-

ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 159/2015)

(މި ގަވާއިދުން ވަނީ "ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު (2009) އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރަފު

މި ގަވާއިދަކީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އަދި ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ގެ ދަށުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ، ޕޮލިސް ރިކޯޑަށް އެދުމާއި، ރިކޯޑު ދޫކުރުމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. މިގަވާއިދަށް ކިޔާނީ "ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިންގައި ތަންފީޒު ކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދު ގެ މަގުސަދަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރިކޯޑުކުރެވިފައިވާ ފަރުދުންނާއި އެނޫންވެސް ފަރާތްތަކުން ކުރާ ކުށާބެހޭ މައުލޫމާތު ރައްކައުތެރިކޮށް ބެލެހެއްޓުމާއި އެފަދަ މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ބަޔާންކޮށް، އެ މައުލޫމާތު ހާމަކުރުމުގައި ގެންގުޅޭނެ މިންގަ ނޑުތަކާއި ހަމަތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - މައުލޫމާތު ލިބިގަތުމުގެ ހައްގު

ކޮންމެ މީހަކަށްމެ، އެމީހަކާ ގުޅޭ ގޮތުން، މޯލްޑިވްސް ޕޮލިސް ސާރވިސްގައި ރިކޯޑުކުރެވިފައިވާ މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ. 

 

5 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ދިވެހިރާއްޖޭގައި ހިނގާ ޖިނާއީ ކުށްތައް ހޯދައި، ދެނެގަނެ ތަހުގީގު ކުރުމުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި، ކުށާ ގުޅުން ހުރި ހެތްކާ ގުޅޭ މައުލޫމާތު ލިޔުމުންނާއި، ޑިޖިޓަލްކޮށް ރިކޯޑުކޮށް ބެލެހެއްޓުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ރިކޯޑަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރިކޯޑު ހޯދުމަށް އެދި އާއްމުންނަށް ހިދުމަތް ދިނުމަށް ގާއިމުކުރެވިފައިވާ ފުލުހުންގެ ކޮންމެ މަރުކަޒަކަށްވެސް ހުށަހެޅިދާނެއެވެ. ރިކޯޑު ސާފުކުރުމަށް އެދި ހުށަހެޅޭނީ އަންނަނިވި ގޮތްތަކުގެ މަތިންނެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައިވާ "ޕޮލިސް ސެޓުފިކެޓުއަށް އެދޭ ފޯމު" އިން؛
  2. ދައުލަތުގެ ނުވަތަ އަމިއްލަ އިދާރާއަކުން ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ލިޔުމުން.
  3. ދައުލަތުގެ ނުވަތަ އަމިއްލަ އިދާރާއަކުން ރިކޯޑު ސާފުކުރުމަށް އަމިއްލަ ފަރާތަކަށް ދޫކުރާ ލިއުމުން.

(ށ) މި މާއްދާގެ (ހ) ގެ (2) އަދި (3) ގައިވާ ފަދައިން މީހެއްގެ ރިކޯޑު ސާފުކުރުމަށް އެދޭނަމަ ތިރީގައިވާ މައުލޫމާތު، އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

  1. ދިވެހި ރައްޔިތެއްނަމަ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ބިދޭސީއެއްނަމަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.

 

7 ވަނަ މާއްދާ - ރިކޯޑަށް އެދި ހުށަހެޅުމުން އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދު ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅައިފިނަމަ، ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި ގިނަވެގެން 5 ދުވަހުގެ ތެރޭގައި ރިކޯޑު ސާފުކުރުމަށްފަހު، އެ މީހެއްގެ ރިކޯޑެއް އޮތްކަން ނުވަތަ ނެތްކަން ބަޔާންކުރާ ލިޔުމެއް ދޫކުރަން ވާނެއެވެ.

(ށ) އެ މީހެއްގެ ރިކޯޑު ސާފުކުރުމުގައި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 5 ދުވަހަށް ވުރެ އިތުރު މުއްދަތެއް ހިނގާނަމަ ރިކޯޑު ސާފުކުރަން ބޭނުންވާ ފަރާތަށް، ރިކޯޑު ސާފުކުރުން ލަސްވި ސަބަބާއި، ރިކޯޑު ސާފުކޮށްދެވޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތު ލިޔުމުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަ ނުވާ ހުށަހެޅުން

(ހ) ރިކޯޑެއް ސާފުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މި ގަވާއިދުގައި ބަޔާންކުރާ މައުމޫލާތު ފުރިހަމަ ނުވާނަމަ އެ ހުށަހެޅުމަކީ ފުރިހަމަ ނޫން ހުށަހެޅުމެއް ކަމަށް ނިންމައި، އެފަދަ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހުތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. އަދި، އެފަދަ ހުށަހެޅުން ބާތިލުކޮށް، އެއަށް އަމަލު ނުކުރުމުގެ އިހުތިޔާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ބާތިލުކޮށް، އެއަށް އަމަލު ނުކުރުމަށް ނިންމައިފިނަމަ، ބާތިލުކުރި ސަބަބު ބަޔާންކޮށް، ރިކޯޑު ސާފުކުރަން ބޭނުންވާ ފަރާތަށް ލިއުމުން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ރިކޯޑު ދިނުން ފަސްކުރުން

(ހ) ތަހުގީގު ހިނގަމުންދާ މައްސަލައެއްގައި އެ މީހެއްގެ ޕޮލިސް ރިކޯޑު ސާފުކޮށް ދިނުމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިދާނެ ހާލަތުގައާއި، ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެކަމަށް ބެލެވޭ މީހެއް ނުވަތަ ބައެއްގެ މައްޗަށް ސިއްރިޔާތުގައި ހިންގަމުންދާ ތަހުގީގަކާ ގުޅޭ ރިކޯޑު، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުދީ ހިފެހެއްޓުމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިކޯޑު ދިނުން ފަސްކުރަން ޖެހިއްޖެ ހާލަތެއްގައި، ފަސްކުރަންވީ މުއްދަތު ކަނޑައަޅާނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެވަގުތަކު މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގުމާއި ހަވާލުވެ ހުންނެވި އެންމެ އިސް އޮފިސަރެކެވެ.

 

10 ވަނަ މާއްދާ - ރިކޯޑު ދެވޭނެ ގޮތްތައް

މިގަވާއިދުގެ ދަށުން ދޫކުރެވޭ ރިކޯޑު ދޫކުރެވޭނީ އަންނަނިވި ގޮތްތަކަށެވެ.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފޯމުން ޕޮލިސް ރިކޯޑު ސާފުކުރުމަށް އެދޭ ފަރާތްތަކަށް، ޕޮލިސް ރިކޯޑު ސާފުކޮށްދިނުމަށްފަހު ޕޮލިސް ސެޓުފިކެޓު ދޫކުރުން؛

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (2) އަދި (3) ވަނަ ނަންބަރުގައިވާ ލިއުމުން ރިކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކަށް، އެ ލިއުމުގައި ޕޮލިސް ރިކޯޑު އޮތްކަން ނުވަތަ ނެތްކަން ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތައްގަ ނޑު ޖަހައި ސޮއިކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ލިއުމުގައި ޕޮލިސް ރިކޯޑު އޮތްކަން ބަޔާންކޮށްފިނަމަ، މި ލިއުމާއެކު ޕޮލިސް ރިކޯޑުގެ ތަފުސީލު ހިމެނިފައވާ ލިއުމެއް ދޫކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ރިކޯޑު ސާފުކުރުމުގައި ބެލޭނެ ކަންތައްތައް

މި ގަވާއިދުގެ ދަށުން ރިކޯޑު ސާފުކުރުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ ޖިނާއީ ކުށުގެ މައްސަލައެއްގައި އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ހިނގަމުންދިއުން؛

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގުކޮށް ޝަރީއަތް މެދުވެރިކޮށް ގޮތެއް ނިންމައިދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވުން.

 

12 ވަނަ މާއްދާ - ރިކޯޑު ސާފުކުރުމުގައި ބެލެވޭނެ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ރިކޯޑު ސާފުކުރުމަށް އެދޭ ފަރާތުގެ ރިކޯޑު ސާފުކުރުމުގައި، ބަލާނީ ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި 3 އަހަރުގެ މުއްދަތަށެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ވާގޮތަށް ދައުލަތުގެ އިދާރާއަކުން ރިކޯޑު ސާފުކުރުމަށް ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ރިކޯޑު ސާފުކޮށްދިނުމަށް އެދިފައިވާނަމަ، އެ މުއްދަތަކަށް ރިކޯޑު ސާފުކޮށްދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

13 ވަނަ މާއްދާ - ހެކި ނެތިގެން ފައިލުކުރެވޭ މައްސަލަ ރިކޯޑުގައި ނުހިމެނުން

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގި ތަހުގީގެއްގައި ކުށުގެ ތުހުމަތު ކުރެވުނު މީހެއްގެ މައްޗަށް، ޝަރީއަތައް ހުށަހެޅޭވަރަށް ހެކި ނެތިގެން، އެ މައްސަލައެއްގެ ތަހުގީގު ނިންމާފައިވާނަމަ އެ މައްސަލައެއްގެ މައުލޫމާތު، މި ގަވާއިދުގެ ދަށުން ސާފުކޮށްދެވޭ ރިކޯޑެއްގައި ނުހިމެނޭނެއެވެ.

 

14  ވަނަ މާއްދާ - ހުކުމް ތަންފީޒުކޮށް ނިމިފައިވާ މައްސަލަ ރިކޯޑުގައި ނުހިމެނުން

މި ގަވާއިދުގެ 11 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް، އެ މީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތް ނިމި އެ މައްސަލައިގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާކަން ބަޔާންކޮށް ތަންފީޒު ކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީލިއުމެއް ރިކޯޑު ސާފުކުރަން އެދޭފަރާތުން ހުށަހަޅައިފިނަމަ، ނުވަތަ އެ އިދާރާއަކުން މި ސަރވިސްއަށް ފޮނުވައިފިނަމަ، އެމައްސަލައެއްގެ މައުލޫމާތު މި ގަވާއިދުގެ ދަށުން ސާފުކޮށްދެވޭ ރިކޯޑެއްގައި ނުހިމެނޭނެއެވެ.

 

15 ވަނަ މާއްދާ - ތިންވަނަ ފަރާތެއްގެ މައުލޫމާތު ހާމަކުރުން

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (2) ގައި ވާގޮތަށް އަމިއްލަ އިދާރާއަކުން، ތިންވަނަ ފަރާތެއްގެ ރިކޯޑު ސާފުކުރުމަށް ހުށަހަޅާނަމަ، އެފަރާތުގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިއުމެއް އެފަދަ ހުށަހެޅުމަކާއެކު ހުށަހަޅަންވާނެއެވެ.  

 

16 ވަނަ މާއްދާ - ރިކޯޑުގައި ހިމެނޭނެ މައުލޫމާތު

(ހ) މި ގަވާއިދުގެ ދަށުން ރިކޯޑު ސާފުކޮށްދެވޭ ލިޔުމެއްގައި އެ ރިކޯޑު ސާފުކުރެވޭ މީހާގެ އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ނަމާއި ދާއިމީ އެޑްރެސް އަދި ގައުމީ ނިސްބަތް؛
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު؛
  3. އުފަން ތާރީހު ނުވަތަ އުމުރު؛
  4. އެ މީހެއްގެ މައްޗަށް ހުށަހެޅި ތަހުގީގު ހިނގަމުންދާ ޖިނާއީ ކުށުގެ ތުހުމަތުގެ މައްސަލައެއްވާނަމަ އެކަން؛
  5. އެމީހަކާ މެދު ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވާފައިވާނަމަ އެކަން؛
  6. ބިދޭސީއެއްނަމަ ދިވެހިރާއްޖޭގައި ދިރިއުޅެފައިވާ މުއްދަތު ނުވަތަ ވަޒީފާއަދާކޮށްފައިވާ މުއްދަތު؛
  7. ޕާސްޕޯޓް ސައިޒުގެ ފޮޓޯ؛

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ރިކޯޑު ސާފުކޮށްދެވޭ ލިޔުމެއްގައި އެ ރިކޯޑު ސާފުކުރެވޭ މީހާގެ އަންނަނިވި މައުލޫމާތު ހިމަނަން ވާނެއެވެ.

  1. ނަމާއި ދާއިމީ އެޑްރެސް އަދި ގައުމީ ނިސްބަތް؛
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު؛
  3. އުފަން ތާރީހު ނުވަތަ އުމުރު؛
  4. އެ މީހެއްގެ މައްޗަށް ހުށަހެޅި ތަހުގީގު ހިނގަމުންދާ ޖިނާއީ ކުށުގެ ތުހުމަތުގެ މައްސަލައެއްވާނަމަ އެކަން؛
  5. އެމީހަކާ މެދު ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވާފައިވާނަމަ އެކަން. 

17 ވަނަ މާއްދާ - ޕޮލިސް ރިކޯޑުގެ ގޮތުގައި ނުހިމެނޭ މައުލޫމާތު

މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރައްކާކުރެވިފައި ހުންނަ ލިޔެކިޔުމުގެ ނަކަލެއް އާއްމުފަރާތަކުން ހޯދަން ބޭނުންވެގެން އެދިއްޖެނަމަ އަންނަނިވި ހާލަތްތަކުގައި އެ ރިކޯޑެއް ދޫކުރެވިދާނެއެވެ.

(ހ) ހޯދަން އެދޭ ލިޔެކިޔުމަކީ އެ ލިޔެކިޔުން ހޯދަން އެދޭ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ އެއްވެސް މައުލޫމާތެއް ހިމެނޭ ލިޔެކިޔުމަކަށް ނުވުން.

(ށ) ފުލުހުންގެ ތަހުގީގެއް ހިނގަމުންދާ ނުވަތަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ މައްސަލައަކާ ގުޅުންހުރި ލިޔެކިޔުމަކަށް ނުވުން.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެއްކުރެވިފައިވާ އިންޓެލިޖަންސް މައުލޫމާތަކަށް ނުވުން.

 

18 ވަނަ މާއްދާ - އިންފޮމޭޝަން އޮފިސަރ

(ހ) އިންފޮމޭޝަން އޮފިސަރ ކަނޑައަޅާނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެ ވަގުތަކު މޯލްޑިވްސް ސަރވިސް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް އޮފިސަރެކެވެ.

(ށ) މި ގަވާއިދުގައި އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި ގަވާއިދުގެ ދަށުން މައުލޫމާތު ހޯދުމަށް ހުށަހަޅާއިރު ދިމާވާ މައްސަލަތައް ހައްލުކުރުމަށް، ގޮތް ނިންމާނީ އިންފޮމޭޝަން އޮފިސަރެވެ.

 

19 ވަނަ މާއްދާ - ރިކޯޑު ރަނގަޅުކޮށް ދިނުމަށް އެދި ހުށަހެޅުމުގެ ހައްގު

(ހ) މި ގަވާއިދުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގައިވާ މައުލޫމާތު ސާފުކުރުމަށްފަހު ދޫކުރެވޭ ލިޔުމެއްގައިވާ މައުލޫމާތަކީ އެ މައުލޫމާތު ނިސްބަތްވާ ފަރާތުން ދެކޭ ގޮތުގައި ސައްހަ ނޫން، ތެދު ނޫން ނުވަތަ ފުރިހަމަ ނުވާ މައުލޫމާތެއް ނަމަ އެ ރިކޯޑު އިސްލާހު ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުގެ އިހުތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން، ރިކޯޑު އިސްލާހުކުރުމަށް އެދި ހުށަހަޅާއިރު އެފަދައިން ހުށަހަޅާ ސަބަބު ހާމަކުރަން ވާނެއެވެ. އަދި، އެ ހުށަހެޅުމަށް ބާރުލިބިދޭނެ އެއްވެސް ދަލީލެއް ވާނަމަ އެކަން ހާމަކޮށް، އެ އެއްޗެއް ނުވަތަ ތަކެތި ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި، އެ އެއްޗެއް ނުވަތަ ތަކެތި ހުށަހަޅަން ވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ މައުލޫމާތަކާ ގުޅޭގޮތުން، ހިތްހަމަ ނުޖެހިގެން ހުށަހަޅާ ޝަކުވާތަށް ބަލާނީ މުރާޖައާ ކޮމިޓީންނެވެ.

 

20 ވަނަ މާއްދާ - ސައްހަކަން ކަށަވަރު ނުވާ މައުލޫމަތު ބަދަލު ނުކުރުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ރިކޯޑު ބަދަލު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް ހުށަހެޅިފައިވާ ހުށަހެޅުމުގައި ހިމެނޭ މައުލޫމާތަކީ ސައްހަ އަދި ތެދު މައުލޫމާތު ކަމަށް ކަށަވަރު ނުވާނަމަ އެ މައުލޫމާތުގެ މައްޗަށް ބަލައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިކޯޑު ބަދަލު ނުކުރުމުގެ އިހުތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - މުރާޖައާ ކޮމިޓީ އެކުލަވައިލުން

(ހ) މުރާޖައާ ކޮމިޓީއަށް މެންބަރުން ކަނޑައަޅާ، އައްޔަނުކުރުމާއި، ކޮމިޓީއަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން ކޮމިޓީގެ މުގައްރިރު ކަނޑައަޅާނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެ ވަގުތަކު މޯލްޑިވްސް ސަރވިސް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް އޮފިސަރެކެވެ.

(ށ) މުރާޖައާ ކޮމިޓީ އެކުލެވިގެން ވަނީ 5 މެންބަރުން މައްޗަށެވެ.

(ނ) މި ކޮމިޓީއަށް މެންބަރުން ކަނޑައަޅާއިރު އަންނަނިވި ދާއިރާތަކުން މެންބަރުން އައްޔަން ކުރަންވާނެއެވެ.

  1. ގާނޫނީ ދާއިރާ
  2. ކުށުގެ ރިކޯޑު ބަލަހައްޓާ ޑިޕާޓްމަންޓުގެ ހެޑް ނުވަތަ ޑެޕިއުޓީ ހެޑް
  3. ކްރައިމް ކޮމާންޑުގެ ހެޑް ނުވަތަ ޑެޕިއުޓީ ހެޑް
  4. ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުގެ ހެޑް ނުވަތަ ޑެޕިއުޓީ ހެޑް
  5. މިނޫން ދާއިރާއަކުން ކަނޑައަޅާ މެންބަރެއް

(ރ) ކޮމިޓީގެ ބައްދަލުވުމެއް ނުވަތަ އަޑުއެހުމެއް ބޭއްވޭނީ މަދުވެގެން ކޮމިޓީއަށް ކަނޑައެޅިފައިވާ ޖުމުލަ މެމްބަރުންގެ ތެރެއިން 3 މެންބަރުންނަށްވުރެ މަދުނޫން އަދަދަކަށް މެންބަރުން ހާޒިރުވެގެންނެވެ.

 

22 ވަނަ މާއްދާ - ކޮމެޓީ ހިންގުން

(ހ) ކޮމިޓީގެ ބައްދަލުވުމަށް ޝަކުވާއެއް އެޖެންޑާ ކުރުމުން އެ ޝަކުވާއަށް ގޮތެއް ނިންމުމަށްޓަކައި ލަސްވެގެން 72 ގަޑިއިރުގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ށ) ހުށަހަޅާފައިވާ ޝަކުވާއާމެދު ކޮމިޓީއިން ގޮތެއް ނިންމުމުގައި މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ނިންމާނީ ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ނުވަތަ އަޣުލަބިއްޔަތުންނެވެ.

(ރ) މުރާޖައާ ކޮމިޓީއަށް ޝަކުވާ ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅާ ފަރާތަށް ޖަވާބު ދޭންވާނެއެވެ.

(ބ) މުރާޖައާ ކޮމިޓީގެ މަސައްކަތާ ގުޅިގެން ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރާނީ ކުށުގެ ރިކޯޑު ބަލަހައްޓާ ޑިޕާޓްމަންޓުންނެވެ. ކޮމިޓީގެ ސެކްރެޓެރިއޭޓުގެ ގޮތުގައި މުވައްޒަފަކު ކަނޑައަޅައި، ކޮމިޓީގެ އިދާރީ ހިންގުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް ކުށުގެ ރިކޯޑު ބަލަހައްޓާ ޑިޕާޓްމަންޓުން މަގުފަހި ކޮށްދޭންވާނެއެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

3 .މި ގަވާއިދުގެ މަގުސަދަށްޓަކައި "އިންފޮމޭޝަން އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދުމަށް އެދޭ މައުލޫމާތެއް ދޫކުރުމާ މެދު އުފެދޭ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައްލުކޮށް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅާފައިވާ ފަރާތެވެ.

 

24 ވަނަ މާއްދާ - ފީނެގުން 

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް މައުލޫމާތު ސާފުކޮށް ދެވޭނީ މި ގަވާއިދުގެ ދަށުން ރިކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމާއެކު 50 (ފަންސާސް) ދިވެހި ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ހުށަހެޅުމުންނެވެ.

 

25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށުމުން ގަވާއިދު ނަންބަރު 01-2009/81-MPS (ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު) އުވުނީއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

 

އުވާލެވުނު ގަވާއިދު

ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު (2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު