-

މާލެ ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 67/2020)

 

1 ވަނަ މާއްދާ – ތަޢާރުފާއި ނަން

(ހ) މި ގަވާއިދަކީ، މާލެ ސަރަހައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތައް ނުވަތަ ސަރަހައްދީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތައް ނުވަތަ ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ (5) ވަނަ މާއްދާގެ (ތ) ގެ ދަށުން ބާރު ލިބިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މާލެ ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.

 

3 ވަނަ މާއްދާ – ޑިއުޓީ މަޢާފުކުރުން

(ހ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ތ) ގެ (1) ވަނަ ނަންބަރުގެ ދަށުން %50 (ފަންސާސް އިންސައްތަ) އިމްޕޯޓް ޑިއުޓީ މާފުކޮށް ދޫކުރެވޭނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަނދަރުތަކަށް އެތެރެކުރާ މުދަލުގެ ތެރެއިން އަންނަނިވި ތަކެތި ފިޔަވައި އެހެނިހެން މުދާ، އެ ބަނދަރަކުން ކްލިއަރ ކުރާ ނަމައެވެ.

  1. ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައިހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި؛
  2. ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތައް؛
  3. އޫރުމަހާއި، އޫރުމަސް އެކުލެވޭ ބާވަތްތައް.

(ށ) ގާނޫނު ނަންބަރު 31/1979  (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ތ) ގެ (1) ވަނަ ނަންބަރުގެ ދަށުން އިމްޕޯޓް ޑިއުޓީ މާފުކުރެވޭނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަނދަރެއް ނިސްބަތްވާ ރަށެއްގައި ގުދަންކުރާ ނުވަތަ އެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރާ ތަކެއްޗަށެވެ.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަނޑުގެ ސަރަހައްދީ ބަނދަރުތަކުގެ އައުޓަރ އެންކަރޭޖް އޭރިޔާގައި ބާއްވައިގެން، ބަނދަރުގެ ބައިވެރިވުމެއް ނެތި ބާލާ (ސްޓީވްޑޯރިންގ) ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މާފުކުރެވޭނީ، އެ ތަކެތި އެ ސަރަހައްދީ ބަނދަރަކަށް ބާލައި ކްލިއަރ ކުރާނަމައެވެ.

(ރ) ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށާ ގުޅިފައިވާ ކޮންމެ ރަށެއްގައި ގުދަންކުރުމަށް ނުވަތަ ގުޅިފައިވާ ރަށެއްގެ ލޯކަލް ބަނދަރަކުން ބޭރުކުރުމަށް ގެނެވޭ ތަކެއްޗަކީ، މި ގަވާއިދުގެ ދަށުން ޑިއުޓީ މާފުކުރުމުގެ ބޭނުމަށް ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރާ އަދި ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަންކުރާ ތަކެތީގެ ގޮތުގައި ބެލެވޭނެއެވެ.

(ބ) މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެކިއެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ ރަސްމީ ނުވަތަ ސަރަހައްދީ ވައިގެ ބަނދަރުތަކުގައި ޑޮމެސްޓިކް އޮޕަރޭށަނާއި އިންޓަރނޭށަނަލް އޮޕަރޭށަންސް އެއް ޓަރމިނަލެއްގައި ހިންގާނަމަ، އެފަދަ ބަނދަރަކަށް އެތެރެކުރާ މުދާ، ކަސްޓަމްސްއިން ބަލައި ފާސްކޮށްފައި ދޫކުރުމުން، އެ މުދާ ހަމަ އެ ބަނދަރުން ލޯކަލް ކާގޯގެ ގޮތުގައި ބޭރުކުރުމަކީވެސް، އެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރާ ތަކެތީގެ ގޮތުގައި ބެލެވޭނެއެވެ.

 

4 ވަނަ މާއްދާޑިކްލަރޭށަން ނިންމައި، މުދާ ބަލައި ފާސްކޮށް ކްލިއަރކުރުން

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދާކަމުގައި ބަލާނީ، އެ ބަނދަރަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އޮފީސްކޯޑަށް ޑިކްލަރޭށަން ނިންމައި، އެ ބަނދަރުތަކުގައި ހުންނަ ކަސްޓަމްސް އޮފީހުން ބަލައި ފާސްކޮށްފައި ކްލިއަރކުރާ މުދަލެވެ.

 

5 ވަނަ މާއްދާ – ކާގޯ މެނިފެސްޓުގައި ޑެސްޓިނޭށަން ބަޔާންކުރުން

އިމްޕޯޓް ޑިއުޓީ މާފުކުރާ ތަކެތީގެ ނުވަތަ މުދަލުގެ ފައިނަލް ޑެސްޓިނޭށަން ބަނދަރަކީ މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުގެ ތެރެއިން ބަނދަރެއް ކަމުގައި ކާގޯ މެނިފެސްޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

6 ވަނަ މާއްދާ – އެހެނިހެން އިޖުރާއަތުތަކުގެ ދަށުން އެތެރެކުރާ ތަކެތި

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދީ ބަނދަރުން، އެ ބަނދަރު ނިސްބަތްވާ ރަށުގައި ނުވަތަ އެ ރަށާ ގުޅިފައިވާ ރަށެއްގައި ގާއިމުކޮށްފައިވާ ބޮންޑެޑް ވެއަރހައުސްއަކަށް ކޮންސައިންކޮށްގެން ގެނެސްފައިވާ ތަކެތި ބޮންޑެޑް ވެއަރހައުސްއިން ނެރޭއިރު، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިމްޕޯޓް ޑިއުޓީ މާފު ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުން، އަންނަނިވި ޕްރޮސީޖަރތަކުގެ ދަށުން ކްލިއަރކުރާ ތަކެތި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިމްޕޯޓް ޑިއުޓީ މާފުކުރުމުން އިސްތިސްނާވާނެއެވެ.

  1. ގަވާއިދު ނަންބަރު 41/2011 (ކަސްޓަމްސްގެ ޢާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރާ މުދާ ނުވަތަ ތަކެތި؛
  2. ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިމްޕޯޓްކުރާ މުދާ ނުވަތަ ތަކެތި؛
  3. ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އިމްޕޯޓްކުރާ މުދާ ނުވަތަ ތަކެތި؛
  4. ދުއްވައިފައި އަންނަ އުޅަނދުފަހަރު؛
  5. ސެމީ ސަބްމާރސިބަލް ހެވީލިފްޓް އުޅަނދުފަހަރުން ގެންނަ މުދާ ނުވަތަ ތަކެތި.

 

7 ވަނަ މާއްދާ – ޑިއުޓީ މާފުވާ ބަނދަރުތައް

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުމަށް ކަނޑައަޅައިފައިވާ ބަނދަރުތަކަކީ މާލެ ސަރަހައްދު ފިޔަވައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފީސް ގާއިމުކުރެވި، މުދާ ބަލައި ފާސްކޮށް ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ އަންނަނިވި ބަނދަރުތަކެވެ.

  1. ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު؛
  2. ސ. ހިތަދޫ ސަރަހައްދީ ބަނދަރު؛
  3. ހދ. ހަނިމާދޫ އިންޓަރނޭށަނަލް އެއަރޕޯޓް؛
  4. ސ. ގަން އިންޓަރނޭށަނަލް އެއަރޕޯޓް؛
  5. ނ. މާފަރު އިންޓަރނޭށަނަލް އެއަރޕޯޓް.

(ށ) މި މާއްދާގެ (ހ) ގައި، ބަޔާންކޮށްފައިވާ ސަރަހައްދީ ބަނދަރުތައް ފިޔަވައި، އެހެން ބަނދަރެއް އެއީ ރަސްމީ ނުވަތަ ސަރަހައްދީ ބަނދަރެއްކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައަޅައިފިނަމަ، އެ ބަނދަރަކީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ތ) ގެ 1 (1) ވަނަ ނަންބަރުގެ ދަށުން %50 (ފަންސާސް އިންސައްތަ) ޑިއުޓީ މާފުކޮށްދިނުމަށް ކަނޑައަޅައިފައިވާ ބަނދަރެއްކަމުގައި ބެލެވޭނެއެވެ.

 

8 ވަނަ މާއްދާ – އޮފްށޯރ މުދާ

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަނދަރުތައް ނިސްބަތްވާ ރަށްރަށަށް އޯފްށޯރ އެގްޒަމިނޭށަންގެ ގޮތުގައި ބާލާ މުދަލަށް ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ތ) ގެ (1) ވަނަ ނަންބަރު ގެ ދަށުން އިމްޕޯޓް ޑިއުޓީ މާފެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ – މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ކްލިއަރ ކުރުން" ކަމުގައި ބުނެފައި އެވަނީ، ކަސްޓަމްސްއިން މުދަލުގެ ޑިކްލަރޭށަން ނިންމައި، މުދާ ބަލައި ފާސްކޮށް ދޫކުރުމަށެވެ.

(ށ) "އޮފްށޯރ" ކަމުގައި ބުނެފައި އެވަނީ، ސަރަހައްދީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ ބޭލުމަށެވެ.

 

10 ވަނަ މާއްދާއަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 31/1979)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު