-

 

ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖްރާއަތު ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 158/2015) 

މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 74/2021 އިން އުވާލެވިފައި

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ބޭރު ގައުމުތަކުގައި ކުށްކޮށް ހުކުމް ތަންފީޒުކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖޭގައި ޙުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި ދިވެހިރާއްޖެއަށް ބަދަލުކުރުމުގެ އިޖުރާއަތު އަދި ދިވެހިރާއްޖޭގައި ކުށްކޮށް ޙުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމުތަކުގެ ކުށްވެރިން އެ މީހުންގެ އަމިއްލަ ގައުމުގައި ހުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި އެ ގައުމުތަކަށް ބަދަލުކުރުމުގެ އިޖުރާއަތު ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލެވިފައި ވަނީ ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ދިވެހި ކުށްވެރިން، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި ދިވެހިރާއްޖެއަށް ބަދަލުކުރުމުގައި އަމަކު ކުރަންވީ ގޮތުގެ އިޖުރާއަތު ކަނޑައެޅުން؛

(ށ) ދިވެހި ރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމުތަކުގެ ކުށްވެރިން، އެމީހުންގެ އަމިއްލަ ގައުމުގައި ހުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި އެ ގައުމުތަކަށް ބަދަލުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އިޖުރާއަތުކަނޑައެޅުން.

 

ދެވަނަ ބާބު

ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމެއްގެ ކުށްވެރިން އެ ގައުމަކަށް ބަދަލުކުރުމުގެ އިޖުރާއަތް

3 ވަނަ މާއްދާ - ބޭރު ގައުމެއްގެ ކުށްވެރިން އެ ގައުމަކަށް ބަދަލުކުރުމަށް ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ޖަލެއްގައި ހުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ބަދަލުކުރުމަށް އެދި ތިރީގައިވާ ފަރާތްތަކުން މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

  1. ކުށްވެރިޔާ ބަދަލުކުރުމަށް އެދޭ ގައުމުން؛
  2. ކުށްވެރިޔާ އަމިއްލައަށް؛
  3. ކުށްވެރިޔާގެ ގާތްތިމަގެ މީހަކު؛

(ށ) ކުށްވެރިޔާ ބަދަލުކުރުމަށް އެދޭ ގައުމުން ކުށްވެރިޔާ އެ ގައުމަށް ބަދަލުކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހަޅާނީ ދިވެހިރާއްޖޭގައި ހުންނަ އެ ގައުމެއްގެ އެމްބަސީ މެދުވެރިކޮށް ނުވަތަ އެމްބަސީ ނެތް ގައުމެއްނަމަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށެވެ.

(ނ) ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކޮށްދިނުމަށް އެދި އެ ކުށްވެރިޔާ އަމިއްލައަށް މިނިސްޓަރަށް ހުށަހަޅާނީ ދިވެހިރާއްޖޭގައި ހުންނަ އެ ގައުމެއްގެ އެމްބަސީ މެދުވެރިކޮށް ނުވަތަ އެމްބަސީ ނެތް ގައުމެއްނަމަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ކުށްވެރިޔާ މިނިސްޓަރަށް އެޑްރެސްކޮށް ލިޔާ ސިޓީއަކުންނެވެ.

(ރ) ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކޮށްދިނުމަށް އެދި ކުށްވެރިޔާގެ ގާތްތިމާގެ މީހަކު މިނިސްޓަރަށް ހުށަހަޅާނީ ދިވެހިރާއްޖޭގައި ހުންނަ އެ ގައުމެއްގެ އެމްބަސީ މެދުވެރިކޮށް ނުވަތަ އެމްބަސީ ނެތް ގައުމެއްނަމަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށެވެ.

 

4 ވަނަ މާއްދާ - ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ބަދަލުކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމާމެދު މިނިސްޓަރު ގޮތެއް ނިންމެވުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމާމެދު މިނިސްޓަރު ގޮތެއް ނިންމަންވާނީ ތިރީގައިވާ ކަންތައްތަކަށް ރިއާޔަތްކޮށް އެކަންތައްތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށްފަހުއެވެ.

  1. ބޭރު ގައުމަކަށް ބަދަލުކުރަން އެދޭ ކުށްވެރިޔާއަކީ އޭނާ ބަދަލުކުރުމަށް އެދޭ ގައުމުގެ ރައްޔިތެއްކަމަށް ކަށަވަރުކުރުން؛
  2. ކުށްވެރިޔާ ކޮށްފައިވާ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އަދި ކުށްވެރިޔާ ބަދަލުކުރަން އެދޭ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައިވުން؛
  3. ކުށްވެރިޔާ ތަންފީޒުކުރަމުންދާ ހުކުމަކީ، އެންމެ ފަހު މަރުހަލާއިން ނިންމާފައިވާ ހުކުމެއް ކަމުގައިވުން؛
  4. ކުށްވެރިޔާ ތަންފީޒްކުރަމުންދާ ހުކުމަކީ، ޖަލުގައި ބަންދުކުރުމަށް ކޮށްފައިވާ ހުކުމެއް ކަމަށްވެފައި، އެ ހުކުމުގެ ބާކީ އޮތް މުއްދަތުގައި މަދުވެގެން 6(ހައެއް( މަސްދުވަހުގެ މުއްދަތު، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ތަންފީޒްކުރަން އޮތް ހުކުމެއް ކަމުގައިވުން؛
  5. ކުށްވެރިޔާ ބަދަލުކުރަންއެދޭ ގައުމަށް ބަދަލުވުމަށް ކުށްވެރިޔާ ރުހުން ދީފައިވުން؛
  6. ދިވެހިރާއްޖެއާއި ކުށްވެރިޔާ ބަދަލުކުރަން އެދޭ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމެއްގައި ބަޔާންކުރާ އިތުރު ކަންކަން ފުރިހަމަވެފައިވުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބަޔާންކުރާ އިތުރު ކަންކަން ފުރިހަމަވެފައިވުން.

 

(ށ) މި މާއްދާގެ (ހ) ގެ (5) ގައި ބަޔާންކުރާ ކުށްވެރިޔާގެ ރުހުން އޮންނަންވާނީ ޖަދުވަލު  1  ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (5) ގެ ދަށުން ކުށްވެރިޔާ ދޭ ރުހުމަކީ، އެއްވެސް މަޖުބޫރުކަމެއްނެތި އަދި އޭނާގެ ހުކުމް ތަންފީޒްކުރުމަށް އެ ގައުމަކަށް ބަދަލުކުރުމުގެ ނަތީޖާ އެނގިހުރެ ދީފައިވާ ރުހުމެއްތޯ ކަށަވަރު ކުރުމަށްޓަކައި ކުށްވެރިޔާ ދޭ ރުހުމަކީ އެއްވެސް މަޖުބޫރުކަމެއްނެތި އަދި އޭނާގެ ހުކުމް ތަންފީޒްކުރުމަށް އެ ގައުމަކަށް ބަދަލުކުރުމުގެ ނަތީޖާ އެނގިހުރެ ދީފައިވާ ރުހުމެއްކަން ބަޔާންކޮށް ކޮމިށަނަރ އޮފް ޕްރިޒަންސް އަދި ޑައިރެކްޓަރ އޮފް ޕްރިޒަންސް ކުށްވެރިޔާ ދޭ ރުހުމުގައި ސޮއިކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (5) ގެ ދަށުން ކުށްވެރިޔާ ދޭ ރުހުމަކީ، އެއްވެސް މަޖުބޫރުކަމެއްނެތި އަދި އޭނާގެ ހުކުމް ތަންފީޒުކުރުމަށް އެ ގައުމަކަށް ބަދަލުކުރުމުގެ ނަތީޖާ އެނގިހުރެ ދީފައިވާ ރުހުމެއްތޯ ބެލުމަށް، އެ ގައުމަކަށް މިނިސްޓަރު ފުރުސަތު ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - މިނިސްޓަރުގެ ރުހުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު ހުށަހެޅުމާމެދު ރުހުން ދިނުމަށް މިނިސްޓަރު ނިންމައިފިނަމަ، މިނިސްޓަރުގެ ރުހުން އޮންނަންވާނީ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ރުހުމަކީ ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދަކަމަށް ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެ މަތިން މިނިސްޓަރު ދޭ ރުހުމުގެ ކޮޕީ އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިނިސްޓަރު ދޭ ރުހުމުގެ ކޮޕީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (5) ގައި ބަޔާންކުރާ ކުށްވެރިޔާ ދޭ ރުހުމުގެ ކޮޕީ އަދި ކުށްވެރިޔާގެ މައްޗަށް ކޯޓުން ކުރި ހުކުމުގެ ކޮޕީ ދިވެހިރާއްޖޭގައި ހުންނަ ކުށްވެރިޔާ ބަދަލުވާން އެދޭ ގައުމުގެ އެމްބަސީ ނުވަތަ އެމްބަސީ ނެތްނަމަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އެ ގައުމުގެ ކަމާގުޅޭ އިދާރާއަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ލިޔުންތަކުގެ ކޮޕީ ހުންނަންވާނީ އެ ކޮޕީއަކީ ލިޔުމުގެ އަސްލުގެ ސައްޙަ ކޮޕީއެއްކަން އެނގޭގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކޮށްފައެވެ.

(ޅ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ދަށުން ހުށަހެޅުނު ހުށަހެޅުމާމެދު ރުހުން ނުދޭން މިނިސްޓަރު ނިންމައިފިނަމަ، އެކަން، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއަށް އެންގުމުގެ އިތުރުން، ކުށްވެރިޔާ ބަދަލުވާން އެދޭ ގައުމަށްވެސް މިނިސްޓަރު ރުހުން ނުދޭން ނިންމި ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަސްއޫލިއްޔަތު

(ހ) މި ގަވާއިދު 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހުއްދައިގެ ދަށުން ކުށްވެރިޔާ އެ ގައުމަކަށް ބަދަލުކުރުމުގެ މަސައްކަތް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ދިވެހިރާއްޖެއާއި އެ ގައުމަކާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިޔުމުން މިނިސްޓަރު އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސްއަށް އަންގާ އެންގުމާއެކު މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހުއްދައިގެ ކޮޕީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމާ ގުޅިގެން ތިރީގައިވާ ކަންކަން ކޮމިށަނަރ އޮފް ޕްރިޒަންސް ފުރިހަމަކުރަންވާނެއެވެ.

  1. ކުށްވެރިޔާ ބަދަލުކުރެވޭ ގައުމުގައި އޭނާގެ ހުކުމް ތަންފީޒުކުރެވޭނެގޮތާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް މައުލޫމާތު ހޯދަންވާނެއެވެ.
  2. ކުށްވެރިޔާ ބަދަލުކުރުކުމުގައި ހިނގާނެ ހަރަދުތަކުގެ ޒިންމާ ދެ ގައުމުން އުފުލަންޖެހޭނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ދިވެހިރާއްޖެއާއި ކުށްވެރިޔާ ބަދަލުކުރެވޭ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށްކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ކުށްވެރިޔާ ބަދަލުކުރެވޭ ޤައުމަކަށް ކޮމިށަނަރ އޮފް ޕްރިޒަންސް އަންގަންވާނެއެވެ.
  3. މި މާއްދާގެ (ނ) ގެ (2) ގައި ބަޔާންކުރާ އެއްބަސްވުމުގައި ކުށްވެރިޔާ ބަދަލުކުރުމުގެ ހަރަދުގެ ޒިންމާ ދެފަރާތުން ނަގާނެގޮތުގެ ތަފުސީލު ބަޔާންކޮށްފައިނުވާނަމަ، ކުށްވެރިޔާ އެ ގައުމަކަށް ގެންދިޔުމާ ގުޅޭގޮތުން ހިނގާނެ ހަރަދު އުފުލާނީ، އެ ގައުމަކުންކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އެ ގައުމަކަށް ކޮމިށަނަރ އޮފް ޕްރިޒަންސް އަންގަންވާނެއެވެ

 

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބުމުން، ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކުރުމުގެ ކަންތައްތައް ތިރީގައިވާ ގޮތުގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސް ކުރަންވާނެއެވެ.

  1. ބަދަލުކުރެވޭ ކުށްވެރިޔާ ޖަލުން ދޫކޮށްލުމަށްޓަކައި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުން؛
  2. ކުށްވެރިޔާއާއި ޖަލުން ހަވާލުކޮށްފައިވާ ތަކެތި ނެގުން؛
  3. ކުށްވެރިޔާއާއި ޖަލުން ހަވާލުކޮށްފައިވާ ތަކެތި ނެގުން؛
  4. ކުށްވެރިޔާ ޖަލުގައި ހުރިއިރު ކޮށްފައިވާ ހަރަދުތަކަށް އުނިކުރަންޖެހޭ ފައިސާ އެ މީހެއްގެ އެކައުންޓުން އުނިކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ކޮމިށަނަރ އޮފް ޕްރިޒަންސް އަންގަންވާނެއެވެ.

(ޅ) ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދުވެވޭ ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ސޮއިކުރުމުގެ ކަންތައްތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.

(ކ) ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކުރުމަށްޓަކައި އެ ގައުމަށް ފުރުވާލެވޭ އެންމެ ކައިރި އެއަރޕޯޓަށް ގެންދިއުމުގެ ކަންތައްތައް ހަމަޖައްސާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

7 ވަނަ މާއްދާ - ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަކަށް ބަދަލުކުރުމަށް މިނިސްޓަރު އެދުން

(ހ) ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ބަދަލުކުރުމަށް އެދި އެ ގައުމެއްގައި މިނިސްޓަރު ލިޔުމުން އެދެންވާނީ ތިރީގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހުއެވެ.

  1. ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށްވެރިޔާގެ ރުހުން ލިބިފައިވުން؛
  2. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވޭތޯ ޔަގީންކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ބޭރު ގައުމަކަށް ހުށަހެޅުމެއް ހުށަހަޅާއިރު، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއާ ގުޅޭ ތިރީގައިވާ މައުލޫމާތު އެ ގައުމަށް މިނިސްޓަރު ހާމަކުރަންވާނެއެވެ.

  1. ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާ އެހެން ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް ކަމާބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހެޅުމެއް ލިބިފައިވާނަމަ އެކަން؛
  2. ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ މަޢުލޫމާތު؛
  3. ކުށްވެރިޔާ އެ ގައުމަށް ގެންދިއުމާމެދު ނިންމުމެއް ނިންމުމަށް މުހިންމު ވެދާނެ ކަމަށް މިނިސްޓަރަށް ފެންނަ އެނޫންވެސް މަޢުލޫމާތު.

 

(ނ) ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން ބޭރު ގައުމަކަށް ބަދަލުކުރެވޭ ކުށްވެރިޔަކަށް، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން މައާފުދީފިނަމަ، ނުވަތަ އަދަބު ލުއިކޮށްދީފިނަމަ، އެކަން، އެ ގައުމުގެ ކަމާގުޅޭ ފަރާތަށް މިނިސްޓަރު ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެދޭ އެދުމާ ގުޅިގެން ދިވެހިރާއްޖޭގައި ހުކުމް ތަންފީޒްކުރަމުންދާ ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ބަދަލުކުރުމަށް މިނިސްޓަރު ހުއްދަ ދޭންވާނީ އެ ގައުމުގެ ރުހުން ލިބުމަށްފަހު އަދި ގާނޫނާއި މި ގަވާއިދުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވުމުންނެވެ

(ބ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓަރު ހުއްދަ ދޭނީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދައިގެ ކޮޕީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ފޮނުވަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ހުއްދައިގެ ކޮޕީ ލިބުމުން، ކުށްވެރިޔާ ބަދަލުކުރުމުގެ އިންތިޒާމުތައް މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސް ހަމަޖައްސަންވާނެއެވެ.

 

8 ވަނަ މާއްދާ - ކުށްވެރިން ބަދަލުކުރުމާގުޅޭ އެއްބަސްވުންތަކުގެ މައުލޫމާތު ކުށްވެރިންނަށް ދިނުން

(ހ) ދިވެހިރާއްޖެއާއި ބޭރު ގައުމަކާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުންތަކާގުޅޭ ތިރީގައިވާ މައުލޫމާތު، ދިވެހިރާއްޖޭގައިވާ އެ ގައުމެއްގެ ކުށްވެރިންނަށް މިނިސްޓަރު ދޭންވާނެއެވެ.

  1. ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީހު އަދި އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހު؛
  2. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ކުށްވެރިން ބަދަލުކުރެވޭނެ ށަރުޠުތައް؛
  3. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ކުށްވެރިން ބަދަލުކުރެވޭނޭ އިޖުރާއާތް؛
  4. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ބަދަލުކުރެވޭނެ ކުށްވެރިންގެ ހުކުމުގެ ބާކީބައި އެ ގއުމެއްގައި ތަންފީޒްކުރެވޭނެ ގޮތް؛
  5. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ބަދަލުކުރެވޭ ކުށްވެރިން އެ ގައުމަށް ބަދަލުކުރުމުގެ ހަރަދުގެ ޒިންމާ އުފުލަންޖެހޭނެ ގޮތް. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްލޫމާތުތައް ކޮމިށަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބުމުން، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒްކުރަމުންދާ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އެ އެއްބަސްވުން ނިސްބަތްވާ ގައުމުގެ ކުށްވެރިންނަށް އެ މައްލޫމާތުތައް ދިނުމަކީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަސްއޫލިއްޔަތެކެވެ.

 

ތިންވަނަ ބާބު

ބޭރު ޤައުމުތަކުގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމުގެ އިޖުރާއަތު

9 ވަނަ މާއްދާ - ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ހުށަހެޅުން

(ހ) ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި؛ 

  1. ދިވެހިރާއްޖެއިން އެގައުމެއްގެ ކަމާގުޅޭ އިދާރާގައި ލިޔުމުން ހުށަހެޅިދާނެއެވެ؛ ނުވަތަ
  2. ކުށްވެރިޔާ ހުކުމް ތަންފީޒްކުރަމުންދާ ގައުމުން ދިވެހިރާއްޖެއަށް ހުށަހެޅިދާނެއެވެ.

(ށ) ބޭރު ގައުމެއްގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި؛

  1. އެ ކުށްވެރިޔާއަށް އޭނާ ހުކުމް ތަންފީޒްކުރަމުންދާ ޤައުމެއްގެ ކަމާގުޅޭ އިދާރާއަކަށް ހުށަހެޅިދާނެއެވެ؛ ނުވަތަ
  2. ސީދާ މިނިސްޓަރަށް ލިޔުމުން ހުށަހެޅިދާނެއެވެ؛ ނުވަތަ

(ނ) ބޭރު ގައުމެއްގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި ކުށްވެރިޔާގެ ގާތްތިމާގެ މީހަކަށްވެސް މިނިސްޓަރަށް ލިޔުމުން ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެ ގައުމުން އެދުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ)ގެ (1)ގެ ދަށުން ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި އެ ގައުމެއްގެ ކަމާބެހޭ އިދާރާގައި އެދުމުން، އެ ގައުމުގެ ކަމާބެހޭ އިދާރާއިން އެކަމަށް އެދި މިނިސްޓަރަށް ހުށަހަޅަންވާނީ ޖަދުވަލު 3 ގައިވާ ފޯމު ފުރިހަމަކޮށްފައެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ހުށަހަޅާ ކޮންމެ ފޯމަކާއެކު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ނ) ބޭރު ގައުމެއްގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި ކުށްވެރިޔާގެ ގާތްތިމާގެ މީހަކަށްވެސް މިނިސްޓަރަށް ލިޔުމުން ހުށަހެޅިދާނެއެވެ.

  1. ކުށްވެރިޔާގެ ޕާސްޕޯޓުގެ ކޮޕީ:
  2. ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުކުރި ކޯޓުގެ ހުކުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ސޮއިކޮށް، ދޫކޮށްފައިވާ ކޮޕީއެއް؛
  3. ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅުނު ގޮތާއި، އެ ނިންމުމަށް ވާސިލުވުމުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ މައްޗަށް އެކުލެވޭ ބަޔާނެއް؛
  4. ކުށްވެރިޔާ ތަންފީޒްކުރަންޖެހޭ އަދަބުގެ ބާވަތާއި، އެ އަދަބުގެ މުއްދަތާއި، ހުކުމް ތަންފީޒްކުރަން ފެށި ތާރީހް؛
  5. ކުށްވެރިޔާ ތަންފީޒްކުރަންޖެހޭ އަދަބުގެ ބާވަތާއި، އެ އަދަބުގެ މުއްދަތާއި، ޙުކުމް ތަންފީޒްކުރަން ފެށި ތާރީހް؛
  6. ކުށްވެރިޔާ ކޮށްފައިވާ ކުށުގެ އަދަބު ކަނޑައަޅާފައިވާ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
  7. ކުށްވެރިޔާއަކީ އެ ގައުމުގެ ކަމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ޕެރޯލްގެ ދަށުން  ދޫކޮށްފައިވާ މީހެއް ކަމުގައިވާނަމަ، ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ އެކަން ހެކިކޮށްދޭ ރަސްމީ ލިޔުމެއް، އަދި އެ ގައުމުގެ ކަމާބެހޭ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
  8. ކުށްވަރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ރުހުންދޭ ކަމަށް ބަޔާންކޮށް އޭނާ ސޮއިކޮށްފައިވާ އިގްރާރު؛
  9. ކުށްވެރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ރުހުންދޭ ކަމަށް ބަޔާންކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތުން ސޮއިކޮށްފައިވާ އިގްރާރު؛
  10. ކުށްވެރިޔާ އެއްވެސް ސިއްޙީ ފަރުވާއެއް ހޯދަމުންދާނަމަ، އެ ފަރުވާއެއްގެ މައުލޫމާތު، އަދި ކުށްވެރިޔާ ރާއްޖެ ގެނައުމަށްފަހު އެ ފަރުވާ ދަމަހައްޓަން ބޭނުންވާނަމަ، އެކަން ބަޔާންކޮށް އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ހުށަހަޅާ ހުށަހެޅުން؛
  11. ހުށަހެޅުމަށް އަމަލުކުރުމަށް ކޮންމެހެން ބޭނުންވާނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ބެހޭގޮތުން ވެފައިވާ އެއްބަސްވުމެއްގައި ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އެ ލިޔުމެއްގެ އަސްލު އޮތީ އިނގިރޭސި ބަހުން ކަމުގައިނުވާނަމަ، އަސްލާ އެއްގޮތް ކަމަށް ބަޔާންކޮށް، އެ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ސޮއިކޮށްފައިވާ އެ ލިޔުމުގެ އިނގިރޭސި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި މިނިސްޓަރަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށްވެރިޔާ ސީދާ މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންވާނީ މިފަދަ ހުށަހެޅުންތައް ހުށަހެޅުމަށް އެ ކުށްވެރިޔާ ހުކުމް ތަންފީޒް ކުރަމުންދާ ގައުމުން ތައްޔާރުކޮށްފައިވާ ފޯމު ނުވަ ސީދާ މިނިސްޓަރަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުށަހެޅުންތަކާއެކުވެސް މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މިނިސްޓަރުގެ ހުއްދަ

(ހ) ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި މިނިސްޓަރަށް ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން މިނިސްޓަރު ދޭ ހުއްދަ އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދައިގެ ކޮޕީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހުއްދައިގެ ކޮޕީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބުމުން ކުށްވެރިޔާ ދިވެހިރާއްޖެއަށް ގެނައުމުގެ އިންތިޒާމު، ހަމަޖެއްސުމުގެ ގޮތުން ތިރީގައިވާ ކަންތައްތައް ކޮމިށަނަރ އޮފް ޕްރިޒަންސް ކުރަންވާނެއެވެ.

  1. ބޭރު ގައުމެއްގައި ހުކުމް ތަންފީޒްކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމުގައި ހިނގާނެ ހަރަދުތަކުގެ ޒިންމާ ދެ ގައުމުން އުފުލަންޖެހޭނީ ދިވެހިރާއްޖެއާއި ކުށްވެރިޔާ ހުކުމް ތަންފީޒް ކުރަމުންދާ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާގުޅޭ ގޮތުން ސޮއިކޮށް ތަސްދީގް ކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިންކަން ކުށްވެރިޔާ ހުރި ގައުމަށް އަދި ކުށްވެރިޔާއަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އަންގަންވާނެއެވެ.
  2. މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި ކުށްވެރިން ބަދަލުކުރުމުގެ ހަރަދުގެ ޒިންމާ ނަގަންޖެހޭ ގޮތް ބަޔާންކޮށްފައިނުވާނަމަ، ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ގެނައުމަށް ހިނގާނެ ހަރަދު އުފުލާނީ، ދިވެހި ސަރުކާރުންކަން ކުށްވެރިޔާ ހުރި ގައުމަށް އަދި ކުށްވެރިޔާއަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އަންގަންވާނެއެވެ.

(ރ) ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމުގައި އެ ކުށްވެރިޔާ ދިވެހިރާއްޖެއަށް ގެނައުމަށް ޚަރަދު ކުރަނީ ދިވެހި ސަރުކާރުންނަމަ، ކުށްވެރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރެވުމުން ދިވެހި ސަރުކާރުން އެދިއްޖެ ހާލަތެއްގައި ކުށްވެރިޔާގެ އެ ހަރަދު އަނބުރާ ދިވެހި ސަރުކާރަށް ދައްކާނެ ކަމަށް ކުށްވެރިޔާ އެއްބަސްވެ ހަރަދު އަނބުރާ ދައްކާނެ ގޮތް ހުށަހަޅާ ތާވަލު ހިމެނޭގޮތަށް ކުށްވެރިޔާ ސޮއިކޮށްފައިވާ އިގްރާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ހޯދަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ބޭރު ގައުމުތަކުގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުން

13 ވަނަ މާއްދާ - ދިވެހި ކުށްވެރިޔާއާ ހަވާލުވުން

(ހ) ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ޙުކުމް ތަންފީޒްކުރުމަށްޓަކައި ދިވެހިރާއްޖެއަށް ގެނެވުމުން އެ ކުށްވެރިޔާއާ ހަވާލުވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިޔާއާ ހަވާލުވާއިރު ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވޭތޯ ޔަގީންކުރަންވާނެއެވެ.

  1. ދިވެހި ކުށްވެރިޔާ ހުކުމް ތަންފީޒްކުރަމުންދިޔަ ގައުމުގެ ބަންދު އަމުރު؛
  2. ކުށްވެރިޔާއަކީ ކާކުކަން އަންގައިދޭ ލިޔުން.

 

14 ވަނަ މާއްދާ - ކުށްވެރިޔާގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް މިނިސްޓަރު އަމުރު ނެރުން

(ހ) ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، ބޭރު ގައުމެއްގައި ހުކުމް ތަންފީޒްކުރަމުންދިޔަ ދިވެހި ކުށްވެރިއަކު ދިވެހިރާއްޖެއަށް ބަދަލުކުރެވުމުން، އޭނާގެ މައްޗަށް އެ ގައުމުގައި ކޮށްފައިވާ ހުކުމް އެގޮތުގައި ދިވެހިރާއްޖޭގައި ތަންފީޒްކުރުމަށް ކޮމިށަނަރ އޮފް ޕްރިޒަންސްގެ މައްޗަށް އަމުރެއް މިނިސްޓަރު ނެރެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރު އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

15 ވަނަ މާއްދާ - ކުށްވެރިޔާގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުން

(ހ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ އޮފް ޕްރިޒަންސްގެ މައްޗަށް މިނިސްޓަރު ނެރޭ އަމުރު ލިބުމުން ކުށްވެރިޔާގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒްކުރުމަށްޓަކައި ތިރީގައިވާ ކަންތައްތައް ކޮމިށަނަރ އޮފް ޕްރިޒަންސް ކުރަންވާނެއެވެ.

  1. ކުށްވެރިޔާ ޖަލުގައި ބަންދުކުރުމާ ގުޅޭގޮތުން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން؛
  2. ކުށްވެރިޔާގެ މެޑިކަލް އެސެސްމަންޓް ފުރިހަމަކުރުން؛
  3. ކުށްވެރިޔާ ބަލައި ފާސްކުރުމަށްފަހު އޭނާގެ އަތުގައި ހުރި ޖަލަށް ވެއްދުން މަނާ ތަކެތި ނެގުން؛
  4. ކުށްވެރިޔާއާ ޖަލުގައި ހަވާލުކުރަންޖެހޭ އަސާސީ ތަކެތި ހަވާލުކުރުން؛
  5. ކުށްވެރިޔާ ޖަލަށް ތައާރަފު ކުރުން؛
  6. ކުށްވެރިޔާގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުން
  7. ކުށްވެރިޔާ، ޖަލުގައި ފުރިހަމަކުރަންޖެހޭ ޕްރޮގްރާމުތައް ކަނޑައަޅައި އެކަން ކުށްވެރިޔާއަށް އެންގުން.

(ށ) ހުކުމް ތަންފީޒްކުރުމަށްޓަކައި ދިވެހިރާއްޖެއަށް ބަދަލުކުރެވޭ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށްފަހު އެ ކުށްވެރިޔާއާ މެދު އަމަލުކުރާނީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގާނޫނު އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޖަލު އަމުރުތަކާއި ހުކުމް ތަންފީޒުކުރުމުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޢަމަލުކުރާ އެންމެހައި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

16 ވަނަ މާއްދާ - އަދަބު ބަދަލުކުރުން

ބޭރު ގައުމެއްގައި ހުކުމް ތަންފީޒްކުރަމުންދިޔަ ދިވެހި ކުށްވެރިޔެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، ދިވެހިރާއްޖޭގެ ގާނޫނުގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބާ ވަރަށް ބޮޑުތަން ތަފާތު އަދަބެއް ކަމުގައިވާނަމަ، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބާ އެ އަދަބު އެއްގޮތްކުރުމަށްޓަކައި، މައްސަލަ ހުށަހަޅާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ހަދާ ގަވާއިދުގެ ދަށުން އަދަބު ބަދަލުކުރުމަށް އެދި ކޮމިށަނަރ އޮފް ޕްރިޒަންސް ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެއެވެ.

 

17 ވަނަ މާއްދާ - އަދަބު ލުއިކުރުން

ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ކުށްވެރިޔަކަށް، އަދަބު ލުއިކޮށްދެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.

(ހ) ކުށްވެރިޔާ، ހުކުމް ތަންފީޒްކުރަމުންދިޔަ ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދީފިނަމަ، އޭނާގެ އަދަބު، އެގޮތުގެ މަތިން ދިވެހިރާއްޖެއިން ލުއިކޮށްދޭންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2/2010 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ ދަށުން އަދަބު ލުއިކޮށްދިނުމަށް ށަރުޠުހަމަވާނަމަ، އެ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާގެ އަދަބު، ލުއިކޮށްދެވިދާނެއެވެ.

 

18 ވަނަ މާއްދާ - މައާފުދިނުން

ގާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ދިވެހި ކުށްވެރިޔަކަށް، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގެ ދަށުން ނުވަތަ ބޭރު ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން މައާފުދީފިނަމަ، އޭނާގެ ހުކުމް ތަންފީޒްކުރުން ނިމުމަކަށް ގެނެސް، އޭނާ ބަންދުން ދޫކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

އެހެނިހެން

19 ވަނަ މާއްދާ - ޓްރާންޒިޓްކުރުން

(ހ) ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު އެހެން ބޭރު ގައުމަކަށް ބަދަލުކުރުމަށްޓަކައި ދަތުރުކުރާއިރު އެ ދަތުރުމަތީގައި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމަށް ބޭނުންވާނަމަ، ކުށްވެރިޔާ ޓްރާންޒިޓް ކުރުމުގެ ހުއްދައަށް އެދި ކުށްވެރިޔާ ގެންދެވޭ ގައުމަކަމުން ދިވެހިރާއްޖޭގައި ލިޔުމުން އެދެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިޔާ ޓްރާންޒިޓް ކުރުމުގެ ހުއްދައަށް އެދޭ ގައުމަކީ، ދިވެހިރާއްޖެއާއެކު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ  ގައުމަކަށްވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވާނަމަ، ކުށްވެރިޔާ ގެންދެވޭ ގައުމުގެ ކަމާބެހޭ އޮފިސަރެއްގެ ހަވާލުގައި، ދިވެހިރައްޖޭގައި އެ ކުށްވެރިޔާ  ޓްރާންޒިޓް ކުރުމުގެ ހުއްދަ މިނިސްޓަރަށް ދެވިދާނެއެވެ.

(ރ) މި  މާއްދާގެ (ނ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދަ ދޭންވާނީ ލިޔުމުންނެވެ.

(ބ) މި މާއްދާގެ (ނ) ގައި ބުނާ ކުށްވެރިޔާ ގެންދެވޭ ގައުމުގެ ކަމާބެހޭ އޮފިސަރަށް، ދިވެހިރާއްޖޭގެ ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ ކުށްވެރިޔާ ދަތުރުކުރާ އުޅަނދު ދިވެހިރާއްޖޭގައި ޖެއްސީއްސުރެ ނުވަތަ ބަނދަރުކުރީއްސުރެ ދިވެހިރާއްޖެއިން ފުރަންދެން، ކުށްވެރިޔާ ހައްޔަރުގައި ބަހައްޓަން ކޮމިށަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރު އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ހައްޔަރުގައި ބަހައްޓަންޖެހޭ ކުށްވެރިޔާ ހައްޔަރުގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާނެ ގޮތުގެ އުސޫލެއް ކޮމިށަނަރ އޮފް ޕްރިޒަންސް ލިޔުމުން ކަނޑައަޅަންވާނެއެވެ.

(އ) މި މާއްދާގެ ދަށުން ޓްރާންޒިޓް ކުރެވޭ ކުށްވެރިޔާ ދިވެހިރާއްޖޭގައި ހުންނަ ހުރުމާ ގުޅޭގޮތުން ހިނގާ ހަރަދަށް ޒިންމާވާނީ، ދިވެހިރާއްޖޭގައި އެ ކުށްވެރިޔާ ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދޭ ގައުމުންނެވެ.

(ވ) ރާއްޖޭގައި ޓްރާންޒިޓްކުރަން އެދޭ ކުށްވެރިޔާއާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ފުރިހަމަވާނަމަ، އޭނާ ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދަ ނުދީ މިނިސްޓަރަށް ހިފެހެއްޓިދާނެއެވެ.

  1. އޭނާއަކީ، ދިވެހިރައްޔިތެއް ކަމުގައިވުން؛
  2. އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައިނުވުން؛
  3. އޭނާއަކީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަ ނޑައަޅާފައިވާ ކުށެއް ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކުރުމުގެ ސަބަބުން ހޯދަމުންދާ މީހެއްކަމުގައިވުން.

 

20 ވަނަ މާއްދާ - އާންމު މާއްދާ

މި ގަވާއިދުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައިނުވާ ކަންތައްތަކުގައި އަމަލު ކުރާނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ދިވެހިރާއްޖެއާއި އެގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމަށެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 -------------------

 

(ޖަދުވަލު 1،2،3،4 އަދި 5، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

 

އުވާލެވުނު ގަވާއިދު

ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 74/2021)

 

މައި ގާނޫނު

ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 38/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު