-

ސްޕެށަލް އިކޮނޮމިކް ޒޯންގައި ހިންގޭ އޮފްށޯ ބޭންކްތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 146/2015)

 

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ -  ތައާރުފު

މި ގަވާއިދަކީ ގާނޫނު ނަންބަރު 4 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ 55 ވަނަ މާއްދާގެ (ހ) އާއި 81 ވަނަ މާއްދާގެ (ށ) ދަށުން އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ -  ނަން

މި ގަވާއިދަށް ކިޔާނީ " ސްޕެށަލް އިކޮނޮމިކް ޒޯނުގައި ހިންގޭ އޯފްށޯރ ބެންކުތަކާބެހޭ ގަވާއިދު

" އެވެ.

 

3 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ދެވަނަ ބާބު

ލައިސަންސް ދޫކުރުން

 

4 ވަނަ މާއްދާ – މަނާކުރުން

އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތެއް މެނުވީ ސްޕެށަލް އިކޮނޮމިކް ޒޯނެއްގައި އޯފްށޯރ ބޭންކިންގ ވިޔަފާރިކޮށްގެންނުވާނެއެވެ.

 

5 ވަނަ މާއްދާ – ލައިސަންސްއަށް އެދި ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 24/2014 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ ދަށުން ގާއިމުކުރާ ސްޕެށަލް އިކޮނޮމިކް ޒޯނެއްގައި އޯފްށޯރ ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާގޮތަކަށް، އޮތޯރިޓީން އަންގާ މައުލޫމާތާއެކު، ލިޔުމަކުން ބޯޑް އޮފް އިންވެސްޓްމަންޓަށެވެ.

(ށ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، މަދުވެގެން ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އަސްލާއެއްގޮތް ކޮޕީއެއްކަމަށް ބުނެ ތަސްދީގުކޮށްފައިވާ، ކުންފުނީގެ ހިންގާ ގަވާއިދާއި،އަސާސީ ގަވާއިދު އަދި  ކޯޕަރޭޓް ގަވަރނަންސްއާބެހޭ ލިޔުންތަކާއި، ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ އަހަރީ ބެލެންސް ށީޓްއާއި، ފައިދާއާއި ގެއްލުމުގެ އަހަރީ ހިސާބުތަކުގެ ކޮޕީ. މި ލިޔުންތަކަކީ އޮޑިޓްކޮށްފައިވާ ލިޔުންތަކަކަށް ވާންވާނެއެވެ.
  2. ހުއްދަކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ހުށަހަޅާ އަދަދާއި އެ ރައުސްމާލު ހޯދުމަށް ކަނޑައަޅާފައިވާ ގޮތާއި އަދި ހުށަހަޅާފައިވާ ރައުސްމާލުގެ ތެރެއިން ލިބިފައިވާ އަދަދު.
  3. އެ ނަމެއްގެ ދަށުގައި އޯފްށޯރ ބޭންކިންގ ވިޔަފާރިކުރުމަށް ހުށަހަޅާ ތަން ނުވަތަ ތަނުގެ އެޑްރެސްތައް.
  4. މޭޖަރ ހިއްސާދާރުންގެ އަދި ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ނަމާއި، ދާއިމީ އެޑްރެހާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އަދި މީގެ އިތުރުންވެސް އޮތޯރިޓީން ކަނޑައަޅާ އެފަރާތަކާބެހޭ މައުލޫމާތު.
  5. އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެހާއި، ތައުލީމީ ފެންވަރާއި، ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، އަދި މީގެ އިތުރުން ވެސް އޮތޯރިޓީން ކަނޑައަޅާ އެފަރާތަކާބެހޭ މައުލޫމާތު.
  6. އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާ ކުންފުންޏެއްގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވެފައިވާނަމަ، އެކަމެއް ބަޔާންކޮށް ކޮންމެ އެގްޒެކެޓިވް އޮފިސަރަކު އަދި މޭޖަރ ހިއްސާދާރަކު ވަކިވަކިން ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް.
  7. އެތަނެއްގެ މައިގަނޑު މަގުސަދުތަކާއި ކުރުމަށް ގަސްދުކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތަފްސީލު. މި ތަފުސީލުތަކުގެ ތެރޭގައި ބޭންކުގެ އޮނިގަނޑު ކަނޑައަޅާފައިވާގޮތާއި، އިންޓަރނަލް ކޮންޓްރޯލްތައް ހަމަޖެހިފައިވާގޮތް ހިމަނަންވާނެއެވެ. އަދި މިފަދަ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް އެހީތެރިވާ ހަރަކާތްތަކާ ދެކޮޅަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިމަނަންވާނެއެވެ.
  8. އަދި ކުރިއަށް އޮތް 3 (ތިނެއް) އަހަރުގެ ލަފާކުރެވޭ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި ފައިސާ ލިބޭނެގޮތާއި، ހަރަދުވާނެގޮތުގެ އަހަރީ ހިސާބު ހުށަހަޅަންވާނެއެވެ.
  9. ލައިސަންސް ހޯދުމަށް އެދި ހުށަހަޅަނީ ބޭރު ބޭންކަކުންނަމަ، އެ ބޭންކު ސުޕަވައިޒްކުރާ އިދާރާއިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ރާއްޖޭގައި އޯފްށޯރ ބޭންކިންގ ވިޔަފާރި ހިންގުމުގެ އިއުތިރާޒެއް ނެތްކަމުގެ ބަޔާނެއް. އަދި މި ބަޔާނުގައި އެ އިދާރާއިން، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކޮންސޮލިޑޭޓަޑް ސުޕަރވިޒަން ހަދާނެކަމަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން ބޯޑުން އޮތޯރިޓީއަށް ހުށަހަޅާތާ ގިނަވެގެން މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުން ފުރިހަމަކަން ނުވަތަ ނޫން ކަން، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގާނެއެވެ. އަދި، ހުށަހެޅުން ފުރިހަމަ ނުވާނަމަ ފުރިހަމަ ނުވާ މައުލޫމާތާއި ލިޔެކިޔުންތައް ބަޔާންކޮށް އަދި އެ މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭ މުއްދަތު ބަޔާންކޮށް އެ ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ. އަދި، މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުވަތަ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުން ބާތިލުކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ހުށަހެޅުން ފުރިހަމަ ކަމަށް މި މާއްދާގެ (ނ) ގެ ދަށުން އަންގާތާ، ނުވަތަ އެ ހުށަހެޅުން ފުރިހަމަކުރުމަށް މި މާއްދާގެ (ނ) ގެ ދަށުން އަންގާ މައުލޫމާތު އޮތޯރިޓީއަށް ލިބޭތާ، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅުން ހުށަހެޅި ފަރާތަށް ލައިސަންސް ދޫކުރާކަން ނުވަތަ ނޫންކަން، އޮތޯރިޓީން އަންގަންވާނެއެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅާއިރު އެ ހުށަހެޅުމަކާއެކު އެޕްލިކޭށަން ޕްރޮސެސިންގ ފީއެއްގެ ގޮތުގައި 3،000 (ތިންހާސް) އެމެރިކާ ޑޮލަރ ނުވަތަ މިނޫން އެހެން އަދަދެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ އަދަދެއް، އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާލައިސަންސް ދޫކުރުމުގެ އާންމު ށަރުތުތައް

(ހ) މި ގަވާއިދުގެ ދަށުން އޯފްށޯރ ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށެވެ.

(ށ) ބޭރުގެ ބޭންކަކަށް އޯފްށޯރ ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދެވޭނީ، އެ ބޭންކަކީ، އެ ބޭންކެއްގެ މައި އޮފީސް ހުންނަ ގައުމުގެ ބޭންކުތައް ސްޕަވައިޒްކުރާ އިދާރާގެ ފަރާތުން އެ ބޭންކެއްގެ ހުރިހާ ބްރާންޗްތަކާއި އޮފީސްތައް ހިމެނޭގޮތަށް މުޅި ބޭންކު އެއްކޮށް، އޮތޯރިޓީއަށް ގަބޫލުކުރެވޭ ފެންވަރަކަށް، ސުޕަވައިޒްކުރާ ބޭންކަކަށް ވާނަމައެވެ.

(ނ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އޯފްށޯރ ބޭންކެއް ބަންދުކުރުމުގެ 60 (ފަސްދޮޅަސް) ދުވަސް ކުރިން، އެކަން ލިޔުމަކުން އޮތޯރިޓީއަށާއި، ބޭންކުން ހިދުމަތްދޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. މިގޮތުން އޮތޯރިޓީއަށް އަންގާއިރު ބަންދުކުރުމަށް ކަނޑައަޅާފައިވާ ބޭންކުގެ ވިޔަފާރި ބަންދުކުރުމަށް ނުވަތަ އެ ވިޔަފާރި އެހެން ފަރާތަކަށް ބަދަލުކުރުމަށް ރާވާފައިވާގޮތުގެ ތަފުސީލު އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ.

 

7 ވަނަ މާއްދާ – ލައިސަންސްގެ ށަރުތުތައް

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާއިރު ވަކި ށަރުތުތަކަކާއެކު އޮތޯރިޓީން ލައިސަންސް ދޫކުރެވިދާނެއެވެ. އަދި ލައިސަންސް ދޫކުރުމަށްފަހުގައިވެސް، ލިޔުމަކުން ލައިސަންސްގެ ށަރުތުތައް ބަދަލުކުރުމާއި ށަރުތުތަކަށް އުނިއިތުރު ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ކޮންމެ އޯފްށޯރ ބޭންކަކުން ވެސް އަންނަނިވި ކަންކަމަށް އަމަލުކުރަންވާނެއެވެ.

  1. މި ގަވާއިދުގައި ކަނޑައަޅާފައިވާ ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތަކާއި ބޭންކު ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އެހެނިހެން ކަންތައްތަކަށާއި، އަދި އޮތޯރިޓީން އަންގާ އެންގުންތަކާއި އިރުށާދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
  2. އިންޓަރނަލް ކޮންޓްރޯލްތަކާއި އޮޑިޓްކުރާނެ އުސޫލުތައް ކަނޑައަޅާ، ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތަކާމެދު އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް އުސޫލުތައް އެކަށައަޅަންވާނެއެވެ.
  3. މަކަރާއި ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގ، ޓެރަރިޒަމަށް ފައިނޭންސްކުރުން އަދި މިނޫންވެސް ޖިނާއީ ކުށެއް ކޮށްގެންނުވާނެއެވެ.
  4. ވިޔަފާރި ހިންގަންވާނީ އެ ވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ހުއްދަދީފައިވާ ނަމުގައި އެކަންޏެވެ.
  5. އޯފްށޯރ ބޭންކިންގ ވިޔަފާރީގެ ހުރިހާ ހަރަކާތްތަކެއް ހިންގަންވާނީ އޮތޯރިޓީން ލައިސަންސް ދީފައިވާ ތަނުގައި އޮފީހެއް ގާއިމުކޮށް، އެތަނުންނެވެ.
  6. އޯފްށޯރ ބޭންކުގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ބްރާންޗް މެނޭޖަރާއި އެގްޒެކެޓިވް އޮފިސަރުންނާއި ހުރިހާ ވަގުތަކުވެސް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުގެ މަތީން ކަމަށް އެކަށޭނަ ފަރާތްތަކެއްކަމުގައި ވާންވާނެއެވެ.

 

8 ވަނަ މާއްދާ -  އިތުރު އޮފީހާއި ސަބްސިޑީއަރީ ގާއިމުކުރުން

އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، އެއްވެސް އޯފްށޯރ ބޭންކަކުން ލައިސަންސް ލިބިފައިވާ ތަން ފިޔަވައި، އެހެން ތަނެއްގައި އޮފީހެއް ނުވަތަ ބްރާންޗެއް ގާއިމުކޮށްގެން ނުވާނެއެވެ. އަދި އެހެންމެ، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ސަބްސިޑީއަރީއެއް ގާއިމުކޮށްގެން ނުވާނެއެވެ.

 

9 ވަނަ މާއްދާ – ބޭންކެއް އެހެން ބޭންކަކާ ނުވަތަ ބޭންކުތަކަކާ އެއްކޮށްލުން

އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ އޯފްށޯރ ބޭންކެއް އެހެން ބޭންކަކާ އެއްކޮށްލައިގެން ނުވާނެއެވެ. އަދި ހަމަ އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ބޭންކަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް އެހެން ބޭންކެއްގެ އެސެޓުތައް ނުވަތަ އެސެޓުތަކުން ބައެއް ހޯދައިގެން ނުވަތަ ގަނެގެން ނުވާނެއެވެ. އަދި ހަމަ ހުއްދަ ހޯދައިގެން މެނުވީ އެހެން ބޭންކެއްގެ ލައިބިލިޓީތަކުގެ ޒިންމާ ނަގައިގެންވެސް ނުވާނެއެވެ.

 

ތިންވަނަ ބާބު

ރައުސްމާލުއާއި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ ކަންތައްތައް

 

10 ވަނަ މާއްދާ – ރައުސްމާލު

(ހ) އޯފްށޯރ ބޭންކަކުން ހުރިހާ ވަގުތެއްގައިވެސް، 60,000,000 (ފަސްދޮޅަސް މިލިޔަން) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، ނުވަތަ އޮތޯރިޓީން މިއަށްވުރެ ބޮޑު އަދަދެއް ކަނޑައަޅައިފިނަމަ އެ އަދަދަކަށްވުރެ މަދުނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި، ނުވަތަ އެސައިންޑް ކެޕިޓަލްގެ ބަހައްޓަންވާނެއެވެ.

(ށ) ކޮންމެ އޯފްށޯރ ބޭންކަކުންވެސް، އޮތޯރިޓީން ކަނޑައަޅައި އަންގާ ކެޕިޓަލް އެޑްކުއެސީ ރޭށިއޯތަކަށް ވުރެ މަދުނޫން އަދަދަކަށް ކެޕިޓަލް، އޮތޯރިޓީގެ ހުއްދަ ހޯދާފައިވާ ހާލަތްތައް ފިޔަވައި ހުރިހާ ވަގުތަކުވެސް، ބަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާބޭންކު ހިންގާ އާންމު އުސޫލުތައް

(ހ) ކޮންމެ އޯފްށޯރ ބޭންކެއް ވެސް ހިންގަންވާނީ ހަރުދަނާ ބޭންކިންގ އުސޫލުތަކާއި އަދި ލައިސަންސްގެ ށަރުތުތަކާއި، އޮތޯރިޓީން އަންގާ އުސޫލުތަކާއި އިރުށާދުތަކާއި، ނިންމުންތަކާއި، އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކޮންމެ އޯފްށޯރ ބޭންކަކުން ވެސް، އެ ބޭންކެއްގެ ލައިބިލިޓީތައް ދެއްކޭނެ އެކަށީގެންވާ މިންވަރަކަށް ރައުސްމާލު އަދި ލިކުއިޑިޓީ ބަހައްޓަންވާނެއެވެ. އަދި އެކަށީގެންވާ މިންވަރަކަށް، ލޯނުން ލިބިދާނެ ގެއްލުމާގުޅޭ ޕްރޮވިށަން، އެސެޓުތަކުގެ ޑިޕްރިސިއޭށަންގެ ޕްރޮވިށަން، އަދި ލިބިދާނެ އެހެނިހެން ގެއްލުންތަކަށް ޕްރޮވިށަން ހަދަންވާނެއެވެ. އަދި ބޭންކުތަކުން އެކަށީގެންވާ ގޮތަކަށް ހިސާބުތަކާއި ރިކޯޑުތައް ބަހައްޓާ، ބޭންކަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަންކަމަށް ފިޔަވަޅުއަޅައި، ގެއްލުން ކުޑަކޮށް ހިންގޭނެގޮތަކަށް ބޭންކުގެ އެސެޓުތަކާއި ލައިބިލިޓީތައް ބަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ކަންކަން ކުރުމަށް އޮތޯރިޓީން ވަކި އުސޫލެއް ނުވަތަ މިންގަނޑެއް ކަނޑައަޅާ އޯފްށޯރ ބޭންކުތަކަށް އަންގައިފިނަމަ، އެ އުސޫލުތަކާ ނުވަތަ މިންގަނޑަކާ އެއްގޮތަށް ބޭންކުތަކުން އަމަލުކުރަންވާނެއެވެ. އަދި އޯފްށޯރ ބޭންކުތަކުގެ ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތައް، އެސެޓުތައް ދަރަޖަތަކަކަށް ބެހުން، ލޯނުގެ އިންޓްރެސްޓް އާމްދަނީގެ ތެރެއަށް ނެގުން ހުއްޓަންވީ ވަގުތު، ލޯނުތަކަށް ޕްރޮވިށަން ހެދުން އެއްފަރާތަކަށް ގިނަވެގެން ދޫކުރެވޭނެ ދަރަނީގެ އަދަދު، ގުޅިފައިވާ ފަރާތްތަކަކަށް ގިނަވެގެން ދޫކުރެވޭނެ ދަރަނީގެ އަދަދު، ބޭންކާ ގުޅުން ހުރި ފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތައް، ބޭރު ފައިސާގެ އޯޕަން ޕޮސިށަން ބަހައްޓަންވީ މިންގަނޑުތައް، އެހެން ބޭންކުތަކުގައި ފައިސާ ބަހައްޓަންވީ މިންގަނޑުތައް، ލިކުއިޑިޓީ ބެލެހެއްޓުން، އަދި ބޭންކު ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި މުހިންމު އެހެނިހެން ކަންތައްތައް ބަހައްޓަންވީ ގޮތާބެހޭ އުސޫލުތައް އޮތޯރިޓީން ކަނޑައަޅައި އަންގައިފިނަމަ، އެ އެންގުމަށް ބޭންކުތަކުން އަމަލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ – ބޭންކިންގ ހިދުމަތްތައް

(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހައި ހިނދަކު، އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރިކުރުމަށް ލައިސަންސަށް ދީފައިވާ އޯފްށޯރ ބޭންކުތައް ފިޔަވައި އެހެން އޯފްށޯރ ބޭންކަކުން، އެ ބޭންކެއްގެ ލައިސަންސްގެ ސަރުތަކާ ހިލާފުނުވާ ގޮތަށް، ތިރީގައިމިވާ ހުރިހާ ކަންތައްތައް ނުވަތަ އެއިން ބައެއް ކަންތައްތައް ކުރެވިދާނެއެވެ.

  1. އިންޓްރެސްޓް ނުވަތަ ސަރވިސް ޗާޖަކާއެކު ނުވަތަ އިންޓްރެސްޓް ނުވަތަ ސަރވިސް ޗާޖެއް ނުލައި ފައިސާގެ ގޮތުގައި އެއްވެސް ބާވަތެއްގެ ޑިޕޮސިޓެއް ނުވަތަ އަނބުރައި ދައްކަންޖެހޭ އެހެންވެސް ބާވަތެއްގެ ފައިސާއެއް ބަލައިގަތުން؛
  2. އެއްވެސް ބާވަތެއްގެ ދަރަންޏެއް، ރަހުނަކާއެކު ނުވަތަ ރަހުނަކާ ނުލައި ނަމަވެސް ދޫކުރުން، މީގެ ތެރޭގައި ހުރިހާ ބާވަތެއްގެ ލޯނު ދޫކުރުން، ރިކޯސްއާއެކީ ނުވަތަ ރިކޯސްއާ ނުލައި ފެކްޓަރކުރުން، ވިޔަފާރީގެ މުއާމަލާތުތަކަށް އެކި ބާވަތުގެ ދަރަނި ދޫކުރުން، މީގެ ތެރޭގައި ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުން ރިކޯސްއަކާނުލައި، އޭގެ މޫނުމަތީގެ އަގަށްވުރެ ކުޑަ އަގަކަށް ގަތުން ހިމެނޭގޮތަށް އަދި ފައިނޭންށަލް ލީސިންގގެ ހިދުމަތްދިނުން ހިމެނޭނެއެވެ؛
  3. މަނީ މާކެޓް އިންސްޓްރޫމަންޓެއް، މީގެ ތެރޭގައި ޗެކް، ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް އަދި ސެޓިފިކެޓް އޮފް ޑިޕޮސިޓް ހިމެނޭގޮތަށް؛ ބޭރު ފައިސާއެއް؛ ބުލިއަން؛ އެކްސްޗޭންޖް އަދި އިންޓްރެސްޓް ރޭޓް އިންސްޓްރޫމެންޓެއް؛ ސްޓޮކްއާއި އެހެނިހެން ސެއިއުރިޓީ؛ ކަރެންސީ، ސްޓޮކް، ބޮންޑް، އަގުބޮޑު މައުދަން، އިންޓްރެސްޓް ރޭޓް، މިއިން އެއްޗަކާގުޅޭ އެއްވެސް ބާވަތެއްގެ ޑެރިވެޓިވްއެއް، އެފަރާތެއްގެ އަމިއްލަ ނަމުގައި ނުވަތަ ކަސްޓަމަރެއްގެ ނަމުގައި ގަތުމާއި ވިއްކުން. މީގެ ތެރޭގައި އަންޑަރައިޓްކުރުމާއި ބްރޯކަރޭޖް ހިދުމަތްދިނުން ހިމެނެއެވެ. ސެކިއުރިޓީ އަންޑަރައިޓް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ ކޮންމެ ހުށަހެޅުމަކަށްވެސް އެ ބޭންކެއްގެ ރައުސްމާލާއި ރިޒަރވްގެ 15% (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދެއް ހޭދަނުވާނެ ގޮތަށް، އަދި މި މާއްދާގެ (ށ) ގެ ދަށުން ބޭންކަކުން އާންމުކޮށް ސެކިއުރިޓީ އަންޑަރައިޒް ކުރުމާގުޅޭ ގޮތުން އޮތޯރިޓީން އެކަށައަޅާ ށަރުތުތަކާ، ވަކިވަކި އަންޑަރައިޓް ކުރުންތަކަށް އޮތޯރިޓީން އެކަށައަޅާ ވަކިވަކި ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތީންނެވެ؛
  4. އިންށުއަރެންސް ހިދުމަތްދިނުމުގައި އޭޖެންޓެއް ނުވަތަ ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކުރުން؛
  5. ކޮންޓިންޖެންޓް ކޮމިޓްމަންޓެއް ހެދުން. މީގެ ތެރޭގައި އަމިއްލަ ނަމުގައި އަދި ކަސްޓަމަރުންގެ ނަމުގައި ދެވޭ ބޭންކު ގެރެންޓީއާއި ލެޓަރ އޮފް ކްރެޑިޓް ހިމެނޭނެއެވެ؛
  6. ފައިސާ، ސެކިއުރިޓީތައް، ޕޭމަންޓް އޯޑަރތައް، އަދި ޗެކް، ކްރެޑިޓް ކާޑު، ޑެބިޓް ކާޑު، އަދި މި ނޫންވެސް ފައިސާ ދެއްކުމުގައި ބޭނުންކުރާ ކާޑުތައް، ޓްރެވެލާސް ޗެކުތައް، އަދި ބޭންކު ޑްރާފްޓްތައް، ޓްރާންސްފަރ، އަދި ކުރިން ހުއްދަ ދީފައިވާ ޑެބިޓްއާއި ކްރެޑިޓްތައް ފަދަ ޕޭމަންޓް އިންސްޓްރޫމެންޓްތަކަށް؛ ކްލިއަރިންގއާއި ސެޓްލްމަންޓުގެ ހިދުމަތްތައް އަދި ޓްރާންސްފަރ ކުރުމުގެ ހިދުމަތްދިނުން؛
  7. މަނީ ބްރޯކަރިންގގެ ހިދުމަތް ދިނުން؛
  8. ޓްރަސްޓްގެ ހިދުމަތް ދިނުން؛
  9. ސޭފް ޑިޕޮސިޓް ބޮކްސްގެ ހިދުމަތް ދިނުން؛
  10. އެއްވެސް ފަރާތެއްގެ ސެކިއުރިޓީތަކެއް ފައިދާހުރި ގޮތެއްގައި ބަލަހައްޓައިދިނުމުގެ ހިދުމަތް ދިނުން، ނުވަތަ މާލީ ކަންތައްތަކުގެ އޭޖެންޓެއްގެ ގޮތުގައި ހިދުމަތް ދިނުން، ނުވަތަ މާލީ ކަންތައްތަކުގެ ލަފާ ދިނުމުގެ ހިދުމަތް ދިނުން؛
  11. އެކި ފަރާތުގެ މާލީ ހާލަތާއި ދަރަނިވެރިކަމުގެ މައުލޫމާތު ދިނުމުގެ ހިދުމަތް ދިނުން؛ އަދި
  12. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ހިދުމަތް.

(ށ) މި މާއްދާގެ (ހ) ގެ (3)، (4)، (8) އަދި (10) ވަނަ ނަންބަރުގައި ބުނާ ބޭންކިންގ ހިދުމަތްތަކާއި ހަރަކާތްތައް ހިންގުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. ނަމަވެސް ބޭރު ފައިސާއާއި މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާފަދަގޮތަކަށް މަނީ މާކެޓް އިންސްޓްރޫމެންޓް ގަނެ ވިއްކުމުގެ ހަރަކާތްކުރުމަށް މިފަދަ ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ. ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ހުއްދަ ދިނުމުގައި ތިރީގައިވާ ކަންތައްތަކަށް އޮތޯރިޓީން ބަލަންވާނެއެވެ.

  1. ހުށަހަޅާފައިވާ ފަރާތުގެ މާލީ އަދި ހިންގުންތެރިކަމުގެ ގާބިލިއްޔަތުކަމާއި، ކަމާބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު ހުރި މިންވަރާއި، ރިސްކް މެނޭޖްމަންޓް ޕްރޮސީޖަރތައް، އަދި ހުށަހަޅާފައިވާ ހަރަކާތްތައް އެކަށީގެންވާ ގޮތަކަށް، ހަރުދަނާ ގޮތެއްގައި ހިންގުމަށް ބޭނުންވާނެ އެހެނިހެން ކަންތައްތައް؛
  2. ހުއްދައަށް އެދިފައިވާ ހަރަކާތްތައް ހިންގުމުގެ ސަބަބުން އެފަރާތުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ހައްގުތަކަށް ހީނަރުކަމެއް އައުމުގެ ފުރުސަތު؛ އަދި
  3. ހުއްދައަށް އެދިފައިވާ ހަރަކާތްތައް ހުށަހަޅާފައިވާ ގޮތަށް ހިންގުމުގެ ސަބަބުން މާލީ ދާއިރާގެ ވާދަވެރިކަން އިތުރުވުމާއި އާންމުންނަށް ފައިދާކުރުމުގެ ފުރުސަތު އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ހުށަހަޅާފައިވާ ހަރަކާތްތަކަށް ހުއްދަދިނުމުގައި އިތުރު ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.

(ނ) އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރިކުރުމަށް ލައިސަންސް ދީފައިވާ އޯފްށޯރ ބޭންކަކުން، އެ ބޭންކެއްގެ ލައިސަންސްގެ ށަރުތުތަކާ ހިލާފުނުވާ ގޮތަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑިޕޮސިޓް ގަބޫލުކުރުން ފިޔަވައި އެހެން ކަންކަތައްތައް ކުރެވިދާނެއެވެ. އަދި، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިމިޓޭށަން އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރިކުރާ އޯފްށޯރ ބޭންކެއްގެ މައްޗަކަށް ނުހިނގާނެއެވެ.

 

13 ވަނަ މާއްދާ – ހިއްސާދާރުން ބަދަލުވުން

އޯފްށޯރ ބޭންކެއްގެ މޭޖަރ ހިއްސާދާރެއް ބަދަލުވެއްޖެނަމަ، އެ ބަދަލެއް އައި ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ބަދަލެއްގެ ތަފުސީލާއެކު އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ – ސިއްރު ހިފެހެއްޓުން

އޮތޯރިޓީން، އޮތޯރިޓީގެ އެއްވެސް މުވައްޒަފެއް، އޯފްށޯރ ބޭންކެއް، އޯފްށޯރ ބޭންކެއްގެ މުވައްޒަފެއް، އޯފްށޯރ ބޭންކެއްގެ އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރުން، އަދި މިނޫންވެސް އޯފްށޯރ ބޭންކެއްގެ ރިކޯޑުތަކާއި، ފޮތްތަކާއި، ހިސާބުތަކާއި އެހެނިހެން ލިޔެކިޔުންތަކަށް އެކްސަސް އޮންނަ އެއްވެސް ފަރާތަކުން،  އެ ފަރާތަކަށް ލިބިފައިވާ ނުވަތަ އެކްސަސް އޮންނަ، އޯފްށޯރ ބޭންކެއްގެ ނުވަތަ ބޭންކެއްގެ ހިއްސާދާރުންގެ ނުވަތަ ބެނެފިށަލް އޮނަރުންގެ ނުވަތަ ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް، ކޯޓު އަމުރެއްގެ ދަށުން މެނުވީ ނުވަތަ އެ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ ހުއްދަ ލިޔުމުން ލިބިގެންމެނުވީ، އެހެން އެއްވެސް ފަރާތަށް، ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ.

 

15 ވަނަ މާއްދާ – ސިއްރު ހިފެހެއްޓުން އިސްތިސްނާވާނެ ހާލަތްތައް

ތިރީގައިވާ ހާލަތްތަކުގައި އޯފްށޯރ ބޭންކަކުން މައުލޫމާތު ހާމަކުރުން، މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.

  1. ބޭންކުގެ އެކްސްޓަރނަލް އޮޑިޓަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މައުލޫމާތު އޮޑިޓަރުންނަށް ދިނުން.
  2. އޮތޯރިޓީން ވަކި މައުލޫމާތެއް، ރިކޯޑެއް ނުވަތަ ލިޔެކިޔުންތަކެއް ހުށަހެޅުމަށް އެންގުމުން.
  3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހުށަހެޅުން.
  4. އޯފްށޯރ ބޭންކަކާއި ކަސްޓަމަރަކާދެމެދު ހިނގާފައިވާ މުއާމަލާތަކާގުޅޭ ގޮތުން ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި، އެފަދަ މުއާމަލާތަކާ ގުޅިގެން ބޭންކަށް ލިބިދޭންޖެހޭ ހައްގެއް ސާބިތުކުރުމަށްޓަކައި މުއާމަލާތަކާބެހޭ ބައެއް ނުވަތަ ހުރިހާ މައުލޫމާތެއް ހާމަކުރުން.

 

ހަތަރުވަނަ ބާބު

ޑިރެކްޓަރުންގެ ބޯޑު، މެނޭޖްމަންޓު އަދި އިންޓަރނަލް އޮޑިޓް

 

16 ވަނަ މާއްދާ – ޑިރެކްޓަރުންގެ ބޯޑު

 (ހ) އޯފްށޯރ ބޭންކު ހިންގާނެގޮތުގެ އުސޫލުތަކާއި ސިޔާސަތު ކަނޑައަޅައި، ބޭންކުގެ މެނޭޖްމަންޓުން ބޭންކު ހިންގާގޮތް ބެލުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ހާއްސަކޮށް، ބޭންކުގެ މައިގަނޑު މަސައްކަތްތަކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ސިޔާސަތުތަކެއް ކަނޑައަޅަންވާނެއެވެ. މިގޮތުން ސިޔާސަތު ކަނޑައަޅާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ލޯނު ދޫކުރުން، އިންވެސްޓްކުރުން، އެސެޓްސް-ލައިބިލިޓީ މެނޭޖުކުރުން، އޮޑިޓްކުރުން، އިންޓަރނަލް ކޮންޓްރޯލް ނިޒާމުތައް، ބޭންކުން ބޭނުންކުރާނެ އެކައުންޓިންގ މިންގަނޑުތައް ހިމެނެއެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވާންވާނީ، މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ. އަދި ބޯޑުގެ މެންބަރުންގެ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށެވެ.

(ނ) ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން "ކަމަށް އެކަށޭނަ" ކަމުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(ރ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަސައްކަތްކުރަން ވާނީ ނުބައި ނިޔަތެއްނެތި، ތެދުވެރިކަމާއެކު ބޭންކަށް އެންމެ ފައިދާހުރި ގޮތަށެވެ. އަދި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއާ އެއްފަދަ ހާލަތްތަކުގައި އެހެން ފަރާތަކުން އެފަދަ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންކުރާނެފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، ބޭންކަށް ފައިދާހުރިގޮތަށް މަސައްކަތްކުރުމުގައި ބޭނުންވާނެ މިފަދަ ހުނަރާއި ފަރުވާތެރިކަން ނުބަހައްޓައި މަސައްކަތްކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމަށް، އެ ޑިރެކްޓަރެއް ޒާތީގޮތުން ޒިންމާވާންވާނެއެވެ. މިފަދަ މައްސަލައެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާމެދު ދައުވާކުރުމަށް ކޯޓަށް ހުށަހެޅިދާނެއެވެ.

 

17 ވަނަ މާއްދާ – މެނޭޖްމަންޓް

(ހ) އޯފްށޯރ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރެއް އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، ޑިރެކްޓަރުންގެ ބޯޑުން އައްޔަންކުރަންވާނެއެވެ. ރާއްޖޭގައި ހިންގާ ބިދޭސީ އޯފްށޯރ ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުން، ރާއްޖޭގައި ހިންގާ އެ ބޭންކެއްގެ ބްރާންޗަށް އައްޔަން ކުރެވިފައިވާ ބްރާންޗް މެނޭޖަރެއް ކަނޑައަޅަންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ދުވަހުން ދުވަހަށް ހިންގަންޖެހޭ ހިންގުންތައް ހިންގުމަކީ އެ ބޭންކެއްގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޗީފް އެޗްޒެކެޓިވް އޮފިސަރ ނުވަތަ އައްޔަން ކުރެވިފައިވާ ބްރާންޗް މެނޭޖަރުގެ މަސްއޫލިއްޔަތެކެވެ.

(ށ) އޯފްށޯރ ބޭންކުގެ މައިގަނޑު ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަންކަމަށް އެކަށީގެންވާ މީހުން އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި އައްޔަން ކުރަންވާނެއެވެ. މިގޮތުން، އެގްޒެކެޓިވް އޮފިސަރުން އައްޔަން ކުރަންވާނެ ކަންތައްތަކުގެ ތެރޭގައި، ލޯނުދޫކުރުން، އިންޓަރނަލް އޮޑިޓް، އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި، އިރުށާދުތަކާއި، އަމުރުތަކާއި، އުސޫލުތަކަށް ބޭންކުން އަމަލުކުރޭތޯ ބެލުން، އަދި އެސެޓުތަކާއި ލައިބިލިޓީތައް ބެލެހެއްޓުން ހިމެނެއެވެ. މިކަންތައްތަކާއި ބޭންކުގެ އެހެން ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެކަށޭނަ ކޮމިޓީތައް އެކުލަވައިލެވިދާނެއެވެ.

(ނ) އޯފްށޯރ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ، ޗީފް އެގްޒެކެޓިވް އޮފިސަރ، ބްރާންޗް މެނޭޖަރ އަދި އެހެން އެގްޒެކެޓިވް އޮފިސަރުންނަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގެ މަތީން  "ކަމަށް އެކަށޭނަ" ށަރުތުތައް ފުރިހަމަވާ މީހުން ކަމުގައި ވާންވާނެއެވެ.

 

18 ވަނަ މާއްދާ – އިންޓަރނަލް އޮޑިޓް

ކޮންމެ އޯފްށޯރ ބޭންކަކުން ގަވާއިދުން އިންޓަރނަލް އޮޑިޓް ކުރަންވާނެއެވެ. އަދި، ޑިރެކްޓަރުންގެ ބޯޑުން، އިންޓަރނަލް އޮޑިޓްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ށަރުތުތައް ކަނޑައަޅައި އޮޑިޓް ޗާރޓަރގައި ހިމަނަންވާނެއެވެ.

 

ފަސްވަނަ ބާބު

ހިސާބުތައް ބެލެހެއްޓުން

 

19 ވަނަ މާއްދާ – އެކައުންޓިންގ ހަމަތަކާއި އުސޫލުތައް އަދި މާލީ ހިސާބުތައް

(ހ) ކޮންމެ އޯފްށޯރ ބޭންކަކުންވެސް ވެސް، އެ ބޭންކެއްގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެހެއްޓުމަށް އެކަށީގެންވާ ގޮތަކަށް ހިސާބުތަކާއި ރިކޯޑުތައް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ބަހައްޓަންވާނެއެވެ.

(ށ) ކޮންމެ އޯފްށޯރ ބޭންކެއްގެ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބުނުގޮތާއި ހަރަދުވި ގޮތުގެ އަހަރީ ހިސާބު އަދި ބޭންކުގެ ރައުސްމާލަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ހިސާބުތަކާއި މިނޫންވެސް ބޭންކުގެ މާލީ ހިސާބުތައް، ބޭންކުގެ ހަގީގީ މާލީ ހާލަތު ދައްކުވައިދޭ ފަދަ ގޮތަކަށް ތައްޔާރުކުރަންވާނެއެވެ. އަދި ކޮންމެ  އޮފްށޯރ ބޭންކެއްގެ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތަށެވެ. އަދި އޮތޯރިޓީން މިކަމާގުޅޭ ގޮތުން ހާއްސަ ގޮތްތަކެއް ކަނޑައަޅާފައިވާނަމަ، އެފަދަ ގޮތްތަކާ އެއްގޮތްވާ ގޮތުގެމަތިން، ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ – އަހަރީ ހިސާބު އޮޑިޓްކުރުން

(ހ) ބޭންކު އޮޑިޓްކުރުމުގެ ރޮނގުން ތަޖުރިބާލިބިފައިވާ އަދި އެކަމަށް ގާބިލު އެކްސްޓަރނަލް އޮޑިޓަރެއް ކޮންމެ އޯފްށޯރ ބޭންކަކުންވެސް އައްޔަންކުރަންވާނެއެވެ. އެކްސްޓަރނަލް އޮޑިޓަރުކަމަށް އައްޔަންކުރަންވާނީ އޮތޯރިޓީން ގަބޫލުކުރާ އޮޑިޓަރެކެވެ.

(ށ) ކޮންމެ އޯފްށޯރ ބޭންކަކުންވެސް، އެ ބޭންކެއްގެ އަހަރީ މާލީ ހިސާބުތައް އެކްސްޓަރނަލް އޮޑިޓަރެއް ލައްވާ އޮޑިޓްކުރުވަންވާނެއެވެ.

 

21 ވަނަ މާއްދާ – އަހަރީ މާލީ ހިސާބުތައް ހުށަހެޅުން

ކޮންމެ އޯފްށޯރ ބޭންކަކުންވެސް، އެ ބޭންކެއްގެ މާލީ އަހަރު ނިމޭތާ ލަސްވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ބޭންކުގެ އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތަކުގެ ކޮޕީއާއި އަހަރީ ރިޕޯޓުގެ ކޮޕީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.  އަދި، އަހަރީ ހިސާބުތައް ނުވަތަ އަހަރީ ރިޕޯޓާ ގުޅިގެން އޮތޯރިޓީން އަންގާ މައުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

ހަވަނަ ބާބު

ސުޕަވައިޒްކުރުން

 

22  ވަނަ މާއްދާމައުލޫމާތު ހުށަހެޅުމާއި ސުޕަވައިޒްކުރުން

(ހ) ކޮންމެ އޯފްށޯރ ބޭންކަކުންވެސް، އޮތޯރިޓީން އަންގާގޮތަށާއި އަންގާ ތަފުސީލާއެކު، އަދި އަންގާ ވަގުތުތަކަށް، އަންގާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ށ) އޯފްށޯރ ބޭންކު ހިނގާގޮތާއި، އެ އިދާރާގެ ހާލަތު ދެނެގަތުމަށް، މެނޭޖްމަންޓުގެ ގާބިލުކަމާއި ހިންގުންތެރިކަން ދެނެގަތުމަށް، ބޭންކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތައް ބެލުމަށް، ބޭންކިންގ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ މިންވަރު ބެލުމަށް، އަދި މިނޫންވެސް ބަލަންޖެހޭކަމަށް އޮތޯރިޓީއަށް ފެންނަ ކަންތައްތައް ބެލުމަށް އޮތޯރިޓީން އައްޔަންކުރާ މީހެއް ނުވަތަ މީހުން، ނުވަތަ އޮތޯރިޓީގެ އެކެއް ނުވަތަ އެއަށްވުރެ ގިނަ އޮފިސަރުން މެދުވެރިކޮށް، އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އެ އިދާރާގެ އޮންސައިޓް އެގްޒެމިނޭށަނެއް ހިންގިދާނެއެވެ.

(ނ) ކޮންމެ އޯފްށޯރ ބޭންކަކުން ވެސް، އޮތޯރިޓީން އެދިއްޖެ ހިންދެއްގައި، އިތުރު މައުލޫމާތު ނުވަތަ ލިޔުންތައް އޮތޯރިޓީއަށް އެ ބޭންކުން ހުށަހަޅަންވާނެއެވެ. އަދި ބަޔާންކުރެވުނު ތަކެތި ހުށަހަޅާއިރު ނުވަތަ ފޯރުކޮށްދޭއިރު އެ ތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭ ފަދަ ހާލަތްތަކުގައި، އެފަދަ ލިޔުމެއްވެސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ބޭންކެއް އިމްތިހާން ކުރުމަށް ހުއްދަދީފައިވާ ހުރިހާ ފަރާތްތަކުންވެސް، މަސައްކަތް ކުރުމުގައި ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި މި ފަރާތްތަކުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، އެގެޒެކެޓިވް އޮފިސަރެއް، މުވައްޒަފެއް، އޭޖެންޓެއް، ނުވަތަ ބޭންކުގެ ސަބްސިޑިއަރީއެއް ނުވަތަ އެފިލިއޭޓްއަކަށް؛  އިމްތިހާން ކުރުމުގައި ބޭނުންވާނެ ފޮތްތަކާއި، އެކައުންޓުތަކާއި، ލިޔެކިޔުންތައް ދެއްކުމަށް އެންގިދާނެއެވެ. މިގޮތުން އަންގާ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބޭންކު އިމްތިހާންކުރާ ފަރާތަކަށް ދޭންވާނެއެވެ.

(ބ) ބޭންކު އިމްތިހާނުކުރުމަށް ދާ ފަރާތްތަކުން، އިމްތިހާންކުރުމުން ލިބުނު މައުލޫމާތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންވާނެއެވެ.

 

ހަތްވަނަ ބާބު

ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތަކާއި އިދާރީ އަދަބުތައް

23 ވަނަ މާއްދާ – ރަނގަޅުކުރުމަށް އެދޭ ފިޔަވަޅުތައް، އަދި އިދާރީ އަދަބުތައް

(ހ) އޯފްށޯރ ބޭންކެއް ނުވަތަ ބޭންކެއްގެ އެގްޒެކެޓިވް އޮފިސަރެއް ނުވަތަ އެހެންވެސް ފަރާތެއް މި ގަވާއިދުގެ މާއްދާއަކާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެކަމަށް ނުވަތަ އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫން ގޮތަކަށް އޯފްށޯރ ބޭންކިންގ ވިޔަފާރި ހިންގާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ނުވަތަ އަދަބުތަކުގެ ތެރެއިން އަދަބެއް ނުވަތަ ފިޔަވަޅެއް އޮތޯރިޓީން އެ ފަރާތަކާމެދު އެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، އެ އަކުރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.

  1. ލިޔުމަކުން ބޭންކަށް އިންޒާރެއް ދިނުން؛
  2. ވެފައިވާ ހިލާފު ރަނގަޅުކުރުމަށް ބޭންކަށް އެންގުން؛
  3. ވަކި ހަރަކާތެއް ނުވަތަ އަމަލެއްކުރުން ހުއްޓުމަށް އެ ބޭންކަށް އަމުރުކުރުން،
  4. އިތުރަށް ވިޔަފާރި ކުރިއަށްގެންދިޔުމަށް ވަކި ށަރުތުތަކެއް ކަނޑައެޅުން؛
  5. ބޭންކުގެ ބައެއް ހަރަކާތްތައް ހުއްޓާލުމަށް އެންގުން؛
  6. ހިލާފުވެފައިވާ ކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި، ޗީފް އެގްޒެކެޓިވް އޮފިސަރ، ނުވަތަ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެފަރާތުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ ނުވަތަ އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ އޭޖެންޓެއް ވަގުތީގޮތުން ސަސްޕެންޑްކުރުމަށް ނުވަތަ މަގާމުން ވަކިކުރުމަށް ލަފާދިނުން؛
  7. އެ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ ބޯޑުގެ އެހެން މެންބަރަކު މަގާމުން ވަކިކުރުމަށް އެ ފަރާތަށް އެންގުން؛
  8. ހިލާފުވެފައިވާ ކަމެއްގައި ޒިންމާވާނީ، އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނުވަތަ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ އެ ފަރާތުގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ފަރާތެއް ޖޫރިމަނާކުރުން؛
  9. ޖޫރިމަނާ ކުރުން؛ ޖޫރިމަނާ ކުރުމުގައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެވިފައިވާ ހިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން، ކޮންމެ ދުވަހެއްގެ މައްޗަށް ޖޫރިމަނާ ކަނޑައެޅިދާނެއެވެ. މިގޮތުން، ދުވާލެއްގެ މައްޗަށް 100,000 (އެއްލައްކަ) ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، މިގޮތުން ކަނޑައަޅާ ޖުމުލަ އަދަދު އެ އިދާރާއެއްގެ އަގު އަދާކޮށްފައިވާ ރައުސްމާލުގެ 5% (ފަހެއް އިންސައްތަ) އަށްވުރެ، އިތުރުވެގެން ނުވާނެއެވެ.
  10. އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.

 

އަށްވަނަ ބާބު

ރިޒަލިއުށަން ޕްރޮސެސް

 

24 ވަނަ މާއްދާ – ރިޒަލިއުށަން ޕްރޮސެސް

(ހ) އޯފްށޯރ ބޭންކުތަކުގެ ކަންތައްތައް ހިންގަން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑާ އެއްގޮތަށް، އެއްވެސް އޯފްށޯރ ބޭންކެއް ނުހިންގޭ ކަމަށް ނުވަތަ އަމަލުނުކުރާ ކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، މާލީ ދާއިރާއަށް މީގެ ސަބަބުން ކުރާނޭ ނުރަނގަޅު އަސަރުތަކަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ރިޒަލިއުށަން ޕްރޮސެސް ފެށުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޒަލިއުށަން ޕްރޮސެސް ހިންގޭނެ ހާލަތްތަކާއި، ޕްރޮސެސް ހިންގާނޭ އުސޫލުތަކާއި އޮތޯރިޓީއަށް ލިބިގެންވާ ބާރާއި އެޅޭނޭ ފިޔަވަޅުތައް އޮތޯރިޓީން ކަނޑައަޅައި އާންމުކުރާނެއެވެ.

 

ނުވަވަނަ ބާބު

އެހެނިހެން މާއްދާތައް

25 ވަނަ މާއްދާލައިސަންސް ފީ

(ހ) ކޮންމެ އޯފްށޯރ ބޭންކަކުން ވެސް، ލައިސަންސް ފީގެ ގޮތުގައި ކޮންމެ އަހަރަކު 30،000 (ތިރީސް ހާސް) އެމެރިކާ ޑޮލަރ ނުވަތަ މިނޫން އެހެން އަދަދެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ އަދަދެއް،  އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ށ) އޯފްށޯރ ބޭންކަކުން ދައްކަންޖެހޭ ލައިސަންސް ފީ އެ އަހަރެއްގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން އޮތޯރިޓީއަށް ދައްކަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ލައިސަންސް ފީ ނުދައްކައިފިނަމަ، ލައިސަންސް ބާތިލުކުރުމުގެ ނުވަތަ ލައިސަންސް ފީ ނުދައްކައި ފާއިތުވާ ކޮންމެ ދުވަހަކަށް އެ ފަރާތެއް ޖޫރިމަނާކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) އޯފްށޯރ ބޭންކަކުން ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ ދަށުން ބާތިލު ކުރުމަކުން ނުވަތަ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓުމަކުން، އެ ބޭންކުން ދައްކާފައިވާ ލައިސަންސް ފީ އަނބުރާ އޮތޯރިޓީން އެފަރާތަކަށް ދޭކަށްނުޖެހޭނެއެވެ.

 

26 ވަނަ މާއްދާ – ރެސިޑެންޓުންނަށް ދެވޭނެ ހިދުމަތްތައް

(ހ) އަންނަނިވި ހިދުމަތްތައް ފިޔަވައި އެހެން އެއްވެސް ހިދުމަތެއް އޯފްށޯރ ބޭންކަކުން ރެސިޑެންޓުންނަށް ދީގެންނުވާނެއެވެ.

  1. އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ބޭންކެއް، ފައިނޭންސް ކުންފުންޏަކަށް ބޭންކިންގ ހިދުމަތް ދިނުން.
  2. އޯފްށޯރް ބޭންކަކުން އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ބޭންކެއް، ފައިނޭންސް ކުންފުންޏެއް، ލީސިންގ ކުންފުންޏެއް ގެ ސެކިއުރިޓީސްގައި އިންވެސްޓުކުރުން.
  3. ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ބޭންކެއް މެދުވެރިކޮށް އޮތޯރިޓީގެ ހުއްދަހޯދުމަށްފަހު، އޮތޯރިޓީން ހުއްދަކުރާގޮތަކަށް ރެސިޑެންޓުންނަށް ދަރަނި ދޫކުރުން.

(ށ) އޯފްށޯރް ބޭންކަކުން، ދިވެހި ދައުލަތުގެ ސެކިއުރިޓީސް ގައި އިންވެސްޓްކުރެވިދާނެއެވެ.

 

27 ވަނަ މާއްދާ - މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމާ ގުޅޭ ގަވާއިދުތަކަށް އަމަލުކުރުން

ކޮންމެ އޯފްށޯރ ބޭންކަކުންވެސް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި އޮތޯރިޓީން އެކުލަވައިލާ ގަވާއިދުތަކާއި އަންގާ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

 

28  ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

"ރެސިޑެންޓުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭހެ އިގުތިސާދުގައި ހަރަކާތްތެރިވާ ވަކިވަކި އާންމު ފަރުދުންނާއި ގާނޫނީ ށަހުސުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

ދިވެހިރާއްޖޭގައި އެއް އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ނުވަތަ ދިރިއުޅޭނެ ކަމަށް ބެލެވޭ ކޮންމެ ފަރާތެއް؛ ނުވަތަ

ދިވެހިރާއްޖޭގެ ވިޔަފާރީގެ ހަރަކާތްތައް ހިންގަމުންދާ ނުވަތަ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ހިންގާނެކަމަށް ބެލެވޭ ކޮންމެ ފަރާތެއް.

"ބޯޑް އޮފް އިންވެސްޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ބޯޑް އޮފް އިންވެސްޓްމަންޓްސް އަށެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/2014 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) އަށެވެ.

"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ،

  1. އާންމުންގެ ކިބައިން، ޑިޕޮސިޓްގެ ގޮތުގައި ނުވަތަ އެނޫންވެސް އެހެން ގޮތެއްގައި ފައިސާ ބަލައިގަނެ، އެ ފައިސާ އެކުގައި ނުވަތަ އެ ފައިސާގެ ބައެއް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ބޭނުންކުރުން؛
    (ހ) ދަރަނި ދޫކުރުން، ނުވަތަ އިންވެސްޓްކުރުން.
    (ށ) އެހެން ފަރާތަކަށް ހޯދައިދިނުމުގެ މަގުސަދުގައި އަދި އެއްބަސްވުމެއްގެ ދަށުން، ސަޕްލަޔަރެއްގެ އަތުން އެސެޓެއް ގަނެ، އެ އެސެޓްގެ އަގު އެކި ފަހަރު މަތިން އަދާކުރާ ގޮތަށް އެ ފަރާތަށް ދިނުމުގެ ވިޔަފާރިކުރުން. އަދި އެ ފަރާތުން ބޭނުންވެއްޖެނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވެ އަދި އަގު އަދާކޮށް ނިމުމުން އެ ފަރާތަށް އެ އެސެޓް މިލްކުވެރިކުރުމުގެ އިހުތިޔާރު ދެވޭ ގޮތަށް ދެވޭ ވިޔަފާރިއެވެ.

  2. އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި؛
  3. އިސްލާމިކް ބޭންކިންގ ވިޔަފާރި؛
  4. އޮތޯރިޓީން ކަނޑައަޅާ އެހެން ވިޔަފާރި؛

"އޯފްށޯރް ބޭންކު" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ އޯފްށޯރް ބޭންކިން ވިޔަފާރި ކުރުމަށް މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.

"އޯފްށޯރް ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އާންމުގޮތެއްގައި ދިވެހިރާއްޖޭގެ ރެސިޑެންޓުން ނޫން އެހެން ފަރާތަކަށް ބޭންކިންގ ވިޔަފާރި، ދިވެހިރާއްޖޭގެ ފައިސާ ނޫން އެހެން ފައިސާ އަކުން، ކުރުމަށެވެ. 

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށެވެ.

"މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހުސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީ އަށް ގަބޫލުކުރެވޭގޮތުގައި އެ ށަހުސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.

"އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، އޯފްށޯރ ބޭންކެއްގެ މުވައްޒަފުންގެ ތެރެއިން ބޭންކުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، ބޭންކުގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނާއި، ބޭންކުގެ ފައިސާއިން ލޯނު ދޫކުރުމާއި އިންވެސްޓް ކުރުމަށް ހުއްދަދީފައިވާ މުވައްޒަފުންނަށެވެ. މިފަދަ މުވައްޒަފަކީ ކޮންމެ މަގާމެއްގައި ހުރި މުވައްޒަފެއްނަމަވެސް، މި ގާނޫނުގައިވާ ގޮތުން "އެގްޒެކެޓިވް އޮފިސަރ" އެއް ކަމުގައި ބެލެވޭނެއެވެ. މިގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން، ބޭންކުގެ ރައީސް، މެނޭޖިންގ ޑިރެކްޓަރ، ރައީސްގެ ނައިބު، ލޯނު ދޫކުރުމުގެ އެންމެ އިސް މުވައްޒަފު، ޗީފް ފައިނޭންށަލް އޮފިސަރު، ޗީފް އެގްޒެކެޓިވް އޮފިސަރު، ޖެނެރަލް މެނޭޖަރު، އަދި ހަޒާންދާރު ހިމެނޭނީ "އެގްޒެކެޓިވް އޮފިސަރު" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.

 

މައި ގާނޫނު

ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު (ގާނޫނު ނަންބަރު 24/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު