-

ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 162/2015)

 

ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދާއި އަދި ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (49/2013) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދާއި ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ އިސްލާހުގައި "ކޮޓަރި" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއް "ކޮޓަރި ނުވަތަ ކެބިން" މިގޮތަށް ބަދަލުކުރުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓޫރިސްޓް އުޅަނދުގައި ޓޫރިސްޓުން ބޭތިއްބުމަށް ވަކިވަކިން ކޮޓަރިހަދާފައި ނުވަތަ ކެބިން ހަދާފައި ހުންނަންވާނެއެވެ.

(ށ) ކޮންމެ ކޮޓަރިއެއް ނުވަތަ ކެބިންއެއްވެސް ހުންނަންޖެހޭނީ ވަކިންނެވެ.

(ނ) ކޮންމެ ކޮޓަރިއެއް ނުވަތަ ކެބިންއެއްވެސް ހުންނަން ވާނީ އެކަށީގެންވާގޮތަށް ވެންޓިލޭޓުކުރެވޭ ގޮތަށް ހެދިފައެވެ.

(ރ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮންމެ ކޮޓަރިއެއް ނުވަތަ ކެބިންނެއް ހުންނަން ވާނީ ތިރީގައި މިވާ ފަރުނީޗަރާއި ފިޓިންގްސްއާއެކު ތިރީގައި މިވާ މިންގަނޑުތަކަށް ހެދިފައެވެ.

  1. އެކަށީގެންވާގޮތަށް ހިނގާބިނގާވެ އުޅުމަށް އުނދަގޫނުވާގޮތަށް ކިތަންމެ ގިނަ އެނދެއްވެސް ބެހެއްޓިދާނެއެވެ.
  2. ކޮންމެ އެނދެއްގައި ފެންވަރު ރަނގަޅު ތުނި ނޫން، އިސްޕަންޖު ނުވަތަ ސްޕްރިންގ ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން ހަދާފައިވާ ގޮދަޑިއެއް އޮންނަންވާނެއެވެ. އަދި ކޮންމެ ގޮދަނޑިއެއްގައި އޮންނަންވާނީ ބެޑްށީޓު އަޅާފައެވެ. އެނދުމަތީގައި އަޅާފައި އޮންނަ ބެޑްށީޓުގެ އިތުރުން ކޮންމެ އެނދަކަށް ގައިމަތީގައި އަޅާނެ ފޮތިގަނޑެއް އޮންނަންވާނެއެވެ.
  3. ސްޕޮންޖް، ކަފަ ނުވަތަ މިފަދަ އެހެން އެއްޗެއް އަޅައިގެން ހަދާފައިވާ ފެންވަރު ރަނގަޅު ބާލީސް، ބާލީސް އުރައާއެކު ކޮންމެ ގެސްޓަކަށް 2 ބާލީހުގެ ނިސްބަތުން ކޮޓަރީގައި ހުންނަންވާނެއެވެ.
  4. ކޮނޑު އެޅުވޭގޮތަށް ހުންނަ، ހެދުން ބަހައްޓާ އަލަމާރި (ވޯރޑްރޯބް) ކޮންމެ ޓޫރިސްޓަކަށް ހެދުން އަޅުވާ 2 ކޮނޑާއެކު، ހުންނަންވާނެއެވެ.
  5. ކޮޓަރިތެރެ ނުވަތަ ކެބިންތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  6. ކޮންމެ ކޮޓަރިއެއްގައި ނުވަތަ ކެބިންއެއްގައި ކަރަންޓު ނެގޭގޮތަށް ސޮކެޓް ސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ.
  7. ގެސްޓުން ތިބޭ ކޮޓަރިތައް ނުވަތަ ކެބިންތައް ހުންނަން ވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާގޮތަށެވެ. ކޮޓަރި ނުވަތަ ކެބިން އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ.
  8. ކޮޓަރި ނުވަތަ ކެބިންގެ އެތެރޭގައި ދުނަފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ދުނަފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއްކަން އަންގައިދޭ ނިށާން ކޮޓަރީގައި ނުވަތަ ކެބިންގައި ހަރުކުރަންވާނެއެވެ.
  9. ކޮޓަރި، ކެބިން ނުވަތަ ފާހަނާ ތެރޭގައި މަތިޖަހައި ލެއްޕޭނެގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ.
  10. ކޮންމެ ކޮޓަރިއެއްގައި ނުވަތަ ކެބިންއެއްގައި ސާފު ބޯފެން ލިބެން ހުންނަންވާނެއެވެ.
  11. ކޮންމެ ކޮޓަރިއެއް ނުވަތަ ކެބިންއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓަކާޢި ޓޯޗެއް އޮންނަންވާނެއެވެ.
  12. އަލިފާނުގެ ހާދިސާއެއްގައި ކަންކުރަންވީ ގޮތާއި އިމަޖެންސީ ހާލަތެއްގައި އުޅަނދު ދޫކޮށް ފައިބަން ޖެހިއްޖެނަމަ ކަންތައްތައް ކުރާނެގޮތް (އެބަންޑަން ށިޕް ޕްރޮސީޖަރ) ކުރެހުމާއެކު އިނގިރޭސި ބަހުން ލިޔެ ކޮންމެ ކޮޓަރިއެއް ނުވަތަ ކެބިންއެއްގެ ވަންނަ ދޮރުގެ އެތެރެ ފަރާތުގައި ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލަހު ކުރުން.

(ހ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައި ހުންނަ އުޅަނދުގައި ކޮންމެ 6 (ހައެއް) ގެސްޓަކަށް 1 (އެކެއް) ފާހާނާ ހުންނަންވާނެއެވެ.

(ށ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައި ހުންނަ ކޮޓަރި ނުވަތަ ކެބިންގައި ހުންނަ ކޮންމެ ފާހާނާއެއް ހުންނަން ވާނީ ތިރީގައި މިވާ ސާމާނާއި ފިޓިންގްސްއާއެކު ތިރީގައި މިވާ މިންގަނޑަށް ހަދާފައެވެ.

  1. ފާހަނާގެ ބިންތައް ހަދާފައި ހުންނަން ވާނީ ފެންވަދެ ހަލާކުނުވާ ފަދަ (ވޯޓަރ ޕްރޫފް) އަދި ފަސޭހައިން ސާފުކުރެވޭ ފަދަ އެއްޗަކުންނެވެ.
  2. ފާހަނާގެ ތަޅުން ހަދާފައި ހުންނަން ވާނީ ފެންވަދެ ހަލާކުނުވާ ފަދަ (ވޯޓަރ ޕްރޫފް) އަދި ފަސޭހައިން ސާފުކުރެވޭ ފަދަ ނުކައްސާ އެއްޗަކުންނެވެ. އަދި ތަޅުން އެޅިފައި ހުންނަން ވާނީ ޑްރެއިންއަށް ފެންފަހިވާގޮތަށް ތަޅުން މައްޗަށް އެޅޭފެން ފަސޭހައިން ދެމޭ ގޮތަށެވެ.
  3. ކޮންމެ ފާހާނާއެއްގައި މަތިޖެހޭ ގޮތަށް ހުންނަ އިށީންނަ ފާހާނާ ތަށި ފްލަށިންގ ސިސްޓަމާއެކު ހަރުކުރެވިފައި ހުންނަންވާނެއެވެ.
  4. ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ.
  5. މޫނު ދޮންނަ ތަށްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ.
  6. ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެ ގޮތެއް ހުންނަންވާނެއެވެ.
  7. ފާހަނާ ތެރޭގައި ކޮންމެ ޓޫރިސްޓަކަށް އެއް ތުވާލި ހުންނަންވާނެއެވެ.
  8. ފާހަނާ ތެރޭގައި އެކަށީގެންވާ އަދަދަކަށް ޓޮއިލެޓް ޕޭޕަރ ހުންނަންވާނެއެވެ.\
  9. ފާހަނާގެ އެތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާ ތެރޭގައި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  10. ކޮންމެ ފާހާނާއެއް ހުންނަން ވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާގޮތަށެވެ.
  11. ކޮންމެ ފާހަނާއެއްގައި ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ.
  12. ފާހަނާ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
  13. އެކަށީގެންވާ ސައިޒެއްގެ މޫނުބަލާލޯގަނޑެއް ފާހަނާގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. މޫނުބަލާލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އެކަށީގެންވާވަރަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ.

 

4 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށަނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަ ތަރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (2008)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު