-

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 ޖެނުއަރީ 2021 ގައި)

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-08)

 

ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -

ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 7 ގެ ފަހަތަށް އަންނަނިވިގޮތަށް ޖަދުވަލެއް އިތުރުކުރުން.

 

ޖަދުވަލު 8

ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

 

ތައާރުފާއި ނަން 1.

(ހ) މިއީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 110/2019 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ ހިލާފަށް ސިޔާސީ ޕާޓީއަކުން ނުވަތަ އެނޫންވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން އިލެކްށަންސް ކޮމިށަނުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތައް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

ފިޔަވަޅުތައް 2.

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާ ހިލާފުވާ ފަރާތްތަކާމެދު، އެ ގާނޫނުގެ ދަށުން، އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސިޔާސީ ޕާޓީތައް ޖޫރިމަނާކުރުން.

(ށ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) އާއި، 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ގާނޫނާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރުން.

(ނ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް އުވައިލުން.

 

ފިޔަވަޅު އެޅުމުގެ ކުރިން ކުރަންޖެހޭ ކަންކަން 3.

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ދަށުން އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، އަންނަނިވި އިޖުރާއަތުތައް ފުރިހަމަ ކުރަންވާނެއެވެ.

  1. އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އެޅުމަށް ނިންމައިފައިވަނީ ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ނުވަތަ ގަވާއިދު ނަންބަރު 110/2019 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ މާއްދާއަކާ ހިލާފުވެގެންކަން ކަށަވަރުކުރުން؛
  2. ކަމާ ގުޅުންހުރި އިދާރާއަކުން ނުވަތަ ސެކްށަނުން އެ މައުލޫމާތު ލިޔުމުން ހޯދުން؛
  3. ފިޔަވަޅު އެޅުމުގެ ކުރިން، ފިޔަވަޅު އެޅޭ ފަރާތެއް ޖަވާބުދާރީ ކުރުވުން.
  4. ފިޔަވަޅު އެޅުމަށް ހުށަހަޅާއިރު، މައްސަލައާ ގުޅުންހުރި ސާބިތު ހެކި ހުރިކަން ޔަގީންކުރުން.

 

ފިޔަވަޅު އަޅާ މީހާ ނުވަތަ ޕާޓީ ޖަވާބުދާރީ ކުރުވުން 4.

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ ދަށުން ސިޔާސީ ޕާޓީއަކާމެދު ނުވަތަ އެނޫންވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން، ގާނޫނާ ނުވަތަ ގަވާއިދާ ހިލާފުވިކަމަށް ބެލެވޭ މައްސަލައެއްގައި އެކަން ހިނގައިފައިވާ ގޮތް ކަށަވަރުކުރުމަށާއި، މައްސަލައާ ގުޅިގެން އެ ފަރާތުގެ ބަހެއް ހޯދުމަށް ޓަކައި، އެ ފަރާތަކާ ސުވާލުކޮށް، އެ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުގައި، އެ ފަރާތަކުން، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ނުވަތަ ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ ހިލާފުވިކަމަށް ތުހުމަތުކުރެވޭ ހާދިސާއާ ގުޅޭ މައުލޫމާތު ދިނުމަށްފަހު، ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ، އެ ފަރާތެއްގެ ދިފާއުގައި ދައްކަންހުރި ވާހަކައެއް ދައްކަން ނުވަތަ ސާބިތު ހެއްކަކާއެކު އެ މައްސަލައެއްގައި ލިޔުމުން ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޖަވާބުދާރީވުމަށް ދޭ މުއްދަތު ހަމަވާއިރު ޖަވާބުދާރީ ވެފައި ނުވާނަމަ، އެ ފުރުސަތު ދޫކޮށްލީކަމަށް ބަލައި، ކޮމިށަނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތިން، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

ފިޔަވަޅު އެޅުމަށް ކޮމިށަނުން ނިންމުން 5.

(ހ) ސިޔާސީ ޕާޓީއަކާމެދު ނުވަތަ މީހަކާމެދު ފިޔަވަޅު އެޅުމަށް ކޮމިށަނުން ނިންމާއިރު، އެ ފަރާތަށް ޖަވާބުދާރީވުމަށް ދީފައިވާ ފުރުސަތުގައި އެ ފަރާތުން ދައްކައިފައިވާ ވާހަކަތަކަށާއި، ލިޔުމެއް ހުށަހަޅައިފައިވާނަމަ، އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއެއް ނުވަތަ އެނޫންވެސް ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ކޮމިށަނުން ނިންމާ ނިންމުމަކަށް ވާސިލުވި އެންމެހައި ސަބަބުތައް ބަޔާންކޮށް، ފިޔަވަޅު އެޅޭ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

ލިޔުމުން ރިކޯޑު ބެލެހެއްޓުން 6.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ ހިލާފުވެގެން ފިޔަވަޅު އެޅުމަށް ނިންމޭ މައްސަލައެއްގައި ކަން ހިނގައިފައިވާ ގޮތާއި، މައްސަލައިގައި ހިމެނޭ ފަރާތަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި އެ ފަރާތަކުން ދީފައިވާ ޖަވާބާއި، މައްސަލައިގައި ނިންމި ނިންމުމާއި، އެ ނިންމުމާ ހަމައަށް ވާސިލުވި ސަބަބުތަކާއި، މައްސަލައާ ގުޅޭ އެންމެހައި ކަންކަން ލިޔުމުން ރިކޯޑުކުރެވި ބަހަލައްޓަންވާނެއެވެ.

އުސޫލަށް ޢަމަލުކުރަން ފެށުން 7.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، އިލެކްށަންސް ކޮމިށަނުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

2. ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-110)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު