-

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-105)

 

 

ފުރަތަމަ ބާބު

ތައާރަފާއި ފެށުން

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، މި ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދު އިސްލާހުކުރެވިފައިވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) އިން ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

(ނ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޓޯޗަރގެ އަމަލެއް ނުވަތަ އަމަލުތައް ހުއްޓުވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުން؛

(ށ) ޓޯޗަރގެ އަމަލެއްކަމަށް ބެލެވޭނެ ކަންކަމަކީ ކޮބައިކަން ދެނެގަނެ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ ކަންކަން ތަހުގީގުކުރުން؛

(ނ) ޓޯޗަރގެ އަމަލުތައް ހިންގާ ފަރާތްތައް ށަރީއަތުގެ ކުރިމައްޗަށް ގެނެސް، ހައްގު އަދަބު ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ރ) ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

 

3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

ދިވެހިރާއްޖޭގައި ހިނގާ ކަންކަމުގެ އިތުރުން، މަޢުލޫމާތު ރައްދުވާ ފަރާތަކުން ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ނުވަތަ ހިންގާކަމަށް ތުހުމަތުކުރެވޭ ނުވަތަ ހިންގައިފައިވާ ކަންތައްތަކުގެ މަޢުލޫމާތާއި މައްސަލަތައް ވެސް މި ގަވާއިދުގެ ދަށުން ހުށަހެޅިދާނެއެވެ.

 

ދެވަނަ ބާބު

މައްސަލަ ހުށަހަޅާ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ހެކިބަސްދޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި ރައްކައުތެރިކަން

 

4 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ހައްގު

ޓޯޗަރ ނުވަތަ ލާއިންސާނީ، ދަށު ދަރަޖައިގެ އަމަލެއްގެ ށިކާރައަކަށްވާ ފަރާތްތަކާއި އެ ކަމުގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އެ ކަންކަން ތަހުގީގުކޮށްދިނުން އެދި ކޮމިށަނަށް ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - މަޢުލޫމާތު ސިއްރުކުރުމުގެ ހައްގު

ކޮމިށަނަށް ށަކުވާއެއް ނުވަތަ މަޢުލޫމާތެއް ހުށަހަޅާ ފަރާތްތަކުން އެދޭ ނަމަ، އެއީ ކޮން ފަރާތެއްކަން ނޭނގޭގޮތަށް ށަކުވާއާއި މަޢުލޫމާތު ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު

ކޮމިށަނަށް ށަކުވާއެއް ނުވަތަ މަޢުލޫމާތެއް ހުށަހަޅާ ފަރާތްތަކުން އެދޭ ނަމަ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ރިހެބިލިޓޭށަން ފަރުވާ ހޯދުމަށް އެހީތެރިކަމަށް އެދުމުގެ ހައްގު 

(ހ) ޓޯޗަރ ނުވަތަ ލާއިންސާނީ، ދަށު ދަރަޖައިގެ އަމަލެއްގެ ށިކާރައަކަށްވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާއަށް ފަރުވާކުރުމުގެ ގޮތުން ޖިސްމާނީ ރިހެބިލިޓޭށަންގެ ފަރުވާއާއި ނަފްސާނީ ރިހެބިލިޓޭށަންގެ ފަރުވާ ހޯދުމުގެ ހައްގު، ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، މިފަދަ ފަރުވާތައް ހޯދުމުގައި ކޮމިށަނުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، މި ފަދަ ފަރުވާ ފޯރުވައިދޭ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި އަމިއްލަ ފަރާތްތަކުން ހިދުމަތްދޭ ތަންތަނާއެކު ފަސޭހަ އިންތިޒާމްތަކެއް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ވިޓްނަސް ޕްރޮޓެކްށަންގެ ހައްގު

(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލަތަކުގައި ސިއްރުކޮށް ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް ސިއްރުން ހެކިބަސް ދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި އެ ފަރާތްތަކުގެ ވަނަވަރާއި އެ ފަރާތްތަކަކީ ކޮބައިކަން އެނގޭނެ އެންމެހައި މަޢުލޫމާތެއް ކޮމިށަނުން ރައްކައުތެރިކޮށްދޭންވާނެއެވެ.

(ށ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި މަޢުލޫމާތުދޭ ފަރާތްތަކަށް ނުވަތަ ހެކިބަސް ދޭ ފަރާތްތަކަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ނުވަތަ އަނިޔާއެއް ނުވަތަ ގޯނާއެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. މިފަދަ އަމަލެއް ހިންގާ ފަރާތްތަކުގެ މައްސަލަތައް ކޮމިށަނުން އަމިއްލައަށް ތަހުގީގުކޮށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ތަހުގީގުކޮށް އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

(ނ) ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ށަރީއަތަށް ހުށަހަޅާ މައްސަލަތަކުގެ ދަޢުވާކުރުމުގެ މަރުހަލާއާއި ށަރީއަތްކުރުމުގެ މަރުހަލާގައި ވެސް، ކޮމިށަނަށް ސިއްރުން ހެކިބަސް ދޭ ފަރާތްތަކުގެ މަޢުލޫމާތު ސިއްރުކޮށްދީ، އެ ފަރާތްތަކުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ކޮމިށަނުން ބާރުއަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - އިހްތިރާމާއެކު މުއާމަލާތު ކުރުމާއި، އެއްވެސް ބާވަތެއްގެ ގޯނާއެއް ނުކުރުން

ކޮމިށަނަށް ށަކުވާއާއި މައްސަލަ ހުށަހަޅާ ފަރާތްތަކާއި، މަޢުލޫމާތު ދޭ ފަރާތްތަކާއި، ހެކިބަސް ދޭ ފަރާތްތަކާ މުއާމަލާތުކުރަންވާނީ އިހްތިރާމާއެކުގައެވެ. އަދި މިއިން އެއްވެސް ފަރާތަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށް ނުވަތަ ބިރުދައްކައި ނުވަތަ އެނޫންވެސް އިހާނެތި ކަމެއް ދިމާވާނެ ގޮތަކަށް މުއާމަލާތު ކޮށްގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - އެހެނިހެން ހައްގުތައް ލިބިދިނުން

މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކައުތެރިކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ލިބިދޭ އެންމެހައި ހައްގުތައް، ކޮމިށަނަށް ށަކުވާއާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށާއި، މަޢުލޫމާތުދޭ ފަރާތްތަކަށާއި، ހެކިބަސްދޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

ތިންވަނަ ބާބު

ތުހުމަތުކުރެވޭ ފަރާތްތަކާއި ސުވާލުކުރެވޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތައް

 

11 ވަނަ މާއްދާ - ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން އެންގުން

(ހ) ކޮމިށަނުން ތަހުގީގުކުރާ ކުށެއްގައި ނުވަތަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ތުހުމަތު ކުރެވޭ ކުށަކީ ކޮބައިކަން އަންގައި، އެ ތުހުމަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތްތަކަށް އޭނާއާ ސުވާލުކުރެވެނީ ކޮން މައްސަލައަކާ ގުޅިގެންކަން އަންގައިދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ގާނޫނީ އިންޒާރުދިނުން

ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަމާއި، އޭނާއަށް ލިބިގެންވާ ގާނޫނީ ހައްގުތައް އެނގޭނެ ގޮތަށް، ގާނޫނީ އިންޒާރު ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާއި ސުވާލުކުރެވޭ ކޮންމެ ފަރާތަކަށް ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު އޮތްކަން ބަޔާންކުރުމާއެކު، އެ މީހަކު އެކަމަށް އެދޭ ނަމަ، އެ ފުރުސަތު ކޮމިށަނުން ދޭންވާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ، ކޮމިށަނުން ތަހުގީގަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ގާނޫނީ ވަކީލުންގެ މަޢުލޫމާތު ފޯމު ފުރިހަމަކުރަންވާނެއެވެ.

(ށ) ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުންވާ ނަމަ، ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. 7 (ހަތެއް) ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެ ނަމަ، 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ދެވަނައަށް ފުރުސަތު ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު ހުށަނާޅައިފި ނަމަ ބެލެވޭނީ އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދޫކޮށްލީކަމުގައެވެ.

(ނ) ތަހުގީގު ފެށުމުގައި ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުން ނޫންކަމުގައި ބުނެފައި، ތަހުގީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

(ރ) ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ބޭނުން ނުވާކަމަށް ބުނެފި ނަމަ، ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އެ މީހަކަށް ދިންކަމާއި، އެ މީހަކު ވަކީލަކު އައްޔަނު ކުރަން ބޭނުން ނުވާކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުން ނުވާ ކަމުގެ ލިޔުމުގައި އެ މީހަކު ލައްވާ ސޮއިކުރުވަންވާނެއެވެ. މި ލިޔުމުގައި ސޮއިކުރުމަށް އިންކާރު ކުރާ ނަމަ، އެ ކަމަށް ހެކިވާނެ 2 (ދޭއް) މުވައްޒަފުން އެ ލިޔުމުގައި ސޮއިކުރަންވާނެއެވެ.

(ބ) ތަހުގީގުގައި ސުވާލުކުރެވުނު މީހަކު، އެ މީހަކު އައްޔަނުކުރާ ގާނޫނީ ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކޮށްގެން މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެ ނަމަ، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިހްތިޔާރު ކުރެވިދާނެއެވެ. އަދި އެ ހައްގުގެ ބޭނުން ހިފާނަމަ، އެ ހައްގު އޭނާ އިހްތިޔާރުކޮށްފިކަން ފާޅުގައި ބުނެ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފައިވާކަމުގެ ލިޔުމުން އެކަން ރިކޯޑުކޮށް އެ މީހެއްގެ ސޮއިކުރުވަންވާނެއެވެ.

(ށ) ތުހުމަތުގައި ސުވާލުކުރެވޭ މީހާ، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިކަމަށް ބުނެފި ހިނދެއްގައި، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އިތުރަށް އެއްވެސް ސުވާލެއް އޭނާއަށް ކޮށްގެން ނުވާނެއެވެ. އަދި އޭނާ އެ ހައްގު އިހްތިޔާރުކުރީ ސުވާލުކުރެވެމުން ދަނިކޮށް ކަމުގައި ވާ ނަމަ، އޭނާއާ ސުވާލުކުރަމުން ދިޔަދިއުން އެހިނދުން ފެށިގެން ހުއްޓައިލަންވާނެއެވެ.

(ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ސުވާލުކުރެވޭ މީހާއަށް އެންގުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއްވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް އޭނާއަށް އަންގަންވާނެއެވެ.

(ރ) ތުހުމަތުގައިވާ މީހާގެ ފަރާތުން ދެވޭ މަޢުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމުގައި ނުވާ ނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެ މަޢުލޫމާތެއް ހާމަކުރަންވާނެކަމަށާއި، އެ ހާލަތުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެކަން، ތުހުމަތުގައިވާ މީހާއަށް އަންގައިދީ، އެކަމާ ގުޅޭގޮތުން ތުހުމަތުގައިވާ މީހާއާ ސުވާލުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު

(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މާއްދީ ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅުން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށް ޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައި ވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ހާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.

 

16 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައި ނުވާ ކަންކަން

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ބަލާ ޖިނާއީ މައްސަލައެއްގެ ތަހުގީގެއްގައި ވަކި ސުވާލަކަށް ޖަވާބުދިނުމަކީ އޭގެ ސަބަބުން ޖިނާއީ ދަޢުވާއެއް އުފުލުމަށް ނުވަތަ ޖިނާއީ ކުށެއް ސާބިތުކުރުމަށް މަގުފަހިކުރާ ކަމަކަށް ނުވާ ހާލަތެއްގައި އެ ސުވާލުގެ ޖަވާބު ދިނުމަކީ، އޭނާ ލަދުގަންނަންޖެހިދާނެ، ނުވަތަ އޭނާގެ ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ނުވަތަ އޭނާއާމެދު މީހުން ދެކޭގޮތަށް ބަދަލެއް އަތުވެދާނެ ކަމެއް ކަމުގައި ވިޔަސް، އެ ސުވާލުގެ ޖަވާބުދިނުން އޭނާގެ މައްޗަށް ލާޒިމުވާނެއެވެ. އަދި އެ ސުވާލަކަށް ޖަވާބުދިނުން އެއީ، ހަނުހުރުމުގެ ހައްގުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ނޫނެވެ.

(ށ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ބަލާ މައްސަލައެއްގައި، މީހަކު ކުރިކަމަށް ކުރިން ސާބިތުވެފައިވާ ކުށެއްގެ މަޢުލޫމާތު ހޯދުމަށް އޭނާއާ ސުވާލުކުރެވޭ ހިނދު، އެ ސުވާލުގެ ޖަވާބުދިނުމުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.

 

17 ވަނަ މާއްދާ - އިހްތިރާމާއެކު މުއާމަލާތު ކުރުމާއި، އެއްވެސް ބާވަތެއްގެ ގޯނާއެއް ނުކުރުން

ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ ފަރާތްތަކާ މުއާމަލާތުކުރަންވާނީ އިހްތިރާމާއެކުގައެވެ. އަދި މިއިން އެއްވެސް ފަރާތަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށް ނުވަތަ ބިރުދައްކައި ނުވަތަ އެނޫންވެސް އިހާނެތި ކަމެއް ދިމާވާނެ ގޮތަކަށް މުއާމަލާތު ކޮށްގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - އެހެނިހެން ހައްގުތައް ލިބިދިނުން

މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކައުތެރިކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ލިބިދޭ އެންމެހައި ހައްގުތައް، ތުހުމަތުކުރެވޭ ފަރާތްތަކާއި ސުވާލުކުރެވޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރަންޖެހޭ އާންމު އުސޫލުތައް

 

19 ވަނަ މާއްދާ - ކޮމިށަނުން ބަލަންޖެހޭ މައްސަލަތައް

މި ގަވާއިދުގެ ދަށުން ކޮމިށަނުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ތިރީގައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މާއްދީ އަނިޔާއެއް ކަމުގައި ބެލެވޭ ކޮންމެ ކަމެއް؛

(ށ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ނަފްސާނީ އަނިޔާއެއް ކަމުގައި ބެލެވޭ ކޮންމެ ކަމެއް؛

(ނ) ރަހުމް ކުޑަ، ލާއިންސާނީ އަމަލެއްގެ ގޮތުގައި ބެލެވޭ ކޮންމެ ކަމެއް.

 

20 ވަނަ މާއްދާ - ޓޯޗަރގެ މައްސަލަތައް ތަހުގީގުކުރުން

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 18 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ހާއްސަ ސެކްށަނެއް ކޮމިށަނުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކްށަނަށް، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ޖިނާއީ ތަހުގީގު ކުރުމަށް ބޭނުންވާނެ ތަޢުލީމާއި ހުނަރު ލިބިފައިވާ މުވައްޒަފުން އައްޔަނު ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ، މަދުވެގެން 1 (އެކެއް) ގާނޫނީ ވަކީލު ހިމަންނަންވާނެއެވެ. ނުވަތަ ކޮމިށަނާއެކު ވާ އެއްބަސްވުމެއްގެ ދަށުން، މި ދާއިރާއިން ތަޢުލީމާއި ތަމްރީނު ލިބިފައިވާ ގާނޫނީ ވަކީލެއްގެ ހިދުމަތްތައް ކޮމިށަނަށް ހޯދިދާނެއެވެ.

(ރ) އެންޓި-ޓޯޗަރ ސެކްށަނުން ބަލާ މައްސަލަތަކުގައި، ފޮރެންސިކް ތަހުލީލުގެ ދާއިރާއާއި ސިއްހީ ދާއިރާއިން ތަމްރީނު ލިބިފައިވާ މުވައްޒަފުން ހިމަނަންވާނެއެވެ. ނުވަތަ ކޮމިށަނާއެކު ވާ އެއްބަސްވުމެއްގެ ދަށުން، މި ދާއިރާއިން ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކުގެ ހިދުމަތްތައް ކޮމިށަނަށް ހޯދިދާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އިންސާނީ ހައްގުތަކުގެ ދާއިރާއިންނާއި، ޓޯޗަރ ހުއްޓުވުމާ ގުޅޭގޮތުން ތަމްރީނު ލިބިފައި ތިބި ބަޔަކަށް ވާންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، މައްސަލަތަކުގެ މަސައްކަތް ފެށުމުގެ ކުރިން އިންސާނީ ހައްގުތަކުގެ ދާއިރާއިންނާއި، ޓޯޗަރ ހުއްޓުވުމާ ގުޅޭގޮތުން ތަމްރީނު ޕްރޮގްރާމެއް ކޮމިށަނުން ހިންގަންވާނެއެވެ.

(ކ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 18 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ކުރަންވާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) އާއި، ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި، ދިވެހިރާއްޖޭގެ ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި، ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމަތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާއާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ އެހެނިހެން މުއާހަދާތަކާއި، އިސްތަމްބޫލް ޕްރޮޓޮކޯލާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

21 ވަނަ މާއްދާ - މައްސަލަ ބެލުމުގައި އިސްކަންދޭންޖެހޭ ހަމަތައް

މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ގާއިމުކުރާ ހާއްސަ ސެކްށަނުން، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ހިންގުމުގައި އިސްކަންދޭންވާނީ އަންނަނިވި ހަމަތަކުގެ މަތިންނެވެ.

(ހ) ކޮމިށަނަށް މައްސަލަ ހުށަހެޅުނު ތަރުތީބު؛

(ށ) މައްސަލައިގެ ބާވަތަށާއި ހާލަތަށް ބަލައިފައި، އަވަސް ތަހުގީގެއް ހިންގަންޖެހޭ ފަދަ މައްސަލައެއްކަމަށް ފެންނަ މައްސަލަތައް؛

(ނ) ށަރުޢީ ކޯޓެއްގެ އަމުރަކާ ގުޅިގެން ނުވަތަ ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ބަލަންޖެހޭ މައްސަލަތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން، އެ މުއައްސަސާއެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް، ވަކި މުއްދަތެއްގެ ތެރޭގައި ބަލައި ނިންމައިދިނުމަށް އެދޭ މައްސަލަތައް.

 

22 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ގޮތްތައް

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިކޮށް ހިއުމަން ރައިޓްސް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

  1. ސިޓީން؛
  2. ފެކްސް މެސެޖުން؛
  3. ފޯން ކޯލުން؛
  4. ހިއުމަން ރައިޓްސް ކޮމިށަނުގެ ހޮޓްލައިން 1424 މެދުވެރިކޮށް؛
  5. އިލެކްޓްރޯނިކް މެއިލް ނުވަތަ އިލެކްޓްރޯނިކް މެސެޖް މެދުވެރިކޮށް؛
  6. އޯޑިއޯ ފައިލުން؛
  7. ވީޑިއޯ ކްލިޕަކުން؛
  8. އެސް.އެމް.އެސް ނުވަތަ އެމް.އެސް.އެސް. މެދުވެރިކޮށް؛
  9. ހިއުމަން ރައިޓްސް ކޮމިށަނަށް މައްސަލަ ހުށަހަޅާ ފޯމުން؛
  10. ހިއުމަން ރައިޓްސް ކޮމިށަނަށް ހާޒިރުވެގެން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރުގައި ނުވަތަ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަކުން ހުށަހަޅާ މައްސަލަތަކަށް، މައްސަލަ ހުށަހަޅާ ފޯމެއް ކޮމިށަނުން ފުރިހަމަކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ކޮމިށަނުން އިސްނަގައިގެން ބަލާ މައްސަލަތައް

(ހ) އެއްވެސް ފަރާތަކުން ށަކުވާއެއް ހުށަހަޅައިފައި ނުވި ނަމަވެސް، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން މަނާކޮށްފައިވާ އަމަލެއް ހިނގާކަން ނުވަތަ ހިނގައިފައިވާކަން ނުވަތަ ހިނގަމުންދާކަމުގެ މަޢުލޫމާތު ކޮމިށަނުގެ މެންބަރަކަށް ލިބިއްޖެ ނަމަ، ނުވަތަ ކޮމިށަނުގެ މެންބަރެއްގެ ސަމާލުކަމަށް އަތުވެއްޖެ ނަމަ، ނުވަތަ ކަމާބެހޭ އެހެން ފަރާތަކުން ކޮމިށަނަށް ލިބިއްޖެ ނަމަ، ކޮމިށަނުން އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި އެ މައްސަލައެއް ތަހުގީގުކުރުމަށް އެދި ކޮމިށަނުގެ ބައްދަލުވުމަކަށް ހުށަހަޅައި، މައްސަލަ ކުރިޔަށް ގެންދިޔުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން ށަކުވާއެއް ހުށަހަޅައިފައި ނުވިނަމަވެސް، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން މަނާކޮށްފައިވާ އަމަލެއް ހިނގާކަން ނުވަތަ ހިނގައިފައިވާކަން ނުވަތަ ހިނގަމުންދާކަމުގެ މަޢުލޫމާތު މީޑިއާގައި ރިޕޯޓުކޮށްފައިވާ ނަމަ، ނުވަތަ އެފަދަ ކަމެއްގެ މަޢުލޫމާތު މުޖުތަމަޢުގައި ފެތުރެމުންދާ ނަމަ، ކޮމިށަނުގެ އަމިއްލަ އިސްނެގުމަކަށް، ކޮމިށަނުން އެ މައްސަލަ ތަހުގީގު ކުރަން ވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްގެ މަޢުލޫމާތު ކޮމިށަނުގެ މުވައްޒަފަކަށް ލިބިގެން، އެ މައްސަލައެއް ކޮމިށަނުގެ ސަމާލުކަމަށް ހުށަހެޅުމުގެ އިންތިޒާމެއް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިން، މިފަދަ މައްސަލަތަކާމެދު އަމަލުކުރަންވާނެއެވެ.

  1. ކޮމިށަނުގެ މަސައްކަތެއްގެ ތެރެއިން ކޮމިށަނުގެ ޑިޕާޓްމަންޓަކަށް ނުވަތަ ކޮމިށަނުގެ މުވައްޒަފަކަށް ފާހަގަކުރެވޭ މައްސަލަތައް އީމެއިލަކުން ނުވަތަ ޑިޕާޓްމަންޓުގެ ފަރާތުން ހުށަހަޅާ ނަމަ، އިންޓަރނަލް މެމޯއަކުން ނުވަތަ ސިޓީއަކުން ނުވަތަ މައްސަލަ ހުށަހަޅާ ފޯމަކުން ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު އަމަލުކުރާގޮތުގެ މަތިން އެ މައްސަލައެއް ތަހުގީގުކުރުން.
  2. ކޮމިށަނުގެ ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސިސްޓަމް ނުވަތަ މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުމަށް ބޭނުންކުރާ ޑޭޓާ ބޭސްއަކުން ކޮމިށަނުގެ މުވައްޒަފުން ހުށަހަޅާ މައްސަލަތަކުގެ މަޢުލޫމާތާއި ތަފާސްހިސާބުތައް ވަކިން ފެންނާނޭހެން ބެލެހެއްޓުން.
  3. ކޮމިށަނުން ބަލާ އެހެނިހެން މައްސަލަތަކުގެ މަޢުލޫމާތު މައްސަލަ ހުށަހަޅާ ފަރާތްތަކާ ހިއްސާކުރުމުގައި އަމަލުކުރާ އުސޫލުން، ކޮމިށަނުގެ މުވައްޒަފުން ހުށަހަޅާ މައްސަލަތަކުގެ މަޢުލޫމާތު އެ މުވައްޒަފުންނަށް ހިއްސާކުރަމުންދިޔުން.
  4. ކޮމިށަނުގެ މުވައްޒަފަކު ނުވަތަ މުވައްޒަފުން ނުވަތަ ޑިޕާޓްމަންޓަކުން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމަށްފަހު، މައްސަލަ ނިމުނުގޮތް، ލިޔުމުން އެ ފަރާތްތަކާ ހިއްސާކުރުން.

(ރ) މި މާއްދާގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތަކުގެ ހަސްމުންގެ މަޢުލޫމާތާއި ކަން ހިނގައިފައިވާ ގޮތުގެ ތަފުސީލު ހިމެނޭގޮތަށް، މައްސަލަ ހުށަހަޅާ ފޯމު، މައްސަލަ ތަހުގީގުކުރާ އޮފިސަރު ފުރިހަމަކުރަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ތަހުގީގު ނުކުރުމަށް ނިންމަންވާނީ، އެ މައްސަލައެއްގެ މަޢުލޫމާތު ހޯދުމަށްފަހު، ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ މައްސަލައެއް ކަމަށް ވާ ނަމައެވެ.

 

24 ވަނަ މާއްދާ - މައްސަލަ ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ށަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މަޢުލޫމާތުތައް ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛
  2. މައްސަލައިގެ ތުހުމަތުކުރެވޭ މީހާގެ މަޢުލޫމާތު؛
  3. ކުށެއް ކުރިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބުތައް؛
  4. ކުށް ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީހު؛
  5. މައްސަލަ ހިނގި ނުވަތަ ހިނގައިފައިވާ ތަން ނުވަތަ ހިނގާނެކަމަށް ބެލެވޭ ތަން؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތް ނަމަވެސް، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުރާކަން ނުވަތަ ކުށެއް ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ތަހުގީގުކުރާ އިދާރާއަށް ދޭ ފަރާތަކީ ކޮން ފަރާތެއްކަން އޭނާ ހާމަކުރަން ބޭނުން ނުވާ ނަމަ، އެ މަޢުލޫމާތު ދިނުން ލާޒިމެއް ނޫނެވެ. އަދި އެ ފަރާތުގެ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިށަނަށް ދިން ނަމަވެސް، އެ މަޢުލޫމާތު ސިއްރުކުރަން އޭނާ އެދިއްޖެ ނަމަ، ހިއުމަން ރައިޓްސް ކޮމިށަނުން އެކަން ސިއްރު ކުރަން ވާނެއެވެ.

 

25 ވަނަ މާއްދާ - ކޮޕީކޮށް ފޮނުވާ ސިޓީއާއި މަޢުލޫމާތު

އެއްވެސް ފަރާތަކުން ކޮމިށަނަށް ކޮޕީކޮށްފައިވާ ސިޓީއެއް ނުވަތަ އެހެނިހެން ލިޔެކިޔުމެއްގައިވާ މައްސަލައެއް ނުވަތަ މައްސަލަތައް ކޮމިށަނުގެ ސަމާލުކަމަށް އަންނަ މައްސަލަތަކުގެ ގޮތުގައި ބަލައި، އެފަދަ މައްސަލަތައް ތަހުގީގުކުރުމާމެދު ކޮމިށަނުގެ ބައްދަލުވުމަކުން ގޮތެއް ނިންމަންވާނެއެވެ.

 

26 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާ މައްސަލަތައް

(ހ) ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ނުވަތަ ށަކުވާއަކީ އެއް ހާދިސާއެއް ނުވަތަ އެއް ކަމަކަށް ބިނާކޮށް، އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކަކަށް ހުށަހެޅިދާނެ ފަދަ މައްސަލަތައް އެކުގައި ނުވަތަ ވަކިވަކިން ހުށަހެޅިދާނެއެވެ. މިފަދަ މައްސަލަތަކުގެ ތަހުގީގު އެކުއެކީގައި ކުރިޔަށް ގެންދިޔަ ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ވަކިވަކިން މައްސަލައިގެ ޖަވާބުދޭންވާނެއެވެ.

(ށ) ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ނުވަތަ ށަކުވާއަކީ އެއް ހާދިސާއެއް ނުވަތަ އެއް ކަމަކަށް ބިނާކޮށް، އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކަކުން ހުށަހަޅާ މައްސަލަތައް ރައްދުވާ ފަރާތަކީ އެއް ފަރާތެއް ނަމަ، މައްސަލަތައް އެއް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - މައްސަލަ ހުށަހެޅިކަމުގެ ލިޔުން

ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ށަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅުމުން، ކޮމިށަނުން އެ ފަރާތަކަށް މައްސަލަ ހުށަހެޅިކަމުގެ ލިޔުމެއް ދޭންވާނެއެވެ.

 

28 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން

ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ށަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ދޭ މަޢުލޫމާތު ރެކޯޑުކުރުމަށްފަހު، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިށަނުގެ އެންޓި-ޓޯޗަރ ސެކްށަނުގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް، ވީ އެންމެ އަވަހަކަށް އަދި ލަސްވެގެން މައްސަލަ ހުށަހެޅިތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

29 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމަށްފަހު، ނިންމުނު ގޮތް އެންގުން

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް މައްސަލައާމެދު އަމަލުކުރަންވާނެއެވެ.

  1. ޓޯޗަރ ނުވަތަ ރަހުމްކުޑަ، ލާއިންސާނީ އިހާނެތި އަމަލު ހިންގިކަމަށް ބުނާ މީހާ އެކަން ކުރިކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރިކަމަށް ވާ ނަމަ، އެ މައްސަލަ ތަހުގީގުކުރުން؛ ނުވަތަ
  2. ޓޯޗަރ ނުވަތަ ރަހުމްކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރިކަމަށް ވާ ނަމަ، އެ މައްސަލަ ތަހުގީގު ކުރުން؛ ނުވަތަ
  3. ޓޯޗަރ ނުވަތަ ރަހުމްކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ކުރިކަމަށް ބުނާ މީހާ އެކަން ކުރިކަމަށް ބެލުމުގެ އެކަށީގެންވާ ސަބަބު ނެތް ނަމަ، އިތުރަށް އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ނުގެންދިއުން؛ ނުވަތަ
  4. ޓޯޗަރ ނުވަތަ ރަހުމްކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ކުރާކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލެވޭ މީހާ އެކަން ކުރާކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލުމުގެ އެކަށީގެންވާ ސަބަބު ނެތް ނަމަ، އިތުރަށް އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ނުގެންދިއުން.

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކަކީ ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިށަނަށް ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއްކަން ނުވަތަ ނޫންކަން އަދި މައްސަލައާމެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ކޮމިށަނުގެ ބައްދަލުވުމަކުންނެވެ.

(ނ) ކޮމިށަނަށް މައްސަލަ ހުށަހަޅާތާ ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މައްސަލައަކާމެދު ގޮތެއް ނިންމުމަށްފަހު، އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ރ) ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް ކޮމިށަނުން ކަނޑައަޅައިފި ނަމަ، މައްސަލަ ހުށަހެޅި ފަރާތަށް ކޮމިށަނުން މައްސަލަ ބަލައިގަތްކަން ލަސްނުކޮށް އަންގައި، އެ ތާރީހުން ފެށިގެން މައްސަލައިގެ ތަހުގީގު ފަށަންވާނެއެވެ. އަދި ހުށަހަޅައިފައިވާ މައްސަލައެއް ބަލައިގަނެވެން ނެތްކަމަށް ކޮމިށަނުން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބާއެކު، މައްސަލަ ހުށަހެޅި ފަރާތަށް ލިއުމުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކޮމިށަނުން ނިންމާ ނިންމުން، ސިޓީ، ނުވަތަ އީމެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް، މައްސަލަ ހުށަހެޅި ފަރާތަށް އެންގިދާނެއެވެ.

 

30 ވަނަ މާއްދާ - ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ތަރުތީބުކޮށް ބެލެހެއްޓުމާއި ފައިލްކުރުން

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ކޮމިށަނަށް ހުށަހެޅޭ އެންމެހައި މައްސަލަތަކުގެ ދަފުތަރެއް ކޮމިށަނުން އެކުލަވައިލައިގެން އެ ދަފުތަރު ބަލަހައްޓަމުން ގެންދާންވާނެއެވެ.

(ށ) މައްސަލައެއް ބަލައިގަތުމަށް ނުވަތަ ބެލުމަށް ކޮމިށަނުން ނިންމައިފި ނަމަ، ހުށަހެޅުނު ތަރުތީބުން މައްސަލައަށް ސުމާރު ނަންބަރެއް ދިނުމަށްފަހު، ކޮންމެ މައްސަލައަކަށް ވަކި ފައިލެއް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި، މައްސަލަތައް ތަހުގީގުކޮށް ނިމިފައިވާ މިންވަރާއި، މައްސަލައާ ގުޅޭ އެހެނިހެން ތަފާސްހިސާބުތައް، މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ތަހުގީގުކުރުން

ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ލިބިފައިވާ އަންނަނި ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލައިގައި ޓޯޗަރގެ އަމަލު އެކުލެވޭ މިންވަރު ކަނޑައަޅަންވާނެއެވެ.

(ހ) ކަން ހިނގި ތަނުގައި ތިބި ނުވަތަ ކަން ހިނގިގޮތް ލޮލަށް ފެނި އަޑު އަހައިފައިވާ ފަރާތްތަކުން ބުނާ ބުނުން ނުވަތަ އެފަދަ ފަރާތްތަކުން ދޭ ބަޔާންތައް.

(ށ) ކަން ހިނގި ގޮތާ ބެހޭގޮތުން ލިބެންހުރި އޯޑިއޯއާއި ވީޑިއޯ ފަދަ ތަކެތި.

(ނ) ތަހުގީގުގެ ތެރެއިން ކޮމިށަނުން ނަގާ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި.

(ރ) މެޑިކޯ ލީގަލް ރިޕޯޓުތަކުންނާއި ސިއްހީ މާހިރުންގެ ހެކިބަހުން ލިބޭ ހެކިތަކާއި ގަރީނާތައް.

(ބ) މުއާސަލާތީ ވަސީލަތްތަކުގެ ރެކޯޑުތަކުން ލިބެންހުރި ހެކިތަކާއި ގަރީނާތައް.

(ޅ) ކަން ހިނގި ވެށިން ނުވަތަ އެކަމާ ގުޅިގެން ލިބިފައިވާ އެހެނިހެން ހެކިތަކާއި ގަރީނާތައް.

 

32 ވަނަ މާއްދާ - ބަޔާން ނެގުން

ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި ބަޔާން ނެގުމުގައި އަންނަނިވި އިޖުރާއަތްތައް ފުރިހަމަވާންވާނެއެވެ.

(ހ) ތަހުގީގަށް ހާޒިރުކުރެވޭ ފަރާތުގެ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުން؛

(ށ) ތަހުގީގަށް ހާޒިރުކުރެވޭ ފަރާތުން ބަޔާންދެނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލުގެ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުން؛

(ނ) ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަށް، މި ގަވާއިދުގެ ދަށުން ދޭންޖެހޭ ގާނޫނީ އިންޒާރު ދިނުން؛

(ރ) ތަހުގީގުތަކުގެ އޯޑިއޯއާއި ވީޑިއޯ ރިކޯޑުކުރުން.

 

33 ވަނަ މާއްދާ - ބަޔާން ނެގުމުގެ ކުރިން ހުވާކުރުވުން

މައްސަލައާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރެވޭ ތުހުމަތުކުރެވޭ ފަރާތްތަކާއި ހެކިވެރިންގެ ބަޔާން ނެގުމުގެ ކުރިން އެ ފަރާތެއް ލައްވާ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ހުވާ ކުރުވަން ވާނެއެވެ.

 

34 ވަނަ މާއްދާ - ތުހުމަތުކުރެވޭ ފަރާތްތަކަށް ގާނޫނީ އިންޒާރުދިނުން

ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުމުގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް ހިމެނޭ ގޮތަށް، އެ ފަރާތަކަށް ގާނޫނީ އިންޒާރު ދޭންވާނެއެވެ. އަދި ގާނޫނީ އިންޒާރު ދެވުނުކަން އެނގޭނެގޮތަށް، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގެ ފޯމު ފުރިހަމަކޮށް، އެ ފަރާތުގެ ސޮއިކުރުވައި އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

(ހ) އޭނާގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަމާއި، ތުހުމަތުކުރެވޭނީ ކޮން ގާނޫނެއްގެ ކޮން މާއްދާއަކުންކަން؛

(ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު އޮތްކަން.

(ނ) ހަނުހުރުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވާކަމާއި، ހަނުހުރުމުގެ ހައްގު ލިބިގެންވިޔަސް ސުވާލުތަކަށް ޖަވާބުދިނުން އެދެވިގެންވާކަން.

(ރ) ތަހުގީގުގެ އޯޑިއޯއާއި ވީޑިއޯ ރެކޯޑުކުރެވޭނެކަން.

(ބ) އެ ފަރާތުން ދޭ ބަޔާނަކީ ށަރުޢީ ކޯޓުތަކުގައި އެ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްކަން.

(ޅ) ދޮގު މަޢުލޫމާތު ކޮމިށަނަށް ދީފިކަން ސާބިތުވެއްޖެ ނަމަ، އެ ފަރާތާމެދު ފިޔަވަޅު އެޅޭނެކަން.

(ކ) އެ މީހަކު ތަހުގީގުގައި ދައްކާ ވާހަކަ ހެކީގެ ގޮތުގައި ބޭނުންކުރެވޭނެކަން.

 

35 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވެގެން ބަޔާންދޭން އެންގުމުން، ލިޔުމުން ބަޔާންދިނުމަށް އެދުން

(ހ) ކޮމިށަނުން ކުރާ ތަހުގީގަކަށް ބަޔާންދޭން އެދުމުން، ސިޓީއަކުން ނުވަތަ ލިޔުމަކުން ހުށަހެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި، އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ބަޔާންދިނުމުގެ އިންތިޒާމުތައް ކޮމިށަނަށް ހަމަޖެއްސިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތްތަކަކީ:

  1.  ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި ކޮމިށަނަށް ހާޒިރުވެވެން ނެތުން؛
  2. ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮމިށަނަށް ހާޒިރުވެވެން ނެތުން؛
  3. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ދަތިކަން ދިމާވުން؛
  4. ރާއްޖެއިން ބޭރުގައި ހުރި ފަރާތެއްކަމުގައި ވުން؛
  5. މިނޫންވެސް މިފަދަ ހާއްސަ ހާލަތެއްކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ހާލަތެއްކަމުގައިވުން.

 

36 ވަނަ މާއްދާ - ބަޔާންތަކުގެ ރެކޯޑު ބެލެހެއްޓުން

(ހ) ކޮމިށަނުން ހިންގާ ތަހުގީގަށް ދޭ ބަޔާންތައް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި ބަޔާން ނަގަންވާނީ، ބަޔާން ނަގާ ފަރާތުގެ އިތުރަށް، ބަޔާން އަޑުއެހި 2 (ދޭއް) ފަރާތުގެ ހާޒިރުގައެވެ. މިފަދަ އެންމެހައި ބަޔާންތައް ލިއުމަށްފަހު، ބަޔާން ދިން ފަރާތުގެ އިނގިލީގެ ނިށާން ޖަހައި ސޮއިކުރުވަންވާނެއެވެ. އަދި ބަޔާން ނެގި ފަރާތުގެ އިތުރަށް 2 (ދޭއް) ހެކިން ބަޔާނުގައި ސޮއިކުރަންވާނެއެވެ. ބަޔާން ދިން ފަރާތުން ބަޔާނުގައި ސޮއިކުރުމަށް އިންކާރު ކުރާ ނަމަ، އެކަން ބަޔާންކޮށް، އެ ބަޔާނަކީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއް ކަމަށް ލިޔެ 2 (ދޭއް) ހެކިން ސޮއިކުރަންވާނެއެވެ.

(ށ) ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސޮއިކުރުމަށް އުޒުރުވެރިވާ ހާލަތެއްގައިވާ މީހަކު ނަމަ، ނުވަތަ ލިޔަންކިޔަން ނުދަންނަ މީހަކު ނަމަ، އެ މީހަކު ދިން ބަޔާނުގައި އެ މީހެއްގެ އިނގިލީގެ ނިށާން ޖަހާނީއެވެ. ލިޔަންކިޔަން ނުދަންނަ މީހަކު ނަމަ، ނުވަތަ ލިޔަންކިޔަން އުޒުރުވެރިވާ ފަދަ ހާލަތެއްގައި ހުރި މީހަކު ނަމަ، އޭނާގެ ބަޔާނުގައި އިނގިލީގެ ނިށާން ޖެހުމުގެ ކުރިން އެ ބަޔާން އޭނާއަށް ކިޔައިދޭންވާނެއެވެ. އަދި އެ ބަޔާން އޭނާއަށް ކިޔައިދިންކަމަށާއި، އެއީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް އޮޅުންފިލައިފިކަމަށް އޭނާގެ ފަރާތުން މީހަކު ސޮއިކުރަންވާނެއެވެ.

(ނ) ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ނުވަތަ ވާހަކަދެއްކުމުގައި އުނިކަމެއް ހުންނަ ފަރާތްތަކުގެ ބަޔާނެއް ނަގަން ޖެހިއްޖެ ހާލަތުގައި، ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން ބަޔާން ނެގުމުގެ ކަންކަން ކުރިޔަށްގެންދިއުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެއްވެސް ފަރާތަކުން އަނގަބަހުން ދޭ ބަޔާނެއް ނަމަ، އެ ބަޔާން ލިޔުމަށްފަހު، ބަޔާން ދިންފަރާތް ލައްވައި ސޮއިކުރުވަންވާނެއެވެ.

(ރ) ތަހުގީގުގައި ތަރުޖަމާނަކު ބޭނުންވާ މީހުންގެ ތެރެއިން އަމިއްލައަށް ތަރުޖަމާނަކު ހޯދުމަށް ދަތިވާ މީހުންނަށް، އެކަމުގައި ކޮމިށަނުން އެހީތެރިވެދޭންވާނެއެވެ. ތަރުޖަމާނަކު މެދުވެރިކޮށް ނަގާ ބަޔާންތައް ލިޔާނީ، ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އެ ލިޔުމުގައި ބަޔާންދިން މީހާ ސޮއިކުރުމުގެ ކުރިން، ތަރުޖަމާނު އޭނާއަށް އެ ބަޔާން ރަނގަޅަށް ތަރުޖަމާކޮށްދިންކަމަށް ތަރުޖަމާނު ވެސް އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ކުޑަކުއްޖެއްގެ ބަޔާން ނެގުން

ކޮމިށަނުން ކުރާ ތަހުގީގެއްގައި، އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްގެ ބަޔާން ނަގާ ނަމަ، އެ ކުއްޖެއްގެ ބަޔާން ނަގަންވާނީ، ބެލެނިވެރިއެއްގެ ހާޒިރުގައި ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައެވެ.

 

38 ވަނަ މާއްދާ - ހާއްސަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކުގެ ބަޔާން ނެގުން

(ހ) ނަފްސާނީގޮތުން ގެއްލުން ލިބިފައިވާ މީހެއްގެ ބަޔާން ނަގަންޖެހޭ ނަމަ، އޭނާގެ ބަޔާން ނަގަންވާނީ، އޭނާއާ ހަވާލުވެގެން ހުންނަ މީހަކާ އެކުގައި ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ މީހަކާ އެކުގައެވެ.

(ށ) ކުޑަކުއްޖަކު ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހެއްގެ ބެލެނިވެރިން ނުވަތަ އެ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ ފަރާތަކުން ހާޒިރުކުރަން ޖެހިއްޖެ ނަމަ، އަންނަނިވި ކަންކަމަކީ އޭނާ ހާޒިރުވުމުގެ މަގްސަދުކަން އަނގަބަހުންނާއި ލިޔުމުން އެ މީހަކަށް އަންގަންވާނެއެވެ.

  1. ކުޑަކުއްޖާއަށް ނުވަތަ ނަފްސާނީގޮތުން ގެއްލުން ލިބިފައިވާ މީހާއަށް ލަފާދިނުމަށް؛
  2. ކުޑަކުއްޖާއާމެދު ނުވަތަ ނަފްސާނީގޮތުން ގެއްލުން ލިބިފައިވާ މީހާއާމެދު އަމަލުކުރެވެނީ އަދުލުވެރިކަމާއެކު، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަށް؛
  3. ކުޑަކުއްޖާ ނުވަތަ ނަފްސާނީގޮތުން ގެއްލުން ލިބިފައިވާ މީހާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމަށާއި، އެ ކުއްޖާއާ ނުވަތަ އެ މީހާއާ މުއާމަލާތު ކުރުމަށް އެހީތެރިވެދިނުމަށް.

 

39 ވަނަ މާއްދާ - ޖިނާއީ ބޮޑެތި ކުށްތަކުގައި ތެރޭގައި ހިމެނޭ ކުށެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ބަޔާންނެގުން

(ހ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެހެން ގާނޫނެއްގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާތީ، އަންނަނިވި ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލުކޮށް ބަޔާންނަގަންވާނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަން ނެތް މީހަކު ނަމަ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދައުލަތުން ގާނޫނީ ވަކީލަކު އައްޔަނުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާގައި އެދެންވާނެއެވެ.

  1. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާ މަރުވުން.
  2. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއާއެކު ގަދަކަމުން ޖިމާޢުވުމުގެ ކުށްކުރުމުގެ ސަބަބުން ބުއްދި ގޯސްވެ، ނުވަތަ ދަރިން ނުލިބޭ މީހަކަށްވުން ނުވަތަ ހަނދާން ނުހުންނަ މީހަކަށްވުން.
  3. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާގެ ހަށިގަނޑުގެ ގުނަވަނެއް ނެތިކޮށްލުން.
  4. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއާއެކު ގަދަކަމުން ޖިމާޢުވުން.
  5. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ށ) ގެ (3) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ޖިންސީ އަނިޔާގެ އަމަލެއް ހިންގުން.
  6. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ށ) ގެ (4) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރުމުގެ ގޮތުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުން ނުވަތަ ޖިމާޢުވުން.
  7. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރކުރެވޭ މީހާއަށް ނަފްސާނީ އަނިޔާކުރުމުގެ ސަބަބުން ބުއްދި ގޯސްވުން؛
  8. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ނ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ނަފްސާނީ އަނިޔާކުރުމުގެ ސަބަބުން ހަނދާންނެތޭ ބަލި ޖެހުން.
  9. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ނަފްސާނީ އަނިޔާކުރުމުގެ ސަބަބުން އަމިއްލައަށް މަރުވުމަށް ބޭނުންވެ، ދޭތެރެދޭތެރެއިން، އެކަން ކުރަން އުޅުން.
  10. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ނަފްސާނީ އަނިޔާކުރުމުގެ ސަބަބުން ދިމާވެފައިވާ ލަދުވެތިކަމާއި ނިކަމެތިކަމާއި އިހާނެތިކަމުގެ ސަބަބުން، އާންމު ދިރިއުޅުމެއް އުޅުމަށް އުނދަގޫވާ ފަދަ ހާލަތަކަށް އޭނާ ގޮސްފައިވުން.
  11. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (1) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ވާހަކަދެއްކުމުގެ ބާރު ނެތިދާ ފަދަ ކަމެއް ކުރުން.
  12. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް އަޑުއެހުމުގެ ބާރު ނެތިދާ ފަދަ ކަމެއް ކުރުން.
  13. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (3) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ރަހަ ދެނެގަތުމުގެ ބާރު ނެތިދާ ފަދަ ކަމެއް ކުރުން.
  14. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (4) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ފެނުމުގެ ބާރު ނެތިދާ ފަދަ ކަމެއް ކުރުން.
  15. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާގެ ގުނަވަނަކުން ކުރަންޖެހޭ މަސައްކަތެއް ނުކުރެވޭވަރަށް ނުކުޅެދުންތެރިކަން އިހްސާސް ކުރަންޖެހޭ ފަދަ ކަމެއް ކުރުން.
  16. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (6) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާގެ މައިބަދަ ތެދުނުކުރެވޭ ފަދަ ކަމެއް ކުރުން.
  17. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (7) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ރުކޫއަށް ނުދެވޭފަދަ ކަމެއް ކުރުން.
  18. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 23 ވަނަ މާއްދާގެ (ރ) ގެ (8) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޯޗަރ ކުރެވޭ މީހާއަށް ސަޖިދައަށް ނުދެވޭފަދަ ކަމެއް ކުރުން.

 

40 ވަނަ މާއްދާ - ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ވަކީލުން އައްޔަނުކުރުން

ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު) ގެ ދަށުން ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ޓޯޗަރގެ އަމަލު ހިންގުމުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އެއް ވަކީލަކަށް ހާޒިރެއް ނުވެވޭނެއެވެ. މިއިން ކޮންމެ ފަރާތަކަށް ވަކި ވަކީލަކު އައްޔަނު ކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ކޮމިށަނުގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުން

ކޮމިށަނުން ކުރަމުންދާ ތަހުގީގަކަށް ދޭ ބަޔާންތަކުގެ ކޮޕީއާއި، ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ކޮމިށަނަށް ލިބޭ ހެއްކާއި މަޢުލޫމާތު، ގާނޫނީގޮތުން ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް ނުވަތަ ށަރުޢީ ކޯޓެއްގެ އަމުރަކަށް މެނުވީ ދުލެއް ނުކުރެވޭނެއެވެ.

 

42 ވަނަ މާއްދާ - ހެއްކެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް އެދުން

(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ބޭނުންވާ މަޢުލޫމާތާއި ހެކި ނުވަތަ ގަރީނާއެއް ދައުލަތުގެ އިދާރާތަކުންނާއި މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހޯދަންޖެހޭ ހާލަތުގައްޔާއި އަމިއްލަ ފަރާތްތަކުން ހޯދަންޖެހޭ ހާލަތްތަކުގައި، އެފަދަ އެންމެހައި ހެކިތަކާއި ގަރީނާތަކާއި މަޢުލޫމާތު ހޯދުމަށް އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 44 ވަނަ މާއްދާއިން ކޮމިށަނަށް ލިބިފައިވާ ބާރުގެ ދަށުން، މި މާއްދާގެ (ހ) ގައި ބުނެފައިވާ ތަކެތި އަވަސް ފުރުސަތެއްގައި ހޯދުމަށް އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން މަޢުލޫމާތާއި ހެކި ނުވަތަ ގަރީނާއެއް ހޯދުމަށް ކޮމިށަނުން އެދި ހުށަހަޅާ ހުށަހެޅުމަކަށް، އެއްވެސް ފަރާތަކުން އެއްވެސް ސިފައެއްގައި އިންކާރުކުރާ ނަމަ، އެ ތަކެތި ހޯދުމުގެ އަމުރަކަށް އެދި ށަރީއަތަށް ހުށަހެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ހެކި ރައްކައުތެރިކުރުން

(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ހެއްކާއި ގަރީނާގެ ގޮތުގައި ހޯދާ ތަކެއްޗަށް ގެއްލުމެއް ނުލިބޭނެ ފަދަ އެވިޑެންސް ބޭގްތަކުގައި ރައްކައުތެރިކޮށް، އެ ތަކެތި ބަލަހައްޓަންވާނެއެވެ. އަދި އެވިޑެންސް ބޭގްތަކުގައި މައްސަލައިގެ ނަންބަރާއި، ހެކީގެ ބާވަތާއި، ހެކި ނެގުނު ތަނާއި، ހެކި ލިބުނު ތާރީހު އޮންނަންވާނެއެވެ. އެވިޑެންސް ބޭގަށް ނުލެވޭ ފަދަ ތަކެތި ހިމެނޭ ނަމަ، އެ އެތަކެއްޗަށް ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށް ފޮށިގަނޑެއްގައި ނުވަތަ އުރައެއްގައި ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގައި ބަންދުކުރުމަށްފަހު، އެ ތަކެތި ރައްކައުތެރިކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ތަކެތި ބަންދުކުރުމަށް ބޭނުންކުރާ އުރަ ނުވަތަ ފޮށިގަނޑު ފަދަ ތަކެތީގެ ބޭރުގައި މައްސަލައިގެ ނަންބަރާއި، ހެކީގެ ބާވަތާއި، ހެކި ނެގުނު ތަނާއި، ހެކި ލިބުނު ތާރީހު އޮންނަންވާނެއެވެ.

(ށ) ހެއްކާއި ގަރީނާގެ ގޮތުގައި ހޯދާ ތަކެތި ކޮމިށަނުން ހޯދާ ހިސާބުން ފެށިގެން، އެ ތަކެތި ހޯދި ތަނާއި، ވަގުތާއި، ތާރީހާއި، އެ ތަކެތި ހޯދި ގޮތާއި، އެ ތަކެއްޗާ ހަވާލުވި މުވައްޒަފުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއެކު، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ރިކޯޑުކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ ތަހުގީގަށް ހެއްކާއި ގަރީނާގެ ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، އެއް ތަނުން އަނެއް ތަނަށް ބަދަލުކުރާ ނަމަ، ޗެއިން އޮފް ކަސްޓަޑީން އެކަން އެނގޭނެގޮތަށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ރެކޯޑުކުރަންވާނެއެވެ.

(ރ) ކޮމިށަނުގެ ތަހުގީގަށް ހޯދާ ތަކެތީގެ ތެރޭގައި ވަކި ހާއްސަ އިންތިޒާމެއްގެ ދަށުން ރައްކައުތެރި ކުރަންޖެހޭ ސާމްޕަލުތަކާއި މާއްދީ ހެއްކާއި ގަރީނާ ހަލާކު ނުވާނެ ގޮތެއްގެ މަތިން ރައްކައުތެރިކުރުމުގެ އިންތިޒާމުތައް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

44 ވަނަ މާއްދާ - ޓޯޗަރގެ އަމަލަކަށް ފުރުސަތު އޮތް މިންވަރަށް ބަލައި މައްސަލަ ތަހުގީގުކުރުން

މި ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހެކިތަކާއި ގަރީނާތައް ލިބެން ނެތް ނަމަ، ނުވަތަ އެފަދަ ހެކިތަކާއި ގަރީނާތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް ފާހަގަކުރެވޭ ހާލަތުގައި، ކޮމިށަނަށް ހުށަހެޅޭ ނުވަތަ ރިޕޯޓުކުރެވޭ މައްސަލައެއް އެއީ މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މައްސަލަ ތަހުގީގު ކުރުމުގައި ކޮމިށަނުން އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަން ވާނެއެވެ.

(ހ) ޖިސްމާނީ އަނިޔާއެއް ކަމުގައި ބެލެވޭ އަނިޔާއަކީ، އެ ފަރާތުގެ އަމަލެއް ނުވަތަ އަމަލުތައް ބެހެއްޓި ގޮތަކުން ލިބިފައިވާ އަނިޔާއެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ޓަކައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. ކަން ހިނގި ހާލަތަށް ބަލައި، އެ ފަރާތުގެ އަމަލު ނުވަތަ އަމަލުތައް ބެހެއްޓި ގޮތަކުން އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު.
  2. ކަން ހިނގައިފައިވާ ހާލަތުގައި މީހެއްގެ އަމަލުތައް ހުރި ގޮތަކުން ލިބިދާނެކަމަށް ކޮމިށަނަށް ފެންނަ އަނިޔާއަކަށް ވުރެ ބޮޑު ޖިސްމާނީ އަނިޔާއެއް މީހަކަށް ލިބިފައިވާ ނަމަ، އެއީ އެ ފަރާތުގެ އަމަލުތައް ހުރި ގޮތަކުން ލިބިފައިވާ އަނިޔާއެއް ނޫންކަމަށް ބެލުން.

(ށ) އަނިޔާ ލިބިފައިވާ ފަރާތުން ގަސްތުގައި އޭނާގެ މުދަލަކަށް ނުވަތަ ހަށިގަނޑަށް ދީފައިވާ އަނިޔާއެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ޓަކައި، އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. މީހަކު އޭނާގެ މުދަލަކަށް ނުވަތަ ހަށިގަނޑަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތް މިންވަރާއި ހާލަތަށް ބެލުން.
  2. ހަށިގަނޑަށް ނުވަތަ މުދަލަކަށް ލިބިފައިވާ ގެއްލުން ނުވަތަ ގެއްލުންތައް، ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް މެދުވެރިކޮށް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ބަލާ ބެލުމުން ނުވަތަ ކަމުގެ ތަޖުރިބާކާރުން އެފަދަ ކަންކަން ބެލުމުގައި ގެންގުޅޭ މިންގަނޑުތަކުން ވަޒަންކޮށް ބަލާއިރު، ގަސްތުގައި ހިންގައިފައިވާ އަމަލެއް ނޫންކަމަށް ކޮމިށަނަށް ފެނުން.

(ނ) އިހުމާލު އޮތް މިންވަރެއް ކަނޑައެޅުމަށް ޓަކައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކި ގޮތަކަށް ނުވަތަ ވަކި ހަމަތަކަކުން ކުރަން އޮތްކަމެއް، އެ ނޫން އެހެން ގޮތަކަށް ކޮށްފައިވޭތޯއާއި، ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކޮށްފައިވާ މިންވަރު.
  2. މަސްއޫލިއްޔަތު އުފުލަންޖެހޭ ފަދަ ހާލަތެއްގައިވާ ފަރާތަކުން އެ ފަރާތެއްގެ ވާޖިބު ފުރިހަމައަށް އަދާކޮށްފައިވާ މިންވަރު.
  3. އާންމު މަސްލަހަތަށް ރިއާޔަތްކޮށް ބަލާއިރު، ސަމާލުކަން ދޭންވީ މިންވަރަށް ސަމާލުކަން ދީފައިވާ މިންވަރާއި އަމަލުތައް ބަހައްޓައިފައިވާ ގޮތް.

(ރ) ޖިސްމާނީ އަނިޔާއަކާ ގުޅިގެން މެޑިކަލް ޑޮކްޓަރަކު ދޭ ލިއުން ނުވަތަ ބަޔާން އަދި މާއްދީ ނުވަތަ ނަފްސާނީ އަނިޔާއަކާ ގުޅިގެން ސައިކޮލޮޖިސްޓެއްގެ ބަސް، ނުވަތަ ކަމުގެ މާހިރުންގެ ބަސް.

 

45 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ތަހުގީގުކުރާ މައްސަލައެއްގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހުން މެރުމުގެ ކުށް ހިމެނޭ ނަމަ، އެ ކުށަށް މަގުފަހިވާ އެއްވެސް މަޢުލޫމާތެއް ހިމެނޭ މުއާމަލާތެއް ކަމަށް ބެލުމުގެ އެކަށީގެންވާ ހެކި ކޮމިށަނަށް ލިބިފައިވާ ނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން، އަންނަނިވި ބާވަތްތަކުގެ ޒާތީ މުއާމަލާތް ސަރވައިލްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛
  2. މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އަންނަނިވި ކަންކަން ފުރިހަމަ ކުރުމަށް ފަހުގައެވެ.

  1. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
  2. އެ ސަރވެއިލްކޮށްގެން މެނުވީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރިކަމުގެ ހެކި ލިބެން ނެތްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
  3. އެ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް ކޮމިށަނުގެ އޮފިސަރަކަށް، ކޮމިށަނުގެ މެންބަރުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.

 

46 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުން

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް މީހަކު ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އިހްތިޔާރު، ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މީހެއްގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓު ނަންބަރު؛
  2. ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛
  4. އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމަށް ބެލެވޭ ސަބަބާއި، ކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި؛
  5. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛
  6. އެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މުއްދަތު.

 

47 ވަނަ މާއްދާ - ޕޯސްޓްމޯޓަމް ހެދުން

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ތަހުގީގުކުރާ މައްސަލައެއްގައި މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި ޕޯސްޓް-މޯޓަމެއް ހެދުން މުހިންމުކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 75-1 ވަނަ މާއްދާގެ ދަށުން، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމެއް ހަދައިދިނުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެދޭ ޕޯސްޓް-މޯޓަމްތަކަކީ ހިއުމަން ރައިޓްސް ކޮމިށަނުން އެކުލަވައިލައި އާންމުކޮށްފައިވާ ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދެންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކާ ގުޅިގެން ހެދޭ ޕޯސްޓް-މޯޓަމް ރިޕޯޓަކީ އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެ، އެފަދައިން އަމަލު ކުރަން ވާނެއެވެ.

 

48 ވަނަ މާއްދާ - ތަހުގީގާ ގުޅިގެން އަންގަންޖެހޭ އެންގުން

(ހ) މި ގަވާއިދުގެ ދަށުން ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ނުވަތަ ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކަށް، ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން އަންގާ އެންގުމަކަށް އަމަލު ނުކުރާ ނަމަ، އެ ފަރާތަކާމެދު އަންނަނިވި ގޮތުގެ މަތިން އަމަލު ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. އެ ފަރާތެއް ކޮމިށަނަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު ނަސޭހަތްތެރިވުން.
  2. ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅައިގެން އެ ފަރާތެއް ލައްވައި ކޮމިށަނުގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުން.
  3. ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުން.
  4. ކޮމިށަނުގެ އެންގުމަށް ތަބާނުވުމުގެ ދަޢުވާ ނުވަތަ ކޮމިށަނުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދަޢުވާ ކުރުމަށް ޓަކައި ސިވިލް ކޯޓަށް ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން.

 

ފަސްވަނަ ބާބު

މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ އުސޫލުތައް

 

49 ވަނަ މާއްދާ - މީހުން ހާޒިރުކުރުމަށް އެންގުން

ކޮމިށަނުގެ ތަހުގީގަށް މީހުން ހާޒިރުކުރެވޭނީ، އަންނަނިވި ގޮތްތަކުގެ މަތިންނެވެ.

(ހ) ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ފޮނުވައިގެން؛

(ށ) ފޯނުން ގުޅައިގެން ހާޒިރުވުމަށް އެދިގެން ނުވަތަ ފޯނުން ގުޅައިގެން ހާޒިރުވުމަށް އަންގައިގެން؛

(ނ) ސަރުކާރުގެ ކަމާގުޅޭ އިދާރާއެއް މެދުވެރިކޮށް؛

(ރ) އާންމު އިޢުލާނެއް ކޮށްގެން؛

 

50 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވުމުގެ އަމުރު

(ހ) މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިއުމަށް ޓަކައި ކުށުގެ ތުހުމަތުކުރެވޭ މީހަކު ނުވަތަ މައްސަލައިގެ ތަހުގީގަށް މަޢުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކި ބަސް ދެވިދާނެ މީހަކު ކޮމިށަނަށް ހާޒިރުވުމަށް، ކޮމިށަނުން ހުއްދަކޮށްފައިވާ މެންބަރަކު ނުވަތަ މުވައްޒަފަކު ސޮއިކޮށްފައި ދޫކުރާ، ހާޒިރުވުމަށް އަންގާ ޗިޓު މެދުވެރިކޮށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއްގައި، އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުކުރެވޭ ހައިސިއްޔަތު؛
  2. ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ނަމަ، އޭނާއާމެދު ކުރެވޭ ތުހުމަތުގެ ހުލާސާ؛
  3. ތަހުގީގަކަށް މަޢުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު ނަމަ، ކުރަމުންދާ ތަހުގީގުގެ ހުލާސާ؛
  4. ހާޒިރުވާން އަންގާ ތަނާއި ގަޑި؛
  5. އެ އިދާރާގައި ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛
  6. ހުއްދަދޭ މެންބަރުގެ ނުވަތަ މުވައްޒަފުގެ ފުރިހަމަ ނަމާއި، މަގާމާއި، ސޮއި.

 

51 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވުން

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ ފަރާތަކުން، ކޮމިށަނަށް ހާޒިރުވުމުގެ އަމުރާ ހަވާލު ނުވެއްޖެ ނަމަ، ކޮމިށަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަކުން ކޮމިށަނަށް ހާޒިރުވުމުގެ 3 (ތިނެއް) އަމުރާ ވިދިވިދިގެން 2 (ފަހަރު) ހަވާލު ނުވެއްޖެ ނަމަ، ކޯޓު އަމުރެއްގެ ދަށުން އެ ފަރާތެއް ބަންދުގައި ބަހައްޓައިގެން ކޮމިށަނަށް ހާޒިރުކުރެވޭނެއެވެ. އަދި ކޮމިށަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

52 ވަނަ މާއްދާ - ފޯނު މެދުވެރިކޮށް މީހުން ހާޒިރުކުރުން

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ ފަރާތަކަށް ފޯނުން ގުޅައިގެން ކޮމިށަނަށް ހާޒިރުވާން އެންގިދާނެއެވެ.

(ށ) ފޯނު މެދުވެރިކޮށް ކޮމިށަނަށް ހާޒިރުވުމަށް އެންގުމުން ހާޒިރު ނުވެއްޖެ ނަމަ، އެ މީހަކު ހާޒިރުކުރާނީ ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ފޮނުވައިގެންނެވެ.

 

53 ވަނަ މާއްދާ - ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް މީހުން ހާޒިރުކުރުވުން

ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅޭ އިދާރާއެއްގެ މުވައްޒަފަކު ހާޒިރުކުރަން ބޭނުންވާ ނަމަ، އެ އިދާރާއެއް މެދުވެރިކޮށް ކޮމިށަނަށް މީހުން ހާޒިރުކުރެވިދާނެއެވެ.

 

54 ވަނަ މާއްދާ - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ހާޒިރުކުރުން

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތެއް ނުވަތަ ބަންދުކޮށްފައިވާ ފަރާތެއް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެ ފަރާތެއް ހާޒިރުކުރާނީ، އެ ފަރާތެއް ބެލެހެއްޓުމާ ހަވާލުވެފައިހުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަންޖެހޭ ފަރާތެއް ހާޒިރުކުރުމަށް ކަމާބެހޭ މުއައްސަސާއަކަށް އެންގުމުން، މަގުބޫލު އުޒުރެއް ނެތި އެ ފަރާތެއް ހާޒިރުކޮށް ނުދީފި ނަމަ، މައްސަލައިގެ ހައްސާސްކަމަށް ރިއާޔަތް، އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. ކޮމިށަނުގެ އެންގުމަށް ތަބާވުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުން؛
  2. ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، ކަމާބެހޭ މުއައްސަސާ ޖަވާބުދާރީކޮށްދިނުމަށް އެދުން؛
  3. ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ޖިނާއީ ދަޢުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

55 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވިކަން އެންގުން

ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުވުމަށްފަހު، ކޮމިށަނުގެ ކަމާބެހޭ މުވައްޒަފަކަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

 

56 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވާއިރު، ކާކުކަން އަންގައިދޭ ލިޔުމެއް ގެނައުން

ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ މީހަކީ ކާކުކަން އެނގޭނެ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

 

57 ވަނަ މާއްދާ - ކޮމިށަނުގެ ހުއްދަނެތި ބޭރަށް ދިޔުން

(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅޭގޮތުން ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތެއް ކޮމިށަނަށް ހާޒިރުވުމަށްފަހު، ކޮމިށަނުގެ ހުއްދަނެތި ކޮމިށަނުގެ އިދާރާއިން ބޭރަށް ދިޔުމަކީ މަނާކަމެކެވެ.

(ށ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅޭގޮތުން ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތެއް ކޮމިށަނަށް ހާޒިރުވުމަށްފަހު، ކޮންމެހެން މުހިންމު ކަމެއްގައި ކޮމިށަނުގެ އިދާރާއިން ބޭރަށް ދާންޖެހިއްޖެ ނަމަ، އެއީ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވޭ ނަމަ، ކޮމިށަނުން އެކަން ހަމަޖައްސައިދޭންވާނެއެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ފަރާތެއް އަލުން ކޮމިށަނަށް ހާޒިރުކުރުމުގެ މަސައްކަތް ކޮމިށަނުން ކުރަންވާނެއެވެ.

 

58 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުނުކޮށް ބަޔާން ނެގުން

(ހ) ކޮމިށަނަށް ހާޒިރުކުރެވޭނެކަމަށް ނުފެންނަ ބަލިމީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ކޮމިށަނަށް ހާޒިރުކުރެވޭވަރު ނުވާކަމަށް ކޮމިށަނަށް ފެންނަ މީހުން ކޮމިށަނަށް ހާޒިރުކުރުމަކާނުލައި، އެ މީހަކު އުޅޭ ތަނަކަށް ކޮމިށަނުގެ ފަރާތުން ގޮސްގެން އެ މީހެއްގެ ބަޔާން ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ހާލަތަށް ރިއާޔަތްކޮށް، މައްސަލައިގެ ތަހުގީގަށް ހުރަސްނޭޅޭނެގޮތަށް އެ މީހަކު ކޮމިށަނަށް ހާޒިރުކުރުމަކާ ނުލައި، އެ މީހެއްގެ ބަޔާން ނެގިދާނެއެވެ.

 

59 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވުމަށް އަންގާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް

(ހ) މަގުބޫލު ސަބަބެއް އޮވެގެން، ކޮމިށަނުން އަންގައިފައިވާ ގަޑިއަށް ކޮމިށަނަށް ހާޒިރު ނުވެވޭ ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ 30 (ތިރީސް) މިނެޓުގެ ކުރިން، ހާޒިރު ނުވެވޭކަމާއި، ހާޒިރު ނުވެވޭ ސަބަބު، ކޮމިށަނަށް އަންގަންވާނެއެވެ. މަގުބޫލު އުޒުރެއް ނެތި ކޮމިށަނަށް ހާޒިރު ނުވެއްޖެ ނަމަ، ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(ށ) ތަހުގީގަށް ބަޔާންދޭން ހާޒިރުވާއިރު، އެ މީހަކީ ދިވެހިރައްޔިތެއް ނަމަ، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ބިދޭސީއެއް ނަމަ، ވޯކް ޕާމިޓް ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ކާކުން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އެފަދަ ކާޑެއް ނުވަތަ ޕާސްޕޯޓެއް ނެތް ފަރާތެއް ނަމަ، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. އެފަދަ އެންމެހައި ލިޔުމުގެ ކޮޕީ ނެގުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. 

 

60 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހުން، ކުރުން މަނާ ކަންކަން 

ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ އެއްވެސް ފަރާތަކުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ހ)  ކޮމިށަނުން ޗެކްކުރުމަށްފަހު، ތަހުގީގު ހިންގާ ތަނަށް ވެއްދުމުގެ ހުއްދަ ދީފައިވާ ލިޔެކިޔުންތައް ފިޔަވައި އިތުރު އެއްޗެއް، ތަހުގީގު ހިންގާ ތަނަށް ވެއްދުން.

(ށ)  މުއާސަލާތުގެ ވަސީލަތްތަކާއި، ރެކޯޑުކުރުމުގެ ވަސީލަތްތައް، ތަހުގީގު ހިންގާ ތަނަށް ވެއްދުން.

(ނ)  މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާނެ ފަދަ އެއްވެސް އެއްޗެއް، ތަހުގީގު ހިންގާ ތަނަށް ވެއްދުން.

(ރ)  ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންނަށް އިންޒާރުދިނުމާއި، ބިރުދެއްކުމާއި، ހަޑިހުތުރުބަހުން މުއާމަލާތުކުރުމާއި، ޖިސްމާނީ އަނިޔާއެއް ދިނުން.

(ބ)  އަޑުގަދަކުރުމާއި، ތަނުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ކުރުން.

(ޅ)  ކޮމިށަނުގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ ނުވަތަ ކޮމިށަނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކުރުން.

(ކ)  ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ އެހެން މީހުންނަށް އުދަނގޫވާނެގޮތަށް ނުވަތަ ނުފޫޒު ފޯރާނެގޮތަށް ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުން.

(އ)  ކޮމިށަނުގެ ބޭނުމަށް ހާޒިރުކުރެވޭ މީހުން، ކޮމިށަނުގެ ހުއްދަނެތި ފުރައިގެން ދިޔުން.

 

ހަވަނަ ބާބު

ބަލައި ފާސްކުރުމާއި، މުދާ ހިފެހެއްޓުން

 

61 ވަނަ މާއްދާ - ބަލައި ފާސްކުރުން

(ހ) ކޮމިށަނުން ހިންގާ ތަހުގީގަކާ ގުޅިގެން އެއްވެސް ތަނެއް ބަލައި ފާސްކުރަން ޖެހޭކަމަށް ކޮމިށަނަށް ފެންނަ ހާލަތުގައި، ކުރިން އެންގުމަކާނުލައި އެ ތަނަކަށް ގޮސް ބަލައި ފާސްކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ކޮމިށަނުން އެއްވެސް ތަނެއް ބަލައި ފާސްކުރުމުގައި އެ ތަނަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށް އަދި އެ ތަނުގެ ވެރިފަރާތުން އެ ތަނުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް ނޭޅޭނެ ފަދަ ގޮތަކަށް ތަހުގީގު ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ތަންތަން ބަލައި ފާސްކުރުން

ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ތަނެއްގައި ހުރި މީހަކާ ގުޅޭ މައްސަލައެއް ތަހުގީގު ކުރުމުގައި އެ ތަނެއް ބަލައި ފާސްކޮށް ހެކި ހޯދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި، ކޮމިށަނުން އެ ތަންތަނުގެ ފޮޓޯއާއި، އޯޑިއޯއާއި، ވީޑިއޯ، ހެކީގެ ގޮތުގައި ހޯދުމާއި، ހެކީގެ ގޮތުގައި ކޮމިށަނަށް ގެންނަންޖެހޭ އެހެނިހެން ތަކެތި ހޯދުމާއި ކޮމިށަނަށް ގެނައުން ހިމެނެއެވެ.

 

63 ވަނަ މާއްދާ - އާންމު ތަންތަނަށް ވަނުން   

ކޯޓު އަމުރަކާނުލައި، އާންމު ތަންތަން ބަލައި ފާސްކުރުމުގެ ބާރު ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިގެންވެއެވެ.

 

64 ވަނަ މާއްދާ - އާންމު ތަންތަން ބަލައި ފާސްކުރުން

(ހ) ކޯޓު އަމުރަކާނުލައި އާންމު ތަންތަން ބަލައި ފާސްކުރުމަށް ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ވެސް، ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިގެންވެއެވެ.

  1. އެ ތަނެއް ބަލައި ފާސްކުރުމަށް ޓަކައި، އެ ތަނުގައި ތިބެންޖެހޭނެކަމަށް ކޮމިށަނުން ކަނޑައަޅާ ވަގުތެއް ވަންދެން އެ ތަނެއްގައި ތިބުން؛
  2. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނޭތޯ އެ ތަނެއް ހޯދުން؛
  3. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންދިއުން؛
  4. އެ ތަނާއި އެ ތަނުގައިވާ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން؛
  5. އެ ތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުން؛
  6. އެ ތަނެއް ކޮނެގެން ބެލުން؛
  7. އެ ތަނެއްގައި ބަންދުކޮށްފައި ހުރި އެއްޗެއް ހުރި ނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛
  8. ތަޅުލައިފައި ހުރި އެއްޗެއް އެ ތަނެއްގައި ހުރި ނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމު ތަނެއްގައި ބަލައި ފާސްކުރުމުގައި، އެ ތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުމުގެ ބާރު، މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން ކޮމިށަނަށް ލިބިދެނީ، އެ އިމާރާތަކީ އަމިއްލަ ތަނެއްގެ މާނައިގެ ހިމެނޭ އިމާރާތެއް ކަމުގައި ނުވާ ހާލަތުގައި އެކަންޏެވެ.

 

65 ވަނަ މާއްދާ - އަމިއްލަ ތަންތަން ބަލައި ފާސްކުރުން

ކުށަކާ ގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ނަމަ، އަދި އެއީ ކުށް ސާބިތުކުރުމަށް ޓަކައި ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ނަމަ، އެ އެއްޗެއް ހޯދުމަށް އެ ތަނަކަށް، އެ ތަނުގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތެއްގެ ރުހުމާ ނުލައި ނުވަތަ އެވަގުތަކު އެތަނަކާ ހަވާލުވެގެން ހުރި ފަރާތުގެ ރުހުމާ ނުލައި ކޮމިށަނުން އެ ތަނަކަށް ވަދެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.

 

66 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުން

(ހ) ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަދެވޭ ތަނެއް، އެ އަމުރުގައި ކަނޑައަޅައިފައިވާ މުއްދަތުގައި ކޮމިށަނުން ބަލައި ފާސްކޮށް ނިންމަންވާނެއެވެ. އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ތަނެއް ބަލައި ފާސްކޮށް ނިންމޭނެކަމަށް ކޮމިށަނަށް ބެލެވެން ނެތް ނަމަ، އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ އަމުރުގެ މުއްދަތު އިތުރުކުރުމަށް އެދި ކޯޓަށް ހުށަޅަންވާނެއެވެ.

(ށ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ބާރު، އެކަމަށް ކޮމިށަނުން ހުއްދަދީފައިވާ ކޮންމެ އޮފިސަރަކަށް ލިބިގެންވެއެވެ. އަދި އެ އަމުރުގެ ދަށުން ކުރުމަށް ބާރުދޭ ކަންކަން ކުރުމުގެ ބާރު އެ އޮފިސަރުންނަށާއި، އެ އޮފިސަރުންނާއެކު އެ އަމުރު ތަންފީޒުކުރުމަށް ދާ ކޮމިށަނުން ހުއްދަކޮށްފައިވާ އެހެން އޮފިސަރުންނަށް ވެސް ލިބިގެންވެއެވެ.

 

ހަތްވަނަ ބާބު

ތަހުގީގު ނިންމުމަށްފަހު އަމަލުކުރަންޖެހޭ ގޮތް

 

67 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ހިއްސާކުރުން

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގެ ތަހުގީގު ނިމުމާއެކު، މައްސަލައިގެ ޖަވާބު، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަކާއެކު، މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ހިއްސާކުރަންވާނެއެވެ.

(ށ) ޖިނާއީ ދަޢުވާކުރަން ފޮނުވާ މައްސަލަތަކާއި، މަދަނީ ބަދަލު ހޯދުމަށް ފެންނަ މައްސަލަތަކުގައި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި މަޢުލޫމާތު ހިމަނަންވާނީ، އެ މައްސަލައެއްގެ ޖިނާއީ ނުވަތަ މަދަނީ ދަޢުވާތަކަށް ހުރަސްނޭޅޭ މިންވަރަށް، އަދި ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ފަރާތްތަކާއި ހެކި ބަސްދޭ ފަރާތްތަކުގެ ހައްގުތަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށެވެ. މީގެ އިތުރުން، ޖިނާއީ ދަޢުވާއެއް ކުރަން ފޮނުވާ މައްސަލައެއްގައި ދަޢުވާއަށް ހުރަސްއެޅިދާނެ ފަދަ މަޢުލޫމާތާއި ހެއްކާއި ގަރީނާ ރައްކައުތެރިކުރުމަށް ބޭނުންވާ މަޢުލޫމާތުތައް މި ރިޕޯޓުގައި ހިމަނައިގެން ނުވާނެއެވެ.

 

68 ވަނަ މާއްދާ - ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން

(ހ) ހާއްސަ ހާލަތެއްގައި މެނުވީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ކޮމިށަނަށް ހުށަހެޅޭ އެންމެހައި މައްސަލަތައް، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށްފަހު، ޖިނާއީ ދަޢުވާކުރަން ޖެހޭކަމަށް ކޮމިށަނަށް ފެންނަ މައްސަލަތައް ތަހުގީގުކޮށް ނިމޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ. މިގޮތުން ތަހުގީގަށްފަހު ޖިނާއީ ދަޢުވާ ކުރަން ޖެހޭކަމަށް ކޮމިށަނަށް ފެންނަކަމަށް ނިންމުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ޓޯޗަރއެއް ކަމަށް ބަލައި ދަޢުވާ ކުރެވޭނެ މައްސަލައެއްކަން ތަހުގީގަށް ސާބިތުވެފައިވުން.
  2. ޖިނާއީ ދަޢުވާއެއް އުފުލުމަށް ބޭނުންވާނެ މިންވަރަށް މައްސަލައިގެ ބާވަތުން ހެއްކާއި ގަރީނާ ތަހުގީގަށް ލިބިފައިވުން.
  3. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީންނާއި، ކޮމިށަނުން ކަނޑައަޅައިފައިވާ މިންވަރަށް ތަހުގީގު ފުރިހަމަކުރެވިފައިވުން.

 

(ށ) ކޮމިށަނަށް ހުށަހަޅާ ކޮންމެ މައްސަލައަކާ ގުޅިގެން، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ނިންމާ ނިންމުން، މައްސަލަ ހުށަހެޅި ފަރާތަށް ލިއުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާ ކުރުމަށް ފޮނުވާ އެންމެހައި މައްސަލަތައް ފޮނުވަންވާނީ، މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ ތަފުސީލީ ރިޕޯޓާއި، މައްސަލައާ ގުޅިގެން ހޯދާ އެންމެހައި ހެކިތަކާއި ގަރީނާތަކާއި ބަޔާންތަކުގެ އަސްލު ހިމެނޭގޮތަށެވެ. މިގޮތުން ފޮނުވޭ އެންމެހައި ޑޮކިއުމަންޓްތަކުގެ ކޮޕީ، ކޮމިށަނުގައި ބަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިލެކްޓްރޯނިކް ފައިލިންގ ސިސްޓަމެއް ގާއިމުކޮށް، އެކަމަށް ހާއްސަ ގަވާއިދެއް އެކުލަވައިލައިފައިވާ ނަމަ، މި ނިޒާމު މެދުވެރިކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވިދާނެއެވެ.

(ބ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުން ދީފާނެކަމުގެ އިންޒާރު ނުވަތަ މަޢުލޫމާތު ލިބިފައިވާ ނަމަ، ހެކިބަސް ދޭންހުރި މީހަކީ ކާކުކަން ހާމަނުކޮށް، އޭނާއާ ގުޅޭ މަޢުލޫމާތު ކޮމިށަނުން ސިއްރުކުރަންވާނެއެވެ. އަދި ދަޢުވާ އުފުލުމަށް ޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެފަދަ މައްސަލަތައް ފޮނުވާއިރު، ހެކިބަސް ދޭންހުރި މީހާގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ފޮނުވަންވާނީ ސިއްރު ލިޔެކިޔުންތަކެއްގެ ގޮތުގައެވެ.

 

69 ވަނަ މާއްދާ - މަދަނީ ހައްގުތައް ހިމެނޭ މައްސަލަތަކާއި، ބަދަލު ނަގައިދޭންޖެހޭ މައްސަލަތައް

(ހ) ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ފަރާތެއްގެ މަދަނީ ހައްގެއް ގެއްލިފައިވާކަން ނުވަތަ އެއްވެސް މަދަނީ ބަދަލެއް އެ ފަރާތަކަށް ލިބިދޭން ޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެ ހާލަތްތަކުގައި، ރަސްމީ ލިއުމަކުން، އެކަން އެ ފަރާތަކަށް ކޮމިށަނުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ށަރީއަތް މެދުވެރިކޮށް ބަދަލު ހޯދައިދިނުމުގެ މަސައްކަތް، ގަވާއިދު ނަންބަރު 2019-1001 (ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިން ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާބެހޭ ގަވާއިދު) އާއި އުސޫލުތަކާ އެއްގޮތަށް ކުރިޔަށްގެންދަންވާނެއެވެ.

 

އަށްވަނަ ބާބު

އެހެނިހެން

 

70 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ހިއުމަން ރައިޓްސް ކޮމިށަނުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކޮށް އާންމުކުރާ ތާރީހުން ފެށިގެންނެވެ.

 

71 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 38/2014 (އެންޓި-ޓޯޗަރ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު) އުވުނީއެވެ.

 

72 ވަނަ މާއްދާ - ގުޅިގެން ހިންގާ ތަހުގީގު

ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި، މިނިވަން ތަހުގީގެއް ކުރުމަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރެވޭ ނަމަ، ނޭށަނަލް އިންޓަގްރިޓީ ކޮމިށަނާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގިދާނެއެވެ. މިގޮތުން ޖޮއިންޓް އިންވެސްޓިގޭށަން ހިންގުމުގެ އެއްބަސްވުންތައް އެކުލަވައިލަންވާނީ، ކޮންމެ މައްސަލައެއް ވަކިން ވަޒަންކޮށް، ކޮންމެ މައްސަލައަކަށް ވަކި އެއްބަސްވުމެއްގެ ދަށުންނެވެ.

 

73 ވަނަ މާއްދާ - ކޮމިށަނުގެ މުވައްޒަފުންނަށް އިންޒާރުދިނުމާއި ބިރުދެއްކުން

ކޮމިށަނުގެ އެއްވެސް މެންބަރަކަށް ނުވަތަ މުވައްޒަފަކަށް އެއްވެސް ފަރާތަކުން އިންޒާރުދިނުމަކީ، ނުވަތަ ބިރުދެއްކުމަކީ، ނުވަތަ އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތުގެ) ގެ 511 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

 

74 ވަނަ މާއްދާ - ކޮމިށަނުގެ މުވައްޒަފުންނަށް ލިބިދޭ ހިމާޔަތްތެރިކަން

ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން، ގާނޫނުގައިވާ ގޮތުގެ މަތިން ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ މެންބަރުން ނުވަތަ ކޮމިށަނުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ދަޢުވާއެއް ނުވަތަ ޖިނާއީ ދަޢުވާއެއް ނޫފުލޭނެއެވެ.

 

75 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއް ކަމުގައި ކަނޑައެޅުން

މި ގަވާއިދާ އެކުގައިވާ ޖަދުވަލު 1 އާއި، ޖަދުވަލު 2 އާއި، ޖަދުވަލު 3 އާއި، ޖަދުވަލު 4 އާއި، ޖަދުވަލު 5 އެއީ މި ގަވާއިދުގެ ބައެކެވެ.

 

76 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައިވަނީ، އެ ލަޒުފުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޓޯޗަރ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 10 ވަނަ މާއްދާއާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަންކަމާއި އަމަލުތައް ހިމެނޭގޮތުންނެވެ. މީގެ ތެރޭގައި، މާއްދީ އަނިޔާއާއި، ޖިސްމާނީ އަނިޔާއާއި، ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލުތައް ހިމެނެއެވެ.

(ށ) "މާއްދީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަންކަމާއި އަމަލުތައް ހިމެނޭގޮތުންނެވެ.

(ނ) "ނަފްސާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަންކަމާއި އަމަލުތައް ހިމެނޭގޮތުންނެވެ.

(ރ) "ރަހުމްކުޑަ، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަންކަމާއި އަމަލުތައް ހިމެނޭގޮތުންނެވެ.

(ބ) "ރިހެބިލިޓޭށަން ފަރުވާ" ކަމަށް ބުނެފައި އެވަނީ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާދީ، އެ ފަރާތްތަކުން އާންމު ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ނަފްސާނީ، ޖިސްމާނީ، އިޖުތިމާޢީ ފަރުވާތައް ލިބޭނެ ގޮތަށް ދެވޭ ފަރުވާގެ މާނައިގައެވެ.

(ޅ) "ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެ މީހަކާ ދެކޮޅަށް އެ ގާނޫނާއި، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން އެ ވަގުތަކު ތަހުގީގު ހިންގެމުންދާ ނުވަތަ އެ ވަގުތަކާ ހަމަޔަށް އެ ކުށުގެ ދަޢުވާ އުފުލިފައިނުވާ މީހާއަށެވެ. މީގެ ތެރޭގައި، އެ މީހެއްގެ މައްޗަށް ތަހުގީގު އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނުވަތަ ދަޢުވާ ނޫފުލުމަށް ނިންމޭ މީހާއަކީ ކުށުގެ ތުހުމަތުގައިވާ މީހެއް ކަމަކަށް ނުބެލެވޭނެއެވެ.

(ކ) "ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ތަނެއް" ކަމުގައި ބުނެފައި އެވަނީ، ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ އަމުރެއްގެ ދަށުން މީހުންގެ މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާ ޖަލުތަކާއި، ކަސްޓޯޑިއަލްތަކާއި، ސެންޓަރުތަކާއި، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކާއި، ކަރަންޓީނު ފެސިލިޓީތަކާއި، ދައުލަތުގެ އިދާރާއެއްގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ މިނޫން ތަންތަން ވެސް ހިމެނޭ ގޮތަށެވެ.

(އ) "ހިއުމަން ރައިޓްސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 189 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާއަށެވެ.

(ވ) "ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާއަށެވެ.

 

 

 

 

ޖަދުވަލު 4

ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ހެކިބަސް ދޭ ފަރާތްތަކުން ކުރަންޖެހޭ ހުވައި

"އަހުރެނ،ް (ހާޒިރުކުރެވުނު މީހާގެ ނަން)، ހިއުމަން ރައިޓްސް ކޮމިށަނުގައި ހިނގަމުންދާ މި މައްސަލައިގައ،ި ކުރެވޭ އެންމެހައި ސުވާލުތަކަށް ޖަވާބުދިނުމުގައްޔާއ،ި އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދު ބުނުމަށާއ،ި ހަގީގަތާ ހިލާފަށް އެއްވެސް އެއްޗެއް ނުބުނުމަށް މާތްالله ގަންދީ ހުވައިކުރަމެވ.ެ"

 

ޖަދުވަލު 5

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-105)

 

މައި ގާނޫނު

އެންޓި ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު