-

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 50/2020)

 

1 ވަނަ މާއްދާ – ތައާރަފާއި، އާންމު ކަންކަން

(ހ) މިއީ، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) ގެ 25 ވަނަ މާއްދާއިން އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ، އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ކުރާ މަސައްކަތްތަކުގައި ބަލަން ބޭނުންވާ ކަންކަން ބެލުމުގައްޔާއި، ހޯދަން ބޭނުންވާ ލިޔެކިއުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، އެކަމަށް ހުރަސްއަޅައި ލިޔެކިއުމާއި މައުލޫމާތު ނުދީ ހިފަހައްޓާ ފަރާތްތަކާއި ލިޔެކިއުމާއި މައުލޫމާތު ދިނުން ލަސްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރަން ޖެހޭގޮތް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ ބޭނުމަކީ، އޮޑިޓަރ ޖެނަރަލްގެ އޮފީހުން ބަލަންޖެހޭ ކަންކަން ބެލުމަށް މަގުފަހިކުރުމާއި، އެ ކަންކަން ބެލުމުގައި ހޯދަން ބޭނުންވާ ލިޔުންތަކާއި މައުލޫމާތު ލިބިގަތުމާއި، އެކަމަށް ހުރަސްއަޅާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ.

 

2 ވަނަ މާއްދާ – ގަވާޢިދަށް އަމަލުކުރުމާއި ބަދަލު ގެނައުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ދައުލަތުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް ބަދަލުގެނެވޭނީ، އޮޑިޓަރ ޖެނަރަލްގެ އޮފީހަށެވެ. މިގޮތުން ގެންނަ ބަދަލުތަކަށް އަމަލުކުރަންޖެހޭނީ، އެ ބަދަލެއް ދިވެހި ދައުލަތުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ނ) ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން މި ގަވާއިދަށް އަމަލުކުރަން ވާނެއެވެ. އަދި މި ގަވާއިދާ ހިލާފުވާ ފަރާތަކުން އެ ކުރަނީ ކުށެކެވެ.

 

3 ވަނަ މާއްދާ – ލިޔެކިއުމާއި މައުލޫމާތު ދިނުމަށް އެދުން

(ހ) އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އޮޑިޓަރ ޖެނަރަލް ކަނޑައަޅާ ފަރާތްތަކުން ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހޯދަން ބޭނުންވާ ނުވަތަ ބަލަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ދިނުމަށް ނުވަތަ ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ނުވަތަ ހޯދައިދިނުމަށް އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް، ލިޔުމުން ނުވަތަ އަނގަބަހުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން އެފަދަ ލިޔުމާއި މައުލޫމާތު ހުރިކަމަށް ލަފާކުރެވޭ ކޮންމެ ފަރާތެއްގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް އެދޭއިރު، ތިރީގައިވާ ކަންކަން އޮޑިޓަރުން ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހުން އެ ފަރާތަކަށް ސާފުކޮށްދޭން ވާނެއެވެ.

  1. ބޭނުންވާ ލިޔެކިއުންތަކާއި މައުލޫމާތުގެ ތަފުސީލު؛
  2. ބޭނުންވާ ލިޔެކިއުންތަކާއި މައުލޫމާތު އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ލިބެންޖެހޭ މުއްދަތު ނުވަތަ ތާރީހު؛
  3. ލިޔެކިޔުމާއި މައުލޫމާތަށް އެދޭ ފަރާތުގެ ނަމާއި މަގާމު؛
  4. ލިޔެކިޔުމާއި މައުލޫމާތަށް އެދޭ ބޭނުން.

(ނ) މި މާއްދާގެ (ށ) ގައި ބުނާ މުއްދަތު ކަނޑައެޅުމުގައި ނުވަތަ ތާރީހު ކަނޑައެޅުމުގައި، ލިޔެކިޔުންތަކާއި މައުލޫމާތު ހުރި މުއައްސަސާއަކާ ނުވަތަ ފަރާތަކާ މަޝްވަރާކޮށް، ހޯދަން ބޭނުންވާ ލިޔެކިއުންތަކާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ފަސޭހަކަމާއި، ނުވަތަ އެކަން ކުރުމުގައި ހުރި ދަތިކަމަށް ރިއާޔަތް ކުރަން ވާނެއެވެ.

(ރ) ދައުލަތުގެ މުއައްސަސާއަކުން މަގުބޫލު ސަބަބެއް ނެތި، މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގެ ތެރޭގައި އެދިފައިވާ ލިޔެކިއުންތަކާއި މައުލޫމާތު ފޯރުކޮށް ނުދީފިނަމަ، އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސް ފަރާތަށް އެކަން ހަމަޖައްސައިދިނުމަށް ލިޔުމުން އޮޑިޓަރުން ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެންގުމުން، ލިޔުންތަކާއި މައުލޫމާތު ނުދީ ލަސްކުރާ ފަރާތްތަކުގެ މައުލޫމާތު، އެ މުއައްސަސާގެ މަސައްކަތްތައް ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ ފަރާތަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ – ލިޔެކިއުމާއި މައުލޫމާތު ދިނުން

(ހ) ލިޔެކިޔުންތަކާއި މައުލޫމާތު ދިނުމަށް އޮޑިޓަރުން އެދުނު ކޮންމެ ފަރާތަކުން، ލިޔެކިޔުންތަކާއި މައުލޫމާތު ފޯރުކޮށްދިނުމަށް އަންގައިފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެއްވެސް ވަންހަނާކުރުމެއް ނެތި އެ ލިޔެކިޔުންތަކާއި މައުލޫމާތު ދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނާ އެންގުން ރައްދުވަނީ ދައުލަތުގެ މުއައްސަސާއަކަށް ނަމަ، ލިޔެކިޔުންތަކާއި މައުލޫމާތު ދިނުމުގެ ޒިންމާ އަދާކުރަން ޖެހޭނީ އެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެ ވަގުތަކު އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި ފަރާތެކެވެ. ނުވަތަ އެ މުއައްސަސާއިން އެކަމަށް ކަނޑައަޅާ ފަރާތެކެވެ.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނާ އެންގުން ރައްދުވަނީ އަމިއްލަ ތަނަކަށް ނަމަ، އެ ތަނެއްގެ ފަރާތުން ލިޔެކިއުމާއި މައުލޫމާތު ދިނުމުގެ ޒިންމާ އުފުލަން ޖެހޭނީ، އެ ތަނެއްގެ ވެރިޔާ ނުވަތަ އޭނާ އެކަމަށް ކަނޑައަޅާ ފަރާތެކެވެ.

(ރ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ އެންގުން ރައްދުވަނީ އަމިއްލަ ފަރުދަކަށް ފަރުދީ ހައިސިއްޔަތުން ނަމަ، އެ ލިޔެކިއުމާއި މައުލޫމާތު ދިނުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ މީހެކެވެ.

(ބ) ލިޔެކިއުންތަކާއި މައުލޫމާތު ދިނުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ނުދެވޭނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން، ސަބަބު ބަޔާންކޮށް އެކަން ލިޔުމުން އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމުން، އެކަމަށް ރިއާޔަތްކޮށް، އިތުރު މުއްދަތެއް ދިނުމުގެ އިހްތިޔާރު އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ލިބިގެންވެއެވެ.

(ޅ) ލިޔެކިޔުންތަކާއި މައުލޫމާތަށް އޮޑިޓަރުން ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހުން އެދުނު ފަރާތުގައި އެ ލިޔެކިޔުންތަކާއި މައުލޫމާތު ނެތްނަމަ، އެކަން އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތުން އަންގާއިރު، ލިޔުންތަކާއި މައުލޫމާތު ލިބެންހުރި ފަރާތް އެނގޭނަމަ، ނުވަތަ ލިޔުންތަކާއި މައުލޫމާތު ލިބެންހުރި ފަރާތް ލަފާކުރެވޭނަމަ، އެ މައުލޫމާތު އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ހާމަކުރަން ވާނެއެވެ.

(ކ) އޮޑިޓަރުން ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހޯދަން އެދޭ ނުވަތަ ބަލަން އެދޭ ލިޔެކިޔުންތަކާއި މައުލޫމާތުތަކުގެ ތެރޭގައި ވަކިފަރާތެއްގެ ހުއްދަނެތި ދޫނުކުރެވޭ ލިޔެކިޔުންތަކާއި މައުލޫމާތު ހުރިނަމަ، ލިޔެކިޔުންތަކާއި މައުލޫމާތު ދިނުމަށް ހޯދަންޖެހޭ ހުއްދަ ހޯދާނީ ލިޔުންތަކާއި މައުލޫމާތު ދޭންޖެހޭ ފަރާތުންނެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ހާލަތުގައި މައުލޫމާތު ދިނުމަށް ހުއްދަ ދޭންޖެހޭ ފަރާތުން އެކަމަށް ހުއްދަ ދިނުމަށް އިންކާރުކުރާނަމަ، އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކުރާ ފަދަ ހާލަތެއް މެދުވެރިވެގެން މުއައްސަސާއަކުން ނުވަތަ ފަރާތަކުން އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ނުވަތަ އޮޑިޓަރުންނަށް އަންގައިފިނަމަ، އޮޑިޓަރ ޖެނަރަލްގެ އޮފީހުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެކަން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ – ލިޔެކިއުމާއި މައުލޫމާތު ނުދީ ހިފަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން

(ހ) އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނުވަތަ އޮޑިޓަރުން ކުރަމުންދާ މަސައްކަތަކާ ގުޅިގެން، ލިޔެކިއުންތަކާއި މައުލޫމާތު ދިނުމަށް ދެވޭ މުއްދަތުގެ ތެރޭގައި، މަގުބޫލު ސަބަބެއް ނެތި ލިޔެކިއުންތަކާއި މައުލޫމާތު ނުދީ ހިފެހެއްޓުމާއި، ލަސްކުރުމާއި، އެ ތަކެތި ދިނުމަށް ހުރަސްއެޅުމާއި، އޮޑިޓަރުން ބަލަން ބޭނުންވާ ދައުލަތުގެ ތަކެތި ބެލުމަށް އެއްބާރުލުން ނުދިނުމާއި، އެކަމަށް ހުރަސްއެޅުމަކީ ކުށެކެވެ.

(ށ) ދައުލަތުގެ މުއައްސަސާއަކުން ލިޔެކިޔުމާއި މައުލޫމާތު ނުދީ ހިފަހައްޓާނަމަ، ނުވަތަ ލަސްކުރާނަމަ، އެ ދާއިރާއެއްގެ އެންމެ އިސްފަރާތަށް ލިޔުމުން އެކަން އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅަން ވާނެއެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެންގުމުގެ އިހްތިޔާރު، އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) ދައުލަތުގެ މުއައްސަސާއެއްގެ މުވައްޒަފަކު މި މާއްދާގެ (ހ) ބުނެފައިވާ ފަދަ ކުށެއް ކޮށްފިކަމަށް އޮޑިޓަރުންނަށް ފެނިއްޖެ ހިނދެއްގައި އެ މުވައްޒަފަކާމެދު އަންނަނިވި ފިޔަވަޅުތައް އަޅައިދިނުމަށް އެދި ކަމާބެހޭ ފަރާތަށް އެންގުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. އެ މުވައްޒަފުކު ކުރަމުން ގެންދިޔަ މަސައްކަތް ނޫން އެހެން މަސައްކަތަކަށް ބަދަލުކުރުން؛
  2. އެ މުއައްސަސާއެއްގައި އަދާކުރަމުންދާ ވަޒީފާއިން އެ މުވައްޒަފަކު ވަގުތީގޮތުން ސަސްޕެންޑް ކުރުން؛
  3. މި މާއްދާގެ (ބ) ގެ ދަށުން އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، ދައުލަތުގެ މުއައްސަސާއެއްގެ މުވައްޒަފަކު ކުރަމުން ދިޔަ މަސައްކަތް ނޫން އެހެން މަސައްކަތަކަށް ބަދަލުކުރުން ނުވަތަ ވަގުތީގޮތުން ވަޒީފާއިން ސަސްޕެންޑް ކުރުމުގެ ފިޔަވަޅު އަޅާނީ، އެކަމަށް އޮޑިޓަރ ޖެނަރަލް އެދުމުން، އެ މުވައްޒަފެއްގެ ކަންކަން ބެލެހެއްޓުމާއި ފިޔަވަޅު އެޅުމުގެ ބާރު ގާނޫނީގޮތުން ލިބިފައިވާ މުއައްސަސާއަކުންނެވެ.

(ބ) އެއްވެސް ފަރާތަކުން، ލިޔެކިއުމާއި މައުލޫމާތު ނުދީ ހިފަހައްޓާނަމަ، ނުވަތަ ލަސްކުރާނަމަ، ނުވަތަ އެ ތަކެތި ދިނުމަށް ހުރަސްއަޅާނަމަ، ނުވަތަ ބަލަން ބޭނުންވާ ކަންކަން ބެލުމަށް ހުރަސްއަޅާނަމަ، ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން އެކަން ތަހުގީގުކޮށް ދައުވާ ކުރުމަށް ހުށަހެޅުމަށް ތަހުގީގީ އިދާރާއަކަށް އެ މައްސަލަ ފޮނުވަންވާނެއެވެ.

 

6 ވަނަ މާއްދާމައުލޫމާތު ހޯދުމަށް މީހުން ހާޒިރުކުރުން

(ހ) އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ހޯދަން ބޭނުންވާ މައުލޫމާތާއި ސާފުކުރަންޖެހޭ ކަންކަން ސާފުކޮށްދިނުމަށް އޮޑިޓަރުން ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހުން އެދިއްޖެ ކޮންމެ ފަރާތަކުން އެ މައުލޫމާތު އޮޑިޓަރުންނަށް ނުވަތަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ސާފުކޮށްދޭން ވާނެއެވެ.

(ށ) އޮޑިޓަރުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އޮޑިޓަރުން ކަނޑައަޅާ ތަނަކަށް އަދި ކަނޑައަޅާ ވަގުތަކަށް ހާޒިރުވުމަށް، އޮޑިޓަރުން ހޯދަން ބޭނުންވާ މައުލޫމާތު ލިބިފައިވާކަމަށް ބެލެވޭ ކޮންމެ މީހަކަށްވެސް އޮޑިޓަރުންނަށް އެންގިދާނެއެވެ. މިގޮތުން އަންގާ އެންގުމަށް، ވަގުތާއި ތަން ކަނޑައެޅުމުގައި ހާޒިރުކުރާ މީހެއްގެ ހާލަތަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ އެންގުން އޮޑިޓަރުންނަށް ލިޔުމުން ނުވަތަ އަނގަބަހުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން އެންގިދާނެއެވެ. ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން އަންގާނަމަ، އެ ލިޔުމުގައި، ހާޒިރުވާންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެހާއި ހާޒިރުވާންޖެހޭ ތާރީޚާއި ގަޑިއާއި ހާޒިރުވާންޖެހޭ ތަނާއި ހާޒިރުކުރާ ބޭނުން އެނގެން އޮންނަން ވާނެއެވެ. އަނގަބަހުން އަންގާނަމަ، ހާޒިރުކުރާ ބޭނުމާއި ހާޒިރުވާންޖެހޭ ތާރީޚާއި ގަޑިއާއި ހާޒިރުވާންޖެހޭ ތަން ބުނެލުމުން ފުދޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމަށް މަގުބޫލު އުޒުރެއްނެތި ހާޒިރު ނުވެއްޖެނަމަ، އެ ފަރާތެއް ކުށްވެރިވާނެއެވެ. އަދި އެ ފަރާތެއް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ގާނޫނު ނަންބަރު 2007/4 (އޮޑިޓް ގާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ޖޫރިމަނާ ކުރުމަށް އޮޑިޓަރ ޖެނެރަލް ކަނޑައަޅައިފި ނަމަ، އެކަން ލިޔުމުން އެ ފަރާތަށް އަންގަންވާނެއެވެ. އަދި އެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޖޫރިމަނާ ކުރެވުނު ފަރާތުގެ ނަމާއި އެޑްރެސް؛
  2. ޖޫރިމަނާ ކުރި ސަބަބު؛
  3. ޖޫރިމަނާ ކުރި އަދަދު؛
  4. ޖޫރިމަނާ ފައިސާ ދައްކަންޖެހޭ މުއްދަތު؛
  5. ޖޫރިމަނާ ފައިސާ ދައްކަންޖެހޭ ދައުލަތުގެ އިދާރާ.

(ޅ) މި މާއްދާގެ (ބ) ގައި ބުނާ ޖޫރިމަނާ ފައިސާ ދެއްކުމަށް 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދޭންވާނެއެވެ. މިގޮތުން ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ށަރީއަތް މެދުވެރިކޮށް އެ ފައިސާއެއް ހޯދަންވާނެއެވެ.

 

7 ވަނަ މާއްދާ – ލިޔެކިއުމާއި މައުލޫމާތު ހޯދުމުގެ ގޮތުން ތަންތަނަށް ވަނުން

(ހ) އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެގޮތުން ކުރާ މަސައްކަތަކާ ގުޅިގެން، އޮޑިޓަރުން ބަލަން ބޭނުންވާ ނުވަތަ ނަކަލުކުރަން ބޭނުންވާ ލިޔެކިއުމާއި މައުލޫމާތާއި އެހެނިހެން ހެކިތައް ބެލުމަށް ނުވަތަ ހޯދުމަށް، ކުރިން އެންގުމަކާ ނުލައި އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މީހަކު ނުވަތަ ބަޔަކު، ގާނޫނު ނަންބަރު 2007/4 (އޮޑިޓް ގާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ތަންތަނަށް ވަދެ، އެ ތަންތާނގައިވާ ލިޔެކިއުންތައް ބަލައި، އެ ކުރާ މަސައްކަތަކާ ގުޅޭ ލިޔެކިޔުންތައް ނަކަލު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތަކާ ގުޅިގެން، އޮޑިޓަރުން ބަލަން ބޭނުންވާ ނުވަތަ ނަކަލުކުރަން ބޭނުންވާ ލިޔެކިއުމާއި މައުލޫމާތާއި އެހެނިހެން ހެކިތައް ބެލުމަށް ނުވަތަ ހޯދުމަށް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މީހަކު، ކުރިން އެންގުމަކާ ނުލައި ވަންނަން ޖެހެނީ އަމިއްލަ މީހެއްގެ ތަނަކަށް ނަމަ، އެ ތަނަކަށް ވަންނަންވާނީ ކޯޓު އަމުރެއް ލިބިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވަންނަންޖެހޭ ތަންތަނަށް ވަދެވޭނެ ގޮތާއި، ބަލަންޖެހޭ ކަންކަން ބެލޭނެ ފުރުސަތު ފަހިކޮށްދީ އަދި ނަކަލުކުރަން ބޭނުންވާ ލިޔުންތައް ނަކަލުކުރެވޭނެ އިންތިޒާމު އެފަދަ ތަންތަނުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) އޮޑިޓަރުން ނަކަލުކުރަން ބޭނުންވާ އެއްވެސް ލިޔުމެއް ނަކަލު ކޮށްދިނުމަށް އަގެއް ނަގަންވާނީ، އެ އަގަކާމެދު އޮޑިޓަރ ޖެނަރަލްގެ އޮފީހާ މަޝްވަރާކޮށް، އެ އަގަށް އެ އޮފީހުން އެއްބަސްވުމުންނެވެ.

 

8 ވަނަ މާއްދާ – ދައުލަތުގެ ފައިސާއާއި، މުދަލާއި ތަކެތި ބަލައި ޗެކުކުރުމާއި ގުނުން

(ހ) އޮޑިޓަރުން ބަލަން ބެނުންވާ ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ތަކެތި ހުރި ކޮންމެ ތަނަކަށް ވަދެ އެ ތަކެތި ބެލުމާއި ގުނުމާއި ޗެކު ކުރުމުގެ ފުރުސަތު، އެ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން އޮޑިޓަރުންނަށް ފަހިކޮށްދޭން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން އޮޑިޓަރުންނަށް އެއްބާރުލުން ނުދޭނަމަ، އެކަން އެ މުއައްސަސާއެއްގެ އެންމެ އިސް ފަރާތަށް، އޮޑިޓަރ ޖެނަރަލްގެ އޮފީހުން އަންގަންވާނެއެވެ. އަދި މިކަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުގެ ކޮމެޓީއަށް، އޮޑިޓަރ ޖެނަރަލްގެ އޮފީހުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނާ ތަކެތި ހުރި ތަންތަނުގައި އޮޑިޓަރުން ތަޅު އަޅުވަން ނުވަތަ ސިލް ޖަހަން ބޭނުންވާ ހާލަތުގައި ތަޅު އެޅުވުމުގެ ނުވަތަ ސިލް ޖެހުމުގެ އިހުތިޔާރު، އޮޑިޓަރުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނާ ފައިސާއާއި މުދަލާއި އެހެނިހެން ތަކެތި އޮޑިޓަރުން ބެލުމަށާއި ގުނުމަށް އެއްބާރުލުން ނުދީ އަދި އެކަމަށް ހުރަސްއަޅާ ފަރާތްތަކުން އެ ކުރަނީ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ބުނާ ފަދަ ކުށެކެވެ. އެފަދަ ފަރާތަކާމެދު މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅުމުގެ އިހުތިޔާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ބ) އޮޑިޓަރުންގެ މަސައްކަތަށް ކަމާބެހޭ މުވައްޒަފުން ހުރަސްއަޅާކަމުގެ ށަކުވާއެއް އޮޑިޓަރުން މުއައްސަސާއެއްގެ އިސްވެރިޔާއަށް ކޮށްފިނަމަ، އެ ހުރަސްއަޅާ އެޅުން ނިމުމަކަށް ގެނައުމާއެކު، އޮޑިޓަރުންގެ މަސައްކަތަށް އެއްބާރުލުން ދެވޭނެ އިންތިޒާމު، އިސްވެރިޔާ ހަމަޖައްސައިދޭން ވާނެއެވެ.

 

9 ވަނަ މާއްދާ – އަމިއްލަ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ ތަކެތި ބެލުމާއި ޗެކްކުރުމާއި ގުނުން

(ހ) އަމިއްލަ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ ތަކެތި ބެލުމާއި ޗެކްކުރުމާއި ގުނުމުގެ އިހުތިޔާރު އޮޑިޓަރުންނަށް ލިބިގެންވެއެވެ. މިފަދަ ތަކެތި ބެލުމަށް އޮޑިޓަރުން އެދިއްޖެނަމަ، އެ ތަކެތި ބެލޭނެ އިންތިޒާމު، އެ ތަކެތި ބަލަހައްޓާ ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިނުދޭ ފަރާތްތަކުން އެ ކުރަނީ ކުށެކެވެ. މިފަދަ ފަރާތްތަކާމެދު މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން އޮޑިޓަރުން ބެލުމަށް އެއްބާރުލުން ނުދޭ ފަރާތަކުގެ މައުލޫމާތު އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ ވެބްސައިޓުގައި އާންމުކުރުމާއެކު، އެކަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމުގެ އިހުތިޔާރު އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، ތިރީގައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރަންވާނީ މި ގަވާއިދުގައި އެ ލަފުޒުތަކާއި އިބާރާތް މާނަކޮށްފައިވާ ގޮތަށެވެ.

(ށ) "ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިނގާ އިދާރާތަކާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ދިވެހިރާއްޖޭގެ ށަރުޢީ ކޯޓުތަކާއި، ލޯކަލް ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ދައުލަތުގެ ވިޔަފާރި ތަންތަނާއި، ދައުލަތުގެ ހިއްސާ އޮންނަ ވިޔަފާރި ތަންތަނާއި، ދައުލަތުގެ ހިއްސާ އޮންނަ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ދަށުން ހިނގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

(ނ) "އަމިއްލަ ތަނެއް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ.

(ރ) "އޮޑިޓަރުން" ކަމަށް ބުނެފައި އެވަނީ، އޮޑިޓަރ ޖެނަރަލާއި، އޮޑިޓަރ ޖެނަރަލް އޮފީހުގެ މުވައްޒަފުންނާއި، އޮޑިޓް މަސައްކަތެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

(ބ) "ތަހުގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި، އެންޓި- ކޮރަޕްށަން ކޮމިށަނާއި، ގާނޫނެއްގެ ދަށުން ތަހުގީގީ ބާރު ލިބިފައިވާ އެންމެހައި ފަރާތްތަކަށެވެ.

(ޅ) "މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނަށެވެ.

 

މައި ގާނޫނު

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 4/2007)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު