-

ޕެރޯލްގެ ގަވާއިދު

(ގަވާއިދު ނަންބަރު 86/2020)

މި ގަވާއިދުން ވަނީ ގަވާއިދު ނަންބަރު 162/2014 އުވާލެވިފައި

1 ވަނަ މާއްދާ - ތަޢާރުފު

(ހ) މި ގަވާއިދަކީ، ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން ހުކުމުގެ މުއްދަތުން ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ގައިދީން، މުޖުތަމަޢުގެ ރައްކައުތެރިކަން ނުގެއްލޭ ގޮތެއްގެ މަތިން މުޖުތަމަޢަށް އަލުން އަހުލުވެރި ކުރުމަށް ޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކާއެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ފުރުސަތު، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ލިބިދިނުމުގައި ޕެރޯލް ބޯޑުން ރިޢާޔަތްކުރާނެ ކަންތައްތަކާއި، ޢަމަލުކުރާނެ މައިގަނޑު އިޖުރާއަތުތަކާއި، ޕެރޯލްގެ ށަރުތުތަކާއި، ޕެރޯލް ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

 

ނަން

(ށ) މި ގަވާއިދަށް ކިޔާނީ، "ޕެރޯލްގެ ގަވާއިދު" އެވެ.

(ނ)  މި ގަވާއިދަކީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 150 ވަނަ މާއްދާގެ (ށ) ގެ 13 ވަނަ ނަންބަރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ ޕެރޯލް ބޯޑުންނެވެ.

 

3 ވަނަ މާއްދާ - ޕެރޯލްގެ މަގްސަދުތައް 

ޕެރޯލްގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ)  ހުކުމް ތަންފީޒު ކުރެވެމުންދާ ގައިދީން މުޖުތަމަޢުގައި އުޅޭއިރު، އެ މީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ނެތްކަން ޔަގީން ކުރުން. 

(ށ)  ހުކުމް ތަންފީޒުވަމުންދާ ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް އަހުލުވެރި ކުރުވުން؛

(ނ) ޕެރޯލްގައި ހުންނަ ފަރާތް ކުށްކުރުމުން ދުރުހެލި ކުރުވުން؛

(ނ) ކުށް ތަކުރާރުކުރުން މަދުކުރުން.

 

ޕެރޯލް ދި ނުމުގައި ބަލަންޖެހޭ ކަންކަން 

ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން ޕެރޯލްގެ ފުރުސަތުތައް ލިބިދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާ ގައިދީންނަށެވެ.

(ހ) ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވައިލުން ނުވަތަ ގޭބަންދުކުރުން ކަމުގައި ވުން؛

(ށ) ގައިދީ، ޖަލުގައި ހޭދަކުރި މުއްދަތުގައި ގައިދީގެ އަހްލާގީ މިންގަނޑު ވަޒަންކުރުމަށްފަހު، ރަނގަޅުކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަންސް ފާހަގަކޮށްފައިވުން؛

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ކޯޓެއްގައްޔާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހިނގަމުންދާ އިތުރު މައްސަލައެއް ނެތް ގައިދީއެއް ކަމުގައި ވުން؛

(ރ) އަހްލާގު ރަނގަޅުކުރުމަށާއި ގާނޫނާއި ގަވާއިދުތަކަށް ކިޔަމަންތެރި މީހަކަށް ހެދުމަށް ޓަކައި ޖަލުގައި ހިންގާ ދީނީގޮތުންނާއި ތަޢުލީމީގޮތުން ޖަލުން ކަނޑައަޅާ ރިހެބިލިޓޭށަން ޕްރޮގްރާމެއް ނުވަތަ އެ ޕްރޮގްރާމުން ބައެއް ފުރިހަމަކޮށްފައި ވުން؛

(ބ) ޕެރޯލްގެ ދަށުން ދޫކޮށްލައިފިނަމަ، ގައިދީގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހަކަށް ވުމުގެ ފުރުސަތު ކުޑަކަމަށް ގުޅުންހުރި އެކިއެކި އިދާރާތަކުންނާއި ޑައިރެކްޓަރ އޮފް ޕްރިޒަންސް ފާހަގަކޮށްފައިވުން؛

(ޅ) ޕެރޯލްގެ ދަށުން ދޫކޮށްލައިފިނަމަ، ގައިދީ ކުށްކުރުމުން ދުރުހެލިވެ، ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމަޢަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ޕެރޯލް ބޯޑަށް ގަބޫލުކުރެވުން؛

(ކ) އެ ގައިދީއަކު ކުރި ކުށަކާ ގުޅިގެން އެއްވެސް މީހެއްގެ ހައްގެއް އަދާކުރަން އޮތްނަމަ، އެ ހައްގެއް އަދާކޮށްފައި އޮތުން؛

(އ) ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކަށް ނުވުން؛ އަދި

(ވ) ހުކުމް ތަންފީޒުކުރާ ގައިދީއެއްގެ ޕެރޯލް ބާތިލުކޮށްފިނަމަ، ނުވަތަ އެއްވެސް ސަބަބަކަށްޓަކައި އެނބުރި ޖަލަށް ރުޖޫޢަ ކުރެވިއްޖެނަމަ، ޕެރޯލް ބާތި ލުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހު ފާއިތުވެފައިވުން.

(މ) މި މާއްދާގެ (ރ) ގައިވާ ޕްރޮގްރާމް ގައިދީ ފުރިހަމަކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރަން ފަށާނީ، މި ގަވާއިދަށް ޢަމަލު ކުރަން ފެށުމަށްފަހު ޕެރޯލަށް އެދޭ ފަރާތްތަކަށެވެ. 

 

5 ވަނަ މާއްދާޕެރޯލް ގެ ފުރުސަތު ލިބޭނެ އެންމެ ކުރު މުއްދަތު

ޕެރޯލްގެ ފުރުސަތު ލިބިދެވޭނީ، ގައިދީގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތުގެ ތެރެއިން އެންމެ ކުރުވެގެން، ތިރީގައިވާ މުއްދަތުތައް ތަންފީޒުވެފައިވާ ގައިދީންނަށެވެ.

(ހ) އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމެއް ނުވަތަ އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރަމުންދާ ގައިދީއެއް ނަމަ، އެ ގައިދީއެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން.

  1. ޓެރަރިޒަމްގެ ކުށް؛

  2. (ހ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) ގެ ދަށުން ކުށް ސާބިތުވެ، އުމުރުދުވަހަށް
    ޖަލަށް ލުމަށް އަދަބު ކަނޑައަޅައިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާ އެއްޗަކީ ޑައިމޯފިން ނަމަ، އެ މަސްތުވާ އެއްޗެއްގެ ބަރުދަނުގައި 4 (ހަތަރެއް) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛
    (ށ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) ގެ ދަށުން ކުށް ސާބިތުވެ، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައަޅައިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާ އެއްޗަކީ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެސިން ނަމަ، އެ މަސްތުވާ އެއްޗެއްގެ ބަރުދަނުގައި 14 (ސާދަ) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛
    (ނ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) ގެ ދަށުން ކުށް ސާބިތުވެ، އުމުރުދުވަހަށް  ޖަލަށް ލުމަށް އަދަބު ކަނޑައަޅައިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާ އެއްޗަކީ ޑައިމޯފިން ނުވަތަ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެސިން ފިޔަވައި އެހެން ބާވަތެއްގެ މަސްތުވާ އެއްޗެއް ނަމަ، އެ މަސްތުވާ އެއްޗެއްގެ ބަރުދަނުގައި 1 (އެކެއް) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛
    (ރ) ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެފައިވާ މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ތެރެއިން، އުމުރު ދުވަހަށް ޖަލަށް ލުމަށް  އަދަބު ކަނޑައެޅިފައިވާ ކުށް.
  3. ގަދަކަމުން ބަދު އަހްލާގީ ޢަމަލު ހިންގުން؛
  4. ކިޑްނެޕިންގ؛
  5. ވައްކަމާއި، ޓެކުމާއި، ހިޔާނާތްތެރިވުމާއި، މަކަރާއި، ހީލަތާއި، ފޭރުމުގެ ކުށްކުށުގެ ތެރެއިން 100،000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ އަދަދެއްގެ ފައިސާ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް؛
  6. ތޫނު އެއްޗެއް ބޭނުންކޮށްގެން ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހަކަށް ނުރައްކައުތެރި އަނިޔާއެއް ލިބޭ ފަދަ ނުވަތަ ފުރާނައަށް ނުރައްކައުވާ ފަދަ މާރާމާރީއެއް ހިންގުން؛
  7. ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުން.

(ށ) މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ތެރެއިން މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ފިޔަވައި އެހެން ކުށެއްގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން؛

(ނ) މި މާއްދާގެ (ހ) އާއި (ށ) އާއި މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެކި މައްސަލަތަކުގައި ޖަލު ހުކުމާއި، ގޭގައި ބަންދުކުރުމާއި، އަރުވައިލުން ފަދަ ހުކުމްތަކުގައި ތިބޭ ގައިދީންނަށް ޕެރޯލްގެ ފުރުސަތު ލިބިދިނުމުގައި ޢަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

  1. އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން، ހަށިވިއްކުން، މީހުން ޓްރެފިކްކުރުން، ގެވެށި އަނިޔާގެ މައްސަލަތައް، ރިށްވަތު ހިފުން، ވައްކަމުގެ 100،000 (އެއް ލައްކަ) ރުފިޔާ ނުވަތަ އެ އަދަދަށްވާ މުދަލަށް ވުރެ ކުޑަ އަދަދަކުން ވައްކަންކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، ތަނެއް ހަލާކުކޮށްލައިގެން ކޮށްފައިވާ ވައްކަމާއި، ޖަމާޢަތް ހަދައިގެން ކޮށްފައިވާ ވައްކަމުގެ ކުށާއި، ޖަމާޢަތް ހަދައިގެން ކޮށްފައިވާ ފޭރުމުގެ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބުމަށް ށަރުތު ހަމަވާކަމަށް ބެލެވޭނީ، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުމުން؛
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ކުށްތައް ފިޔަވައި އެހެން ކުށެއްގައި ހުކުމް ކޮށްފައިވާ ނަމަ، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން؛

 

6 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ނުލިބޭނެ ފަރާތްތައް

(ހ) އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހެއްނަމަ، އެ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެއެވެ.

  1. ގަސްތުގައި މީހަކު މެރުން؛
  2. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން؛
  3. އެހެން ގާނޫނަކުން އަދަބު ލުއި ނުކުރެވޭނެ ކަމަށް ކަނޑައަޅައިފައިވާ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން. 

 

7 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތަށް އެދި ހުށަހެޅުން

(ހ) ޕެރޯލްގެ ފުރުސަތަށް އެދޭ ގައިދީއަކު ނަމަ، ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާން 6 (ހައެއް) މަސްދުވަހަށް ވުމުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށް، ޕެރޯލްގެ ފުރުސަތަށް އެދި ގައިދީ ހުށަހަޅަން ވާނެއެވެ. އަދި ގައިދީއަށް ޕެރޯލްގެ ފުރުސަތު ލިބެންވާކަމަށް ގައިދީ ދެކޭ ސަބަބުތަކާއި، ޕެރޯލްގައި ދޫކުރެވިއްޖެނަމަ އެ ގައިދީއަކު ކަން ކުރާނެ ގޮތް ބަޔާންކޮށް ލިޔުމުން ހުށަހަޅަން ވާނެއެވެ.

(ށ) ޕެރޯލްގެ ފުރުސަތަށް އެދި ފޯމު ހުށަހެޅުމުގައި ގައިދީއަށް ބޭނުން ވެދާނެ އެންމެހައި އެހީތެރިކަމެއް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޭންވާނެއެވެ.

 

8 ވަނަ މާއްދާޕެރޯލް ފުރުސަތަށް އެދި ހުށަހަޅާ ފަރާތާ އިންޓަ ވިއު ކުރުން

(ހ) ޕެރޯލަށް އެދި ހުށަހަޅާ ފަރާތް، ޕެރޯލަށް ށަރުތު ހަމަވާނަމަ، އޭނާއަށް ޕެރޯލުގެ ފުރުސަތު ދިނުމާމެދު ޕެރޯލް ބޯޑުން ގޮތެއް ނިންމުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންޓަވިއު ކުރަން ވާނެއެވެ.

  1. ޕެރޯލް އޮފިސަރ، ޕެރޯލުގެ ފުރުސަތަށް އެދި ހުށަހަޅާ ގައިދީއާ އިންޓަވިއުކުރުން؛
  2. ޕެރޯލް އޮފިސަރ، ޕެރޯލްގެ ފުރުސަތަށް އެދި ހުށަހަޅާ ގައިދީގެ ބެލެނިވެރިޔާއާ އިންޓަވިއުކުރުން؛
  3. ޕެރޯލުގެ ފުރުސަތަށް އެދި ހުށަހަޅާ ގައިދީއާ، ޕެރޯލް ބޯޑުން އިންޓަވިއުކުރުން.

(ށ) ޕެރޯލް އޮފިސަރ، ޕެރޯލުގެ ފުރުސަތަށް އެދި ހުށަހަޅާ ގައިދީއާ ކުރާ އިންޓަވިއު ފޯމުގައި، އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ގައިދީގެ މަޢުލޫމާތު.
  2. ތަޢުލީމީ ފެންވަރު.
  3. މަސައްކަތްތެރިކަމުގެ ހުނަރާއި ތަޖުރިބާ.
  4. ސިއްހަތު .
  5. އިޖުތިމާޢީ ހާލަތު.
  6. ޕެރޯލުގެ ފުރުސަތު ލިބިއްޖެނަމަ ހުންނާނެ ތަނުގެ މަޢުލޫމާތު.
  7. ޕެރޯލުން ދޫކޮށްފިނަމަ ބެލެނިވެރިއެއްގެ ގޮތުން ހަވާލުވާނެ ފަރާތާއި ލިބޭނެ އެހީތެރިކަން.
  8. ކައިވެންޏެއް ކޮށްފައިވާނަމަ އެ މަޢުލޫމާތު.
  9. ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ޢާއިލާއާ ގުޅުން ބާއްވައިފައިވާ ގޮތުގެ މަޢުލޫމާތު.
  10. މަސްތުވާތަކެތި ބޭނުންކޮށްފައިވާ ފަރާތެއް ނަމަ އެކަމުގެ މަޢުލޫމާތު.
  11. މުސްތަގުބަލާމެދު ވިސްނައިފައިވާ ކަންތައްތައް.
  12. އިންޓަވިއުކުރި ފަރާތަށް ފާހަގަކުރެވިފައިވާ ކަންކަން.
  13. އިންޓަވިއުކުރި ފަރާތުގެ މަޢުލޫމާތު.

(ށ)  ޕެރޯލް އޮފިސަރ، ޕެރޯލްގެ ފުރުސަތަށް އެދި ހުށަހަޅާ ގައިދީގެ ބެލެނިވެރިޔާއާ އިންޓަވިއު ކުރާ ފޯމުގައި އަންނަނި މަޢުލޫމާތު
ހިމަނަންވާނެއެވެ.

  1. ހުކުމުގައި ހުރި މީހާގެ ބެލެނިވެރިޔާގެ މަޢުލޫމާތު؛
  2. ހުކުމުގައި ހުރި މީހާގެ މައިންބަފައިންގެ މަޢުލޫމާތު؛
  3. ބެލެނިވެރިޔާގެ ސިއްހީ މަޢުލޫމާތު؛
  4. ބެލެނިވެރިޔާގެ ކުށުގެ ރެކޯޑު؛
  5. ޢާއިލާގެ އެހެން މެންބަރަކު ހުކުމް ތަންފީޒު ކުރަމުން ދާނަމަ، އެ ކަމުގެ މަޢުލޫމާތު؛
  6. ހުކުމުގައި ހުރި މީހާގެ ދިރިއުޅުމާ ބެހޭ މަޢުލޫމާތުތައް؛
  7. އުޅެން ހަމަޖެހިފައިވާ މާހައުލާބެހޭ މަޢުލޫމާތު.
  8. ގައިދީގެ ބެލެނިވެރިޔާއާއެކު ދިރިއުޅުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު.
  9. ޕެރޯލަށް ދާ ގައިދީ ޕެރޯލަށް ދޫކުރުމާ ގުޅޭ ގޮތުން އެ ގައިދީއާ ހަވާލުވާންހުރި ބެލެނިވެރިޔާގެ ހިޔާލު.

 

9 ވަނަ މާޢްދާ - ޕެރޯލްގެ ފުރުސަތު ދިނުމުގައި ރިޢާޔަތް ކުރަންވާނެ ކަންކަން

ޕެރޯލްގެ ފުރުސަތަށް އެދި ހުށަހަޅާ ގައިދީއާމެދު ޕެރޯލް ބޯޑުން ގޮތެއް ނިންމުމުގައި ރިޢާޔަތްކުރާނެ ކަންތައްތަކާއި ޢަމަލުކުރާނެ މިންގަނޑުތައް ތިރީގައި މިވަނީއެވެ.

(ހ) ގައިދީ ހުކުމް ތަންފީޒު ކުރަމުންދާ ކުށް؛

(ށ) ގައިދީގެ ކުށުގެ ރެކޯޑެއް އޮތް ނަމަ، އެ ރެކޯޑުގެ އިތުރުން ތުހުމަތު ކުރެވިފައިވާ މައްސަލަތަކާއި މައްސަލަތަކުގެ ބާވަތްތައް؛

(ނ) ޑައިރެކްޓަރ އޮފް ޕްރިޒަންގެ ރިޕޯޓް؛

(ރ) ސައިކޯ ސޯށަލް އެސެ ސްމެންޓް ޕްރޮފައިލް ރިޕޯޓް؛

(ބ) ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ބެލެނިވެރިއެއް ހަމަޖެހިފައި ހުރުނ؛

  1. ދިވެހި ރައްޔިތެއް ކަމުގައި ވުން/ ޕެރޯލްގެ ފުރުސަތަށް ދޫކޮށްފައިވާ މުއްދަތު ފުރިހަމަ ކުރެވެންދެން ރާއްޖޭގައި ދިރިއުޅުމުގެ ވިސާ އޮތް ފަރާތެއް ކަމުގައި ވުން؛
  2. ޕެރޯލަށް އެދޭ ގައިދީއާ ޢާއިލީ ގުޅުމެއް އޮތް މީހެއް ކަމުގައި ވުން؛
  3. އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން؛
  4. ށަރުޢީ ކޯޓެއްގައްޔާއި ތަހުގީގުގެ މަރުހަލާގައި އެއްވެސް މައްސަލައެއް އޮތް މީހެއް ކަމުގައި ނުވުން؛
  5. ޒިންމާދާރު، އިހްލާސްތެރި މީހެއް ކަމުގައި ވު މާއި، ޕެރޯލް ދެވޭ ގައިދީއަށް އެހީތެރިވާނެ މީހެއްކަމުގައި، ޕެރޯލް ބޯޑަށް ގަބޫލުކުރެވޭ މީހެއް ކަމުގައި ވުން؛
  6. ޕެރޯލަށް ދޫކުރެވޭ މީހާ ބެލެހެއްޓޭނެ އަދި މޮނީޓަރ ކުރެވޭނެ ފަދަ ހާލަތެއްގައި ހުރި ފަރާތެއް ކަމުގައި ވުން؛

(ޅ) ގައިދީގެ އިޖުތިމާޢީ މައްސަލައެއް ހުރިނަމަ، އެ މައްސަލައެއް (މަސްތުވާތަކެތި ބޭނުންކުރުމާއި ގެވެށި އަނިޔާ ފަދަ މައްސަލަތައް
ހިމެނޭގޮތަށް)؛

(ކ) އިސްލާހުވުމަށް ވަގުތީގޮތުން ލިބުނު ފުރުސަތުގައި، ނުވަތަ ޕެރޯލުގައި އިސްލާހު ވުމަށް ކުރިން ލިބުނު ފުރުސަތުގައި ޢަމަލުކޮށްފައިވާ ގޮތާއި، ގައިދީގެ އަހްލާގު ހުރި ގޮތް؛

(އ) ގައިދީ ކުރިން އަދާކޮށްފައިވާ ވަޒީފާއާއި، ދިރިއުޅުމަށް ކުރަމުން ގެންދިޔަ މަސައްކަތުގެ މަޢުލޫމާތު؛

(ވ) ގައިދީ ޕެރޯލުގައި ދޫކުރުމުން މުޖުތަމަޢަށް ކުރިމަތިވެދާނެ ކަމަށް ފެންނަ ނުރައްކާ؛

(މ) ހުކުމް ތަންފީޒު ކުރަމުން ދިޔައިރު ގައިދީގެ ސުލޫކު ހުރި ގޮތް؛

(ފ) ގައިދީގެ މައްޗަށް ނިޔާ ކަނޑައެޅި ފަނޑިޔާރު ފާހަގަކޮށްފައިވާ ނުކުތާތަކާއި، ށަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތައް؛

(ދ) ގައިދީ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާ ނުވަތަ މީހުންގެ ފަރާތުން ލިބޭ މަޢުލޫމާތު:

(ތ) ގައިދީގެ ދާއިމީ ބައްޔެއް ހުރިނަމަ އެކަމުގެ މަޢުލޫމާތާއި، ގައިދީގެ ނަފްސާނީ ހާލަތާއި ޖިސްމާނީ ހާލަތު؛

(ލ)  ކުށްކުރުމާމެދު ގައިދީ ދެކޭގޮތަށް އައިސްފައިވާ ބަދަލު؛

(ގ) ގައިދީ ޖަލުގައި ހުރި މުއްދަތުގައި ބައިވެރިވެފައިވާ ޕްރޮގްރާމްތަކާއި، އަދާކުރި ވަޒީފާތައް؛

(ޏ) ގައިދީ ހުކުމް ތަންފީޒުކުރަމުން ދިޔަ މުއްދަތުގައި ގައުމީ ފެންވަރެއްގެ ސަނަދެއް، ނުވަތަ އާދަޔާ ހިލާފް ހުނަރެއް ހާސިލުކޮށްފައިވާނަމަ، އެ ކަމާ ގުޅޭ މަޢުލޫމާތާއި ލިޔެކިޔުން.

 

10 ވަނަ މާއްދާ - ޕެރޯލަށް ދޫކުރުމުގައި ށަރުތު ކަނޑައެޅުން

(ހ) ހުކުމް ތަންފީޒުކުރާ ގައިދީ ޕެރޯލްގެ ދަށުން ދޫކުރުމުގައި، ތިރީގައިވާ ގޮތަށް ޕެރޯލް ބޯޑުން ގައިދީއަށް ށަރުތު ކުރެވިދާނެއެވެ. އޭގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނިދާނެއެވެ.

  1. ދިރިއުޅޭ ގެއިން ނުވަތަ އެޕާޓްމަންޓުން ބޭރަށް ނުދިޔުމަށް ނުވަތަ ދިރިއުޅޭ ސަރަހައްދުން ބޭރަށް ނުދިއުމަށް އެންގުން؛
  2. އިލެކްޓްރޯނިކް ޓެގެއް ހަށިގަނޑުގައި އަޅުވައިގެން އުޅުމަށް އެންގުން. އަދި އެ ޓެގަ ށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ވަޒީފާ އަދާކޮށްގެން ދެއްކުން؛
  3. ޕެރޯލް ބޯޑުން ކަނޑައަޅާ ވަކި ގަޑިތަކަކަށް ވަކި ކަންތައްތަކެއް ކުރުން؛
  4. ކަނޑައަޅައިފައިވާ ގޮތުގެ މަތިން ޕެރޯލް އޮފިސަރަކަށް ރިޕޯޓުކުރަމުން ދިއުން؛
  5. ޕެރޯލް ބޯޑުން ކަނޑައަޅާ ޕްރޮގްރާމްތަކުގައި ބައިވެރިވުން؛
  6. ޕެރޯލް ބޯޑުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން؛
  7. ޕެރޯލުގެ ގަވާއިދުތަކަށް ތަބާވުން؛
  8. ޕެރޯލް ބޯޑުން ނުވަތަ ޕެރޯލް އޮފިސަރަށް މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ށައްކުކުރެވޭ ހާލަތުގައި ސާމްޕަލް ނެގުމަށް ކުޑަކަމުދާ ތަކެތި ދިނުން؛
  9. މުޖުތަމަޢަށް ފައިދާކުރާނެ ހިދުމަތެއް ކުރުން؛
  10. ވަޒީފާގައި ދެމިހުރުމަށް ނުވަތަ ވަޒީފާއެއް ނެތް ނަމަ، ވަޒީފާއެއް ހޯދުމަށް ޢަމަލީގޮތުން މަސައްކަތް ކުރުން؛
  11. ތަޢުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުން؛
  12. އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނުގެންގުޅުން؛
  13. ސިއްހީ ފަރުވާ ނުވަތަ ނަފްސާނީ ފަރުވާ ލިބިގަތުމަށާއި، އަދި ޕެރޯލް ބޯޑުން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ސިއްހީ ފަރުވާ ދޭ ނުވަތަ ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައި ހުރެގެން އެ މަރުކަޒަކުން ފަރުވާ ލިބިގަތުން؛
  14. ޕެރޯލް ބޯޑުން ށަރުތު ކޮށްފައިވާ ވަޒީފާއެއް، ޕެރޯލް ބޯޑުން ކަނޑައަޅާ މުއްދަތެއްގައި އަދާކުރުން.
  15. ޕެރޯލުގެ ފުރުސަތު ދެވޭ ގައިދީ، ރިހެބިލިޓޭށަން ޕްރޮގްރާމެއް ނިންމައިފައި ވުން ނުވަތަ ރިހެބިލިޓޭށަން ޕްރޮގްރާމެއްގެ ބައެއް ނިންމައިފައި ވުން؛
  16. މި މާއްދާގައި މިފަދައިން ބަޔާންކޮށްފައިއޮތް ނަމަވެސް، ޕެރޯލުގެ ފުރުސަތު ދިނުމުގައި ޕެރޯލުގެ ފުރުސަތަށް އެދޭ މީހާގެ މައްޗަށް ޕެރޯލް ބޯޑުން އާންމުކޮށް ކަނޑައަޅާ ށަރުތެއް ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) ޕެރޯލުގެ ދަށުން ގައިދީއަކު ދޫކުރުމުގައި ޕެރޯލް ބޯޑުން އޭނާގެ މައްޗަށް ޕެރޯލުގެ ށަރުތުތައް ކަނޑައަޅަންވާނީ، މުޖުތަމަޢުގެ ރައްކައުތެރިކަމަށް ނުރައްކާވެދާނެ އެންމެހައި ކަންކަން އެންމެ ކުޑަ މިންވަރަކަށް ހުއްދަކުރެވޭ ގޮތުގެ މަތިންނެވެ.

(ނ) ޕެރޯލުގެ ދަށުން ގައިދީއަކު ދޫކުރުމުގައި ޕެރޯލް ބޯޑުން އޭނާގެ މައްޗަށް

ޕެރޯލުގެ ށަރުތުތައް ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތު) ގެ 1202 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަލަށްލުން ފިޔަވައި ދެވޭ އެހެނިހެން އަދަބުތައް ނުހިމެނޭ ގޮތަށެވެ.

 

11 ވަނަ މާއްދާ - ޕެރޯލު ގެ ދަށުން ދޫ ކޮށްފައިވާ ގައިދީންގެ ރީހެބިލިޓޭށަންގެ މުއްދަތު ނުވަތަ ވޯކްށޮޕްތަކުގެ މުއްދަތު ކަނޑައެޅުން

 (ހ)  ޕެރޯލުގެ ފުރުސަތު ދެވޭ ގައިދީންނަށް ރިހެބިލިޓޭށަން ޕްރޮގްރާމްތަކުގައި ނުވަތަ ވޯކްށޮޕްތަކުގައި ހޭދަކުރަންޖެހޭ މުއްދަތެއް ކަނޑައަޅާނީ ޕެރޯލް ބޯޑުންނެވެ. އަދި މި މުއްދަތު ކަނޑައެޅުމުގައި، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ހިމެނޭ ކަންކަމަށް ރިޢާޔަތް ކުރެވޭނެއެވެ.

(ށ) ޕެރޯލް ބޯޑުން ކަނޑައަޅާ ޕެރޯލުގެ މުއްދަތު ހަމަވުމަށްފަހު، މުއްދަތު އިތުރުކުރަން ޕެރޯލް ބޯޑަށް ނިންމިދާނެއެވެ. އަދި މިގޮތުން ނިންމިދާނެ ހާލަތްތައް ތިރީގައި މިވަނީއެވެ.

  1. ގުދުރަތީގޮތުން ދިމާވި ކަމަކާ ގުޅިގެން ނުވަތަ ގައުމަށް ދިމާވާ ނުރައްކަލަކާ ގުޅިގެން ރިހެބިލިޓޭށަން ޕްރޮގްރާމުގައި ނުވަތަ ވޯކްށޮޕްގައި ބައިވެރިވުމަށް އުޒުރުވެރިވުން؛
  2. ޕެރޯލް ބޯޑަށް ގަބޫލު ކުރެވޭ ފަދަ ހާލަތެއް މެދުވެރިވެގެން، ޕެރޯލް ޕްރޮގްރާމެއް ނުވަތަ ވޯކްށޮޕެއް މެދުކަނޑައިލަން ޖެހުން؛
  3. ޕެރޯލުގެ މުއްދަތު އިތުރުކޮށްފިނަމަ، ޕެރޯލުގައި ހުރި ގައިދީ ކުށުން ދުރުގައި ހުރުމަށާއި ގައުމަށް ފައިދާ ކުރަނިވި ހެޔޮލަފާ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި ހުރުމަށް ފުރުސަތު ބޮޑުވާނެކަމަށް ޕެރޯލް ބޯޑަށް ގަބޫލުކުރެވުން.

 

12 ވަނަ މާއްދާ -  ޕެރޯލު ގެ ދަށުން ދޫ ކޮށްފައިވާ ގައިދީން ރާއްޖެއިން ބޭރަށް ދިޔުން

(ހ)  ޕެރޯލުގައި ހުންނަ ގައިދީއަކަށް ރާއްޖެއިން ބޭރަށް ދެވޭނީ ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެގެން، ޕެރޯލް އޮފިސަރަށް އެކަން އެންގުމަށްފަހު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

  1. ޕެރޯލުގައި ހުންނަ ގައިދީ ބަލިވެގެން ރާއްޖެއިން ބޭރަށް ދިޔުމަށް، ހޮސްޕިޓަލުގައި މަސައްކަތްކުރާ، އެ ބައްޔަށް ބޭނުންވާ ފަރުވާ ކުރުމަށް ހާއްސަކޮށް ފައިވާ 2 (ދޭއް) ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓެއް ހުށަހެޅުން؛
  2. ޕެރޯލުގައި ހުންނަ ގައިދީގެ މައިންބަފައިން ބަލިވެގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް، ހޮސްޕިޓަލުގައި މަސައްކަތްކުރާ، ބައްޔަށް ބޭނުންވާ ފަރުވާކުރުމަށް ހާއްސަކޮށްފައިވާ 2 (ދޭއް) ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓެއް ހުށަހެޅުން؛
  3. ޕެރޯލުގައި ހުންނަ ގައިދީގެ ދަރިޔަކު ނުވަތަ ދޮންދަރިޔަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދިޔުމަށް، ހޮސްޕިޓަލުގައި މަސައްކަތްކުރާ، އެ ބައްޔަށް ބޭނުންވާ ފަރުވާ ކުރުމަށް ހާއްސަކޮށްފައިވާ 2 (ދޭއް) ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓެއް ހުށަހެޅުން.
  4. ޕެރޯލުގައި ހުންނަ ގައިދީގެ އަނބިމީހާ ނުވަތަ ފިރިމީހާ ބަލިވެގެން ރާއްޖެއިން ބޭރަށް ދިޔުމަށް، ހޮސްޕިޓަލުގައި މަސައްކަތް ކުރާ، އެ ބައްޔަށް ބޭނުންވާ ފަރުވާ ކުރުމަށް ހާއްސަކޮށްފައިވާ 2 (ދޭއް) ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓެއް ހުށަހެޅުން؛

(ށ)  ޕެރޯލުގައި ހުންނަ ގައިދީ ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި ހަފުތާއަކު އެއްފަހަރު ފޯނުން ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން، ޕެރޯލް އޮފިސަރަށް ރިޕޯޓު ކުރަން ވާނެއެވެ. އަދި އެނބުރި ރާއްޖެ އައުމަށްފަހު، އެންމެ ލަސްވެގެން 3( ތިނެއް( ދުވަހުގެ ތެރޭގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް، ގައިދީގެ މެޑިކަލް ލިޔުންތަކާއެކު ހާޒިރުވެ، ޕެރޯލް އޮފިސަރާ ބައްދަލުކުރަންވާނެއެވެ. މި މާއްދާގައި މިހެން އޮތް ނަމަވެސް، ގައިދީއަށް ފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދާ ހާލަތްތަކުގައި، ގައިދީގެ ބަލި ހާލަތު ހުރި ގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހާޒިރުނުވެވުނު ނަމަ، ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހެޅުމާއެކު، ޕެރޯލުގައި ހުންނަ ގައިދީގެ މެޑިކަލް ލިޔުންތައް، މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޕެރޯލް އޮފީހާ ހަވާލު ކުރަން ވާނެއެވެ.

(ނ) ޕެރޯލުގައި ހުންނަ ގައިދީ ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ގޮވައިގެން ޕެރޯލުގައި ހުންނަ ގައިދީ ބޭސްފަރުވާއިން ރާއްޖެއަށް އެނބުރި އައުމަށްފަހު، ފަރުވާ ހޯދަން ދިޔަ ފަރާތެއްގެ މެޑިކަލް ރިޕޯޓްތަކުގެ އަސްލާއެކު، އަސްލުގެ ކޮޕީ، އެންމެ ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޕެރޯލް އޮފީހާ ހަވާލު ކުރަން ވާނެއެވެ.

 

13 ވަނަ މާއްދާޕެރޯލް ބޯޑުގެ ނިންމުންތައް ރިކޯޑު ކުރުމާއި ހާމަކުރުން

(ހ) ޕެރޯލް ބޯޑުން ކަމެއް ނިންމާ ނަމަ، އެ ނިންމުމާއި، އެ ނިންމުން ނިންމި ލިޔެކިއުންތަކުގެ ރެކޯޑުތައް، ޕެރޯލްބޯޑުގެ ސެކްރެޓޭރިއަޓުން ބަލަހައްޓަން ވާނެއެވެ.

(ށ) ގައިދީއަށް ޕެރޯލުގެ ފުރުސަތު ދިނުމާ ބެހޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމުގެ ހުލާސާ ރިޕޯޓެއް، އެ ގައިދީއަށް ދޭންވާނެއެވެ.

 

14 ވަނަ މާއްދާޕެރޯލް އޮފިސަރުން ޢައްޔަނު ކުރުން

ޕެރޯލުގައި ދޫކޮށްފައި ހުންނަ ކޮންމެ ގައިދީއަކަށް، އޭނާ ޕެރޯލުގެ ށަރުތުތަކާ އެއްގޮތަށް ޢަމަލުކުރުމަށް މަގުފަހިކޮށްދީ، އޭނާ އެގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ޕެރޯލް އޮފިސަރެއް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޢައްޔަނު ކުރަން ވާނެއެވެ.

 

15 ވަނަ މާއްދާޕެރޯލް އޮފިސަރުންގެ ޒިންމާތައް

ޕެރޯލް އޮފިސަރުންގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

(ހ)  ޕެރޯލުގެ ދަށުން ދޫކުރުމުގެ ކުރިން ޕެރޯލް ބޯޑުން ކޮށްފައިވާ ށަރުތުތައް ގައިދީއަށް ބުނެދިނުމާއި، ސޮއިކުރާ އިގްރާރުގައި ހިމެނޭ އެންމެހައި ކަންތައްތަކުގެ ތަފުސީލު، ޕެރޯލުގެ ފުރުސަތު ދޭ ގައިދީއަށާއި، އޭނާޔާ ހަވާލުވާ ބެލެނިވެރިޔާއަށް އޮޅުންފިލައި ސާފުވެފައިވާކަން ޔަގީންކުރުން؛

(ށ) ޕެރޯލުގައި ހުންނަ ގައިދީއަށް ކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އޭނާ ޢަމަލުކުރޭތޯ ބެލުމާއެކު، ގައިދީގެ ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށްފައި ޕެރޯލް ބޯޑަށް ހުށަހެޅުން؛

(ނ) ޕެރޯލުގައި ހުންނަ ގައިދީ، ޕެރޯލުގެ އެއްވެސް ށަރުތަކާ ހިލާފުވާކަމަށް ނުވަތަ އެއްވެސް ކުށެއް ކުރާ ކަމަށް ފާހަގަކުރެވޭނަމަ، އެ ކަމެއް ބަލައި، ވީ އެންމެ އަވަހަށް ޕެރޯލް ބޯޑަށް މައްސަލަ ހުށަހެޅުން؛

(ރ) ޕެރޯލުގެ ދަށުން ދޫކޮށްފައިވާ ގައިދީގެ ހާޒިރީ ރިޕޯޓް ހޯދައި، ރެކޯޑު ބެލެހެއްޓުން. މިގޮތުން، މާލެ ފިޔަވައި އެހެން ރަށެއްގައި ހުރި ފަރާތެއްނަމަ، އެ ރަށުގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް ނުވަތަ އަމިއްލަ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ނުވަތަ ވަޒީފާ އަދާކުރާ
ތަން މެދުވެރިކޮށް، ހަމަޖެހޭ އުސޫލެއްގެ ދަށުން ހާޒިރީ ރިޕޯޓް ހޯދުމާއި، ހަފުތާއަކު އެއްފަހަރު ފޯނުން ގުޅައި ރިޕޯޓްކުރޭތޯ ބެލުން؛

(ބ) ޕެރޯލުގެ ދަށުން ދޫކޮށް ފައިވާ ގައިދީ މަސްތުވާ އެއްޗެއް ބޭނުން ކޮށްފައިވޭތޯ ބެލުމަށް ސާމްޕަލް ނެގުމަށް، ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުން؛

(ޅ) ޕެރޯލުގައި ހުންނަ ގައިދީގެ ފަރާތުން މުޖުތަމަޢައަށް ނުރައްކާވާކަމަށް ގަބޫލުކުރެވޭ މިންވަރަށް އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ގައިދީއަކަށް ދީފައިވާ ޕެރޯލުގެ ފުރު ސަތު ސަސްޕެންޑް ކުރަންޖެހޭކަން ނުވަތަ ބާތިލު ކުރަންޖެހޭކަން، ޕެރޯލް އޮފިސަރަށް ގަބޫލު ކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ސަބަބާއެކު ބަޔާންކޮށް، ޕެރޯލް ބާތިލު ކުރުމަށް ނުވަތަ ސަސްޕެންޑް ކުރުމަށް ޓަކައި، ބަންދު ދުވަސްތައް ނުހިމަނައި 14 (ސާދަ) ދުވަހުގެ ތެރޭގައި ޕެރޯލް ބޯޑަށް ރިޕޯޓް ހުށަހެޅުން.

 

16 ވަނަ މާއްދާ - ޕެރޯލު ގެ ދަށުން ދޫކުރާ ގައިދީން ޕެރޯލް އޮފިސަރުންނަށް ރިޕޯޓްކުރުން

ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން ޕެރޯލުގެ ދަށުން ދޫކުރާ ގައިދީން، ޕެރޯލް އޮފިސަރުންނަށް ރިޕޯޓު ކުރަންވީ ގޮތްތައް، ތިރީގައި މިވަނީއެވެ.

(ހ) އެ ގައިދީއަކަށް ކަނޑައަޅާ ގޮތެއްގެ މަތިން ކަނޑައެޅޭ މުއްދަތުގައި ނުވަތަ ދުވަސްތަކެއްގައި ޕެރޯލް އޮފިސަރާ ބައްދަލުކުރުން؛ 

(ށ) އެ ގައިދީއަކަށް ކަނޑައަޅާ ގޮތެއްގެ މަތިން ކަނޑައެޅޭ މުއްދަތުގައި ނުވަތަ ދުވަސްތަކެއްގައި ޕެރޯލް އޮފިސަރާ ފޯނުން ގުޅައިގެން ރިޕޯޓް ކުރުން. 

 

17 ވަނަ މާއްދާ -  ޕެރޯލްގެ ދަށުން ދޫކުރާ ގައިދީން ބެލެހެއްޓުމުގައި ޕެރޯލް އޮފިސަރުން ޢަމަލުކުރަންވާނެ އުސޫލުތައް

ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން ޕެރޯލުގެ ދަށުން ދޫކުރާ ގައިދީން ބެލެހެއްޓުމުގައި ޕެރޯލް އޮފިސަރުން ޢަމަލުކުރަންވާނެ އުސޫލުތައް، ތިރީގައި މިވަނީއެވެ.

(ހ) ޕެރޯލް އޮފިސަރަށް ރިޕޯޓްކުރަން ހަމަޖެހިފައި އޮންނަ ދުވަހެއްގައި، ޕެރޯލުގެ ދަށުން ދޫކޮށްފައިވާ ގައިދީއާ ބައްދަލުކުރުން.

(ށ) ޕެރޯލުގެ ދަށުން ދޫކުރާ ގައިދީގެ މައްޗަށް ކޮށް ފައިވާ އެއްވެސް ށަރުތަކާ ހިލާފުވެފައިވާކަން އެނގުމުން، ނުވަތަ ތުހުމަތު ކުރެވޭނަމަ ލަސްނުކޮށް އެކަމާމެދު ފިޔަވަޅު އެޅުން.

(ނ) ޕެރޯލުގެ ދަށުން ދޫކުރާ ގައިދީއަށް ކަނޑައަޅައިފައިވާ ގޮތަށް އެހީތެރިކަން ދިނުން.

(ރ) ޕެރޯލުގެ ދަށުން ދޫކޮށް ފައިވާ ގައިދީއާ ގުޅޭގޮތުން ފުރިހަމަކުރުމަށް ޕެރޯލް އޮފިސަރާ ހަވާލުކުރާ ލިޔުންތައް ގަވާއިދުން ފުރިހަމަކުރުން.

(ބ) ޕެރޯލުގެ މުއްދަތު ނިމުމުން، މަޢުލޫމާތު ސާފުކުރުމަށްފަހު، ގައިދީގެ ޕެރޯލް ފުރުސަތާ ގުޅޭގޮތުން ޕެރޯލް ބޯޑުން ގޮތެއް ކަނޑައެޅުމަށްޓަކައި، ޕެރޯލް ބޯޑަށް ރިޕޯޓް ހުށަހެޅުން.

 

18 ވަނަ މާއްދާޕެރޯލް ގެ މުއްދަތު ނިމުމުން، ޕެރޯލް އޮފިސަރު ކުރާ މަސައްކަތް

ޕެރޯލުގެ މުއްދަތުގައި ފުރިހަމަ ކުރަންޖެހޭ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތްތަކެއް ޕެރޯލުގައި ހުރި ގައިދީ ފުރިހަމަކޮށްފިނަމަ، ޕެރޯލް އޮފިސަރު، އެ ޕެރޯލް ނިންމި ގައިދީގެ ޕެރޯލް ނިން މައިފައިވާ ކަމުގެ ލިޔުމާއި، އެ ގައިދީގެ ހުރިހާ މަޢުލޫމާތެއް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އޮފެންޑަރ މެނޭޖްމަންޓާ ހަވާލުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ޕެރޯލު ގައި ތިބޭ ގައިދީން ގެ މިނިވަންކަން

ޕެރޯލުގެ ދަށުން ދޫކޮށްފައިވާ ގައިދީގެ މައްޗަށް ކަނޑައަޅައިފައިވާ ށަރުތުތަކާ ގުޅިގެން ހިފެހެއްޓޭ މިނިވަންކަން ފިޔަވައި، މުޖުތަމަޢުގެ އެހެން މީހުންނެކޭވެސް އެއްފަދައިން އުޅުމުގެ މިނިވަންކަން އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާގެ ޕެރޯލް ބާތިލު ނުކުރާހައި ހިނދަކު، ނުވަތަ ވަގުތީގޮތުން މެދުކަނޑައިނުލާ ހައި ހިނދަކު، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމަށް ރުޖޫޢައެއް ނުވާނެއެވެ.

 

20 ވަނަ މާއްދާޕެރޯލް ފުރިހަމަކުރުން

(ހ) ޕެރޯލުގެ ދަށުން ދޫކޮށްފައިވާ ގައިދީގެ މައްޗަށް ކޮށްފައިވާ ޕެރޯލުގެ ށަރުތުތަކާ ހިލާފުނުވެ، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ޕެރޯލުގެ މުއްދަތު ފުރިހަމަކޮށްފިނަމަ، އޭނާއަކީ ޕެރޯލް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ޕެރޯލް ބޯޑުން ނިންމަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ) ގައިވާ ގޮތަށް ޕެރޯލް ފުރިހަމަކޮށްފައިވާ ކަމަށް ޕެރޯލް ބޯޑުން ކަނޑައަ ޅައިފައިވާ ގައިދީގެ ޖިނާއީ މައްސަލަތަކާމެދު، ތިރީގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.

  1. ޕެރޯލުގެ ދަށުން ދޫކުރުމުގެ ކުރިން އެ ގައިދީގެ މައްޗަށް ކޮށްފައިވާ ހުކުމްތައް، ޕެރޯލް ފުރިހަމަ ކުރުމުން ތަންފީޒު ކުރާކަށެއް ނުޖެހޭނެއެވެ.
  2. ޕެރޯލުގެ ފުރުސަތު ލިބުމުގެ ފަހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށްތަކާއި، ޕެރޯލުގެ ފުރުސަތު ލިބުމުގެ ކުރިން ކުށެއް ކޮށްފައިވިޔަސް، އޭގެ ކުރިން ސާބިތުވެފައި ނުވާ ކުށްތަކާ ގުޅޭ ތަހުގީގާއި ށަރީޢަތްތައް، ގާނޫނާ އެއްގޮތަށް ކުރިޔަށް ގެންދާންވާނެއެވެ.

 

 

21 ވަނަ މާއްދާޕެރޯލް ސަސްޕެންޑް ކުރެވިދާނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ގައިދީގެ ޕެރޯލުގެ ފުރުސަތު، ޕެރޯލް ބޯޑަށް ސަސްޕެންޑް ކުރެވިދާނެއެވެ.

(ހ) ގައިދީއަށް ކަނޑައެޅިފައިވާ ޕެރޯލުގެ ށަރުތުތަކާ ހިލާފުވުން؛

(ށ) ގައިދީގެ ޕެރޯލް ސަސްޕެންޑު ކުރުމަކީ ޕެރޯލުގެ ށަރުތުތަކާ ހިލާފުވިޔަ ނުދިނުމަށް ޓަކައި ނުވަތަ މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުން؛

(ނ) ޕެރޯލުގެ މުއްދަތުގައި ކުށެއްގެ ތުހުމަތުގައި ގައިދީ ހައްޔަރު ކުރުން؛

(ރ) ޖިނާއީ ކުށެއްގެ ދަޢުވާ އެ ގައިދީގެ މައްޗަށް އުފުލުން ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ތަހުގީގަށް އެ ގައިދީ ބަންދުކުރުން.

 

22 ވަނަ މާއްދާޕެރޯލް ސަސްޕެންޑްވުމުގެ ނަތީޖާ

(ހ)  މި ގަވާއިދުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕެރޯލުގައި ހުރި ގައިދީއެއްގެ ޕެރޯލް ސަސްޕެންޑް ކުރެވުމާއެކު ، އޭނާގެ ޕެރޯލުގެ ފުރުސަތާމެދު ޕެރޯލް ބޯޑުން ވަކި ގޮތެއް ކަނޑައަޅަންދެން، އެނބުރި ޖަލަށް ރުޖޫޢަކުރެވޭނެއެވެ.

(ށ) ޕެރޯލް އަލުން މުރާޖަޢާ ކުރުމުގައި ބަލާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ޕެރޯލް ސަސްޕެންޑްކުރެވޭ ހާލަތުގައި ނުވަތަ ޕެރޯލް ބާތިލުކުރެވޭ ހާލަތުގައި ގައިދީ ޢަމަލުކޮށްފައިވާ ގޮތާއި، އެ މުއްދަތުގައި ގައިދީއާމެދު ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގަވާއިދުގެ ތެރެއިން ގަވާއިދު ތަންފީޒުކުރާ ފަރާތުން އިހުމާލުވެފައި ވޭތޯއާއި، ޒަރޫރީ ހާލަތްތައް މެދުވެރިވެގެން ވަކި ގަޑިއަކަށް ނުވަތަ ވަކި ވަގުތަކަށް ނުވަތަ ވަކި ތަނަކަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވޭތޯއާއި، ގައިދީގެ ބެލެނިވެރިން ނުވަތަ ޕެރޯލުގެ މުއްދަތުގައި ގައިދީގެ ޢަމަލުތައް ބެލެހެއްޓުމަށް އިގްރާރުވެފައިވާ ފަރާތްތައް އިހުމާލުވެފައިވޭތޯއެވެ.

 

23 ވަނަ މާޢްދާ - ޕެރޯލް ސަސްޕެންޑްކުރުމަށް ނިންމާ ނިންމުން އަލުން މުރާޖަޢާކުރުން

މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ބަލައި، ޕެރޯލް އަލުން މުރާ ޖަޢާކުރާނީ އަންނަނިވި އުސޫލުންނެވެ. 

(ހ) ޕެރޯލް ސަސްޕެންޑުކުރާ ނުވަތަ ބާތިލްކުރާ ފަދަ ކަމެއް، ޕެރޯލުގައި ހުރި ގައިދީއަކު ކޮށްފިނަމަ، އެ ކަމެއް ބަލައި، އެ ކަމުގައި ގޮތެއް ނިންމާނީ ޕެރޯލް ބޯޑުންނެވެ.

(ށ) ކޮންމެ ގައިދީއެއްގެ މައްސަލަ ބަލާނީ ވަކި މައްސަލައެއްގެ ގޮތުގައެވެ. މިގޮތަށް ބެލުމުގައި، ތިރީގައިވާ ނުކުތާތަކަށް ރިޢާޔަތް ކުރަންވާނެއެވެ.

  1. ޕެރޯލުގައި ހުންނަ ގައިދީ އިތުރަށް ދޫކޮށްފައި ހުރުމަކީ އޭނާ އިތުރު ކުށެއް ކުރުމަށް ބާރުއަޅައިދޭނެ ކަމެއްތޯ.
  2. ޕެރޯލުގެ މުއްދަތުގައި ގައިދީއަށް ކުރެވިފައިވާ ށަރުތާ ހިލާފަށް ކުރި ކުށުގެ މިންވަރު. އަދި ޕެރޯލުގެ މުއްދަތުގައި ގައިދީއަށް ކޮށްފައިވާ ށަރުތުތައް ފުރިހަމަކޮށްފައިވާ މިންވަރު.
  3. ޕެރޯލުގައި ހުރި ގައިދީ ޕެރޯލުގައި ހުރުމުން އޭނާއަށް އިތުރަށް ފައިދާ ކުރާނެތޯ.
  4. ޕެރޯލަށް ހޮވުމުގައި އެ މީހަކަށް ޕެރޯލް ބޯޑުން ކޮށްފައިވާ އިތުބާރު އިތުރަށް ދެމެހެއްޓިދާނެ ކަމަށް ފެނޭތޯ.
  5. ޕެރޯލުގެ މުއްދަތުގައި ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގަވާއިދު ތަންފީޒުކުރާ ފަރާތުން އިހުމާލުވެފައި ވޭތޯ.
  6. ވަކި ގަޑިއަކަށް ނުވަތަ ވަކި ވަގުތަކަށް ނުވަތަ ވަކި ތަނަކަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވަނީ ޒަރޫރީ ހާލަތްތައް މެދުވެރިވެގެންތޯ.
  7. ބެލެނިވެރިން ނުވަތަ ޕެރޯލް މުއްދަތުގައި ޢަމަލުތައް ބެލެހެއްޓުމަށް އިގްރާރުވެފައިވާ ފަރާތްތައް އިހުމާލުވެފައިވޭތޯ.

(ނ) ޕެރޯލް ސަސްޕެންޑް ކޮށްފައިވާ ފަރާތުގެ ސަސްޕެންށަން މުރާޖަޢާ ކުރުމާ މެދު ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޕެރޯލް ބޯޑުން ގޮތެއް ނިންމަން ޖެހޭނެއެވެ.

 

24 ވަނަ މާޢްދާ - ޕެރޯލް ބާތިލުކުރުން

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕެރޯލުގައި ދޫކޮށްފައި ހުރި މީހެއްގެ ޕެރޯލް، ޕެރޯލް ބޯޑުން ބާތިލު ކުރަންވާނެއެވެ.

(ހ)  ޕެރޯލުގައި ދޫކުރެވުނު ފަހުން ގައިދީގެ ސުލޫކު ހުރި ގޮތުން، އޭނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ވެދާނެކަމަށް ޕެރޯލް ބޯޑަށް ފެނުން؛

(ށ) މަގުބޫލު ސަބަބެއް ދެއްކުމާއެކު، އަލުން ޖަލަށް ރުޖޫޢަވުމަށް ޕެރޯ ލުގައި ދޫކޮށްފައިހުރި ގައިދީ އެދުން؛

(ނ) ޖިނާއީ ކުށެއް ގައިދީގެ މައްޗަށް ސާބިތުވެއްޖެކަމަށް ށަރުޢީ ކޯޓަކުން ކަނޑައެޅުން؛

 

25 ވަނަ މާޢްދާ - ޕެރޯލް ބާތިލު ކުރުމުގެ ނަތީޖާ 

ޕެރޯލުގައި ދޫކޮށްފައިވާ ގައިދީއެއްގެ ޕެރޯލް ބާތިލުކޮށްފި ނަމަ، ޕެރޯލު ގެ ފުރުސަތު ދެވުމުގެ ކުރިން އޭނާ ހުރި ހާލަތަށް ރުޖޫޢަވެ، އޭނާގެ ހުކުމުގެ ބާކީ އޮތްބައި ތަންފީޒު ކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - އަލުން ޕެރޯލަށް އެދުން

ހުކުމް ތަންފީޒުކުރާ ގައިދީއެއްގެ ޕެރޯލް ބާތިލުކޮށްފި ނަމަ، ނުވަތަ އެއްވެސް ސަބަބަކަށްޓަކައި އެނބުރި ޖަލަށް ރުޖޫޢަ ކުރެވިއްޖެ ނަމަ، އެ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ފަހުން އަލުން ޕެރޯލަށް އެދެވިދާނެއެވެ.

 

27 ވަނަ މާއްދާޕެރޯލް ބޯޑުގެ ނިންމުމާމެދު އިއުތިރާޒުކުރުން

(ހ)  އަންނަނިވި ހާލަތްތަކުގައި، ހުކުމް ތަންފީޒުކުރާ ގައިދީއެއްގެ ޕެރޯލާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އެ މީހަކު އިއު ތިރާޒު ކުރާނަމަ، އެ ނިންމުން މުރާޖަޢާ ކޮށްދިނުން އެދި، އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށް، އަލުން ޕެރޯލް ބޯޑަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އެ ނިންމުމާމެދު އިއުތިރާ ޒުކުރާ ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

  1. ޕެރޯލް ބޯޑުގެ ނިންމުންތައް ނިންމުމުގައި ރިޢާޔަތް ކުރަންޖެހޭ މުހިންމު މަޢުލޫމާތެއް، އެ ނިންމުން ނިންމި ވަގުތު ޕެރޯލް ބޯޑަށް ލިބިފައި ނެތުން؛
  2. އެ މައްސަލަ ބެލުމުގައި، ގާނޫނާ ނުވަތަ ގަވާއިދާ ނުވަތަ އިޖުރާއީ އުސޫލަކާ ޕެރޯލް ބޯޑުން ހިލާފުވެފައިވުން.

(ށ)  މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އިއުތިރާޒުކޮށް އަލުން ޕެރޯލް ބޯޑަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިފައި ގޮތެއް ކަނޑައަޅާނީ، ޕެރޯލް ބޯޑުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ނ)  މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ހުކުމް ތަންފީޒުކުރާ ގައިދީ އެއްގެ ޕެރޯލާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ށަރީޢަތަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯ ލް ގެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދޫ ކޮށްފައިވާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތް

ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޕެރޯލްގެ ދަށުން ދޫކޮށް ޕެރޯލް ކުރިޔަށްދާ ފަރާތްތަކާ މެދު ޢަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ. 

(ހ) ކޮށްފައިވާ ށަރުތުތަކާ އެއް ގޮތަށް ޢަމަލުކުރަމުންދާ ގައިދީންނަށް އެ ގޮތަށް ޢަމަލުކުރަމުންދާ ހިނދަކު ޕެރޯލް ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ދިނުން.

(ށ) ޕެރޯލް ކުރިޔަށްދާ ގައިދީންގެ ޕެރޯލް ބާތިލުކުރުމާއި ސަސްޕެން ޑްކުރުމުގައި ޢަމަލުކުރާނީ، މި ގަވާއިދުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާއާއި، 24 ވަނަ މާއްދާއާއި، 25 ވަނަ މާއްދާއާއި، 26 ވަނަ މާއްދާއާއި، 27 ވަނަ މާއްދާގައިވާ ގޮތަށެވެ. 

(ނ) ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޕެރޯލް ފުރިހަމަ ކޮށްފައިވާ، ފަރާތްތަކާމެދު މި ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތަށް ޢަމަލުކުރެވޭނެއެވެ.

 

29 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި ޢިބާރާތްތަކަށް ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައި ދީފައިވާ މާނައެވެ. އެގޮތުން، މި ގަވާއިދުގައި ދީފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ މާނައެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާ ހަވާލުވެފައިވާ މިނިސްޓަރަށެވެ.

(ށ) "ޕެރޯލް ބޯޑު" ނުވަތަ "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 127 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ ބޯޑަށެވެ.

(ނ) "ކޮމިށަނަރ" ކަ މަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޢައްޔަނުކުރާ ކޮމިށަނަރ އޮފް ޕްރިޒަންސަށެވެ. 

(ރ) "ޕެރޯލް" ކަމަށް ބުނެފައި އެވަނީ، ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ހުކުމުގެ މުއްދަތުން ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ގައިދީން، މުޖުތަމަޢުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތިން، މުޖުތަމަޢާ އަލުން އަހުލުވެރި ކުރުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ. 

(ބ) "ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައި އެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށެވެ.

(ޅ) "ޢާއިލާ" ކަމަށް ބުނެފައި އެވަނީ، ގައިދީގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ، މާމަ ކާފަ، ބޮޑު ދައިތަ، ބޮޑު ބޭބެ، އެއްބަނޑުއެ އްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށެވެ.

(ކ) "މާލެ ކައިރީގައިވާ ރަށެއް" ކަމަށް ބުނެފައި އެވަނީ، ކ.އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮންމެ ދުވަހަކު މާލެއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ރަށްތަކަށެވެ.

(އ) "ޕެރޯލުގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ޕެރޯލުގެ ދަށުން ދޫކުރެވޭ ގައިދީ ޕެރޯލް ޕްރޮގްރާމުގައި ހޭދަކުރުމަށް ޕެރޯލް ބޯޑުން ކަނޑައަޅާ މުއްދަތަށެވެ.

(ވ) "ހޮސްޕިޓަލުގައި މަސައްކަތްކުރާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސްޕެށަލިސްޓް ޑޮކްޓަރުންނަށެވެ.

(މ) "އޮފެންޑަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ފައިލް ބަލަހައްޓަމުން ގެންދާ ސެކްށަނަށެވެ.

 

30 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު 

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެން، ގަވާއިދު ނަންބަރު 162/2014 (ޕެރޯލްގެ ގަވާއިދު) ބާތިލުވީއެވެ.

 

31 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މިި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

އުވާލެވުނު ގަވާއިދު

ޕެރޯލްގެ ގަވާއިދު (ގަވާއިދު ނަންބަރު 162/2014)

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު