-

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ނަންބަރު 2020-20) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-01)

 

ގަވާއިދު ނަންބަރު 2020-20 (ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -

ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތަޢާރަފާއި ނަން 1.

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި، ބަލާނެ މިންގަނޑުތަކާއި، އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ގާނޫނީ ވަކީލެއްގެ ކިބައިގައި ހުންނަންޖެހޭ ށަރުތެެއް އުނިވުން 2.1

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ކިބައިން މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެެއް އުނިވެއްޖެކަން، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އެނގިއްޖެނަމަ، އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، ގާނޫނީ ވަކީލެއްގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ސާބިތުވެއްޖެކަން، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އެނގިއްޖެނަމަ، އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެއެވެ.

  1. ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 210 ވަނަ ބާބު (ވައްކަމުގެ ކުށް) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  2. ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 310 ވަނަ ބާބު (ސައް ހަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުން) ގައި ބަޔާންކޮށްފައިވާ ކުށެއް؛

(ނ) މި މާއްދާގެ ދަށުން ގާނޫނީ ވަކީލެއްގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓައިފިނަމަ، އެ ވަކީލަކަށް އަލުން ހުއްދަ ދޫކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ޖިނާއީ ބޮޑު ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ވުން؛
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބރުގައި ބަޔާންކޮށްފައިވާ ކުށެއް ކަމުގައި ވާ ނަމަ، އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން؛
  3. މަތީ މަރު ހަލާގެ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލުކުރުން؛
  4. ސާބިތު ދަރަނީގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަން ސާބިތު ކޮށްދިނުމުން؛
  5. ހުއްދަ ހިފެހެއްޓުނީ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރުން ލާޒިމް ށަރުތެެއް އުނިވެގެން ކަމުގައި ވާ ނަމަ، އެ ށަރުތެެއް ފުރިހަމަވާކަން ސާބިތު ކޮށްދިނުމުން.

 

3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު