-

ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގގެ ހިދުމަތްތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 115/2020)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި، ވިޔަފާރި އުސޫލުން ހިންގާ ފްރެއިޓް ފޯވަރޑިންގގެ ވިޔަފާރި ހަރަކާތްތައް ހިންގުމާގުޅޭ އުސޫލުތަކާއި، ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމާއި، ވިޔަފާރި ހަރަކާތް ހިންގުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައްޙިމާޔަތްކުރުމުގެ ގާނޫނަށް ރިއާޔަތްކުރުމާއެކު، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ނ) ގައި، ވަކި ބާވަތްތަކުގެ ވިޔަފާރި ހަރަކާތްތައް ހިންގުމާގުޅޭ އުސޫލުތަކާއި، ވަކި ބާވަތެއްގެ ވިޔަފާރި ހިންގުމުގައި ހޯދަންޖެހޭ ހުއްދަތަކާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު ހެދުމުގެ އިހްތިޔާރުގެ ދަށުން، ހަދާފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގގެ ހިދުމަތްތައް" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ހިންގާ ވިޔަފާރި ފަހިކޮށްދިނުމުގެ ގޮތުން، މުދާ އެތެރެކުރުމުގެ ތެރޭގައި ގުޅުންހުރި ހިދުމަތްތައް ހޯދާ އެކިއެކި ފަރާތްތަކުން ދޭ ހިދުމަތްތަކުގެ ތެރެއިން ފްރެއިޓް ފޯވަރޑިންގގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެއް މިންގަނޑަކަށް ފައްތައި، އެފަދަ ހިދުމަތްތަކަކީ ޕްރޮފެށަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ހިންގާ ހަރަކާތެއްގެ ގޮތުގައި ދެމެހެއްޓުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

(ހ)  މި ގަވާއިދު ހިނގާނީ ، ވިޔަފާރި އުސޫލުން ހިންގާ ކަމެއްގެ ގޮތުގައި ހިންގާ، ށިޕިންގ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެ، އިމްޕޯޓްކުރާ މުދަލުގެ ބީ.އެލް. ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ހިދުމަތް ހިމެނޭގޮތުން، ފްރެއިޓް ފޯވަރޑިންގގެ ހިދުމަތް ދިނުމަށެވެ.

(ށ) މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ "ށިޕިން އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 114/2020) ހިނގާ ފަރާތްތަކުގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ.  

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާނެ ފަރާތް 

މި ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ ރެޖިސްޓްރާރ އޮފް ބިޒްނަސަސްއެވެ.

 

5 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ދިވެހިރާއްޖޭގެ ސަރަހައްދުގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްވެސް ވިޔަފާރި ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ވިޔަފާރި ހަރަކާތެއް މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތް ހިންގުމުގެ އެއްވެސް ކަމެއް ކުރަންވާނީ، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އެ ފަރާތެއް ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވިޔަފާރި ތަންތަނުގެ ތެރެއިން، މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަން ހުށަހަޅަނީ ބިދޭސީ ފަރާތެއްނަމަ، ނުވަތަ ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، އެފަރާތަކުން، ގާނޫނު 25/1979 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) ގައި ބަޔާންކުރާ ގޮތުގެ މަތިން، ފޮރިން އިންވެސްޓްމަންޓް ހުއްދަ ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންވާނެއެވެ.  

 

6 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހަޅާނީ،އޮންލައިންކޮށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ބިޒްނަސް ޕޯޓަލް mv.egov.business މެދުވެރިކޮށް، “Registration Activity Business “ގެ ހިދުމަތަށެވެ.

(ށ) (ށ) މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށް ބިޒްނަސް ޕޯޓަލްއަށް ހުށަހަޅާނީ، ‘transport water freight coastal & Sea‘ ވިޔަފާރި ހަރަކާތުގެ ކްލެސިފިކޭށަންތަކުގެ ދަށުންނެވެ. 

 

7 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ މައުލޫމާތު 

މި ގަވާއިދުގެ 6 ވަނަ މައްދާގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ހ) އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ނުވަތަ ޕާރޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރެޖިސްޓްރޭށަން ނަންބަރު؛

(ށ) ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ވިޔަފާރި ނަމެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ، ވިޔަފާރި ހަރަކާތުގެ ނަން؛

(ނ) ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ އެޑްރެސް (އިމާރާތުގެ ނަން، ޔުނިޓް ނަންބަރު،ފަންގިފިލާ، މަގު، އަވަށް، ސިޓީ ނުވަތަ އަތޮޅާއި ރަށް)؛

(ރ) ވިޔަފާރި ހަރަކާތް ހިންގާ ތަނާ ގުޅޭނެ ފޯނު ނަންބަރު ، އީމެއިލް އެޑްރެސް، އަދި މުއާމަލާތް ކުރާނެ ފަރާތެއްގެ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް؛ 

 

8 ވަނަ މާއްދާ - ފީ

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން 500 (ފަސްސަތޭކަ) ރުފިޔާގެ އިދާރީ ފީއެއް މިނިސްޓްރީއަށް ދައްކަންވާނެއެވެ.

 

9 ވަނަ މާއްދާ - މައުލޫމާތު އަޕްޑޭޓްކުރުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ހަރަކާތެއްގެ ދަފުތަރުގައިވާ އެއްވެސް މައުލޫމާތަކަށް ބަދަލު އަތުވެއްޖެނަމަ، އެ މައުލޫމާތެއް އަޕްޑޭޓް ކުރުމަށް، ނުވަތަ އަހަރަކު އެއްފަހަރު މައުލޫމާތު އަޕްޑޭޓް ކުރުމަށް mv.egov.business މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. މިގޮތުން، މައުލޫމާތު އަޕްޑޭޓްކުރުމަށް ސުންގަޑިއެއް ދީ ، ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކަނޑައަޅައިފައިވާ ސުންގަޑިއަށް ހުށަހަޅައިފައިނުވާ ފަރާތްތައް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 

 

10 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ހިންގުން ހުއްޓާލުމުން ބާތިލުކުރުމަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ހަރަކާތެއް ހުއްޓާލައިފިނަމަ، ވިޔަފާރި ހަރަކާތުގެ ރެޖިސްޓްރޭށަން ބާތިލުކޮށް ދަފުތަރުން އުނިކުރުމަށްޓަކައި، ވިޔަފާރި ހަރަކާތް ހުއްޓާލާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކަނޑައަޅައިފައިވާ ސުންގަޑިއަށް ހުށަހަޅައިފައިނުވާ ފަރާތްތައް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 

 

11 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދުގައި ބަޔާންކުރާ ވިޔަފާރި ޙަރަކާތެއް، އެއްވެސް ފަރާތަކުން، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަކާ ނުލައި ހިންގައިފިނަމަ، ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން، އެ ފަރާތެއް 1،000 (އެއްހާސް) ރުފިޔާއާއި 10،000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - އަގު ކޮންޓްރޯލްކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދާއިރާގެ ތެރޭގައި ވިޔަފާރި ހަރަކާތް ހިންގާ އެއްވެސް ފަރާތަކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން، އަންނަނިވި ކަންކަން ހިމެނޭ ހިދުމަތްތަކުން ނެގޭނެ އަގު، ގާނޫނު ނަންބަރު 1/1996  (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން، އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމާއެކު، އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކޮންޓްރޯލްކުރެވުނީއެވެ.

  1. ޑެލިވަރީ އޯޑަރ (ޑީ.އޯ) ޗާޖު، ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެ ގިނަ ސީ.ބީ.އެމް ހިމެނޭ ބީ.އެލް. އަކަށް ނަމަ 771 (ހަތްސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ؛
  2. ޑެލިވަރީ އޯޑަރ (ޑީ.އޯ) ޗާޖު، ފުލް ކޮންޓެއިނަރަކަށްވުރެ މަދުން ހުންނަ ބީ.އެލް. އަކަށްނަމަ 385/50 (ތިންސަތޭކަ އަށްޑިހަ ފަ ހެއް/ ފަންސާސް)ރުފިޔާ؛
  3. ޑެލިވަރީ އޯޑަރ (ޑީ.އޯ) ޗާޖު، މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ނުހިމެނޭ ކޮންމެ ބާވަތެއްގެ މުދަލަކަށް ދޫކުރެވޭ ޑީ.އޯ. އަކަށް: 385/50 (ތިންސަތޭކަ އަށްޑިހަ ފަހެއް/ ފަންސާސް)ރުފިޔާ؛
  4. ޑެލިވަރީ އޯޑަރ (ޑީ.އޯ) އެމެންޑްމަންޓް ޗާޖު:  385/50 (ތިންސަތޭކަ އަށްޑިހަ ފަހެއް/ ފަންސާސް) ރުފިޔާ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ހިމެނޭ ހިދުމަތްތަކުން ނެގޭނެ ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ހިދުމަތަށް އަގު ނެގުމަކީ މަނާކަމެކެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ހިމެނޭ ހިދުމަތަކުން އަގު ނެގެނީ، ތަފާތު ނަން ތަކެއްގައި ނަމަވެސް، ނުވަތަ ތަފާތު އިންވޮއިސްތަކަކުން ނަމަވެސް، ހިދުމަތް ލިބިގަންނަ ފަރާތުގެ އަތުން އަގު ނަގާ ހިދުމަތަކީ، މައިގަނޑު ގޮތެއްގައި ނުވަތަ ޖުމްލަ ގޮތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތެއް ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް އަގު ނެގުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެ ފަރާތެއް ތިރީގައި މިދަންނަވާ އަދަދުން ޖޫރިމަނާ ކުރެވޭނެއެވެ.

(1 (ފުރަތަމަ ފަހަރު 500 (ފަސްސަތޭކަ) ރުފިޔާ؛ 
(2 (ދެވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
(3 (ދެފަހަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 100،000 (އެއްލައްކަ) ރުފިޔާ. 

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވާނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރެޖިސްޓްރާރ އޮފް ބިޒްނަސަސް" ކަމަށް ބަޔާންކޮށްފައިއެވަނީ، ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ "ރެޖިސްޓްރާރ އޮފް ބިޒްނަސަސް" އަށެވެ.

(ށ) "ވިޔަފާރި ހަރަކާތް" ކަމަށް ބަޔާންކޮށްފައިއެވަނީ، ގާނޫނުގެ 9 ވަނަ މާއްދާއިން އިސްތިސްނާކޮށްފައިވާ ވިޔަފާރިތައް ނުހިމެނޭ ގޮތުން، ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ކަންކަން ހިމެނޭގޮތުން ހިންގާ ކޮންމެ ހަރަކާތަކަށެވެ.

(ނ) "ވިޔަފާރި ނަން" ކަމަށް ބަޔާންކޮށްފައިއެވަނީ، ގާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ ވިޔަފާރި ނަމަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައިއެވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ނުވަތަ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެވަގުތަކު ކަނޑައަޅާފައިވާ ސަރުކާރުގެ މިނިސްޓްރީއަށެވެ. 

 

މައި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު