެވޭ ފަރާތަކަށް ނޯންނާނެއެވެ
  3. "އިންޑިޕެންޑެންޓް ޕަވަރަ ޕްރޮޑިއުސަރ ލައިސަންސް" ގެ ދަށުން އުފައްދާ ކަރަންޓު އާންމުކޮށް ޑިސްޓްރިބިއުޓް ކުރެވޭނީ، "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ލިބިފައިވާ ފަރާތާއި "އިންޑިޕެންޑެންޑް ޕަވަރ ޕްރޮޑިއުސަރ ލައިސަންސް" ލިބިފައިވާ ފަރާތާ ދެމެދު ސޮއިކުރެވޭ ޕަވަރ ޕަރޗެސިންގ އެގްރީމަންޓެއްގެ ދަށުން، "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ލިބިފައިވާ ފަރާތަށެވެ. ޕަވަރ ޕަރޗެސިންގ އެގްރީމަންޓް އެކުލަވައިލަންވީ ގޮތުގެ ގައިޑްލައިން އޮތޯރިޓީން ތައްޔާރުކޮށް އާންމުކުރަންޖެހޭނެއެވެ. 

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސެއްގެ ދަށުން ކަރަންޓުގެ ހދުމަތް ދެވޭނީ ލައިސަންސްގެ ދަށުން ހދުމަތްދިނުމަށް ހުއްދަދެވޭ ރަށަށް ނުވަތަ ސަރަހައްދައް ނުވަތަ ފަރާތަށް އެކަންޏެވެ.

(ނ) "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ލިބިގެން އެއްވެސް ރަށެއްގައި އާންމުކޮށް 6 ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ރަށެއްގައި ނުވަތަ ސަރަހައްދެއްގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ނުވަތަ ހާލަތްތަކުގައި މެނުވީ، ހދުމަތް ލިބިގަންނަ ފަރާތަކުން އަމިއްލަ ބޭނުމަށް އިއާދަނުކުރެވޭ ވަސީލަތެއް ބޭނުންކޮށްގެން ކަރަންޓު އުފައްދައިގެންނުވާނެއެވެ. ހިދުމަތް ލިބިގަންނަ ފަރާތަކުން އިއާދަކުރަނިވި ވަސީލަތެއް ބޭނުންކޮށްގެން ކަރަންޓު އުފައްދަންވާނީ ވެސް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، މި މާއްދާގައި އިސްވެ ބުނެވުނު "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ލިބިގެން އާންމުކޮށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހުއްދަ ލިބިގެންނެވެ

 

8 ވަނަ މާއްދާ - ލައިސަންސް ނެގުމުން އިސްތިސްނާވާ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމަށްޓަކައި މި ގަވާއިދުގައި ކަނޑައެޅިފައިވާ "ލައިސަންސް" ނެގުމުގެ އުސޫލުތަކަށް އަމަލުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެ ހާލަތްތަކުގައި ވެސް ކަރަންޓު އުފައްދައި ފޯރުކޮށްދޭންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ "ހުއްދަ" ދޫކުރުމުގެ އުސޫލުތަކާ އެއްގޮތަށް، ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ހުއްދަ ނެގުމަށް އޮތޯރިޓީއަށް ހުށަހަޅައި އޮތޯރިޓީން ހުއްދަ ނެގުމަށްފަހުގައެވެ.

(ހ) "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ދޫކޮށްފައިވާ ފަރާތުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށް ނުދެވުން: މި ހލަތުގައި، ހިދުމަތް ލިބިގަންނަ ފަރާތް ބޭނުންވާ މިންވަރަށް އިއާދަނުކުރެވޭ ވަސީލަތެއް ބޭނުންކޮށްގެންވެސް ދާއިމީކޮށް ކަރަންޓު އުފައްދައި ބޭނުންކުރުމުގެ ހުއްދަ ހިދުމަތް ލިބިގަންނަ ފަރާތަށް އޮތޯރިޓީން ދެވިދާނެއެވެ.

(ށ) "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ދޫކޮށްފައިވާ ފަރާތުން އާންމުކޮށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތްތައް: މި ހާލަތްތަކުގައި އަންނަނިވި ތަންތަނާއި ތަކެއްޗަށާއި ކަންކަމަށް ބޭނުންކުރުމަށް އިއާދަނުކުރެވޭ ވަސީލަތެއް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ )ބެކަޕް ޖެނަރޭޓަރުން ކަރަންޓު އުފައްދައި ބޭނުންކުރުމުގެ(ހުއްދަ ކަރަންޓުގެ ހދުމަތް ލިބިގަންނަ ފަރާތްތަކަށް އޮތޯރިޓީން ދެވިދާނެއެވެ.

  1. ސިއްހީ ހދުމަތްދޭ ތަންތަނުގައިވާ ސެންސިޓިވް އޭރިއާތައް،
  2. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ބެހޭ ނިޒާމު،
  3. ގައުމީ ސަލާމަތާބެހޭ ސެންސިޓިވް އޭރިއާތައް،
  4. ރޭޑިއޯ، ޓެލެވިޜަން އަދި ޓެލެކޮމިއުނިކޭށންގެ ހިދުމަތްތައް ދިނުމަށް،
  5. ބޭހާއި އިންޖެކްށން ފަދަ ފިނިހޫނުމިން ވަކި މިންވަރެއްގައި ބަހައްޓަންޖެހޭ ތަކެތި ރައްކާތެރިކުރުމަށް،
  6. ތާޒާކަންމަތީގައި ބެހެއްޓުމަށް ކޮންމެހެން ބޭނުންވާ ތަކެތި ހަލާކުވުމުން 7 ރައްކާތެރިކުރުމަށް،
  7. ލިފްޓާއި އެސްކަލޭޓަރ،
  8. ޢިމާރާތްތަކުގެ ސަރވިސް އޭރިއާތަކަށް އަލިކުރުމަށް ބޭނުންކުރެވޭ ލައިޓްތައް،

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސެއްގެ ދަށުން އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ރަށަކަށް ނުވަތަ ސަރަހައްދަކަށް ކަރަންޓުގެ ހދުމަތް ފޯރުކޮށްދޭ ފަރާތެއް ނެތުން: މި ހާލަތުގައި، ސަރުކާރުން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ވިޔަފާރި ގއިމުކޮށްފައިވާ ފަރާތަކުން އެ ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ހުއްދައެއް އެ ވިޔަފާރި ހިންގާ ފަރާތަށް ނުވަތަ އެ ފަރާތުން ކަނޑައަޅާ އެހެން ފަރާތަކަށް އޮތޯރިޓީން ދެވިދާނެއެވެ.

 

2 ވަނަ ބާބު

ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހެޅުމާއި ހުށަހެޅުންތައް ބަލައި ފާސްކުރުން

9 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ގޮތް

(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ގޮތުގެ ގައިޑްލައިން އޮތޯރިޓީން ތައްޔާރުކޮށް އާންމުކުރަން ޖެހޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސަށް ނުވަތަ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނީ މި މާއްދާގެ )ހ( ގައި ބުނާ ގައިޑްލައިންގައި ވާގޮތުގެ މަތިންނެވެ.

(ނ) ލައިސަންސް ނުވަތަ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ކޮންމެ އެޕްލިކޭށަނަކާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިގރާރުގައި ލައިސަންސަށް އެދޭ ފަރާތުން ސޮއިކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސް ދޫކުރުމާ މެދު އިއުތިރާޒުކުރުން

(ހ) ހިދުމަތުގެ ސަބަބުން ސީދާ އަސަރު ކުރާ ފަރާތަކުން، ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމާ މެދު އިއުތިރާޒުކުރާ މައްސަލައެއް ނުވަތަ އެކަމާ ގުޅުންހުރި އެއްވެސް މައްސަލައެއް ލައިސަންސްއަށް އެދޭ ފަރާތަށް ހުށަހަޅައިފި ނަމަ އެކަން ލައިސަންސަށް އެދޭ ފަރާތުން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ށ) ހިދުމަތުގެ ސަބަބުން ސީދާ އަސަރު ކުރާ ފަރާތަކުން، ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމާ މެދު އިއުތިރާޒުކުރާ މައްސަލައަކާ ގުޅިގެން އަޑުއެހުމެއް ބޭއްވުމަށް އެދިއްޖެނަމަ އެކަން ލައިސަންސަށް އެދޭ ފަރާތުން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ނ) ކުރެވޭ އިއުތިރާޒުގެ ކުޑަބޮޑުމިނަށް ބަލައި އަޑުއެހުމެއް ބާއްވަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ ނަމަ، އަޑުއެހުން ބާއްވާނެ ދުވަހާއި، ގަޑި އަދި ތަން ބަޔާންކޮށް ލައިސަންސަށް  އެދޭ ފަރާތަށާއި އަދި ލައިސަންސް ދޫކުރުމާ މެދު އިއުތިރާޒު ކުރި ފަރާތަށް އޮތޯރިޓީން ދަޢުވަތު ދޭންވާނެއެވެ. އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ ނިންމިދާނެ ކަމަށް އޮތޯރިޓީއަށް ފެންނަ ނަމަ އަޑު އެހުމެއް ނުބާއްވައިވެސް މައްސަލަ ނިންމުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) ކުރެވޭ އިއުތިރާޒަކީ އެކަށީގެންވާ ވަރަށްވުރެ ކުޑަ ނުވަތަ ގަބޫލުނުކުރެވޭ އިއުތިރާޒެއްނަމަ އެ އިއުތިރާޒު ގަބޫލު ނުކުރެވޭ ސަބަބު ބަޔާންކޮށް ލިޔުމަކުން އިއުތިރާޒުކުރި ފަރާތަށް އޮތޯރިޓީން އަންގައި، އެ އިއުތިރާޒު ބަލައިނުގަތުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ބ) އަޑުއެހުން ބާއްވާނީ އެކަމަށް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.

(ޅ) އޮތޯރިޓީން މައްސަލަ ނިންމަނީ އަޑުއެހުމަކަށްފަހު ކަމަށްވާނަމަ އަޑުއެހުން ބޭއްވުމަށްފަހު 15 ދުވަހުގެ ތެރޭގައި ކުރެވިފައިވާ އިއުތިރާޒަކާމެދު އޮތޯރިޓީން ނިންމާ އެންމެ ފަހުގެ ނިންމުން ލައިސަންސަށް އެދޭ ފަރާތަށާއި އިއުތިރާޒުކުރި ފަރާތަށް އޮތޯރީޓީން އަންގަންވާނެއެވެ. އޮތޯރިޓީން މައްސަލަ ނިންމަނީ އަޑުއެހުމަކާ ނުލައި ނަމަ، އިއުތިރާޒުކުރި ފަރާތުން މައްސަލަ ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ކުރެވިފައިވާ އިއުތިރާޒަކާމެދު އޮތޯރިޓީން ނިންމާ އެންމެ ފަހުގެ ނިންމުން ލައިސަންސަށް އެދޭ ފަރާތަށާއި އިއުތިރާޒުކުރި ފަރާތަށް އޮތޯރީޓީން އަންގަންވާނެއެވެ.

(ކ) އޮތޯރިޓީގެ ފަރާތުން އިއުތިރާޒެއް ގަބޫލުކުރާނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. އެ އިއުތިރާޒެއް އޮތޯރިޓީއަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި ލައިސަންސަށް އެދި ހުށަހެޅި އެޕްލިކޭށަން ބާތިލު ކުރުމަށްފަހު އެޕްލިކޭށަން ބާތިލު ކުރެވުނު ސަބަބު ބަޔާންކޮށް ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އޮތޯރިޓީން ލިޔުމަކުން އަންގަންވާނެއެވެ.
  2. ބާތިލު ކުރެވުނު އެޕްލިކޭށނަކީ، އިސްލާހތަކަކާއެކު ނުވަތަ އިތުރު މަޢުލޫމާތު ހުށަހެޅުމުން އަލުން ބަލައިގަނެވިދާނެ އެޕްލިކޭށަނެއް ނަމަ، އެ އެޕްލިކޭށނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނުވަތަ އިތުރު މައުލޫމާތު ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީ، މި މުއްދަތުގެ ތެރޭގައި އެޕްލިކޭށަން އަލުން ހުށަހެޅުމަށް އޮތޯރިޓީން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަންގަން ވާނެއެވެ.

 

11 ވަނަ މާއްދާ - އެޕްލިކޭށަން ބަލައިގަތުން

އޮތޯރިޓީން އެޕްލިކޭށަން ބަލައިގަންނައިރު، ބަލައިގަތް ތާރީހާއި ގަޑި އަދި އޮތޯރިޓީން އެޕްލިކޭށަނާ ހަވާލުވި މުވައްޒަފުގެ ނަމާއި މަގާމު ނޯޓުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ – އިތުރު މައުލޫމާތު ސާފުކުރުން

ހުށަހެޅިފައިވާ އެޕްލިކޭށަނާކާ ގުޅިގެން އިތުރު މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ބޭނުންވެގެން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގައިފިނަމަ، އެ މައުލޫމާތެއް ނުވަތަ  ލިޔުމެއް 30 ދުވަހުގެ ތެރޭގައި ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.

 

13 ވަނަ މާއްދާ - އެޕްލިކޭށަން ބަލައި ފާސްކުރެވޭނެ ތާރީހެއް އެންގުން

އެޕްލިކޭށަނަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައިވާ ފުރިހަމަ އެޕްލިކޭށަނެއް ކަމުގައި އޮތޯރިޓީން ނިންމައިފިނަމަ އެޕްލިކޭށަން ބަލައި ފާސްކޮށް ލައިސަންސް ދޫކުރެވޭނެ ތާރީހައް ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - އެޕްލިކޭށަން ފާސްކުރުމުގައި ބަލާނެ ކަންތައްތައް

ލައިސަންސެއް ނުވަތަ ހުއްދައަކަށް އެދި ހުށަހެޅިފައިވާ އެޕްލިކޭށަނެއް އޮތޯރިޓީގެ ފަރާތުން ބަލައި ފާސްކުރާއިރު އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) ލައިސަންސަށް އެދި ހުށަހަޅާ ހިދުމަތް ގާއިމުކުރާ ސަރަހައްދުގެ އިޖުތިމާއީ، ސަގާފީ އަދި މުނިފޫހިފިލުވުމުގެ ކަންކަމަށް ކުރާނެ އަސަރު؛

(ށ) ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން، ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބަލަން ޖެހޭ މިންގަނޑުތައް؛

(ނ) ހިދުމަތް ގއިމުކުރާ ސަރަހއްދު ނުވަތަ އެ ސަރަހއްދުގެ ބިން ބޭނުންކުރެވޭ ގޮތް؛

(ރ) ހިދުމަތުގެ ސަބަބުން ގައުމަށް ނުވަތަ ހދުމަތް ގާއިމުކުރެވޭ ސަރަހއްދަށް އިގްތިސާދީ ގޮތުން އަދި މާލީގޮތުން ލިބޭނެ ފައިދާތައް؛

(ބ) ހިދުމަތް ދިނުމަށް ހިނގާނެ ހަރަދު އަދި އެ ފައިސާ ހޯދުމަށް ރާވާފައިވާ ގޮތް؛

(ޅ) ހިދުމަތުގެ ސަބަބުން އަސަރުކުރާނެ އެންމެހައި ފަރާތްތަކުގެ ސިއްހަތަށާއި ރައްކާތެރިކަމަށް ގެއްލުންނުވާނެ ގޮތަށް ހިދުމަތް ދިނުމަށް ލައިސަންސަށް އެދޭ ފަރާތަށް ލިބިފައިވާ ގާބިލުކަން؛

(ކ) ހިދުމަތް ދިނުމަށް ލައިސަންސަށް އެދޭ ފަރާތަށް ލިބިފައިވާ މާލީ އަދި ފަންނީ ގާބިލުކަން؛

(އ) ހިދުމަތަށް ނެގުމަށް ކަނޑައަޅާފައިވާ އަގުތަކާ ބެހޭ ތަފުސީލު؛

(ވ) އަދި މީގެ އިތުރުން، ހިދުމަތުގެ ސަބަބުން އަސަރު ކުރާނެކަމަށް އޮތޯރިޓީއަށް ފެންނަ އެހެނިހެން ކަންކަން.

 

15 ވަނަ މާއްދާ - ލައިސަންސް ސެޓްފިކެޓް

(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާ ކޮންމެ ލައިސަންސް ސެޓްފިކެޓެއްގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބުނާ ހުރިހާ މައުލޫމާތު ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، އެ ފަރާތަކަށް ލިބިފައިވާ ލައިސަންސް ސެޓްފިކެޓް، އެ ލައިސަންސެއްގެ ދަށުން ހުއްދަކުރެވޭ ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ހިންގާ މައި މަރުކަޒުތަކުގައި އާންމުކޮށް ފެންނަ ގޮތަށް ބަހައްޓަންވާނެއެވެ.

 

16 ވަނަ މާއްދާ - ރަޖިސްޓްރީކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 4/1996 (އާންމު ބޭނުންތަކުގެ ހދުމަތާ ބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބުނާގޮތަށް، އާންމު ބޭނުންތަކުގެ ހިދުމަތެއް ދޭފަރާތުގެ ގޮތުގައި ކަރަންޓުގެ ހިދުމަތްދޭ ފަރާތެއް ސަރުކާރުގެ ކަމާ ބެހޭފަރާތުގައި ރަޖިސްޓަރީ ކުރެވިފައިވާ ކަމަށް ބެލެވޭނީ، އެފަރާތަކަށް މި ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޫކުރުމުންނެވެ. މި ގޮތުން ލައިސަންސް ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ހިދުމަތެއް ދިނުމަށް އެފަރާތެއް އޮތޯރިޓީގައި ރަޖިސްޓަރީކުރެވިފައި އޮންނާނީ ލައިސަންސް ސެޓްފިކެޓުގެ މުއްދަތަށެވެ.

 

17 ވަނަ މާއްދާ - ލައިސަންސްއާއި ހުއްދައިގެ މުއްދަތު

މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސްއާއި ހުއްދައިގެ މުއްދަތަކީ އޮތޯރިޓީން އެ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރާ ތާރީހން ފެށިގެން މީލާދީ 5 އަހަރުދުވަހެވެ.

 

3 ވަނަ ބާބު

ލައިސަންސްއާއި ހުއްދައަށް ބަދަލުގެނައުން، މުއްދަތު އިތުރުކުރުން ނުވަތަ އައުކުރުން

18 ވަނަ މާއްދާ - ލައިސަންސްއާއި ހުއްދައިގެ މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސެއް ނުވަތަ ހުއްދައެއްގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެ ލައިސަންސެއް ނުވަތަ ހުއްދައެއްގެ މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން، އެ ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރެވުނު ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭށނަށް ރިޢާޔަށްކޮށް، ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވުނު ފަރާތުން މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދާ ނަމަ، އެފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އޮތޯރިޓީން އިތުރު ކޮށްދޭންވާނެއެވެ.

 

19 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކުރުން

މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަކީ އޮތޯރިޓީގެ ހުއްދަނެތި މިލްކުވެރިކަން ބަދަލުކުރެވޭނެ ނުވަތަ އެހެން ފަރާތަކާ ހަވާލުކުރެވޭނެ ނުވަތަ ވިއްކޭނެ ނުވަތަ މުދަލުގެ ގޮތުގައި ވާރުތަ ކުރެވޭނެ އެއްޗެއް ނޫނެވެ.

 

4 ވަނަ ބާބު

ލައިސަންސް ސަސްޕެންޑު ކުރުން ނުވަތަ ބާތިލު ކުރުން

20 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވުން

(ހ) މި ގަވާއިދުގައި ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ކަމެއް،  މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތްނޫން އެހެންގޮތަކަށް ނުވަތަ އެގޮތާ ހިލާފު ގޮތަކަށް ކޮށްފިނަމަ އެކަމެއް އެގޮތަށް ކުރި ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ކުރެވޭ ކަމެއް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް ނެތި ކުރުން؛
  2. މި ގަވާއިދުގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ ފަރާތެއް، އެފަރާތަށް ލިބިފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ ށަރުތަކާ ނުވަތަ ށަރުތުތަކަކާ ހިލާފުވުން؛
  3. މި ގަވާއިދުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތެއް، ގާނޫނު ނަންބަރު 4/1996 (އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު ) ގެ ދަށުން ކަރަންޓުގެ ހިދުމަތްދޭ ފަރާތްތައް އަމަލުކުރުމަށް ލާޒިމުކުރާ އެއްވެސްކަމަކާ ހިލާފުވުން؛
  4. މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ދޭންޖެހޭ މައުލޫމާތު ނުދިނުން؛
  5. މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ދޮގު ނުވަތަ ސައްހަނޫން މައުލޫމާތު ދިނުން؛
  6. މި ގަވާއިދު ތަންފީޒް ކުރުމަށްޓަކައި ކުރަންޖެހޭ އޮޑިޓެއް ނުވަތަ އިންސްޕެކްށަނެއް ކުރެވޭނެ ގޮތް، ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތުން ހަމަޖައްސައިނުދިނުން ނުވަތަ އެކަންކަމަށް އެއްބާރުލުން ނުދިނުން ނުވަތަ އެހީތެރިނުވުން.

 

21 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ސަސްޕެންޑް ކުރުން ނުވަތަ ބާތިލް ކުރެވޭނެ ހާލަތްތައް

(ހ) ލައިސަންސް ނުވަތަ ހުއްދަ އަންނަނިވި ހާލަތްތަކުގައި ސަސްޕެންޑް ކުރުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތުން، އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ޢަމަލުކުރަމުން ނުދާކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި، އެކަން އިސްލާހްކުރުމަށް އެ ފަރާތަށް އޮތޯރިޓީން ލިޔުމުން 3 ފަހަރު މަތިން އަންގައި، 3 ވަނަ ފަހަރު އެންގުމުންވެސް އެ އެންގުންތަކަށް އެ ފަރާތުން އިޖާބަ ނުދިނުން.
  2. ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވޭ ފަރާތުން އުފުލަންޖެހޭކަމަށް ލައިސަންސް ނުވަތަ ހުއްދަ ށަރުތުކުރާ، މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުލުމަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވުނު ފަރާތުން ނުކުޅެދުން ނުވަތަ އެ ފަރާތް  ބަނގުރޫޓުވުން

(ށ) ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ ލައިސަންސް ނުވަތަ ހުއްދަ ބާތިލު ނުވަތަ ސަސްޕެންޑް ކުރުމަށް އޮތޯރިޓީއަށް ފެންނަ ސަބަބާއެކު 15 ދުވަހަށް ވުރެ ކުރުނޫން ނޯޓިސްއެއް ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތަށް އޮތޯރިޓީން ދޭންވާނެއެވެ. އަދި ދޫކުރެވިފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލު ނުވަތަ ސަސްޕެންޑް ނުކުރެވޭނެ ކަމަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް ފެންނަނަމަ، ލައިސަންސް ބާތިލު ނުވަތަ ސަސްޕެންޑް ނުކުރެވޭނެ ސަބަބު ބަޔާންކޮށް ނޯޓިސްގެ މުއްދަތުގައި ލިޔުމަކުން އެ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.

(ނ) އޮތޯރިޓީގެ ފަރާތުން ލައިސަންސެއް އެއްކޮށް ނުވަތަ އޭގެ ވަކިބައެއް ސަސްޕެންޑް ނުވަތަ ބާޠިލު ކޮށްފިނަމަ، އެކަން 3 ދުވަހުގެ ތެރޭގައި އާންމުކޮށް އެންގުމަށްޓަކައި އޮތޯރިޓީން އިއުލާނު ކުރަންވާނެއެވެ

(ރ) ލައިސަންސެއް ބާޠިލުކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވާ ހިނދު، ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، އިތުރު ށަރުތުތަކެއް ލައިސަންސްގައި ހިމަނައި ލައިސަންސް ބާތިލުނުކޮށް ބޭއްވުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ

 

22 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ހިދުމަތް ހުއްޓާލަން ބޭނުންވުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަނުވަނީސް ލައިސަންސްގެ ދަށުން ދެމުން ގެންދިޔަ ކަރަންޓުގެ ހދުމަތް އަމިއްލަ އިހތިޔާރުގައި ހުއްޓާލުމަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، ހިދުމަތް ހުއްޓާލުމުގެ 6 މަސްދުވަސް ކުރިން، ސަބަބު ބަޔާންކޮށް އެކަން ލިޔުމުން އޮތޯރިޓީއަށް އަންގަންވާނެއެވެ. އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ލިޔުމުން އެކަން އެ މުއްދަތުގައި އަންގަންވާނެއެވެ

 

23 ވަނަ މާއްދާ – އިހްތިޔާރުން ބޭރު ހާލަތެއް ދިމާވުން

(ހ) ކަނޑައެޅިފައިވާ ގޮތުގެމަތިން ލައިސަންސްގެ ދަށުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދަނިކޮށް، ލައިސަންސް ދޫކުރެވިފައިވާ ފަރާތުގެ އިހްތިޔާރުން ބޭރުން ދިމާވާ ކަމެއްގެ ސަބަބުން، އެފަރާތުން ދެމުންދާ ހިދުމަތް ކުރިއަށް ނުގެންދެވޭ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރުމަށް ހަމަޖައްސައިދެވެން އޮތް އެންމެ ލުއިގޮތަކަށް، އެކަން ހަމަޖައްސައިދިނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި، ލުއިގޮތަކަށް އެކަން ހަމަޖައްސައިދިނުން ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތަކަށް ކުރަންޖެހޭ ކަންކަން އެ މުއްދަތަށް ނުކުރެވުނު ނަމަވެސް ފިޔަވަޅު ނޭޅުމާއި އެކަންކަން ކުރުމަށް ދެވުނު މުއްދަތު އިތުރުކޮށްދިނުމަށެވެ.

 

24 ވަނަ މާއްދާ - ޒިންމާ އުފުލުން

ލައިސަންސްގެ ދަށުން ދެމުން ގެންދާ ކަރަންޓުގެ ހިދުމަތެއް ވަގުތީގޮތުން މެދުކަނޑާލުމުގެ ސަބަބުން، ނުވަތަ ހީނުކުރާ ފަދަ ހާލަތެއް ދިމާވުމުގެ ސަބަބުން، ނުވަތަ ވަގުތީގޮތުން ހދުމަތް ހުއްޓުވުމުގެ ސަބަބުން، ނުވަތަ ލައިސަންސް ބާތިލުކުރުމުގެ ސަބަބުން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ނުވަތަ ކުރިމަތިވާ އުނދަގުލުގެ ޒިންމާ އުފުލާނީ، ލައިސަންސް 13 ދޫކުރެވޭ ފަރާތެވެ. ހަމައެހެންމެ، ލައިސަންސް ދޫކުރެވޭ ފަރާތުން އެހެންފަރާތަކާއެކު ވެފައިވާ އެއްބަސްމެއްގެ ދަށުން އުފުލަންޖެހޭ ޒިންމާވެސް އުފުލާނީ ލައިސަންސް ދޫކުރެވޭ ފަރާތުންނެވެ.

 

25 ވަނަ މާއްދާ - އޮތޯރިޓީގެ ނިންމުމަކާ ދެކޮޅަށް ކޯޓަށް ހުށަހެޅުން

މި ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޭ ގޮތާމެދު، ނުވަތަ ލައިސަންސް ނުދިނުމަށް އޮތޯރިޓީން ނިންމާ ނިންމުމަކާމެދު، ނުވަތަ ދީފައިވާ ލައިސަންސް ސަސްޕެންޑް ކުރުމަށް ނުވަތަ ބާތިލު ކުރުމަށް ނިންމާ ނިންމުމަކާމެދު، ނުވަތަ މި ގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދު، ނުވަތަ ކުރާ ޖޫރިމާނާއަކާމެދު ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ހިތްހަމަނުޖެހޭ ހާލަތްތަކުގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ނުވަތަ ގޮތްތަކަކަށް އެފަރާތަށް އަމަލުކުރެވިދާނެއެވެ.

(ހ) މައްސަލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ ކުރިން، އޮތޯރިޓީގެ ނިންމުމާމެދު އަލުން ވިސްނައި، މައްސަލައާ މެދު އިދާރީގޮތުން ގޮތެއް ނިންމައިދިނުމަށް މިނިސްޓަރަށް އެޕީލްކުރުން: މި މާއްދާގެ ދަށުން މައްސަލައާމެދު އަލުން ވިސްނައި، އިދާރީގޮތުން ގޮތެއް ނިންމައިދިނުމަށް މިނިސްޓަރަށް އެޕީލްކުރާ ނަމަ، އެކަމާމެދު އޮތޯރިޓީން ނިންމި ނިންމުމުގެ ނޯޓިސް ލިބޭތާ 30 ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ލިޔުމުން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތަށް މިނިސްޓަރަށް އެޕީލްކުރާ މައްސަލަ ހުށަހެޅޭތާ 60 ދުވަހުގެ ތެރޭގައި އެ މައްސަލައާ ބެހޭ ގޮތުން ގޮތެއް ނިންމައި ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް ލިޔުމަކުން މިނިސްޓަރ އަންގަންވާނެއެވެ

(ށ) މައްސަލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަކަށް ހުށަހެޅުން: މައްސަލަ މިނިސްޓަރަށް އެޕީލްކުރުމުން މިނިސްޓަރ ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމަށް ވާނަމަ އެ މައްސަލައެއް ކަމާބެހޭ ކޯޓަށް ހުށަހެޅިދާނެއެވެ.

 

5 ވަނަ ބާބު

ލައިސަންސްއާއި ހުއްދަ ދޫކުރެވޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން

26 ވަނަ މާއްދާ - އެންފޯސްމަންޓް އޮފިސަރުން އައްޔަންކުރުން

(ހ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިނގާ ކަންކަން ހިނގަނީ މި ގަވާއިދާ އެއްގޮތަށްކަން ޔަގީން ކުރުމަށްޓަކައި އަދި އެކަންކަން ހިނގާ ގޮތް މޮނިޓަރ ކުރުމަށްޓަކައި ރެގިއުލޭޓަރީ އެންފޯސްމަންމަންޓް އޮފިސަރުންގެ ގޮތުގައި، އާންމުކޮށް އިއުލާނުކުރުމަށްފަހު، އޮތޯރިޓީގެ ކޮންމެ މުވައްޒަފެއް އަދި ދިވެހި ސިވިލް ސަރވިސަސްގެ ކޮންމެ މުވައްޒަފެއް، ދިވެހި ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހަމަޖެއްސުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) އެންފޯސްމަންޓް އޮފިސަރެއްގެ ބާރާއި، އަދާކުރަންޖެހޭ ވާޖިބާއި މަސްއޫލިއްޔަތުގެ ދާއިރާއާއި، ވަކި ކަމަކަށް ނުވަތަ ވަކި ކަންތައްތަކަކަށް އަދި އެކަންކަން އަދާކުރަން ޖެހެނީ ވަކި  މުއްދަތަކަށް ކަމުގައި ހަމަޖެއްސުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ގަވާއިދުގެ ދަށުން އައްޔަންކޮށްފައިވާ އެންފޯސްމަންޓް އޮފިސަރެއްގެ ކިބައިން އޭނާގެ ހައިސިއްޔަތު އޮޅުންފިލުވުމަށް ސުވާލު ކުރެވިއްޖެނަމަ، އޭނާއަކީ އޮތޯރިޓީން ކަނޑައަޅާފައިވާ އެންފޯސްމަންޓް އޮފިސަރެއްކަން އަންގައިދޭ ހެކި ދައްކަންޖެހޭނެއެވެ

(ރ) މި ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އެންފޯސްމަންޓް އޮފިސަރަކަށް އޮތޯރިޓީން ދޫކޮށްފައިވާ، އޮތޯރިޓީން ކަނޑައަޅާފައިވާ އެންފޯސްމަންޓް އޮފިސަރެއްކަން އަންގައިދޭ ކޮންމެ ލިއުމަކީ މި ގަވާއިދުގެ ދަށުން އޭނާ އަދާކުރަންޖެހޭ ކޮންމެ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރުމުގެ ބާރާއި އިހްތިޔާރު އޭނާއަށް ލިބިގެންވާކަން ސާބިތުކޮށްދިނުމަށް ފުދޭނެ ހެތްކެވެ.

 

27 ވަނަ މާއްދާ - އެންފޯސްމަންޓް އޮފިސަރުންނަށް ލިބިގެންވާ ބާރުތައް

(ހ) މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގޮތުން، އަންނަނިވި ހާލަތްތަކުގައި، ހަމައެކަނި މީހުން ދިރިއުޅުމަށް ހާއްސަ ކުރެވިފައިވާ ގޯތިގެދޮރު ފިޔަވައި، މި ގަވާއިދުގެ ދާއިރާއަށް ފެތޭ ކަންކަން ހިންގާ ކަމަށް ބެލެވޭ ތަންތަނާއި، އުޅަނދުފަހަރާއި، އެތަންތަނުގައިވާ ލޮގުފޮތްތަކާއި ލިޔެކިޔުންތަކުން، އަދި އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން މަޢުލޫމާތު ސާފުކުރުމާއި، އަދި އެ ލިޔެކިއުންތަކުގެ ކޮޕީ ނެގުން ފަދަ ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު އެންފޯސްމަންޓް އޮފިސަރުންނަށް ލިބިގެންވެއެވެ. އެންފޯސްމަންޓް އޮފިސަރުން މިކަންކަން ކުރުމާމެދު އެ ތަންތަނުގެ ވެރިފަރާތުން އިއުތިރާޒުކުރާނަމަ، މިކަންކަން ކުރަންވާނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

  1. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމުގެ ހެކި އެތަނަކުން ފެނިދާނެކަމަށް ގަބޫލުކުރެވުން؛
  2. އެތަނެއްގައި ހިނގާ ކަންކަން ހިނގަނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި، އެތަނަކަށް ވަންނަންޖެހުން ނުވަތަ ވަނުމަށް ބޭނުންވުން.

(ށ) މި ގަވާއިދުގެ ދާއިރާގައި ހިމެނޭ ކަމަކާ ނުވަތަ ހރަކާތަކާ ގުޅުންހުރި ފަރާތްތަކަށް ނުވަތަ ގުޅުންހުރި ކަމަށް ބެލެވޭ ފަރާތްތަކަށް، މި ގަވާއިދު ހިންގުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ދިނުމަށް އެންގުން.

(ނ) މި ގަވާއިދުގެ އިތުރުން، ގނޫނަކުން ނުވަތަ ގަވާއިދަކުން އެންފޯސްމަންޓް އޮފިސަރަށް އިތުރު އިހްތިޔާރެއް ނުވަތަ ބާރެއް ލިބިދޭނަމަ، އެ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ލިބޭ އިހްތިޔާރެއް ނުވަތަ ބާރެއްގެ ބޭނުންކުރުން.

(ރ) މި ގަވާއިދުގެ ދަށުން އެންފޯސްމަންޓް އޮފިސަރުން ހޯދާ އެއްވެސް މައުލޫމާތެއް އޮތޯރިޓީގެ ހާއްސަ ބޭނުންތަކަށް ފިޔަވައި އިތުރު އެއްވެސް ކަމަކަށް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

 

6 ވަނަ ބާބު

ލައިސަންސްގެ އާންމު ށަރުތުތައް

28 ވަނަ މާއްދާ - ހިދުމަތަށް ފީނެގުން

(ހ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުން، ލައިސަންސްގެ ދަށުން ދޭ ހިދުމަތަކަށް ހިދުމަތް ލިބިގަންނަ ފަރާތެއްގެ އަތުން ނަގަންވާނީ އޮތޯރިޓީން އެ ހިދުމަތަކަށް ނެގުމަށް ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ އަގަށްވުރެ ބޮޑުނޫން އަގެކެވެ.

(ށ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ދޭ ހދުމަތްތަކަށް ނަގާ އަގުތައް، ލައިސަންސްގެ ދަށުން ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ހިންގާ މައި މަރުކަޒުތަކުގައި އާންމުކޮށް ފެންނަ ގޮތަށް ބަހައްޓަންވާނެއެވެ.

 

29 ވަނަ މާއްދާ - އަމަލުކުރަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތައް

މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައި ނުވާހައި ހިނދަކު ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވޭ ފަރާތުން އަންނަނިވި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.

(ހ) ކަރަންޓުގެ ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރުމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އާންމު އުސޫލުތައް؛

(ށ) ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާއަކުން، ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ހަދައި ހިންގާ ގަވާއިދުތަކާއި މިންގަނޑުތައް.

 

30 ވަނަ މާއްދާ - ހިދުމަތް ދެމެހެއްޓުން

ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެފަރާތްތަކުގެ ޑިމާންޑާ އެއްވަރަށް ލައިސަންސް ދޫކުރެވުނު ފަރާތުން ކަރަންޓު ފޯރުކޮށްދޭންވާނެއެވެ. އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮތުމަށް އޮތޯރިޓީން ހުއްދަކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ހދުމަތް މެދުކެނޑުނަ ނުދީ ލައިސަންސް ދޫކުރެވުނު ފަރާތުން ހިދުމަތް ފޯރުކޮށްދެމުން ގެންދަންވާނެއެވެ.

 

31 ވަނަ މާއްދާ - ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުން

ލައިސަންސް ދޫކުރެވޭ ފަރާތުން އޮތޯރިޓީއަށް ޖަވާބުދާރީވާނެ ނުވަތަ އޮތޯރިޓީގެ އެންގުންތައް ބަލައިގަންނާނެ، ޒިންމާދާރު އިސް މުވައްޒަފަކު ހަމަޖައްސައި، އެ މުވައްޒަފަކާ ބެހޭ މަޢުލޫމާތު އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

 

32 ވަނަ މާއްދާ - ށަކުވާ ބަލައިގަތުމާއި ޖަވާބުދާރީވުން

(ހ) ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހދުމަތްތަކާ މެދު އެ ހދުމަތްތައް ލިބިގަންނަ ފަރާތްތަކުން ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް ހުށަހަޅަން ބޭނުންވާ ށކުވާތަކާއި މައްސަލަތައް ބަލައިގަތުމަށާއި އެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ލައިސަންސް ދޫކުރެވޭ ފަރާތުގެ ހިދުމަތްދޭ މަރުކަޒުގައި ނިޒާމެއް ގާއިމްކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ނިޒާމާބެހޭ މައުލޫމާތު ފަސޭހައިން އެނގޭނެ އިންތިޒާމު ލައިސަންސް ދޫކުރެވޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ލައިސަންސް ދޫކުރެވޭ ފަރާތުން ފޯރުކޮށްދޭ ހދުމަތްތަކާމެދު އެ ހދުމަތްތައް ލިބިގަންނަ ފަރާތްތަކުން އޮތޯރިޓީއަށް ހުށަހަޅާ ށަކުވާތަކާއި މައްސަލަތައް ބެލޭނެ އިންތިޒާމު އޮތޯރިޓީން ހަމަޖައްސަން ވާނެއެވެ.

 

33 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން

(ހ) ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް ލައިސަންސް ދޫކުރެވުނު ފަރާތުން އަމަލުކުރަމުންދޭތޯ ބެލުމަށް ބޭނުންވާ މައުލޫމާތާއި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ތަރައްގީއަށާއި ކުރިމަގު ރޭވުމަށް ބޭނުންވާ މައުލޫމާތު، އޮތޯރިޓީން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކޮށް އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން ލައިސަންސް ދޫކުރެވުނު ފަރާތުން އޮތޯރިޓީއަށް ކޮންމެ 6  މަހަކުން އެއްފަހަރު ހުށަހަޅަމުން ގެންދަންވާނެއެވެ. މިގޮތުން ހުށަހަޅާ މައުލޫމާތު ބޭނުން ކުރަންވާނީ ސަރުކާރުގެ ސިޔާސަތު އެކުލަވައިލުމަށާއި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ރެގިއުލޭޓް ކުރުމަށް ކުރެވޭ ކަންކަމަށެވެ. މިއިން އެއްވެސް މައުލޫމާތެއް އޮތޯރިޓީގެ މުވައްޒަފެއްގެ އަމިއްލަ ބޭނުމަކަށް ނުވަތަ އަމިއްލަ ފަރާތެއްގެ އަމިއްލަ ކަމަކަށް ނުވަތަ މަންފާއަށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

(ށ) އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕްގެ ގޮތުގައި ކަރަންޓު އުފެއްދުމުގެ ހުއްދަ ދެވޭ ފަރާތްތަކުން، އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ އިންޖިނިއަރެއް މެދުވެރިކޮށް އޮތޯރިޓީން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކޮށްފައިވާ އެނުއަލް ކޮމްޕްލަޔަންސް ރިޕޯޓު ހުށަހަޅަން ވާނެއެވެ.

 

7 ވަނަ ބާބު

އެހެނިހެން

34 ވަނަ މާއްދާ - އަދަބު

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، ލައިސަންސް ބާތިލުކުރުމާއި ސަސްޕެންޑް ކުރަންޖެހޭ ކަންކަން ފިޔަވައި މި ގަވާއިދުގެ ދަށުން މަނާކަމެއްކަމުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެކަމެއް ކުރި ފަރާތަކާމެދު ގނޫނު ނަންބަރު 4/1996 (އާންމު ބޭނުންތަކުގެ ހދުމަތާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެއެވެ.

 

35 ވަނަ މާއްދާ - އޮތޯރިޓީ ތަމްސީލުކުރާ ފަރާތްތަކުގެ އިމްތިޔާޒު

އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީ ތަމްސީލުކުރާ ފަރާތަކުން ރަނގަޅު ނިޔަތުގައި މި ގަވާއިދު ހިންގުމުގެ ގޮތުން ކުރާ ކަމަކުން ނުވަތަ ކުރި ނުވަތަ ނުކޮށްދޫކޮށްލާ ކަމަކާމެދު ނުވަތަ އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރި ނުވަތަ ނުކޮށް ދޫކޮށްލަން ޖެހުނު ކަމަކާމެދު އަމިއްލަ ހައިސިއްޔަތުން އޭނާ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ

 

36 ވަނަ މާއްދާ - ޖަދުވަލުތައް

(ހ) މި ގަވާއިދުގައި ހިމެނިގެންވަނީ އަންނަނިވި 2 ޖަދުވަލެވެ.

  1. ޖަދުވަލު 1 – އިގްރާރް
  2. ޖަދުވަލު 2 – ލައިސަންސް ސެޓްފިކެޓްގައި ހިމަނަންޖެހޭ މައުލޫމާތު

(ށ) މި ގަވާއިދުގައި ހިމަނާފައިވާ ކޮންމެ ޖަދުވަލަކީވެސް، މިގަވާއިދުގެ މުހިއްމު ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ އެ ހުރިހާ ޖަދުވަލުތަކާ އެކުގައެވެ. އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ، މި ގަވާއިދަށް ދެވޭ ހަވާލާގައި ޖަދުވަލުތައް، އަދި ޖަދުވަލުތަކަށް ދެވޭ ހަވާލާގައި ގަވާއިދު ށމިލުވާނެއެވެ.

 

37 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އަށެވެ

"ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 1 ވަނަ މާއްދާގައި ބުނާ ހިދުމަތްތަކަށެވެ.

"އެޕްލިކޭށން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ޓްރާންސްފަރ ކުރުމަށް ނުވަތަ އައު ކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަށެވެ.

"ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ދޫކުރެވޭ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބުނާ ލައިސަންސްތަކަށެވެ

"ލައިސަންސް ދޫކުރެވޭ ފަރާތް" ނުވަތަ "ލައިސަންސް ދޫކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބުނާ ލައިސަންސްތައް ދޫކުރެވޭ ނުވަތަ ދޫކުރެވުނު ފަރާތްތަކަށެވެ

"ހުއްދަ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ދޫކުރެވޭ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނާ ހުއްދަތަކަށެވެ ".

"ހުއްދަ ދޫކުރެވޭ ފަރާތް" ނުވަތަ "ހުއްދަ ދޫކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނާ ހުއްދަތައް ދޫކުރެވޭ ނުވަތަ ދޫކުރެވުނު ފަރާތްތަކަށެވެ.

"މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރިވާންޖެހޭ މިނިސްޓަރެވެ.

 -----------------

 

 

ޖަދުވަލު 1

އިގުރާރު

"ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު 2015" ގެ ދަށުން ދޫކުރާ ލައިސަންސް/ ހުއްދައަށް އެދި (ހުށަހަޅާ ފަރާތުގެ ނަން) މި ހުށަހަޅަނީ އެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެއެވެ. އަދި ލައިސަންސް/ހުއްދައަށް އެދި (ހުށަހަޅާފަރާތުގެ ނަން) މި ހުށަހަޅާ މައުލޫމާތަކީ ތެދު މައުލޫމާތުކަމަށް އިގުރާރު ވަމެވެ.

 -------------

 

 

ޖަދުވަލު 2

ލައިސަންސް ސެޓްފިކެޓްގައި ހިމަނަންޖެހޭ މައުލޫމާތް

  1. ލައިސަންސް ދޫކުރެވޭ ފަރާތުގެ ނަން
  2. ލައިސަންސް ދޫކުރެވޭ ތާރީހް
  3. ލައިސަންސް ނަންބަރު
  4. ލައިސަންސްގެ މުއްދަތު
  5. ލައިސަންސްގެ ގިންތި
  6. ލައިސަންސްގެ ދަށުން ހިދުމަތްދިނުމަށް ހުއްދަދެވޭ ސަރަހައްދު ނުވަތަ ތަން
  7. ލައިސަންސްގެ ދަށުން ހިދުމަތްދޭ ނިޒާމު ގާއިމުކުރުމަށް ހުއްދަދެވޭ ސަރަހައްދު ނުވަތަ ތަން
  8. ލައިސަންސްގެ ދަށުން ދިނުމަށް ހުއްދަދެވޭ ހިދުމަތްތައް
  9. އޮތޯރިޓީގެ ސިއްކަ
  10. ލައިސަންސް ދޫކުރުމާ ބެހޭ މަސައްކަތްތައް ހިންގުމަށް އޮތޯރިޓީން ކަނޑައަޅާފައިވާ އިސް މުވައްޒަފުގެ ނަމާއި މަގާމު އަދި ސޮއި
  11. ހިދުމަތްދޭ ނިޒާމު ފާސްކުރެވުނު ތާރީހާއި އެޕްރޫވަލް ނަންބަރ
  12. ލައިސަންސް ދިނުމަށްޓަކައި، ހިދުމަތްދޭ ނިޒާމުގެ ތެރޭން އޮތޯރިޓީން ބަލައި ފާސްކުރެވިފައިވާ ބައިތައް

 

މައި ގަވާއިދު

އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1996)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު