-

އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-64) 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 މޭ 2021 ގައި)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-163 ގެ 38 ވަނަ މާއްދާއިން އުވާލެވިފައި)

 

ބާބު 1

އާންމު ބައި

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 1-16 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް، އެފަދަ ތަންތަން ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިންޓަގްރޭޓަޑް  ޓޫރިސްޓް ރިޒޯޓު ހިންގުން

(ހ) ދިވެހިރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތައް ހިންގަންވާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ވަކިވަކި ތަންތަން ހިންގަންވާނީ، އެ ތަންތަން ހިންގުމަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.

 

3 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރި ހިންގުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރިތަކެއްގެ ގޮތުގައި އަންނަނިވި ގިންތިތަކުގެ ވިޔަފާރި ހިންގޭނެއެވެ.

  1. ޓޫރިސްޓް ރިޒޯޓު
  2. ޓޫރިސްޓް ހޮޓެލް
  3. ޓޫރިސްޓް ގެސްޓްހައުސް
  4. ފީނުމުގެ ހިދުމަތް ދޭ ތަންތަން
  5. ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން
  6. ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ރީޓެއިލް ވިޔަފާރިތައް
  7. މި މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އިތުރުންވެސް ފަތުރުވެރިންނަށް އަމާޒުކޮށްގެން ފޯރުކޮށްދެވޭ އެހެނިހެން ހިދުމަތްތައް

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ވިޔަފާރިތައް ހިންގަންވާނީ އެ ވިޔަފާރިއެއް ހިންގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ބިންތައް ގިންތިކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެކަން އެންގުމަކީ ޑިވެލޮޕަރގެ ޒިންމާއެކެވެ.

(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވިޔަފާރިއެއް ހިންގަންވާނީ އެ ވިޔަފާރިއެއް ހިންގުމަށް ގިންތިކޮށްފައިވާ ބިމެއްގައެވެ.

 

4 ވަނަ މާއްދާ - އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކުގެ ދަފްތަރު ބެލެހެއްޓުން

(ހ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކުރާ ރަށްރަށާއި، ފަޅުފަޅާއި ބިންބިމުގެ ދަފްތަރެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ރަށެއް ނަމަ ރަށް ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ރަށުގެ ނަން، ނުވަތަ ބިމެއް ނަމަ ބިން ހިމެނޭ ރަށުގެ ނަމާ އެކީ ބިން ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި، ބިމުގެ ނަންބަރު ނުވަތަ ނަން އަދި ފަޅެއް ނަމަ ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސް.
  2. ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ އަންނަނިވި މައުލޫމާތު.
    (i) ކުއްޔަށް ހިފާފައިވާ ފަރާތުގެ ނަން އަދި ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ ކުންފުނި ނުވަތަ ޕާޓްނަރށިޕާ ގުޅޭ މައުލޫމާތު
    (ii) ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެސް
    (iii) ގުޅޭނެ ނަންބަރު
    (iv) އީމެއިލް އެޑްރެސް

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގެ އިތުރުން އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަދެވޭ ތަންތަނުގެ ދަފްތަރެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުމާއެކު އަންނަނިވި އިތުރު މައުލޫމާތުވެސް ހިމަނަންވާނެއެވެ.

  1. އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ރަޖިސްޓްރޭށަން ނަންބަރު.
  2. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާނެ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ފީނުމުގެ ހިދުމަތްދޭ ތަންތަން އަދި ފަތުރުވެރިންނަށް ހިދުމަތްދޭ އެހެނިހެން ތަންތަން ގާއިމުކުރުމަށް ކުއްޔަށް ދެވިފައިވާ ވަކިވަކި ބިންތައް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ގިންތިކޮށް ކޮންމެ ގިންތިއެއްގައި ހިމެނޭ ބިންތަކުގެ އަދަދު.
  3. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާނެ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ފީނުމުގެ ހިދުމަތްދޭ ތަންތަން އަދި ފަތުރުވެރިންނަށް ހިދުމަތްދޭ އެހެނިހެން ތަންތަން ގާއިމުކުރުމަށް ޑިވެލޮޕަރު ވަކިވަކި ބިންތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާނަމަ އެ ބިންތައް ކުއްޔަށް ދީފައިވާ ފަރާތްތަކުގެ އަންނަނިވި މައުލޫމާތު.
    (i) ކުއްޔަށް ހިފާފައިވާ ތިންވަނަ ފަރާތުގެ ނަން
    (ii) ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެސް
    (iii) ގުޅޭނެ ނަންބަރު
    (iv) އީމެއިލް އެޑްރެސް
    (v) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވިޔަފާރި ގާއިމުކުރެވިފައިވާ ވަކި ބިން.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ މައުލޫމާތެއް ބަދަލުވެއްޖެނަމަ އެ ބަދަލު ގެނެވޭތާ ސަރުކާރު ބަންދުނޫން    5 ދުވަހުގެ ތެރޭގައި އެކަން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެންގުމަކީ ޑިވެލޮޕަރގެ ޒިންމާއެކެވެ.

(ޅ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކާ ގުޅިގެން މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އެހެނިހެން މައުލޫމާތު ދަފްތަރު ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

5 ވަނަ މާއްދާ - އިންޓަގްރޭޓަޑް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އިންޓަގްރޭޓެޑް ރިޒޯޓުތަކުގެ ކުލީގެ އެއްބަސްވުމާ ގުޅޭ އެއްވެސް ހައްގެއް ބަދަލުކުރުމުގައި ނުވަތަ އެހެން ފަރާތަކަށް އެ ހައްގުތައް ކުއްޔަށްދިނުމުގައި ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 14/2010 "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ  ގަވާއިދު" އަށް އަމަލުކުރަންވާނެއެވެ.

 

ބާބު 2

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް، ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދިނުން

 

6 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ބިން ކަނޑައެޅުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ބިން ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދު ކަނޑައަޅައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ބިން ކަނޑައަޅުއްވައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ މީހުން ދިރިއުޅޭ ރަށަކުން ބިމެއްނަމަ، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ފަތުރުވެރިކަމުގެ ބިން ކަނޑައެޅުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުން.
  2. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ފަޅު ރަށަކުން ބިމުގެ ބައެއްނަމަ، އެ ބިން ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސްއާ އެކީ އެ ބިން ފާހަގަކޮށްފައިވާ ޗާޓެއް ތައްޔާރުކޮށް ހުށަހެޅުން. މި ޗާޓަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ސަރވޭޔަރަކު ތައްޔާރުކޮށްފައިވާ  ޗާޓެއް ކަމުގައިވުން.
  3. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ފަޅެއްނަމަ އެ ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާ އެކީ ހުށަހެޅުން.
  4. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ފަޅަކުން ބައެއްނަމަ، އެ ފަޅު ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސްއާ އެކީ ފަޅުގެ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓެއް ތައްޔާރުކޮށް ހުށަހެޅުން. މި ޗާޓަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ސަރވޭޔަރަކު ތައްޔާރުކޮށްފައިވާ  ޗާޓެއް ކަމުގައިވުން.
  5. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ބަލަހައްޓާ ފަޅުރަށްތަކުގެ ދަފްތަރުގައި ހިމެނޭ ރަށެއްނަމަ، އެ ދަފްތަރުގައި އެ ރަށަށް ދީފައިވާ ނަމާއި، އެ ރަށް ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސްއާ އެކީ ހުށަހެޅުން.

 

7 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް، ނުވަތަ ފަޅު، ނުވަތަ ބިން ކުއްޔަށް ދެވޭނެ ގޮތްތައް

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ރަށްރަށާއި، ފަޅުފަޅާއި، ބިންބިން ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ގޮތްތަކަށެވެ.

(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށް ދިނުން.

(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ރަށުގައި، ނުވަތަ ބިމުގައި، ނުވަތަ ފަޅުގައި، ހިންގުމަށް ބޭނުންވާ މަށްރޫއެއްގެ ތަފުސީލާއެކު، އެ ރަށަކަށް، ނުވަތަ އެ ބިމަކަށް، ނުވަތަ އެ ފަޅަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް، ނުވަތަ އެ ބިމެއް، ނުވަތަ އެ ފަޅެއް ކުއްޔަށް ދިނުން.

(ނ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން.

(ރ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5-16 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ވަކި ސަރަހައްދެއްގައި ފަތުރުވެރިކަން ފުޅާކޮށް ކުރިއަރުވައި، އެ ސަރަހައްދެއްގައި އިގްތިސާދީ ހަރަކާތް އިތުރުކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމަށްޓަކައި ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުން.

 

8 ވަނަ މާއްދާގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ރަށް، ނުވަތަ ފަޅު، ނުވަތަ ބިން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތް

(ހ) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ކުރެވޭ ބީލަން އިވެލުއޭޓްކުރުމަށް ގެންގުޅޭ މިންގަނޑުތަކުގެ ތެރޭގައި އެ ރަށެއް ނުވަތަ  އެ ފަޅެއް ނުވަތަ އެ ބިމަކަށް ހުށަހަޅާ އެކުއިޒިށަން ކޮސްޓެއް ހިމެނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އެކުއިޒިށަން ކޮސްޓުގެ މިންގަނޑަކީ އެ ބީލަން އިވެލުއޭޓްކުރުމަށް ކަނޑައެޅޭ ޖުމުލަ މާކްސްގެ މަދުވެގެން %40 (ސާޅީސް އިންސައްތަ) ކަމުގައި ކަނޑައެޅުން.

(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރަން ހުށަހަޅާ ފަރާތަކީ އެފަދަ މަސައްކަތެއް ކުރުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއްކަން ކަށަވަރުކުރުން. މިގޮތުން، އެ ޕްރޮޖެކްޓުގެ އިންވެސްޓްމަންޓުގެ އެންމެ ދަށް މިންވަރު ސަރުކާރުން ކަނޑައަޅައި އެ އަދަދުގެ %20 (ވިހި އިންސައްތަ) އިންވެސްޓްކުރާނެ މާލީ ގާބިލުކަން ހުރިކަން ދައްކުވައިދޭ ލިޔެކިޔުން ހުށަހަޅަން ލާޒިމުކުރުން.
 

 

9 ވަނަ މާއްދާއިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ސަރުކާރާއި ޑިވެލޮޕަރާ ދެމެދު ރަށް، ނުވަތަ ފަޅު، ނުވަތަ ބިން ކުއްޔަށް ދިނުމަށް އެއްބަސްވުން އެކުލަވައިލުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދޫކުރެވޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިން ކުއްޔަށް ދިނުމަށް ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ  6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުލީގެ އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް އެކުލަވައިލާ ކުލީގެ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ރަށެއް ނަމަ، ރަށުގެ ނަމާއި، އެ ރަށް ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސް، ބިމެއް ނަމަ، ބިން ހިމެނޭ ރަށުގެ ނަމާ އެކީ ބިން ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްގެ އިތުރުން ނަމެއް ނުވަތަ ނަންބަރަކާ އެކީ ރަށުން ބިން ފާހަގަކޮށްފައިވާ ޗާޓު، ފަޅެއް ނަމަ، ފަޅުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް އަދި ފަޅުގެ ސަރަހައްދެއް ނަމަ ފަޅުގެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާ އެކީ ފަޅުގެ ސަރަހައްދު ދައްކުވައިދޭ ޗާޓު.
  2. ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދޫކުރާ މުއްދަތު
  3. ކުއްޔަށް ދޫކުރާ މުއްދަތުގެ ތެރޭގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް އިމާރާތްކުރުމަށް މުއްދަތެއް ދޭނަމަ، އެ މުއްދަތަކާއި، އެ މުއްދަތުގައި ކުލި ނުހިނގާނެނަމަ އެކަމާއި، ރިޒޯޓް ހިންގަން ފަށާނޭ ތާރީހު
  4. ކުއްޔަށް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓް ބާތިލުކުރެވޭނޭ ހާލަތްތަކާއި، އެ ހާލަތްތަކުގައި އަމަލުކުރާނޭގޮތް.
  5. ކުލި ހިސާބުކުރެވޭނެ ގޮތާއި، ކުލި ދައްކާނެ ގޮތް އަދި ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުމުގެ ޒިންމާ އުފުލާނީ ޑިވެލޮޕަރކަން.
  6. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގޭ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ފަތުރުވެރިންނަށް ހިދުމަތްދޭ ވަކިވަކި އެހެނިހެން ވިޔަފާރިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް (ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތާއި، މުވާސަލާތީ ހިދުމަތާއި، ސިއްހީ ހިދުމަތާއި، ކުނި ނައްތާލުމުގެ ހިދުމަތް ހިމެނޭގޮތަށް) ފޯރުކޮށްދިނުމުގެ ޒިންމާ އުފުލާނީ ޑިވެލޮޕަރކަން.
  7. ވަކިވަކި ވިޔަފާރިތަކެއްގެ ގޮތުގައި އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ފަތުރުވެރިންނަށް ލިބިދޭންޖެހޭނެ ހިދުމަތްތައް
  8. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިލްތިޒާމުތައް އުފުލަންޖެހޭނީ ޑިވެލޮޕަރކަން
  9. ޑިވެލޮޕަރ އެގްރީމެންޓާ ހިލާފުވެއްޖެނަމަ އަމަލުކުރާނެގޮތް.
  10. އަސާސީ ހިދުމަތްތައް (ޔޫޓިލިޓީސް) ފޯރުކޮށްދިނުމަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ގާއިމުކުރެވޭ ވަސީލަތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށް އިންށުއަރ ކުރުން ޑިވެލޮޕަރަށް ލާޒިމުވާނެކަން.
  11. ޑިވެލޮޕަރގެ ފަރާތުން ކުލީގެ އެއްބަސްވުމުން ލިބޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރާނަމަ މި ގަވާއިދަށާއި، ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 14/2010 "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ  ގަވާއިދު" އަށް އަމަލުކުރަންވާނެއެވެ.

ބާބު 3

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ ކުލީގެ އެއްބަސްވުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ރަށުގެ، ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ބައެއް ވަކިވަކި ފަރާތްތަކަށް ކުއްޔަށްދިނުން.

 

10 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ ކުލީގެ އެއްބަސްވުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ މުޅި ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ މުޅި ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގައި ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލާ ގަވާއިދަށް އަމަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ މުޅި ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުން މުޅި ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް ކުއްޔަށް ހިފާފަރާތަށް   އެ ހައްގުތައް އިތުރު ފަރާތަކަށް ކުއްޔަށް ނުދެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެންބަޔާންކޮށްފައިވީނަމަވެސް މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ މުޅި ކުލީގެ އެއްބަސްވުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުން މުޅި ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް ކުއްޔަށް ހިފާފަރާތަށްވެސް ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތްތައް ތަރައްގީކޮށް ވިޔަފާރި އުސޫލުން ހިންގުމަށް   އެ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަކުން ވަކިވަކި ބިން އިތުރު ފަރާތަކަށް ކުއްޔަށް ދިނުމުގެ ހައްގާއި، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ ހައްގު ނަގުލުވެގެންދާނެއެވެ.

 

11 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ ވަކި ބިންތައް ވަކިވަކިން ކުއްޔަށް ދޫކުރުން

(ހ) ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތްތައް ތަރައްގީކޮށް ވިޔަފާރި އުސޫލުން ހިންގުމަށް އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަކުން ވަކިވަކި ބިން އިތުރު ފަރާތަކަށް ކުއްޔަށް ދިނުމުގައި މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ކަންކަމުގައި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 14/2010 "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ  ގަވާއިދު" އަށް އަމަލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ތެރެއިން ވަކިވަކި ބިންތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާއި އިންޓަގްރޭޓެޑް ރިޒޯޓުގައި ތަރައްގީކޮށްފައިވާ ވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް އިތުރު ފަރާތަކާ އެކީ މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ ވަކި ބިންތައް ވަކިވަކިން ކުއްޔަށް ދޫކުރުމުގެ ކުރިން ވަކިވަކި ބިންތައް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކާ އެއްގޮތަށް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޗާޓެއް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ، ނުވަތަ ފަޅުގެ، ނުވަތަ ބިމުގެ ވަކި ބިންތައް ވަކިވަކިން ކުއްޔަށް ދޫކުރުމަށް ޑިވެލޮޕަރ ނުވަތަ ސަބްލެސީއާއި، ވަކިވަކި ބިންތައް ކުއްޔަށް ހިފާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުއްޔަށްދޭ މުއްދަތު
  2. ކުލީގެ މިންވަރު
  3. ސަރުކާރަށް ދައްކަންޖެހޭ ބިމު ކުލި ދެއްކުމުގެ އިލްތިޒާމު އުފުލާނީ ޑިވެލޮޕަރކަން
  4. ކުލީގެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލުކުރާނެގޮތް
  5. ޑިވެލޮޕަރާއި އިންވެސްޓަރާ ދެމެދުވާ ކުލީގެ އެއްބަސްވުމާއި، ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާ ފުށުއަރާ ހާލަތުގައި އިސްކަންދޭނީ ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމަށްކަން
  6. ވަކިވަކި ބިންތަކުގައި ގާއިމުކުރާ ވަކިވަކި ކޮޓަރިތައް ނުވަތަ ވިލާތައް ސްޓްރާޓާ އުސޫލުން ވިއްކުމުގައި އަމަލުކުރާނެގޮތް
  7. ކުއްޔަށް ދެވޭ ބިން ފާހަކޮށްފައިވާ، މި މާއްދާގެ (ނ) ގައިވާ ގޮތަށް ތައްޔާރުކޮށް ފާސްކޮށްފައިވާ ޗާޓު

 

12 ވަނަ މާއްދާ - އިންޓަގްރޭޓަޑް ރިޒޯޓުގައި ނުވަތަ އިންޓަގްރޭޓަޑް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުން

އިންޓަގްރޭޓަޑް ރިޒޯޓުގައި ނުވަތަ އިންޓަގްރޭޓަޑް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގައި ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ސްޓްރާޓާ އުސޫލުން ކޮޓަރި ނުވަތަ ވިލާ ވިއްކުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 14/2010 "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ  ގަވާއިދު" އަށް އަމަލުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ތެރޭގައި ހިމެނޭ ފަތުރުވެރިންނަށް ހިދުމަތްދޭ ވަކިވަކި ތަންތަނާ ގުޅިގެން މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުން

(ހ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ތެރޭގައި ހިމެނޭ ފަތުރުވެރިންނަށް ހިދުމަތްދޭ ވަކިވަކި ތަންތަން ތަރައްގީކުރުމަށް ވަކިވަކި ބިންތައް ކުއްޔަށް ދޫކުރާއިރު އެ ތަންތަނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޑިވެލޮޕަރާއި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާ ދެމެދު މެނޭޖްމަންޓް އެއްބަސްވުމެއް ހަދަންވާނެއެވެ.

(ށ) ޑިވެލޮޕަރ އަދި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާ ދެމެދު އަސާސީ ހިދުމަތްތަކާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ހަދާ މެނޭޖްމަންޓް ކޮންޓްރެކްޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޑިވެލޮޕަރގެ ފަރާތުން ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ވަކި ތަނަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާއި، އެ ހިދުމަތްތައް ފޯރުކޮށްދޭނެ އަގުތައް ނުވަތަ އަގުތައް ކަނޑައަޅާނެ އުސޫލުތައް.
  2. ޑިވެލޮޕަރުގެ ފަރާތުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ފޯރުކޮށްދޭ އާންމު ހިދުމަތްތައް ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ވަކި ތަނަށް ނުވަތަ އެ ތަނަކުން ހިދުމަތްތައް ހޯދާ ފަތުރުވެރިންނަށް ފޯރުކޮށްދޭނެ އުސޫލުތަކާއި އަގުތައް، ނުވަތަ އަގުތައް ކަނޑައަޅާނެ އުސޫލުތައް.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ޑިވެލޮޕަރ އަދި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާ ދެމެދު އަސާސީ ހިދުމަތްތަކާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ހަދާ މެނޭޖްމަންޓް އެއްބަސްވުން ހެދުމަށްފަހު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެ އެއްބަސްވުން ހުށަހަޅައި އެ އެއްބަސްވުން ރަޖިސްޓަރީ ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ މެނޭޖްމަންޓް އެއްބަސްވުމުގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާއި، އެ ފަރާތުން އިންޓަގްރޭޓެޑް ރިޒޯޓުގައި ތަރައްގީކޮށްފައިވާ ވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް އިތުރު ފަރާތަކާ އެކީ ވެވޭ މެނޭޖްމަންޓް އެއްބަސްވުމެއް ހެދުމުގެ ހައްގު ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާއި، އެ ފަރާތުން އިންޓަގްރޭޓެޑް ރިޒޯޓުގައި ތަރައްގީކޮށްފައިވާ ވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް އިތުރު ފަރާތަކާ އެކީ ވެވޭ މެނޭޖްމަންޓް އެއްބަސްވުމެއް ހެދުމުގައި ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 14/2010 "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ  ގަވާއިދު" އަށް އަމަލުކުރަންވާނެއެވެ.

 

ބާބު 4

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމާއި ހުއްދަ އާކުރުން

 

14 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ހުއްދަދެވޭ މުއްދަތު

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށްދެވޭ ލައިސަންސްގެ މުއްދަތަކީ 20 އަހަރުދުވަހެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެންބަޔާން ކުރެވިފައިވީނަމަވެސް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ލައިސަންސަށް އެދޭއިރު ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަކީ އެއަށްވުރެ   ކުޑަ މުއްދަތެއްނަމަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށެވެ.

(ނ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ތަރައްގީކުރެވޭ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ވިޔަފާރިތަކަށް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ މި ގަވާއިދުގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ހުއްދަ ދޫކުރުމަށްފަހުގައެވެ.

(ރ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ތަރައްގީކުރެވޭ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ވިޔަފާރިތަކަކީ  ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހިންގުމުގެ ހުއްދަ ދޫކުރަންޖެހޭ ވިޔަފާރިއެއްނަމަ އެ ވިޔަފާރިއަކަށް ދޫކުރެވޭ ހިންގުމުގެ ހުއްދައިގެ މުއްދަތު ކަނޑައަޅާނީ އެ ބާވަތެއްގެ ވިޔަފާރިއާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން އެކުލަވައިލައިފައިވާ ގަވާއިދާ އެއްގޮތަށެވެ.

 

15 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނީ ޑިވެލޮޕަރ ނުވަތަ ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާ ގުޅިގެން ލިބިދެވޭ އެންމެހައި ހައްގުތައް އެއްކޮށް ކުއްޔަށް ނަގާފައިވާ ފަރާތެވެ.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރު އެކަމަށް އެދި ހުށަހެޅުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. މީހުން ދިރިނޫޅޭ ރަށެއްގައި ނުވަތަ ފަޅެއްގައި ގާއިމުކުރެވިފައިވާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްނަމަ އެ ތަނެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ ޕަވަރހައުސް، ޑީސެލިނޭށަން ޕްލާންޓް، ސިވޭޖް ޓްރީޓްމަންޓް ޕްލާންޓް އަދި ސިއްހީ ހިދުމަތްދޭ މަރުކަޒު ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ ލިޔުންތައް.
  2. ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުން ކުއްޔަށް ދޫކުރެވޭ ވަކިވަކި ބިންތައް ފާހަގަކޮށްފައިވާ ޗާޓުގެ ކޮޕީ.

 

16 ވަނަ މާއްދާ - ހުއްދަ ދޫކުރުމުގައި ބަލާނެ މިންގަނޑުތައް

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދަ ދޫކުރުމުގެ ކުރިން އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވޭތޯ ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަންވާނެއެވެ.

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުން ކުއްޔަށް ދޫކުރެވޭ ވަކިވަކި ބިންތައް ފާހަގަކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޗާޓެއް ތައްޔާރުކުރެވިފައިވޭތޯ ބެލުން.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް (ކަރަންޓު، ފެން، ނަރުދަމާ، ސިއްހީ ހިދުމަތް) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ބެލުން.

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން ފަތުރުވެރިންނަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުން ލިބިދޭންޖެހޭނެކަމަށް ކަނޑައަޅައި ސަރުކާރާއި ޑިވެލޮޕަރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގައި ހިމަނާފައިވާ ހިދުމަތްތައް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ބެލުން.

(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި އިމާރާތްކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެތަން އިމާރާތްކުރެވިފައިވޭތޯ ބެލުން.

 

17 ވަނަ މާއްދާ - ހުއްދަ ދޫކުރުން.

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުން އެ ހުއްދަ ދޫކުރުމުގެ ކުރިން މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅާފައިވޭތޯ ބެލުމާއެކު، މި ގަވާއިދުގެ  16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންކަން ފުރިހަމަކޮށްފައިވޭތޯ ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަންވާނެއެވެ.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަސާސީ ހިދުމަތްތައް ތަރައްގީކުރެވިފައިވޭތޯ ބެލުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން ފަރާތަކުން އެތަން ބަލައި ފާސްކުރަންވާނެއެވެ.

(ނ) ޓޫރިޒަމާބެހޭ މިނިސްޓްރީއިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމަށް އެތަން ބަލައި ފާސްކުރުމަށް ކުރަންޖެހޭ އެންމެހައި ހަރަދެއްގެ ޒިންމާ އުފުލާނީ ހުއްދައަށް އެދޭ ފަރާތުންނެވެ.

(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމުގެ ކުރިން ބަލައި ފާސްކުރުމުން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަން ތަރައްގީކުރެވިފައިނުވާނަމަ، އެކަމެއް އިސްލާހުކުރުމަށް 3 މަހަށްވުރެ ދިގު ނޫން މުއްދަތެއް ދޭންވާނެއެވެ. އަދި، ހުއްދަ ދޫކުރުމުގެ ކުރިން އެކަމެއް އިސްލާހު ކޮށްފައިވާކަން ކަށަވަރުކުރުމަށް އެތަނެއް އަލުން ބަލައި ފާސްކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން

(ހ) މި ގަވާއިދުގައިވާ ގޮތަށް އަސާސީ ހިދުމަތެއް ފޯރުކޮށްދެވޭނެ ފަދަ އިންތިޒާމެއް ނެތިއްޖެ ހާލަތެއްގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ދޫކުރެވޭ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރަންވާނީ އެކަމެއް އިސްލާހުކުރަން ޓޫރިޒަމާބެހޭ މިނިސްޓްރީން ނޯޓިސްއެއް ފޮނުވައި އެ ނޯޓިސްއާ އެއްގޮތަށް އެކަމެއް އިސްލާހު ނުކޮށްފިނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ނޯޓިސްގައި ބަޔާން ކުރާކަމެއް އިސްލާހު ކުރަން  3 މަސްދުވަހަށް ވުރެ ކުރުނުވާ ގޮތަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.

 

ބާބު 5

މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު

 

19 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުން

(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި އެނޫންވެސް ފަތުރުވެރިންނަށް ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރެވިދާނެއެވެ.

(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ހުޅުވާލުމުގައި އެ ފަދަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ލިބިދޭންޖެހޭނެ ހިދުމަތްތަކާއި ފަސޭހަތައް ޓޫރިޒަމާބެހޭ މިނިސްޓްރީން      އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލެއްގެ މަށްވަރާގެ މަތިން ކަނޑައަޅަންވާނެއެވެ.

(ނ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރެވޭ އާންމު ވިޔަފާރިތައް (ރެސްޓޯރަންޓާއި ފީނުމުގެ ހިދުމަތްދޭ ތަންތަންފަދަ) ތަރައްގީކޮށް ހިންގަންވާނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތިބޭ ފަތުރުވެރިންގެ އިތުރުންވެސް އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުނަށް ބޭނުންކުރެވޭ ގޮތަށެވެ.

(ރ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރެވޭ ވަކިވަކި ވިޔަފާރިތަކަށް ދޫކުރެވޭ ވަކިވަކި ބިންތަކަށް ވަދެ ނިކުމެވޭގޮތަށް މަގުތައް ހަދައި މަގުތައް ބެލެހެއްޓުމަކީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.

 

20 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން

(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.

(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެ ރަށެއްގައި ގާއިމުކޮށްފައިވާ އާންމު ހިދުމަތްތަކުގެ ތެރެއިން ފޯރުކޮށްދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

ބާބު 6

ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު

 

21 ވަނަ މާއްދާ - ފަޅުރަށްރަށާއި ފަޅުތަކުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުން

(ހ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް އަދި އެނޫންވެސް ފަތުރުވެރިންނަށް ހިދުމަތްދޭ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތްތައް ގާއިމުކުރެވިދާނެއެވެ.

(ށ) ފަޅުރަށްރަށާއި ފަޅުތަކުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ހުޅުވާލުމުގައި އެ ފަދަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ފަތުރުވެރިންނަށް ލިބެންޖެހޭ ހިދުމަތްތައް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

(ނ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގެ އާންމު ސަރަހައްދުތަކަށް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ތިބޭ ފަތުރުވެރިންގެ އިތުރުންވެސް އެހެނިހެން ފަތުރުވެރިންނާއި އާންމުންނަށް ޑިވެލޮޕަރ ކަނޑައަޅާ އުސޫލެއްގެ ދަށުން އަރައި ފޭބުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި، މި ފަދަ އުސޫލެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އަރައި ފޭބޭނީ ވަކި ގަޑިތަކެއްގައި ކަމުގައިވާނަމަ އެ ގަޑިތައް
  2. އަރައި ފޭބުމުގައި ފީއެއް ނަގާނަމަ އެކަން
  3. އަރައި ފޭބުމުގައި ދުރާލައި ހުއްދަ ނަގަންޖެހޭނަމަ، އެކަމާއި އެކަމުގައި އަމަލުކުރަންވީ ގޮތް

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކުރެވިފައިވީނަމަވެސް ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ހިންގާ ވަކިވަކި ޓޫރިސްޓް ރިޒޯޓު ނުވަތަ ޓޫރިސްޓް ހޮޓެލްތަކަށް ވަދެ ނިކުމެވޭނީ  އެ ތަންތަން ހިންގާ ފަރާތްތަކުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

(ބ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރެވޭ އާންމު ވިޔަފާރިތައް (ކެއުން ބުއިމާއި ފީނުމުގެ ހިދުމަތްދޭ ތަންތަން ފަދަ) ތަރައްގީކޮށް ހިންގަންވާނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތިބޭ ފަތުރުވެރިންގެ އިތުރުންވެސް އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުނަށް ބޭނުންކުރެވޭ ގޮތަށެވެ.

(ޅ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރެވޭ ވަކިވަކި ވިޔަފާރިތަކަށް ދޫކުރެވޭ ވަކިވަކި ބިންތަކަށް ވަދެ ނިކުމެވޭގޮތަށް މަގުތައް ހަދައި މަގުތައް ބެލެހެއްޓުމަކީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.

(ކ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކޮށް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ.

 

22 ވަނަ މާއްދާ - ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން

(ހ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަކީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެ ރަށެއްގައި އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ވަކި ވަސީލަތްތަކެއް ގާއިމުކުރުމުގެ ބަދަލުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މީހުން ދިރިއުޅޭ ރަށެއް، ސިނާއީ މަސައްކަތް ކުރާ ރަށެއް ނުވަތަ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ އެހެން ރަށެއްގައި ގާއިމުކުރެވިފައިވާ ވަސީލަތްތައް ބޭނުންކުރުމަށް އެކަމާ ގުޅިގެން ވެވޭ އެއްބަސްވުމެއްގެ ދަށުން ބޭނުންކުރުމަށް އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހިއްސާކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

ބާބު 7

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ވަކިވަކި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް ހިންގުން

 

23 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ރިޒޯޓުތައް ތަރައްގީކޮށް ހިންގުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ރިޒޯޓުތައް ތަރައްގީކުރަންވާނީ އަންނަނިވި ގޮތަށެވެ.

(ށ) އިންޓަގްރޭޓަޑް ރިޒޯޓުގެ ތެރެއިން ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކަނޑައެޅޭ ވަކި ބިމަކީ އެ ރަށެއްގެ އަތިރިމަތި (ބީޗް ފްރަންޓް) އަށް ވާގޮތަށް އޮތް ބިމެއްކަމަށް ވާންވާނެއެވެ.

(ނ) ފަޅުރަށްރަށާއި ފަޅުތަކުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގައި އިމާރާތްކުރެވޭނީ އެ ބިމުގެ ސަރަހައްދުގެ %50 (ފަންސާސް އިންސައްތަ) އަށެވެ. އަދި، މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ ވަކި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގައި އިމާރާތްކުރެވޭނީ އެ ބިމުގެ ސަރަހައްދުގެ %60 (ފަސްދޮޅަސް އިންސައްތަ) އަށެވެ.

(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކޮށް ގާއިމުކުރަން ލާޒިމުކޮށްފައިވާ ހިދުމަތްތައް ގާއިމުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި އާންމު ހިދުމަތެއްގެ ގޮތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރެވޭ ފަތުރުވެރިކަމުގެ ވަކިވަކި ވިޔަފާރިތަކަށް ބޭނުންކުރެވޭގޮތަށް އެ ހިދުމަތެއް ގާއިމުކުރެވިފައިވާނަމަ     އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ޓޫރިސްޓް ރިޒޯޓުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓް ރިޒޯޓެއްގައި ގާއިމުކުރަންޖެހޭ ކަމަށް ކަނޑައަޅާ ހިދުމަތްތައް ގާއިމުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.

(ޅ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން "ބީޗް ލެންތު" (BEACH LENGTH) އަށް ބަލައި އެޅޭނެ ކޮޓަރިތަކުގެ އަދަދު ކަނޑައަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މިންގަނޑުން އިސްތިސްނާވާނެއެވެ.

(ކ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ތަރައްގީކުރެވޭ ވަކި ޓޫރިސްޓް ރިޒޯޓެއްގައި މޫދު ކޮޓަރި ނުވަތަ ފަޅުގެ ސަރަހައްދުގައި އެހެންވެސް އިމާރާތެއް ކުރެވޭނީ އެ ފަޅުގެ ސަރަހައްދަކީވެސް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމުގެ ދަށުން ކުއްޔަށްދެވޭ ސަރަހައްދަކަށް ވާނަމައެވެ.

 

24 ވަަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ހޮޓެލްތައް ތަރައްގީކޮށް ހިންގުން

(ހ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ހޮޓެލްތައް ތަރައްގީކުރަންވާނީ އަންނަނިވި ގޮތަށެވެ.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގައި އިމާރާތްކުރެވޭނީ އެ ބިމުގެ ސަރަހައްދުގެ %85 (އަށްޑިހަ ފަހެއް އިންސައްތަ) އަށެވެ.

(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމުގައި ޓޫރިސްޓް ހޮޓެލް ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކޮށް ގާއިމުކުރަން ލާޒިމުކޮށްފައިވާ ހިދުމަތްތައް ގާއިމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި އާންމު ހިދުމަތެއްގެ ގޮތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރެވޭ ފަތުރުވެރިކަމުގެ ވަކިވަކި ވިޔަފާރިތަކަށް ބޭނުންކުރެވޭގޮތަށް އެ ހިދުމަތެއް ގާއިމުކުރެވިފައިވާނަމަ އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ޓޫރިސްޓް ހޮޓެލްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓް ހޮޓަލެއްގައި ގާއިމުކުރަންޖެހޭކަމަށް ކަނޑައަޅާ ހިދުމަތްތައް ގާއިމުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.

 

25 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީކޮށް ހިންގުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީކުރަންވާނީ އަންނަނިވި ގޮތަށެވެ.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ގެސްޓްހައުސްއެއް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގައި އިމާރާތްކުރެވޭނީ އެ ބިމުގެ ސަރަހައްދުގެ %85 (އަށްޑިހަ ފަހެއް އިންސައްތަ) އަށެވެ.

(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ގެސްޓްހައުސްއެއް ތަރައްގީކުރުމުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކޮށް ގާއިމުކުރަން ލާޒިމުކޮށްފައިވާ ހިދުމަތްތައް ގާއިމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި އާންމު ހިދުމަތެއްގެ ގޮތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރެވޭ ފަތުރުވެރިކަމުގެ ވަކިވަކި ވިޔަފާރިތަކަށް ބޭނުންކުރެވޭގޮތަށް އެ ހިދުމަތެއް ގާއިމުކުރެވިފައިވާނަމަ އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ޓޫރިސްޓް ގެސްޓްހައުސްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓް ގެސްޓްހައުސްއެއްގައި ގާއިމުކުރަންޖެހޭ ކަމަށް ކަނޑައަޅާ ހިދުމަތްތައް ގާއިމުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.

 

26 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި އާންމު ހިދުމަތްތައް ގާއިމުކުރުން

މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ހުންނަންޖެހޭ އާންމު ހިދުމަތްތައް ގާއިމުކުރެވިފައި ހުރިކަމަށް ބެލެވޭނީ ވަކިވަކި ޓޫރިސްޓް ރިޒޯޓު އަދި ޓޫރިސްޓް ހޮޓެލްތަކުގައި ތިބޭ ފަތުރުވެރިންނަށް އިތުރު އެއްވެސް އަގަކާ ނުލައި އެ ހިދުމަތްތައް ގާއިމުކުރެވިފައިވާ ސަރަހައްދުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމައެވެ.

 

27 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރި ހިންގުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރި ހިންގާނީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތެވެ.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާ ވަކި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ހުއްދަ ހޯދާނީ އެ ވިޔަފާރި ހިންގުމަށް ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ފަރާތުން ބިން ކުއްޔަށް ހިފާފައިވާ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތެވެ.

(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާ ވަކި ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޓޫރިޒަމާބެހޭ މިނިސްޓްރީ ނުވަތަ ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ކަނޑައަޅާ މިންގަނޑުތައް ފޯރުކޮށްދިނުމަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތުގެ ޒިންމާއެކެވެ.

 

ބާބު 8

ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުން

 

28 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް އަދި ޔޮޓް މެރީނާ ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރެވޭނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު ޓޫރިސްޓް ރިޒޯޓެއް، ޓޫރިސްޓް ހޮޓަލެއް، ނުވަތަ ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއް، ފަޅުރަށަކުން ބައެއް، ނުވަތަ ފަޅެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް، ޓޫރިސްޓް ހޮޓަލެއް، ނުވަތަ ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއް، ފަޅުރަށަކުން ބައެއް، ނުވަތަ ފަޅެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރަން އެދި އެ ރަށް، ނުވަތަ އެ ބިން ނުވަތަ އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލައިގަނެ މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާނަމަ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އެ ރަށެއް، ނުވަތަ ފަޅެއް، ނުވަތަ ބިމެއް ކުއްޔަށް ދޫކުރުމަށް ސަރުކާރާއި އެ ރަށް ނުވަތަ އެ ފަޅު ނުވަތަ އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުން ބަދަލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުލީގެ އެއްބަސްވުން ބަދަލުކުރިނަމަވެސް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ގުނަން ފަށާނީ، އެހާތަނަށް ހިނގަމުންދިޔަ ކުލީގެ އެއްބަސްވުމުގައި އެ ތަނުގެ ކުލީގެ މުއްދަތު ގުނަން ފަށާ ތާރީހު ކަމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ. އަދި، އަލަށް އެކުލަވައިލެވޭ ކުލީގެ އެއްބަސްވުމުގެ ބާކީ މުއްދަތަކަށް ވާނީ އެހާތަނަށް ހިނގަމުންދިޔަ ކުލީގެ އެއްބަސްވުމުގެ ބާކީ މުއްދަތެވެ.

(ބ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ތަނަކީ ތަރައްގީކޮށް ނިމިފައިނުވާ ތަނެއް ނަމަ، އެ ތަނެއް އިމާރާތް ކުރުމަށް ކުރިން ދީފައިވާ މުއްދަތު ދެމިގެންދާނެއެވެ. އަދި، އިމާރާތްކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމުގައި ގަވާއިދު ނަންބަރު 1041/2019 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.

(ޅ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ތަނަކީ ތަރައްގީކޮށް ނިމި ހިންގަން ފަށާފައިވާ ތަނަކަށްވެފައި، އެ ތަނެއް އަލުން އިމާރާތްކުރުމަށް އެދި ހުށަހަޅާނަމަ، ގަވާއިދު ނަންބަރު 1041/2019 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގެ ދަށުން އެކަމަށް ދޭ މުއްދަތުގައި ކުލި ފަސްކުރެވޭނެއެވެ.

 

29 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޔޮޓް މެރީނާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމުގެ ށަރުތުތައް

(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޔޮޓް މެރީނާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރެވޭނީ އަންނަނިވި ކަންތައްތައް ފުރިހަމަވުމުންނެވެ.

  1. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4-16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ 1 (އެކެއް) މިލިއަން އެމެރިކާ ޑޮލަރުގެ ފީ، އެކީ އެއްފަހަރާ ދެއްކުން.
  2. ރަށުގައި، ނުވަތަ ފަޅުގައި، ނުވަތަ ބިމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ވަކިވަކި ބިންތައް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ގިންތިކޮށް އެ ބިންތައް ފާހަގަކުރެވޭ ޗާޓު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުން.
  3. ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ހައްގުތައް މޯގޭޖް ކޮށްފައިވާނަމަ މޯގޭޖް ކޮށްފައިވާ ފަރާތުން ކުލީގެ އެއްބަސްވުން ބަދަލުކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހެޅުން.
  4. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާއިރު އެ ތަނަކީ ހިންގަމުންދާ ތަނެއްނަމަ، އެ ތަނަކާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ،  އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން.
  5. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާއިރު އެ ތަނަކީ ހިންގަމުންދާ ތަނެއްނަމަ، އެ ތަނެއްގައި  މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަނަކަށްވުން.
  6. އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ތަނަކީ މީހުން ދިރިނޫޅޭ ރަށެއް ނުވަތަ ފަޅެއްގައި ގާއިމުކުރެވިފައިވާ ތަނަކަށްވުން.

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ދެވޭ މުއްދަތުގައި އެތަން ތަރައްގީކޮށް ނިމި ހިންގަންނުފެށޭ ހާލަތުގައިވެސް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފީ އަނބުރާ ޑިވެލޮޕަރަށް ލިބިނުދެވޭނެއެވެ.

 

ބާބު 9

ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުން

 

30 ވަނަ މާއްދާ - ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުން

(ހ) ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެއް ކުއްޔަށް ދެވޭނީ ހަމައެކަނި ސަރުކާރުގެ %100 (ސަތޭކަ އިންސައްތަ) ހިއްސާ އެކުލެވޭ ކުންފުންޏަކަށެވެ.

(ށ) ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ގަސްތުކުރާ ސަރަހައްދެއް އެ ބޭނުމަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ސަރަހައްދެއް ކަނޑައެޅުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް އެ ސަރަހައްދުގައި ތަރައްގީކުރުމަށް ހުށަހަޅާ އެޕާޓްމަންޓް ނުވަތަ ވިލާ ނުވަތަ ކޮޓަރީގެ އަދަދު.
  2. ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ތަރައްގީކުރާ ވިލާ ނުވަތަ ކޮޓަރީގެ އިތުރުން އެ ސަރަހައްދުގައި ތަރައްގީކުރެވޭނެ އިތުރު ހިދުމަތްތަކާއި ވަސީލަތްތައް.
  3. ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ހަވާލުކުރުމަށް ގަސްތުކުރެވޭ ސަރުކާރުގެ %100 (ސަތޭކަ އިންސައްތަ) ހިއްސާ އެކުލެވޭ ކުންފުންޏާ ގުޅޭ މައުލޫމާތު.

(ރ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅު ކުއްޔަށްދެވޭ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާގެ ގޮތުގައި، އެ މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތަށް ދެމިއޮންނަންވާނެއެވެ.

 

31 ވަނަ މާއްދާ - ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދިނުން

(ހ) ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް ކަނޑައެޅުމުން އެ ފަރާތަކާ އެކީ އެ ރަށެއް ނުވަތަ އެ ފަޅެއް ނުވަތަ އެ ބިމެއް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް އެއްބަސްވުން އެކުލަވައިލުމުގައި މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް  10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 5-16 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުން މިނިސްޓްރީގެ ހުއްދައާ އެކުގައިކަން.
  2. ކުލީގެ މުޅި އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ކުއްޔަށްދެވޭނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް  10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 5-16 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުން މިނިސްޓްރީގެ ހުއްދައާއެކުގައިކަން.
  3. ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ބިމުގެ ސަރަހައްދުގެ މަދުވެގެން %50 އިންސައްތައިގައި ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކި ކޮޓަރި ނުވަތަ ވިލާ ތަރައްގީކުރަން ޖެހޭނެކަން.
  4. މި އަކުރުގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކި ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމަންޓް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގެ އިތުރުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ބާކީ އޮންނަ ސަރަހައްދުގައި ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރެވިދާނެކަން.
  5. ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުން ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ދޫކުރެވޭ ވަކި އެއް ބިމުގެ ބޮޑުމިން މުޅި ސަރަހައްދުގެ ބިމުގެ ބޮޑުމިނުގެ %20 (ވިހި އިންސައްތަ) އަށް ވުރެ ބޮޑު ވެގެން ނުވާނެކަން.

 

32 ވަނަ މާއްދާ - ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމަކާ ގުޅޭ ހައްގުތައް ބަދަލުކުރުން

ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ ނުވަތަ ކުއްޔަށްދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވުމުންނެވެ.

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގަން ފަށާތާ 10 (ދިހައެއް) އަހަރުދުވަސް ވެފައިވުން

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުށަހަޅާ ހުށަހެޅުމުގައި ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ހުށަހަޅާފައިވާ ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމަންޓްތަކުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އިމާރާތްކޮށް ނިމިފައިވުން.

(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުށަހަޅާ ހުށަހެޅުމުގައި ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ހުށަހަޅާފައިވާ ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމަންޓްތަކުގެ %50 (ފަންސާސް އިންސައްތަ) ވަކިވަކި ފަރާތްތަކަށް ކުއްޔަށް ދީފައިވުން.

 

ބާބު 10

އެހެނިހެން

 

33 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމުގައި ގާނޫނާއި ގަވާއިދަށް އަމަލުކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި އަމަލުކުރަންޖެހޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި ޓޫރިޒަމާބެހޭ މިނިސްޓްރީ އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އެންމެހައި މިންގަނޑުތަކަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި އަމަލުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން

(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން އެ ރިޒޯޓެއްގައި ހިންގާ ވަކިވަކި ވިޔަފާރިތަކަށާއި ފަތުރުވެރިންނަށް އަންނަނިވި އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

  1. ކަރަންޓުގެ ހިދުމަތް
  2. ސާފު ފެނުގެ ހިދުމަތް
  3. ނަރުދަމާގެ ހިދުމަތް
  4. ކުނި ނައްތައިލުމުގެ ހިދުމަތް
  5. ސިއްހީ ހިދުމަތް
  6. މުވާސަލާތު ކުރުމުގެ ހިދުމަތް (މޮބައިލް ފޯނު އަދި އިންޓަރނެޓްގެ ހިދުމަތް ހިމެނޭގޮތަށް)

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ކަރަންޓާއި، ސާފު ފެނާއި، ނަރުދަމާ އަދި ކުނި ނައްތާލުމުގެ ހިދުމަތް ފޯރުކޮށްދޭންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ސިއްހީ ހިދުމަތްދޭންވާނީ ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށެވެ.

 

35 މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް 100,000 (އެއްލައްކަ) ދިވެހިރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ދޭ ހިދުމަތެއްގެ ފެންވަރު ދަށްވެއްޖެނަމަ އެ ހިދުމަތެއް ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ވަކި ވިޔަފާރިއެއް 1,000,000 (އެއްމިލިއަން) ދިވެހިރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ،  އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ވުޒާރާއަށެވެ.

(ށ) "އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅައިފައިވާ ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް، އެ ރަށެއް ނުވަތަ އެ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، އަދި/ނުވަތަ ޓޫރިސްޓް ގެސްޓްހައުސް އަދި/ނުވަތަ ޔޮޓް މެރީނާ އަދި/ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ސަރަހައްދަށެވެ.

(ނ) "ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ހުއްދަ ދޭ ފަރާތަށެވެ.

(ރ) "ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި، އެ ރިޒޯޓުގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ފަތުރުވެރިކަމުގެ ވަކި ވިޔަފާރިއެއް ގާއިމުކޮށް ހިންގާ ވަކި އިންވެސްޓަރަށެވެ.

(ބ) "ސަބްލެސީ" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ރަށެއް، ނުވަތަ ބިމެއް ނުވަތަ ފަޅަކާ ގުޅޭ އެންމެހައި ހައްގުތައް، އެ ތަނެއް ކުއްޔަށް ހިފާފައިވާ ޑިވެލޮޕަރުގެ ފަރާތުން ކުއްޔަށް ހިފާފައިވާ ތިންވަނަ ފަރާތަށެވެ.

 

37 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ތާރީހުން ފެށިގެންނެވެ.

 

އުވި ގަވާއިދު

އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-163)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު